...

Support Us

ކޮލަމް: ވިނަވި

ކިރުމައިންނާ އެއްކިރުވުމުން ކައިވެނި ހެޔޮނުވުން  

މި ރާއްޖޭގައި ހެލްތު ވޯކަރުންނާއި ގައިނެކޯލޮޖިސްޓުން މަސައްކަތް ކުރަން ފެށުމުގެ ކުރިން ޅަފަތުގައި މަރުވާ ކުދިންނާއި ވިހެއެމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް ހުރީ ވަރަށް މަތީގައެވެ. އެހެން ކަމުން، ވިހާ ދަރިފުޅު މަރުވެ އެ ދަރިފުޅަށް އެރުނު ކިރު ބޯނޭ ކުއްޖަކު ނެތް މައިން ރަށްރަށުގައި ގިނައިން ތިބެއެވެ. އެއާއެކު، ކިރުތުނބުން ނުވީއްލެނީސް މައި މީހާ މަރުވެގެން ކިރު ލިބޭނެ ގޮތެއް ނެތިފައި ތިބޭ ކުދިން ވެސް ގިނައިން ތިބެއެވެ.

އެ ޒަމާނުގައި ރަށްރަށުގައި ދަޅުކިރު ލިބޭނެ ގޮތެއް ނުހުރެއެވެ. މާލޭގައި ވެސް 1960 ގެ އަހަރު ތަކުގައިވެސް ކުޑަކުދިންނަށް ތައްޔާރީ ކިރު ވިއްކައި ހެދީ ކޮންޓްރޯލްކޮށްގެންނެވެ. އެ ޒަމާނުގައި، ރަށްރަށުގައި ކުއްޖަކަށް ދޭނެ ކިރުފޮދެއް ނުލިބި ގޮތް ހުސްވީމާ ކުއްޖާއަށް ފަނިފޮދުފޮދު ގިރައިގެން ބޯންދެނީއެވެ. އިތުރު ހައްލެއްގެ ގޮތުން ވިހާފައި ދަރިފުޅު މަރުވެފައި ތިބޭ މައިން ހޯދައިގެން އެ މީހުން ލައްވައި ކިރުދީ ހަދަނީއެވެ. ބައެއް ފަހަރު އަމިއްލަ ދަރިފުޅަށް ކިރު ދެމުން ވެސް އެހެން ކުދިންނަށް ކިރުދޭ އަންހެނުން ތިބެއެވެ. އެ މީހުންނަށް ކިޔަނީ ކިރުމައިންނެވެ. ކިރުމައިންގެ ބޭނުން ހިފަންޖެހޭ އެހެން ބައެއް ހާލަތު ވެސް އާދެއެވެ. މިސާލަކަށް މަންމަގެ އުރަމައްޗަށް ކިރު ނޭރިދާނެއެވެ. ނޫނީ ވައްގަނޑު ފާރުވުމުގެ ސަބަބުން ގާތުން ނުދެވިދާނެއެވެ. އެ ޒަމާނުގައި މިހާރު މި ގެންގުޅޭ ކަހަލަ ޕަމްޕުތަކެއް ނުހުރެއެވެ. އަދި އުރަމަތި ފެލައިގެން ކިރު ނެރުމަކީ ކެތްކުރެވޭ ވަރަށް ވުރެ ވޭންދެނިވި ކަމެކެވެ.

ކިރުމައިން ގެންގުޅުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އަންޒަމާނުއްސުރެން ކުރަމުން އަންނަ ކަމެކެވެ. އަރަބީންނަކީ މިކަމުގައި އަރާތިބި ބަޔެކެވެ. އެ މީހުންގެ ތެރޭގައި މައިން ގަދަވެ ހެޔޮ ހާލުގައި ތިއްބާ ވެސް ކިރުމައިން ގެންގުޅުމުގެ ޘަޤާފަތެއް އޮތެވެ. މަތީ ފެންވަރުގެ އާއިލާތަކަށް އެއީ ގާތްގަނޑަކަށް މަޖުބޫރު ކަމެކެވެ. ކިރުމައެއް ނުގެންގުޅެންޏާ މީހުން ދެކޭނީ އެއީ ވަރަށް ނިކަމެތި އާއިލާއެއް ކަމަށެވެ. ދޭތެރެދޭތެރެއިން ސަހަރާގައި އުޅޭ ޤަބީލާތަކުގެ މައިން ބޮޑެތި ރަށްރަށަށް ގޮސް ކިރުދޭނޭ ކުދިން ހޯދައެވެ. އެ މީހުން ބޮޑަށް ބަލާނީ މުއްސަނދި އާއިލާތަކުން ކުދިން ހޯދާށެވެ. އެއީ ލިބޭނޭ މަންފާ ބޮޑުވާނެތީއެވެ.

އަރަބިން ކިރުމައިން ގެންގުޅުނީ ތަފާތު ގޮތަކަށެވެ. އެމީހުން ކިރުމައިމީހާއާ އެކީގައި ދަރިފުޅު ދެ ތިން އަހަރަށް ސަހަރާތެރެއަށް ފޮނުވަނީއެވެ. އެ މީހުން ގަބޫލުކުރި ގޮތުން ދުވަސްކޮޅަކު ސަހަރާގައި އުޅުނީމާ ކުއްޖާގެ ސިއްހަތު ރަނގަޅުވެފައި ހަށިގަނޑު ވަރުގަދަވެއެވެ. އަދި އަރަބީންގެ އާދަކާދަތައް އެކުދީންނަށް ދަސްވެއެވެ. ސަހަރާގައި ވާހަކަ ދައްކާ ބަހަކީ ވެސް ގަޑުބަޑުނުވާ ސާފު އަރަތްބެވެ. މި ހުރިހާ ކަމަކުން، ކުއްޖާ އެނބުރި އަންނައިރު ހުންނާނީ ފުރިހަމަ އަރަތްބަކަށް ވެފައެވެ.

ކީރިތި ރަސޫލާ ﷺ ގެ އާއިލާ އިން ވެސް އެކަލޭގެފާނު ތުއްޕުޅުއިރު ކިރުމައިކަނބަލަކު ހޯއްދެވިއެވެ. އެއީ ހަލީމަތުގެފާނެވެ. އެއީ ސައުދު ވަންހައިގެ ބޭކަނބަލެކެވެ. އެ ކަމަނާއާ އެ ކަލޭގެފާނު ފުރަތަމަ ބައްދަލުވީ ކިރުދޭނޭ ކުއްޖަކު ހޯއްދަވަން މައްކާއަށް ކުރެއްވި ދަތުރެއްގައެވެ. ހަލީމަތުގެފާނުގެ އަރިހުގައި އެ ފަހަރު އައި އެހެން އަންހެނުންނަށް ރަނގަޅު އާއިލާތަކުން ކުދިން ލިބުނުއިރު، އެކަމަނާއަށް ކުއްޖަކު ނުލިބި ހުސްއަތާ އެނބުރި ވަޑައިގަންނަވަން ޖެހިދާނެތީ ހުންނެވީ ވަރަށް ދެރަފުޅުވެފައެވެ. ކީރިތި ރަސޫލާ ﷺ އެ ކަމަނާއަށް ލިބިވަޑައިގަތީ އެހެން ހުންނަވަނިކޮށެވެ. އަނެއްކޮޅުން ކީރިތި ރަސޫލާ ﷺ އަކީ ޔަތީމު ބޭފުޅަކަށް ވީމާ އެކަލޭގެފާނަށް ވެސް ވަނީ ކިރުމަޔަކު ނުލިބިފައެވެ.

ކިރުމައިން ގިނަވުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އެއްކިރު ބުއިމުގެ ސަބަބުން އަޚުންނާއި އުޚުތުންނަށްވެފައި ތިބޭ މީހުން ވަރަށް ގިނައެވެ. އަދި އެއް ކިރު ބުއިމުގެ ސަބަބުން ކައިވެނި ހެއުނުވާ މީހުން ވެސް ގިނައެވެ. މި ގޮތުން އަރާ އޮޅުންތަކާ ހެދި ބައެއް ފަހަރު ހީވެސް ނުކުރާ ފަދަ މައްސަލަ ދިމާވެފައި ހުރެއެވެ. މިހެން ދިމާވަނީ، ކާކު ކާކަށްތޯ ކިރު ދިނީ، އަހަރުތަކެއްގެ ފަހުން ހަނދާން ނުހުންނާތީއެވެ. ޚާއްސަކޮށް، ހަމަ އެކަނި އެއްފަހަރަކު ދެފަހަރަކު ކިރު ދެވިފައި ވާނަމަ ފަސޭހައިން ހަނދާންނެތޭތީއެވެ. ބައެއް ފަހަރު ކައިވެނި ހެޔޮ ނުވާކަން އެނގެނީ މާ ލަސްވާ ފަހުންނެވެ. މިހެން ވެގެން ކައިވެނިކޮށް ކުދިން ލިބޭފަހުން ވެސް ދެމަފިރިން ވަރިކުރުވާފައި ހުރެއެވެ. މަދުމަދުން، ކާފަ މާމަ ކިޔާފަހުން ވެސް ވަރިކުރުވައިފައި ހުރެއެވެ. އެ ހިސާބަށް ނުދިޔައަސް، ހިތާވެގެން ދުރުނުވެވޭ ވަރުވެފައި ތިބޭ މީހުން ވަކިވާން ޖެހިފައި ވެސް ހުރެއެވެ. ތިރީގައި މި ބަޔާން ކުރަނީ މިގޮތަށް ދިމާވި ދެ ކުއްޖެއްގެ ވާހަކައެވެ.

އެއް ރަށެއްގެ މުއްސަނދި ގޮއިވެރިޔަކާއި އޭނާގެ އަނބިމީހާއަށް އިނދެގެން އުޅޭތާ އެތަކެއް އަހަރުވީއިރު ވެސް ދަރިޔަކު ނުލިބެއެވެ. އެ އަންހެން މީހާ ބލިވެ ވެސް ނުއިންނަނީއެވެ. އެހެން ގޮސް އޭނާ ބަލިވެއިނީ ދަރިމައިވާ އުމުރު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. އަންހެން މީހާ ބަނޑުބޮޑުވީމާ ދެމަފިރިން ވަރަށް އުފާކުރިއެވެ. އެކަމަކު ބަދުނަސީބުން، ދަރިއެއް ލިބުމުގެ އުފާ ބަދަލުވީ ހިތި ހިތާމައަކަށެވެ. ވިހޭތާ ދެ ތިން ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެއެވެ. އުމުރުގެ ގޮތުން ދެން ކުއްޖަކު ލިބޭނެކަމުގެ އުންމީދެއް ވެސް ނެތެވެ. އެހެންވެ އެ ދެމަފިރިން ގަސްދުކުރީ ކުއްޖަކު ގެނެސްގެން ދަރިޔަކުހެން ބަލައި ބޮޑުކުރާށެވެ. ކަން ދިމާވިގޮތުން އެ ވަގުތާ ދިމާކޮށް އެ ރަށުގައި އަންހެނަކު ވިހާފައި މަރުވިއެވެ. ދެން ގޮއިވެރިޔާގެ ދެމަފިރިން މަރުވި މީހާގެ އެ ފިރިހެން ދަރިފުޅު ގެނެސްގެން ބޮޑުކުރަން ފެށިއެވެ. އޭނާއަށް ގާތުން ކިރު ވެސް ދިނެވެ. އެއީ އަނބި މީހާގެ ދަރިފުޅަށް އެރުނު ކިރެވެ.

ފަނަރަވަރަކަށް އަހަރު ފަހުން ގޮއިވެރިޔާގެ ހިތުގައި އަމިއްލަ ދަރިއަކު ހޯދުމުގެ އެދުން އުފެދިއްޖެއެވެ. އޭނާ ވަރަށް ޒުވާން އަންހެން ކުއްޖަކު ހޯދައިގެން ކައިވެނިކޮށްފިއެވެ. އެއިރު ގޮއިވެރިޔާ ބަލަމުން ދިޔަ ފިރިހެން ކުއްޖާ ހުރީ ބާލިޣުވެފައެވެ. ހަގު އަނބި ބޭންދީ ގޯތިތެރޭގައި އިތުރު ގެއެއް އަޅައިފައެވެ. ނަސީބު ދެރަކަމުން ޒުވާން އަނބިމީހާއަށް ކުއްޖަކު ނުލިބުނެވެ. އޭނާ ވީ ކުދިން ނުލިބޭ މީހަކަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދޮށީ އަނބި މަރުވެއްޖެއެވެ. މާ ލަހެއްނުވެ ގޮއިވެރިޔާ ވެސް ނިޔާވެއްޖެއެވެ. ދެން ގޭގައި އުޅުނީ ހަގު އަތްނބާއި ގޮއިވެރިޔާ ބަލައި ބޮޑުކުރި ކުއްޖާއާއި ދެ މީހުންނެވެ. މިހެން އެއް ގެއެއްގެ ތެރޭގައި އުޅުމުގެ ސަބަބުން އެ ކުއްޖާއާއި އަންހެން މީހާއާއި ހިތާވެއްޖެއެވެ. މިހެން މިވީ އެމީހުންގެ އުމުރުގެ ތަފާތު ވަރަށް ކުޑަކަމާއި އަންހެން މީހާ ހުންނަނީ އުމުރަށްވުރެން ހަގުކޮށް، ރީތިކޮށް ކަމުންނެވެ. އެ އިރު ކިރުބުއި ހަނދާނެއް އެ ކުއްޖާގެ ނެތެވެ. އެ ކުއްޖާ، ދޮށީ އަނބިކައިރިން ކިރު ބުއިކަން އަންހެން މީހާ ހަނދާން ހުއްޓަސް އެކަމުން ޚުދު އޭނާއާއި އެ ކުއްޖާގެ ކައިވެނި ހެޔޮ ނުވާނޭކަން އޭނާއަށް އެނގިފައެއް ނެތެވެ. އެހެނީ ކިރުދިނީ އެހެން މީހަކަށް ކަމަށް ވާތީއެވެ. އަދި އެ ފިރިހެން ކުއްޖާއާއި ހަގު އަނބީގެ ފިރިމީހާއާ އޮތީ ވެސް ހަމައެކަނި ކިރުގެ ގުޅުމަކަށް ވާތީއެވެ.

އެ މީހުން ކައިވެނި ކުރަން އުޅޭކަން އެނގިގެން ކުރިން އެ ގެއަށް ވަރަށް ގިނައިން ގޮސްއުޅުނު އަންހެނަކު އަތުވެއްޖެއެވެ. އޭނާއަށް ވަނީ ދޮށީ އަނބި އެ ކުއްޖާއަށް ކިރުދޭތަން ފެނިފައެވެ. އޭނާ އެ އަންހެން މީހާ ކައިރީގައި ސިއްރުސިއްރުން ބުންޏެވެ. ކަލޭ އިންނަން ތި އުޅެނީ ކިރުގެ ގޮތުން ދޮންދަރިއަކާކަން އެނގޭ ހެއްޔެވެ؟ އޭނާ ތަފްސީލުތައް ކިޔައިދިނުމުން އަންހެން މީހާއަށް ވެސް އެކަން އޮންނަ ގޮތް ސާފުވެއްޖެއެވެ.

އެ ހިސާބުން ކައިވެނި ހުއްޓި ދެ މީހުން ހިތާމައިގެ ތެރެއަށް ގެނބުނީއެވެ. އޭގެފަހުން ވެސް އެ ދެމީހުންގެ ގާތްކަން އޮތެވެ. އެހެނަސް ފަހުން އޮތީ ތިމާގެކަމުގެ ގުޅުމެކެވެ. ލޯބީގެ ގުޅުމެއް ނޫނެވެ. އެ އަންހެން މީހާ ފަހުން މީހަކާ އިނެވެ. އެހެނަސް އޭނާއަކީ ކުދިން ނުލިބޭ މީހަކަށް ވާތީވެ އެ ކައިވެންޏަކަށް ވެސް ކުއްޖަކު ނުލިބެއެވެ. ނަސީބަކުން ފިރިމީހާއަށް އެހެން ބަނޑަކަށް ލިބިފައި ތިބި ދެ ކުދިން ތިއްބެވެ.

ފިރިހެން ކުއްޖާ ވެސް ފަހުން މީހަކާ އިނެވެ. އެ ކައިވެންޏަށް އެއް ކުއްޖަކު ލިބުނެވެ. އެ ދެމީހުން އުމުރު ހަމަވަންދެން އުޅުނީ ގޮއިވެރިޔާގެ ގޭގައެވެ. މިހާރު އެގޭގައި އުޅެމުންދަނީ އެ ދެމަފިރިންގެ ކާފަދަރީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. މި މައްސަލައަކީ ފިޤުހީ ގޮތުން އިތުރަށް ދިރާސާ ކުރަން ޖެހޭ މައްސަލައެއް ކަމަށް ދެކެން، މިހެން މި ދަންނަވާލި ކިރު ދިން ކުއްޖާއި އާއިލީގޮތުން ތިމާގެ ކަމުގެ އެއްވެސް ގުޅުމެއް ނުވާ ދެމެފިރިއަކު އެކުއްޖާ ގެނެސްގެން ކިރުދީ ބޮޑު ވެފައި ހުރި ކުއްޖަކު، އެކުއްޖާއަށް ކިރުދިން ( ކިރު މައިމީހާގެ ) މަންމަގެ ފިރިމީހާ ފަހުން ކާވެނި ކުރި އަންހެނާ އޭނާ މަރުވުމަށް ފަހު ނުވަތަ ވަރިކުރުމުން ޢިއްދަ ހަމަކޮށް އެކުއްޖާ އާއި ކާވެނި ކުރުން ޙަރާމް ވާންވީ ސަބަބެއް ސާފު ނުވެއެވެ. އެއީ ކާވެނިކުރި އަންހެން ކުއްޖާއި ފިރިހެން ކުއްޖަކީ އެކެއްގެ ގާތުން ކިރުބޮއި ހެދި ދެމީހުންނަށް ނުވުމާއި އާއިލީގޮތުން ތިމާގެ ކަމެއް އެދެ ކުދިންގެ މެދުގައި ނެތުމެވެ. ވީމާ މިދެ ކުދިންގެ ކާވެނި ޙަރާމް ވާ ސަބަބެއް ސާފުކޮށް ދެއްވުން ވަރަށް އަދަބުވެރިކަމާއެކު ޑރ.ޢަބުދުﷲ ވަޙީދުގެ އަރިހުން އެދެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.