...

Support Us

ބިދޭސީ އެކައުންޓަންޓެއްގެ ވާހަކަ

މިއީ ފުލޯކު ވާހަކަޔަކަށްވުރެ ޙަޤީޤަތަކަށް ވުން ގާތްވެސް ވެދާނެއޭ ބައެއް މީހުންނަށް ހީވެދާނެއެވެ. އެކަމަކު ވިދާޅުވާށެވެ! މިއީ ފުލޯކު ވާހަކައެއް ކަމަށް ބައްލަވައިގެނެވެ.

ސުބްރަމަނިޔަމް އާނަންދަކުމާރު ސެލްވަމް ޢަލީގެ ޤައުމަށް އައިއިރު އޭނާ ގެނައީ ދެބައިންބާވެފައިވާ، މެދުމިނެއްގެ ހަން ދަބަހެކެވެ. އެ ދަބަހުގައި އޮތީ ދެބައިން ބާވެފައިވާ ދެ ގަމީހަކާއި ތިން ހަތަރު އަހަރަކު ލައި ބައުވެފައިވާ ދެ ފަޓުލޫނެވެ. ދެން އޭނާޔާ އެކީ ގެނައީ މަހަކު ތިންސަތޭކަ ޑޮލަރުގެ މުސާރަޔެއް ލިބޭނޭކަމުގެ ޔަގީންކަން އޭގައި ދީފައި އޮތް ލިޔުމަކާއި، އޭނާގެ މައިންބަފައިންގެ ހެޔޮދުޢާއެވެ. އެ ނިމުނީއެވެ. އެހެން އެއްޗެއް ހަމަ ނުގެނެއެވެ.

ތިންސަތޭކަ ޑޮލަރަކީ ސެލްްވަމް އަށް އެއިރު ހާދަ ބޮޑު ވަރެކެވެ. ސެލްވަމް އަކީ ފަގީރު ޢާއިލާއެއްގެ މެންބަރެކެވެ. އެތައް ބައެއްގެ އެތައް އެތައް މަސްއޫލިއްޔަތެއް އޭނާގެ ބޮލުގައި އެޅިފައިވެއެވެ.

ސެލްވަމްގެ މަންމަޔާއި ބައްޕަ އެތަކެއް ބުރަ އުފުލައިގެން، އެތައް ތާކު މަސައްކަތްކޮށްގެން، ގުލާނުކޮށްގެން އެމީހުންނަށް ލިބުނު މަދު ފައިސާކޮޅުން ކިރިޔާ ބަނޑުފުރާނަމުއްތި ކުރެވޭވަރަށް ކާއެތިކޮޅު ގަންނަން ޚަރަދު ކޮށްފައި، ދެން ހުރި ހުރިހައި އެއްޗެއް ޚަރަދު ކުރީ ސެލްވަމް އަށް އެކައުންޓިންގ ގެ ދާއިރާއިން ޑިޕްލޯމާއެއް ލިބޭވަރު ކޮށްދެވޭތޯއެވެ. އެމީހުން އެކަން ކުރީ އުންމީދުތަކެއް ފުރިހަމަ ކުރުމުގެ ނިޔަތުގައެވެ. ދެމަފިރިން މުސްކުޅިވާ ދުވަހު ގޭގައި ހުންނާނީ ސެލްވަމް އެކަނި ކަމަށްވާތީ، އޭނާ މީހަކަށް ހެދުމަށްޓަކައެވެ. އަދި ދެން ތިބީ ދެ އަންހެން ކުދިން ކަމަށްވާތީ، އެ ކުދީން މީހުންނާ އިނދެގެން އެ ކުދީންގެ ފިރީންގެ ގެޔަށް ދާއިރު އެ ކުދީންގެ ފިރިންގެ ޢާއިލާޔަށް ދޭންޖެހޭ ’ދަހޭޖް‘ އަށްވެސް ފައިސާ ހޯދުމުގެ ނިޔަތުގައެވެ.

ސެލްވަމްގެ ޑިޕްލޯމާޔަކީ އޭނާގެ ޤައުމުގައި އެހައި ބޮޑު އެއްޗެއް ނޫނެވެ. އެއީ އެ ޤައުމުގެ ދުވާރު މަތީން މިލިޔަނުން ފެންނާނެ އެއްޗެކެވެ. އެ ޑިޕްލޯމާ ހިފައިގެން އޭނާގެ ޤައުމުގެ ވަޒީފާގެ ބާޒާރަށް ނިކުމެގެން މާކަބޮޑު ކާމިޔާބީއެއް ނުލިބޭނެކަން ސެލްވަމްއަށް ޔަޤީންވެއެވެ. އެހެންނަމަވެސް،  އޭނާޔަށް ވަޒީފާދިން ބިދޭސީ ވިޔަފާރިވެރިޔާ ކަމަށްވާ ޢަލީގެ ޤައުމުގައި އެ ޑިޕްލޯމާޔަކީ އަަދިވެސް އެއްޗެއްކަން ސެލްވަމް އަށް އެނގެއެވެ. ސެލްްވަމް އަށް އެއީވެސް ހާދަ ބޮޑު ވަރެކެވެ.

ޢަލީގެ ޤައުމަށް ސެލްވަމް އައީ އުފަލާ އެކުގައެވެ. އޭނާޔަށް އެހައި ނާދިރު، އެހައި މުސާރަ ރަނގަޅު ފުރުޞަތެއް ހޯދައިދިން ޢަލީއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމުންނެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރާނޭ ކަމުގެ ނިޔަތް ގަންނަމުންނެވެ. އަދި އެ ވާހަކަ އެހެން ދައްކަމުން، އެ ވާހަަކަ ބާރަށް ބުނަމުންނެވެ. ތިން ސަތޭކަ ޑޮލަރަކީ ސެލްވަމް އަށް އެ ދުވަހު ހައުދަހައި ބޮޑު އެއްޗަކަށް ވިއެވެ.

ގަމުތެރޭ ހޮޓާ ހިންގާ މީހުން ބުނާ އެއްޗެއް، ދައްކާ ވާހަކައެއް، ޖަހާ މިސާލެއް އޮވެއެވެ. އެއީ، ރޯދަމަހު ރޯދަ ވީއްލަން ގެޔަށް ގެންނަ ފޭރުން ގޭގައި ގިރެނީ ދެ ތަށި ފަނި ކަމަށް ވަންޏާ، ހޮޓަލުގައި ހަމަ އެ ފޭރުން ދިހަވަރަކަށް ތަށި ފަނި ވަރަށް މީރުކޮށް ގިރޭނެޔޭއެވެ. އަދި އެ ދިހަ ތަށި ވިކި ހުސްވެސް ވާނެޔޭއެވެ. ސެލްވަމް ޢަލީގެ ޤައުމަށް އައިތާ ދެތިން މަސް ދުވަހުގެ ތެރޭގައި މި އެއްޗެއް އަޑުއަހައިފި ކަހަލައެވެ. ނުވަތަ އެ ވާހަކަ އަޑުއިވުނީވެސް ތޯއްޗެކެވެ. ހަމަ ގައިމުވެސް އެ މިސާލުން އޭނާ މިސާލު ނެގިކަން ކޮންމެވެސް ބަޔަކަށް ކަށަވަރުވިއެވެ. އެހެނީ، ސެލްވަމް އަށް ލިބުނު ’ވޯކް ޕާމިޓު‘ ނުވަތަ މަސައްކަތްކުރުމުގެ ހުއްދައާއި، މުސާރައިގެ ގޮތުގައި ލިބެންފެށި ތިންސަތޭކަ ޑޮލަރުގެ ބޭނުންހިފައިގެން އޭނާ ’ފަނިގިރަން‘ ފެށީ ހޮޓާ ހިންގުމުގައި ވިއްސަކަށް އަހަރަށް ވުރެވެސް ގިނަ ދުވަހު ފަނިގިރަން އުޅުނު މީހުންނަށްވެސް ނުގިރޭނެހައި މޮޅަށެވެ.

ސެލްވަމް އަށް ފުރަތަމަ ދަސްވާންފެށީ، އޭނާޔަށް ވަޒީފާ ދިން ޢަލީއަކީ އޭނާ ފުރަތަމަ ހީކުރި ކަހަލަ މީހެއް ނޫންކަމެވެ. ދީނީ މަގުން ވަރަޢަވެރި މީހެއްކަމަށް ދައްކައިގެން އުޅުނަސް، ފަތިފުށް އޮތީ އެހެން ނޫންކަމެވެ. މުޢާމަލާތްތަކުގައި ފާޟިލް މީހެއްކަމަށް އަމިއްލަޔަށް ބުނާ ކޮންމެ ބުނުމެއްގެ އަޑީގައި ކެހިވެރިކަމުގެ ކޮންމެވެސް ހިޔަޅު ޚިޔާލެއް އޮންނަ ކަމެވެ. ޢަލީ ކުރާ ކޮންމެ ވިޔާފާރިޔެއްގެ ބަތާނައިގެން ލިޔެވިފައި އޮންނަ މޮޓޯޔަކީ ރޮށި ކާނީ ހަކުރާ ޖަހައިގެންނޭ، ދުނިޔޭ ކާނީ މަކަރާ ޖަހައިގެންނޭ ބުނާ ކަހަލައެވެ. އޭނާ ތާއީދުކުރާ ޖަމިއްޔާއެއް އިފްތިތާޙުކުރަން ބޭއްވުނު ޙަފުލާއެއްގައި ވާހަކަދައްކަމުން، އަމާނާތްތެރިކަމަކީ ދުނިޔެއުޅުމުގައި ބޭނުންކުރާން އޮތް އެންމެ ރަނގަޅު ހަތިޔާރުކަމަށް ބުނި ޢަލީއަކީ އެ ހަތިޔާރު އެއްގޮތަކަށްވެސް އަމިއްލަ ޙަޔާތުގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ މީހެއްކަމެވެ. ސެލްވަމް އަށް މިކަންކަން ފިސާރި ރަނގަޅަށް އެނގުނަސް، ކުރީކޮޅުގައި އޭނާ އެކަމާ ބިރުގަތަސް، އޭނާ ޢަލީގެ ޚިދުމަތުގައި ހިނިތުންވުމަކާއެކު ދެމިހުރީ އެންމެ ސަބަބަކަށްޓަކައެވެ. ތިން ސަތޭކަ ޑޮލަރުގެ މުހިންމުކަމަށްޓަކައެވެ.

ޢަލީ ކުރަމުން ގެންދާ އެންމެހައި ވިޔަފާރިއެއްގެ ހިސާބުކިތާބު ބެލެހެއްޓުން އިސާހިތަކު ސެލްވަމްއާ ޙަވާލުވެއްޖެއެވެ. ޤައުމަށް އެތެރެކުރާ މުދަލުގެ ސީ.އައި.އެފް އަގުން ކަސްޓަމަށް ދައްކަންޖެހޭ ޑިޔުޓީ ކުޑަކުރުމުގެ މަޤްޞަދުގައި ދޮގު އިންވޮއިސް ހުށައެޅުމަކީ އޭނާގެ ވަޒީފާގެ އެއް މަސްއޫލިއްޔަތަށް ވެއްޖެއެވެ. ބައެއް އޮފީސްތަކާއި ޑިޕާޓްމަންޓުތަކުގެ ވެރީންނާ ޢަލީއާ ދެމެދު ހިނގާ މުޢާމަލާތްތަކުގެ ހިސާބުކިތާބު ބެލެހެއްޓުންވެސް ސެލްވަމްއާ ޙަވާލުވެއްޖެއެވެ. އެ ތަންތާނގެ މެދުފަންތީގެ ވަޒީފާތަކުގައި ތިބޭ މީހުންނަށް ދީ އުޅޭ ދިޔާ، ހިކި، އަދި ކަރުދާހު ސައިގެ މުޢާމަލާތްތައް ހިންގުމަކީވެސް ސެލްވަމް ކުރާ ކަމަކަށް ވެ ނިމިއްޖެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ! ޢަލީގެ ވިޔަފާރި ޙަރަކާތްތަކުގެ ތެެރެއިން ސެލްވަމްއާ ޙަވާލުވާ ކޮންމެ ކަމަކުން ޢަލީއަށް ވާ ފައިދާ ދިޔައީ ގުނައިގެ މައްޗަށް ގުނަވަމުންނެވެ.

މިހިސާބުން ސެލްވަމް އަށް އިތުރު ފައިދާއެއްވެސް ވެއްޖެއެވެ. އެއީ، ސެލްވަމްގެ ކޮޓަރި ކުއްޔާއި، ކާން ހޮޓަލަށް ދައްކާ ފައިސާޔާ ޢަލީ ޙަވާލުވުމެވެ. އެހެންކަމާއެކު، ސެލްވަމްގެ މުސާރަޔަށް ލިބޭ ތިން ސަތޭކަ ޑޮލަރު އެކަށް ރަށަށް ފޮނުވޭގޮތް ވިއެވެ. ބަދަލުގައި ސެލްވަމް ޢަލީއަށް އެތައް ކަމެއް ކޮށްދިނެވެ. އެއީ، ޢަލީއަށް އަލަށް ލިބެންފެށި މުއްސަނދިކަމުގެ ތެރެއިން އިތުރު ކުރެވޭ ކޮންމެ އެއްޗެއް ގިނަކޮށްގެން އެހެން ވިޔަފާރިތަކަށް ޢަލީ ވައްދައިދިނުމެވެ. ޤާނޫނާ ޤަވައިދުން ހާ އަޅާ ކޮންމެ ތަނެއް ހޯދައިގެން އެ ބާބާގަނޑުން ވަދެގެން ކަމެއް ވާން އޮތިއްޔާ އެ ގޮތްވެސް ހަމަ އެންމެ ރަގަޅުކަމަށް ބަލައިގެނެވެ. މި ކަމުގައިވެސް ޢަލީއާއި ސެލްވަމްއާ ދެމީހުންގެ ނުރަސްމީ ޝަރިކާ ހޯދީ ދެމީހުންގެ ފޮތުންނަމަ ބޮޑެތި ކާމިޔާބީ ތަކެވެ. ރޮއްޓާއި ދުނިޔޭގެ ތަފާތު ރަނގަޅަށް ދެނެތިބެގެންނެވެ.

ޢަލީގެ ޤައުމަށް ސެލްވަމް ފެނަށް ދިރެމުން ދިޔަ ވަރަކަށް، ޤައުމުގައި ކަންކަން ހުރި ނެތް ގޮތް އޭނާޔަށް ދަސްވަމުން ދިޔައެވެ. ޤައުމަށް މަސައްކަތް ކުރަން އަންނަ ބިދޭސީންނާ މެދު ކަން ހިނގާ ނުހިނގާ ގޮތުގެ ދެ ފަޔާއި ތުންގަނޑާއި، ފަތްގަނޑުގެ އެތެރޭގައި އޮތް މަސްގަނޑާއި މޭބިސްކުރަނޑިވެސް އޭނާޔަށް އެނގެމުން އެނގެމުން ގޮސް އެނގި، ދަސްވެއްޖެއެވެ. އެ ޤައުމަށް ކޮންމެ ނަމެއްގައި ނަމަވެސް އެތެރެވެއްޖެ ބިދޭސީއަކު ދުވަހަކުވެސް ގަދަކަމުން ކޮއްޕައި ނުނެރެވޭ ކަމާއި، އެ މީހަކު ފުރައިގެން ދާނީ އެ މީހަކު ދާން ބޭނުންވީމާ ކަން ވިސްނި، އެނގިއްޖެ މެއެވެ. މި މަޢުލޫމާތުގެ ބޭނުން ސެލްވަމް ހިފީ ޢަލީ ކައިރިން އޭނާޔަށް ދަސްވި، ދިރިއުޅުމުގެ ކާމިޔާބު އުޞޫލުތަކުގެ ބޭނުން ހިފައިގެނެވެ. އެއީ ކިހިނެއްތޯއެވެ؟ ވިދާޅުވަމުން ގެންދަވާށެވެ.

ޢަލީއާ ވަކީން، ޢަލީގެ ބައިވެރިވުމެއް ނެތް ބައެއް ކަންކަންވެސް ސެލްވަމް ފަށައިފިއެވެ. ސެލްވަމް މިހައިރު ދިރިއުޅޭ ޤައުމުގައި އެކި ވައްތަރުގެ ވަޒީފާޔާއި މަސައްކަތް ވަރަށް ފަސޭހައިން ލިބެން ހުރި ވާހަކަ އޭނާ އިންޓަނެޓުގެ އެކި ދިމަދިމައިގައި ޖަހައިފިއެވެ. އަދި މި ކަހަލަ ފުރުސަތުތައް ހޯދަން އަންނަން ބޭނުންވާ މީހުން އައިމާ އެމީހުންނާ  ވައިގެ ބަނދަރާ ހަމައިން ޙަވާލުވެ، ދެން ކުރަން ޖެހޭ ކަންކަން ކޮށްދޭނޭ ކަމަށް އެއިން ކޮންމެ އިސްތިހާރެއްގައި އޮވެއެވެ. އެއިން ކޮންމެ މީހަކު އަންނައިރު ނަގުދު ފައިސާއިން ތިންސަތޭކަ ޑޮލަރު ގެނެސް، ވައިގެ ބަނދަރުން ސެލްވަމްއާ އެ ފައިސާ ޙަވާލުކުރަން ވާނެކަންވެސް އިސްތިހާރުގައި އޮވެއެވެ.

ސެލްވަމް ޢަލީގެ ޤައުމުގައި ފުރަތަމަ ފެށި އަމިއްލަ ވިޔަފާރި  ވަރަށް ކާމިޔާބެވެ. ޤައުމުގައި ޤައުމުގެ ރައްޔިތުން ޓެކުހާއި، ކުއްޔާއި، ދެންވެސް ދައްކަންޖެހޭތަންތަނަށް ދައްކަންޖެހޭ އެއްޗެއް ދައްކައިގެން ޤަވާޢިދުން ހިންގާ ވަޒީފާދޭ އެޖެންސީތައް ސެލްވަމް އާ ވާދަކުރާނީ ކިހިނަކުންތޯއެވެ؟ ވަޒީފާ ނޫނީ މަސައްކަތް ހޯދަން އަންނަ ކޮންމެ މީހެއްގެ އަތުން ތިންސަތޭކަ ޑޮލަރު އަތުލައިފައި ސެލްވަމް އެ މީހުން ގެންދަނީ އޭނާގެ ކޮޓަރިޔަށެވެ. ނިދަން ދައްކަނީ ކޮޓަރީގެ ތަޅުންގަނޑެވެ. ދެން އެމީހުންނަށް އަންގަނީ މަސްދުވަހުގެ ތެރޭގައި ސެލްވަމް އެ މީހުންނަށް ވަޒީފާ ނުވަތަ މަސައްކަތް ދައްކާނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުވެއްޖެނަމަ، އެ މީހުން އަނބުރާ ރަށަށް ދާންވީއެވެ. ނޫނީ ރަށުތެރެއިން އަމިއްލަޔަށް މަސައްކަތް ހޯދަން ދިޔަޔަސް އެންމެ ރަނގަޅެވެ. ތިން ސަތޭކަ ޑޮލަރެއް އަނބުރާ ނުލިބޭނެއެވެ.

ސެލްވަމް ފުުރަތަމަ ކުރަން ފެށި ވިޔަފާރި އޭނާގެ އަތުގައި މާ ގިނަދުވަހަކު ނޯންނާނެ ކަމާއި، އޭނާ ގެންނަ ކޮންމެ މީހަކީ އެ މީހެއްގެ އަމިއްލަ ޙައިޘިއްޔަތުން ހަމަ އެ ވިޔަފާރި ކުރަން ފަށައިފާނެ މީހެއްކަން ސެލްވަމް އަށް އިސާހިތަކު ވިސްނިއްޖެއެވެ.  އޭނާ އެކަމާ މާބޮޑަކަށް ހާހެއް ނުވެއެވެ. އެހެނީ، ކަން އެހިސާބަށް ދިޔައިރު، ޢަލީގެ ވިޔަފާރިތަކުގައި ސެލްވަމްގެ ނުފޫޒާއި ބާރު ދިޔައީ ގަދަވަމުން ކަމަށް ވުމާއެކު، އެ ބާރުގެ ސަބަބުން ސެލްވަމްއަށް ހުޅުވޭނޭ އެތައް އެތައް ދޮރެއް އެބަހުރިކަން އޭނާޔަށް އެނގެއެވެ. ނުފޫޒާއި ބާރު ގަދަވީ ކިހިނެއްހޭ ބައެއް ބޭފުޅުން ވިދާޅުވާނެއެވެ. އައްސަވާށެވެ!

ޢަލީގެ ޤައުމަށް ސެލްވަމް ފުރަތަމަ އައިއިރު، ޢަލީ ހިންގާ އެއް ވިޔަފާރި ކަމަށްވާ، ޒުވާނުންނަށް ހިލަވަޑާމުގެ މަަސައްކަތް ދަސްކޮށްދޭ މަރުކަޒުގައި ކިޔަވައިދޭން ތިބީ އެކި ޤައުމުގެ، އެކި ދީނުގެ، އެކި ޘަޤާފަތުގެ މީހުންނެވެ. އެންމެ އިސް ޕުރޮފެސަރުންގެ ގޮތުގައި ތިއްބެވީ ބަންގުލާދޭޝްގެ އެމް.ޑީ. ޝުޕޯންމިއާ އާއި، އުތުރުކަރައިގެ ރާޖޭޝް ޕަޓޭލް އާއި، އޮޅުދޫކަރައިގެ އަޝާނިކާ އުރުލިގަމަގެ އާއި، ޖަރުމަނުގެ ފާރްޑް އީ ޒިމަރ އާއި، އީރާނުގެ މާފީ ތަންފީޒީ އެވެ. އެ މަރުކަޒުގެ ފައިސާޔާ ބެހޭ ޑިޕާޓްމަންޓުގެ އިސް ވެރިޔަކަށް ސެލްވަމް ހަމަޖެހުނުތާ ތިން މަސްދުވަހުގެ ތެރޭގައި މި ބޭބޭފުޅުން ތަނުން ވަކިވެ ވަޑައިގެންފިއެވެ. ވަޒީފާގެ ވެށިން އަލަށް ފެނިވަޑައިގެން އެކި ވަކި ކަންކަމުގެ ސަބަބުން އެ ބޭބޭފުޅުންނަށް ދަތިފުޅުވެގެންނެވެ. ބަދަލުގައި އިސާހިތަކު ވަޑައިގެން ތަނުގައި ދެން އެ ތިއްބެވީ ނަޓްރާޖަން ޕިއްލެއި އާއި، އެސް. ބާލަސުބްރަމާނިޔަމް އާއި، ޕަދްމަނާބަން ޕޮންނަމްބަލަމް އާއި، އާދިލަކްޝްމީ ޕްރޭމަލިންގަމް އާއި، ޕަރްވަދީ ކްރިޝްނަމުރްތީ އެވެ. ފަހުން މި ވަޑައިގަތް ބޭބޭފުޅުންގެ ނަންފުޅުތަކުން ކޮންމެވެސް އެއްޗެއް އެނގިވަޑައިގަންނަވާނޭ ބޭބޭފުޅުންނަށް އެ ވީ ކިހިނެއް ކަން އެނގިވަޑައިގަންނަވާނޭކަން ޔަޤީނެވެ. މިއައި ބަދަލުގައި ސެލްވަމްގެ އަތެއް ވެދާނެކަމަކަށް ޢަލީއަކަށް ފައުޅުގައި އެއްބަސްވެވޭކަށް ނެތެވެ. އެއީ ކީއްވެތޯއެވެ؟ އެ ވާހަކަ ފަހުން ދަންނަވާނަމެވެ.

ސެލްވަމް އަކީ މިޒަމާނުގެ ބަހުރުވައިންނާއި ޝަރަޙައިން ކުޅަދާނަ، ”ބޯހުރި“ މީހެއްގެ ވަރަށް ގާތުން މަސައްކަތްކޮށް، އޭނާ ގާތުން ހަލުއި ކަމާއެކު ދުނިޔެ ދަސްކުރަމުން އަންނަ، އެ ބުނާ ބޮލުގެ ނިސްބަތުން އެދުރަށްވުރެ އިސްކޮޅުން ދިގު ދަރިވަރެއްކަން ޢަލީއަށް އެނގުމާއެކު، ޢަލީ އޭނާޔަށް ކުޑަ ކޮޓަރިޔެއްގެ ބަދަލުގައި ފުލެޓެއް ހޯދައިދިނެވެ. ތަނުގެ ކުލި ޢަލީ ދައްކައިދޭ ގޮތަށެވެ.  ސެލްވަމް ދުއްވާނެ އާރޯތާނާ ކަމަޅިމަތީ ސައިކަލެއްވެސް ޢަލީ ހޯދައިދިނެވެ. އަދި ސެލްވަމްގެ މުސާރަ ހަ ސަތޭކަ ޑޮލަރަށް ބޮޑުކޮށްދިނެވެ.   ޢަލީ އެ ކަންކަން އެ ގޮތަށް އެ ކުރީ ސެލްވަމްގެ އެދުމާ އެއްގޮތަށް ކަމެއް، ނުވަތަ އަމިއްލަޔަށް ފެނިގެން ކަމެއް އަދި ދެންނެވޭކަށް ނެތެވެ. އެކަމަކު އެ ވާހަކަވެސް ފަހުން ޒާތަކަށް ދެންވިދާނެ ތޯއްޗެކެވެ.

ސެލްވަމް އަކީ ކުރިން މިދެންނެވި ޒަމާނީ ބޮލުގެ ދާއިރާޔަށް އިންތިިިހާ ދަރަޖަޔަށް މޮޅު މީހަކަށް ވެއްޖެއެވެ. އެހެންކަމާއެކު، އޭނާ ދެން ޤަޞްދުކުރީ އޭނާގެ އެދުރު ޢަލީ ކަހަލަ މޮޅު ވިޔަފާރިވެރިޔަކަށް ވާށެވެ. އެހެންކަމުން އެކަން ޙާޞިލްކުރަން އޭނާ ނިކުތީ އެވާހަކަ ޢަލީގާތު ބުނެ، ޢަލީގެ ރުހުން ހޯދައިގެންނެވެ. އޭނާގެ އެ ވިޔަފާރިޔަށް ވަގުތު ހޭދަކުރާނީ ޢަލީ އޭނާޔާ ޙަވާލުކުރާ ކަންކަން ކޮށްފައިކަމަށް އެއްބަސްވެގެންނެވެ.

ސެލްވަމް އަށް ފާހަގަ ކުރެވުނު ގޮތުގައި ޢަލީގެ ޤައުމުގެ ބައެއް މީހުންނަކީ ބޭރުފުށުގެ އަމިއްލަ ސިފަޔަށް އިންތިހާ ދަރަޖަޔަށް ބަލާ ބައެކެވެ. އެހެންކަމުން، އެ ސިފަ ވީހައިވެސް އޮފުކޮށް، އޮފުދާރުކޮށް، ނަލަކޮށް، ތިއްތި ކޮށް، ތިއްތިގުޑުވުމަކީ އެ މީހުން ނުލާހިކު ބޮޑު ހޭދައެއް ކުރާކަމެކެވެ. ވީމާ، އެ ކަހަލަ މީހުން ބޮލުގައި ލާނެ މޮޅު ބާވަތް ބާވަތުގެ ޝޭމްޕޫއާއި ގައިގައި ލާނެ ސައިބޯންޏާއި، އިސްތަށިގަނޑު ނަލަކޮަށް ބާއްވަން ލާނެ ތެލާއި… މިކަހަލަ ކިތަންމެ އެއްޗެއް އެމީހުން ބަލާ ޑުރާމާ ސިލްސިލާތަކުގައި އިސްތިހާރު ކުރާތަން ފެނި، އެތަކެތި އަމިއްލަ ޤައުމުގައި ނެތްކަމުގެ ހިތާމަޔަކީ އެތައް ބަޔަކު ސިއްރުސިއްރުން ނަމަވެސް ކުރަމުން ގެންދާ ހިތާމަޔެއްކަން ސެލްވަމް އަށް އެނގިގެންދިޔައެވެ. އެހެންކަމުން ސެލްވަމް އެ ފުރުޞަތުގެ ބޭނުން ހިފިއެވެ.

އިސާހިތަކު، ދަހަރަތުނަ ތޭލް، ގޯރީތްވަޗާ ފޭޝަލްކްރީމް، ދަމަކްތާޗެހެރް ޕައުޑަރް، ސުޕަރްމާލިޝްމަރަމް ބޮޑީކްރީމް ކަހަލަ އެތައް އެތައް މަރުކާތަކެއްގެ އުފެއްދުން ޢަލީގެ ޤައުމަށް އެތެރެ ކުރެވެން ފަށައިފިއެވެ. ސެލްވަމްގެ ސޯލް އެޖެންޓު ކަމުގެ ދަށުންނެވެ. އާދައިގެ ވަޒީފާ ވިސާއެއްގައި އައިސް ހުރި މީހަކު ޢަލީގެ ޤައުމުގައި ވިޔަފާރިޔެއް ފަށައިގެން ހިންގުމަކީ އެއްވެސް ކަމެއް ނޫންކަން ސެލްވަމް އަށް އެނގެއެވެ. އެތެރެ ކުރުމުގެ ޓެކްސް ދެއްކުމުގައި އެ ކުރާ ކަމެއް ކޮށްގެން އެ ދައްކާ ކުޑަކުޑަ އެއްޗެއް ފިޔަވައި އެހެން ޓެކުހެއް ނުދައްކައި، ރަޖިސްޓަރީ ނުކުރާ ވިޔަފާރިޔަކުން ގަމުތެރޭ ފިހާރަތަކަށް މި ދެންނެވި ބާވަތްތައް ގަނޑުކޮށް ވިއްކައިގެން ސެލްވަމް އިސާހިތަކު ބޮޑު ވިޔަފާރިވެރިޔަކަށް ވެއްޖެއެވެ. އޭނާގެ އެދުރު ޢަލީއަށް ދޫނުކުރާނެ ކުޑަތާ މަހުޖަނަކަށް ވެއްޖެއެވެ. ކަން މިހިސާބަށް ދިޔައިރުވެސް ޢަލީ ކަހަލަ މީހަކު އެކަމާ މޭނުކަރައި ހުރެއްޖެ ބާވައޭ ބައެއް ބޭފުޅުން ވިދާޅުވާނެއެވެ.  ސަބަބު ދަންނަވަންވީ ތޯއެވެ؟ އައްސަވާށެވެ!

ޢަލީ މަޑުން އެ ހުންނަނީ އޭނާޔަށް އެނޫން ގޮތެއް ނެތީމައެވެ!

ޢަލީގެ ކުޑަ ވިޔަފާރި ފުޅާ ކުރުމުގައި ސެލްވަމްގެ ބައިވެރިވުން ކުޑައެއް ނޫނެވެ. އެކި ކަންކަން ފަސޭހަ މަގުން ކޮށްލައި، އެކި އޮފީސްތަކަށް ރަސްމީކޮށް ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ނުރަސްމީ މަގުމަގުން ހިނގައިގެން ކުޑަކޮށްލައި، ސިޔާސީ އެކި މީހުންގެ ހެޔޮއެދުން ހޯދައި، މަހުޖަނުންގެ ރަޙުމަތްތެރިކަންލިބިގަނެ، މިހުރިހައި ކަމެއް ޢަލީ ކުރަމުން ގެންދިޔައީ ސެލްވަމް އަށް އެނގިގެން، އޭނާގެ އެއްބާރުލުމާވެސް އެކުގައެވެ. ޢަލީ ލައިގެން ހުންނަ އޮފު ކޯޓުގެ ފަތިފުށުފައި ޖަހައިފައި ހުރި ކޮންމެ ރޮއްޖެއް ޖެހީ ކާކު ކޮން އިރަކުކަން، އެ ކޯޓު ފެހީ ކޮން ދަރަޒީއެއްކަން، ކޯޓު ފަހާނެ ފޮތި ގެނައީ ކޮން ކަރަޔަކުންކަންވެސް ސެލްވަމް އަށް އެނގެއެވެ. އެހެން ކަމުން، ސެލްވަމްއާ ދެކޮޅަށް ކުޑަވެސް ފިޔަވަޅެއް އެޅުން ކީއްކުރަންތޯއޭ، ބަހެއް ބުނެލުމަކީވެސް ޢަލީ ކުރާނޭ ކަމެއް ނޫނެވެ. ކުރަން ކެރޭނޭ ކަމެއްވެސް ނޫނެވެ. ދަގަތްފާނުގައި އުނގުޅޭ ބައު ދަނގަޑުކޮޅެއްގައި އިސާހިތަކު ދަގަތްފާނުގެ ބާރު ހިފާގޮތަށް، މިއަދު ސެލްވަމް އަކީ ޢަލީގެ ބަރާބަރު ކޮޕީއެކެވެ. ޢަލީ އެދުރުގެ އާދައިގެ ދަރިވަރެއް ނޫނެވެ.

މިއަދު ސެލްވަމް އަކީ އޭނާގެ އަމިއްލަ އެތައް ވިޔަފާރިޔެއް ޢަލީގެ ޤައުމުގައި ހިންގާ މަހުޖަނެކެވެ. އޭނާ ބޭނުންނަމަ، މިއަދު އޭނާޔަށް ޢަލީގެ ދުވަސްދުއްވައިވެސް ލެވިދާނެއެވެ. އެހެންނަމަވެސް، ސެލްވަމް އަކީވެސް ފާޑެއްގެ މީހެކެވެ. އޭނާވެސް ޤަބޫލުކުރާ ޤަބޫލުކުރުން ތަކަކާއި، ބަލައިގަންނަ ޚުރާފާތު ތަކަކާއި، ގެންގުޅޭ ވަހުމުތަކަކާއި، ލޯބިވާ ނަންބަރުތަކެއްވެސް ހުރެއެވެ. އެހެންކަމުން، ރަސްމީ ލިޔުންތަކުން އޭނާގެ ނަން އަދިވެސް ފެންނަން އޮންނަނީ ޢަލީގެ އެކައުންޓަންޓުގެ ގޮތުގައެވެ. ތިންސަތޭކަ ޑޮލަރުގެ  މުސާރައެއްގައި އުޅޭ އާދައިގެ މުލާޒިމްއެއްގެ ގޮތުގައެވެ. އެ ގޮތުން، އެ ތިންސަތޭކަޔަކީ މިއަދުވެސް ސެލްވަމް އަށް ވަރަށް ބޮޑުއެއްޗެކެވެ. ނަންބަރެއްގެ ގޮތުގައެވެ.

މިއަދު ސެލްވަމްގެ ނަމުގައި އޭނާގެ ރަށުގައި އެތައް ވިޔަފާރިޔެއް ހިނގައެވެ. ފިހާރަތައް ފަތިފައްޗަށް އެބަހުއްޓެވެ. ފަތުރުވެރީން ބައިތިއްބާ ފެންވަރުގެ ދެތިން ހޮޓާ އެބަހުއްޓެވެ. އޭނާގެ އަންހެން ދެ ކޮއްކޮ ދެވީ އެ ރަށުގެ އިޖްތިމާޢީ އެންމެ މަތީ ފަންތީގެ މީހުންނާއެވެ. ނުލާހިކު ބޮޑެތި ޢަދަދުތަކުގެ ފައިސާއިންނާއި، ރަންރިހިންނާއި، ދަނޑުބިމުންނާއި، ގެދޮރާއި، ދުއްވާ އެއްޗިހިންނާއި، އެ ނޫންވެސް ގޮތްގޮތުން ބޮޑެތި ”ޑައުރީ“ ދީގެންނެވެ. އޭނާގެ އަމިއްލަ ގެ ހީވަނީ ރާޖާއިންގެ ގަނޑުވަރެއް ހެނެވެ. އޭނާ ފަސްޓުކުލާސް ޓިކެޓެއް ގަނެލައިގެން ބޭނުން އިރަކު ރަށަށް ގޮސްލާ ކޮންމެ ފަހަރަކު ބޯޓުން ފައިބާއިރު ކެބިން ކުރޫއަށް ”ޓިޕްސް“ އަށްވެސް ދިއްކޮށްލަނީ ތިިންސަތޭކަ ޑޮލަރެވެ. އެއީ ޢަލީއަށްވެސް ނުވާ ވަރެކެވެ. އެކަމަކު ސެލްވަމް އަށް އަދިވެސް އެއީ މުހިންމު ނަންބަރެކެވެ.

މިއަދު ނޯކަރަކީ ޢަލީކަމެއް ސެލްވަމް ކަމެއް ވަކިވާނެ ހަމައެއްވެސް ގޮތެއް ޢަލީއަކަށް ނެތެވެ. ކަންތައްތައް ހުރިނެތް ގޮތުގެ ފަތިފުށް ބަލައިފި މީހަކަށް ސާފުކޮށް ފެންނާނެ ކަމެއް އޮންނާނެއެވެ. އެއީ، ސެލްވަމްގެ ކިބައިން ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް ޢަލީއަށް ނޯންނާނެކަމެވެ. ސެލްވަމް އެޅިހައި ބަތަކަށް ރިހަ އެޅުން ނޫން ރައްކާތެރި އެއްވެސް ގޮތެއް ޢަލީއަށް ނޯންނާނެ ކަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.