...

Support Us

ކޮލަމް: އަނެއްލޮލުން

ވެކްސިން ޖެހީމާ ވަނީ ކިހިނެއް؟

ވެކުސިން ޖެހީމާ ވަނީ ކިހިނެއްތޯ ވަރަށް ގިނައިން ސުވާލުކުރާތީ އިވެއެވެ. ކީއްކުރަން ޖަހަންވީ ކޯންޗެއްތޯ އަހާތަން ފެނޭވެސްމެއެވެ. އެއީ ސުވާލެކެވެ. ވަރަށް ބޮޑު ސުވާލެކެވެ. ކަންތައް ވެގެންއުޅޭ ގޮތުންނާއި ކަންތައް ވާގޮތުން އޭގެ ޖަވާބު ލިބުން ކޮންމެހެން ބޭނުންވާ ސުވާލެއް ވެސް މެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޖަލްސާއެއްގައި ޖޮގު ޖަކާޓާގެ ޕުރޮފެސަރަކު ކިއައިދިނެވެ. ވެކުސިނަކީ ހަށިގަނޑުގައި ދިފާއު އުފައްދަން ޖަހާ އެއްޗެކޭ ބުނީމާ އާއްމު މީހުންނަށް އެ ޖުމުލަ އަޑުއިވުނަސް އެ ބުނަނީ ކީކޭކަން ރޭކާވެސް ނުލާނެއެވެ. ބުނާ މީހާގެ ގޮތުން ވެކުސިން ޖަހަން ހިނގައިދާނެއެވެ. އެގޮތަށް ވެކުސިން ޖެއްސިޔަސް އެއިން ކުރަންވީ އަސަރުގެ ދެބައިކުޅައެއްބައި ވެސް ނުކުރާނެއެވެ. ވަރަށް ގިނަ ފަހަރު އެގޮތަށް ހިންގާ ވެކުސިން ޖެހުމުގެ ބުރުތަކުން އެއްމެ އެދެވޭ ނަތީޖާ ނުފެންނަ ސަބަބަކީ ވެކުސިން ލިބިގަންނަ މީހާއަށް އެއިން ކަންތައްތައް ވާގޮތް ނޭނގި އެމީހުންގެ ސިކުނޑިތަކުން އެކަމުގައި ބައިވެރިނުވާ ކަމެވެ. ތަޖުރިބާއިން އެނގި ސާބިތުކުރެވިފައި ވަނީ ބަލިބައްޔަށް ދެވޭ ފަރުވާއިންވެސް ހަށިގަނޑަށް އެއްމެ ބޮޑު ފައިދާއެއް ލިބި ބަލި ފަސޭހަވުމުގައި އެމީހާގެ ސިކުނޑި ވަރަށް މުހިންމު ބައިވެރިވުމެއް ދޭ ކަމެވެ. ވީމާ އަހަރެމެން މި ކަންކުރުމުގައި އުޅޭއިރު ލިބޭ ފުރުސަތުތަކުގައި އެ ބަލި މީހުންގެ ސިކުނޑިއަށް ބޭނުންވާ މައިގަނޑު މާލޫމާތު ދީ އެ ސިކުނޑިތަކުގެ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ވެކުސިނަކީ ކޮބައިކަމާއި އެ ޖެހީމާ އެއިން ބޭނުން ހިފޭގޮތަކީ ކޮބައިކަން މިހެންވެސް ކިޔައިދެވޭނެއެވެ. އަހަރެމެންގެ ހަށިގަނޑަކީ ގައުމެއް ނުވަތަ ރަށެކޭ ވިސްނާށެވެ. ރަށަށް ބޭރުން އަރައި ހަމަލަދީ ރަށް ހަލާކުކޮށްލަން އުޅޭ އެކި ވައްތަރުގެ ބަލިބަލީގެ ފަނިތައް އަބަދާއިއަބަދު ފާރަލައިގެން އުޅެއެވެ. މިގޮތަށް އަތުވެދާނެ ބޭރުގެ ހަމަލާތައް ދިފާއުކުރަން ރަށުގައި ރަށުގެ ހަނގުރާމަވެރިން ތިބެއެވެ. ލޭގެ ތެރޭގައި އެ ހުންނަ ރަތްކުލައަކީ ގުނާ އަދަދުކުރަން ދަތިވާހާ ގިނަ އާދައިގެ ސިފައިންނެވެ. މުޅި ރަށަށް ކާނާއާއި ތެލާ އެނޫނަސް ކޮންމެހެން ބޭނުންވާ ކޮންމެ ކަމެއްގައި މި ސިފައިން ހަރަކާތްތެރިވެއެވެ. ލޭގައި ދެން ހިމެނޭ އަނެއް ބައަކީ ހުދު ސިފައިންނެވެ. ހަގީގީ ހަނގުރާމަވެރިންނަކީ މިއީއެވެ. ހަށިގަނޑަށް ދިމާވާ އެފަދަ ކޮންމެ ކަމެއްގައި ސިފައިންގެ މި ދެބައިމީހުން ނުކުމެ މައްސަލަ ހައްލުކުރަން އެތަނަކަށް އެއްވެ ދިފާއުކުރަން މަސައްކަތްކުރެއެވެ. ކިރިޔާވެސް ތަފާތެއް ވާއިރަށް އެތަނެއް ރަތްވެގަނެގެން ދަނީ މިހެންވެގެނެވެ. އެއްވެސް ގޮތަކުން އެތެރެއަށް ވަންނަ ފަނި/ ޖަރާސީމުގެ ހަރަކާތްތައް ހުރިނެތްގޮތް ބަލައި އެތަކެއްޗަށް ހަމަލާދީ ބަލިކޮށް ނެތިކޮށްލަނީއެވެ. މިހެން ކުރާ ހަނގުރާމަތަކުގައި ލޭގެތެރޭގައި އުޅޭ އެތަކެއް ސިފައިން ބަލިވެ ނޫ ކުލައަށް ބަދަލުވެ ކުނިވެ ދޮހަށްވެ ފައިބާތަންވެސް އާދެއެވެ. އެއާ އެކުވެސް ބޭރުން އަންނަ އެއްޗެއްގެ ހަމަލާދިނުން ހުންނަ ގޮތާއި ސިފަޔާ ހުރިހާ އެއްޗެއް ލޭގައި އުޅޭ ސިފައިން ދަސްކޮށް ދެން ފަހަރަކުން އެފަދަ އެކަހަލަ ފަންޏެއް ހަށިގަނޑުތެރެއަށް އެތެރެވުމުން އެއެތި ބަލިކޮށްލާ ނެއްތާލަން ދަސްކުރެއެވެ. ދިފާއު އުފެދެއޭ ކިއަނީ މިހެންވުމަށެވެ.

ވެކުސިނަކީ އެ ބައްޔެއްގެ ޖަރާސީމުން ކުރާނެ ކަންތައްތައް ކުރާ ގޮތަކަށް ތައްޔާރުކުރާ އެއްޗެކެވެ. ބައެއް ފަހަރު އެ ބައްޔެއްގެ ފަނި ބަލި ނުޖެއްސޭ ވަރަށް ވަރުދެރަކޮށްގެނެވެ. އަނެއްބައި ފަހަރު އެފަދަ ފަނިތައް ހުންނަނީ މަރާފައެވެ. އަދި ބައެއް ފަހަރު ރާމާމަކުނަށް ނުވަތަ މީދާ ފާޑުގެ ޖަނަވާރަށް އެ ބައްޔެއް ޖައްސާ އެޖަނަވާރުގެ ބަލި ހަށިގަނޑުގައި އެ ފަނިތައް ވިހާގިނަވުމުން އެތަކެތި ނަގައިގެން އެއިންނެވެ. މިގޮތަށް ތައްޔާރުކުރާ ފަނި އަހަރެމެންގެ ހަށިގަނޑުތެރެއަށް ފޮނުވާލަނީއެވެ. އެއާއެކު ކުރިން ބުނި ފަދަ ހަނގުރާމަތައް ހިނގާ، އަހަރެމެންގެ ލޭގެތެރޭގައި އުޅޭ ސިފައިން އެބަލި ދަސްކޮށް ދުރާލާ ހުޝިޔާރުވެ ތިބުމަށް ތައްޔާރުވާނީއެވެ. "ވެކުސިނާ ވެކުސިންޖެހުމަކީ މިއީއެވެ. މިއީ ތިމާއަށާއި އާއިލާގެ އިތުރުން އެއްމެނަށްމެ އިންތިހާއަށް ފައިދާވާނެ ކަމެކެވެ. ވީމާ (ލަސްނުކޮށް) މިޖަހާ ކޮރޯނާގެ ވެކުސިން ވީހާ އަވަހަކަށް ޖެއްސުވޭތޯ ބަލަންޖެހެއެވެ.