...

Support Us

އައްޑޫ ޕޮލިސް އެކަޑަމީ ޕްރޮޖެކުޓް އުފެދުނު ސަބަބާއި އޭގެ ނޭދެވޭ އަސަރާއި އޭގެ ޙައްލު

އައްޑު އަތޮޅު: ދިވެހި ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެކެވެ. އިޤްތިޞާދުގެ ބޮޑު ބަޔަކީ ފަތުރުވެރިކަމެވެ. އައްޑު އަތޮޅަކީ، މާލެ ފިޔައި އޮތް ދެވަނަ ބޮޑު އާބާދީއެވެ. ނަމަވެސް އިޤްތިޞާދީގޮތުން ބަލާނަމަ ނިސްބަތުން ރާއްޖޭގެ އެންމެ ފަޤީރު އޮތޮޅެވެ. އެހެންކަމުން އިޤްތިޞާދީ މަޝްރޫޢުތަކަށް މުހުތާދުވެފައިވާ އަތޮޅެކެވެ. މިކަން މިހެން އޮއްވައި އެ އަތޮޅުބިމުގެ ފަރުތުވެރިކަމަށް އެންމެ މުހިއްމު ބިން އެއްކޮށް ޕޮލިސް އެކަޑަމީއަކަށް ޚާއްޞަކުރެވިއްޖެއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ: ނޫސްތަކުން އަޑުއިވޭ ގޮތުގައި މިއީ އިންޑިޔާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ ތަނެކެވެ. އަދި މިތަން އިމާރާތްކުރަމުން އަންނަނީ އިންޑިޔާގެ ސިރީ އަވަންތިކާ ކުންފުނިންނެވެ. މިތަނުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގަ އެވެ. ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގަ އެވެ. އެމްއޯޔޫގައި ރާއްޖޭން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ކުރީގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރެވެ. މިއީ 31 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

އައްޑޫ ޕޮލިސް އެކަޑަމީގެ ޕްރޮޖެކުޓް އުފެދުނު ސަބަބު: އައްޑޫގެ ރައްޔަތުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި އިޤްތިޞާދީ މަޝްރޫޢުތައް ޤާއިމުކުރުމަށް ބޭނުން ހިފަންއޮތް ބިމެއްގައި ބޭރުބަޔަކާ (އިންޑިޔާއާ) ގުޅިގެން ޕޮލިސް އެކަޑަމީއެއް ޤާއިމުކުރަން ޖެހުމުގެ ސަބަބާމެދު ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން، ބުއްދި ޤަބޫލުކުރެވޭ މިންވަރަކަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މިކަމުގެ ޙަޤީޤަތް އެއްވެސް ސަރުކާރަކަށް ނުވެސް އެނގެނީއެވެ. ސަބަބަކީ ކޮންމެ ސަރުކާރަކުން ވެސް ކިޔަނީ އެއްލަވަޔެކެވެ. ކޮންމެ ސަރުކާރަކުންވެސް ބުނަނީ މިއީ އެމީހުންގެ ކުރީގެ ސަރުކާރުތަކުން ނިންމާފައިވާ ކަމެއް ކަމަށެވެ. ނޫސްތަކުން ފެންނަގޮތުގައި މި ޓްރޭނިން ސެންޓަރަކީ ފެބްރުއަރީ، 8، 2012 ގައި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލްގައި ރޯކޮށް އަންދައިލުމުން، ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ހިންގައިދޭ މަޝްރޫއެކެވެ. ސީދާ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެތަނުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫއަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އައްޑޫ ޕޮލިސް އެކަޑަމީގެ ޕްރޮޖެކުޓްގެ ނޭދެވޭ އަސަރު:

1- މިޕްރޮޖެޓުގެ ސަބަބުން އައްޑޫގެ އިޤްތިޞާދު، ފަތުރުވެރިކަމުގެ ރޮގުން ފުޅާކުރުމަށް އޮތް ލެޤޫން ބިން ގެއްލިގެން ގޮސްފައިވެއެވެ.

2- މިޕްރޮޖެޓުގެ ސަބަބުން އައްޑޫގެ މަލަމަތިން މަދަނީ ސިފަ ކެނޑި އަސްކަރީ ސިފަ އަށް ބަދަލުވެގެން ގޮސްފައިވެއެވެ.

3- މި ޕްރޮޖެޓުގައި ގަދަފަދަ އެކަމެޑޭޝަން ބްލޮކުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަނަކާއި، ޕީޓީ ގޮރައުންޑަކާއި، ހެލިޕޭޑަކާއި، ޓްރެއިނިން ސެންޓަރަކާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބަސްކެޓްބޯޅަ ކޯޓާކާއި، ޓެނިސްކޯޓަކާއި، 400 މީޓަރުގެ ޓްރެކަކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކުލާސް ރޫމު ހުރުމުންނާއި އަދި މިވަރުގެ ބޮޑު ހޭދައެއްކުރަނީ އިންޑިޔާ ފަދަ މި ރީޖަނުގެ އެންމެ ބޮޑު އަސްކަރީ ބާރަށް ނިސްބަތްވާ ބަޔަކު ކަމަށް ވާތީ މި މަޝްރޫޢުގައިވާ ޕޮލިސް އެކަޑަމީއެއްގެ އަސަރަށް ވުރެ ބޮޑަށް ދުރު ވިސްނުމަށް ފެންނަނީ މިލިޓަރީ އަސަރުކަން ފާހަގަވެއެވެ.

4- އިންޑިޔާ އާއި ޕާކިސްތާނަކީ އަވައްޓެރި ދެޤައުމެވެ. އަދި ރާއްޖެ އަށް ދެޤައުމުވެސް މުހިއްމެވެ. މި ދެޤައުމަކީ ޚިޔާލު ތަފާތު ކޯޅުން ބޮޑު ދެޤައުމަށް ވާތީވެ ދެޤައުމު ދެމެދު އުފެދިދާނެ ބިރުވެރިކަމެއްގެ އަސަރު ރާއްޖޭގެ ރައްޔިތުންނަށް ނުފޯރާގޮތަށް ދެޤައުމުން އަސްކަރީގެ އެހީ ހޯދުމުގައްޔާއި އަދި ގުޅުން ބަދަހި ކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގާއިމު ކުރުން މުހިއްމެވެ. ނަމަވެސް އައްޑޫ ޕޮލިސް އެކަޑަމީގެ ޕްރޮޖެކުޓަށް އިންޑިޔާގެ އެހީ ހޯދާފައި ވުމުންނާއި އަދި އިންޑިޔާގެ ސަރުކާރުން މިޕްރޮޖެކުޓަށް ޚަރަދު ކުރުމުގެ އިތުރުން އައްޑުއަތޮޅަށް ބޮޑެތި ހޭދަކުރުމުން ގެނަދާތީއާއި، އަދި ރާއްޖޭގެ އެހެނިހެން ބައެއް ކަންތައްތަކަށް ވެސް ފަހަކަށް އައިސް ބިރުން ފިއްކަނޑައިގެންދާވަރުގެ އަދަދުން ހޭދަކުރުމުން ގެނަދާތީވެ، އެއްވެސް މަގުސަދެއް ނެތި އިންޑިޔާއިން މިހާބޮޑު ހޭދައެއް ނުކުރާނެ ކަމަށް ބެލެވޭތީވެ މި ޕްރޮޖެކުޓުގެ ސަބަބުން މުސްތަޤުބަލުގައި ދިވެހި ރައްޔިތުންނަށް ނުރަނގަޅު އަސަރެއް ނުފޯރާނެތޯ ސުވާލުއުފެދެއެވެ.

މި ސުވާލަށް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވަނީ ޖަވާބުދެއްވައިފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

"މިލިޓަރީ އެއްވެސް ހަރަކާތެއް އެ ތަނުގައި، ދިވެހިން ކަމުގައި ވިޔަސް، ބޭރުގެ ގައުމަކުން ވިޔަސް، މިލިޓަރީ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ފެށިގެން ކުރިއަށް ދާ މަސައްކަތެއް ނޫން" ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާނަކީ ފަހަރެއްގައިވެސް ރައްޔިތުންނަށް އޮޅުވާލާނެ، ނުވަތަ ރައްޔިތުންގެ ކުރިމަތީގައި އެމީހުންގެ މަޞްލަތު ގެއްލޭނެ ފަދަ ދޮގު ބުނުމެއް ބުނެފާނެ ބޭކަލެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އެ ބޭކަލަކު ނިސްބަތްވަނީ ދީނީ ޢިލްމަށް ކަމަށްވެފައި ދީނީ ޢިލްމުވެރީންގެ އެއް ސިފައަކީ އިޚްލާޞްތެރިކަމުގެ ސިފަކަމަށް ވާތީއެވެ. އިޚްލާސްތެރިކަމުގެ މަފުހޫމަކީ ތިމާ ކުރާ ކޮންމެ ކަމެއް (ބަހާއި ޢަމަލު)، الله އަށް ޓަކައި خالص ކުރުމެވެ. ހަމައެކަނި އެ އިލާހުގެ ރުއްސެވުން އެދިގެންކުރުމެވެ. އަދި އެކަމުގައި ކަންދެއްކުމެއް ނުވަތަ އަޑު އުފުލުމެއް ނުބޭއްވުމެވެ. ނަމަވެސް އެހައިމެ ގަދަފަދަ ޢިބާރަތަކުން އެ އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް އިމްރާނު ވިދާޅުވުމުން އޭގެ ދަލީލަކީ، ނުވަތަ ޙުއްޖަތަކީ، ނުވަތަ ގެރެންޓީއަކީ ކޮބައިކަމާމެދު ސުވާލުއުފެދެއެވެ. އެހެނީ ކޮންމެ މީހަކަށް ވެސް ނިޔާކުރެވޭނީ އެމީހެއްގެ އަމުރު މަޢުރޫފު ހިނގާނެ ކަންތަކަށެވެ. ސަރުކާރުތަކަކީ ބަދަލުވަމުން، އެނބުރެމުން ސެނބުރެމުން ދާއެއްޗެކެވެ. އެހެންކަމުން އެ އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް ހަރުއަޑުން ވިދާޅުވެލެއްވި ބަސްފުޅު ވާހުށީ މިވަގުތަށް އެފަދަ އަސްކަރީ ހަރަކާތެއް ނުހިނގާނެކަމުގެ ވާހަކަ ކަމަށް ނޫނީ ޤަބޫލުކުރެވޭކަށް ނެތެވެ. ސަބަބަކީ މާދަމާ އެ އެކަޑެމީގައި އެފަދަ އަސްކަރީ ހަރަކާތެއް ނުހިނގާނެކަމުގެ ގެރެންޓީއެއް އެބަސްފުޅަކުން ލިބިފައިނުވާތީއެވެ. އަދި އެކަޑެމީގައި އަސްކަރީ ހަރަކާތެއްގެ ބިރެއް އޮތްނަމަ އެކަންވެސް ކުރިމަތިވާނީ މިއަދަކުއެއްނޫނެވެ. އެއީ މުސްތަޤުބަލަށް އަންދާޒާކުރެވޭ ބިރެކެވެ.

މި އެކަޑަމީއަށް ބިރު އަންދާޒާކުރެވެނީ މައިގަނޑު ސަބަބަކާހުރެއެވެ. އެއީ މިސަރަހައްދުގެ ނުފޫޒު ގަދަ، އަދި މުސްލިމުންނާއި ދެކޮޅުވެރިކަމުގެ ސިޔާސަތު ގެންގުޅުމުގައި ނަންވެފައިވާ ބަޔެއްގެ ގޮތުގައި ފާހަގަވާ އިންޑިޔާއި ގުޅިގެން މިފަދަ މަޝްރޫޢެއް ކުރިޔަށް ގެންދާތީއެވެ. މި ނުތަވަސްކަން ސީޕީ މުހައްމަދު ޙަމީދު ދުރުކޮށް ދިނުމަށް މަސައްކަތްކުރައްވާފައިވެއެވެ. މިގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދަމުން އަންނަ ދިވެހި ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވެއްޖެ ކަމަށް 03 ފެބްރުއަރީ 2019 ދުވަހު ޚަބަރުކޮށްފައިވެއެވެ. ނަމަވެސް ކުރީގައިވެސް ދެންނެވުނު ފަދައިން ތިމާގެ މަޤާމުގެ ބާރުގެ ޢުމުރު ހަމަވާ ދުވަސް ނޭނގޭތީވެ މުސްތަގުބަލަށް އެފަދަ ޙުކުމް ކުރުން ޞައްޙައެއް ނުވެއެވެ. އެހެންކަމުން މާދަމާ އެ އެކަޑެމީގައި އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ގެރެންޓީއެއް އެބަސްފުޅަކުން ވެސް ނުލިބެއެވެ.

ފުލުހުންގެ އޭރުގެ އެކްޓިން ކޮމިޝަނަރު އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ އައްޑޫގެ އާބާދީ އަށް ޚިދުމަތް ދެވޭ ވަރަށް ފުލުހުންގެ އަދަދާއި ވަސީލަތްތައް ނެތްކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކުރައްވައިފަ އެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯއްދަވައި ދެއްވަން މޭޔަރު ވަނީ އެކްޓިން ކޮމިޝަނަރުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. އަޅުގަނޑު ދެކޭގޮތުގައި އެ ވާހަކަފުޅު ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް އައްޑޫގެ އާބާދީ އަށް ޚިދުމަތް ދެވޭ ވަރަށް އިޤްތިޞާދީ މަޝްރޫޢުތައް ޚާއްޞަކޮށް ފަތުރުވެރިކަމުގެ މަޝްރޫޢުތައް އުފައްދަން ބޭނުންކުރަން އޮތް ކުޑަކުޑަ ހަނި ބިންކޮޅެއްގައި ބަލާމީހުންގެ ލޮލަށް ޝައްކު އުފެދޭ ވަރުގެ އަދި އެބިމާއި ނުކަތާވަރުގެ ބިޔަ އިމާރާތްތައް ފުނި ޖެހުމުގެ މަޞްލަހަތާ މެދު އައްޑޫ މޭޔަރު ބަސްފުޅެއް ވިދާޅުވެފައި ނުވާތީ ކަންބޮޑުވުން އުފެދެއެވެ.

ޙައްލު:

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ވަރަށް ވެސް ގިނަބަޔަކު، އެއީ ދިވެހީން ކަމުގައި ވިޔަސް ނުވަތަ ބޭރު މީހުންކަމުގައި ވިޔަސްމެ އެބަބުނެއެވެ. އަދި  އެކަމުގެ ކަންބޮޑުވުން ޚާއްޞަކޮށް އައްޑޫގެ ގިނަ ބައެއްގެ ތެރޭގައި އެބައޮތެވެ. އެހެންކަމުން މިއީ ޙައްލުކުރަންޖެހޭ މައްސަލައެކެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އިންޑިއާގެ ނުފޫޒު އޮންނާނެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކުށް ހީއެއް ކަމަށް ވެދާނެއެވެ. ނަމަވެސް އެކަމުގެ ޝައްކު ދިވެހީންގެ ގިނަ ބައެއްގެ ތެރޭގައި އޮތުމުން އެ ޝައްކު ފިލުވައިލަން ޖެހެއެވެ. ޝައްކުތައް ފިލުވުމުގެ ދީނީ މަންހަޖަކީ: "މާތްالله އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި أبو مُحَمَّد الْحَسن بْنِ عَلِيِّ بْنِ أبي طَالِب ގެކިބައިން ރިވާވެގެން އައިސްފައިވާ ދީނީ މަންހަޖެކެވެ. ވިދާޅުވިއެވެ. (ތިމަންނަގެ މާފާފުޅު) رسولَ اللَّه صَلّى اللهُ عَلَيْه وسَلَّم ތިމަންނައަށް ކުރެއްވި وصية، ބަރާބަރަށް ހަނދާން އެބަހުއްޓެވެ. އެކަލޭގެފާނު إرشاد ދެއްވިއެވެ. ތިމާގެ މައްޗަށް شك އުފެދޭ ފަދަ ކަންތައްތަކުން ދުރުހެލިވެގެން އުޅޭށެވެ. އަދި (ތިމާގެ މައްޗަށް ދޮގު ވާހަކަތައް ފެތުރިޔަ ނުދިނުމަށްޓަކައި) ޝައްކު ނުއުފެދޭ ފަދަ ކަންތައްތައް މެނުވީ إختيار ނުކުރާށެވެ. ފަހެ މިހެނީ شك ނުއުފެދޭ ގޮތުގައި ސީދާވެ ހުރުމަކީ ނަފްސާނީ ހަމަ ހިމޭންކަން ލިބިގެންދާނޭ ކަމެކެވެ. އަދި ދޮގު ވާހަކަތައް ފެތުރިގެން ދިއުމަކީ شكތައް އުފެދި ނަފްސާނީ ހަމަހިމޭންކަން ގެއްލިގެން ހިނގައިދާނެ ކަމެކެވެ".( رواه التِرْمذي)

މި މައްސަލާގެ އޮތީ ހަމަ އެންމެ ޙައްލެކެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުުމެވެ. ރައްޔަތުންގެ މަޞްލަހަތު ނެތް ކޮންމެ ކަމަކަށް ނޫނެކޭ ބުނުމެވެ. އިސްލާޙަށް މަސައްކަތްކުރުމެވެ. ހަށިގަނޑަށް ބަލި ފެތުރުމުގެ ކުރީގައި ފަރުވާ ހޯދުމެވެ. ކޮނަޓްރޯލު ނުކުރެވޭ ވަރަށް ބަލިފެތުރިއްޖެނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެހެންކަމުން މިކަން ޙައްލުކުރުމުގައި ކުރެވިދާނެ ބައެއް ކަންތައްތައް ދަންނަވާލާނަމެވެ.

  • ފުލުހުންގެ ޓްރޭނިން ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި އިންޑިއާގެ ނުފޫޒެއް ނޯންނާނެ ގޮތަކީ ހަމަ އެންމެ ގޮތެކެވެ. އެއީ އެތަން ތަޢުލީމީ މުއައްސަސާއަކަށް ބަދަލުކޮށްލުމެވެ. އެގޮތުން ދިވެހިރާއްޖޭގެ ދެ ޔުނިވަރުސިޓީންކުރެ އެއް ޔުނިވަރސިޓީގެ ހެޑުކުއާޓަރ އެތަނަށް އެއްކޮށް ބަދަލުކޮށްލުމެވެ.
  • ފުލުހުންގެ ޓްރޭނިން ސެންޓަރު ހިންގުން ދިވެހިރާއްޖޭ ދެ ޔުނިވަރުސިޓީންކުރެ އެއް ޔުނިވަރސިޓީގެ ދަށަށް ގެނައުމެވެ. ސަބަބަކީ ފުލުހުންގެ ޓްރޭނިން ސެންޓަރު މުސްތަޤިއްލުކޮށް އޮވެފައި އިންޑިޔާ ފަދަ ޤައުމެއްގެ އެހީ އޮންނަ ނަމަ ސިފަކުރެވޭނީ ނުވަތަ ޝައްކުކުރެވޭނީ އަސްކަރީ ކަަމަކަށެވެ. ފުލުހުންނަކީ މަދަނީ ބަޔެކެވެ. އެހެންކަމުން ފުލުހުންގެ ކަންކަން މަދަނީ ގޮތަށް، ދެފުށް ފެންނަގޮތަށް ކުރުން މުހިއްމެވެ.

ނިންމާލަމުން އަހުރެން ދިވެހި ސަރުކާރަށް ގޮވާލަނީ އައްޑޫ ޕޮލިސް އެކަޑަމީގެ ޕްރޮޖެކުޓްގެ ސިޔާސަތު އަލުން މުރާޖަޢާކޮށް އެ މަޝްރޫއުގެ ތެރޭގައި އިންޑިއާގެ ނުފޫޒެއް ނޯންނާނެ ގޮތަށް އެކަށައެޅުމަށެވެ.