Support Us

އަނދިރި ޖަލްސާ

(ފުލޯކު ކުރު ވާހަކައެއް)

އިންޑިޔާކަނޑުގެ މެދަށްވުރެ ހުޅަނގު ދެކުނަށް ޖެހިލައި، މަޑަގަސްކަރަޔާއި މޮރިޝަސްއާ އެހައި ދުރު ނޫން ހިސާބެއްގައި އޮންނަ  މިލްހޭނިޔާ އޭ ކިޔޭ ޤައުމުގެ ވެރިރަށް ކަމަށްވާ ސަޕޯންގެ އަގު ބޮޑު، އަދި ހައިބަތުވެސް ބޮޑު ހޮޓަލެއްގެ ޖަލްސާކުރާ އެންމެ ބޮޑު އެއް ކޮޓަރީގައި  ވަރަށް ޚާއްޞަ ޖަލްސާއެއް ފެށެން އެބައުޅެއެވެ. މިޖަލްސާ ހިނގަމުންދާ ގޮތް އަޅުގަނޑުމެން ކޮންމެވެސް ގޮތަކުން ބަލައިލަމާތޯއެވެ!

ކޮޓަރީގައި ހުރި ކަރަންޓު ސަމޭދާނުގެ އަލި އެ ހުރީ ކަނިކުރެވެން ހުރި ވަރަކަށް ކަނިކޮށްފައެވެ. ކޮންމެވެސް އެއް ފާރެއްގައި ހަރުކޮށްފައި ހުރި، އެއީ ކޮން އެއްޗެއްކަން ސާފުކޮށް ބުނެދޭން ނޭނގޭ ޒާތުގެ ފޮއްޓެއްގައި ކޮންމެވެސް އާލަތެއްގައި ހުރި ކުޑަކުޑަ ދެ ބޮކި ދިއްލިފައި އެބަހުއްޓެވެ. އެ ދެ ބޮކި ހީވަނީ ކޮޓަރިތެރެޔަށް ފާރަލައިގެން އޮތް، ގޮތް ނޭނގޭ ވަގު ބުޅަލެއްގެ ދެ ލޯހެންނެވެ. މި ދެންނެވި އެ އަލިކަން ފިޔަވައި އެހެން އަލިކަމެއް ކޮޓަރިތެރެއިން ފެންނާކަށް ނެތެެވެ.

ކޮޓަރީގެ މެދުގައި ބަހައްޓައިފައި ހުރި، އަނދިރި ކުލައެއްގެ ބޮޑު މޭޒެއްގެ ވަށައިގެން ހައެއްކަ މީހުން އެބަ ތިއްބެވެ. އެމީހުން އަޅައިގެން ތިބީ އެކި ޒާތުގެ ހެދުން ކަމަށް ވިޔަސް، ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އެންމެންގެ ހެދުންވެސް ހުރީ އަނދިރި ކުލަތަކުގެ ތެރޭގައި ގުނޭނޭ އެކި ކުލައިންނެވެ. މޭޒާ ތަންކޮޅެއް ދުރުގައި، ކޮޓަރީގެ އެންމެ އަނދިރި ހިސާބުތަކުގައި ބަޔަކު ތިބި ކަމެއް، ނުވަތަ ނެތް ކަމެއްވެސް ކަށަވަރުކޮށް ދަންނަވާކަށް ނޭނގެއެވެ. އެހެންނަމަވެސް، އެ އަނދިރިކަމުގެ ތެރެއިން ކިރިޔަ ކިރިޔާ ފެންނަ ފެނުމަށް އިތުބާރު ކުރަންޏާ، އެތާކު ދެން އެހެން މީހަކު ނެތެވެ.

އަންނަ ނާންނަ ތަނެއް މާ ކަށަވަރުނުވާ ކަހަލަ ގޮތަކަށް ކޮޓަރީގެ އެކި ހިސާބަށް އެކި ފަހަރު އެ ޖެހިލާ ފިނިފިނި ވައިރޯޅިޔަކީ މަސްނޫޢީ ކޮންމެވެސް އާލަތަކުން ފޮނުވާ އެއްޗެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެކަން އެނގެނީ، ކޮޓަރިތެރޭގައި ހިފައިލައިފައި އެ ހުރި މަޑު މަޑު ބޫން އަޑެއްގެ ސަބަބުންނެވެ. އެ ނޫން އަޑެއް ކޮޓަރިތެރެޔަކުން އަދިއެއް ނުއިވެއެވެ.

ކޮޓަރި ތެރެޔަށް ވެރިވެފައިވާ އަނދިރި، ފިނި ހިމޭންކަން ހަމަ ކުއްލިޔަކަށް ކަނޑައިގެން އެ ދިޔައީ، މީހަކު ކަރުކެހިލި އަޑުގެ ސަބަބުންނެވެ. ކަރުކެހިލުމެއްގައިވެސް ބޮޑާކަމާއި، ތަކައްބުރުކަމާއި، އަމަރުވެރިކަން އެކުލެވިގެންވެދާނެކަމުގެ ފުރިހަމަ ދަލީލަކަށް އެ ކަރުކެހިލުން ވާނެއެވެ. އެޔަށްފަހު، ދެން އިވުނީ އެ މީހަކު ވާހަކަދައްކަން ފެށިއަޑެވެ.

”ކަލޭމެން އަހަރެންގެ ދަޢުވަތު ޤަބޫލުކޮށް، މި ރޭ މިތަނަށް އައީތީ އަހަރެން ކަލޭމެންނަށް ޝުކުރު އަދާކުރަން.“ އަޑުގެ ވެރިޔާ ބުނެލިއެވެ. އެ ރޭ އެތަނަށް އައިސް ތިބި އެންމެނަށްވެސް އެ އަޑުގެ ވެރިޔަކީ ކާކު ކަން އެނގޭނެތީ އޭނާ އޭނާގެ އަމިއްލަ ތަޢާރަފަކާ ހަމަޔަކަށް ނުދެއެވެ.

”އަހަރުމެންވެސް ޝުކުރު އަދާކުރަން، އަހަރުމެންނަށް ދަޢުވަތު ލިބުނީތީ.“ އެންމެންގެ ފަރާތުން ޖަވާބު ދިން މީހާގެ އަޑަކީވެސް އެތާ ތިބި އެންމެން ދަންނަ އަޑެކެވެ. އެ އަޑަކީ އަޑުގެ ވެރިޔާގެ ބަސްމަގާއި އަޑާ އެއްވީމައި އާދަޔާ ޚިލާފު ކުރަކިކަމެއް އެ އަޑުގައި ހުންނަ އަޑެކެވެ. ވިޔަފާރީގެ އެކި ކަންކަމާ ޙަވާލުކޮށްގެން އޭނާ ގެންގުޅޭ މުވައްޒަފުންނާ މުޚާޠަބް ކުރާއިރު، އެއީ އާދައިގެ ބަހުރުވަޔެއް ނޫނޭ، އެޔަށްވުރެ ތަންކޮޅެއް ދެރަވަރުގެ ބާޒާރީ ބަހުރުވަޔެކޭވެސް ކެރޭ މީހުން ބުނާނެއެވެ. އެހެން ނަމަވެސް، މިރޭގެ ބައްދަލުވުމުގައި އެ އަޑުގައި އެކަހަލަ ކުރަކިކަމެއް ނެތެވެ.

”އޭތް! ދެން ރަސްމީ ޖަލްސާތަކުގައި އެ ދަމާ ކަހަލަ ބޭކާރު ހާސަރުތައް ނުދަމައި، ހިނގާބަލަ އަސްލު ވާހަކަޔަށް ދާން!“ ކަރުކެހިލުމަކުން ޖަލްސާ ފެއްޓި، އަދި އެ ހިސާބުން ނުވަތަ އެޔަށްވުރެވެސް ކުރިން ޖަލްސާގެ ރިޔާސަތާ ޙަވާލުވެގެން އިން މީހާ ބުންޏެވެ. އަދި އެތާ ތިބި އެންމެނާ ކުރިމަތިކޮށް ސުވާލެއް ކޮށްލިއެވެ.  ”ކަލޭމެނަށް އެނގޭތަ މިހައިރު އަހަރުމެން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ؟“

އެ ހިސާބުން ޖަލްސާގެ ވާހަކައިގައި ފޯރިހިފައިފިއެވެ. ދެމީހަކު އަތް ނެގިކަމަށް ވިއެވެ. އަނދިރީގެ ތެރެއިން ރިޔާސަތަށް ފެނުނީ އެތަނުން އެއް އަތެވެ. އަނެއް ދެމީހަކު މޭޒުގައި ނިޔަފަތި ކާރުވައިގެން ފުރުޞަރު ހޯދަން އުޅެގަތެވެ. އަދި އެހެން ދެ މީހަކު  އުޅެގަތީ އަޑު ގަދަކޮށްގެން ރުއް ގިނަކުރާށެވެ! އެއީ އެމީހުންނަށް އައު ކަމެއްްވެސް ނޫނެވެ.

ކޮންމެއަކަސް، ވާހަކައެއް ބުނަން ބޭނުންވާ ކޮންމެ މީހަކުމެ، އެމީހަކަށް އެންމެ ކަމުދާ ކޮންމެވެސް ކަހަލަ އިޝާރާތެއް ކޮށްގެން އެކަން އަންގައި ނިމުނުއިރު، ޖަލްސާޔަށް ހާޒިރުވެތިބި ކޮންމެ މީހަކީވެސް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފައި އިން މީހަކަށް ވެއްޖެއެވެ. އެހެންކަމާއެކު، ރިޔާސަތުން ނިންމީ، ޖަލީސުންގެ ތެރެއިން މާލީ ތަަނަވަސްކަން އެންމެ ފުރިހަމަޔަށް ލިބިގެންވާ މީހުންނަށް އިސްކަން ދިނުމުގެ ތަރުތީބުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ދޭށެވެ. އެ ހަމަޔަކީ ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި ކޮންމެ އެއްޗެއްގައިވެސް ހުންނަން ވާނެ ހަމައެއް ކަމަށް އެމީހުންނަށް އަބަދުވެސް ފެންނާތީ، އެންމެންވެސް އެ ގޮތަށް އެއްބަސްވެ، އެމީހަކާ ޖެހުމުން އެމީހަކު އެމީހެއްގެ ވާހަކަ ހުށައަޅަމުން ގެންދިޔައެވެ.

މޭޒުދޮށުގައި ތިބި އެންމެން އިއްތިފާޤުވި ގޮތުގައި، މިލްހޭނިޔާ އަކީ ކުޑަ ޤައުމެއް ކަމަށްވިޔަސް، ދަނޑުގޮވާން ކުރެވޭނޭ ބިމަކީ މިލްހޭނިޔާގައި އޮތް އެއްޗެކެވެ. އުއްދަނޑިޔާއި، ސައިފަތާއި، ދުންފަތާއި، އެކި ބާވަތުގެ ފެންފޯއް ހެއްދުމަކީ ޤައުމުގެ އިޤްތިޞާދުގެ ބޮޑު ބައެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީވެސް ޤައުމަށް ބޭރު ފައިސާ އެތެރެކޮށްދޭ ޞިނާޢަތްތަކެވެ. މޭޒުދޮށުގައި ތިބި ހައެއްކަ މީހުން މިކަންކަން ރަނގަޅަށް ދަނެއެވެ. އެޔާ ގުޅިގެން އެމީހުންނަށް އެންމެ ކަންބޮޑުވި އެއް ކަމަކަށް ވީ، މިލްހޭނިޔާގައި ހުރި، އުއްދަނޑިޔާއި، ސައިފަތާއި، ދުންފަތާއި، ފެންފޯއް ހައްދާ ދަނޑުތަކުގެ 99 އިންސައްތަޔަކީ ކުރިޔަށް އޮތް 112 އަހަރު ފާއިތުވެ ދަންދެން އެމީހުންނާއި އެމީހުންގެ ދަރިދަރިމިރިމިރިޔަށް ދާންދެން ވާރުތަ މުދަލެއް ގޮތަށް ބޭނުންކުރަން ލިބިފައިވާ ތަންތަން ކަމަށް ވުމެވެ. އަދި އެކަން އެގޮތަށް މިހައިރު އޮތަސް، އެ ތަންތަނުގެ ހަޤީޤީ ވެރިންނަކީ މިލްހޭނިޔާގެ ރައްޔިތުންނަށް ވާކަން ގިނަ މީހުންނަށް ވިސްނެމުން ދާ ކަމެވެ. އަދި މިލްހޭނިޔާގައި އަލަށް ބޮޑުވެ، ޒުވާންވަމުން އަންނަ ޖީލުތަކުން ކަންކަން މިހައިރު ހުރި ނެތް ގޮތް ސުވާލަކާ ނުލައި ބަލައިގަނެގެން ދެން ނުތިބޭނޭ ކަމުގެ ކުލަވަރުތައް އެކި ދިމާއިން ފެންނަން ފެށިކަމެވެ.

މޭޒުދޮށުގައި ތިބި އެންމެންމެ ބުނި ގޮތުގައި، މިލްހޭނިޔާގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުން އެންމެ ރަނގަޅަށް މަސްބޭނޭ ހިސާބުތަކާއި، ފަތުރުވެރިންނަށް އެންމެ ކަމުދާ ގޮނޑުދޮށްތައްވެސް އެއީ މޭޒުދޮށުގައި އެތިބަ ހައެއްކަ މީހުންގެ ޢާއިލީ ތަރިކަ މިލްކެއްހެން ބޭނުންކުރެވޭނޭ ތަންތަން ކަމަށް މިހައިރު އެކި އެއްބަސްވުމުގައި ލިޔެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް، އެ  ލިޔުންތަކުގެ އަސާސެއް ނެތް ކަމާއި، އެ ލިޔުންތަކުގައި ޙަޤީޤީ ޞައްޙަކަމެއް ޢަމުދުން ނެތްކަން ޤައުމުގެ އައު ޖީލުތަކުގެ ޒުވާނުންނަށް މިހައިރު އެނގެމުން އެބަ ދެއެވެ. ޤައުމުގެ އެންމެހައި ރައްޔިތުންގެ މުދާ، ޤައުމުގެ ރައްޔިތުންގެ ޚިޔާލެއް ނުވަތަ ރައުޔެއް ހޯދުމަކާ ނުލައި، ވަކި ބަޔަކަށް މިލްކުކޮށްދެވިފައިވާ ވުން އެއީ ޤައުމުގެ އައު ދަރީން ދެން ޤަބޫލު ނުކުރާނޭ ކަމެކެވެ. އެއީ މޭޒުދޮށުގައި އެ ތިބަ މީހުން އެކަމާ ކަންބޮޑުވާން ޖެހޭނެ ކަންކަމެއް ކަމަށް އެ މޭޒުދޮށުގައި ތިބި އެންމެން އިއްތިފާޤު ވިއެވެ.

”ކަލޭ އެގަހު ކޭލެއް މިގަހު ކޭލެއް ނުބަލައި، ގޭދޮށު ކިސަނޑުގަނޑުގަނޑުން ކޯދުލައި ފަޅަނީ އަލަނިރުތޯ ކެޔޮނިރުތޯ ނުބަލައި، ކަލޭ ގާތަށް އައިސް ޚުޝާމަދުކުރި ކޮންމެ މީހެއްގެ ދަރީން މެލޭޝިޔާއަށާއި އިނގިރޭސިވިލާތަށް ކިޔަވަން ފޮނުވީމައޭ މި ދުވަސް ދެކެން މިޖެހުނީ!“ ޖަލްސާގެ ރިޔާސަތުގައި އިން މީހާ ރުންކުރު ގޮތަކަށް މިހެން ބުނެލިއެވެ. އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކުރެވިފައި ހުރީ އަނދިރި ދެ ކުލަޔަކުން ގޮޅިޖަހައިފައި ހުރި ގަމީހެއް ލައިގެން އެތާ އިން މީހަކާ ދިމާޔަށެވެ. ރިޔާސަތުގެ ވާހަކަ ނިންމައިލީ މި ޢިބާރާތުންނެވެ. ”ކަލޭ ވެއްޖެ ވިއްޔަ، ޢާންމު ރައްޔިތުންގެ ތާއީދު ހޯދަން ކުޅިކުޅެން!“

”އޭ ބޭފުޅާ! އަހަރެން މިތަނަށް މިއައީ ކަލޭ ލައްވާ މަގޭ މައްޗަށް ހުކުމެއް ކަނޑައަޅުވާކަށް ނޫނޭ! ކަލޭ ދެން ސަކަރާތްނުގަނޭ، އިނގޭ؟“ އަނދިރިގޮޅިޖެހި ގަމީސް ރުޅިވެރި ރާގެއްގައި ޖަވާބު ދޭން ފެށިއެވެ. ”އަހަރުމެން މިތަނަށް އައީ މައްސަލަޔަށް ހައްލެއް ހޯދާށޭ، ކީކޭ؟“

”ބައްލަވަ، ތިޔަ ދެ ބޭފުޅުން މިތާނގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަޑުލައްވައި، ހުތުރު ބަހުން ވާހަކަފުޅު ދެއްކެވީމައި އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މައްސަލައެއް ޙައްލެއް ނުވާނެ، އެހެން ނޫންތޯ؟ ކީކޭތޯ ވިދާޅުވަނީ؟“ އޭނާގެ އެ ދެ ސުވާލަށް ޖަވާބެއް ބޭނުންނުވާ ކަހަލަ ރާގަކަށް އެއްޗެއް އެ ބުނީ އަނދިރި ކުލައެއްގެ މާތަކެއް ޖަހައިފައި ހުރި ގަމީހެއް ލައިގެން، ކަޅުކުލައިގެ ފަރަންޖީ ތޮތްޕެއް އަޅައިގެން އިން ދޭސީއެކެވެ. އޭނާ ވާހަކަ ދެއްކީ މިލްހޭނިޔާގެ ތާރީޚު ފޮތުގެ ތަންކޮޅެއް ކުރީކޮޅުގެ ޞަފުހާތަކުގައި ލިޔެވިފައި އެހުންނަ ކަހަލަ ބަހުރުވަޔަކުންނެވެ. އެއީ އޭނާގެ ގޮތެވެ. ”އަޅުގަނޑު އޭރުވެސް ދެންނެވީމެއް ނޫންތޯ، އާދައިގެ މީހުންގެ ދަރީން ބޭރަށް ކިޔަވަން ނުފޮނުއްވާށޭ! އަދި އަޅުގަނޑުމެން މީހެއް ގާތަށް އާދައިގެ މީހަކު ކިޔަވަން ބޭރަށް ދާންވެގެން އަޔަސް، ފޮނުވައިދޭނަމޭ ވިދާޅުވެފައި، ދެތިން ދުވަސް ފަހުން މީހަކު ލައްވައި އޭނާޔަށް ފޯނު ކުރުވައިފައި، އެކަމެއް މިހައިރަކު ވާކަށް ނެތޭ ވިދާޅުވި ވާހަކަ އޭނާޔަށް އެންގީމައި، އޭނާ ފޫހިވެގެން އެކަން ހުއްޓައިލައިފާނޭ! އަޅުގަނޑު ހަދަނީ އެހެން.“

”ކިޔަވަން މީހުން ފޮނުވުމާ މިކަމާ ކޮން ގުޅުމެއް އޮތީ؟ މަށަކަށް ނުވިސްނުނު. ކިޔަވާނެ މީހަކު ކިޔަވަފާނެއެއްނު؟“ ކަޅު ގަމީހެއް ލައިގެން އިން މީހަކު ބުނެލިއެވެ.

”ނޫނޭ، ނޫނޭ! އެއީ ބަރާބަރު ވާހަކައެއް،“ އަނދިރި ގޮޅިޖެހި ގަމީސް ބުނެލިއެވެ. ”އަހަރުމެން އަތުގައި މިހައިރު މިހިރަ ފައިސާޔާއި، މުދަލާއި، ބިންތަކާ… މިހުރިހައި އެއްޗެއް އަހަރުމެންގެ ކާފަދަރީންގެ ދަރީންނާ ހަމަޔަށްވެސް ވާރުތަ ކޮށްދެވޭނޭ އެއްމަގުގެ ވާހަކަ އެ ދެއްކީ. ބޭރަށް ކިޔަވަން ދާ ޒުވާނުން އެނބުރި އަންނާނީ ބޭރުގެ އިންސާނީ ޙައްޤުތަކާއި، ބައިނަލް އަޤުވާމީ ޤާނޫނީ ހަމަތަކާއި، ޑިމޯކުރަސީއާއި، އެހުރިހައި އެއްޗެއް ދަސްކޮށްގެން. އެ ގޮތަށް އެނބުރި އަންނަ ޒުވާނުންނަކީ އަހަރުމެންގެ ދަރީންނަށް ނުވަންޏާ، ފަޤީރުންގެ ދަރީންނަށް ވެއްޖިއްޔާ، އަހަރުމެން މިހުރިހައި ދުވަސް ވަންދެން މިގެންގުޅޭ ތަނަވަސްކަމުގެ ޙިއްސާއެއް އެމީހުންވެސް ބޭނުން ވާނެ. އެއީ ޤައުމުގެ މުއްސަނދިކަމޭ، ހައެއްކަ މީހުންގެ އެކަނި ޙައްޤެއް ނޫނޭ ބުނަން ފަށާނެ.“

”އަހަރުމެން ބޭރަށް ކިޔަވަން ފޮނުވަން ވާނީ އަހަރުމެންގެ ދަރީން. އެ ނޫން ކުދިން ކިޔަވަން ވާނީ މިލްހޭނިޔާގެ ތަޢުލީމީ މުޤައްރަރަށް މިލްހޭނިޔާގައި. އެ މުޤައްރަރު ހަދަން ފަންޑު ކުރާނީ އަހަރުމެން. އޭގައި ހުންނާނީ އަހަރުމެން ބޭނުން ވާހަކަ ތަކަކާއި ޚިޔާލުތައް.  ބޭނުމަކީ މިހައިރު މިއޮތް ގޮތް ދެމެހެއްޓުމާއި، އަހަރުމެންގެ ދަރީންގެ ދަށުގައި މަސައްކަތް ކުރާނެ ނޯކަރުންތަކެއް އުފެއްދުން.“ އަނދިރި ގޮޅިޖެހި ގަމީސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

”އެކަމަކު…. އެކަމަކު މިހައިރުވެސް ވަރަށް ނުކިއްސަރު ޚިޔާލުގެ ބައެއް ޒުވާނުން އެބަ އެއްްވެޔޭ! މަށަށް އެނގެޔޭ! ތިޔަ ވާހަކަ ދައްކަން މިހައިރު މާލަސްވެއްޖެހެން ހީވަނީ.“ އަނދިރި ކުލައެއްގެ ޝޭރުވާނީ ކޯޓެއް ލައިގެން އިން މީހަކު ފިސް އަޑަކުން ބުނެލިއެވެ.

”ލަހެއް އަދި ނުވޭ!“ މިއަޑު އައީ މޭޒުދޮށުގައި ތިބި މީހުންގެ ތެރެޔަކުން ނޫނެވެ. ކޮޓަރި ތެރެއިން ކުއްލިޔަކަށް ދުވަންފެށި ފަރުހަކި ވަހަކާއި، ވައިގައި އުފެދުނު ތެތްފިނިކަމަކާއެކު، އެ އަޑު އެ އައީ ކޮޓަރީގެ އެންމެ އަނދިރި ކަނުގެ ތެރެއިންނެވެ. އަޑުގައި ހުރި ބަރުކަމާއި ތޫނުކަމާއެކު، ބުނަން ނޭނގޭކަހަލަ އިޙުސާސެއް އެތާ ތިބި ކޮންމެ މީހެއްގެ ކަންފަތާ ހަަމަޔަށް އައިސް، ގަނޑުފެނަށްވުރެވެސް ފިނި އަތަކުން އެއިން ކޮންމެ މީހެއްގެ ހިތުގައި ފިރުމައިލިހެން ހީވިއެވެ.

“އަހަރެން މިއީ ކާކުތޯ، މިތަނަށް އައީ ކިހިނެއްތޯ، އަހަރެން މިތަނަށް އައުމުގެ މަޤްޞަދަކީ ކޮބައިތޯ… މިކަހަލަ ސުވާލުތަކެއް އަހަރެންނާ ކޮށްގެން ނުވާނެ!” އަނދިރިގަނޑުގެ ތެރެއިން އައި އަޑުގައި ހުރީ ހަރުކަށި ކަމާއި އަމުރުވެރިކަމެވެ. ”އަހަރެންނަކީ ކަލޭމެން އެންމެންގެ މުއްސަނދި ކަމާއި، ބާރުވެރި ކަމާއި، ނުފޫޒާއި މިހުރިހައި އެއްޗެއްގެ އަސަރު ނުކުރާ ހިސާބުގައި ހުރި… ކަލޭމެންގެ ރަޙުމަތްތެރިޔެއް. އެ ވަރުން ކަލޭމެނަށް ފުދޭނެ!“

”ދެން… ކީއްވެތޯ އަދި ވަގުތު އޮތީ؟ ލަސްނުވަނީ؟“ މޭޒުދޮށުގައި ތިބި މީހުންކުރެ އެންމެ ކެރޭ މީހާ ހިތްވަރުކޮށްފައި އަނދިރި ކަނާ ދިމާޔަށް ސުވާލެއް ފޮނުވައިލިއެވެ.

“އާނ! އަޑުއަހާ!” އަނދިރިގަނޑުގެ ތެރެއިން އަޑު އައެވެ. ”ކަލޭމެން މިހައިރު ވިސްނައިގެން ކުރަންވީ ކަމަކީ މިލްހޭނިޔާގެ މުއްސަނދިކަމާ ދޭތެރޭ ކިޔަވައިގެން ތިބި ޒުވާނުން ވިސްނަން ފުރުޞަތު ނުލިބޭ ގޮތް ހަދަންވީ! މިލްހޭނިޔާގެ ޒުވާނުން ހޭލައި ތިބޭ ކޮންމެ ވަގުތެއްގައި އެމީހުން އެ ކަންތައްތަކަކާ ދޭތެރޭ ޚިޔާލު ކުރުމާއެކު އެ މީހުންގެ ތެރެއިން ކޮންމެ ދޭދޭ ދެމީހެއްގެ ދެމެދުގައި ޚިޔާލު ތަފާތުވާ ކަހަލަ ޚިޔާލުތައް އެމީހުންގެ ތެރެޔަށް ފަތުރަންވީ. އެ ކަންކަމާ މެދު ފިކުރު ކުރަން ފަށައިފިއްޔާ ތަފާތު ފިކުރުތަކުގެ ހަނގުރާމަޔަކަށް ވާވަރުގެ ފިކުރުތައް އުފައްދައި، އެމީހުންގެ ތެެރެޔަށް އެ ފިކުރުތައް ދޫކޮށްލަންވީ! ވެދާނެ ބާ؟“

”ތި ޚިޔާލު ފަހުމު ވެއްޖެ. އެކަމަކު ކޮންކޮން ކަހަލަ ދާއިރާޔަކުންބާ އެ ކަންކަމަށް ޢަމަލީ ސިފައެއް ގެނެވެނީ؟“ މި ސުވާލު ކުރީ ގޮޅިޖެހި ގަމީހެވެ.

”މިލްހޭނިޔާ ޔަކީ ތަފާތު އެކި ދީނުގެ، ތަފާތު އެކި މަޒުހަބުގެ މީހުން މިހައިތަނަށް ޞުލްޙަވެރިކަމާއެކު އެކުގައި އުޅެމުން އައިސްފައިވާ ތަނެއް. ދީން ތަކުގެ ތެރެއިން އެއް ދީނުގެ އަހުލުވެރީން އަނެއް ދީނުގެ އަހުލުވެރީންނާ ޖެހޭ ކަހަލަ ޚިޔާލުތައް ފަތުރަންވީ. އެއް ދީނުގެވެސް ތަފާތު މަޒުހަބު ތަކުގެ މެދުގައި ޚިޔާލު ތަފާތުވެގެން އަރައިރުން ވާވަރު ކުރަންވީ. މުއްސަނދީން ފަޤީރުންނާ ދޭތެރޭ ވީހައިވެސް ދެރަ ގޮތްގޮތަށް ޢަމަލުކޮށް، މުޖުތަމަޢުގެ އެންމެހައި އުފާ ތަކުން ނުފޯރާ މީހުން ބާކީކޮށް، ފަޤީރުކަމަކީ ދުނިޔޭގެ އެންމެހައި އުފަލަކުން އިންސާނާ ބާކީކޮށްލާ އެއްޗެއްކަން އެންމެނަށް ދައްކައި، ހެވާއި ނުބަޔަށް ނުބަލައި، ކޮންމެ ގޮތަކުން ނަމަވެސް މުދަލާއި ފައިސާ ގާތަށް އެއްކުރަން ދަންނަ މީހާޔަކީ ކާމިޔާބު މީހެއް ކަމަށް ދައްކަންވީ. ދުނިޔޭގެ އެހެން ތަންތާނގައި އިންސާނީ ޙައްޤު ކަމަށް ކިޔާ ކޮންމެ އެއްޗަކާއި ކަމަކީ ނިކަމެތީން ބާރުވެރީންނަށް ސަލާންޖަހައިގެން ހޯދާ ލަގްޒަރީ އެއްޗަކަށް ހަދަންވީ. ހައިފިލުވައިލަން ބަނޑަށް ލާ ޕާން ފޮތިން ފެށިގެން ނޭވާލާ ވައި ފޮދަކީވެސް ނުފޫޒުވެރިޔެއްގެ ޞަދަޤާތުން، ނޫނީ ދީލަތިކަމުން، ނޫނީ ހިތްހެޔޮކަމުން ނޫނީ ނުލިބޭ އެއްޗެއްކަން ޢަމަލީ ގޮތުންް ސާބިތު ކޮށްދޭންވީ. އެ ހިސާބުން ތިޔަ ބުނާ ޒުވާނުން ވިސްނާނީ އެކަންކަމާ. އެމީހުންނަކަށް ވަގުތެއް ނުވާނެ އެހެން ކަމަކާ ވިސްނާކަށް!“ ފަރުހަކި ވަހާ އެކު އައި ފިނި ފިނި އަޑުން މި ޖުމުލަތައްވެސް ކޮޓަރިތެރެޔަށް ފަތުރައިލައިފިއެވެ.

”ތިޔައީ ހައުދަހައި ބަރާބަރު ޚިޔާލުފުޅެކޭ! މަނިކުފާނުން ތިޔައީ ކޮން ބޭކަލެއްތޯ؟“ ކަޅުގަމީހަށް މަޑުން ނުއިނދެވިގެން އަހައިލެވުނެވެ.

”އަހަރެން މިއީ ކާކުކަން ކަލެޔަކަށް މިހައިރަކު ނޭނގޭނެ. އެކަމަކު ކުޑަކޮށް ވިސްނައިލައިފިއްޔާ ފަހުން އެނގޭނެ. އަހަރެން މިއީ ކާކުތޯ ބެލުމަށްވުރެ ކަލެޔަށް، އަދި ކަލޭމެން އެންމެނަށްވެސް، މިހައިރުން ފެށިގެން މުހިންމު ވާންޖެހޭނީ އަހަރެން މި ދިން ނަސޭހަތް. ކަލޭމެން އެންމެންނަކީ އަހަރެންގެ މީހުން. ދެން ވިސްނާ! އަހަރެން ދެން މިދަނީ!“

ޓަސްލައިފައި އިވުނު އަޑަކާއެކު، ކޮޓަރިތެރެ ކުޑަކޮށް ހޫނުވެލައިފިއެވެ. ކޮޓަރި ތެރޭގައި ހުރި ފަރުހަކިވަސް ވެސް ފިލައިފިއެވެ. ކަރަންޓު ސަމޭދާނުގެ އަލިވެސް ކުޑަކޮށް ގަދަވެލިހެން ހީވިއެވެ. އެއީ ކޮޓަރީގެ އަނދިރި ކަނެއްގައި މީހަކު ހުރިއްޔާ އެކަން އެނގޭ ވަރަށެވެ.

ޖަލްސާ ފެށެން ގާތްވެގެން އައި އިރު، ކޮޓަރީގައި ތިބި ހައެއްކަ މީހުން އެކަކު އަނެކަކާ ދިމާޔަށް ބަލައިލިއިރު، އެ މީހަކު އެއިރުވެސް އިން ތަނެއްގައި މިހައިރުވެސް އެބަ އިނެވެ. ޖަލްސާ ފެށުނު ފަހުން ކޮޓަރީގެ ދޮރު ހުޅުވައިފައި މީހަކު ވަން އަޑެއް ނުއިވި، މީހަކު އަލުން ނިކުމެގެން ދިޔަ އަޑެއްވެސް ޢަމުދުން ނުއިވި، ކޮންމެވެސް… ރައްޓެއްސެއް… އެމީހުންނާ މުޚާޠަބްކޮށް، ވާހަކަ ތަކެއް ދައްކައިފައި ހިނގައްޖެއެވެ. އެއީ ކާކު ކަމެއް، ކިހިނެއް އެތަނަށް ވަން މީހެއް ކަމެއް އެވަގުތަކު އެއިން އެއްވެސް މީހަކަށް ނޭނގުނެވެ. އެހެންނަމަވެސް، އެއީ ކާކުކަން އޭގެ ތެރެއިން އެކި މީހުންނަށް ވިސްނުނީ އެކި ގަޑީގައެވެ.

އިންޑިޔާކަނޑުގެ މެދަށްވުރެ ހުޅަނގު ދެކުނަށް ޖެހިލައި، މަޑަގަސްކަރަޔާއި މޮރިޝަސްއާ އެހައި ދުރު ނޫން ހިސާބެއްގައި އޮންނަ މިލްހޭނިޔާ އޭ ކިޔޭ ޤައުމުގެ ވެރިރަށް ކަމަށްވާ ސަޕޯންގެ އަގު ބޮޑު، އަދި ހައިބަތުވެސް ބޮޑު ހޮޓަލެއްގެ ޖަލްސާކުރާ އެންމެ ބޮޑު އެއް ކޮޓަރީގައި ބޭއްވުނު ޚާއްޞަ ޖަލްސާ ނިމިއްޖެއެވެ. ޖަލްސާގައި ބައިވެރިވި ހައެއްކަ ޢިއްޒަތްތެރީން އެމީހަކު އެމީހެއްގެ ތަނަވަސް ދިރިއުޅުމުގެ މައި ޖަގަހަޔަށް އަނބުރާ ހިނގައްޖެއެވެ. މިލްހޭނިޔާގެ މުސްތަޤުބަލު އަދިވެސް އޮތީ އެމީހުންގެ މުށުތެރޭގައިކަން ޔަޤީންކުރަމުންނެވެ.