...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 6

ހަވަނަ ސިފަ: މައިންބަފައިންނަށް ހެޔޮކޮށް ހިތުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ސިފައެވެ. އެއާއި ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

މިހެނީ ދަރީންގެ ކާމިޔާބުވަނީ ވަނީ މައިންބައިންގެ ރުހުމުގެ މައްޗަށެވެ. މާތްاللَّه ރުއްސުންލެއްވި أبو هُرَيْرَة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ތިން ބައެއްގެ دعاء مُسْتجَاب ވެގެންވެއެވެ. އެކަމުގައި އެއްވެސް شكއެއް ނެތެވެ. އެއީ އަނިޔާލިބިގެންވާ މީހާގެ دعاء އާއި ދަތުރުވެރިޔާގެ دعاء އާއި މައިންބަފައިން ދަރީންގެ މައްޗަށް ކުރާ ބަދު دعاء އެވެ.

ސިޔާސީ ލީޑަރެއްގެ ލަނޑުދަނޑިއަކީ މީސްތަކުންގެ ރުހުން ހޯދުމެވެ. އަދި މީސްތަކުންގެ ރުހުން ލިބޭހުށީ ﷲގެ ރުއްސެވުން އެމީހަކަށް ލިބުމުންނެވެ. އެހެންކަމުން މައިންބަފައިން ނުރުހޭ ކަންތަކުން ދުރުހެލިވާންޖެހެއެވެ. އެއީ الله ގެ ނުރުއްސެވުމަށް ހުށަހެޅި ދާނެތީއެވެ. رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. (رضا الرب في رضا الوالد، وسخط الرب في سخط الوالد) [الترمذي] މާނައީ :- الله سبحانه  وتعالى  ގެ ރުއްސެވުން ލިބުންވަނީ މައިންބަފައިންގެ ރުހުމުގެ މައްޗަށެވެ. އަދި الله ގެ ކޯފާ އަށް ހުށަހެޅިގެން ދިއުންވަނީ މައިންބަފައިންގެ ކޯފާގެ މައްޗަށެވެ.

رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. (من أرضى والديه فقد أرضى الله، ومن أسخط والديه فقد أسخط الله)البخاري. މާނައީ:- އެމީހެއްގެ މައިންބަފައިން ރުއްސާފި މީހާ ހަމަކަށަވަރުން الله سبحانه  وتعالى ގެ ރުއްސެވުން ހާސިލުކޮށްފިއެވެ. އަދި އެމީހެއްގެ މައިންބަފައިން ރުޅިއަރުވާފި މީހާ ފަހެ ހަމަކަށަވަރުން الله سبحانه وتعالى ގެ ކޯފާއަށް ހުށަހެޅިގެން ފިއެވެ.

ދަރިއެއްގެ ކިޔަމަންތެރިކަމުގެ ނަމޫނާ މިސާލެއް

إسماعيل عليه السلام  އަކީ އެހިނދު ތުއްތު ބޭފުޅެކެވެ. މައިންބަފައިން ދެކެ ނުލާހިކު ލޯބިވެއެވެ. އަދި އެމީހުންނަށް ކިޔަމަން ތެރިކަން އަދާކުރައްވައެވެ. އަދި އެމީހުންނަށް ހެޔޮކޮށް ހިތްތަވައެވެ. އެގޮތުގެ މަތީ ދެމިހުންނަވަނިކޮށް އެއް ދުވަހަކު ބައްޕާފުޅު إبراهيم عليه السلام ވަޑައިގަތެވެ. ނުލާހިކު އުނދަގޫވެފައި މީސްތަކުން އަޖާއިބުވާ ފަދަ އަދި ބިރުން ފިތްކެޑޭވަރުގެ ބޮޑު ކަމަކަށް އެދިވަޑައިގަތެވެ. ވިދާޅުވިކަ މަށް قرآنގައިވެއެވެ. (قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَىٰ ۚ ﴿الصافات١٠٢﴾ މާނައީ:- އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربانކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ!

ޖަވާބުގައި إسماعيل عليه السلامގެފާނު الله ގެ މިންވަރުފުޅަށް ރުހިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. (قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ ﴿الصافات١٠٢﴾ މާނައީ:- އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمرކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.

އެގޮތަށް ޖަވާބު ދެއްވަމުން إسماعيل عليه السلام މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާ ކުރެއްވުމުގެ ފުރިހަމަ ނަމޫނާ ދެއްކެވިއެވެ. ދެން إبراهيم عليه السلام، ހަންޖަރު ނަންގަވައިގެން، إسماعيل عليه السلام، ذبح ކުރެއްވުމަށް އުޅުއްވ ވަގުތު، މާތް الله سبحانه وتعالى އުޑުން މަލާއިކަތް ބޭކަލަކު ފޮނުއްވެވިއެވެ. އަދި އެ  ملائكة އާގެ އަތްޕުޅުގައި إسماعيل عليه السلام ގެ ބަދަލުގައި ކަތިލެއްވުމަށް ކަންބަޅި ބަކަރިއެއް ފޮނުއްވެވިއެވެ. އެހެންކަމުން إسماعيل عليه السلام ގެ ބަދަލު إبراهيم عليه السلام އެ ކަންބަޅި ބަކަރި ކަތިލެއްވިއެވެ. އެކަމުގެ މައްޗަށް الله وحى ބާވައި ލެއްވެވިއެވެ. وحى ކުރެއްވިއެވެ. ( وفديناه بذبح عظيم) [الصافات: 107]. މާނައީ:- އަދި قدرބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.

މައިންބަފައިންނަށް ކިޔަމަން ގަތުމަކީ ކޮބާހެއްޔެވެ؟

އެއީ އެދެމީހުންނަށް أحسان ތެރިވުމެވެ. އަދި އެދެމީހުންނަށް ކިޔަމަން ތެރިކަން އަދާކުރުމެވެ. އަދި އެދެމީހުންނަށް އެހީތެރިވުމެވެ.

މައިންބަފައިން ދުނިޔޭގައި ތިބޭ އިރުގައްޔާއި އަދި މަރުވުމަށްފަހު ވެސް އެދެމީހުންނަށް إحسان ތެރިވުމަކީ دينى واجب އެކެވެ.

މާތް الله وحى ކުރެއްވިއެވެ. (وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا) ﴿ الإسراء ٢٣﴾ މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُفވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

މާތް الله وحى ކުރެއްވިއެވެ. (وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا )﴿ النساء٣٦ ﴾ މާނައީ: ތިޔަބައިމީހުން، اللَّهއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيمންނަށާއި، مسكينންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށް ފެނި، ބޮޑާވެގެން އުޅޭ މީހަކު ކަމުގައި ވެއްޖެ މީހަކު ދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

މާތް الله وحى ކުރެއްވިއެވެ. (وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ) ﴿ لقمان١٤ ﴾ މާނައީ:- އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرةއަށެވެ.

މައިންބަފައިން މަރުވުމަށްފަހު އެމީހުންނަށް أحسان ތެރިވާނެގޮތް

މައިންބަފައިން މަރުވުމަށްފަހު އެމީހުންނަށް أحسان ތެރިވާނީ ކިހިނެއްތަ؟ މައިންބަފައިން މަރުވެފައިވާނަމަ އެމީހުންގެ ރުހުން ހޯދާނެ ގޮތްތައް މިވަނީއެވެ.

ފުރަތަމައީ: މައިންބަފައިންނަށް ފާފަފުއްސެވުމަށާއި رحمة ލެއްވުން އެދި دعاء ކުރުން

ކޮންމެ މުސްލިމެއްގެ މައްޗަށް އެމީހެއްގެ މައިންބަފައިންނަށް رحمة ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަށް މާތް الله سبحانه وتعالى އިރުޝާދު ދެއްވައެވެ. وحى ކުރެއްވިއެވެ. (رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿ إبراهيم ٤١﴾ މާނައީ :- އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائمވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمنތަކުންނަށް ފާފަފުއްސަވާނދޭވެ!

އަދި އެ صحَابي (އެބަހީ މާތްالله ރުއްސުންލެއްވި أَبو هُريرة) ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން رَسُول اللَّهِ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. އާދަމުގެ ދަރިޔާ މަރުވުމުން ތިންކަމެއް ފިޔަވައި އެމީހާގެ އެންމެހާ عملތައް ކެނޑިގެންދެއެވެ. އެއީ ހިނގަ ހިނގައި ހުންނަ صَدقَة އެއްކޮށްފައިވާނަމަ އެކަމުގެ ثوابއާއި އެމީހާ ފައިދާ ދެނިވި علمއެއް ދޫކޮށްފައިވާނަމަ އެކަމުގެ ثواب އާއި އެމީހާގެ صالح ދަރިއަކު ހުރެގެން އެދަރި އެމީހާއަށް ކުރާ دعاء އެވެ.

ދެވަނައީ: މައިންބަފައިންނަށް ހެޔޮ ޖަޒާ ލިބުން އެދި ކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ކުރުން

وعَنْ عائِشَةَ رَضيَ اللَّهُ عَنْهَا أَنَّ رَجُلاً قال للنَّبيِّ صَلّى اللهُ عَلَيْهِ وسَلَّم إنَّ أُمِّي افتُلتَتْ نَفْسُهَا وَأُرَاهَا لو تَكَلَّمَتْ ، تَصَدَّقَتْ ، فَهَل لهَا من أَجْرٌ إن تصَدَّقْتُ عَنْهَا ؟ قال : « نَعَمْ ». متفقٌ عليه .

މާތްاللَّه ރުއްސުންލެއްވި عائِشَةގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ބޭކަލަކު نبيއާ صَلّى اللهُ عَلَيْهِ وسَلَّم ގެ އަރިހުގައި ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންނަގެ މަންމަ ވަނީ ކުއްލި މަރަކުން ނިޔާވެގެން ގޮސްފައެވެ. އަދި ތިމަންނައަށް ވިސްނޭގޮތުގައި މަންމަ އެވަގުތު ވާހަކައެއް ދެއްކިނަމަ صدقة ކުރުމަށް ބުނީހެވެ. ވީމާ އޭނާގެ ފަރާތުން ކުރެވޭ صدقةއެއްގެ މައްޗަށް އޭނާއަށް ހެޔޮ ޖަޒާ ލިބެވޭނެތޯއެވެ؟ حديث ކުރެއްވިއެވެ. އާދޭހެވެ.

ދަނެއު، މައްޔިތާއަށް ދަރީންގެ ފަރާތުންކުރެވޭ ދުޢާއި، ޞަދަޤާތާއި، ޙައްޖުގެ އަޅުކަން ވާޞިލުވާކަމަށް  އިޖުމާޢު ލިބޭ ކަމަށް އަލްއިމާމު ނަވަވީ ވިދާޅުވެއެވެ. (تحفة المحتاج 7/72)

ތިންވަނައީ: މައިންބަފައިންގެ رحمة ތެރީންނަށް ކަމޭހިތުން.

عن ابن عمر رضي اللَّه عنهما أَن النبي صَلّى اللهُ عَلَيْهِ وسَلَّم قال : « إِن أَبرَّ البرِّ أَنْ يصِلَ الرَّجُلُ وُدَّ أَبِيهِ ». މާނައީ: މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި ابن عمر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން نبي އާ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވެވިއެވެ. މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެމަތިވެރި ދަރަޖައިގެ ތެރޭގައި ވަނީ މީހާ އޭނާގެ މައިންބަފައިންގެ އެކުވެރީންނަށް ހެޔޮކޮށް ހިތުމެވެ.

މާތް الله ރުއްސުންލެއްވި ابو عبد اللَّهِ بن دينارٍ، މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّه بن عمر ގެ ކިބައިން ރިވާކުރެއްވެވިއެވެ. ހަމަކަށަވަރުން عربންގެ ރަށްފުށުގެ މީހަކު عبد اللَّه بن عمرއާއި މައްކާގެ މަގުން ބައްދަލުވިއެވެ. ފަހެ عبد اللَّه بن عمر އެމީހާއަށް ސަލާމް ކުރެއްވެވިއެވެ. އަދި ސަވާރު ވެވަޑައިގެން އިންނެވި ހިމާރުގެ މައްޗަށް އެމީހާ ސަވާރުކުރެއްވިއެވެ. އަދި ބޮލުގައި ތުރުކުރައްވާފައި އޮތް ފަގުޑިކޮޅު ނަންގަވާ އެމީހާގެ ބޮލުގައި އެޅުމަށް ދެއްވިއެވެ. عبد اللَّهِ بن دينار ވިދާޅުވިއެވެ. ފަހެ ތިމަންމެން عبد اللَّه بن عمرއަށް ދެންނެވިއެވެ. (މާތްالله ތިބާއަށް އިތުރު ހެޔޮ ކަންތައް ތަކަށް توفيق ދެއްވާށިއެވެ.) ހަމަކަށަވަރުން ރަށްފުށުގެ މީހުންނަށް ތިޔަށްވުރެ މަދުއެތިކޮޅެއް ދެއްވި ނަމަވެސް ފުދުނީހެވެ. ފަހެ عبد اللَّه بن عمر ވިދާޅުވިއެވެ. ހަމަކަށަވަރުން އެމީހާއަކީ މާތްالله އެކަލޭގެފާނަށް ރުއްސުންލެއްވި (ތިމަންގެ ބައްޕާފުޅު) عمربن اخطاب ގެ ގާތް އެކުވެރިއެކެވެ. އަދި ހަމަކަށަވަރުން رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. ހަމަކަށަވަރުން  މައިންބަފައިންގެ ރަހުމަތްތެރީންނަށް ކަމޭހިތުމަކީ މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެ މަތިވެރި ދަރަޖައިގެ ތެރެއިންވާ ކަމެކެވެ.

ހަތަރުވަނައީ: މައިންބަފައިންގެ عهد ތައް ފުރިހަމަ ކުރުމެވެ.

މާތްالله ރުއްސުންލެއްވި ابوأُسَيْد مالكِ بنِ ربِيعَةَ السَّاعِدِيِّގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ތިމަންމެން رسول اللَّه صَلّى اللهُ عَلَيْهِ وسَلَّمގެ އަރިހުގައި އިށީނދެގެން ތިބި ވަގުތެއްގައި بنو سَلَمة ވަންހައިގެ މީހަކު ދިޔައެވެ. ފަހެ ދެންނެވިއެވެ. އޭاللهގެ ރަސޫލާއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ތިމަންނަ ކުރަންޖެހޭނެ ކަމެއް އެމީހުން މަރުވުމަށްފަހުގައި އޮންނާނެހެއްޔެވެ؟ އެކަލޭގެފާނު حديث ކުރެއްވެވިއެވެ. އާނއެކެވެ. އެދެމީހުންނަށް ހެޔޮދުޢާކުރުމެވެ. އަދި އެ ދެމީހުންނަށް اسْتِغْفَار ދެންނެވުމެވެ. އަދި އެދެމީހުން ނެތުމަށްފަހު އެދެމީހުންގެ عَهْدތައް ފުއްދުމެވެ. އަދި އެދެމީހުންގެ ސަބަބުން މަގުފަހިވެފައިވާ ތިމާގެކަމުގެ ގުޅުން ބަދަހިކުރުމެވެ. އަދި އެދެމީހުންގެ ރައްޓެހީންނަށް ކަމޭހިތުމެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ފައިދާ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބޮޑުވެގެންވާ އަޅުކަމެކެވެ. އެކަމުގެ ދަރުމަ الله  ގެ حضرة ގައި އެހާމެ ބޮޑުވެގެން ވެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ عمل ތަކުގެ ތެރެއިން އެންމެ މާތް ވެފައި އަދި الله  ގެ حضرة ގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ عمل އެވެ. نبي އާ  صلى الله عليه وسلم ގެ އަރިހުން سوال ދެންނެވުނެވެ. މާތްالله ރުއްސުންލެއްވި ابو عبد الرحمن عبد اللَّه بن مسعود ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. نبي އާ صَلّى اللهُ عَلَيْهِ وسَلَّم ގެ އަރިހުން ތިމަންނަ ސުވާލު ކުރެއްވީމެވެ. الله އަށް އެންމެ ލޯބިވެތިކަން ބޮޑުވެގެންވާ عملކީ ކޮބާހެއްޔެވެ؟ حديث ކުރެއްވެވިއެވެ. ނަމާދު އޭގެ ވަޤުތުގައި އަދާ ކުރުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ. حديثކުރެއްވެވިއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮން ކަމެއްތޯއެވެ؟ حديث ކުރެއްވެވިއެވެ. الله ގެ މަގުގައި جِهَادُ ކުރުމެވެ.

ސުވަރުގެ ލިބުންވަނީ މައިންބަފައިންނަށް ޚިދުމަތްކުރުމުގައެވެ. އެއް ދުވަހަކު ބޭކަލަކު نبي އާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި جهاد އަށް ނިކުތުމަށް ހުއްދައަކަށް އެދިވަޑައިގަތެވެ. އެހިނދު އެ ބޭކަލަކު ކުރެން އެއްސެވިއެވެ. ތިބާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިބިހެއްޔެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ! حديث ކުރެއްވިއެވެ. އެދެމީހުންނަށް خدمة ކުރުމުގައި جهاد ކުރާށެވެ.

މާތްالله އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّه بن عمرو بن العاص ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ބޭކަލަކު ސަލާމާއި ސަލަވާތްލެއްވި نبيކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. ފަހެ ދެންނެވިއެވެ. الله ގެ حضرةން ހެޔޮ اجر ލިބިގަތުމަށްޓަކައި هِجرة ކުރުމަށާއި جِهَاد  ކުރުމަށް ނިކުތުމަށް ކަލޭގެފާނަށް بيعةހިފަން ބޭނުމެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. ތިބާގެ މައިންބަފައިންގެ ތެރެއިން މީހަކު ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ. އަދި ކީއްތޯއެވެ. އެދެމީހުންވެސް އެބަ ތިއްބެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. އެހެންވެއްޖެއްޔާ ތިބާގެ މައިންބަފައިންގެ ގާތަށް އެނބުރި ދާށެވެ. ފަހެ އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ.

وفي روايةٍ لهُما : جاءَ رجلٌ فاسْتَأْذَنُه في الجِهَادِ فقال:« أَحيٌّ والِداكَ ؟ قال: نَعَمْ ، قال:« ففِيهِما فَجاهِدْ» . އަދި  بخاري އާއި مسلمގެ روايةއެއްގައި ވެއެވެ. ބޭކަލަކު ވަޑައިގެން جِهَادއަށް ނިކުތުމަށް ހުއްދައަކަށް އެދުނެވެ. ފަހެ حديث ކުރެއްވިއެވެ. ތިބާގެ މައިންބަފައިން ދުނިޔޭގައި އެބަތިބިހެއްޔެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. އެދެމީހުންނަށް خدمة ކުރުމުގައި جِهَاد ކުރާށެވެ.

މައިންބަފައިންނަށް أحسان ތެރިވުމަކީ جهاد ކުރުމުގެ ދަރަޖަ ހާސިލުވާ ކަމެކެވެ. އެއް ދުވަހަކު މީހަކު نبي އާ  صلى الله عليه وسلم ގެ އަރިހަށް އައެވެ. އަދި ދެންނެވިއެވެ. ތިމަންނަ ޖިހާދު ކުރުމަށް ޝައުގުވެރިވަމެވެ. ނަމަވެސް ތިމަންނަގެ އަތުގައި އެފަދަ ތަނަވަސް ކަމެއް ނެތެވެ. އެހިނދު އެކަލޭގެފާނު އެމީހުން ކުރެން އެއްސެވެ. ތިބާގެ މައިންބަފައިންކުރެ މީހަކު ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ. ތިމަންގެ މަންމަ އެބަހުއްޓެވެ. حديث ކުރެއްވިއެވެ. ތިބާ އެކަބުލޭގެއަށް ހެޔޮކޮށް ހިތުމުގެ توفيق އަށް އެދި الله އަށް دعاء ކުރާށެވެ. އެއިރުން ތިބާ حج ކުރިމީހެއް ފަދައެވެ. އަދި عمرة ކުރި މީހެއް ފަދައެވެ. އަދި جهاد ކުރި މީހެއް ފަދައެވެ.

މާތް الله ރުއްސުންލެއްވި السيدة أسماء بنت أبي بكر (رضي الله عنها) ވިދާޅުވަތެވެ. رسول الله صلى الله عليه وسلم ގެ ދުވަސްވަރު ތިމަންގެ މަންމަ ތިމަން ގާތަށް ވަޑައިގަތެވެ. އެހިނދު އެކަމަނާ ހުންނެވީ مشرك އެއްގެ ގޮތުގައި އެވެ. ފަހެ ތިމަންނަ رسول الله صلى الله عليه وسلم އަށް ދެންނެވީމެވެ. ހަމަކަށަވަރުން ތިމަންނަގެ މަންމަ ތިމަންނާ ގާތަށް އައިސްފިއެވެ. އަދި ތިމަންނަގެ ފަރާތުން أحسان ތެރިކަމަށް ބޭނުންވާކަން ތިމްނަނައަށް އިހްސާސް ވެއެވެ. ވީމާ ތިމަންނަ ތިމަންނާގެ މަންމައާއި މެދު أحسان ތެރިވުން ކިހިނެއްތޯއެވެ؟حديث ކުރެއްވިއެވެ. އާއެކެވެ. ކަމަނާ ކަމަނާގެ މަންމައަށް أحسان ތެރި ވާށެވެ. (متفق عليه)

މައިންބަފައިންނަށް އުރެދުން

މައިންބަފއިންނަށް އުރެދުމަކީ حرام ކުރައްވާފައިވާ ކަމެކެވެ. އެގޮތުން އެދެމީހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމާ އެދެމީހުންގެ ކަންކަމާއި މެދު اهمال ވުމާއި އެދެމީހުންނަށް އުދަގޫވާގޮތަށް ބަސް ބުނުމަކީ الله ނުރުއްސަވާކަމެކެވެ. މާތް الله وحىކުރެއްވިއެވެ. އެކަލާނގެ ރަސްކަންފުޅަށް މެނުވީ، ތިޔަބައިމީހުން އަޅުކަންނުކުރުމަށާއި އަދި، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ނިޔާކުރައްވައި، އެންގެވިއެވެ. އަދި، މައިންބަފައިންނާއިމެދު ހެޔޮކޮށް ކަންތައް ކުރުމަށާއި، އެދެމީހުންކުރެ ކޮންމެމީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ޙާލު، މުސްކުޅިކަމާއިހަމަޔަށް ފޯރައްޖެނަމަ އެދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ. (އެބަހީ، ފޫހިވުމުގެ، ނުވަތަ ހިތާނުވުމުގެ ކިތަންމެ ކުޑަބަހެއް ވިޔަސް ނުބުނާށެވެ.) އަދި، އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި، މާތް ދީލަތި ބަސް އެދެމީހުންނަށް ބުނާށެވެ. އޯގާވެރިކަމުގެ ސަބަބުން، ނިކަމެތިވުމުގެ ފިޔަ، އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި دعاء ކުރާށެވެ! ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޯއޭ! ކުޑަކުޑަކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ حالބަލައި ބޮޑުކުރި ފަދައިން އެ ދެމީހުންނަށް رحمة ލައްވާނދޭވެ.!

މައިންބަފައިންނަށް އުރެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. شرك ކުރުންފަދަ ބޮޑުފާފައަކާއި އެއް ދަރަޖައެއްގައި ހިމެނޭ ކަމެކެވެ. حديث އެއްގެ މާނައިގައި ވެއެވެ. މާތްالله ރުއްސުންލެއްވި ابو بكرةَ نُفيْع بنِ الحارث ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވެވިއެވެ. އެންމެ ބޮނޑު ފާފަތަކަކީ ކޮބައިކަން ތިޔަބައި މީހުންނަށް ބުނެދެން ހެއްޔެވެ. މިގޮތަށް ތިންފަހަރު حديثކުރެއްވެވިއެވެ. ތިމަންމެން ދެންނެވީމެވެ. އާދޭހެވެ. އޭ الله ގެ ރަސޫލާއެވެ. حديث ކުރެއްވެވިއެވެ. الله އަށް شريك ކުޅައުމެވެ. އަދި މައިންބަފައިންނަށް އުރެދުމެވެ. މިހިނދު އެކަލޭގެފާނު އިންނެވީ ދާންކޮޅެއްގައި ލެގިގެން އަރާމުގައިވާ ހާލުގައެވެ. ދެން އެއަށްފަހު ސީދާވެ އިށީދެވަޑައިގަތެވެ. ފަހެ حديث ކުރެއްވެވިއެވެ. ދަންނާށެވެ. އަދި ދޮގުހެދުމެވެ. އަދި ދޮގު ހެކި ދިނުމެވެ. ފަހެ އެކަލޭގެފާނު މިބަސްފުޅު ނުހުއްޓުވާ ތަކުރާރުކުރައްވާ ހުންނެވިލެއް ދިގުކަމުން ކޯފާއެއް އަތުވެދާނެ ކަމުގެ ބިރުހީވާތީ ތިމަންމެން ހިތާހިތާ ބުނީމެވެ. އެކަލޭގެފާނު ހަނު ހުންނަވައިފިނަމަ ކިހާ ރަނގަޅުތޯއެވެ.

މައިންބަފައިންނަށް އުރެދުމަކީ އެކަމުގެ ސުންޕާކަން އެމީހަކަށް ދުނިޔެ މަތީން ނުލިބި ނުދާނެ ކަމެއްކަން حديث ތަކުން ސާބިތު ވާކަމެކެވެ. رسول الله صلى الله عليه وسلم  حديث  ކުރެއްވިއެވެ. (كل الذنوب يؤخِّر الله منها ما شاء إلى يوم القيامة إلا عقوق الوالدين، فإن الله يعجله لصاحبه في الحياة قبل الممات) [البخاري މާނައީ:- މައިންބަފައިންނަށް އުރެދުން ފިޔަވައި އެހެން ހުރިހަ ފާފައެއްގެ މައްޗަށް ހިއްޕެވުން الله سبحانه وتعالى އެއިލާހު އިރާދަކުރައްވާގޮތެއްގެމަތީން ޤިޔާމަތްދުވަހާއި ހަމަޔަށް ފަސް ކުރައްވައެވެ. ނަމަވެސް މައިންބަފައިންނަށް އުރެދޭ މީހާ މަރުވުމުގެ ކުރީން މާތް الله سبحانه وتعالى އެކަމުގެ ސުންޕާކަން މެދުވެރި ކުރައްވައެވެ.