Support Us

ކޮލަމް: ވިނަވި

ހަސަން ފަރީދުގެ ފަހު ދަތުރު

އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޮއީގައި ރާއްޖޭގެ ވަޒީރުއް ދާޚިލިއްޔާ އަލް އަމީރު ހަސަން ފަރީދު ގެއްލުމަކީ ރާއްޖޭގެ ތާރީޚުގެ މިސްރާބު ހީވެސް ނުކުރާފަދަ އައު ގޯޅިއަކަށް އެނބުރުނު ހާދިސާއެކެވެ.

ހަސަންފަރީދަކީ އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެވަނަ ދަރިކަލުންނެވެ. މަންމައަކީ ނޫރައްދީނު ބަންޑާރައިންގެ ދޮންގޮމާއެވެ. އޭނާ އުފަންވީ 1901 ވަނަ އަހަރުގައެވެ. ތައުލީމު ހާސިލު ކުރެއްވީ ކޮޅުނބުގެ ރޯޔަލް ކޮލެޖުންނެވެ. އެއީ ސިލޯނުގެ އެންމެ މަތީ ފަންތީގެ އާއިލާތަކުގެ ކުދިން އެ ދުވަސްވަރު ކިޔަވައިހެދި މަދަރުސާއެވެ. އެ ދުވަސްވަރު އެ ކޮލެޖުން ރާއްޖޭގެ ގަނޑުވަރުތެރޭގެ އެހެން ބައެއް ބޭފުޅުން ވެސް ކިޔަވައިވިދާޅުވިއެވެ. އެއީ ޕްރިންސް ހަސަން އިއްޒައްދީނާއި މުހައްމަދު ފަރީދެވެ. ހަމަ އެ ދުވަސްވަރު މުހައްމަދު އަމީނު ވެސް ކޮޅުނބުގައި ކިޔަވައިވިދާޅުވިއެވެ. ނަމަވެސް އެހެން މަދަރުސާއަކުންނެވެ.

ތައުލީމީ ހަޔާތު ނިމިގެން ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ޕްރިންސް ހަސަން އިއްޒައްދީނާއި ދެ ފަރީދާއި އަމީންގެ މެދުގައި ވަރުގަދަ ސިޔާސީ ވާދަވެރިކަމެއް އުފެދުނެވެ. މި ވާދަވެރިކަމުގެ ފަހަތުގައި ތިއްބެވީ ޝަމްސުއްދީނު 3 ރަދުންނާއި އޭނާގެ ބާރުގަދަ ބޮޑުވަޒީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ފުރަތަމަ ރައުންޑުން ބަލިވެގެން ރޭހުން ބޭރުވީ ހަސަން އިއްޒައްދީނެވެ. އޭނާއާއި ބައްޕަ ފުވައްމުލަކަށް އަރުވާލެވުނީއެވެ. އަދި އެ ރަށުގައި 1938 ގައި އަވަހާރަވީއެވެ.

ރޭހުގައި ދެން ތިއްބެވީ ދެ ފަރީދާއި އަމީނެވެ. އެ ތަނުން ކުޅިފަސް އޮތީ ދެ ފަރީދަށެވެ. ރަންނަބަނޑޭރި ކިލެގެފާނުގެ އުފަން ބޭފުޅުންނަށް ވީތީއެވެ. މާ ގިނަ ދުވަހެއް ނުވެ ހަސަން ފަރީދުގެ ޤާބިލުކަމުން، އޭނާ ދޮށީ ބޭބެ މުހައްމަދު ފަރީދުގެ މައްޗަށް ކުރި ހޯއްދަވައިފިއެވެ. މުހައްމަދު އަމީނަށް އޮއިވަރު ހިނގަމުންދާގޮތް ވިސްނިވަޑައިގަންނަވާތީ ހަސަން ފަރީދުގެ އެހީތެރިއަކަށް ހުންނެވީއެވެ.

ހަސަން ފަރީދަކީ ރާއްޖޭގައި 1932 ވަނަ އަހަރުގެ ޑިސެމްބަރުގައި އިއުލާންކުރި ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ކެބިނެޓްގެ ވަޒީރުލް މާލިއްޔާއެވެ. އޭގެ ފަހުން 1933 ވަނަ އަހަރު އޭނައަށް ވަޒީރުއް ދާޚިލިއްޔާކަން ލިބުނެވެ.

އެއިރު ކަންކަން ހަމަޖެހިފައިވާ ގޮތުން ވަޒީރުއް ދާޚިލިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވަޒީރެވެ. މިކަމުގެ ފަހަތުގައިވާ ވިސްނުމަކީ 1887 ގެ އެއްބަސްވުމުގެ ދަށުން އިނގިރޭސީންނަކީ ރާއްޖޭގެ ޚާރިޖީ ކަންކަމުގެ ބާރުވެރި ފަރާތެވެ. (މީގެ އިތުރުން އެމީހުންނަށް ރާއްޖޭގެ ތަޚުތަށް އިސްކުރާ ރަސްކަލުންނަށް ރުހުންދިނުމުގެ ބާރު ވެސް އޮވެއެވެ.) ވީމާ ރާއްޖޭގެ ވެރިންނަށް އޮންނަނީ ދާޚިލީ ކަންކަން ހިންގުމުގެ އިޚުތިޔާރެވެ.

ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އައްޔަނުކުރެވުނު ވަޒީރުއް ދާޚިލިއްޔާއަކީ އަހުމަދު ކާމިލު ދީދީއެވެ. އޭނާއަށް ފަހު 1933 ގައި ހަސަން ފަރީދަށް ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތެވެ. އެހެން ގޮތަކަށް ބުނާނަމަ ރާއްޖެ ހިންގެވުމުގެ ބާރު ލިބިވަޑައިގަތެވެ. އެހާތަނުން ފެށިގެން، ކޮންމެ މަޤާމެއްގައި ހުންނެވިޔަސް އަމަލީގޮތުން ރާއްޖޭގެ ވެރިޔަކީ އެ މަނިކުފާނެވެ. ރަސްކަމުގައި އަދި ބޮޑުވަޒީރުކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް މިކަން އޮތީ މިގޮތަށެވެ. އެ ދުވަސްވަރަށް މީހުން ކިޔައި އުޅުނީ ވެސް ހަސަން ފަރީދުގެ ދައުރޭއެވެ.

ހަސަން ފަރީދުގެ ވެރިކަމަށް ރަސްމީ ކުލަ ޖެހުނީ އެ މަނިކުފާނު ރާއްޖެ ހިންގަވާތާ 8 އަހަރުފަހުން 31 ޖަނަވަރީ 1941 ގައެވެ. އެ ދުވަހު އޭނާއަށް ރާއްޖޭގެ އެންމެ މަތީ ވަލީ ލިބިވަޑައިގެންނެވިއެވެ. އެއީ ދާޚިލީ ވަޒީރުކަމުގެ އިތުރަށެވެ. ހަސަން ފަރީދު ގެއްލުމާ ހަމައަށް ވެސް އެ މަނިކުފާނު ހުންނެވީ އެ ދެ މަޤާމުގައެވެ.

އޭނާ ވަނީ 1942 ވަނަ އަހަރު ދާޚިލީ ކަންކަން ހިންގެވުން މުހައްމަދު އަމީނާއި ހަވާލުކުރެއްވުމަށް ފަހު ސިލޯނުގައި ހުންނަވާ ދައުލަތުގެ ރެޕްރެޒެންޓެޓިވް ކަމަށް ވަޑައިގެންފައެވެ. އެއީ ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ލިބޭ ކާބޯތަކެތި މަދުވުމުން އެކަމަށް ހައްލެއް ހޯއްދެވުމުގެ މަޤްސަދުގައެވެ. ސިލޯނުގައި ހުންނެވި އިރު ވެސް އޭނާއަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާއެވެ. އަދި ރާއްޖެއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރައްވަން ދޭތެރެދޭތެރެއިން ރާއްޖެއަށް ވަޑައިގަނެއެވެ. އެންމެ ފަހުން ވަޑައިގެންނެވީ މާރޗް 1944 ގައެވެ. އެ ފަހަރު ވަޑައިގެންނެވީ އައްޑުއަތޮޅުގައި ހިނގާފައިވާ ބަޣާވަތެއްގެ މައްސަލަ ތަހުޤީޤު ކުރައްވާށެވެ.

މިކަމަށް އޭނާ ދަތުރުކުރެއްވީ އެޗް.އެމް.އެސް. މާލޮއީގައެވެ. މާލޮއީއަކީ ޓްރޯލަރ ސައިޒުގެ ބޯޓެކެވެ. އޭގެ ދިގުމިނަކީ 35 މީޓަރެވެ. އޭގެ ވަޒަނަކީ 249 ޓަނެވެ. ބޯޓް ބަނދެފައިވަނީ ނޯރވޭގައި 1935 ގައެވެ. އިނގިރޭސި ނޭވީއަށް ބޯޓް ލިބުނީ 1941 ގައެވެ. ނޭވީގައި އެ ބޯޓްގެ ދައުރަކީ މައިން ސްވީޕަރެއްގެ ބައެވެ.

އެޗް.އެމް.އެސް. މާލޮއީއަކީ ކުރިން ވެސް ރާއްޖެއަށް އައިސްފައިވާ ބޯޓެކެވެ. އެންމެ ފުރަތަމަ އެ ބޯޓް ރާއްޖެއަށް އައީ 22 ފެބްރުވަރީ 1944 ގައެވެ. އައުމުގެ ބޭނުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަށް އައިސްހުރި ލެފްޓިނެންޓް ވޯކަރު ގޮވައިގެން ރާއްޖެތެރެއަށް ދަތުރުކުރުމެވެ. މާލޮއީގެ ފުރަތަމަ ދަތުރު އުތުރުގެ އަތޮޅުތަކަށް ފެށީ 25 ފެބްރުވަރީ 1944 ގައެވެ. ދަތުރުގެ ބައިވެރިންނަކީ މުހައްމަދު އަމީނާއި ވޯކަރެވެ. ޒިޔާރަތް ކުރެއްވި ރަށްރަށަކީ ފާދިއްޕޮޅު ނައިފަރާއި ހިންނަވަރާއި މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫއާއި މިލަދޫއާއި މާޅޮސްމަޑުލު ދެކުނު ބުރީ ދަރަވަންދޫއެވެ. އެ ދަތުރު ނިންމާފައި ތަފްސީލީ ރިޕޯޓެއް ހުށަހަޅާފައި ވެއެވެ. އެ ދަތުރަށްފަހު ރާއްޖޭގައި ކާބޯތަކެތީގެ ކަންކަން ހަމަޖެއްސުމަށް ޤާނޫނެއް ފާސްކުރެވުނެވެ.

އެ ދަތުރު ނިންމާފައި ކޮޅުނބަށް ދިޔުމަށްފަހު، ދެވަނަ ފަހަރު މާލޮއީ ރާއްޖެއަށް އައީ 12 މާރޗް 1944 ގައެވެ. އެ ދަތުރުގައި ކުރަން ނިންމާފައިވާ ކަމަކީ ކުރިން އެބޯޓް އުތުރުގެ އަތޮޅުތަކަށް ކުރި ކަހަލަ ދަތުރެއް ދެކުނުގެ އަތޮޅުތަކަށް ކުރުމެވެ. އެއިރު މާލެއަށް ވަޑައިގެން ހުންނެވި ހަސަން ފަރީދު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވިއެވެ. މަޝްވަރާކޮށްގެން ނިމުނު ގޮތަކީ މުހައްމަދު އަމީނުގެ ބަދަލުގައި ހަސަން ފަރީދު ދަތުރުގައި ވަޑައިގަންނަވާށެވެ.

މި ދަތުރުގައި ހަސަން ފަރީދު ނިންމެވީ އައްޑުއަތޮޅުން ފައްޓަވާށެވެ. އެއީ އައްޑޫގެ މަޝްރަހު ހޫނުވެފައި ވާތީވެ އެއްމެ ފުރަތަމަ އެ މައްސަލަ ހަމަޖެއްސެވުމެވެ. އެއިރު އައްޑުއަތޮޅުގައި ފެށިފައިވަނީ ނުރައްކާތެރި ގަޑުބަޑެކެވެ.  އެއީ ސަރުކާރުން އެ އަތޮޅުގެ ކަންކަން ބެލެހެއްޓުމަށް ފޮނުވާފައި ހުންނެވި ބުޗާ ހަސަން ކަލޭގެފާނާ އިދިކޮޅަށް ހިނގި ހަރަކާތެކެވެ. ދެކުނުގެ ދަތުރަށް މާލޮއީ މާލެއިން ފުރީ 16 މާރޗް 1944 ގައެވެ.

އައްޑޫގައި ކުރިއަށް ތިބި ވެރިން، ޚާއްސަކޮށް ހިތަދޫގެ ވެރިން މަސައްކަތްކޮށްފައިވަނީ އިނގިރޭސީންނާއި ރައްޔިތުންނާއި ދެމެދުގައި މުއާމަލާތުކުރަން ސަރުކާރުން އެކަށައަޅާފައިވާ ޤަވާއިދު އުވާލުމަށެވެ. އަދި އެ އަތޮޅުގައި އެ ޤަވާއިދު ހިންގަވަން ފޮނުއްވާފައި ހުންނެވި ބުޗާ ހަސަން ކަލޭގެފާނުގެ "ދުވަސް ދުއްވާލާށެވެ." (މުހައްމަދު އަމީންގެ ބަސްފުޅުން.) ހަސަން ފަރީދު ވަޑައިގެންނެވިއިރު ހަސަން ކަލޭގެފާނު ހުންނެވީ ހިތަދޫގައި ތިބި އިނގިރޭސީންގެ ހިމާޔަތް ހޯއްދަވައިގެންނެވެ. ހަސަން ފަރީދު އެ މައްސަލަ ތަހުޤީޤުކުރައްވައި ވަގުތީ ހައްލެއް ހޯއްދެވިއެވެ. (ފަހުން ކުރެއްވި ދަތުރެއްގައި މުހައްމަދު އަމީން މައްސަލަ އިތުރަށް ބައްލަވައި ކުށްވެރިވީ މީހުން މާލެ ގެންނަވައި ބުރީހަންނަގާފައި އަރުވާލެއްވިއެވެ. އެ މީހުންގެ ނަންތައް މި ޕޯސްޓްގައި ހާމަނުކުރީ އާއިލާތަކަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ.)

ދެކުނުގެ ދަތުރު ނިންމުމަށްފަހު މާލޮއީ ކޮޅުނބަށް މިސްރާބު ޖެހީ 26 މާރޗް 1944 ގައެވެ. ޖެހިގެން އައި 27 މާރޗްގައި މާލޮއީއަށް ޖަރުމަނުގެ ޔޫ 510 ސުބްމެރީނުން ދިން ޓޯރޕިޑޯ ހަމަލާއެއް އަމާޒުވެ ބޯޓް ފެތުނެވެ. އެއން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި ހަސަން ފަރީދާއި ވޯކަރާއި 26 ކްރޫ މެމްބަރުން ހިމެނުނެވެ.

ހަސަން ފަރީދު ގެއްލުމާ ގުޅިގެން ތުހުމަތުގެ އިނގިލިތަކެއް އޭރުގެ ބައެއް އިސް ބޭފުޅުންނާ ދިމާއަށް ދިއްކުރެވިފައިވެއެވެ. ނަމަވެސް މިއިން ތުހުމަތަކަށް ތާރީޚީ އެއްވެސް ހެއްކެއް ލިބިފައި ނެތެވެ. މީގެ އިތުރުން އެފަދަ ދަތި ދަނޑިވަޅެއްގައި ހަސަން ފަރީދު އަވަހާރަކޮށްލަން މީހަކު ރާވާފައިވުމަކީ ބުއްދި ގަބޫލުކުރާ ކަމެއްނޫނެވެ.