...

Support Us

ކޮލަމް: ވިނަވި

20 ވަނަ ޤަރުނުގެ މެދުތެރޭގައި އޮޅުދޫ ދަތުރުތައް

ވަރަށް ކުރީއްސުރެން ދިވެހީން އަމިއްލަ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް، ޚާއްސަކޮށް އޮޅުދޫކަރައަށް، ގޮސް އުޅުނެވެ. ބޮޑުތަކުރުފާނު ވާހަކާގައި ބުނާ ގޮތުން އެ ތަކުރުފާނުވެސް އެ ދަތުރު ކުރެއްވިއެވެ. އެއީ މީގެ 450 ވަރަކަށް އަހަރު ކުރިއެވެ. އެ ހިސާބުން ފެށިގެން މިހާތަނަށް ވޭތުވީ ދިގު ތާރީޚުގެ ތެރޭގައި ކަން ހިނގި ގޮތް ބަޔާން ކުރުމަކީ މި ކަހަލަ ކޮލަމެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. މި ކޮލަމްގައި މި ބަލައިލަނީ 1930 އާއި 1959 އާއި ދެމެދުގައި ހިނގި 30 އަހަރުގެ މައްޗަށް، އެންމެ ދެކުނުގެ ދެ އަތޮޅަށް އަމާޒުކޮށްގެންނެވެ.

އެ ދުވަސްވަރު ބޭރު ދަތުރުކޮށް އުޅުނީ އޮޑިފަހަރުގައެވެ. އެއީ ކޮންމެވެސް ވަރަކަށް ބިދޭސީ ނައުޒޯނގުފަހަރާއި ގާތްކުރާ ސިފައަކަށް ބަނދެފައި ހުރި އުޅަނދު ތަކެކެވެ. ދެކުނުގެ އަތޮޅުތަކުގެ އޮޑިފަހަރުގައި ނަގައިހެދީ ހަތަރެސްކަން ރިޔަލެވެ. އޮޑީގެ ދަތުރުތައް ކުރަނީ އަހަރަކު އެއް ފަހަރުއެވެ. އެހެންކަމުން ދަތުރު ނިމުނީމާ އަނެއް އަހަރުގެ މޫސުން އަންނަންދެން އޮޑިފަހަރު ހުންނަނީ އެހެލައިފައެވެ. އަދި  އޮޑީގެ ވަށައިގެން މުޑިޖަހައި ފަންފުރާޅުލައި ހަރުގެ ހަދައިފައެވެ.

ޖެހިގެން އަންނަ އަހަރުގެ އޮޑިދަތުރުގެ މޫސުން އައީމައި ދަތުރަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ އޮންނާނީ އޮޑިބޭލުމެވެ. އެކަން ކުރާނީ އަތަ، ހިތަ ނަކަތުގައެވެ. އޮޑި ބާލަން ތައްޔާރުވުމުގެ ގޮތުން އޮޑިން ގޮނޑުދޮށަށް ކޯރު ކޮނެއެވެ. އަދި ކޯރުގެ ހުރަހަށް ކަނދު އަޅައެވެ. ރަށުން ފުދޭވަރަށް ކަނދު ނުލިބެންޏާ ކައިރި އަތޮޅުތަކުން ވެސް ގެނެއެވެ. ބައެއް މީހުން ރުއްގުޅި ދެ ފަޅިއަށް ފަޅާލައިގެން ވެސް ކަނދުގެ ގޮތުގައި ބޭނުން ކުރެއެވެ.

ދެން އޮންނާނީ ހަރުގެ ރޫޅާލުމެވެ. އޭގެ ފަހުން ތަންޑިއާ ބަންނާނެއެވެ. އެއީ އޮޑި އަރި ނުވެ، ތެދަށް ހިފެހެއްޓުމުގެ ގޮތުން އޮޑީގެ ދެފަރާތުން ކައްޗަށް ނެރެފައި ހުންނަ ދުނބުރި ފާޑުގެ ހަތަރުފަސް ދަނޑިއެވެ. ތަންޑިއާތައް ހުންނާނީ ތިރިން އެއްކޮށް ފަޑިއެއް ހަރުކޮށްފައެވެ. އޮޑި ހިފަހައްޓަނީ ފަޑި ކޮނޑުއަޅައިގެންނެވެ. ދެން އޮޑި ދެމުމަށްޓަކައި ވަލެއް ލާނެއެވެ. ބޮޑެތި އޮޑިފަހަރުގައި ވައު އައްސާނީ ކޮޅުފަސްކޮޅު މައްޔާގައި ކުސަގަނޑެއް ހަރުކޮށް އޭގައެވެ. އޮޑީގެ ދެ ފަރާތުން ދެ ވައު ޖަހާނެއެވެ. ދެ ވަލުގައި ވެސް ހިފާނެ މީހުން ތިބޭނެއެވެ. ކުދި އުޅނދުފަހަރުގައި ވަލެއް ދެފަށްކޮށްފައި ކަނިކުރެދީގެ ދެ ކޮޅުގައި އަޅުވައިގެން ވެސް ފުއްދިދާނެއެވެ. ބޮޑެތި އޮޑިފަހަރުގައި އެހެން ނުފުއްދޭނެއެވެ.

އޮޑި ބާލާނީ ދިޔަވަރު އެންމެ ބޮޑުވާ ފޮއިމައްޗަށް ބަލައިގެން މެންދުރު ވަގުތުގައެވެ. އޮޑި ބޭލުމަށްޓަކައި ރައްޔަތު އެންމެންނަށް ކިޔާނެއެވެ. އެންމެން އަންނަން ވެސް އަންނާނެއެވެ. އެހެނީ އެ ކަމަކީ ރައްޔަތު ރޫހު އާލާވުމުގެ އިތުރުން، އެންމެންނަށް ފާއިދާ ވެސް ވާ ކަމަކަށް ވާތީއެވެ. މީހުން އައިސް އެއް ބަޔަކު ވަލުގައި ހިފާނީއެވެ. އަނެއް ބަޔަކު ތަންޑިއަލުގައި ހިފައި އޮޑި އަރިވިޔަ ނުދީ ތެދަށް ހިފަހައްޓަނީއެވެ. ބާރުލާން ވީމާ އެކަކު "އާންނނ ހިފޮއި" މިހެން ކިޔާފައި ގޮވާނެއެވެ. އެ ގޮވެއްޔާއެކު އެންމެން އެކީ އެއްފަހަރާ ބާރުލާނެއެވެ.

އޮޑި ބޭލުނީމާ ފުންތަނަކަށް ގެންގޮސް އޮޑި އަޅާނެއެވެ. ވިލު އޮންނަ ރަށްރަށުގައި އަޅާނީ ވިލުގައެވެ. ވިލު ނެތް ރަށްރަށުގައި އަޅާނީ ތޮށިން ބޭރުގައި ތިލައެއްގައެވެ. މަދުވެގެން ދެ ނަގިލިލައި ބޯސާ ޖަހާނެއެވެ. އެއް ނަގިލި ބޭރަށެވެ. އަނެއް ނަގިލި އައްދޮށަށެވެ. އޮޑިއެޅުމަށްފަހު އޭގެ ދޮށަށް ގޮސް އައިސް ހަދާނީ ބޮއްކުރައެއްގައެވެ.

ދަތުރަށް ހެދުމުގެ ގޮތުން ކޮއްތު ބޯފެން ދަރު ލާނެއެވެ. އެއާއެކު އުނދުން ކޮށްޓެއް ވެސް އޮޑިއަށް ލާނެއެވެ. އެއީ މޫސުން ތަންދޭ ދުވަސްދުވަހު ކެއްކުމަށެވެ. ފެން އަޅާފައި ހުންނާނީ ރުނބައަށެވެ. ކޮއްތުގެ ގޮތުގައި ގެންދާނީ ހަނޑުލާއި ހަކުރާއި ސައިފަތެވެ. ފުށެއް ނުގެންދާނެއެވެ. އެއީ އޮޑި ހަލުވާވަރުން މަދު ދުވަހަކު ނޫނީ ރޮށި ނުދެމޭނެތީއެވެ.

މިއާއެކީއެކުގައި އޮޑިއަށް މުދާލައި ބަރުކުރާނެއެވެ. ލަންކާއަށް ވިއްކަން ގެންދަނީ އާއްމުކޮށް ހިކި ކަނޑުމަހެވެ. އޭގެ އިތުރުން ފަޅުވެރިން ވަކިވަކިން ވިއްކަން ބޮނޑިއާއި ވެށުމާއި ނާރުވައްފަލުދައާއި އާރުސް ގެންދާނެއެވެ.

އޮޑި ފުރާނީ ކަނޑުމަތިން ހޭނަކަތުގެ ވައި ލިބޭ ވަރަށް ބަލައިގެންނެވެ.  އޮޅުދޫކަރައަށް މިސްރާބު ޖަހާނީ ހުވަދޫ ކަނޑު ހުރަސްކޮށްފައެވެ. ހައްދުންމައްޗާ ހިސާބުން މިސްރާބު ޖަހާނަމަ ދުއްވާނީ ސިމާގާއި ގާސިލާ ދޭތެރެއަށެވެ. (ސީދާ އައްޑޫއިން މިސްރާބު ޖަހާ ނަމަ ދުއްވާނީ ހޮނޑަންމަށެވެ. މާލެއިން ނަމަ ތުރައްޔާނަށެވެ.)

ރާއްޖެއާ ފޭވެ ރަށްރަށް އޮބާލީމާ މޫސުން ތަންދޭނަމަ ކޮންމެ ދުވަހަކު މެންދުރު ފިލާ އަޅާނެއެވެ. އެއީ ސިކިސްތާނު ބޭނުންކޮށްގެން އަރުޟު ހޯދުމެވެ. ސިކިސްތާނުން މެންދުރު ވަގުތު އިރު ހުންނަ އެލިވޭޝަން ހޯދޭނެއެވެ. އެއީ އުދަރެހުން މައްޗަށް އިރު އަރާފައި ހުންނަ އެންގަލްއެވެ. އޭގެ ތެރެއަށް އިރުގެ ޑެކްލިނޭޝަން ލައިގެން ވިޔަކޮށްގެން އަރުޟު ހޯދޭނެއެވެ.  ޑެކްލިނޭޝަނަކީ އެ ދުވަހު އިރު އީކުއޭޓަރާ ފޭވެފައިވާ އެންގަލެވެ. އެ އަދަދަކީ ނޫރީ އިން އެނގޭނެ އަދަދެކެވެ. (ނޯރީޒް ނޯޓިކަލް ޓޭބަލްސް)

ތޫލު ހޯދުމަށްޓަކައި ކަރުނާމާޓަރެއް އޮޑީގައި ގެންދާނެއެވެ. އެއީ ރަނގަޅު ފެންވަރުގެ ގަޑިއެކެވެ. ފުރުމުގެ ކުރިން ގަޑި ޖީ.އެމް.ޓީ.އާ ހަމަކުރާނެއެވެ. ސީދާ އިރު މެދުޖެހޭ ވަގުތުގައި ޖީ.އެމް.ޓީ އިން ވާ ވަގުތު ކަރުނާމާޓަރުން ފެންނާނެއެވެ. އިރު މެދުޖެހޭ ވަގުތަކީ އޮޑި އޮތް ތަނަށް މެންދުރު 12.00 އެވެ. އެއާ ޖީ.އެމް.ޓީ. ވަގުތާ ހުންނަ ތަފާތުން ތޫލު ހޯދޭނެއެވެ.

މޫސުން ތަންދޭނަމަ އުނދުންކޮށި ބޭނުންކޮށްގެން ބަތާއި ރިހައާއި ސައި ކައްކާނެއެވެ. ކައްކާނީ ދެ ބިސީއަށެވެ. އެއީ ނެވި ބިސީއާއި ފަޅުވެރި ބިސީއެވެ. ނެވި ބިސީއަށް އަރާނީ މާލިމީއާއި އޮޑީގެ އެހެން އިސް މީހުންގެ އިތުރަށް ޕަސިންޖަރުންނެވެ. ކެއްކޭވަރު ނުވާ ދުވަސްދުވަހު ބޭނުންކުރަން ކޮންމެ މީހަކުވެސް ހިކިކޮށް ކެވޭ ސާމާނު އަމިއްލަ ފޮށީގައި ގެންދާނެއެވެ. އެއީ ތަތްބޮނޑިބަތާއި ބޮނޑިފަދަ އެއްޗެއްސެވެ.

އޮޅުދޫކަރައަށް ދެވުނީމާ ގިނަ އޮޑިފަހަރު ވަންނާނީ ގާއްޔަށެވެ. ބައެއް އޮޑިފަހަރު ކޮޅުނބަށެވެ. ބަނދަރަށް ވަދެވުނީމާ އެންމެ ފުރަތަމަ މާލިމީ ދާނީ މަރައްކާރު ކައިރިއަށް މުނީފާސްގެ ކަންކަން ހަމަޖެއްސުމަށެވެ. މުނީފާސްގައި އޮޑީން ގެނައި ވިޔަފާރި މުދަލާއި ދަތުރުކުރި މީހުންގެ ލިސްޓް ހިމަނާފައި ވާނެއެވެ. ވިޔަފާރި މުދަލުގެ ގޮތުގައި ގެނައި މަސް ވިއްކާނީ މަރައްކާރު މެދުވެރިކޮށް ގަނޑުކޮށެވެ. ވިއްކައިގެން ލިބޭ ފައިސާ މަސްގެނައި ނިސްބަތުން އެންމެންގެ މެދުގައި ބަހާނީއެވެ. ބައެއް ފަޅުވެރިން އެބައި މީހުންގެ މަސްކޮޅުން ބައެއް ފޮރުވާފައި ގައިގަ ބަނދެގެން އެއްގަމަށް ބޮޑުއަގުގައި ވިއްކައި ހަދައެވެ. އަދި އެމީހުން ގެނައި ބޮނޑިއާއި ނާރުވައް ފަލުދައާއި އާރުސް ފަދަ އެއޗެތި ކުދިކޮށް ކޮށައިގެން "ބޮނޑި ހަލުވާ"ގެ ނަމުގައި ވިއްކާނެއެވެ.

މުދާ ވިއްކާ ނިމުނީމާ އޮންނާނީ ބާޒާރު ކުރުމެވެ. އެންމެ ގިނައިން ގަންނާނީ ކާޑުގެ ބާވަތްތަކެވެ. ދެން ގުޑާކާއި ދުންފަތާއި ފޯކެވެ. ސާފުތެލާއި ހެދުމުގެ ބާވަތްތައް ވެސް ގަންނާނެއެވެ. ހަވާދާއި ސައިފަތާއި ފާރޮށްޓާއި ގުރާޖެހި ބިސްކޯދާއި ވެސް ގަންނާނެއެވެ. ހުންބޭހާއި ދިވެހިބޭހާއި ކަފައަކީ ވެސް ގަންނަ އެއްޗެއްސެވެ. ތެލިތަށްޓަކީ ވެސް ގަންނަ ތަކެއްޗެވެ. މިނޫން ވެސް، ކުރިއަށް އޮތް އަހަރަށް ވާ ވަރަށް އެކިއެކި ސާމާނު ގަންނާނެއެވެ.

ބާޒާރުކޮށް ނިމުނީމާ އޮންނާނީ ރާއްޖެއަށް ފުރުމެވެ. ފުރާނީ ކަރަމަތިން ވައިޖެހެން ފެށުމަށް ފަހު ބަދުރުވަ ލައިގަތުމުގެ ކުރިންނެވެ. ގިނަ އޮޑިފަހަރު ރަށަށް ދާނީ މާލެއަށް ގޮސް ބޮޑެތި ބޭފުޅުންނަށް ހަދިޔާދީފައެވެ. އާއްމުކޮށް ހަދިޔާއަށް ދެނީ ގުރާޖެހި ބިސްކޯދާއި ސުއްޓާފޮށި ފަދަ އެއްޗެއްސެވެ.

ރަށަށް އައްނައިރު ބައެއް މީހުންނަށް ހިތާމަވެރި ކަންކަމާ ކުރިމަތިލާން ވެސް ޖެހިދެއެވެ. 3، 4 މަހަށް ރަށުން ބޭރަށް ދާއިރު ގިނަ މީހުން ދަނީ އަނބިދަރިންގެ ހާލު ބަލަން ގާތް މީހަކާ ހަވާލުކޮށްފައެވެ. ބައެއް ފަހަރު ބަލަންވާ ވަރަށް ވުރެން ބޮޑަށް ވެސް ބެލިފައި ހުރެއެވެ. އެހެންވެ އަނބިން ވަރިކުރަންޖެހި، ޝަރީއަތަށް ދާން ވެސް ޖެހިދެއެވެ. ދަތުރުގެ ކަންތައް ނިމޭނީ މިހުރިހާ ކަމެއް ވެސް ނިމިގެންނެވެ.

—-

ކަވަރ ފޮޓޯއިން ފެންނަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ސަބްމެރީނަކުން ފައްތާލި ޔާހުންބަރާސް އޮޑީގެ ކުރެހުމެކެވެ. އެއީ ފަހުގެ ތާރީޚެއްގެ ކުރެހުމެކެވެ.  ފޮޓޯގެ ޝަރަފު ޒޭވިއާރ ރޮމެރޯ-ފްރިއާސް