...

Support Us

ކޮވިޑުގެ ވެކުސިން ޖަހާށޭ ބުނުމާއި ނުޖަހާށޭ ބުނުމުގެ މަސްއޫލިއްޔަތު

ކޮވިޑުގެ ވެކުސިނާ ބެހޭގޮތުން ތަފާތު ވާހަކަތަކުން މުޅި ދުނިޔޭގައި މިވަނީ ހަލަބޮލިކަން ފެތުރިފައެވެ. މިފަދަ ހަލަބޮލި މައުޟޫއަކަށް ވާހަކަ ނުދެއްކުމަށް އަޅުގަނޑު ހުރީ ޤަސްތުކޮށްގެންނެވެ. އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ދާއިރާގެ ކަމަކަށް ނުވާތީއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވެކުސިން ޖަހާށޭ ބުނަމުންދާއިރު އަނެއް ބައި ފަރާތްތަކުން ވެކްސިން ނުޖަހާށޭ ބުނަމުންދާ ދިއުމަށް ޙައްލު ގެންނާނެ މަންހަޖަކީ ނުވަތަ ގޮތަކީ ކޮބައިކަން ހާމަކޮށްދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ފެނެއެވެ. އަދި އެއީ ވެކުސިނުގެ ސައިންސުގެ ތެރެއަށް އަތްބޭނުމެއް ކަމުގައި ވެސް ނުބެލެވެއެވެ. އޭގައި ބަޔާންކޮށް ދޭނީ ކޮވިޑުގެ ވެކުސިން ޖަހާށޭ ބުނުމާއި ނުޖަހާށޭ ބުނުމުގެ ނަތީޖާ އަކީ ކޮބައިކަމާއި އޭގެ ޙައްލެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ ރައްޔަތުންނާ ހަމަޔަށް މި މަރުޙަލާގައި ވެކުސިން ފޯރުކޮށްދިނުމުގައި އިޚްތިޔާރު ކުރާނެ މަންހަޖު ދަނެގަތުމެވެ.

ކޮވިޑުގެ ޙަޤީޤަތް

މިތާނގައި ބަޔާންކުރަނީ ކޮރޯނާ ވައިރަސްގެ ވަރަށް ޢާއްމު މަޢުލޫމާތުކޮޅެކެވެ. އެކަން ކަމާބޭހޭ މުއައްސަސާތަކުގެ ސައިޓުތަކުގައި ޝާއިޢުކުރެވިފައިވެއެވެ.

ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލިޖެހޭ މީހުންގެ 81 އިންސައްތަ މީހުންގެ ހަށިގަނޑުން އޭގެ މަޑު ރޯގާގެ އަލާމާތް ފެނި ރަނގަޅު ވަނީ އެއްވެސް ބޭހަކާ ނުލައި އަމިއްލައަށެވެ. އަދި 14 އިންސައްތަ މީހުންގެ ހަށިގަނޑުން ބޮޑެތި އަލާމާތްތައް ފެނި ދުވަސްކޮޅަކުން ބޭހަކާ ނުލައި ރަނގަޅުވެދެއެވެ. އަދި 5 އިންސައްތަ މީހުން ކްރިޓިކަލްވެ އައިސީޔޫގައި އެޑްމިޓްކުރަންޖެހެއެވެ. އަދި 2.3 އިންސައްތަ މީހުން މި ބަލީގައި މަރުވެއެވެ. (އިތުރު މައުލޫމަތު)

ކޮވިޑް-19 ވެކުސިންގެ ޙަޤީޤަތް

މި ތާނގައި މި ބަޔާންކުރަނީ ވެކުސިންގެ ވަރަށް ޢާއްމު މަޢުލޫމާތުކޮޅެކެވެ. ކަމާ ބޭހޭ މުއައްސަސާތަކުގެ ސައިޓުތަކުގައި ޝާއިޢުކުރެވިފައިވެއެވެ.

ކޮވިޑަށް އުފެއްދުނު އެންމެ ނަންކިޔޭ ވެކްސިންތަކަކީ އެމެރިކާގެ ފައިޒަރު ބެއޯންޓިކް ވެކްސިން (ފޯމިއުލާރ: އެމް.އާރް.އެން.އޭ) އާއި އެމެރިކާގެ މޮޑެރްނާ ވެކްސިން (ފޯމިއުލާ: އެމް.އާރް.އެން.އޭ) އާއި އޮކުސްފޯރޑް- އެސްތެރެޒެނެކާ ވެކުސިން (ފޯމިއުލާ: ޑީ.އެން.އޭ) އާއި ޗައިނާގެ ސިނޯވެކް ވެކްސިން (ފޯމިއުލާ: އިންއެކްޓިވޭޓެޑް ވައިރެސް) އާއި ޗައިނާގެ ސިނޯފަރަމް ވެކްސިން (ފޯމިއުލާ: އިންއެކްޓިވޭޓެޑް ވައިރެސް) އެވެ. (އިތުރު މައުލޫމާތު)

ވެކްސިންތަކަށް ދިރާސާ ހެދި ޕަބްލިޝް ކުރެވިފައިވެއެވެ. ދިރާސާތައް ހެދި ނަތީޖާ WHO އިން ދަނީ ރިވިޔު ކުރަމުންނެވެ. ވެކްސިންތަކަށް ޕަބްލިޝްކުރެވުނު ދިރާސާތަކަށް އެޤައުމުގެ ކަމާބެހޭ މުއައްސަސާތަކުން އިތުބާރު އޮތްކަން އިޢުލާން ކޮށްފައިވެއެވެ.  އެއްވެސް ވެކްސިނަކަށް އާއްމުކޮށް ވެކްސިންތަކަށް ދޭ ފުލް އެޕްރޫވަލް ލިބިފައެއް ނުވެއެވެ. Not fully Approved ނަމަވެސް ބައެއް ވެކްސިންތަކަށް އިމަޖެންސީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ޑަބުލިއު.އެޗް.އޯ އިން ދޫކޮށްފައި ވެއެވެ. Emergency Use Authorization (EUA) (އިތުރު މައުލޫމަތު)

ވެކްސިންތައް އުފެއްދި ކުނަފުނިތަކުން އެތަކެތި މަސައްކަތްކުރާނެ ނިސްބަތުގެ މައުލޫމާތު ދިން ގޮތުންނަމަ ފައިޒަރު ބެއޯންޓިކް ވެކްސިން %95، މޮޑެރްނާ ވެކްސިން %95، އޮކުސްފޯރޑް- އެސްތެރެޒެނެކާ ވެކުސިން %70-%90، ޗައިނާގެ ސިނޯވެކް ވެކްސިން %50 މަސައްކަތް ކުރާނެ ކަމަށް ބެލެއެވެ. ޗައިނާގެ ސިނޯފަރަމް ވެކްސިންއާ މެދު އަދި ދިރާސާ އެއް ޕަބުލިޝް ކުރިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. (އިތުރު މައުލޫމާތު1) (އިތުރު މައުލޫމަތު2)

މި ވެކްސިންތައް ހަށިގަނޑުގައި މަސައްކަތްކުރާނެ މުއްދަތަކީ ކޮބައިކަން އަދި ނޭނގެއެވެ. ޙަޤީޤަތް އަދި މުޅީން ނުހޯދެއެވެ. ސަބަބަކީ ވެކުސިން ދޭންފެށީ ދާދި ފަހުން ކަމަށް ވެފައި އެކަށީގެންވާ މުއްދަތު ލިބިފައިނުވާތީއެވެ.

ވެކުސިން ޖަހައިގެން ހުންނަ މީހަކަށް އަލުން ކޮރޯނާ ވައިރަސް ޖެހިދާނެތޯ ނުވަތަ ނޫންތޯ އާއިމެދު އުފެދޭ ކަންބޮޑުވުމުގެ ޖަވާބުގައި ދަންނަވަންޖެހެނީ އާނއެކެވެ. ޖެހިދާނެއެވެ. ކުރީގައި ކުރެވުނު ދިރާސާތަކުން މަދުންނަމަވެސް ވެކްސިން ޖެހި ބައެއް މީހުންނަށް ދެވަނަ ފަހަރަށްވެސް ވައިރަސް ޖެހިފައި އެބަހުއްޓެވެ. ނަމަވެސް ޙަޤީޤަތް އަދި މުޅީން ނުހޯދެއެވެ. (އިތުރު މައުލޫމަތު)

އަލަށް ފެންމަތިވާ ކޮރޯނާގެ އާއިލާގެ އެހެން ވައިރަސްތަކަށް މިވެކްސިން މަސައްކަތްކުރޭތޯ އުފެދުނު ކަންބޮޑުވުމުގެ ޖަވާބުގައި ދަންނަވަންޖެހެނީ ޙަޤީޤަތް އަދި މުޅީން ނުހޯދޭ ކަމަށެވެ. ނަމަވެސް އެމެރިކާގެ ބެއޯންޓިކް ވެކްސިން ކުންފުނީގެ އެއް މުއައްސިސު ކަމުގައިވާ ތުރުކީވިލާތަށް އަޞްލު ނިސްބަތްވާ ޑރ. އޯރ ޝާހިން ބުރަވާ ގޮތުގައި އެވެކްސިން އަލަށް ފެންމަތިވާ ކޮރޯނާގެ އާއިލާގެ އެހެން ވައިރަސްތަކަށް ވެސް މަސައްކުރާނެއެވެ. އޭގެ އިތުރުން އެ ކުންފުނިން ޔަޤީންކަން ދެނީ އެވެކްސިން އަލަށް ފެންނަ ކޮރޯނާގެ އާއިލާގެ އެހެން ވައިރަސްތަކަށް މަސައްކަތް ނުކޮށްފި ހާލަތެއްގައި ހަ ހަފުތާގެ މުއްދަތެއްގައި އެހެން ވެކްސިނެއް އުފައްދައި ދީފާނެ ކަމަށެވެ. (އިތުރު މައުލޫމަތު)

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުތޯ ނުވަތަ ނޫންތޯ އާމެދު އުފެދުނު ކަންބޮޑުވުމުގެ ޖަވާބުގައި ދަންނަވަންޖެހެނީ މިއަދާ ހަމަޔަށް ފާހަގަވެފައިވާ ޢާއްމު ސައިޑް އިފެކްޓްތަކަކީ ކަށިކޮއްޕާތަނުގައި ރިހުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، މަސްގަނޑަށް ތަދުވުން،  ހުޅުގައި ރިއްސުން، ހުންއައުން ފަދަ ކަންކަމެވެ. އަދި މިއަދާ ހަމަޔަށް ފާހަގަވެފައިވާ ޚާއްޞަ އެއް ސައިޑް އިފެކްޓަކީ އެލަރޖިކްވުމެވެ. އެހެނަކަމުން  އެނަފިލެކްޓިކް ޝޮކް (Anaphylactic shock) ޖެހުމުގެ ބިރު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެފް.ޑީ.އޭ. އިން މޮޑެރުނާ ވެކުސިނުން (ކޮސްމެޓިކު ފޭޝިއަލް ފިލާސްއިނުންގެ) މޫނަށް ސައިޑް އިފެކްޓްތައް ކޮށްފާނެކަމުގެ އިންޒާރު ދީފައިވެއެވެ. (އިތުރު މައުލޫމާތު)

މާބަނޑު މީހުންނަށާއި ގާތުން ކިރުދޭ މައިންނަށް ވެކްސިން ރައްކާތެރިތޯ އުފެދުނު ކަންބޮޑުވުމުގެ ޖަވާބުގައި ދަންނަވަންޖެހެނީ ފުރަތަމަ ފިޔަވެހީގެ ކްލިނިކަލް މަރުޙާލަގައި މާބަނޑު މީހުންނަށާއި ގާތުން ކިރުދޭ މައިންނަށް މި ވެކްސިންތައް ޓެސްޓުކުރެވިފައި ނުވާތީވެ އެމީހުންނަށް މިވެކުސިން ދިނުމާ މެދު އަދި ވަކިގޮތެއް ނުނިމެއެވެ. ގިނަ ވެކުސިންތައް ވަނީ ދެވަނަ، ތިންވަނަ ފިޔަވަހީގެ ކްލިނިކަލް މަރުޙާލަގެ ތަޖުރިބާ ފަށައިފައެވެ. އެންމެން ވެސް މިތިބީ އޭގެ ނަތީޖާގެ އިންތިޒާރުގައެވެ. (އިތުރު މައުލޫމާތު)

ކޮވިޑުގެ ޔަޤީންކަން – ވެކުސިންގެ ޝައްކު

ކޮވިޑަކީ ޔަޤީންކަމާއެކު ސާބިތުވެފައިވާ ވައިރެސް ބައްޔެކެވެ. ނަމަވެސް އެ ބައްޔަށް އުފެއްދި ވެކްސިނާއިމެދު ބައެއް މީހުން ޝައްކު އުފައްދައެވެ. އޭގެ ސަބަބަކަށް ވަނީ އެންމެން ވާހަކަދައްކާތީއެވެ. އެކަމުގެ ޕްރޮފެޝަނަލް މީހުންނެކޭ އެއްފަދައިން ޕްރޮފެޝަނަލް ނޫން މީހުން ވެސް ވާހަކަ ދައްކާތީއެވެ. ނަމަވެސް އަޞްލަކީ ދަލީލާ އެކު ވާހަކަ ދެއްކުމެވެ.

އަބްދުﷲ ބްނި މުބާރަކު ވިދާޅުވިއެވެ. (إن الإسناد من الدين، ولولا الإسناد لقال من شاء ما شاء) މާނައީ: ހަމަ ކަށަވަރުން ސަނަދު ބަޔާންކުރުންވަނީ ދީނުގެ ތެރެއިންނެވެ. ސަނަދު ނުވާނަމަ ކޮންމެ މީހަކުވެސް އެމީހަކު ހިތަށް އެރި ގޮތަކަށް ވާހަކަދައްކަން ފަށައިފާނައެވެ. މުރާދަކީ ޙަދީޘެއް ކަމަށް ބުނެފިނަމަ އެ ޙަދީޘެއްގެ ސަނަދުގެ ސިލްސިލާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހަމަޔަށް ބަޔާންކޮށް ދޭންޖެހެއެވެ. ޙަދީޘުތައް ސާބިތުކުރުމަށް ޓަކައި ޙަދީޘު ޢިލްމުގެ އެއް މަންހަޖަކީ އެއީއެވެ. އެހެން އިލްމުތަކުގެ ވެސް މަންހަޖަކީ ދައްކާ ވާހަކަ ސާބިތުކޮށްދިނުމެވެ. އަދި މި އުއްމަތުގެ މަންހަޖަކީ ވެސް ދައްކާ ކޮންމެ ވާހަކައެއް ސާބިތުކަމާ އެކު ދެއްކުމެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلَّا مَنْ كَانَ هُودًا أَوْ نَصَارَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنْتُمْ صَادِقِينَ) (البقرة111)  މާނައީ: އެއުރެން ބުނޫއެވެ. يهودىއަކު ކަމުގައި ނުވަތަ نصارىއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދުތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ!

މާތް ﷲ ވަޙީކުރެއްވިއެވެ. (قُلْ هَلْ عِنْدَكُمْ مِنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ ) (الأنعام 148) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علمއެއް، (ހެއްކެއް، ދަލީލެއް، ޙުއްޖަތެއް) ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟

މި އުއްމަތަކީ ދަލީލުގެ އުއްމަތެކެވެ. ހިތުހުރި ގޮތަކަށް ވާހަކަދެއްކުމުގެ ހުއްދަ އެއްވެސް މީހަކަށް ނުލިބެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ.« (كفي بالمَرءِ كَذِباً أنْ يُحَدِّثَ بِكُلِّ ما سمعِ) (رواه مسلم) މާނައީ: މީހާ ދޮގުވެރިއަކަށް ވުމަށްޓަކައި އޭނާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް ދައްކަން ފެށުން ފުދެއެވެ.

ޔަޤީންވާކަމަކާއި ޝައްކު އުފެދޭ ކަމެއް އެއްވެއްޖެނަމަ ޙައްލުކުރާނެ ގޮތް

ޔަޤީންވާކަމަކާއި ޝައްކު އުފެދޭ ކަމެއް އެއްވެއްޖެނަމަ އެކަމުގެ ޙައްލު ހޯދާނެގޮތުގެ ފޯމިއުލާއެއް (ޤަވާޢިދެއް) އިސްލާމީ ފިޤުހުގައި  ބަޔާންވެފައިވެއެވެ. އެ ޤަވާޢިދުގެ ޢަރަބި ނަމަކީ اليقين لايزول بالشك އެވެ. މަނައީ: ޔަޤީންވުމަކުން ސާބިތުވާކަމެއް ޝައްކު އުފެދޭ ކަމަކުން ދުރުނުކުރެވޭނެއެވެ. މުރާދަކީ ޔަޤީންވުމަކުން ސާބިތުވާކަމެއް ދުރުކުރެވޭނީ ހަމަ އެފަދަ ޔަޤީންވާކަމަކުންނެވެ.

ޔަޤީންކަމުގެ ލަފުޒީ މާނަ:

ޔަޤީންކަމުގެ ލަފުޒީ މާނައަކި "ހަމަޖެހުން" އެވެ. ޙަވްޟަކަށް ފެންއަޅާ ފުރުމުން ޢަރަބި ބަހުން  "يقن الماء في الحوض" ބުނެއެވެ. މާނައީ: ޙަވްޟަށް ފެންއަޅާ ހަމަޖެހި ޔަޤީން ވެއްޖެއެވެ. އެތަނުގައި ޔަޤީންކަމުގެ ލަފުޒު ބޭނުންކުރެވުނީ ފެންއަޅާ ފުރުނުކަމާއި މެދު ޝައްކެތް ނުވާކަން ބުނެދިނުމަށެވެ. އެހެންކަމުން ޔަޤީންވާކަމުގެ ލަފުޒު އައިސްފިނަމަ މުރާދަކީ އެއްވެސް މިންވަރަކަށް އޮޅުމެއްނުވާ އެނގިގަތުމެކެވެ. ނުވަތަ ޝައްކެއް ނުހިމެނޭ ޢިލްމެކެވެ. އެ ޔަޤީންވިކަމަކާ މެދު ހިތުގައި އެއްވެސް މިންވަރަކަށް ޝައްކެތް ވަސްވާހެއް ނެތުމެވެ. (لسان العرب 13/ 457)

ޔަޤީންކަމުގެ އިޞްޠިލާޙީ މާނަ:

އަލްޖުރުޖާނީ ވިދާޅުވިއެވެ. ޔަޤީންކަމަކީ އެއްޗެއްގެ ޙަޤީޤަތަކީ މިވެނި ގޮތެއް ކަމަށް އިޢުތިޤާދު ކުރުމާއި އަދި އެއެއްޗެއްގެ ޙަޤީޤަތް އެވެނި ގޮތަކަށް ވުމަކީ އެއްވެސް ސިފައެއްގައި އެކަށީގެން ނުވާނެ ކަމަށް ކަމަށް ޤަބޫލުކުރުމެވެ. އަދި އެއީ ފެންނަން ހުރި ޙަޤީޤަތަކަށް ވެފައި އެއެއްޗެއް ނެތިދިއުމަކީ ވެގެންނުވާނެ ކަމަށް ވުމެވެ. (الجرجاني، التعريفات 332 / 322 )

އަބުލް ބަޤާޢު ވިދާޅުވިއެވެ. ޔަޤީންކަމަކީ އެއްޗެއްގެ ސާބިތުކަން ކަށަވަރުކޮށްދޭ ސަބަބުތަކެއް ހުރުމުން އެކަން ހިތަށް ކަށަވަރުވެ އެނގިފައި އެ އެއްޗެއް ނެތިހިގައިދާނެ ކަމަށް ޤަބޫލުނުކުރެވުމެވެ. (الكليات 5/116)

ޝައްކުގެ މާނަ:

ޝައްކުގެ ލަފުޒީ މާނައަކީ "އެކަތި އަނެކެއްޗެއްގެ ތެރެއަށް ވަނުން" އެވެ. އެއީ ކަމަކާއި މެދު ދެގޮތެއް އޮވެފައި އެއިން ރަނގަޅީ ކޮން ގޮތެއްކަން ދަލީލުނެތުމުން ނިންމުން ދަތިވުމެވެ. އެގޮތުން އެކަމެއް ވުމާއި ނުވުން ނުވަތަ ރަނގަޅުވަމާއި ނުރަނގަޅު ކަމާއިމެދު ދެފަހަރު ދެގޮތަށް ބުރަވެވުމެވެ. (لسان العرب 10/451)

اليقين لايزول بالشكގެ ޤާޢިދާގެ ދަށުން އުފެދިފައިވާ ފަރްޢީ ޤަވާޢިދުތައް (މާއްދާތައް)

މިޤަވާޢިދުގެ ދަށުން އުފެދިފައިވާ ފަރްޢީ ޤަވާޢިދުތައް ވަރަށް ގިނައެވެ. މުހިއްމު ބައެއް ފަރަޢުތައް ދަންނަވާލާނަމެވެ.

ފުރަތަމަ ފަރްޢީ ޤަވާޢިދު: (الأصل بقاء ما كان على ما كان) މާނައީ: އަޞްލަކީ އެއެއްޗެއްގެ އަޞްލު ހުރިގޮތަކަށް އެއެއްޗެއް ދެމެހެއްޓުމެވެ.

މިސާލު: މީހަކު ފަޖުރު ނުލާ ކަމަށް (ރޯދަ ހިފުމުގެ ވަޤުތު ހަމަނުވާ ކަމަށް) ހީކޮށްގެން ރޯދަ ހިފުމަށް ހާރުކައިގެން ރޯދަހިފައިފިއެވެ. ނަމަވެސް ފަހުން (ރޯދަ ހިފައިގަތުމަށް ފަހު) އޭނާ ހާރުކޭ ވަގުތު ހުރީ ފަޖުރު ލައިފައިކަން (ރޯދަ ހިފުމުގެ ވަޤުތު ފާއިތުވެފައިކަން) އެނގިއްޖެއެވެ. އެހިނދު އޭނާގެ ރޯދައިގެ ޙުކުމަކީ ޞައްޙަވުމެވެ. (ރޯދަ ކަމުދިޔުމެވެ.) އެޙުކުމް އެގޮތަށް ނެރެވެނީ އިސްވެދިޔަ ޤަވާއިދުގެ އަލީގައެވެ. އެއީ ރޭގަނޑުގެ ވަޤުތު ވަދެފައިވަނީ ޔަޤީންކަމާއެކު ލޮލަށް ފެނި ހިތަށް އިޙްސާސްވެގެންނެވެ. އެހެންކަމުން ދުވާލުގެ ވަޤުތު ވަދެފިކަން ޔަޤީންވެއްޖެއުމަށް ދާދެން ދެމިއޮންނަނީ ރޭގަނޑުގެ ޙުކުމެވެ.

ދެވަނަ ފަރްޢީ ޤަވާޢިދު: (الأصل إضافة الحادث إلى أقرب أوقاته) މާނައީ: އަޞްލަކީ ޙާދިސާތައް އޭގެ އެންމެ ކައިރީގައި އޮންނަ ކަމަކާ ގުޅުވުމެވެ.

މިސާލު: މީހަކަށް އޭނާގެ ހެދުމުން މަނީގެ އަސަރު ފެނުމެވެ. ނަމަވެސް އޭނައަކަށް އޭނާ އިޙްތިލާމުވިކަމުގެ (ނިދީގައި މަނިބޭރުވިކަމުގެ) ހަނދާނެއް ނުވިއެވެ. އެހިނދު އޭނާ އިޢާދަކުރަންޖެހޭނީ އޭނާގެ އެންމެފަހުގެ ނިދީން ހޭލުމަށްފަހު އެންމެ ކައިރީން (ފުރަތަމަ) ކުރި ނަމާދު އެކަންޏެވެ.

ތިންވަނަ ފަރްޢީ ޤަވާޢިދު: (الأصل في الأشياء الطهارة) މާނައީ: ތަކެތީގެ އަސްލު ޙުކުމަކީ (ނަޖިސްކަމުގެ ނުވަތަ ޙަރާމްވުމުގެ ދަލީލެއްނުވާނަމަ) ޠާހިރު ކަމުގެ ޙުކުމެވެ.

މިސާލު: ބިމެއްގައި ނަމާދުކުރަން ޖެހުމެވެ. އަދި އެބިމެއްގައި ނަޖިހެއް ވާކަމާއި ނުވަތަ ނުވަކަމާއި މެދު ޝައްކު އުފެދުމެވެ. ނަމަވެސް ބެލެވޭނީ އެބިމަކީ ޠާހިރު ބިމެއް ކަމުގައެވެ. އަދި ނަމާދު އެބިމުގައި ޞައްޙަ ވާނެއެވެ. ސަބަބަކީ ބިމުގެ އަސްލު ޙުކުމަކީ (ނަޖިސްކަމުގެ ނުވަތަ ޙަރާމް ވުމުގެ ދަލީލެއްނުވާނަމަ) ޠާހިރު ކަމުގެ ޙުކުމެވެ. އެއީ ޔަޤީންވެފައިވާ ކަމެކެވެ. އެ ޔަޤީންކަން ޝައްކަކުން ބާޠިލުނުކުރެވޭނެއެވެ.

ހަތަރުވަނަ ފަރްޢީ ޤަވާޢިދު: (الأصل براءة الذمة) އަޞްލަކީ ބަރީއަވުމެވެ.

މިސާލު: މީހެއްގެ މައްޗަށް ދަރަނި ހޯދައިފައިވާކަމުގެ ދަޢުވާ އުފުލުމެވެ. ނަމަވެސް ހެއްކެއް ނެތެވެ. އެހެން ވެއްޖެނަމަ ބެލެވޭނީ ސާބިތުނުވާ ކަމަށެވެ. ސަބަބަކީ އަޞްލަކީ ބަރީއަވުމެވެ.

اليقين لايزول بالشكގެ ޤަވާޢިދަށް ކޮވިޑް ވެކުސިންގެ މިހާރުގެ ޙާލަތު ތަންފީޒުކުރެވިދާނެތޯ ބެލުން

ވެކްސިންތަކުގެ ތެރެއިން އެއްވެސް ވެކްސިނަކަށް ޔަޤީންކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ މުހިއްމު ހުރިހާ މަރުހަލާތައް ފުރިހަމަ ނުވެއެވެ. ވެކްސިންތައް ޔަޤީންކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާ ފުރިހަމަ ނުވާ ވެކްސިންތައް ހިމެނޭނީ ޝައްކުތެރޭގައެވެ. އެއީ ތަޖުރިބާގެ މަރުޙަލާގައިވާ އެއްޗަކަށް ވާތީއެވެ. އެހެންކަމުން ޢަޞްލަކީ ޝައްކުކުރެވޭ ނުވަތަ ތަޖުރިބާގެ މަރުޙަލާގައިވާ ބޭހަކުން  ބަޔަށްކަށް ބޭސްނުކުރުމެވެ. ޔަޤީންކަމާއި އެކު ބައްޔަކަށް ބޭސްކުރެވޭނީ ޔަޤީންކަން ލިބިފައިވާ ބޭހަކުންނެވެ. ނަމަވެސް ކޮވިޑް ވެކުސިނުގެ ބައެއް މަރުޙަލާތައް ކަޑައްތުކުރެވި، އަދި ވޭތުވެދިޔަ މަރުޙަލާތަކުގައި އެ ވެކްސިންތަކުން ކަންބޮޑުވާވަރުގެ މައްސަލަތަކެއް ފާހަގަކުރެވިފައިނުވާތީ އާއި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނަގެ ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތްކޮށް ޑަބުލިއު.އެޗް.އޯ އިން ވަނީ ބައެއް ވެކުސިންތައް އިމަރޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އެހެންކަމުން ބެލެވޭނީ އެއީ އިސްތިސްނާ ޙާލަތެއް ކަމަށެވެ. އެޙާލަތުގައި އެ ވެކުސިން ބޭނުންކުރުމާއި ނުކުރުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

ވެކުސިން ޖަހާށޭ ބުނުމާއި ނުޖަހާށޭ ބުނުމުގެ ނަތީޖާ

ކޮރޯނާ ވެކްސިންތަކުގެ ތެރެއިން އެއްވެސް ވެކްސިނަކަށް ޔަޤީންކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ތިންވަނަ މަރުހަލާ ފުރިހަމަ ކުރެވިފައެއް އަދި ނުވެއެވެ. ވެކްސިންތައް ޔަޤީންކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ތިންވަނަ މަރުހަލާ ފުރިހަމަ ނުވާ ވެކްސިންތައް ހިމެނޭނީ ޝައްކުތެރޭގައިއެވެ. އެއީ ތަޖުރިބާގެ މަރުޙަލާގައިވާ އެއްޗަކަށް ވާތީއެވެ. އެހެންކަމުން ޢަޞްލަކީ ޝައްކުކުރެވޭ ނުވަތަ ތަޖުރިބާގެ މަރުޙަލާގައިވާ ބޭހަކުން ޔަޤީންކަމާއި އެކު ބަޔަށްކަށް ބޭސްނުކުރުމެވެ. ޔަޤީންކަމާއި އެކު ބަޔަށްކަށް ބޭސްކުރެވޭނީ ޔަޤީންކަން ލިބިފައިވާ ބޭހަކުންނެވެ. ނަމަވެސް ވޭތުވެދިޔަ މަރުޙަލާތަކުގައި އެމވެކްސިންތަކުން ކަންބޮޑުވާވަރުގެ މައްސަލަތަކެއް ކަމާ ބެހޭ މުއައްސަސާތަކަށް ފާހަގަކުރެވިފައި ނުވާތީއާއި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާގެ ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތްކޮށް ޑަބުލިއު.އެޗް.އޯ އިން ވަނީ ބައެއް ވެކްސިންތަކަށް އިމަރޖެންސީގައި ބޭނުންކުރުގެ ހުއްދަ ދީފައެވެ. އެއިން އެއްވެސް ވެކްސިނަކަށް ފުރިހަމަ އެޕްރޫވަލް ލިބިފައެއްނުވެއެވެ. އެހެންކަމުން މި މަރުޙަލާގައި ވެކުސިންގެ ޚިދުމަތް ރައްޔަތުންނާ ހަމަޔަތް ފޯރުކޮށްދިނުމުގައި ހިފަންޖެހޭ މަންހަޖަކީ ކޮބައިކަން އެނގިގަންނަން ޖެހެއެވެ. ސަބަބަކީ ކޮވިޑުގެ ވެކުސިން ޖަހާށޭ ބުނެގެން ނުވަތަ ހިތްވަރު ދީގެން ވެކުސިން ޖަހައިގެން މީހަކަށް ގެއްލުންވެއްޖެނަމަ (ﷲ އެގޮތަށް މެދުވެރި ނުކުރައްވާށިއެވެ. އާމީން!) އެކަމާ މެދު ޖަވާބުދާރީވާންޖެހެއެވެ. ހަމަ އެހެންމެ ކޮވިޑުގެ ވެކުސިން ނުޖަހާށޭ ބުނެގެން ނުވަތަ ނުޖެހުމަށް ހިތްވަރު ދީގެން ވެކުސިން ނުޖަހައިގެން މީހަކަށް ގެއްލުންވެއްޖެނަމަ (ﷲ އެގޮތަށް މެދުވެރި ނުކުރައްވާށިއެވެ. އާމީން!) އެކަމާ މެދު ވެސް ޖަވާބުދާރީ ވާންޖެހެއެވެ. ފަހަރެއްގައި ދުނިޔެމަތީން ޖަވާބުދާރީވާން ނުޖެހިދާނެއެވެ. ނަމަވެސް އާޚިރަތުން ޖަވާބުދާރީވާންޖެހޭނެކަމާ މެދު އެއްވެސް އޮޅުމެއްނުވެއެވެ.

ޙަދީޘެއްގައި ވެއެވެ. (فَكُلُّكُمْ راعٍ ، وكُلُّكُمْ مسئولٌ عنْ رعِيَّتِهِ ) މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެމީހަކު ބަލާބަލަހަށްޓަން ޖެހިފައިވާ މީހުންނާއި މެދު قيامة ދުވަހުން އެމީހަކާއި ސުވާލު ކުރެވޭނެއެވެ. އެހެންކަމުން ވެކުސިން ޖަހާށޭ ބުނުމާއި ނުޖަހާށޭ ބުނުމުގެ ނަތީޖާ އަކީ ތިމާގެ ނަފުސު ޖަވާބުދާރީވުމުގެ ޒިންމާ އަށް ހުރަހެޅިގަތުމެވެ.

ކޮވޮޑުގެ ގެއްލުން ދުރުކުރުން

ކޮވިޑު ބަލިން 2.3 އިންސައްތަ މީހުން މަރުވެއެވެ. އެހެންކަމުން އެއީ ބޮޑު ގެއްލުމެކެވެ. އެ ގެއްލުން ދުރުވޭތޯ ކަމާބެހޭ މުއައްސަސާތަކުން ދަނީ މަސައްކަތްކުރައްވަމުންނެވެ. (އިތުރު މައުލޫމަތު)

ގެއްލުން ދުރުކުރުމުގެ ޤަވާޢިދު

އިސްލާމީ ފިޤުހުގެ އުޞޫލަކީ ގެއްލުން ދުރުކުރުމެވެ. ސަބަބަކީ ޝަރީޢަތުގެ މަޤުޞަދަކީ ދީން ޙިމާޔަތްކުރުމާއި، ނަފުސު ޙިމާޔަތްކުރުމާއި، ބުއްދި ޙިމާޔަތްކުރުމާއި، ނަސްލު ޙިމާޔަތްކުރުމާއި، މުދާ ޙިމާޔަތްކުރުމެވެ. އެހެންކަމުން އެތަކެއްޗަށް ކުރިމަތި ވެދާނެ އެންމެހާ ގެއްލުންތަށް ދުރުކުރުން ވާޖުބުވެއެވެ. (الشاطبي، الموافقات 2/10)

އިސްލާމީ ފިޤުހުގައި ގެއްލުންދުރުކުރާނެ ޤަވާޢިދެއްވެއެވެ. މިޤަވާޢިދަށް އަރަބިބަހުން ކިޔަނީ (الضرر يزال) އެވެ. މާނައީ؛ ގެއްލުން ދުރުކުރެވޭ ހުއްޓެވެ.

الضرر: ގެ ލަފުޒީ މާނާއަކީ ޚަސާރާވުން (އުނިވުން) "އުނދަގޫ ފޯރުން" އެވެ. އަދި ޙާލަތު ގޯސްވުމުގެ މާނަ ދޭހަކޮށްދިނުމަށް ވެސް الضررގެ ލަފުޒު ބޭނުންކުރެވެއެވެ. ޖުމުލަ ގޮތެއްގައި الضررގެ ލަފުޒީ މާނާގައި ތިން މާނަ އެކުލެވެއެވެ. އެއް މާނައަކީ ގެއްލުމުގެ މާނައެވެ. އެއީ މަންފާގެ އިދިކޮޅެވެ. އަނެއް މާނައަކީ އެއްޗެއް ގިނަވެ، ޖަމާވުމެވެ. އޭގައިވެސް މުރާދަކީ އުނދަގޫވުމާއި ގެއްލުންވުމެވެ. ތިންވަނަ މާނައަކީ އެއްޗެއްގެ ބާރު އިތުރުވުމެވެ. އޭގެ މުރާދަކީ ގަދަކަން ލިބުމެވެ.

އިޞްޠިލާހުގައި الضرر އަކީ ހުއްދަ އިންފަހަނަޅައި ދިއުން ނުވަތަ މީހެއްގެ ޙައްޤަކަށް އުނިކަން ފޯރުކުރުން ނުވަތަ ހުއްދަ މަޞްލަޙަތެއް ގެއްލުން ނުވަތަ ގެއްލުވުން ފަދަ ކަންކަމެވެ. ހުއްދަ މަޞްލަޙަތުގެ ތެރޭގައި އެމީހާގެ ނަފުސާއި ޖާނާއި މުދަލާއި ޝަރަފު ހިމެނެއެވެ. يزال ގެ ލަފުޒީ މާނައަކީ އެއްޗެއް އޮތްތަނުން އެހެންތަކަށް ބަދަލުކުރުމެވެ. އަދި އިޞްޠިލާހުގެ މާނައަކީ ވެސް  އެމާނައެވެ. އެއީ އެއްޗެއް ދުރައްފޮނުވާލުމެވެ.

(الضرر يزال: ގެއްލުން ދުރުކުރެވޭ ހުއްޓެވެ.) ގެ ޤަވާޢިދަކީ ފިޤުހުގެ ޢަޙްކާމުތަށް ނެރުމަށް ބަޔާން ވެފައިވާ އަސާސީ ޤަވާޢިދެކެވެ. އެހެންކަމުން ގެއްލުމެއް އަތުވެއްޖެނަމަ ދުރުކުރުމަކީ ވާޖިބެކެވެ. އަދި ގެއްލުންތައް އައުމުގެ ކުރީންވެސް ދުރުކުރުން ވާޖިބުވެއެވެ.

الضرر يزال (ގެއްލުން ދުރުކުރެވޭ ހުއްޓެވެ.) ގެ ޤަވާޢިދުގެ ދަލީލުތައް: 

މިޤަވާޢިދު ނެގިފައިވަނީ ޤުރްއާނައި ސުންނަތުންނެވެ.

ޤުރްއާނުގެ ދަލީލު: ޤުރްއާނުގެ ދަލީލުތައް ވަރަށް ގިނައެވެ. އެހެންކަމުން ބައެއް އާޔަތްތަކަށް އިޝާރާތްކޮށްލާނަމެވެ. ބަޤަރާސޫރަތުގެ 231 އަދި 233 އަށް ބައްލަވާލައްވާށެވެ. ސުންނަތުގެ އެއް ދަލީލަކީ رَسُولَ اللَّهِ صلى الله عليه وسلم ބަސްފުޅު « لاَ ضَرَرَ وَلاَ ضِرَارَ » އެވެ. މާނައީ: ގެއްލުން ދިނުމެއްނުވެއެވެ. އަދި ގެއްލުން ލިބިގަތުމެއް ނުވެއެވެ.

ގެއްލުން ދުރުކުރުމުގެ ބައެއް މިސާލު:

މިފަދަ މިސާލުތައް ވަރަށް ގިނައެވެ. ބައެއް މިސާލުތައް ދަންނަވާލާނަމެވެ.

1- ކާފިރުންގެ ގެއްލުން ދުރުކުމަށްޓަކައި ޖިހާދު ޝަރަޢަކުރެއްވުން.

2- ކުށުއްތަކުގެ ގެއްލުން ދުރުކުމަށްޓަކައި ޙައްދުތައް ކަނޑައެޅުއްވުން.

3- ޙައްޤު ގެއްލިގެން ދިއުން ދުރުކުރުމަށްޓަކައި ޝުފުޢަތު ޝަރަޢަކުރެއްވުން.

(ޝުފުޢަތުގެ މިސާލަކީ މީހަކު އޭނާގެ މިލްކު ގެއެއް ވިންކަން ބޭނުންވާ ވަގުތު އެ ގެއެއްގެ އަވަށްޓެރިޔާ އެ އަގަށް އެ ގެ ގަންނަން ހުރެއްޖެ ނަމަ އެއީ އެ އަވަށްޓެރިޔާގެ ޙައްޤެކެވެ. ނުވަތަ މިސާލަކަށް މީހަކު ކުންފުންޏެއއްގެ އޭނާގެ ޙިއްސާ ވިއްކާނަމަ އެހެން ޙިއްސާދާރަކު ގަންނަން ހުރެއްޖެ ނަމަ އެއީ އެ ޙިއްސާދާރުގެ ޙައްޤެކެވެ.)

4- ވެރިޔާ ޒަކާތް ނެގުމަށް ފަހު އެތަކެތި ރަނގަޅަށް ނުބަހާނަމަ ޒަކާތް އެފަރާތާއި ޙަވާލުނުކުރުން.

އަލް އިމާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. އިމާމު މީހާ ޒަކާތް ނެގުމުގައި އަނިޔާވެރިވެ އޭގެ ޙައްޤުވެރީންނަށް ރަނގަޅަށް އެނުބަހާނަމަ ޒަކާތް އެފަރާތާއި ޙަވާލުނުކުރުން އެދެވިގެންވެއެވެ. އަދި އެމީހަކު އަމިއްލައިން ޒަކާތް ބެހުންހުއްޓެވެ. ފަހެ ޒަކާތަށް އަނިޔާވެރިވާ ވެރިޔާ އާއި ޒަކާތް ޙަވާލުކުރުމަށް އެމީހަކަށް މަޖުބޫރު ކޮށްފިނަމަ އަދި އެމީހަކު އެގޮތަށް އަމަލުނިކޮށްފިނަމަ ގެއްލުން ލިބިދާނެ ކަމަށް ބުރަވާނަމަ އެވެރިޔަކާ ޒަކާތް ޙަވާލުކުރުން ހުއްޓެވެ. އެޙާލަތުގައި އެގޮތް ހުއްދައެވެ.

6- ޖިންނި ނެރުމަށް ޓަކައި ޖިއްނި އަޅާފައިވާ މީހާގެ ހަށިގަނޑުގައި ތެޅުން.

ޖިންނީގެ ގެއްލުން ދުރުކުރުމަށް ޓަކައި ޖިންނި އަޅައިގެންފައިވާ މީހާގެ ހަށިގަނޑުގައި ތެޅުން ހުއްދައެވެ. އަލް އިމާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ޖިންނި ހަށިގަނޑު ދޫކޮށް ގޮސްފުމަށް ދާންދެން ޖިންނި އަޅައިގެންފައިވާ މީހާގެ ހަށިގަނޑުގައި ގިނަގިނައިން (އެކަށީގެންވާ މިނަކަށް) ތަޅަންޖެހެއެވެ. އެ ޙާލަތުގައި ޖެހޭ އެތިފަހަރުތައް އަރަނީ ޖިންނިއަށެވެ. އެހެންކަމުން އެއިގެ ތަދު ޖިންނި އަޅައިގެންފައިވާ މީހާއަކަށް އިހުސާސް ނުކުރެވޭނެއެވެ. އަދި އެމީހާ ހޭއެރުމުން ތެޅިކަމުގެ އިހުސާސް ނުކުރެވުނު ކަމަށް ބުނެތެވެ. އަދި އޭނާގެ ހަށިގަނޑުގައި ތެޅިކަމުގެ ނިޝާން ފެންނާކަށް ނުހުރެއެވެ.

7- މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ތަންތަން ނައްތާލުމުގެ ހުއްދަ ވެރިޔާއަށް ލިބުން.

މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ތަންތަން ނައްތާލުނުގެ އިޚްތިޔާރު ދީނީ ގޮތުން ވެރިޔާއަށް ލިބިގެންވެއެވެ. ރުވައިޝަދުއްޘަޤަފީގެ ބަނގުރާ ފިހާރަ (ބާރު)، އުމަރުގެ ފާނު ނައްތަވާލެއްވިއެވެ. އަދި އޭނާއާ ދިމާލަށް ވިދާޅުވިއެވެ. ކަލޭއަކީ ރުވައިޝަދެއްނޫނެވެ. ކަލޭ އަކީ ފުވައިސިޤަކެވެ. ރުވައިޝަދަކީ ރަޝީދުގެ ލަފުޒު ކުރުކޮށް ކިޔާގޮތެވެ. ރަޝީދުގެ މާނައީ ބުއްދިވެރިވެ ހޭޖެހުމެވެ. ފުވައިސިޤަކީ ފާސިޤުގެ ލަފުޒު ކުރުކޮށް ކިޔާގޮތެވެ. އެހެންކަމުން އުމަރުގެ ފާނު އޭނާއާ ދިމާލަށް އޭނާގެ ނަމަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅުގެ މާނައަކީ "ކަލޭ އަކީ ހޭޖެހޭ މީހެއްނޫނެވެ. ކަލޭ އަކީ ފާސިޤެކެވެ."

الضرر يزال (ގެއްލުން ދުރުކުރެވޭ ހުއްޓެވެ.) ގެ ޤަވާޢިގު ދަށުން އުފެދިފައިވާ ފަރްޢީ ޤަވާޢިދުތައް (މާއްދާތައް)

ފުރަތަމަ ޤަވާޢިދު: الضرر لا يزال بالضرر (ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުން)

ދެވަނަ ޤަވާޢިދު: درء المفاسد أولى من جلب المصالح ( މަޞްލަޙަތުގެ ފައިދާ ލިބިގަތުމަށް ވުރެ ފަސާދައިގެ ގެއްލުން ނައްތާލުން އިސްކުރުން ) 

ތިންވަނަ ޤަވާޢިދު: إذا تعارضت المصالح والمفاسد قدم الأرجح منهما على المرجوح (މަޞްލަޙަތުގެ ފައިދާ އަކާއި ފަސާދައިގެ ގެއްލުމެއް ފުށުއަރައިފިނަމަ އެންމެ ރަނގަޅު ކަމަށް ތަރުޖީޙު ލިބެވޭ ގޮތަކަށް ނިންމުން)

ހަތަރުވަނަ ޤަވާޢިދު: إذا تعارضت مفسدتان روعي أعظمها ضررا بارتكاب أخفهما  ( ދެގެއްލުން ކުރިމަތި ވެއްޖެ ނަމަ ކުޑަ ގެއްލުމުގައު ހިފުން) 

މިހުރިހާ ޤަވާއިދަކަށް މިވަޤުތު އަލި އަޅުވައި ނުލެވޭނެއެވެ. ނަމަވެސް މަޢުޟޫއާއި ގުޅުންހުރި މުހިއްމު ދެ ޤަވާއިދަކަށް  އަލިއަޅުވައިލާނަމެވެ.

ފުރަތަމަ ޤަވާޢިދު: الضرر لا يزال بالضرر (ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުން)

މި ޤަވާއިދުގެ އަޞްލަކީ رَسُولَ اللَّهِ صلى الله عليه وسلم ގެ ބަސްފުޅު « لاَ ضَرَرَ وَلاَ ضِرَارَ » އެވެ. މާނައީ: ގެއްލުން ދިނުމެއްނުވެއެވެ. އަދި ގެއްލުން ލިބިގަތުމަށް ނުވެއެވެ.

ޤަވާޢިދު: ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުމުގެ މާނަ

މިޤަވާއިދަކީ އިސްވެދިޔަ الضرر يزال (ގެއްލުން ދުރުކުރެވޭ ހުއްޓެވެ.) ގެ ޢާއްމު ޤަވާޢިދުގެ ދަށުން ނެރެވުނު ޚާއްޞަ ޤަވާޢިދެކެވެ. تاج الدين السبكي ވިދާޅުވިއެވެ. الضرر لا يزال بالضرر (ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުން) ގެ ޤަވާޢިދު ގޮސް ހުއްޓެނީ الضرر يزال (ގެއްލުން ދުރުކުރެވޭ ހުއްޓެވެ.) ގެ ޤަވާޢިދުގެ މައްޗަށެވެ. އެބަހީ ގެއްލުން ކޮންމެހެންވެސް ދުރުކުރަން ޖެހޭނެއެވެ. ނަމަވެސް އެހެން ގެއްލުމަކުންނޫނެވެ. އޭގެ ޙަޤީޤަތަކީ ޢާއްމުކަމަކުން އެއްޗެއް ޚާޢްޞަކުރުމެވެ. އެގޮތަށް ޚާޢްޞަކުރެވެނީ އެއް ގެއްލުމަކުން އަނެއް ގެއްލުމެއް ދުރުކުރުމަކުން ގެއްލުން ދުރުކުރެވުނީ ކަމަކަށް ނުބެލެވޭނެތީއެވެ. (السبكي، الأشباه والنظائر 1/41)

الضرر لا يزال بالضرر (ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުން) ގެ މިސާލުތައް

1-قال النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (أَدِّ الْأَمَانَةَ إِلَى مَنْ ائْتَمَنَكَ، وَلا تَخُنْ مَنْ خَانَكَ) މާނައީ: ތިބައާއި އަމާނާތް ޙަވާލުކުރި ފަރާތަށް އެ އަމާނާތެއް ރައްދުކުރާށެވެ. އަދި ތިބާގެ އަމާނަތަށް ޚިޔާނާތްތެރިވި މީހަކަށް އޭގެ ބަދަލުގައި ޚިޔާނާތްތެރިނުވާށެވެ.

ދަންނައެވެ. އަމާނާތަށް މީހަކު ޚިޔާނާތްތެރި ވުމުން އެ ނުލިބުމަކީ ގެއްލުމެކެވެ. އަދި ޚިޔަނާތްތެރިވުމަކީ ޙަރާމްކަމެކެވެ. އެހެންކަމުން މީހަކު ޚިޔާނާތްތެރި ވުމުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ހަމަ އެގެއްލުން (ޚިޔަނާތްތެރިވުމުގެ ގެއްލުން) އިޚްތިޔާރު ނުކުރެވޭނެއެވެ.

2- ޖިންނި ނެރުމަށް ޓަކައި ރުޤުޔާ ކިޔެވުމުގައި ޝިރުކުގެ ބަހާއީ ކުފުރުގެ ބަސް ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ. އެހެންކަމުން ރުޤުޔާ ކިޔެވުމުގައި ޝިރުކުގެ ބަހާއީ ކުފުރުގެ ބަސް ބޭނުންކުރުމުން ޖިންނި ދުރުވާކަމުގައި ވިޔަސް އެކަން ކުރުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ޖިންނި އަވަލާފައި ހުރުމަކީ ވެސް ގެއްލުމެކެވެ. އަދި ރުޤުޔާ ކިޔެވުމުގައި ޝިރުކުގެ ބަހާއީ ކުފުރުގެ ބަސް ބޭނުންކުރުމަކީ ޙަރާމް ކަމެއްކަމުގައި ވާތީވެ އެއިވެސް ގެއްލުމެކެވެ. އެހެންކަމުން މިޙާލަތުގައި ޖިންނި އަވަލުމމުގެ ގެއްލުން، ރުޤުޔާ ކިޔެވުމުގައި ޝިރުކުގެ ބަހާއީ ކުފުރުގެ ބަސް ބޭނުންކުރުމުގެ ގެއްލުމުން ދުރު ނުކުރެވޭނެއެވެ.

އަލް އިމާމު އިބްނު ތައިމިއްޔާ ރުޤުޔާއާމެދު ފަތުވާ ދެއްވިއެވެ. އެއިގެ ޚުލާޞާއަކީ މިއެވެ." ރުޤުޔާގައި ޒިކުކުރުމާއި ﷲއަށް ދުޢާ ކުރުން ފަދަ އިސްލާމްދީން ހުއްދަކުރާ ކަންތައް އެކުލެވޭނަމަ ހުއްދައެވެ. އަދި ރުޤުޔާގައި ޝިރުކުކުރުމާއި، ކުފުރުގެ ބަސްކަމަށް ޝައްކުކުރެވޭ މާނަ ނޭނގޭ ބަސްތައް ބޭނުން ކުރުން ފަދަ އިސްލާމްދީން ހުއްދަނުކުރާ ކަންތައް އެކުލެވޭނަމަ ހުއްދަވެގެންނުވެއެވެ."

الضرر لا يزال بالضرر (ގެއްލުމަކުން ގެއްލުމެއް ދުރުނުކުރުން) ގެ ޤަވާޢިދަށް ކޮރޯނާ ވެކުސިންގެ މިހާރުގެ ޙާލަތު ތަންފީޒުކުރެވިދާނެތޯ ބެލުން

ކޮރޯނާ ވައިރަސް އަކީ ގެއްލުމެކެވެ. ބަލިޖެހޭ މީހުންގެ 81 އިންސައްތަ މީހުންގެ ހަށިގަނޑުން އޭގެ މަޑު ރޯގާގެ އަލާމަތް ފެނި ރަނގަޅުވަނީ އެއްވެސް ބޭހަކާ ނުލައި އަމިއްލައަށެވެ. އަދި  14 އިންސައްތަ މީހުންގެ ހަށިގަނޑުން ބޮޑއތި އަލާމާތްތައް ފެނި ދުވަސްކޮޅަކުން ބޭހަކާ ނުލައި ރަނގަޅުވެދެއެވެ. އަދި 5 އިންސައްތަ މީހުންނަށް ކްރިޓިކަލްވެ އައިސީޔޫގައި އެޑްމިޓްކުރަންޖެހެއެވެ. އަދި  2.3 އިންސައްތަ މީހުން މި ބަލިން މަރުވެއެވެ.

ވެކްސިންތަކުގެ ތެރެއިން އެއްވެސް ވެކްސިނެއް ޔަޤީންކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމައެއް ނުވެއެވެ. އެތަކެތި ވަނީ ތަޖުރިބާގެ މަރުޙަލާގައެވެ. ތަޖުރިބާގެ މަރުޙަލާގައިވާ ބޭހެއްގެ ގެއްލުން އެނގޭނީ ތަޖުރިބާކޮށް ނިމުމުންނެވެ. ވޭތުވެދިޔަ މަރުޙަލާތަކުގައި އެ ވެކްސިންތަކުން ކަންބޮޑުވާ ވަރުގެ މައްސަލަތަކެއް ފާހަގަކުރެވިފައި ނުވިކަމުގައި ވިޔަސް މި ވަޤުގުތު ބެލެވޭނީ ގެއްލުމެއްގެ ގޮތުގައެވެ. އެހެންކަމުން ބަލި ޖެހޭ މީހުންގެ ތެރެއިން 2.3 އިންސައްތަ މީހުން މަރުވާ ބައްޔަކަށް ތަޖުރިބާގެ މަރުޙަލާ ފުރިހަމަނުވާ ބޭހެއް، ބަލި ނުޖެހޭ މީހުންނަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދިނުމާ މެދު ސުވާލު އުފެދެއެވެ.

ދެވަނަ ޤަވާޢިދު: درء المفاسد أولى من جلب المصالح (މަޞްލަޙަތުގެ ފައިދާ ލިބިގަތުމަށް ވުރެ ފަސާދައިގެ ގެއްލުން ނައްތާލުން އިސްކުރުން)

މި ޤަވާޢިދަކީވެސް ވަރަށް މުހިއްމު ޤަވާއިދެކެވެ. ނަމަވެސް މަޢުޟޫއާ ސީދާ ގުޅުމެއް ނުވާތީވެ ވަޤުތު ކުރުކޮށްލުމަށް ޓަކައި ހަމައެކަނި ސުރުޚީން ފުއްދާލާނަމެވެ.

ތިންވަނަ ޤަވާޢިދު: إذا تعارضت المصالح والمفاسد قدم الأرجح منهما على المرجوح (މަޞްލަޙަތުގެ ފައިދާ އަކާއި ފަސާދައިގެ ގެއްލުމެއް ފުށުއަރައިފިނަމަ  އެންމެ ރަނގަޅުކަމަށް ތަރުޖީޙުލިބެވޭ ގޮތަކަށް ނިންމުން)

މި ޤަވާޢިދަކީވެސް ވަރަށް މުހިއްމު ޤަވާއިދެކެވެ. ނަމަވެސް މަޢުޟޫއާ ސީދާ ގުޅުމެއް ނުވާތީވެ ވަޤުތު ކުރުކޮށްލުމަށް ޓަކައި ހަމައެކަނި ސުރުޚީން ފުއްދާލާނަމެވެ.

ހަތަރުވަނަ ޤަވާޢިދު: إذا تعارضت مفسدتان روعي أعظمها ضررا بارتكاب أخفهما  (ދެގެއްލުން ކުރިމަތި ވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފުން) 

މިޤަވާޢިދުގެ ދަލީލުތައް

މިޤަވާޢިދު ވުޖޫދުވެފައި ވަނީ ޤުރްއާނާއި ސުންނަތުގެ އަލީގައެވެ.

ޤުރްއާނުގެ ދަލީލުތައް:

ޤުރްއާނުގެ ދަލީލުތައް ވަރަށް ގިނައެވެ. އެހެންކަމުން އެންމެ ދަލީލަކަށް އަލިއަޅުވާލާނަމެވެ.

މަތްﷲ ވަޙީކުރެއްވިއެވެ. ( إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ)   (البقرة 173)  މާނައީ: ތިޔަބައިމީހުންނަށް އެކަލާނގެ حرامކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، مجبورވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

ދަނެގަތުން ހުއްޓެވެ. މި އާޔަތުގައި ދެ ޙުކުމް ބަޔާން ވެގެންވެއެވެ. އެއް ޙުކުމަކީ މުޅަތަކެއްޗާއި ލެޔާއި އޫރުމަސް ޙަރާމްވުމުގެ ޙުކުމެވެ. އަނެއް ޙުކުމަކީ އެތަކެތީގެ ތެރެއިން މުޅަތަކެތި މަޖުބޫރުވެއްޖެ މީހަކަށް ހުއްދަވުމުގެ ޙުކުމެވެ. އެގޮތުން އާޔަތުގައި ދެ ގެއްލުމަކަށް އިޝާރާތް ކުރެވެއެވެ. އެއް ގެއްލުމަކީ ﷲ ޙަރާމްކުރެއްވި އެއްޗެއް ކެއުމެވެ. އަނެއް ގެއްލުމަކީ ބަޑުހައިހޫނުކަމުން ފުރާނަ ހުސްވެދާނެކަމުގެ ބިރު ހީވުމެވެ. ދެ ގެއްލުމުން ބޮޑީ ފުރާނަ ހުސްވުމުގެ ގެއްލުމެވެ. ދެ ގެއްލުމުން ކުޑައީ ﷲ ޙަރާމް ކުރެއްވި އެއްޗެއް ކަމުގައިވާ މުޅަތަކެތި ކެއުމެވެ. ސަބަބަކީ އެކަމަށް ﷲ ވޮޑިގެންވަނީ ހުއްދަ ދެއްވާފައި ކަމަށް ވާތީއެވެ. އެއީ އިސްތިސްނާ ޙާލަތެކެވެ. އެކަމުގައި އާދަމުގެ ދަރިއެއްގެ ޙައްޤެއް ނުވެއެވެ. ﷲ ގެ ޙައްޤުތައް ބިނާވެފައިވަނީ މަޢާފު ކުރުމާއި ލުއިދިނުމުގެ މައްޗަށެވެ. އެއީ އެކަލާނގެ ދީލަތިކަމެވެ. އެ ޙާލަތުގައި އިސްކަންދެވޭނީ ﷲ ދެއްވި ހުއްދަ ބޭނުންކޮށްގެން ފުރާނަ ސަލާމަތްކުރުމަށެވެ.

ސުއްނަތުގެ ދަލީލުތައް:

ސުއްނަތުގެ ދަލީލުތައް ވަރަށް ގިނައެވެ. އެހެންކަމުން އެންމެ ދަލީލަކަށް އަލިއަޅުވާލާނަމެވެ.

وعن أبي هريرة رضي اللَّه عنه قال : بَال أَعْرَابيٌّ في المسجِد ، فَقَامَ النَّاسُ إِلَيْه لِيَقَعُوا فِيهِ ، فقال النبي صَلّى اللهُ عَلَيْهِ وسَلَّم : دَعُوهُ وَأَرِيقُوا عَلى بَوْلِهِ سَجْلاً مِنْ مَاءٍ، أَوْ ذَنُوباً مِن مَاءٍ ، فَإِنَّما بُعِثتُم مُيَسِّرِينَ ولَمْ تُبْعَثُوا مُعَسِّرِينَ » رواه البخاري  މާނައީ: މާތްاللَّه ރުއްސުންލެއްވި أبو هريرةގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. (އެއްދުވަހަކު) ރަށްފުށުގެ މީހަކު (އައިސް) مسجِد(النبوي) ގައި (ހުރެގެން) ކުޑަކަމުދާން ފަށައިގަތެވެ. އެހިނދު (އެތާނގައި ތިއްބެވި) ބައެއް اصحاب ބޭކަލުން އެކަން މަނާކުރުމަށްޓަކައި އެމީހާއާ ދިމާއަށް ދާން ތެދުވެވަޑައިގެންފިއެވެ. ފަހެ نبيއާ صَلّى اللهُ عَلَيْهِ وسَلَّم އެބޭކަލުންނަށް ވިދާޅުވިއެވެ. (އޭނާ އާއި ދިމާއަށް އެއްޗެއް ނުބުނެ) ދޫކޮށްލާށެވެ. އަދި އޭނާ ކުޑަކަމު ދިޔަތަނުގެ މައްޗަށް ފެން ބާލިދީއެއް އޮއްސާލާށެވެ. މިހެނީ ހަމަކަށަވަރުން ތިމަންރަސޫލާ ފޮނުއްވިފައިވަނީ ލުއިފަސޭހަގޮތް އިޚްތިޔާރު ކުރުމަށްޓަކައެވެ. އަދި އުނދަގޫ ގޮތް އިޚްތިޔާރުކުރުމަކަށް ނޫނެވެ.

ދަންނައެވެ. މިސްކިތުގައި ކުޑަކަމުން ދިއުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް އިސްވެދިޔަ ޙަދީޘުގައި ރަށްފުށުގެ މީހަކު مسجِد النبوي ގައި ކުޑަކަމުދާން ފަށައިގަތުމުން ބައެއް اصحاب ބޭކަލުން އެކަން މަނާކުރުމަށްޓަކައި އެމީހާއާއި ދިމާއަށްދާން ތެދުވެ ވަޑައިގަތުމުން ފަހެ نبيއާ صَلّى اللهُ عَلَيْهِ وسَلَّم އެބޭކަލުންނަށް އެކަން މަނާކުރެއްވިއެވެ. ސަބަބަކީ މިސްކިތުގައި ކުޑަކަމުން ދިއުމުން ލިބޭ ގެއްލުމަށް ވުރެ އޭނާއަށް އެކަން މަނާކުރުމުން ލިބިދާނެ ގެއްލުން ބޮޑުވެދާނެތީއެވެ. އެއީ އޭނާއަށް އެކަން މަނާކުރުމުން ފަހަރެއްގައި އޭނާ ދުއްވައިގަތުން އެކަށީގެންވެއެވެ. އެހިނދު މިސްކިތުގެ އެހެން ތަންތަނަށް އެ ނަޖިހުގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭނާ ލައިގެން ހުރި ހެދުމުގައި ޖެހި ހެދުން ނަޖިސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެހެންމެ ކުޑަކަމު ދާންފަށާ މީހާ އެކަން ފުރިމަހަނުކޮށް މެދުތެރޭން އޭގެ ބައެއް ހިފަހައްޓައިފިނަމަ ސިއްޙީ ގެއްލުމެއް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެހުރިހާ ގެއްލުންތަކަށް ވުރެ ކުޑަ ގެއްލުމަކީ އޭނާ ކުޑަކަމު ގޮސް ނިމުމުން އެތަން ސާފުކޮށްލުމެވެ.

ދެ ގެއްލުން ކުރިމަތިވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފުމުގެ މާނަ  

ދެ ގެއްލުން ކުރިމަތިވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފުމުގެ މާނައަކީ ކޮންމެ ދެ ގެއްލުމެއް އެއް ކުރުމަށް ފަހު އޭގެ ތެރެއިން ކުޑަ އެތި އިޚްތިޔާރުކުރުމަށް ހުއްދަކުރާ ވާހައެއްނޫނެވެ. ﷲ އާއި އެ އިލާހުގެ ރަސޫލާ މަނާކުރެއްވި ކޮންމެ ކަމަކީ އޭގައި ފަސާދަ ހިމެނޭ ކަންތަކެވެ. އަދި އަޞްލަކީ ހުރިހާ ފަސާދައަކުން ދުރުހެލިވެ ތިބުމެވެ. އެހެންކަމުން އެފަދަ ފަސާދައެއް މުޅީން ދުރުކުރުމަށް ޝަރްޢީ ޢުޒުރެއް މެދުވެރިވެއްޖެނަމަ އޭގެ ޙައްލަކީ ކުޑަ ގެއްލުމުގައި ހިފުމެވެ.

ދެ ގެއްލުން ކުރިމަތިވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފުމުގެ މިސާލުތައް

ދެ ގެއްލުން ކުރިމަތި ވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފުމުގެ މިސާލުތައް ވަރަށް ގިނައެވެ. މިތަނުގައި ބައެއް މިސާލު ދަންނަވާލާނަމެވެ.

މިސާލު: މުޢާމަލާތްތަކުގައި ޝަރީޢަތް ކުރިޔަށް ގެންދިއުމުގެ ޢާއްމު އުޞޫލަކީ ހެކި ނުލިބިއްޖެނަމަ ދަޢުވާ ލިބޭ ފަރާތުން ހުވައިކޮށް ސާބިތުނުވާ މައްސަލައެއްގެ ގޮތުގައި ނިންމުމެވެ. އެއީ ދައުވާ ލިބޭ މީހާގެ އަޞްލު ބިނާވަނީ ކުރެވޭ ތުހުމަތުތަކުން ބަރީއަ މީހެއްގެ ގޮތުގައި ކަމަށް ވާތީއެވެ. ސަބަބަކީ އޭނާގެ ދިރިއުޅުމުގެ ޢާއްމު މިންގަނޑު ބިނާވެފައިވާތަން ބޭރުފުށަށް ފެންނަ ގޮތުގައި ނަޒާހަތްތެރިއެވެ. މިސާލަކަށް އޭނާ ނަމާދު ޤާއިމުކުރެއެވެ. އޭނާގެ އިޖްތިމާޢީ އަޚްލާޤު ޤަބޫލުކުރެވެއެވެ. އެއާ ޚިލާފަށް ކުށަށް ތުހުމަތުކުރެވޭ ދަޢުވާ ލިބޭ މީހާއަކީ ކުށް ކުރުމުގައި މަޝްހޫރު މީހަކަށް ވެއްޖަނަމަ އޭނާ ލައްވާ ހުވާކޮށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމުމުގެ ބަދަލުގައި އޭނާގެ ކިބައިން އިޢުތިރާފު ހޯދުމަށް ޓަކައި އަދަބު ދިނުން ޤާނޫނަކުން ހުއްދަކުރެވިދާނެއެވެ. ސަބަބަކީ އެފަދަ މީހުންގެ ހުވާ ފަސޭހައިން ޤަބޫލުކުރާން ވެއްޖެނަމަ ވަރަށް ގިނަ މީހުންގެ ޙައްޤުތައް ގެއްލިގެން ހިނގައިދާނެތީއެވެ.

ދެ ގެއްލުން ކުރިމަތިވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފާނެ ގޮތުގެ މަންހަޖު

ދެ ގެއްލުން ކުރިމަތި ވެއްޖެ ނަމަ ކުޑަ ގެއްލުމުގައި ހިފަންޖެހެއެވެ. އަދި ދެ ގެއްލުން ކުރިމަތިވެއްޖެނަމަ އެތަނުން އިޚްތިޔާރުކުރާނީ ކޮން ގެއްލުމެއްތޯ ނުވަތަ އެކަމެއް ޔަޤީންކުރާނީ ކޮން ގޮތަކަށްތޯ ކަނޑައަޅަން ޖެހެނީ ވަކި މަންޙަޖެއް (މެތެޑެއް)ގެ ދަށުންނެވެ. އެއީ:

ފުރަތަމަ މަންހަޖު: ދެގެއްލުމުގެ ދަރަޖަ ޝަރްޢީ މަޤުޞަދުގެ މައްޗަށް ރިޢާޔަތްކުރުން

މަޤުޞަދުގެ މާނަ: މަޤުޞަދުގެ ލަފުޒު ތަފާތު މަނާގައި އާދެއެވެ. އެގޮތުން "ކަމަކަށް ބަރޯސާވުން" ، "ތެދުމަގުގައި ސާބިތުވެހުރުން"، "ޢަދުލުވެރިވުން"، "އެއްޗެއް މުގުރާލުން ނުވަތަ އުވައިލުން" ފަދަ މާނަ ހިމެނެއެވެ.

އިޞްޠިލާޙުގައި ޝަރްޢީ މަޢުޞަދުގެ މާނައަކީ އެ އުސްއަލިތަކެއް ޙާޞިލުކޮށް ގަތުމަށް ޓަކައި ޝަރީއަތުގައި ކަނޑައެޅުއްވެވުނު ލަނޑުދަނޑިތަކެވެ.

ޝަރްޢީ މަޤުޞަދު އެނގިގަތުމުގެ ބޭނުން

ޝަރްޢީ މަޤުޞަދު އެނގިގަތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ޝަރްޢީ މަޤުޞަދު އެނގިގަތުމުގެ ބޭނުންތެރިކަން ކުރު ގޮތަކަށް ދަންނަވާލާނަމެވެ. އެއީ:

1- ޝަރީޢަތުގެ ހަމަތައް ރަނގަޅަށް އޮޅުންފިލުން.

2- ޝަރީޢަތުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަމެއް އަލަށް ފެންމަތިވެއްޖެނަމަ އޭގެ ޙައްލު ހޯދާނެގޮތް އޮޅުންފިލުން.

3- ރައްޔަތުންނަށް ހެޔޮގޮތުގައި ދުނިޔެ ފަސޭހަކޮށްދިނުމާއި އާޚިރަށް ބާއްޖަވެރިކޮށްދޭނެ މަގު ހޯދާނެގޮތް އޮޅުންފިލުން. އަދިވެސް ކިތަންމެ ކަމެކެވެ.

ހ- ޝަރްޢީ މަޤުޞަދުގެ ތަރުތީބަތް އިސްކަންދިނުން

ޝަރްޢީ މަޤުޞަދުތަކަށް ޝަރީޢަތުގައި ތަރުތީބު ދެވިފައިވަނީ ތިން ޖަރަޖައަކަށެވެ. އެންމެ ފުރަތަމަ އިސްކަންދޭން ޖެހޭނީ ޟުރޫރީ މަޤުޞަދުތަކަށެވެ. ދެވަނައަށް ޙާޖަތް ފުއްދައިގަތުމަށް ބޭނުންވާ މަޤުޞަދުތަކަށެވެ. ތިންވަނައަށް ކަމެއް ފުރިހަމަކޮށްގަތުމަށް ބޭނުންވާ މަޤުޞަދުތަކަށެވެ.

ޟުރީރީ މަޤުޞަދު: ޟުރޫރީ މަޤުޞަދަކީ އެމަޤުޞަދެއް ގެއްލިއްޖެނަމަ އިންސާނާގެ ދުނިޔެ ނުވަތަ ޢާޚިރަތް ގެއްލިގެން ހިނގައިދާނެ ކަންތައްތަކެވެ. މިސާލަކަށް ކައިވެނީގެ މަޞްލަޙަތު، ނަމާދު ޤާއިމުކުރުމުގެ މަޞްލަޙަތު، ވައްކަން މަނާކުރުމުގެ މަޞްލަޙަތު ފަދަ ކަންތަކެވެ.

ޙާޖަތުގެ މަޤުޞަދު: ޙާޖަތުގެ މަޤުޞަދަކީ އެމަޤުޞަދެއް ގެއްލިއްޖެނަމަ ތަކުލީފާއި ބުރައިގެ ތެރެއަށް އިންސާނާ ވެއްޓިގެން ހިނގައިދާނެ ކަންތައްތަކެވެ. މިސާލަކަށް އުޒުރު ވެރިޔާއަށް ތަޔައްމަމުކުރުމުގެ ހުއްދަ ދެވުމުގެ މަޞްލަޙަތު، އަދި ޤާނޫނުތައް ތަންފީޒުކުރުމުގެ މަޞަލަތު ފަދަ ކަންކަމެވެ.

ފުރިހަމަކުރުމުގެ މަޤުޞަދު: ފުރިހަމަކުރުމުގެ މަޤުޞަދަކީ އެ މަޤުޞަދެއްގެ ބޭނުންހިފުމުން އިންސާނާގެ ދުނިޔެ ނުވަތަ ޢާޚިރަތް ފުރިހަމަވެ ޒީނަތްތެރިވާ ކަންތައްތަކެވެ. މިސާލަކަށް ނަފުލު ނަމާދުކުރުމުގެ މަޞްލަޙަތު، ހުވަނދު ލުމާއި މީރުވަސް ދުވާތަކެތި ބޭނުން ކުރުމުގެ މަޞްލަޙަތު ފަދަ ކަންތަކެވެ.

ށ- ޟުރޫރީ މަޤުޞަދުގެ ތަރުތީބަށް އިސްކަންދިނުން

ޟުރޫރީ މަޤުޞަދުގެ ތަރުތީބާ މެދު ފިޤުހު ޢިލްމުވެރީންގެ ރަވްޔު ތަފާތެވެ. ބައެއް ދަންނަބޭކަލުން ތަރުތީބު ކުރެއްވި ގޮތުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ދީން ޙިމާޔަތް ކުރުމަށެވެ. ދެން ނަފުސު ޙިމާޔަތް ކުރުމަށެވެ. ދެން ނަސްލު ޙިމާޔަތް ކުރުމަށެވެ. ދެން ބުއްދި ޙިމާޔަތް ކުރުމަށެވެ. ދެން މުދާ ޙިމާޔަތް ކުރުމަށެވެ. މިއީ އަލްއިމާމު އަލް އާމިދީ ތަރުތީބު ކުރެއްވިގޮތެވެ.

ބައެއް ދަންނަބޭކަލުން ޟުރޫރީ މަޤުޞަދުތައް ތަރުތީބު ކުރެއްވުމަކާއި ނުލައިވެސް ބަޔާންކުރައްވާފައިވެއެވެ. މިސާކަށް އަލް އިމާމު އައްރާޒީ ވިދާޅުވިއެވެ. "ޟުރޫރީ ކަންތަކުގެ ގޮތުގައި ބެލެވޭނީ ފަސް މަޤުޞަދުގެ ތެރެއިން ކަމެއް ހިމެނުމެވެ. އެއީ ނަފުސު ރައްކާތެރިކުރުމާއި، މުދާ ރައްކާތެރިކުރުމާއި، ނަސަބު ރައްކާތެރިކުރުމާއި، ދީން ރައްކާތެރިކުރުމާއި، ބުއްދި ރައްކާތެރިކުރުމެވެ.

ދީނާއި ނަފުސަށް އިސްކަންދިނުމުގައި ދަންނަބޭކަލުންގެ ރަވްޔު

ގިނަ ދަންނަބޭކަލުން ދެކެލައްވާގޮތުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ދީނަށެވެ. ދެން ނަފުސަށެވެ. މިރަވްޔު އިޚްތިޔާރުކުރެއްވެވި ބޭކަލުންގެ ތެރޭގައި އަލް އިމާމު ޢަޒާލީ އާއި އަލް އިމާމު އަލް އާމިދީއާއި އަލްއިމާމު އައްޝާޠިބީ ހިމެނިވަޑައިގަންނަވައެވެ.

ابن أمير الحاج ވިދާޅުވިއެވެ. ގެއްލުމުގެ ދަރަޖަ އަޅާކިޔުމުގައި އިސްކަންދޭންޖެހޭނީ ދީނަށެވެ. ސަބަބަކީ ވުޖޫދުގެ އެއްމެ ބޮޑު މަޤުޞަދަކީ އެއީ ކަމަށްވާތީއެވެ.

މަދު ދަންނަބޭކަލުންކޮޅެއް ދެކެލައްވާގޮތުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ނަފުސަށެވެ. ދެން ދީނަށެވެ. އެއީ ނަފުސުގެ ޙުރުމަތްތެރިކަމުގެ މައްޗަށް އައިސްފައިވާ ދަލީލުގެ މައްޗަށް ބުރަވެއެވެ. މިއީ އަލްއިމާމު އައްރާޒީގެ ރަވްޔެވެ.

ދީން ޙިމާޔަތްކުރެވޭ ވަސީލަތްތައް

1– ދީނަށް ޢަމަލުކުރުން

2- ދީނާއި އެއްގޮތަކަށް ކަންތައްތައް ނިންމުން (ޙުކުމްކުރުން)

3- ދީނަށް ގޮވައިލުން

4- ދީނުގެ މަގުގައި ޖިހާދުކުރުން

އިސްވެ ދެންނެވުނު ހަތަރުކަމުގެ އަސާސު ގޮސް ހުއްޓެނީ މިސްކިތަށެވެ. ވުމާއިއެކު މިސްކިތަކީ ދީން ޙިމާޔަތްކުރާ ބިންގަލެވެ. އެހެންކަމުން އުފެދޭނެ ސުވާލަކީ މަހަށް ފުރުމާއި މަސައްކަތު ނިކުތުމާއި ޟުރޫރީ ކަނަތައްތަކަށް ބައްދަލުކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނަ މުޖުތަމައެއްގައި ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި ހަމައެކަނި މިސްކިތް ބަންދުކުރުމުގެ މަޞްލަޙަތު ދެމިގެން ވަނީ ކިހާމިންވަރަކަށް ތޯއެވެ؟

ނަފުސު ޙިމާޔަތްކުރެވޭ ވަސީލާތްތައް

ނަފުސު ޙިމާޔަތްކުރެވޭ ވަސީލާތްތައް ވަރަށް ގިނައެވެ. މުހިއްމު ބައެއް ވަސީލަތްތަކަށް އިޝާރާތް ކޮށްލާނަމެވެ.

1- ކެއުން، ބުއިން، އޮނުފޭރާން، ބޯހިޔާވެރިކަން.

ފުރާނަ ސަލަމަތްކުރުމުގެ އެއް އަސާސަކީ ކެއުން، ބިއުން، އޮނުފޭރާން، އަދި ބޯހިޔާވެރިކަމެވެ. އެހެންކަމުން އުފެދޭނެ ސުވާލަކީ ކޮވިޑު ބަލިޖެހޭމީހުންގެ 81 އިންސައްތަ މީހުންގެ ހަށިގަނޑުން އޭގެ މަޑު ރޯގާގެ އަލާމަތް ފެނި ރަނގަޅުވަނީ އެއްވެސް ބޭހަކާ ނުލައި އަމިއްލައިން ކަމަށްވެފައި، އަދި 14 އިންސައްތަ މީހުންގެ ހަށިގަނޑުން ބޮޑު އަލާމާތްތައް ފެނި ދުވަސްކޮޅަކުން ބޭހަކާ ނުލައި ރަނގަޅުވެފައި އަދި 5 އިންސައްތަ މީހުންނަށް ކްރިޓިކަލްވެ އައިސީޔޫގައި އެޑްމިޓްކުރަންޖެހި އަދި 2.3 އިންސައްތަ މީހުން މިބަލިން މަރުވާ ބައްޔަކުން ރައްކާތެރިކަމުގެ ފިޔަވަޅެކޭ ކިޔައިފައި، ރަނގަޅަށް ތިބި މީހުންނާއި ބަލިމީހުންނާއި ކުޑަ، ބޮޑު، އަންހެން، ފިރިހެން، ޒުވާން، މުސްކުޅި އެންމެންގެ ފުރާނަ ސަލާމަތްކުރުމުގެ އަސާސުކަމުގައިވާ ކެއުން، ބިއުން، އޮނުފޭރާން، އަދި ބޯހިޔާވެރިކަމުގެ ހުރިހާ ދޮރުތައް ބަންދުކުރުމުން (ލޮކުޑައުންކުރުމުން) ފުރާނަ ސަލާމަތްކުރެވެނީތޯ ނުވަތަ ފުރާނައަށް ގެއްލުންކުރެވެނީތޯއެވެ؟

2- ފުރާނަ ސަލާމަތްކުރުމުގެ އަނެއް އަސާސަކީ ބޭސްފަރުވާކުރުމެވެ.

ބޭސްފަރުވާ ބެހިގެންވަނީ ދެބައަކަށެވެ. އެއްބަޔަކީ ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމެވެ. އަނެއްބަޔަކީ ބަލިޖެހުމުން ބޭސްކުރުމެވެ.

ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން، މިސާލަކަށް ފައިދާހުރި ތަކެތި ކެއުން، ކަސްރަތުކުރުން، ވެކުސިންޖެހުން ފަދަ ކަންތަކެވެ. މިހާރު އުފެދޭނެ ސުވާލަކީ ކެއުމަށް ބޭނުންވާ ފައިދާހުރި ތަކެތި ހޯދަން މަސައްކަތް ކުރުމުގެ ދޮރާއި، ކަސްރަތުކުރުމުގެ ދޮރު ބަންދުވާ ގޮތަށް ލޮކުޑައުން ވެއްޖެނަމަ ފުރާނަ ސަލާމަތްކުރެވެނީތޯ ނުވަތަ ފުރާނައަށް ގެއްލުންކުރެވެނީތޯއެވެ؟

ދެން އޮތީ ވެކުސިންގެ ވާހަކައެވެ. އިތުބާރާއި އެކު ތަޖުރިބާގެ ހުރިހާ މަރުހަލާތައް ފިރުހަމަވެފައިވާ ވެކުސިން ޖެހުމުގައި ސުވާލެއް ނުއުފެދެއެވެ. ނަމަވެސް އުފެދޭނެ ސުވާލަކީ ކޮވިޑު ބަލިޖެހޭމީހުންގެ 81 އިންސައްތަ މީހުންގެ ހަށިގަނޑުން އޭގެ މަޑު ރޯގާގެ އަލާމަތް ފެނި ރަނގަޅުވަނީ އެއްވެސް ބޭހަކާ ނުލައި އަމިއްލައިން ކަމަށްވެފައި، އަދި 14 އިންސައްތަ މީހުންގެ ހަށިގަނޑުން ބޮޑު އަލާމާތްތައް ފެނި ދުވަސްކޮޅަކުން ބޭހަކާ ނުލައި ރަނގަޅުވެފައި އަދި 5 އިންސައްތަ މީހުންނަށް ކްރިޓިކަލްވެ އައިސީޔޫގައި އެޑްމިޓްކުރަންޖެހި އަދި 2.3 އިންސައްތަ މީހުން މިބަލިން މަރުވާ ބައްޔަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ދުޅަހެޔޮކޮށް ހުރި މީހަކު ތަޖުރިބާ ފުރިހަމަނުވާ ވެކުސިނެއް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބޭނުން ހިފުމުގެ ޟުރޫރަތު ދެމިގެންދާނެ މިންވަރަކީ ކޮބައިހެއްޔެވެ؟

ފުރާނަ ސަލާމަތްކުރުމަށް ޓަކައި ދެންކުރަންޖެހޭ ކަމަކީ ބަލިޖެހުމުން ބޭސްކުރުމެވެ. ބައްޔެއް ޖެހިއްޖެ ނަމަ ޔަޤީންކަން ލިބިފައިވާ ބޭހަކުން ބޭސްކުރުން ވާޖިބުވާނެއެވެ.

ނ- ފަރްޢީ މަޤުޞަދަށް ވުރެ އަޞްލީ މަޤުޞަދަށް އިސްކަންދިނުން

މި ނުޤުތާގެ ގުޅުން މައުޟޫއާ ދުރުކަމަށް ވާތީވެ ކުރުކޮށްލަމެވެ.

ދެވަނަ މަންހަޖު: ޚާއްޞަ މަޞްލަޙަތަށް ވުރެ ޢާއްމު މަޞްލަޙަތަށް އިސްކަންދިނުން

މި ނުޤުތާގެ ގުޅުން މައުޟޫއާ ދުރުކަމަށް ވާތީވެ ކުރުކޮށްލަމެވެ.

ތިންވަނަ މަންހަޖު: ظني ދަލީލުން ސާބިތުވާ ކަމަކަށް ވުރެ ބޮޑަށް قطعي ދަލީލަކުން ސާބިތުވާ ކަމަކަށް އިސްކަންދިނުން

މި ނުޤުތާގެ ގުޅުން މައުޟޫއާއި ދުރުކަމަށް ވާތީވެ ކުރުކޮށްލަމެވެ.

ނަތީޖާ:

ކޮވިޑުގެ ވެކުސިން ޖަހާށޭ ބުނެގެން ނުވަތަ ހިތްވަރު ދީގެން ވެކުސިން ޖަހައިގެން މީހަކަށް ގެއްލުންވެއްޖެނަމަ އެކަމާ މެދު ޖަވާބުދާރީވާންޖެހެއެވެ. ހަމަ އެހެންމެ ކޮވިޑުގެ ވެކުސިން ނުޖަހާށޭ ބުނެގެން ނުވަތަ ނުޖެހުމަށް ހިތްވަރު ދީގެން ވެކުސިން ނުޖަހައިގެން މީހަކަށް ގެއްލުންވެއްޖެނަމަ އެކަމާއި މެދު ވެސް ޖަވާބުދާރީވާންޖެހެއެވެ.

ޙައްލަކީ: ވެކުސިނާ މެދު ދެފަޅިއަކަށް ބައިވެގެން އެއްފަޅިން ޖަހާށޭ ބުނެ އަދި އަނެއްފަޅިން ނުޖަހާށޭ ބުނެ ކުރާ ޒުވާބު ހުއްޓާލުމަށް ފަހު އިސްވެދިޔަ ވެކްސިންތަކުގެ ތެރެއިން ބައެއް ވެކްސިނަށް ޑަބުލިއު.އެޗް.އޯ އިން އިމަރޖެންސީގައި ބޭނުންކުރުމަށް ހުއްދަދީފައިވާތީވެ ވެކްސިންތައް ޔަޤީންކުރުމަށް ޓަކައި ބޭނުންވާ މަޢުލޫމާތު ވަރަށް ސާފުކޮށް އެނގޭނޭހެން ރައްޔަތުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ފަހު ވެކުސިން ޖެހުމާއި ނުޖެހުމުގެ އިޚްތިޔާރު އެ މީހެއްގެ ޒިންމާގެ މައްޗަށް ދޫކޮށްލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *