...

Support Us

ނުކިއްސަރު ނާޒިރާ

މުހިންމު ނޯޓެއް: މިއީ އަޅުގަނޑު ޢާންމުކޮށް ލިޔެ އުޅޭ ޒާތުގެ ފުލޯކުވާހަކައެއްގެ ތެރެއިން ކުރަހާ މަންޒަރެއް ނޫނޭ ދަންނަވައިފިއްޔާ، މި ލިޔުމުގައި މިދަންނަވާ ޙާދިޘާއަކީ ހިނގި ކަމެކޭ، ޙަޤީޤަތެކޭ ދަންނަވައިފިއްޔާ…  ކުރިޔަށް ވަޑައިގަންނަވާށެވެ!…

ދުވަހަކީ މިހިނގާ 2021މ. ވަނަ އަހަރުގެ ފެބުރުއަރީ މަހުން 7 ވީ އާދިއްތަ ދުވަހެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ ދެމީހުން އެދުވަހުގެ ހެނދުނު 8:00 ހިނގިއިރު ތިބީ މާލޭގެ މަޖީދީމަގުގެ ހުޅަނގުކޮޅުން ވަދެވެން އެހުންނަ، ބޮޑު އިޖުތިމާޢީ މަރުކަޒު، ނުވަތަ ސޯޝަލް ސެންޓަރުގެ ކުރިމަތީގައެވެ. އަޅުގަނޑުމެން ދެމީހުންގެވެސް މަޤްޞަދަކަށްވީ، 9:00ގައި ފަށާ، ވެކްސިން ދިނުމުގެ ދުވަހުގެ ބުރު ފެށި، ކިޔޫ ދިގުވެ، އެއް ގޮތަށްވުރެ ގިނަ ގޮތުން ތަން ހޫނުވުމުގެ ކުރީން، ވެކްސިން ކިޔޫގެ ކުރިން ޖާގައެއް ހޯދައި، ކޯވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ލިބޭތޯ ބެލުމެވެ. ވެކްސިން ޖަހަން ރަޖިސްޓަރީ ކުރަން ސައިޓު ހުޅުވާލި ރޭ ދަންވަރު، އަޅުގަނޑުމެންނަކީ ”ހައިރިސްކު“ މީހުންނަށް ވާތީ، އަޅުގަނޑުމެން ދެމީހުން އަވަހަށްއެ ސަތިޓުގައި ރަޖިސްޓަރީވީމެވެ. އެހެންނަމަވެސް، ރަޖިސްޓަރީ ކުރީމައި ވެކްސިން ޖަހަން އަންނަން ގުޅާނެކަމަށް ކޮންމެވެސް ބޭފުޅަކު ތަކުރާރުކޮށް ވިދާޅުވި ވިދާޅުވުމަށް ޢަމަލީ ސިފަ ނާންނަހެން ހީވާތީ، ވެކްސިން ޖަހަން ފެށިތާ ދެތިން ހަތަރު ފަސް ދުވަސް ވީއިރުވެސް އަޅުގަނޑުމެންނާ އެއްވެސް ފަރާތަކުން ނުގުޅާތީ، އަޅުގަނޑުމެން އެތަނަށް ދިޔައީ އަމިއްލަޔަށް އިސްނަގައިގެން ގޮސް ވެކްސިންގެ ކަންކަން ނިންމައިލެވޭތޯ ބަލާށެވެ.

އަޅުގަނޑުމެން ދެމަފިރީން އިޖުތިމާޢީ މަރުކަޒުގެ ކުރިމައްޗަށް އެރިއިރު، އެތާނގައި ތިއްބެވީ ދިވެހިރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރާއި، ދައުލަތުގެ ސްޓޭޓް މިނިސްޓަރުންގެ މަޤާމުގައި ތިއްބެވި ދެތިން ބޭފުޅުންނެވެ. އެ ބޭބޭފުޅުންގެ ފައިންޕުޅު އެ ވަގުތު އެތަނުން ފެނިފައި އަޅުގަނޑުގެ ހިތަށް ވެރިވީ ޝުކުރުވެރިކަމާއި އުފަލެވެ. ކީއްވެތޯއެވެ؟ ވެކްސިންޖެހުމުގެ ޙަރަކާތަށް އެއިން ކޮންމެ ބޭފުޅަކުމެ ދެއްވާ އަހުމިއްޔަތު ޢަމަލުން ދައްކަވަން އެތާނގައި އެ ތިއްބެވި ގޮތުންނެވެ. އަދި ހަމަ އެޔާއެކު، އެތާނގައި އެ ތިއްބެވި ބޭފުޅުންގެ ތެރެއިން ޞިއްޙަތާ ބެހޭ ވަޒީރު ފިޔަވައި ދެން އެ ތިއްބެވި އެންމެ ބޭފުޅުންނަކީ ކޮންމެވެސް ދުވަސްވަރެއްގައި އަޅުގަނޑުގެ ދަރިވަރުން ކަމުގައިވެސް ހިމެނިވަޑައިގަތީތީއެވެ. ކޮންމެއަކަސް، އަޅުގަނޑު އެ ބޭފުޅުންނާ އަރައި ހަމަވުމާއެކު، އެ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް އިވުނީ ދުވަހުގެ ހެޔޮ ސަލާމާއި، މަރުޙަބާޔާ އެކީ ވިދާޅުވި ބަސްފުޅުތަކެވެ. ޞިއްޙީ ވަޒީރަށް އަޅުގަނޑު ފެނިވަޑައިގެން ކޮންމެ ތާކުން އަބަދުވެސް އަޅުގަނޑަށް ދައްކަވައި އުޅުއްވާ ހިތްޕުޅުހެއުކަމާއި، އެ ގެންގުޅުއްވާ ހިތްގައިމު ސަމާސާ މިޒާޖާއި، ހިނިފުޅުވެޑުވުމާއި، އިޚްތިޔާރުކުރައްވާ ބަސްމަގުގެ އުފާ އެދުވަހުވެސް އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު ގާތު ވިދާޅުވާ އެއްޗިހީގައި އެހުންނަ، އެއްލަފުޒުން ދެތިންމާނަ އެއްފަހަރާ ދޭހަވާ ކަހަލަ، އިނގިރޭސީން އެކިޔާ ’ޝާޕް ވިޓް‘ ނުވަތަ ފިކުރީ ތޫނުފިލިކަމުގެ ގެ ރަހަބަލައިލަން އެދުވަހުވެސް ލިބުނުކަމީ އަޅުގަނޑުގެ ދުވަހަށް އިތުރު އުފާވެރިކަމެއް ގެނެސްދިން ކަމެކެވެ.

ކޮންމެއަކަސް، ދުވަހުގެ ކިޔޫ ރަސްމީކޮށް ހުޅުވެންދެން އަޅުގަނޑުމެން ދެމަފިރީން އެކަމުގެ އިންތިޒާރުގައި ތިބީމެވެ. ވަޒީރާއި ސްޓޭޓް މިނިސްޓަރުން މުހިންމު ކަންކަމަށް ވަޑައިގެންފިއެވެ. ނޫން! އެއް ބޭފުޅަކު ފިޔަވައެވެ. އެ ބޭފުޅަކު އަޅުގަނޑު ގާތުގައި މަޑުކުރެއްވީއެވެ. އެއީވެސް ސްޓޭޓް މިނިސްޓަރެކެވެ. މީގެ 37 އަހަރު ކުރީގައި އަޅުގަނޑުގެ ދަރިވަރެކެވެ. އޭނާ އަޅުގަނޑު ގާތު މަޑުކުރައްވައިގެން ހުންނެވިއިރު ދެއްކެވި ވާހަކަފުޅަކީވެސް އެ ދުވަސްވަރުގެ އުފާވެރިކަމުގެ ވާހަކައެވެ. ދޭތެރެ ދޭތެރެއިން ޝުކުރުގެ ބަސްފުޅެއްވެސް ވާހަކަފުޅުގައި ހިމަނުއްވަމުން ވަޒީރުގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ. ދަރިން ވާނީ ދަރިންނަށޭ، ދަރިވަރުންނަކީވެސް ދަރީންނޭ އަޅުގަނޑަށް ބުނެވެނީ މިދަންނަވާ ކަހަލަ ބޭބޭފުޅުން ޤައުމަށާއި މުޖުތަމަޢަށް ކޮށްދެއްވަމުން ގެންދަވާ މިންނެތް ޚިދުމަތް ފެނުނީމައެވެ. އެއް ދުވަސްވަރެއްގައި ނަމަވެސް މިފަދަ ބޭބޭފުޅުންގެ ތަޢުލީމީ ޙަޔާތްޕުޅުގައި ބައިވެރިވާން ލިބުނުކަމީ އަޅުގަނޑަށް މިދުނިޔޭގައި ދެއްވި ނިޢުމަތެކޭ ބުނެވެނީވެސް އެހެންވެގެންނެވެ.

އަޅުގަނޑުގެ އިހުގެ ދަރިވަރުންނާއި އަޅުގަނޑާ ދޭތެރޭ އަބަދުވެސް އޮންނަ ގުޅުމަކީ ދެމިއޮންނަ ގުޅުމެކެވެ. މަދުރަސާގެ ހަތަރު ފާރުން ބޭރަށް އަދި ނިކުތަސް، ބޮލުގައި ނުރަ ޖެއްސަސް، ދުނިޔޭގެ ކަންކަމުގައި އަޅުގަނޑުގެ ލަފާ އަހައިލާން އޭގެ ތެރެއިން ގިނަ ކުދީން… މަޢާފު ކުރައްވާ! ބޭބޭފުޅުން… މިހައިރުވެސް ގުޅުއްވައި އުޅުއްވައެވެ.  އެ ބީދައިން އަޅުގަނޑު މިދެންނެވި ސްޓޭޓް މިނިސްޓަރުވެސް އިސާހިތަކު އެކަހަލަ މައުޟޫޢެއް ހުޅުއްވަވައި ލައްވައިފިއެވެ. އަޅުގަނޑުވެސް އެ މައުޟޫޢުގައި ޝައުޤުވެރިކަމާއެކު ބައިވެރިވީމެވެ.

ދެން… އާދެ، ދެން! އަޅުގަނޑުމެންގެ ވާހަކަ ހަމަ ކުއްލިޔަކަށް މެދުކެނޑިއްޖެއެވެ. ނޫން! މެދުކަނޑައިލަން ޖެހިއްޖެއެވެ. އެއީ ކީއްވެތޯއެވެ؟ އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އޮތް ހެޔޮއެދުމާއި، ހެޔޮ ޚުލްޤާއި، ލޯތްބާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، މިހުރިހައި ކަމެއް ފަހަށް ބާއްވަން އެ ޖެހުނީ އަޅުގަނޑުމެންގެ އިޚްތިޔާރުން ބޭރުގައި އޮތް ކަމެއް މާދުރުން އައިސް އަޅުގަނޑުމެންގެ ދެމެދަށް ވަދެގަތީމައެވެ. އެތަނަށް އައި ބިދޭސީއަކު އަޅުގަނޑުމެންގެ ވަށައިގެން އޮތް ލޮބުވެތި ހަމަޖެހުމާއި ތަހުޒީބުގެ މާހައުލު ބޮޑުމަރުތޭލުން ޖަހައި ތަޅައިލީމައެވެ. ފާރިސީ ޒުޖާޖުން ހަދައިފައި އެ ހުންނަ ކަހަލަ، ތުނި ބިއްލޫރި ބަނޑިޔަލެއްގައި ތިމަރަ އޮށަކުން ޖެހީމައި ތަޅައިގެން ދާގޮތަށް ދުވަހުގެ އުފާވެރިކަން ތެޅި ކުނޑިކުޑިވެއްޖެއެވެ! މިދެންނެވި އަޖުނަބީ އެކަން ކުރީ އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ޙުރުމަތެއް ނުބަހައްޓައި، ލޮލެއް، ބޮލެއް، ކަނދުރާޔެއް، ދޮރެއް، ދޯރާއްޓެއްވެސް ނުބަލައެވެ! ތަހުޒީބުގެ ކަންފުޅެއްވެސް ނެތިއެވެ.

”އޭތް! މިއީތަ ވެކްސިން ކިޔޫ؟ ވަންނަން ވީތަ؟“ އަޅުގަނޑުމެން ދެމީހުން ދޭތެރެޔަށް ތޮރުފިގަތް މީހާ، ވަރަށް ބާރަށް، ވަރަށް ކުރަކި އަޑަކުން، އިނގިރޭސި ބަހުން އަހައިފިއެވެ. އިސްތިޢުމާރުގެ ރަންޒަމާނުގައި ދުނިޔޭގެ މިހިސާބުގައި އުޅުނު ފަރަންޖީ ކޮމާންޑަރުންގެ ތެރެއިން އެންމެ ’ގޯއްޑޭމު‘ މީހާވެސް އޭނާގެ ދަށުގައި ތިބޭ އަޅުވެތި ނޯކަރުންނަށް އަމުރުކޮށް އުޅެފައިވާނީ އެއަށްވުރެ ތަންކޮޅެއް ބަނިޔާދަންކޮށް ހެން އަޅުގަނޑަށް ހީވިއެވެ.

މި ހިސާބުން ކުޑަވަރެއްގެ ރަމްޒީ ބުރެކެޓެއް ޖަހައިފައި ދަންނަވައިލާނަމެވެ. ’ތޮރުފިގަތް‘ މިބަސް މިތާނގައި އަޅުގަނޑު ބޭނުންކުރީތީ، އެއީ ތަންކޮޅެއް ދެރަވަރު ބަހެއް ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅުން އަޅުގަނޑަށް މަޢާފު ކުރައްވުން އެދެމެވެ. އެއީ މީހަކު ދަޢުވަތަކާ ނުލައި އައިސް ކަމެއްގެ ތެރެޔަށް ހުތުރުކޮށް ވަދެގަތީމާ، ކަމުގެ ހުތުރުކަން ހަމަ އެގޮތަށް ބަޔާން ކުރަން ބޭނުންކޮށްއުޅޭ ބަހެއްކަމަށް ކޮންމެވެސް ތަނެއްގައި ލިޔެވިފައި އޮވެދާނެއެވެ. އެހެންނަމަވެސް، ދިވެހި ބަހުގައި އެ ލަފުޒު މަރުނުވެ ދެމިއޮންނަނީ މިކަހަލަ ކަންކަމުގައި ބޭނުންކުރަންކަމަށްވެސް އަޅުގަނޑަށް ފެނެއެވެ. ތަހުޒީބޭ ކިޔޭ މާދޫނި މިނިކާރާއްޖެޔަށް އުދުހި ދިޔައިމާ، އެހިސާބުން ޖާނަށް ހަކަތަ ލިބިގެން އެންމެންގެ ކުރިމައްޗަށް ހަށިފޮޅައިލައިފައި ނިކުންނަން ފައިނަގާނީ އެކަހަލަ ބަސްބަސް ނޫންތޯއެވެ! މިއީ ދެރަވަރު ޚިޔާލަކަށް ވަންޏާ، އަޅުގަނޑަށް މަޢާފުކުރައްވާނަން، އެހެން ނޫންތޯއެވެ!

”އޭތް! މިއީތަ ވެކްސިން ކިޔޫ؟ ވަންނަން ވީތަ؟“ އެމީހާ މިހެން ބުނީ އިނގިރޭސިބަހުންނެވެ. އަޅުގަނޑަކީ ދުނިޔޭގެ އެތައް ބަހެއް ކުޑަކުޑައިކޮށް ނަމަވެސް ދަންނަ، ބައެއް ބަސްބަހުގެ އިސްތިޢުމާލާއި ޘަޤާފަތާއި އާދަކާދައިގެ ރަހަބަލައިލައި، މިހެން އުޅޭ މީހަކަށްވެސް ވާތީ، އަޅުގަނޑުގެ ކަންފަތުގައި އެޖެހުނީ އިނގިރޭސިބަހުގެ ލަފުޒުތަކެއް ކަން އަޅުގަނޑަށް އެނގުނެވެ. އަދި ހަމަ އެޔާއެކު، އެ ލަފުޒުތަކުގައި ރަޝިޔާ، އެސްތޯނިޔާ، ނުވަތަ ނޯރޑިކް ޤައުމުތަކޭ ކިޔާ ކޮންމެވެސް ޤައުމެއްގެ މަޚުރަޖައެއް ހިފައިފައި ހުރިކަންވެސް އަޅުގަނޑަށް ޔަޤީންވިއެވެ.

”އޭތް! މިއީތަ ވެކްސިން ކިޔޫ؟ ވަންނަން ވީތަ؟“ މިހެން ބުނި މީހާ އެ ބޭނުންކުރީ، ތަހުޒީބު ބަހެއް ކަމަށް ވަކި ޒާތެއްގެ ބަޔަކު ކިޔައިއުޅޭ އިނގިރޭސިބަސް ކަމަށް އަދި ވިޔަސް… އަޅުގަނޑުމެން އިސްކޯލަށް ގޮސް އުޅުނު ޒަމާނުގައި އަޅުގަނޑުމެންނަށް ކިޔަވައިދެއްވަން އުޅުއްވި، އިނގިރޭސީންވެސް އިނގިރޭސީންވެސް އޭގެ ތެރޭގައި ހިމެނޭ، ތަފާތު އެކި ޤައުމުގެ އެކި ޘަޤާފަތުގެ ވެރި އުސްތާޒުން އަޅުގަނޑުމެން ގާތު އަބަދުވެސް ވިދާޅުވެދެއްވަމުން ގެންދެވި އެއްޗެއް އޮވެއެވެ. އެއީ، ކޮންމެ ދުވަހަކުވެސް އަލަށް، ނުވަތަ ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމައްޗަށް އަރާއިރު، ނުވަތަ މީހަކާ ބައްދަލުވާއިރު، ސަލާމުގެ ބަސްކޮޅަކާއި މަރުޙަބާގެ ލަފުޒުކޮޅަކުން އެމީހަކާ މުޚާޠަބުކޮށްފައި، ސަލާމާއި މަރުޙަބާގެ ޖަވާބުގައި މަޑުކޮށްލާށޭއެވެ. ޖަވާބު ލިބުމުން މެނުވީ އެހެން ވާހަކައެއް ނުފަށާށޭއެވެ.  ތިމާޔަކީ ހެޔޮލަފާ، އެހެން މީހުންނަށް އިޙްތިރާމް ކުރާ، ފަޚުރުވެރި ތަހުޒީބެއްގެ އަހުލުވެރިޔެއް ކަމަށް ދެކޭ ކޮންމެ މީހެއްގެ މައްޗަށް އެއީ ލާޒިމުވާ ކަމެކޭވެސް އެ ބޭބޭފުޅުން ވިދާޅުވެ އުޅުއްވިއެވެ.  ވަޒީރާ އަޅުގަނޑާ ދެމެދު ދެކެވެމުން ދިޔަ ވާހަކަ މެދު ކަނޑައިލައި، ދެމީހުން ދޭތެރެޔަށް މި ފަހަރު މިބޭނިގަތް މީހާޔަކީ އެކަހަލަ ހަމަތައް އަޑުއަހައިއުޅުނު މީހެއް ކަމަކަށް އަޅުގަނޑަކަށް އެ ހަމަޔަކުން ނުފެނެއެވެ.

އެއްވެސް ކަހަލަ އިޙްތިރާމެއް ނެތް، ހަރުކަށި، އަމުރުވެރި ރާގަކުން އެ އިވުނު އާދައިގެ ލަފުޒުކޮޅަކުން އަޅުގަނޑަށް އެހައި ބޮޑު އަސަރެއް ކުރީ ކީއްވެގެން ކަމެއް އަދި ނުދެންނެވެއެވެ. ނުވަތަ އަދަބެއް، ސަދަބެއް، ޚުލްޤެއް، ސުލޫކެއް ނެތް ގޮތަކަށް އައިސް، ތަނެއްގައި ވާހަކައެއް ދައްކައިލަން ތިބި ދެމީހެއްގެ ދެމެދަށް ތޮރުފިގަތް ތޮރުފިގަތުމާ ދޭތެރޭ އަޅުގަނޑު އެހައި ބޮޑަށް ކަންބޮޑުވި ސަބަބެއްވެސް އަދި ނުދެންނެވެއެވެ. އޭނާ އެ ދެއްކި ހުތުރު މިސާލުން ކޮށްގެން ތިޔަ އުޅެނީ ހައުދަހައި ބޮޑު އަސަރެއްތާއޭ، އެކަމާ ލިޔުމެއްވެސް ހަމަ ލިޔާ ވަރު ވީހޭ، ބައެއް ބޭފުޅުން އަޅުގަނޑުގާތު އައްސަވައިފާނެކަންވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ރަށްރަށުގެ ވަލުން ކާޅުވެސް ގޮވައެވެ. މީހުން އެކަމަކާ ކަންބޮޑެއްވެސް ނުވެއެވެ. ހަމަ އެބީދައިން، ރާއްޖެއަރާ ބިދޭސީން ކުރެ ކޮންމެ މީހަކީ، ނުވަތަ ޔޫރަޕުގެ ކޮންމެ ވަޒަންވެރިޔަކީ، ލާމަސީލު މިސާލެއް ކަމަށް ވުން ލާޒިމުތޯ އައްސަވައިލައްވާނޭ ބައެއް ބޭފުޅުން މިރާއްޖޭގައި ތިއްބަވާނޭކަން އަޅުގަނޑަށް އެނގެއެވެ. ޔޫރަޕު މީހުންގެ ތެރޭގައިވެސް ގޮތެއް ފޮތެއް ނެތް ކިތަކަށް މީހުން އުޅޭނެހޭ، ތިޔަ މީހާގެ ވާހަކަ ތިޔަހައި ވަރަކަށް ތިޔަ ދައްކަނީ ކީއްވެހޭ، މިހެން އައްސަވާނެ ބޭފުޅުންވެސް އޭގެ ތެރޭގައި ތިއްބަވާނެކަން އަޅުގަނޑަށް ޔަޤީނެވެ. އެހެން ނަމަވެސް… އައްސަވާށެވެ! މިލިޔުން މިހެން ލިޔުމުގެ ވަރަށް ރަނގަޅު ސަބަބެއް އެބަ އޮތެވެ.

އަޅުގަނޑު ކުރިން މިދެންނެވި ވަޒީރާ އަޅުގަނޑާ ދެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑައިލައިފައި ދެމީހުން ދޭތެރެޔަށް  ބޭނިގަތް މީހާޔަށް އަޅުގަނޑު ޖަވާބެއް ދިނީމެވެ. އިނގިރޭސިބަހުންނެވެ. ވަރަށް އޮމާން ކޮށް، އަޑު މަޚުރަޖަޔަށްވެސް ވަރަށް ބަލައިގެން، އަޅުގަނޑު އޭނާޔާ މުޚާޠަބުކޮށް ބުނީ، ”ކަމަނާ އަޅުގަނޑުމެން ދެމީހުންގެ ވާހަކަ މެދުކަނޑުއްވައިލެއްވީތީ ޝުކުރިއްޔާ!“ މިހެންނެވެ.

ދުނިޔޭގެ ތަހުޒީބު އެތައް ޤައުމެއްގައި ދިރިއުޅޭ އެންމެ އާދައިގެ ފަންތީގެ އެތައް ބަޔަކަށްވެސް އެވަރުން ކޮންމެވެސް އެއްޗެއް ވިސްނޭނެއެވެ. ތިމާޔަށް މިހެދުނީ ގޯހެއްކަމާއި، ދެމީހަކު އޮލަ ވާހަކައެއްގައި ތިއްބައި، ދަޢުވަތަކާ ނުލައި އެ ދޭތެރެޔަށް ބޭނިގަތުމަކީ ޚުދު ތިމާގެ އަމިއްލަ ޘަޤާފަތުގައިވެސް ހުތުރު ކަމެއްކަން އަޅުގަނޑުމެން ކުރިމަތީގައި އެވަގުތު ހުރި އަންހެނާގެ ހަނދާނަށްވެސް އަންނާނެއެވެ.  އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ’ޕޮލައިޓް‘ ބަހުރުވައިން އެބުނި އެއްޗެއް ބުނީމައި، އެ ހިސާބުން އަޅުގަނޑުމެންނާ ދުރަށް ދާކަށް ދެންވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި، މިދަންނަވާ ނުކިއްސަރު ފަރަންޖީ އަންހެނާ ދެއްކީ ވަރަށް ނާތަހުޒީބު، ވަރަށް ހުތުރު ނަމޫނާއެކެވެ. އަޅުގަނޑާ ދިމާޔަށް ރުޅިވެރިކަމާއެކު ލޯއަޅައިގެންފައި، ބޮލުގެ އިސްތަށިގަނޑުން ފެށިގެން އަޅުގަނޑު އަރައިގެން ހުރި ފައިވާނުގެ ފުންނާބާ ހަމަޔަށް ނުރުހުމާއި ނޭއްދާރުކަމާއެކު ނަޒަރު ހިންގައިލައިފައި، ދެން ކުރިމަތިލީ އަޅުގަނޑުގެ ކުރިމަތީގައި ހުންނެވި ބޭފުޅާޔާއެވެ. އަޅުގަނޑުމެންނާ ހުށަހޮޅިގަތް އެ އަންހެނާޔަށް ފެނުނުގޮތުގައި ވަޒީރަކީ ތިމާމީހާގެ މަތިވެރިވެގެންވާ ރަށަށް ވުރެ ކަމީނާ ޤައުމެއްގެ ދެރަވަރުގެ ރައްޔިތަކަށް ވިޔަސް، އަޅުގަނޑުގެ ކުރިމަތީގައި އެބޭފުޅާޔަކީ އަޅުގަނޑުގެ ޢިއްޒަތްތެރި، ލޮބުވެތި ޤައުމުގެ ސްޓޭޓް މިނިސްޓަރެކެވެ. ދައުލަތުގެ ޢިއްޒަތްތެރިޔެކެވެ.

”އޭތް! ބަލަ، ކުރިިމަތީގައި މިހިރަ ފޭލިގެ ތެރޭގައިތަ ވެކްސިން ކިޔޫ އޮތީ؟“ ބިދޭސީ ދައިތަ ވަރަށް އާދައިގެ ދެރަވަރު ރާގަކުން ވަޒީރު އަރިހު ސުވާލެއް ދަންނަވައިފިއެވެ. އަދި އަޑާއި މަޚުރަޖައިގައި ހުރި ހަރުކަށިކަމާއި އަމުރުވެރިކަމަށް އިތުރު ބާރެއް ލައިފައި އޭނާގެ އަޚުލާޤީ ފެންވަރުގެ ނާތަހުޒީބު މަޢުރަޟައިގެން ކުރިޔަށް ދިޔައެވެ. ”އެތަނަށް ވަދެއްޖިއްޔާ މަށަށް ކިޔޫ ނަންބަރު 1 ލިބޭނެތަ؟ ލިބެންވާނެ! އަހަރެން މިއީ …އިސްކޯލުގެ ނާޒިރާ!“

އެހިސާބުން އަޅުގަނޑުގެ ސިކުނޑީގެ އެންމެ އެތެރެ ހިސާބެއްގައި އިންޒާރުގެ ރަތް ބޮތްކެއް ދިއްލުނެވެ. ނަމަވެސް…

ނަމަވެސް، އަޅުގަނޑަށް އެވަގުތު ސަމާލުކަން ދެވުނީ އަޅުގަނޑުގެ ކުރިމަތީގައި ހުންނެވި ބޭފުޅާ ދެއްވާނެ ޖަވާބަކަށާއި ހައްދަވާނެ ގޮތެއް ދެނެގަތުމަށެވެ. އަޅުގަނޑު އެބޭފުޅެއްގެ ވާހަކަ މިދަންނަވާ ސްޓޭޓް މިނިސްޓަރަކީ އެ މަޤާމަށް ވަރަށް ރަނގަޅަށް ކުފޫ ހަމަވާ، ދިވެހިރާއްޖޭގެ އަގާއި ތަހުޒީބާއި އަޚުލާޤު ހިފަހައްޓަވާ ބޭފުޅެއްކަން އެހިސާބުންވެސް އަޅުގަނޑަށް އެނގުނެވެ. އެބޭފުޅާޔަކީ އެބޭފުޅާގެ އެދުރުން އެބޭފުޅާޔަށް ދެއްވައިފައިވާ، އަދި އެބޭފުޅާ އަމިއްލަފުޅަށް އޭގައި ހިއްޕަވައިގެން އުޅުއްވާ، ހެޔޮ  ސުލޫކުގެ ލާމަސީލު މިސާލެކެވެ. ފަރަންޖީ އަންހެނާގެ ޢަމަލުތައް ހުރިގޮތުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ހިޔަންޏެއް މޫނުފުޅަށް ކުޑައިރުކޮޅަކަށް އެޅުނަސް، އެކަން ފާހަގަވާނީ ވަރަށް މަދު މީހަކަށެވެ. އަޅުގަނޑަކީ ތިރީހަކަށް އަހަރު ކުރީންނަމަވެސް އެބޭފުޅާގެ އެދުރުންގެ ތެރޭގައި ހިމެނުނު މީހަކަށް ވުމުގެ ފަޚުރާއި ނަސީބާއި ހިތްހަމަޖެހުން އަބަދުވެސް ލިބިލިބި ހުންނާނެ މީހެއްކަން އެ ދަނޑިވަޅުގައިވެސް ވަޒީރު އަޅުގަނޑަށް ވަރަށް ރަނގަޅަށް ދެއްކެވިއެވެ.  މިދެންނެވި ނުކިއްސަރު އަންހެނާޔަށް އޭނާ ދެއްވި ޖަވާބުންނެވެ. ކިޔޫފޭލިގެޔާ ދިމާޔަށް އަތްޕުޅު ދިއްކޮށްލައްވައިފައި ވަޒީރު ވިދާޅުވީ، ”ކުރިމަތީގައި ތިޔަހަރަ ފޭލިގެޔަށް ވަންނަވާ. އެތާ ތިބޭނެ ތިޔަކަން ހަމަޖައްސައިލާނެ މީހުން.“ މިހެންނެވެ.

އަޅުގަނޑަށް ނާޒިރާޔަށް ދެވުނު އަހުމިއްޔަތުގެ ކުޑަކަމުން ކަންވެސް ނޭނގެޔޭ، އޭނާ އެބުނި އިސްކޯލެއްގެ ނަމެއް އަޅުގަނޑަކަށް ސާފެއް ނުވިއެވެ. އޭނާ އެބުނި އެއްޗަކުން އަޅުގަނޑަށް ސާފުވި، ދޭހަވި، އަދި މުހިންމުވި ލަފުޒަކަށްވީ ’ނާޒިރާ‘ މިލަފުޒު އިނގިރޭސިބަހުން ކިޔާ ގޮތެވެ. އެ ލަފުޒު އަޅުގަނޑުގެ ކަންފަތަށް އިވުމާ، އަޅުގަނޑުގެ ސިކުނޑިން އެލަފުޒުގެ މާނަ ދޭހަކުރި ގޮތާއި، އެ ދޭހައިގެ އެތައް މާނައެއް ހިތަށް އެރިގޮތުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ފުރަތަމަ އެރި އެތި އަޅުގަނޑުގެ ދުލާ ހަމަޔަށް އައީ އިޚްތިޔާރުން ބޭރުންނެވެ. އަޅުގަނޑަށް އެ ބުނެވުނު އެތި ވަޒީރު ހަމަ ރަނގަޅަށް އައްސަވާނެއެވެ. ނާޒިރާޔަށްވެސް އެއަޑު ފަހަރުގައި އިވިފައިވުން އެކަށީގެންވެއެވެ. އަޅުގަނޑަށް ބުނެވުނީ،”އިސްކޯލެއްގެ ނާޒިރާއެއްގެ ސުލޫކު…!؟ ޙައިރާން ވެއްޖައިން!“ މިހެންނެވެ.

އަޅުގަނޑުގެ ނަސީބު ރަނގަޅު ކަމުން އަޅުގަނޑަކީ ކާކުކަން ނާޒިރާޔަކަށް ނޭނގޭނެއެވެ. އެހެނީ، އަޅުގަނޑުގެ އަޑަކީ އޭނާ ދުވަހަކުވެސް ޝައުޤުވެރިކަމާއެކު އެހި އަޑަކަށް ނުވާނެއެވެ. އޭނާޔަކީ ދިވެއްސަކު އިސްޓޭޖަކަށް އަރައި، ނޫނީ ޕޯޑިޔަމްއެއްގެ ކައިރީގައި ހުރެ، ނުވަތަ ޓީވީން ނޫނީ ރޭޑިޔޯއިން ކިޔާ އެއްޗެއް އަހަން ’އަހަރެންގެ މި މޮޅު ޔޫރަޕުގެ ކަންފަތް‘ އިޚުލާޞްތެރިކަމާއެކީގައި ހުޅުވާނެ މީހެއް ނޫނެވެ. އެހެން ނޫނަސް،  އެޗް.ޕީ.އޭ ގެ އިރުޝާދަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އަޅުގަނޑު ލައިގެން ހުރީ ގަޔަށް ހެޔޮވަރަށްވުރެ ދެ ސައިޒު ބޮޑު ގަންޖުފަރާހެކެވެ. ލައިގެން ހުރި ޖިންސުގެ ދަށަށްވެސް ގަންޖުފަރާސް ހުރީ ނުޖަހައެވެ.  ދަތްދޮޅިޔާއި، އަނގަޔާއި ނޭފަތް ރަނގަޅަށް ނިވައިވާވަރުގެ ފޮތި މޫނުމައްޗެއް އަޅައިގެން ހުރިއިރު، ދެލޯ ރަނގަޅަށް ފޮރުވޭވަރުގެ އަވިއައިނެއް އަޅައިގެން ހުރި އަޅުގަނޑުގެ މޫނެއްވެސް އޭނާޔަކަށް ރަނގަޅަކަށް ނުފެންނާނެއެވެ. ދިމާވެގެން މިއުޅޭ ކޯވިޑު-19 ބަލާ އާފާތުގެ ސަބަބުން އަމިއްލަޔަށް ގޭގައި ބަންދުވެގެން އިންނަން ޖެހުމުގެ ސަބަބުން އަޅުގަނޑާ އަޅުގަނޑުގެ ބޯ ކޮށައިއުޅޭ މީހާޔާ ބައްދަލުނުވާތާ އަހަރު ވާން ގާތްވެފައިވާތީ، އަޅުގަނޑުގެ އިސްތަށިގަނޑު ހުރީ ދިގުވެގެން ފުރަގަހަށް އައްސައިލައިފައެވެ. މި ހުރިހައި ކަމަކާއެކު، މީޑިޔާއިން އަޅުގަނޑުގެ ފޮޓޯއެއް ނާޒިރާޔަށް އަދި ފެނުނަސް، އެއިން ފޮޓޯއަކާ އަޅުގަނޑު އެދުވަހު ހުރި ސޫރަޔާ ވައްތަރުކަމަށް ބުނާނީ އަޅުގަނޑު ރަނގަޅަށް ދަންނަ މީހުން އެކަންޏެވެ.

ތަންކޮޅެއް ކުރިން ދެންނެވި ފަދައިން، ނާޒިރާގެ ފަރާތުން އަޅުގަނޑަށް ފެނުނު ދެރަވަރުގެ ސުލޫކާއި، އޭނާގެ އަޑުގައި ހުރި ކުރަކިކަމާއި އަމުރުވެރިކަމާއި، މިހުރިހައިކަމަކީ ބައެއް މީހުންގެ ނަޒަރުގައި ވަރަށް ކުޑަކުޑަ އާދައިގެ ކަންކަމަށް ވެދާނެއެވެ.  އެއީ، މިދެންނެވި ގޮތަށް އައިސް ދެމީހެއްގެ ދެމެދަށް ބޭނިގަތުމަކީ މަގުމަގު މަތީން މިހައިރަކަށް އައިސް ވަރަށް މަދު ބައެއްގެ ފަރާތުުން ނަމަވެސް ޢާންމުކޮށް ފެންނަ ކަމަކަށް ވަމުން ދާތީއެވެ. އަޅުގަނޑުވެސް މިހެން ހީކޮށްލައިފައި، އެކަން ހަނދާންނައްތައިލަން އެކި ގޮތްގޮތަށް މަސައްކަތްކުރީމެވެ. އެހެންނަމަވެސް، ވެކްސިންގެ ކަންތައް ނިންމައިފައި ގެޔަށް އައިއިރުވެސް އެ ހާދިސާ އަޅުގަނޑަކަށް ހަނދާން ނައްތައެއް ހަމަ ނުލެވުނެވެ. އަޅުގަނޑުގެ ހިތާއި ނަފުސަށް އެކަމުގެ ސަބަބުން ވަމުންދިޔަ އުނދަގޫތައް ވީ ބޮޑެވެ.

ގެޔަށް އައިސް އަޅުގަނޑު އެންމެ ފުރަތަމަ ކުރިކަމަކީ މަގުމަތީގެ ނުސާފުކަމުން ނަފުސު ޠާހިރު ކޮށްލުމެވެ. އެޔަށް ފަހު، އަޅުގަނޑު ޢާންމުކޮށް އިށީނދެ އިންނަ ގޮނޑީގައި އިށީނދެލައި، ދުނިޔޭގެ އޮޔާއި ވައި ހުރިނެތްގޮތް ބަލައިލައި، ސައިޖޯޑެއްވެސް ބޯލައި ހަދައިގެން އަޅުގަނޑުގެ ހިތްވެސް ސާފުކޮށްލެވޭތޯ ބެލީމެވެ. އެކަމަކު ފަހުން މިދެންނެވި ކަމުގައި އަޅުގަނޑާ ކުރިމަތިވީ ނާކާމިޔާބީއެވެ. އެހެންކަމުން، ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑު އެންމެ ފުރަތަމަ ގުޅައިލީ އަޅުގަނޑުގެ ގާތްތިމާގެޔަށްވުރެވެސް ގާތް، އަޅުގަނޑުގެ އެއްގަނޑު ކަހަލަ ބޭކަލަކާއޭ ދެންނެވީމައި އެހިސާބުން އެ ބޭކަލެއްގެ ވަނަވަރާ  ބެހޭ ސުވާލެއް ނުކުރައްވައި، އެވަރުން ފުއްދަވައިލައްވާށެވެ. އެކަމަކު، އެ ބޭކަލަކީ  ތަޢުލީމީ އެތައް ފާހަކާއި ސަނަދެއް ގެންގުޅުއްވާ ބޭކަލެއް ކަމާއި، މިރާއްޖޭގެ ތަޢުލީމީ ވުޒާރާގެ އެންމެ އިސް މަޤާމުތަކުގައި އުޅުއްވައިފައި ހުންނެވި ބޭކަލެކޭ ދަންނަވާނަމެވެ. އޭނާ ގާތު އަޅުގަނޑު ނަންގަތީ އަޅުގަނޑުގެ ހިތާއި ސިކުނޑިޔަށް ވަމުންދިޔަ އުނދަގުލުގެ ވާހަކައެވެ. އަޅުގަނޑަށް އެ އިސްކޯލެއްގެ ނަން ނޭނގޭ އިސްކޯލެއްގެ ނާޒިރާއެއްގެ ސުލޫކާއި އަޚުލާޤު ހުރިގޮތުން އެކަމާ އަޅުގަނޑު ކަންބޮޑުވި ވާހަކައެވެ. އެކަން އަޅުގަނޑަށް ބަލައިނުގަނެވުނު ވާހަކައެވެ.

އަޅުގަނޑު މިދެންނެވި ބޭކަލަކީ ޢާންމު ގޮތެއްގައި ވަރަށް ’ޑިޕްލޮމެޓިކް" ބޭކަލެކެވެ. އެކަމަކު އޭނާޔަށް އަޅުގަނޑުގެ މި ވާހަކަ އިވިލެއްވުމާ، ތިޔައީ މިވެނި އިސްކޯލެއްގެ ނާޒިރާ ކަމަށޭ ލަފާކުރެއްވެނީ ބުނުއްވެވުމާ ދިޔައީ އެކުއެކީގައެވެ. އޭނާޔަށް އެހެން އެ ބުނުއްވެވުމުގެ ފުރަގަހުގައި އެތަކެއް ސަބަބު ފޮރުވިފައި ވާނެކަން އެ ހިސާބުން އަޅުގަނޑަށް ވިސްނުނެވެ. އެހެންނަމަވެސް، އެ ސަބަބު ތަކުގެ ތަފްޞީލަކަށް އަޅުގަނޑު އޭނާގެ ކިބަޔަކުން ނޭދެމެވެ.

ދެން އަޅުގަނޑު ގުޅައިލީ ކޮންމެވެސް އިސްކޯލެއްގެ އިސް މުދައްރިސާޔަކާއެވެ. މިހައިރު ކިޔައިއުޅޭ ގޮތަށް ނަމަ، ލީޑިން ޓީޗަރަކާއެވެ. އޭނާޔަށް ދުވަހުގެ ހާދިސާ ހަމަ ކިޔައިދޭއިރަށް އޭނާގެ އަނގައިންވެސް އެ އިވުނީ ހަމަ އެއްކަލަ އިސްކޯލުގެ ނަމެވެ. ހަމަ އެނާޒިރާގެ ވާހަކައެވެ. އަދި ހަމައެޔާއެކު، އަޅުގަނޑަށް އިތުރު ތަފްޞީލެއްވެސް ލިބުނެވެ. ޙަޤީޤީ ވާހަކައެއްގެ ސިފައިގައެވެ. އެއީ މީގެ ދެއަހަރެއްހައި ދުވަސްކުރީން އެ ނާޒިރާޔަކު އޭނާގެ އިސްކޯލުގެ ޓީޗަރުންތަކެއްވެސް ގޮަވައިގެން ރިސޯޓެއްގައި އޮތް ޙަފުލާޔަކަށް ދާން ލޯންޗަކަށް އަރައި، ލޯންޗުގެ މީހުންނަށް ހަރުކަށި ހިކި އަމުރުން އަމުރުކޮށް އުޅުނު ހުތުރު ގޮތުގެ ވާހަކައެވެ. ލޯންޗަށް އަރަން ދިޔަ، އެހެން އިސްކޯލެއްގެ ޓީޗަރުންނަށް ގޮތެއްނެތް މި ނާޒިރާގެ ފަރާތުން ކުރިމަތި ކުރި ނިކަމެތިކަމާއި ފުރައްސާރައިގެ ވާހަކައެވެ.

މުޅިން ތަފާތު ދެ ފަރާތަކުން އަޅުގަނޑަށް އިވުނީ އެއް އިސްކޯލެއްގެ ނަމެވެ! ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހުރި ދެ ފަރާތަކުން އަޅުގަނޑަށް އިވުނީ އެއް ނާޒިރާގެ ވާހަކައެވެ! އަޅުގަނޑަކަށް މަޑަކުން ނުހުރެވުނެވެ. އެހެންކަމުން، އަޅުގަނޑު ދެން ވަނީ އިންޓަރނެޓަށެވެ. ނަންއިވުނު އެ އިސްކޯލުގެ ވެބްސައިޓެއް ފެނޭތޯ ބަލާށެވެ. ވެބްސައިޓެއް ފެނިއްޖިއްޔާ އެ ސައިޓުން އިސްކޯލުގެ ނާޒިރާގެ ފޮޓޯއެއް ފެނިދާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން، އެ އުންމީދު ޙަޤީޤަތަކަށް ވާން ނެގީ ހަމަ އެންމެ ދެތިން މިނިޓެވެ. ހަމަ ދެންމެއަކު މިދެންނެވި ދެފަރާތުންމެ އަޅުގަނޑަށް ދެއްވި ނަން ކިޔާ އިސްކޯލުގެ ނާޒިރާގެ މަޤާމުގައި ހުރި މީހާގެ ފޮޓޯ އެ އިސްކޯލުގެ ވެބްސަޓުގައި އެބައޮތެވެ. ވެބްސައިޓުން ފެންނަން އެ އިނީ އަޅުގަނޑުގެ ދުވަސް ހަލާކުކޮށްލި ނުސިޔާނު ނާޒިރާއެވެ! އެއީ އެެހެން މީހެއް ނޫނެވެ. އެއީ ހަމަ އޭނާއެވެ!

އަޅުގަނޑުގެ ހިތަށް ކުރަމުން ދިޔަ އަސަރުތަކުގެ ޙަޤީޤީ ސަބަބު އަޅުގަނޑުގެ ވިސްނުމުގެ އިސްކިރީނުން ވަރަށް ސާފުކޮށް ފެނުނީ އެހިސާބުންނެވެ. އަދި އެއީ ޞައްޙަ ސަބަބެއްކަންވެސް ރަނގަޅަށް ވިސްނުނީ އެހިސާބުންނެވެ.

އަޅުގަނޑަކީ އެތައް އިސްކޯލެއްގައި ޓީޗަރުކަން ކޮށް، އެތައް ދަރިވަރުންނަކަށް ކިޔަވައިދީފައި ހުރި މީހަކީމެވެ. ރާއްޖެޔާއި ރާއްޖޭން ބޭރުގެ ކޮލެޖު ތަކާއި ޔުނިވަރސިޓީ ތަކުގައި ކިޔަވައިދީ، ލެކްޗަރުދީ، އެކަހަލަ ކަންކަމުގައިވެސް އުޅެފައި ހުރި، އަދި މިހާރުވެސް ބައެއްފަހަރަށް އުފަލާއެކު އުޅެމުން ގެންދާ މީހަކީމެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ދަރީންގެ މަދުރަސީ ދައުރުގައި އެކުދީން އުޅުނު އިސްކޯލު ތަކުގެ ބެލެވެރީންގެ ޖަމުޢިއްޔާ ތަކުގެ މެންބަރުކަން ކޮށް، ބައެއް އިސްކޯލުތަކުގެ ބޯޑުތަކުގައިވެސް އުޅެފައި ހުރި މީހަކީމެވެ.  ރާއްޖޭގެ އިސްކޯލު ތައް ހިނގާނުހިނގާ ގޮތާއި އެތަންތަނުގައި ކިޔަވައިދެވޭ ގޮތް ބަލައި ހަދަން ތަޢުލީމީ ވުޒާރާގައި އެއްދުވަސްވަރެއްގައި އެކުލަވާލެވިފައި އޮތް ކަމާބެހޭ ކޮމިޓީގެ މެންބަރަކަށްވެސް އެތައް އަހަރަކު އަޅުގަނޑު އުޅުނީމެވެ. ތަފާތު އެކި ތަމްރީނު ކޯސްތައް ހިންގަން ތަޢުލީމީ ވުޒާރާގެ ދަށުން ހިންގާ ގޮތަށް އުފެދުނު މުއައްސަސާއެއްގައި ކޯސްތައް ވިލަރެސްކޮށް، ޓީޗަރުންގެ ކަންކަން ބަލަހައްޓާ މީހަކަށް ހުރީމެވެ. އަދި އޭގެ ފަހުން، ތަޢުލީމީ ވުޒާރާގެ އެއް ސެކްޝަން ގެ އިސްވެރިޔަކަށް ހުރީމެވެ. ތަޢުލީމީ ވުޒާރާޔަށް ޖަވާބުދާރީ ވާގޮތަށް މީގެ ތިރީހަކަށް އަހަރު ކުރިން އަލަށް އުފެއްދެވި ޑިޕާޓްމަންޓެއް ހިންގަން އެ ޑިޕާޓްމަންޓުގެ ފުރަތަމަ އިސް ވެރިޔާގެ މަޤާމުގައިވެސް ނުވަ އަހަރު ހޭދަކުރީމެވެ. ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖުގެ ރެކްޓަރ ކަންވެސް ކުރީމެވެ. ދައުލަތުގެ އެތައް މުއައްސަސާއެއްގެ މުވައްޒަފުން ތަމްރީނު ކުރައްވަން ހިންގެވި އެތައް ކޯހަކާއި ޙަރަކާތެއްގައި ބައިވެރިވީމެވެ. ޖުމުލަކޮށް ދަންނަވާ ކަމަށް ވަންޏާ، ތަޢުލީމީ ދާއިރާޔަކީ އަޅުގަނޑުގެ މުޅި ދިރިއުޅުން އެ ދާއިރާޔަކަށް ތަޚްޞީޞްކުރި އެންމެ މުހިންމު ދާއިރާއެވެ. ތަޢުލީމާ ބެހޭ ކަންކަމާ ބެހޭގޮތުން ފިކުރުކޮށް، ދިރާސާކޮށް ހެދުމަކީ އަޅުގަނޑުގެ ’ކަށީގައި ހިފައިފައިވާ‘ ކަމެކެވެ. އަބަދުމެ ކުރާ ކަމެއްމެއެވެ. މިރާއްޖޭގައި އަޅުގަނޑުމެންގެ ދިވެހި ދަރީންނަށް ހެޔޮގޮތުގައި ތަޢުލީމު ދިނުމުގެ މަތިވެރި މަޤްޞަދާއި ދަރީން ހެޔޮގޮތުގައި ބިނާކުރުމުގެ މާތް މަޤްޞަދާ ޚިލާފު ކަމެއް ތަޢުލީމީ ހިޔާވަހިކަމެއްގެ ދަށުގައި ކުރާ ތަން އަޅުގަނޑަށް ފެނިއްޖިއްޔާ، ނުވަތަ ޒިންމާދާރު އެއްވެސް ބަޔަކު ދަރިވަރުން ހަލާކުކުރާތަން އަޅުގަނޑަށް ފެނިއްޖިއްޔާ، އަޅުގަނޑަކަށް މަޑަކުން ހަމަ ނުހުރެވޭނެއެވެ! އެކަމާ އަޅާނުލައެއްވެސް ނުހުރެވޭނެއެވެ! ނުވެސް ހުންނާނަމެވެ!

އަޅުގަނޑު މިދެންނެވި ނާޒިރާގެ ފަރާތުން އަޅުގަނޑަށް ފެނުނު ދެރަވަރުގެ އަޚުލާޤަކީ މިރާއްޖޭގެ އިސްކޯލެއްގެ ނާޒިރާއެއްގެ ފަރާތުން އަޅުގަނޑު ބަލައިގަންނާނެ އަޚުލާޤެއް ނޫނެވެ. އެ ނާޒިރާ އޭނާގެ ޤައުމުގައި، އޭނާގެ ރަށުގައި، ކޮންމެފަދަ ގޮތަކަށް އުޅުނަސް އަޅުގަނޑަށް ވަރިހަމައެވެ. އެކަމަކާ އަޅުގަނޑު އަޅައެއްނުލާނަމެވެ. ނާޒިރާ އޭނާގެ އަމިއްލަ ޢާއިލާގެ ތެރޭގައި ކޮންމެފަދަ ސުލޫކެއް ގެންގުޅުނަސް އެއީވެސް އަޅުގަނޑަކާ ބެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް، އަޅުގަނޑުގެ މި ލޮބުވެތި ދިވެހި ޤައުމުގައި، އަޅުގަނޑުމެން ކަހަލަ އެތައް ބަޔަކު އެތައް ޤުރުބާނީއެއް ވެގެން މި ރާއްޖޭގެ ތަޢުލީމީ ޢިމާރާތް ބިނާ ކުރަން މަސައްކަތްކޮށްފައިވާ، އަދި ކުރަމުންގެންދާ، އަޅުގަނޑުމެންގެ މި މުޤައްދަސް ވަޠަނުގައި، އަޚުލާޤީ ގޮތުން މިފެންވަރަށް ވެއްޓޭ މީހަކު އިސްކޯލެއްގެ ނާޒިރާގެ މަޤާމުގައި ހުރުމަކީ އަޅުގަނޑަކަށް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރީންނަށް ހެޔޮ މިސާލަކަށް ނުވާ މީހަކު، އަދި އަޅުގަނޑު މެންނަށް އިޙްތިރާމާއެކު ބަލައިގަނެވޭ ފުރިހަމަ ނަމޫނާޔަކަށް ނުވާ މީހަކީ މިރާއްޖޭގެ އިސްކޯލެއްގައި ނާޒިރުކަން ކުރަން ފުދޭ މީހެއްކަމަކަށް އަޅުގަނޑެއް ނުދެކެމޭ މިދަންނަވަނީ ފިސާރި ކެރިހުރެގެންނެވެ! އަަދި  ދިވެހީންނަކީ އޭނާޔަށް ވުރެ ’ދަށް‘ މީހުންކަމަށް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ތެރެެއިންނާއި ބަހާއި ޢަމަލުން ދައްކަދައްކައި ހުންނަ ފަރަންޖީއަކު އަޅުގަނޑުމެންގެ ދަރީންނަށް ފެންނަ ހިސާބުގައި އެ އުޅުމުން މިސާލު ދައްކަން މާ ގިނައިރު ހުރުމަކީވެސް އަޅުގަނޑަށް ރުހެވޭނޭ ކަމެއް ނޫނެވެ.

ތަންކޮޅެއް ކުރިން އަޅުގަނޑު އެ ހާދިސާކަށް އިޝާރާތްކުރި، ރިސޯޓަކަށް ދިޔަ ލޯންޗަކަށް އެރި ޓީޗަރުންކޮޅަކާ ގުޅޭ ހާދިސާއިންވެސް މާ ސާފުކޮށް އެ ފެންނަނީ، މިދަންނަވާ ނާޒިރާޔާ އެކީ އެ ފަހަރު އެ ލޯންޗަށް އެރި، އޭނާ ނާޒިރާޔަކަށް ހުރި އިސްކޯލުގެ ޓީޗަރުންނަށް ފެންނަން ހުރި ނުކިއްސަރު ނަމޫނާއެއް ކަމެވެ. އެ ޓީޗަރުންގެ ތެރޭގައި ތިއްބެވި ތަޖުރިބާކާރު ޓީޗަރުން އެކަހަލަ ދަނޑިވަޅެއްގައި މަޞްލަޙަތަށްޓަކައި ނުވަތަ ވަޒީފާޔަށްޓަކައި އެއްޗެއް ނުބުނުއްވައި އެ ދަނޑިވަޅުގައި މަޑުން ތިއްބެވީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، އޭގެ ތެރޭގައި ތިއްބެވި، ތަޢުލީމީ ދާއިރާޔާ އަލަށް ގުޅިވަޑައިގަތް ޓީޗަރުންނަށް އެހިސާބުން އެ ދުވަހު އެ ފެނިލެއްވި ނަމޫނާޔަކީ ހަމަ އެންމެ ރަނގަޅު ނަމޫނާއެއް ކަމަށް ހީވެލައްވައިފިއްޔާ، ދެން ވާނެގޮތް ތިޔަބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެ ޓީޗަރުންވެސް ދެން ވާނީ ވިލާތުގެ މި ހިތި މުޑުވަކުގެ އަހިވަކާ ޖެހި ފާވާން ތިބި، ހަމަ އެހައި ހިތި އަހިވަކަށް ދެއްތޯއެވެ! އަދި ހަމަ އެހެންމެ، އިސްކޯލުން ބޭރުގައި ނާޒިރާގެ ޢަމަލުތައް އެހައި ހަރުކަށިކޮށް، ނޭއްދާރުކޮށް ހުރިއިރު، އޭނާގެ ޢަމަލުތައް އިސްކޯލުގެ އެތެރޭގައި ހުންނާނެ ގޮތް ހިތްޕުޅަށް ގެންނަވާށެވެ!

ޚިޔާލު އެ ހިސާބަށް ދިޔައިރު، އަޅުގަނޑުގެ ކުރިމައްޗަށް އައިސް ހުއްޓުނީ ވަރަށް ސާދާ ދެތިން ސުވާލެވެ. އައްސަވާށެވެ! އެ ކުދީންގެ އިސް އެދުރުގެ މަޤާމުގައި ކޮންމެވެސް ބަޔަކަށް އޮޅިގެންނަމަވެސް ބެހެއްޓިފައި އެހުރި މީހާގެ އަޚުލާޤާއި ހަރުކަށިކަމުގެ ނަމޫނާ ކޮންމެ ދުވަހަކު ދެކެން ތިބި ދަރިވަރުންގެ މުސްތަޤުބަލް އޮންނާނީ ކިހިނެއް ތޯއެވެ؟ ނާޒިރާގެ ބަހުރުވައިގެ ނުހަމަ އަޑުތައް އިވި، އޭނާގެ އިދިކީލި ޢަމަލުތަކުން ފިލާވަޅު ލިބިގަންނަމުންދާ ދަރިވަރުން މަދުރަސީ ދައުރު ނިންމުމަށް ފަހު މުޖުތަމަޢު ތެރެޔަށް ނިކުމެ މި ޤައުމަށް ހެޔޮހިތުން ޚިދުމަތްކުރާނީ ކޮން ބީދަޔަކުން ތޯއެވެ؟ ފަރަންޖީ ނާޒިރާގެ ކޮންމެ ނުކުޅެދުންތެރި ޢަމަލަކީ ދިރިއުޅުމުގައި ގެންގުޅެންވާ އެންމެ ހެޔޮ މިންގަޑުކަމަށް ޤަބޫލުކޮށް، ދެކެ، ބަލައިގަންނަށް އަމިއްލަފުޅު ދަރިދަރިކަނބަލުން އެ ނާޒިރާ ހިންގަވާ އިސްކޯލަށް ފޮނުއްވާނީ ތިޔައިގެ ތެރެއިން ކިތަކަށް ބޭފުޅުންތޯއެވެ؟ އަޅުގަނޑުގެ ދަރިޔަކު ހަމަ ގައިމުވެސް ނުފޮނުވާނަމެވެ!

އަދި ހަމަ އެހެންމެ، މިދަނޑިވަޅުގައި ހިތަށް އަރާ، ޙާލަތާ މުނާސަބު ބައެއް އެހެން ސުވާލުވެސް ދަންނަވައިލާ ހިތް އެބަ ވެއެވެ. އެއީ، މިރާއްޖޭގައި ހިންގާ އިސްކޯލެއްގައި ނުހަނު ޤާބިލްކަމާއި ކުޅަދާނަކަމާއެކު ނާޒިރުކަން ނުވަތަ ނާޒިރާކަން ކޮށްލެއްވޭވަރުގެ ބޭކަލުންނާއި ބޭކަނބަލުން މިރާއްޖޭގައި ހަމަ ނެތީތޯއެވެ؟ ސަނަދާއި ތަޖުރިބާގެ އިތުރުން ހެޔޮ ޚުލްޤާއި ސުލޫކުގެ ލާމަސީލު އެތަކެއް ނަމޫނާ، އަޅުގަނޑުމެންގެ މި ލޮބުވެތި ރާއްޖޭގެ ތަޢުލީމީ ފަސްމަންޒަރުން ނަމަވެސް ފެންނަން ހަމަ ނެތީތޯއެވެ؟ ނޫނެކެވެ! އެބަ ތިއްބެވިއެވެ. އެއީ ކޮންކޮން ބައެއްތޯ، ތިއްބެވީ ކޮންކޮން ތަންތާކުތޯ ހަމައެކަނި އަޅުގަނޑު ގާތު އެއްސެވިޔަސް، އަޅުގަނޑު ނުހަނު ލޯބިވާ، އަދި އިޙްތިރާމާއެކު ޤަދަރުކުރާ، ކަމަށް ޤާބިލް އެތައް އެތައް ބޭބޭކަލުުންނަކާއި ބޭބޭކަނބަލުންނެއްގެ ނަންފުޅު ހިމެނޭ ލިސްޓެއް، އެ ސުވާލު އަޅުގަނޑާ ކުރައްވާ ބޭފުޅަކަށް އަރުވައިފައި އެލިސްޓު ޢާންމުކޮށް ޝާއިޢުކުރަންވެސް އަޅުގަނޑު މިހުރީ ތައްޔާރަށެވެ.

ނިންމައިލަމުން ދަންނަވަމެވެ. އަޅުގަނޑު މިދަންނަވާ ނުކިއްސަރު ނާޒިރާގެ ނަމާއި، އޭނާ ހިންގަން ޙަވާލުވެހުރި އިސްކޯލުގެ ނަން އަޅުގަނޑަށް އެނގުނަސް، އެ ނަންތަކެއް އަޅުގަނޑެއް މިތާކު ނުލިޔާނަމެވެ. އެއީ ނާޒިރާ ދެކެ ޖެހިލުންވާތީއެއް ނޫނެވެ. އެ ހިފެހެއްޓުން އަޅުގަނޑު ހިފަހައްޓާނީ، މިދެންނެވި ކަމަށް ނުފުދޭ މީހާގެ ފަރާތުން އަޅުގަނޑަށް ފެނުނު ދެރަވަރު ސިފަތަކެއްގެ ސަބަބުން އަޅުގަނޑު މިދަންނަވާ އެއްޗަކީ އިސްކޯލަށް ލިބޭ ބަދުނާމަކަށް ވެދާނެތީއެވެ. އިސްކޯލުގައި ދެން ތިއްބެވި ޢިއްޒަތްތެރި އެދުރުންގެ އަބުރުފުޅަށް ޒައްރެއްގެ ބޮޑުމިން ހުރި ތިއްކެއްވެސް ބުރައިފާނެތީއެވެ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ނުހަނު މަތިވެރި މަޤްޞަދެއްގައި އެ އިސްކޯލު ޤާއިމް ކުރައްވައި، އެބޭފުޅުންނަށް ފެނިވަޑައިގަތް އެންމެ ރަނގަޅު ހިންގުންތެރީންނާ އިސްކޯލު ޙަވާލުކުރެއްވި ވުނަދަންކާރަ ޢިއްޒަތްތެރީންނަށް އަޅުގަނޑު އަދިވެސް ބޭނުންވަނީ އިޙްތިރާމްގެ ގުލްދަސްތާއެއް އަރުވާށެވެ. އަދި އެޔާއެކު އެބޭފުޅުން އަރިހު ދަންނަވަން ބޭނުންވަނީ، މިދެންނެވި މީހާގެ ޢަމަލުތައް ހުރިނެތް ގޮތް ދުރާއި ގާތުން އަދި އެއްފަހަރު ބައްލަވައިލައްވަން ފެންނަ ވާހަކައެވެ. މިރާއްޖޭގައި ތިއްބެވި ތަޢުލީމީ، ކަމަށް ޤާބިލް، މިރާއްޖޭގެ ރިވެތި އާދަކާދަޔާއި ޘަޤާފީ ހަމަތައް ދެނެވަޑައިގަންނަވާ، އެބޭބޭފުޅުންގެ ފަސްބައި ސާފު ދެތިން ބޭފުޅުންގެ ޓީމަކުން މި ދެންނެވި ނާޒިރާގެ ޤާބިލްކަމާއި، ކަމަށް ފުދޭ ކަން އިމްތިޙާނު ކޮށްލައްވަން ފެންނަ ވާހަކަ މެއެވެ. އަދި އެޔަށް ފަހު، މިދެންނެވި ނާޒިރާޔާމެދު އިޞްލާޙީ ފިޔަވަޅެއް އަޅުއްވަން ފެނިވަޑައިގަންނަވަންޏާ އެކަށީގެންވާ ފިޔަވަޅެއް އަވަހަށް އެޅުއްވުމަކީ އަޅުގަނޑަށް ފެންނަގޮތުގައި ވަރަށް މުހިންމު ކަމެކޭއެވެ. އޭގެ ބޭރުން، މި ލިޔުން ވިދާޅުވެފައި، ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން އަޅުގަނޑާ ގުޅުއްވައިގެން އެ އިސްކޯލު ނުވަތަ ނާޒިރާގެ ނަން އައްސަވައިފާނެ ބޭފުޅަކަށް އެ މަޢުލޫމާތެއް އަޅުގަނޑެއް އަދިއެއް ނާރުވާނަމެވެ. އެހެނެއް ނޫނެވެ. މިސްކިތު ހުޅުޖެހި މީހާޔަށް ވެގެން ނާޒިރާ އަޅުގަނޑު ހޯދައިގެން އައިސް އޭނާގެ އެހުންނަ ކުރަކި، ހަރުކަށި އަޚުލާޤާއެކު އަޅުގަނޑާ ކުރިމަތިލައިފިއްޔާ، ނުވަތަ އޭނާގެ ފަރާތުން އެ ބީދައިން އެހެންމީހަކު އަޅުގަނޑާ ހަނގާކޮށްފިއްޔާ … އެ ހިސާބުން ބުޅާ އޭގެ ޒާތުގައި އަމިއްލަޔަށް ގޯނިން ބޭރަށް ފުންމައިލައިގެން ރަށް ކުޑަޔަށްލައި ފިސާރި ބާރަށް ދުވަން އެނިކުންނަނީ އަމިއްލަޔަށް، ދެއްތޯއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.