...

Support Us

ޓީޗަރުންނަށް: ޚާއްޞަ ކުރު ވާހަކައެއް

ނޯޓު: މިއީ ފުލޯކު ވާހަކައެކޭ ދެންނެވިޔަސް… ފުލޯކު ބައެއް ވާހަކަޔަކީ ޙަޤީޤަތޭ ކިޔާ ގަހުގައި އަޅާ މޭވާއެއްގެ އޮށުން ފަޅާ ނިރަކަށް ވުން އޮންނަނީ ވަރަށް ގާތުގައެވެ. މިވާހަކައިގައި އަޅުގަނޑު މި ހިމަނަނީ ޤާބިލް ޓީޗަރުން ވަގުތު ހޯއްދަވައިގެން ވިދާޅުވެ، މީގައި މިދަންނަވާ އެއްޗަކަށް ސަމާލުކަން ދެއްވަންވާ ވާހަކައެއް ކަމަށް އަޅުގަނޑު ދެކެމެވެ.

***

އަަޅުގަނޑުގެ މަންމަޔާއި ބައްޕަ އަޅުގަނޑު އިސްކޯލަށް ވެއްދެވީ ވަރަށް މަތިވެރި އުންމީދުތަކަކާ އެކުގައެވެ. ޤައުމަށް އެދުވަސްވަރު އަލަށް އައި، ބޭރުގެ ތަޢުލީމުން ނިކަމެތީންނަށް ލިބެން އޮތް މިންވަރެއް އަޅުގަނޑަށް ފުރިހަމަޔަށް ހޯއްދަވައިދެއްވުމުގެ މަތިވެރި ނިޔަތުގައެވެ. މަންމަޔާއި ބައްޕަގެ ޅަދުވަހު ލިބިނުލެއްވި އެ ފުރުޞަތު އަޅުގަނޑަށް ހޯއްދަވައިދެއްވޭތޯ ކޮށްދެއްވެން އޮތް އެންމެހައި ކަމެއް އަޅުގަނޑަށް ކޮށްދެއްވުމުގެ ވަރުގަދަ ޢަޒުމުގައެވެ.

އަޅުގަނޑު އިސްކޯލަށް ވަން އިރު، އެ އިސްކޯލުގައި އިނގިރޭސި ބަހުން ކިޔަވައިދެއްވަން ފެއްޓެވިތާ އެއިރު އަދި ވާނީ ހަތަރު ފަސް އަހަރެވެ. އިސްކޯލުގެ ނާޡިރާއި ބައެއް މުހިންމު ޓީޗަރުންނަކީ އަވަށްޓެރި ޤައުމަކުން ގެންނަވައިފައި ތިއްބެވި ބިދޭސީންނެވެ. އެ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ލިބޭނޭ ކަމަށް މުޅި ޤައުމު އެއިރު އިންތިޒާރުކުރަމުން ގެންދިޔައީ ދުނިޔެ ބަލައިގަންނަ، ޒަމާނީ ތަޢުލީމުގެ މޭވާޔަށެވެ. އެ ދުވަސްވަރަކީ މިދެންނެވި ޒަމާނީ ތަޢުލީމު ހޯދަން އެންމެ ކުރީބައިގައި އިސްކޯލަށް ވެއްދި އިސް ދަރިވަރުންގެ ބެލެނިވެރީން ކުރަމުން ގެންދިޔަ އިންތިޒާރުގެ ފޮނި ރަހަ އަރުތެރޭގައި މަޑުމަޑުން ލަމުން، އެ ދަރިވަރުންގެ މައިންބަފައިން އެހައިތަނަށް ކުރަމުން ގެންދިޔަ އުންމީދުތަކުގައި ވަރަށް އުފާވެރި ކުލަތަކެއް ޖެހެމުންވެސް ދިޔަ ދުވަސްވަރެއް މެއެވެ.

އަޅުގަނޑު ދެން ދައްކަން މިއުޅޭ ވާހަަޔަކީ މިހައިތަނަށްވެސް އަޅުގަނޑު އެންމެންގެ ކުރިމަތީގައި ދައްކައިފައިވާ ވާހަކައެއް ނޫނެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނަ ފަދައިން، މިވާހަކަ ދައްކާނެ ވަގުތު މި ޖެހުނީ އަދިކިރިޔާއެވެ. ދުނިޔެއަށް ލައިގެންފައިވާ ބޮޑު ބަލިމަޑުކަމަކާއި، ދުނިޔޭގެ ވިޔަފާރީގެ މެދުއުޑަށް އަރައިފައިވާ ކަޅު ވިލާތަކަކާއި، މިކަންކަމާ ލައިގެން އެންމެނަށްމެ ޖެހިފައި މިވާ ދަތި ޙާލުގެ ސަބަބުން އިސްކޯލުތަކާއި ތަޢުލީމުދޭ އެހެންވެސް ތަންތަނުގައި ހިތްވަރާއެކު މަަސައްކަތްކުރައްވަމުން ގެންދަވާ މުދައްރިސުންނާއި، މުދައްރިސާއިންނާއި، އެދުރުންނާއި، ޓީޗަރުންނާއި، ލެކްޗަރަރ އިންނާއި، އެފަދަ އެހެންވެސް އެކި ނަންނަމުގައި ޚިދުމަތްކުރައްވާ ބޭބޭފުޅުން މިދަންނަވަން އުޅޭ ކަހަލަ ކަންކަމަށް ދެއްވާ ސަމާލުކަން އިތުރުކުރައްވަންވީ ވަަގުތު މިއޮތީ އައިސް ޖެހިފައެވެ.

އައްސަވާށެވެ!

އަޅުގަނޑު މިދެންނެވި އިސްކޯލަށް ބިދޭސީން ގެންނެވި އިރު ގެންނެވި އެކަކެވެ. އޭނާޔަކީ އޭރުގެ އެންމެ މޮޅު އެއް ސަވާރީ ކަމުގައިވި ބައިސްކަލަށް ގިރިސް އެޅުމާއި ކުދިކުދި މަރާމާތު ކުރުމުގެ ހުނަރުތައް އެއްދުވަސްވަރެއްގައި ބައެއް ދަރިވަރުންނަށް ދަސްކޮށްދެއްވަން ގެންނެވި ޓީޗަރަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް، އަޅުގަނޑު އިސްކޯލަށް ވަންއިރު އަޅުގަނޑަށް ފެނުނީ އޭނާޔަކީ އިސްކޯލު ހިންގަވަން ގެންނެވި ނާޡިރުގެ ބައިސްކަލު ބަލަހައްޓަވައި، ގިރިސް އަޅަން ޖެހޭ އެއްޗަކަށް ގިރިސް އަޅުއްވައި، މިހެން އުޅުއްވި ބޭކަލެއްގެ ސިފައިގައެވެ. އަޅުގަނޑަކީ އަޅުގަނޑުގެ މުދައްރިސުންނާއި ޓީޗަރުންނަށް އެންމެ މަތީފެންވަރުން ކަމޭހިތައި، ނުހަނު އަދަބުވެރިކަމާއެކު އިޙްތިރާމް އަދާކުރަމުން ގެންދިޔަ ދަަރިވަރަކީމެވެ. އެހެންކަމުން، އަޅުގަނޑު އޭނާޔަށްވެސް ފުރިހަމަޔަށް އިޙްތިރާމް ކުރީމެވެ. އަޅުގަނޑަށް އަޅުގަނޑުގެ މުދައްރިސުންނާއި ޓީޗަރުން ފެންނަމުން ދިޔައީވެސް މައިންބަފައިންނާ އެއް ހަމައިގައެވެ. ހެޔޮ އެދޭ، މުޙްތަރަމް ރަޙުމަތްތެރީންގެވެސް ގޮތުގައެވެ. އެހެންވީމާ، ވާނީވެސް އެހެން ނޫންތޯއެވެ!

އަޅުގަނޑު މިދަންނަވާ ދުވަސްވަރަކީ އިސްކޯލުގެ އެކި ކަންކަމާ ބެހޭގޮތުން ހެދިފައިހުރި ހުންނަ ޤަވާޢިދުތަކާއި، އަންގައިފައި ހުރި އެންގުންތަކާ ޚިލާފުވާ ކުދީން ހަމަމަގަށް އަޅުވަން ކަންފަތުގައި ހިފުމާއި، ކުޑަކަކޫ ޖެއްސުމާއި، އެއްތެލުން ތެޅުން ފަދަ ކަންކަން ޢާންމުކޮށް ބޭނުންކުރެވެމުން ދިޔަ ދުވަސްވަރެވެ. އަޅުގަނޑު އުޅުނު އިސްކޯލުގައި މިދެންނެވި ވަޞީލަތްތަކުގެ އެހީގައި ދަރިވަރުން ހަމަމަގަށް އަޅުއްވަން އިސްނަންގަވައިގެން އުޅުއްވީ ޢަސްކަރީ ޒާތުގެ ޓީޗަރެކެވެ. އެކަމަކު ބައެއް ފަހަރަށް އޭނާޔަށްވުރެވެސް ކުރިޔަށް ނިކުމެލައްވައި އުޅުއްވީ މިދެންނެވި ބައިސްކަލު އިންޖިނޭރު ނުވަތަ ޓީޗަރެވެ. ޞިއްޙަތު ރަނގަޅު ފަތިގަނޑެއް އެއް އަތަށް ހެޔޮވަރުކޮށްލައްވައިގެން، އަނެއް އަތުގެ އިނގިލިތަކުން ބާވަތަކުގެ ފުއްޓަތްކެއް ޖައްސަވަމުން، ފުއްޓަކީގެ ހަމަޔަށް ނަލަ ކޮރަކަށް ނައްޓަވަމުން އިސްކޯލު ތެރެއިން އޭނާ ދުރުވާއިރު، އަނހަ، އަނހާއެވެ!

އަޅުގަނޑަކީ ގިނަ ޓީޗަރުންގެ ބަހުގައި ކިޔެވުމަށް ރަނގަޅު، ބަސްއަހާ ކުއްޖަކަށް ވާތީ، ގިނަ ޓީޗަރުން އަޅުގަނޑުދެކެ ވަރަށް ލޯބިވެސް ވެލެއްވިއެވެ. އެހެންކަމާއެކު، އޭގެ ތެރެއިން ގިނަ ޓީޗަރުން އަޅުގަނޑު ގެންދަވައިގެން މުޤައްރަރުން ބޭރުންވެސް އެކި ކަންކަމާ ޚިޔާލު ބަދަލުކުރައްވައި، މިހެންވެސް އުޅުއްވިއެވެ. އަޅުގަނޑުގެ މަދްރަސީ ޙަޔާތް އެ ދުވަސްވަރު ހޭދަވަމުން ދިޔައީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. އެއްކަލަ ފުއްޓަތްކާއި ފަތިގަނޑަކީ އަޅުގަނޑާ ހަމަޔަށް އެއިރު އައިސްއުޅުނު އެއްޗިއްސެއް ނޫނެވެ. ޢަސްކަރީ ކުޑަކަކޫވެސް ޖަހާކަށްވެސް އަޅުގަނޑަކަށް ނުޖެހެއެވެ.

އަޅުގަނޑު މިދެންނެވި ދުވަސްތައް ފާއިތުވަމުން ދިޔައިރު، އަޅުގަނޑުމެންގެ ޢާއިލާޔަކީ މާލީ ގޮތުން އެހައި ތަނަވަސް ޢާއިލާއެއް ނޫނެވެ. ވެރިކަން ކުރައްވާ އެކި ވަކި ބޭބޭފުޅުންގެ ގަނޑުވަރުކޮޅުތަކާ މަތިންބައިންޖެހިގެން ހަވާސާވެގަނެގެން އުޅުނު ބަޔަކު ތިބި ޢާއިލާއެއްވެސް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑުގެ މަންމަޔާއި މާމަޔަކީ މުޖުތަމަޢުގެ ތަފާތު އެކި ފެންވަރުގެ އެކި މެންބަރުންގެ އިޙްތިރާމް ލިބިލައްވަމުން ގެންދެވި ދެ ބޭކަނބަލުންކަން އަޅުގަނޑު ދަންނަމެވެ. އަޅުގަނޑު އެ ގެއެއްގައި އުޅެ ބޮޑުވި ގެޔަކީ މުޖުތަމަޢުގެ އެންމެ ބޮޑެތި ބޭބޭފުޅުންވެސް ވެދެވަޑައިގެން އުޅުއްވި، އަދި ހަމަ އެޔާއެކު ރަށުގެ އެންމެ އާދައިގެ މީހާޔަށްވެސް ހަވީރުގެ ހޫނު ސައިތަށި ލިބިލިބި ހުރި ގެއެކެވެ. މަންމަޔާއި މާމަޔަކީ ރަށުގައި ހިނގާ ގިނަ ކަންކަމުގެ މަޢުލޫމާތު ވަރަށް ތާޒާކޮށް ލިބިލައްވާ ދެ ބޭކަނބަލުންކަމަށް ވިޔަސް، އެއީ ވާހަކަ ހިފައިގެން ހިނގުމުގެ ޘަޤާފަތަކަށް އެއް އިރަކުވެސް ތާއީދު ނުކުރެއްވި ދެ ބޭކަނބަލުންކަންވެސް އަޅުގަނޑަށް މާ ރަނގަޅަށް އެނގެއެވެ.

އެއް ދުވަހެކެވެ. ހަނދާންވަނީ އެއީ ހުކުރުދުވަހެކޭއެވެ. އެދުވަހު ގެޔަށް އައި ކޮންމެވެސް މީހަކު ދެއްކި ވާހަކަޔަކުން އަޅުގަނޑަށް އެނގުނީ، އެއްކަލަ ބައިސްކަލު އިންޖިނޭރު ނުވަތަ ޓީޗަރު ކައިވެންޏެއް ކުރެއްވި ވާހަކައެވެ. އޭނާ ކައިވެނި ކުރެއްވީ، މާލޭގެ ނަންހިނގާ، ފޯރާ ބަޔަކު އުޅޭ ގެއެއްގައި އިން، ކިޔަވައިދިނުމާ ނުގުޅޭ، މުނިފޫހިފިލުވުމާ ކޮންެމެވެސް ގޮތަކުން ގުޅޭ މަސައްކަތެއް ކުރާ ބިދޭސީ އަންހެނަކާ ކަމެވެ.  މި ވާހަކަ ވީ އަޅުގަނޑަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނު ވާހަކަޔަކަށެވެ. ވާނީވެސް އެހެން ނޫންތޯއެވެ! އަޅުގަނޑުގެ އިސްކޯލުގެ މުހިންމު ބޭކަލަކު ކައިވެންޏެއް ކުރެއްވީއެވެ. ކިހައި އުފާވެރި ކަމެއްތޯއެވެ! އެއްކަލަ ފުއްޓަތްކާއި ނަލަކޮރާއި ފަތިގަނޑަށް ދެންވާނީ ކިހިނެއް ބާވައޭ، ބަދަލެއް އަންނާނެ ބާވައޭވެސް ހިތަށް އެރިއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އަޅުގަނޑު ކިލާހުގައި އިންދައި، ކުލާހަށް އެވެންނެވީ އެއްކަލަ ބައިސްކަލު އިންޖިނޭރު ނުވަތަ ޓީޗަރެވެ. އޭނާ ބުނުއްވި ގޮތުގައި ހިސާބު ޓީޗަރު އެދުވަހު ސަލާމް ބުނުއްވީއެވެ. އެހެންވީމައި، އޭނާ އެ ދުރުވީ އެ ގަޑި ނަންގަވާށެވެ.

އަޅުގަނޑަކީ ޓީޗަރުންނަށް ’ގުޑުމޯނިން ވިޝް‘ ކުރުމުގައި އަބަދުވެސް އިސްނަގާ ކުއްޖަކަށް ވީތީ އަޅުގަނޑު އެކަން ކޮށްފީމެވެ. އަދި ދުވަހުގެ އުފާވެރިކަން ފުރިހަމަ ކޮށްލުމުގެ ގޮތުން ކައިވެނީގެ މަރުޙަބާ، ކައިވެނީގެ ވާހަކަ ނުދައްކައި، ވަރަށް އިނގިރޭސި ’ކޮންގްރެޗުލޭޝަންސް، ސަރ!‘ އަކުން މަރުޙަބާވެސް ކިޔައިފީމެވެ. ހިނިތުންވެލުމަކާވެސް އެކުގައެވެ.

އަސްތާ، އެޖެހުނީ ކަންތަކާއެވެ. ބައިސްކަލު އިންޖިނޭރު ނުވަތަ ޓީޗަރު އިންތިހާ ދަރަޖަޔަށް ރުޅިދުރުވެއްޖެއެވެ. އަޅުގަނޑު އޭނާ ގާތަށް ގެންދަވައި، ޓީޗަރުންނަށް ޖޯކުޖެހުމަކީ މަނާކަމެކޭވެސް ބުނުއްވުމަށްފަހު، އެއްކަލަ ފަތިގަނޑުން އަޅުގަނޑު ގައިގައި ހައެއްކަ ފަހަރު ވަރަށް ބާރަށް ޖައްސަވައިފިއެވެ. އަދި ކުލާހުން ނިކުމެގެން ގޮސް އިސްކޯލުގެ އޮފީހުގެ ބޭރުގައި އޮންނަ ތަޅުންގަނޑުގައި ކުޑަކަކޫ ޖަހައިގެން އިންނަން އަމުރު ކުރައްވައިފިއެވެ.

އަޅުގަނޑަކީ އެހިސާބަށްވެސް ބަސްއަހާ ކުއްޖެކެވެ. އެހެން ކަމާއެކު، ފަތިގަނޑު އަމާޒުވީ އެކިތަންތަނުން ނަގާ ދިލަޔަށްވުރެ ބޮޑުވޭނެއް އެޅީ  ހިތުގައެވެ. ކުރެވުނު ކުށެއް ނުވިސްނުނީތީއެވެ. ކިލާސް ކުދިން ކުރިމަތީގައި އަޅުގަނޑުގެ އަގު ވެއްޓުނީތީއެވެ. އެންމެ ބޮޑެތި ކުށްވެރިން ކުޑަކަކޫ ޖަހަންޖެހޭ ތާނގައި، ޔަޢުނީ އޮފީސް ކުރިމަތީގައި، ކުޑަކަކޫ ޖަހަން ޖެހުނީތީއެވެ.

އިސްކޯލަށް އަންނަން ޔުނިފޯމު އަޅައިގެން ގެއިން ނިކުމެފައި އިސްކޯލަށް ނުގޮސް މާރުކޭޓަށް ގޮސްލައި، ސައިހޮޓަލަށް އަރައިލާ އުޅުނު ކުދިންނާއި، ހުއްދަ ނުނަގާ ސިނަމާޔަށް ގޮސް އުޅޭ ކުދިންނާއި، އެހެން ކުދިންގެ ފަންސޫރާއި ގަލަން ވަގަށް ނަގާ ކުދިން ކުޑަކަކޫ ޖަހާ ތަނުގައި އަޅުގަނޑު ކުޑަކަކޫ ޖަހައިގެން އިން އިރު، އެހައިތަނަށް އަޅުގަނޑަށް ނުލާހިކު ހެޔޮކޮށް ބެއްލެވި ޓީޗަރުންނާއި މުދައްރިސުން އެހެންލައިގެން ދުރުވިއެވެ. އޭގެ ތެރެއިން ގިނަ ބޭބޭކަލުން އެހިސާބުން އެހެން ގޮތަކަށް އަޅުގަނޑަށް ދެން ބައްލަވާނެކަން އެ ބޭބޭކަލުން އަޅުގަނޑާ ދިމާޔަށް އެއްލެވި އަނދިރި އެކި ނަޒަރުން އެނގެމުން ދިޔައެވެ.

ބޮޑެތި ކުށްވެރީންގެ ސިއްކަ ނުޙައްޤުންނަމަވެސް ނިތްކުރީގައި ޖަހައިގެން އަޅުގަނޑު އެހެން އިންދައި، އެތަނަށް އެ ދުރުވީ އަޅުގަނޑުގެ އިނގިރޭސި ޓީޗަރެވެ. އޭނާ އަޅުގަނޑާ ދިމާޔަށް ބައްލަވައިލައްވައިފައި ނާޡިރު އަރިހުން ހުއްދަ ހޯއްދެވުމަށްފަހު އަޅުގަނޑު އެތަނުން ނަންގަވައިގެން ތަންކޮޅެއް ދުރަށް ގެންދެވިއެވެ. އަދި އަޅުގަނޑު އެތާ އިންނަން ޖެހުނު ސަބަބަކީ ކޮބައިތޯ، އަޅުގަނޑު ހެދީ ކިހައިވަރެއްގެ ގޯހެއްތޯ އައްސަވައިފިއެވެ. އަޅުގަނޑުވެސް ރޮމުން، ގިސްލަމުން، ވީގޮތް ނަންގެންފީމެވެ. އެ ހިސާބުންވެސް އަޅުގަނޑުގެ ބަސްމަގާއި ސުލޫކު ކުޑަކޮށް ބަދަލުވާން ފެށިކަން އަޅުގަނޑަށް އެނގެން ފެށިއެވެ. ވާހަކަ ނިމުނު އިރު އަޅުގަނޑުގެ އަޑުގައި ހުރީ އިހަށް ނުހުންނަ ހަރުކަށިކަމެކެވެ.

ބައިސްކަލު އިންޖިނޭރު ނުވަތަ ކޮންމެވެސް އެހެން ނަމެއްގައި ނަމަވެސް ހުރީ އޭނާގެ ފަރާތުން އަޅުގަނޑަށް ނުޙައްޤުން ލިބުނު އަނިޔާގެ ނަތީޖާއެއްގެ ގޮތުން، ދިވެހިބަހުން އޭނާގެ ވާހަކަ ދައްކާއިރު ’ލައްބަ ދުރުވަން‘ ކިޔުން އެހިސާބުން އަޅުގަނޑާ ވަކިވެއްޖެއެވެ. އަދި އޭނާގެ ބައެއް ރައްޓެހިން އޭނާޔަށް ވަނަމަކަށް ކިޔާ ’އިންޖިނޭރު‘ ނުވަތަ ’އިނޭ‘ އެއީ އަޅުގަނޑުވެސް އޭނާޔަށް ކިޔާ ނަމަށްވެސް ވެ ނިމިއްޖެއެވެ. އިޙްތިރާމަކީ ދެކޮޅަށް ދުއްވާ މަގަކުން ދުވާ އުޅަނދެކެވެ.

އިނޭގެ ފަރާތުން އަޅުގަނޑަށް ލިބުނު އަނިޔާގެ ވާހަކަ އަޅުގަނޑުގެ އިނގިރޭސި ޓީޗަރަށް ނަންގަތީމައި އެކަމުގައި އޭނާޔަށް ހީވިލެއްވި ގޮތް އޭނާ އަޅުގަނޑަށް ބުނެދެއްވިއެވެ. އިނޭއަށް އެވީ ކިހިނެއް ކަން ޓީޗަރު އަޅުގަނޑަށް އޮޅުން ފިލުވައިދެއްވި ގޮތުގައި ޙަޤީޤަތުގެ ކުލަ ވަރަށް ރަނގަޅަށް ހިފައިފައި ހުއްޓެވެ.

އެދުވަހު ހެނދުނު އިނޭ އިސްކޯލަށް އައިސް ސޮއިކޮށްފައި، ފަތިގަނޑު ހިފައިގެން ނަލަކޮރެއްގައި އޮފީހުން ބޭރަށް ނިކުންނަނިކޮށް، އޭނާގެ ގާތް ބައެއް ޓީޗަރުން އޭނާޔާ ތަންކޮޅެއް ލާނެތްކޮށް ދިމާކޮށްލީއެވެ. އަދި ނަށާ ކުއްޖަކާ ވަގު ކައިވެންޏެއް ކުރީދޯއޭ، ސައިދޭން ވާނެޔޭ، މިކަހަލަ އެއްޗިހިތަކެއްވެސް މަޖަލުގައި ކިޔުއްވީއެވެ. އެ މަޖަލުގައި ބައިވެރިވުމުގެ ބަދަލުގައި އިނޭ އައީ ރުޅިއެވެ. އިންތިހާ ދަރަޖަޔަށެވެ. އޭނާގެ އަންހެނުންނަކީ ނަށާ ކުއްޖެކޭ ބުނެގެން ނުވާނެޔާ ގޮވައިލައިފައި އެއްކަލަ ޢަސްކަރީ ޒާތުގެ ޓީޗަރަށް ޖިސްމާނީ ޙަމަލައެއް ދޭން އުޅެ، އެކަންވެސް ނާކާމިޔާބުވެގެން ދުރަށް ދުވަން ޖެހުނީ އިނޭއަށް ކަމަށް ވިއެވެ. އިނޭ އަޅުގަނޑުމެން ކުލާހަށް އައިސް އެވަނީ އެ ރުޅިގަނޑު މައިތިރި ނުވަނީސް، ހުސް ކުލާހަކަށް ގަޑިފުރަން ނާޡިރު ފޮނުއްވީމައެވެ. އެހެން ކަމުން އޭނާ އައިސް ކިލާހަށް ވަންތަނުން އަޅުގަނޑަށް އެ ކިޔުނު މަރުޙަބާ ވެގެން ދިޔައީ ނުނިވި ހުރި އަލިފާންގަނޑަކަށް ނޭނގި އެޅުނު ޕެޓުރޯލު ފޮދަކަށެވެ.

އިނގިރޭސި ޓީޗަރު އަޅުގަނޑު ކުލާހަށް ފޮނުއްވައި ލެއްވީ، ވަރަށް ރަނގަޅު ނަސޭހަތްވެސް ދެއްވާފައެވެ. ޓީޗަރަކު އަތުން ގޯހެއް އަދި ހެދުނަސް އެކަމުގެ ސަބަބުން އަޅުގަނޑުގެ އަޚުލާޤަށާއި ކިޔެވުމަށް ބަދަލު އަޔަނުދިނުމަށް ވިސްނައިދެއްވާފައެވެ. ޤާބިލް، ޤަދަރުވެރި ޓީޗަރުންނަކީ އެތިއްބެވީއެވެ. އޭގެ އަނެއްކޮޅުން، މިއީ އަދިވެސް އަޅުގަނޑު ދައްކާ ވާހަކައެކެވެ. އިނޭ ކަހަލަ ނާޤާބިލް، އަޚުލާޤެއް ތަހުޒީބެއް ނެތް މީހުން، ޓީޗަރުންގެ ނަމުގައި މީހުންގެ ޅަދަރީންގެ ގަޔަށް ބޮލަށް އަރަން ދޫކޮށް ނުލައްވާށެވެ! ޝައިޠާނު ހެދިފައި އެކުދީންގެ މައްޗަށް ފާވާން ފުރުޞަތު ނުދެއްވާށެވެ!

މިހެން މިދަންނަވަނީ، މި ވާހަކަވެސް، އިނޭ އަޅުގަނޑަށް ކުރަން ފެށި އަނިޔާވެސް، އެހިސާބުން ނުނިމުނީމައެވެ. އިނގިރޭސި ޓީޗަރު އިނޭ ގާތަށް ދުރުވެ، އޭނާޔަށް ހެދުނު ގޯހުގެ ވާހަކަ އޭނާޔަށް ބުނެދެއްވިއެވެ. އެކަމަކު އިނޭގެ އަނިޔާވެރިކަން ވީ ބޮޑެވެ. ކުރުކޮށް ދަންނަވާނަމެވެ. އިސްކޯލުގެ އެކި ގުރޭޑުތަކުގައި އަޅުގަނޑު އުޅުނުއިރު، އިނޭ އެކި ގޮތްގޮތުން އަޅުގަނޑަށް އަނިޔާ ދެމުން ގެންދިޔައެވެ. މުދައްރިސުންނާއި ޓީޗަރުން ގާތުގައި އަޅުގަނޑޭ ކިޔައިގެން ހަދަހަދައިގެން ވާހަކަ ދައްކަމުން ގެންދިޔައެވެ. އަޅުގަނޑު ދެނެލައްވާ މުދައްރިސުންނާއި ޓީޗަރުން އެކަހަލަ ވާހަކަތަކަށް ބީރުކަންފަތެއް އަދި ދެއްވިޔަސް، އަލަށް ދުރުވާ، ތަޖުރިބާ މަދު ބައެއް މުދައްރިސުންނާއި ޓީޗަރުން އެމަޅީގައި ޖެހިލައްވައިގެން އަޅުގަނޑާ މެދު ’ރައްކާތެރިކަމުގެ ފިޔަވަޅުތައް‘ ދުރާލައި އެޅުއްވަމުން ގެންދެވިއެވެ. އިސްކޯލުން އެއްޗެއް ގެއްލޭ ކޮންމެ ފަހަރަކު އަޅުގަނޑުގެ ބޮލުގައި ވަގުބަދުނާމުވެސް އިނޭ އަޅުވަމުން ގެންދިޔައެވެ. އިސްކޯލުގައި ހިނގި ބައެއް ކަންކަމާ މެދު ދަރިވަރުން ކޮޅެއް ހިތްހަމަ ނުޖެހިގެން އިސްކޯލު ގޯތިތެރެޔަށް ލިޔުންތަކެއް އަޅައިގެން މައްސަލަ ޖެހުނު ފަހަރަކުވެސް، އެކަން ތަޙުޤީޤު ކުރައްވަން ކަމާބެހޭ ވުޒާރާއިން ބޮޑެތި ބޭފުޅުން ވަޑައިގަތީމާ އެބޭފުޅުންގެ ކަންޕަތްޕުޅު ދޮށުގައި އިނޭ ވާހަކަ ދަންނަވައިގެން، ވަސްވާސް ދީގެން، އަޅުގަނޑު ހަފުތާޔަކަށް ގޭގައިވެސް ބަންދުކުރުވިއެވެ. އިސްކޯލުން އަޅުގަނޑަށް ޕުރިފެކްޓު ކަން ދޭން ކަމާ ބެހޭ ކޮމިޓީއިން ނިންމަވައިފައި އޮއްވައި، އެކަންވެސް ކުޓުވައިގެންނާއި މައްސަލަ ޖައްސައިގެންނާއި ދޮގު ރެކޯޑުތަކެއް ހަދައިގެން އެ ދައްކައިގެން ކެންސަލް ކުރުވިއެވެ.

އެ ހުރިހައި ކަމަކާހެދި އަޅުގަނޑު ’ބޭޑްބޯއީ‘ އަކަށް ނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އަޅުގަނޑު ސަލާމަތުން ހުރީ، އަޅުގަނޑަށް ކިޔަވައިދެއްވަން ދުރުވި ބައެއް ޓީޗަރުން އަޅުގަނޑަށް ދެއްވި ލޯތްބާއި، އަޅުގަނޑަށް ކުރެއްވި އިތުބާރާއި، ދެއްވި ނަސޭހަތުގެ ސަބަބުންނެވެ. އަޅުގަނޑަކީ ގިނަ މާއްދާތަކުން ކިލާހުން އެންމެ މަތީ މާކުސް ހޯދާ ދަރިވަރަށް ވީތީ، އެ ގޮތުގައި ދެމިހުންނަން މި ދެންނެވި ލާމަސީލު ޓީޗަރުން ދެއްވަމުން ގެންދެވި ނަސޭހަތުގެ ސަބަބުންނެވެ. ކަމަށް ޤާބިލް، ކުޅަދާނަ، ދާއިމީ ޝުކުރަކުން ކުރެވޭ ޝުކުރުގެ ޖިޒީއެއް ޙައްޤު ޓީޗަރުންނަކީ އެއީއެވެ.

ކުރުކޮށްލައިފައި ދަންނަވާނަމެވެ. އަޅުގަނޑު އިސްކޯލު ނިންމީ ފަހު އިމްތިޙާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެގެންނެވެ. އެހެންކަމުން، ރާއްޖޭން ބޭރަށް އިސްކޯލަރޝިޕެއްގައި ކިޔަވަންވެސް ދިޔައިމެވެ. ކިޔެވި އެއް މާއްދާޔަކީވެސް ޓީޗަރުކަމެވެ. އަދި އެނބުރި އައިސް ފުރަތަމަ ވަޒީފާ އަދާކުރީވެސް އަޅުގަނޑު ކިޔެވި އިސްކޯލުގައެވެ. އިނޭ އޭރުވެސް އެތާނގައި އުޅެއެވެ. އަަދި އަޅުގަނޑު ވަޒީފާޔަށް ނިކުތް ހިސާބުން އިނޭ އަޅުގަނޑަށް ޖެއްސުންވެސް ކުރަން ފެށިއެވެ. އެހެން ނަމަވެސް، ދުނިޔޭގައި ބައެއް ފަހަރު ކަންކަން ހިނގާގޮތަކީ އިންސާނުންގެ ތަދުބީރުން ބޭރުގައި ހިނގާ ކަންކަން ކަމުން، އިނޭ އަޅުގަނޑަށް ކުރަންފެށި ޖެއްސުމަށް ހުއްޓުމެއް އައީ ވަރަށް އަވަހަށެވެ. ސަބަބަކީ ތޯއެވެ؟ އިސްކޯލުގެ ކިލާހެއްގެ ކިލާސްޓީޗަރުކަން އަޅުގަނޑާ ޙަވާލުވިއިރު، އިނޭގެ ފިރިހެން ދަރިފުޅަށް އިންނަން ޖެހުނީ އެ ކުލާހުގައެވެ! އިނޭ ދުނިޔެ ދެކޭނީ އޭނާގެ މިންގަނޑުން ކަމަށް ވާއިރު، އޭނާ ކިހައި ބިރެއް ގަންނާނެތޯއެވެ!

ދުނިޔެ ތޮށަލި ދުޅަޔަށް ހިނގައި، އިނޭގެ ދަރިފުޅު އަޅުގަނޑު ހަދާނެ ގޮތެއް ހަދަން ހިތަކަށް ލިބުނީ ކަމަށް ހީކޮށް، އަޅުގަނޑު ބަަދަލު ހިފިންތޯއެވެ؟ ނޫނެކެވެ! ބައްޕަގެ އަނިޔާގެ ބަދަލު ދަރިފުޅު ގާތުން ހިފުމަކީ އަޅުގަނޑުގެ އުޞޫލެއް ނޫނެވެ. ޓީޗަރު ކަމަކީ ބެލެނިވެރިކަމާއި ބަލަދުވެރިކަން ކަމަށް ވާތީ، އަޅުގަނޑު އެ މަތިވެރި އުޞޫލަކަށް ފުރަގަހެއްވެސް ނުދެމެވެ. އިނޭގެ ދަރިފުޅެކޭ އެހެން ދަރިވަރެކޭ ކުޑަވެސް ތަފާތެއް ނުކުރަމެވެ. އިނޭ އަޅުގަނޑަށް އެތަކެއް އަހަރު ވަންދެން ދިން އަނިޔާގެ ވާހަކަ އެ ދަރިފުޅަކަށް ނުވެސް އަންގަމެވެ. އަޅުގަނޑު އެ ދުވަސްވަރު ކިޔަވައިދިން ގިނަ ކުދީންގެ ލޯބި މިއަދުވެސް ލިބިލިބި ހުރީ އެހެން ވެގެން ކަމަށްވެސް ވެދާނެއެވެ.

ދެ އަހަރެއް ފަހެވެ. އަޅުގަނޑު އެއިރު ހުރީ އެއްކަލަ އިސްކޯލަކު ނޫނެވެ. ދިރިއުޅުމަށް ބޭނުންވާ ބައެއް ޚާއްޞަ ހުނަރު ބޭނުން މީހަކަށް ދަސްކޮށްދޭ މުއައްސަސާއެއްގައި ކޯސް ވިލަރެސްކުރާ މީހަކަށެވެ. އެހެން ހުއްޓައި އެތަނަށްވެސް އިނޭ އަތުވެއްޖެއެވެ. ބައިސްކަލު އިންޖިނޭރުކަން ނޫން ކަމެއް ނޭނގޭ މީހަކު އިސްކޯލަކަށް ބޭނުންވެނުލައްވާތީ، އޭނާ ފޮނުއްވީ އަޅުގަނޑުގެ ދަށުގައި މަސައްކަތްކުރާށެވެ. ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ބައެއް ކޯހުގައި ބައިސްކަލު މަރާމާތު ކުރުމުގެ ހުނަރު ދަސްކޮށްދޭ މީހަކަށެވެ. އެ ދުވަހު، އަޅުގަނޑުގެ ވަޒީފާގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފެންނާތީ، އަޅުގަނޑުގެ ކުރިމައްޗަށް އިނޭ ގެނައިމެވެ. އަދި އެހެން މީހަކަށް ނޭނގޭ ގޮތަށް އޭނާޔަށް ނަސޭހަތްވެސް ލައިދިނީމެވެ. އެއީ، އެ ތަނަށް ކިޔަވަން އަންނަ މީހުންނަށް އަޅުގަނޑަށް ދިން ކަހަލަ އަނިޔާ ނުދެއްޗޭ ކިޔައިފައި ދިން ނަސޭހަތެކެވެ. އަޅުގަނޑަށް އޭނާ ދިން އަނިޔާގެ ބަދަލު އޭނާ ގާތުން އަޅުގަނޑު ނުހިފާނޭ ކަމާއި، އެކަމާ ބިރު ނުގަންނަން އަޅުގަނޑު އޭނާޔަށް އެންގީމެވެ. އަދި އަޅުގަނޑު އިނޭގެ ކިބައިން ބަދަލު ނުހިފާނީ އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ ނަފުސަށް ޤަދަރުކުރާތީ ކަމާއި، އެހެން ސަބަބަކަށްޓަކައި ނޫންކަންވެސް ބުނެދިނީމެވެ. އެހެންނަމަވެސް، އިނޭ ކިޔަވައިދޭން ޖެހޭ ބައިސްކަލު ކޯހުގެ ދަރިވަރަކަށް އަނިޔާއެއް ކުރިކަން އަޅުގަނޑަށް ސާބިތުވެއްޖިއްޔާ ދުލެއް ނުކުރާނެކަން އޭނާ ދަންނަން ވާނެކަން އެންގީމެވެ.

އެދުވަހު އަޅުގަނޑުގެ ކޮޓަރިން އިނޭ ނިކުމެގެން ދިޔައީ ފަތިގަނޑެއް އަތުގައި ނެތި، އެއްކަލަ ނަލަކޮރުވެސް ކޮންމެވެސް ތާކަށްލައި ފޮރުވައިފައި، ވަރަށް މަޑުމޮޅި ގޮތަކަށެވެ. އިނޭގެ ފަރާތުން އޭގެ ފަހުން މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަޅުގަނޑެއް ނުދެނެހުރީމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ޤައުމަށް އޭނާ އަނބުރައި ހިނގައްޖެއެވެ.

(ފުލޯކު ވާހަކަ މިހިސާބަށް މި ނިމުނީއެވެ. ވާހަކަ އަދި ނިމުނަސް، އަދި އެހެން އެއްޗެއް ދަންނަވައިލާނަމެވެ.)

މިވާހަކައިގެ ފެށުމުގައިވެސް އެކެއްގެ ނަޒަރުން ދެންނެވި ފަދައިން، ކޮންމެ މަޔަކާއި ބަފަކު އެބައެއްގެ ދަރީން އިސްކޯލަށް ވައްދަވަނީ ވަރަށް މަތިވެރި އުންމީދުތަކަކާ އެކުގައެވެ.  އެ ދަރީން އިސްކޯލުގެ މާޙައުލަށް ދޫކޮށްލައްވައިފައި ގެޔަށް އެ ދުރުވަނީ ކުދީންގެ ހަށިގަނޑު އެކަނި އެހެން ބަޔަކާ ޙަވާލުކުރައްވާފައެއް ނޫނެވެ. އެ ކުދީންގެ ސިކުނޑިޔާއި، ހިތާއި، ރޫޙުގެ ހެދިބޮޑުވުމާއި، ދުޅަހެއުކަމާއި،  ނަފްސާނީ  ހަމަޖެހުމާއި، މުސްތަޤުބަލުގެ އަމާން ކަމާއި ފާގަތިކަންވެސް އިސްކޯލާ ޙަވާލު ކުރައްވާފައެވެ. ޖިސްމާނީ މަންމަޔާއި ބައްޕަގެ ބަދަލުގައި ތިއްބަވާ ވަރަށް ޤާބިލް، ކުޅަދާނަ، ހިތްޕުޅުހެޔޮ އެދުރުންގެ އަތްޕުޅުމައްޗަށް އެ ކުދީން އިތުބާރާއެކު ދޫކޮށްލައްވާފައެވެ. ވީމާ، އެ އިތުބާރަކީ ކިހައިވަރެއްގެ އިތުބާރެއްކަން ދެނެވަޑައިގަންނަވާށެވެ. އެކަމަށް އިޙްތިރާމް ކުރައްވާށެވެ. އެ ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކުގެ އެންމެ މަތީފެންވަރުން ދެއްވެން އޮތިއްޔާ ދެއްވެން އޮތް ވަރަކުން ދެއްވާށެވެ. އޭގެ އިތުރުން، އެކުދީންނަށް އުފާވެރިކަމުން ކުޑަ އެތިކޮޅެއް ނަމަވެސް ދެއްވާށެވެ. ސީރިޔަސް ކަމަކީ އަބަދު ކާން ޖެހިއްޖިއްޔާ ހިތި ބޭހަކަށް ވާކަށް ހަނދުމަފުޅު ބަހައްޓަވައިގެން އުފަލާއި، މަޖަލާއި، ސަމާސާޔަކީވެސް ދިރިއުޅުމުގެ ބައެއްކަން ޠާޙިރުކަމާއެކު ޢަމަލުން ދައްކަވާށެވެ.

މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ އެހެން އެއްޗެއްވެސް އެބައޮތެވެ. އެއީ ޒަމާނާއި، ތަނާއި، ޙާލަތާއި، ކިއްސަރު ނުކިއްސަރު މީހުންގެ އެކި ވަކި ޚިޔާލާއި ވިސްނުމާއި، ރަސްމީ ހަމަތަކާއި ޤަވާޢިދުތައް އެކި މީހުން މާނަކުރާ ގޮތްގޮތުގެ ސަބަބުން ކުރިން މިދެންނެވި ކަންކަމަށް ކޮންމެވެސް ވަރެއްގެ ހިޔަންޏެއް އެޅުންވެސް އެކަށީގެންވާކަން އަޅުގަނޑުވެސް ޤަބޫލު ކުރާ ވާހަކައެވެ. އެހެން ނަމަވެސް، މީހެއްގެ ނިޔަތް ހެވިއްޔާ… ހެޔޮމަގުން ކަން ހިނގަން އޮންނަ ފުރުޞަތުތައް އެމީހަކަށް ގިނަގިނައިން ލިބުމަކީވެސް އެކަށީގެންވާ ކަމެއް ދެއްތޯއެވެ!

ދެންމެ ތިޔަ ވިދާޅުވި ފުލޯކު ވާހަކައިގައި އެ އުޅޭ ކުއްޖާ ’ބޭޑްބޯއީ‘ އަކަށް ނުވެ ސަލާމަތްވީ ގޮތާމެދުވެސް ވިސްނާވަޑައިގަންނަވާށެވެ.  ވާހަަކަޔަކީ ފުލޯކު ވާހަކައެކޭ ދެންނެވިޔަސް… ފުލޯކު ބައެއް ވާހަކަޔަކީ ޙަޤީޤަތޭ ކިޔާ ގަހުގައި އަޅާ މޭވާއެއްގެ އޮށުން ފަޅާ ނިރެކޭ ދެންނެވުނު ގޮތަށް، މިކަހަލަ ވާހަކައެއް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ޙަޤީޤީ ދުނިޔޭގައި ދެކެވަޑައިގެންފައިވުންވެސް އެކަށީގެންވޭ، ދެއްތޯއެވެ! ނުވަތަ މިހައިރުވެސް ދެކެވަޑައިގަންނަވަމުން ގެންދެވުންވެސް ނާދިރުގެ ނާދިރުގެ ތެރެއިން ނަމަވެސް އެކަށީގެން ވެއެވެ. އެހެން ކަމަށް ވަންޏާ، އެ ވާހަކައިގެ ނުބައިބައި ކުޅެން ހުރީ ބިދޭސީ އަކަށް ވިޔަސް، ދިވެއްސަކަށް ވިޔަސް، އެ މީހަކަށް ކިޔަނީ ހާރޫނެއްތޯ ރައްޒައެއްތޯ ސީތާއެއްތޯ ރިޗަޑެއްތޯ ނުބައްލަވައި އެކަހަލަ މީހުންގެ ކިބައިން އަޅުގަނޑުމެން އެންމެންގެ ދަރީން ސަލާމަތް ކޮށްދެއްވާށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.