Support Us

މިއީ އަނެއްކާ އަޅުގަނޑަށް ގޮވޭ ގޯހެއްތޯއެވެ؟

ނޯޓު: ރާއްޖޭގައި މިހައިރު ވަރަށް ކާމިޔާބުކަމާއެކު ހިނގަމުންދާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަކީ  މީގެ އެތައް އަހަރެއް ކުރިން އިންދުނު ވަރަށް މުޑުވައް ރަނގަޅު އޮށަކުން ފަޅައިގެން ހެދިބޮޑުވި، ގިނައިން މޭވާ ގަންނަ ގަހެއްކަން ކަށަވަރެވެ. އަޅުގަނޑު މިދެންނެވި އޮށް ފުރަތަމަ އިންދުނީ އަލްމަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ނަމުގައެވެ. މިދެންނެވި މަޢުހަދު ހިނގާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށް، މިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރައްވާ ބޭފުޅުންގެ ތެރެޔަށް ޒުވާން އައު ލޭގެ ތާޒާކަން ގެނެސްދެއްވުމުގެ ގޮތުން، ’ޑިޕްލޯމާ އިން ޝަރީޢާ އެންޑް ލޯ‘ ގެ ނަމުގައި އެތަނުގައި ޚާއްޞަ ކޯހެއް ހިންގަވަން ފެއްޓެވިއެވެ. އަދި ކޯސް ފެއްޓެވިއިރު ކޯހުގައި ކިޔަވައިދެއްވަން ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެއިރު ޤައުމުގެ ރަސްމީ ކަންކަން ހިންގަވައި ބެލެހެއްޓެވުމުގެ އެންމެ އިސް ސަފުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަތެވެ. އަދި ހަމައެހެންމެ، އަޅުގަނޑަކީ އެ ބޭބޭފުޅުންނާ އަރައިއަރަފޯދިގެންވާ މީހެއް ކަމަށް ނުވިޔަސް، ކޯހުގެ އެއް މާއްދާ ކަމުގައިވި، ޤާނޫނީ ދާއިރާގައި ޞައްޙަ ކޮށް އިނގިރޭސިބަސް ބޭނުންކުރުމުގެ ބަޔާއި ތަރުޖަމާ ކުރުމުގެ ބައި ކިޔަވައިދޭން ޙަވާލުވީ އަޅުގަނޑާއެވެ. އެހެންކަމުން، ސަރުކާރުގެ އިސް އެހެން ވަޒީފާއެއް އަދާކުރަމުންވެސް އެކަން އަޅުގަނޑު ކުރީމެވެ. ތިން އަހަރު ދުވަހުގެ ދިގުމިނަށް ބުރެއް ހިންގުނު ދެ ބުރުގައި، ޖުމުލަ ހަ އަހަރު ކިޔަވައިދިނީމެވެ.

މިދެންނެވި މަސައްކަތް އަޅުގަނޑަށް ކުރެވުމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑެތި ފައިދާތަކެއް ވިއެވެ. އެއީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤާނޫނީ ދާއިރާޔަށް ވަރަށް ރަނގަޅަށް ހޭލެވުމާއި، އެ ޤާނޫނުތަކާ ގުޅޭ ބޭރުގެ ވަރަށް ގިނަ ޤާނޫނުތަކަށްވެސް ލޯހުޅުވުމެވެ. އަދި މިދެންނެވި ދެ ބުރުގައި އަޅުގަނޑު އެއިރު ކިޔަވައިދިން ބައެއް ދަރިވަރުން މިހައިރު މިޤައުމުގެ ޝަރުޢީ ދާއިރާގެ ވަރަށް އިސްސަފުތަކުގައި ތިއްބެވި ބޭފުޅުން ކަމުގައި، ނުވަތަ ފަނޑިޔާރުން ކަމުގައި،  ނުވަތަ ނަންހިނގާ ކުޅަދާނަ ވަކީލުންގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ކަމުގެ އުފާ ލިބިލިބި ހުރުމަކީ ކުޑަ ފައިދާއެއްތޯއެވެ؟

މިފަހަރު އަޅުގަނޑުގެ މި ލިޔުމުގައި ހިމެނޭ ބައެއް ސުވާލު ފުރަތަމަ އަރިސް މިކުރަނީ، އަދި މި ލިޔުން ތަޚްޞީޞް މިކުރަނީވެސް، އަޅުގަނޑާއެކު އެ ދުވަސްތައް ހޭދަކުރެއްވި ދަރިވަރުންނަށެވެ. އެ ބޭބޭފުުޅުންނަށެވެ. އެޔަށްފަހު، ތިޔަ އެންމެ ބޭފުޅުން އަރިހުން އަޅުގަނޑު މިއެދެނީ މި ލިޔުން މިއީ މިހައިރުގެ ރާގުންނަމަ ’ސިޔާސީ‘ ލިޔުމަކަށް ނުހައްދަވައި، ޢަޤްލީ ނަަޒަރަކުން މިލިޔުން ވިދާޅުވުމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.

ތަހުޒީބު މުޖުތަމަޢުތަކުގައި ސުލްޙަވެރިކަމާއި އަމާންކަމާއެކު އުޅެން ބޭނުންވާ އެންމެންމެ އުޅެންވާނެ ގޮތްތަކާއި، އިޙްތިރާމް ކުރަންޖެހޭ ހަމަތަކާއި، މިހުރިހައި ކަމެއްގައި އެކި މީހުންނަށް އެކި ގޮތް ނުހަދައި، ޢަދުލު އިންޞާފުގެ ދަންމަރުން އެންމެނަށް އެއްވަރަށް އަލިވާ ގޮތް ހެދުމަކީ ހަމަ އެންމެންގެ ކަމެކެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި ކަނޑައެޅޭ ހަމަތަކަށް އެންމެން އެއްބަސްވެ، އެހަމަތައް ފާސްކޮށް، ލިޔުއްވައި ހައްދަވަން އެ ތިއްބަވާ ބޭފުޅުން ބައިމެދުން ހޮވައި ނަގަނީވެސް ހަމަ އެންމެނެވެ. ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ މަޞްލަޙަތު ކުރިޔަށް ނެރުއްވައިގެން އެކަން ކުރައްވަން އެތިއްބަވާ ބޭބޭފުޅުން ޞައްޙަ އިންތިޚާބުތަކުން ހޮވައި ހަދަނީވެސް ހަމަ އެންމެނެވެ. ޑިމޯކްރަސީ އަކީ އަނެއްކާ އެއެއް ނޫންތޯއެވެ؟ އަޅުގަނޑުމެން ޤާނޫނޭ މިކިޔަނީ މިދެންނެވި އުޞޫލުން އެންމެން، ނުވަތަ އެންމެންގެ ތެރެއިން ގިނަ ބަޔަކު އެއްގަލަކަށް އަރައިގެން، އެއްބަސްވެގެން، އެކަން ދެން އޮންނާނީ އެހެން ކަމަށް ލިޔެވިގެން، ފާސްވެގެން، ތަޞްދީޤު ކުރައްވާ ފަރާތުން ތަޞްދީޤުވެސް ކުރެވިގެން ޝާއިޢު ކުރެވޭ އެއްޗަކަށް ނޫންތޯއެވެ؟ އަދި ހަމައެޔާއެކު، މިދެންނެވި ފަދަ ޤާނޫނު ތަކުގެ ދަށުން ޞައްޙަ މަގުން ހެދޭ ޤަވާޢިދުތައްވެސް ހިމެނެނީ އެޤާނޫނުތަކުގެ ބައިތަކުގެ ގޮތުގައެއް ނޫންތޯއެވެ؟

ދެން އޮތީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާގެ ވާހަކައެވެ. އެ މަގުން އަޅުގަނޑު ތިޔަބޭފުޅުން އަރިހުން މިވަގުތު މިއެދެނީ ހަމަ އެންމެ ކަމަކުއެވެ. އެއީ، މިލިޔުމުގައި އަޅުގަނޑަށް މިހައިތަނަށް ގޯހެއް ގޮވިއްޖެ ނަމަ، އެކަމެއް ހެޔޮފުޅުކަމާއި ހެޔޮޚުލްޤުގެ މަގުން އިޞްލާޙު ކޮށްލައްވައި ދެއްވުމެވެ. އެއީ އަނެއްކާ ޞައްޙަ ނޫން އެދުމެއްތޯއެވެ؟

ޒިންމާގެ ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހިތަށް ފުރަތަމަވެސް އަރަނީ މިސާލެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ބޮޑެތި ބައެއް ރަށްރަށުގައި ދުއްވާއެއްޗިހި ގިނަވެގެން ދިމާވާ މައްސަލަތަކާއި، އެ ނޫން ބައެއް ރަށްރަށުގައި މަގު އޮވެފައި، އިންޖީނުލީ ދުއްވާ އެއްޗިއްސަށް ޖާގަ ލިބިގެން ތަންކޮޅެއް ބާރަށް ދުއްވަައިލީމައި އެހެރަ ދިމާވާ ބިރުވެރި ޙާދިޘާ ތަކެވެ. މި ވާހަކަ މިހެން ދަންނަވާއިރުވެސް އަޅުގަނޑުގެ ހިތަށް ވަރަށް ގިނަ ސުވާލުތައް އެބަ އަރައެވެ. އިންޖީނުލީ ދުއްވާ އެއްޗިހި ރާއްޖެޔަށް އެތެރެކުރުމާއި، އެއިން ކޮންމެ އުޅަނދަކީ ކާކުގެ އެއްޗެއްކަން އެނގޭގޮތަށް ރަޖިސްޓަރީ ކުރުމާއި، އެތަކެތި މަގަށް ރައްކާތެރިތޯ ބަލައި ކަށަވަރުކުރުމާއި، އެއިން އެއްޗަކުން ތިންވަނަ ފަރާތަކަށް ވާ ހާނީއްކަޔާއި ގެއްލުމަށް ބަދަލު ދިނުމުގެ ހަމަތަކާއި، އެ އެއްޗިހި ދުއްވާ މަގުތަކަށް ރައްޔިތުންގެ މާލިއްޔާއިން ޚަރަދު ކުރަންޖެހޭތީ އެ ޚަރަދުން ބައެއް ނަމަވެސް ދަފަރާކުރަން އަހަރަކު އެއް ފަހަރު ދައުލަތުގެ ކަމާ ބެހޭ ފަރާތަށް ދޭން ކަނޑައެޅޭ އެއްޗެއް ދިނުމާއި، މިހިރަ މިހިރަ ކަންކަމާ ބެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އެބަހުރި ދެއްތޯއެވެ؟ އަދި ހަމަ އެހެންމެ، މިޒާތުގެ ކޮންމެ އުޅަނދެއްމެ ދުއްވޭނީ އެ އުޅަނދެއް ރައްކާތެރިކަމާއެކު މަގުމަތީގައި ދުއްވޭވަރަށް އުޅަނދަށާއި މަގާއި މަގުމަތީގެ ހަމަތަކަށް ފިސާރި ރަނގަޅަށް ލޯހުޅުވިފައިވާ މީހެއްކަން ކަށަވަރު ކުރާނޭ ރަސްމީ ފަރާތެއް އޮވެ، އެފަދަ އުޅަނދުތައް މަގަށް ނެރެގެން ދުއްވައި އުޅުމަށް ހުއްދަ ދޭ ފަރާތެއްވެސް އެބައޮތް ދެއްތޯއެވެ؟ އެކި އުޅަނދު ހުއްޓައިފައި ބޭއްވޭނީވެސް ވަކިކަހަލަ ތަންތަނެއްގައިކަންވެސް އެކި ގޮތްގޮތަށް، އެނގުންތަކުންނާއި، ލިޔުންތަކުންނާއި ނިޝާންތަކުން އެނގޭނެ ގޮތްގޮތްވެސް ސާފުވެފައި އޮވޭ ދެއްތޯއެވެ؟

ދުއްވާ އެއްޗިހީގެ ކަންކަން މިދެންނެވި ގޮތްގޮތަށް ހަމަޖެހިފައި އޮންނައިރު، ކަމާ ބެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް އެންމެންމެ ފުރިހަމަޔަށް ކަމޭ ހިތާތޯ ބެލޭނެ ތަފާތު އެކި މަރުޙަލާތައްވެސް ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. މަތީގައި މިދެންނެވި ކޮންމެ މަރުޙަލާޔަކާއި ޙާލަތެއްގައި އެއްވެސް މީހަކު ނުކިއްސަރުކޮށް ޢަމަލު ކުރޭތޯބަލައި، ޤަވާޢިދާ ޚިލާފަށް ކަންކުރާމީހުންނާ މެދު ފިޔަވަޅު އެޅޭނޭ އެތައް އެތައް މަގެއް އޮވެއެވެ. އުޅަނދުގެ ރަޖިސްޓަރީ ކެންސަލް ކުރުމާއި، ދުއްވާ މީހާގެ ލައިސަންސް އުވައިލުން ނުވަތަ ހިފެހެއްޓުމާއި، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ދުއްވި ފަރާތެއް ޖޫރިމަނާ ކުރުމާއި، އުޅަނދު އޮތް ތަނުން ނަގައިގެން ގެންދިޔުމާއި، މިކަހަލަ އެތައް އެތައް ކަމެއް ޤަވާޢިދުން ކުރެވެމުން ދެއެވެ. ފަހުން މިދެންނެވި ކަހަލަ ކަންކަން ހިނގަނީ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އުޅަނދެއް ދުއްވި ފަރާތެއް ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ނުހިތީމައި ދެނޭ ދެންނެވުމަކީ އަޅުގަނޑަށް ގޮވޭ ގޯހެއް ތޯއެވެ؟ އެހެން އެވަނީ ފަރުދީ ޒިންމާ އަދާ ނުކުރެވުނީމާ  ނޫންތޯއޭ، އެންމެންގެ ރައްކަލަށްޓަކައި އެކަހަލަ ފިޔަވަޅު އަޅަން ޖެހޭ ދަނޑިވަޅުގައި އެކަން ކުރަން ތިބޭ ބަޔަކު ފިޔަވަޅު އަޅާނެޔޭ، ފިޔަވަޅު އަޅަށް ލާޒިމުވެސް ވާނެޔޭ ދެންނެވުމަކީ ކުށެއްތޯއެވެ؟

ފަރުދީ ޒިންމާއޭ ދެންނެވިއްޖެ، ދެއްތޯއެވެ؟ ފަރުދީ ޒިންމާޔަކީ ދެން މިދަންނަވާ ކަހަލަ ކަމެކެވެ.

ކޮންމެ އިންސާނަކީވެސް، ޢާއިލާޔަކީވެސް، ގޭބިސީއަކީވެސް އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބޯހިޔާވަހިކަމެއްގެ ރައްކާތެރިކަން ވީވަރަކުން ކަށަވަރުކުރަން ބޭނުންވާނެ ބައެކެވެ. އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢަކީ އެއް ޒަމާނެއްގައި ގޭގޭގެ މައިދޮރު ލައްޕައިލީމައި، ނުވަތަ މައިފުޅަލީގެ މަޅިގަނޑު އަޅުވައިލީމައި ދެން އެ ދޮރުން ނުވަތަ އެފުޅަލީން މީހަކު ނުވަންނާނެ ކަމުގެ ޔަޤީންކަން އޮތް މުޖުތަމަޢަކަށް ވިޔަސް، މިއަދު މިއީ އެދުވަހެއް ނޫނެވެ. މިއީ ’ތިޔަހެން ނުހުރެ ކަތީބާ، ދާށޭ ހުޅަނގުކޮޅު ދޮރުގައި ތަންޑެއް އަޅާން‘ ބުނެލީމައި ފުދޭ ޒަމާނެއްވެސް ނޫނެވެ. މިއަދަކީ ގެޔަށް ވަދެވެން ހުންނަ ބޮޑުދޮރުގައި އެމީހަކަށް ލިބުނު އެންމެ މޮޅު ތަޅެއް ހަރުކޮށްގެން އުޅެން ޖެހޭކަން އެންމެން ޤަބޫލުކުރާ ދުވަހެވެ. ބޭރަށް ހުންނަ ކުޑަދޮރުތަކާއި  އާނގަތަކުގައްޔަށް ދާންދެން ދަގަނޑު ޖާލި ޖަހައި، ގޭގެ އެތެރޭގެ ދޮރުތަކުގައިވެސް އެކި ވައްތަރުގެ ތަޅުހަރުކޮށް، ދަބަހާއި މޭޒުވެސް ތަޅުލައިގެން އުޅެން ޖެހިފައި އޮތް ދުވަހެވެ. މިދެންނެވި ބޮޑުތަޅާއި ދަގަނޑު ޖާއްޔާއި ކުޑަތަޅަށް ދާންދެން ހަރުކޮށް، އެވަރުންވެސް ނުވާނެ ކަމަށް ބަލައިގެން ވަރުވަރުގެ ’އެލާމް‘ ރަނގަބީލުތައް ހަރުކޮށް، ތަނަވަސްކަން ހުރިއްޔާ ގޭދޮށުގައި ފޯރިމަރަން ރޭގަނޑު މީހުން ބައިތިއްބާ ކުންފުނިތަކަށް ޗަންދާ ދައްކައި، މިހުރިހައި ކަމެއް ކުރުމަކީ އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަމުގައި ފަރުދީ ޒިންމާ އުފުލަން ޖެހިފައިވާ ދުވަހެވެ. އަނެއްކާ، އެހެނެއް ނޫންތޯއެވެ؟

ކަންއޮތީ މިދެންނެވި ގޮތަށް ކަމަށް ވިޔަސް، ފަރުދީ ޒިންމާގެ ދަށުން އުފުލަން ޖެހޭ އެންމެހައި ޒިންމާއެއް އުފުލައިގެން އުޅޭ މީހެއްގެ މައްޗަށްވެސް ކުޅަދާނަ ވަގެއްގެ އުނދަގުލާއި ދުއްތުރާ ފާވެދާނެއެވެ. މުޅި ގެ ލޫޓުވާލަފާނެއެވެ. އެހިސާބުން ދެން އެ ޖެހުނީ އިޖްތިމާޢީ ޒިންމާ އުފުލާ މީހުންނާއެވެ. ފުލުހުންނާއި، މުފައްތިޝުންނާއި، ޑިޓެކްޓިވުންނާއި، ފޮރެންސިކް ސައިންޓިސްޓުންނަށް ދާންދެން މަސައްކަތްކޮށްގެން، ވަގު ހިފާށެވެ. ވަގު ހިފިއްޖެނަމަ، އޭނާޔާ ދެކޮޅަށް ހުރި އެންމެހައި ހެއްކާއި ޤަރީނާ އެއްކޮށް، ފަށަމުން މިދެންނެވި ގޮތަށް ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކާ ވަގުކަލޭގެ ޚިލާފުވީ ކިހައި ވަރަކަށްތޯ ބަލައި، އޭނާޔާމެދު އެޅެން އޮތް ފިޔަވަޅެއް އަޅާށެވެ. ދައުލަތުގެ ފަރާތުން އޭނާގެ މައްސަލަ ޝަރުޢީ މުއައްސަސާތަކަށް ހުށައަޅާށެވެ. އަދި އެމަގުން އިންސާފުވެރިކަމާއެކު މައްސަަލަ ބަލައި، ޤަޟިއްޔާ ހިންގައި، އޭނާޔަށް އަދަބު ދޭން ޖެހޭނަމަ އަދަބު ދިނުމުގެ އިތުރުން، އެހެން އުޅެގެން މާކަބޮޑު ކަމެއް ނުވާނެޔޭ ބުނާ އެހެން މީހުންނަށް އެ ކުރެވެނީ ކުށްހީއެއް ކަމުގެ ފިލާވަޅެއް އެބައިމީހުންނަށްވެސް ދޭށެވެ. މިދެންނެވި ކަންކަން ކުރުމަކީ ފަރުދީ ޒިންމާއެއް ނޫން، ދެއްތޯއެވެ؟ އެއީ މުޅި މުޖުތަމަޢުގެ ނުވަތަ އިޖްތިމާޢީ ޒިންމާއެއް ދެއްތޯއެވެ؟

މުޖުތަމަޢުގެ އިޖްތިމާޢީ ޒިންމާއެކޭ އަޅުގަނޑަށް ދެންނެވިއްޖެ ދެއްތޯއެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި، ތަހުޒީބު ހަމަތަކުގެ މަތީން ސުލްޙަވެރިކަމާއި އަމާންކަމާއެކު އެކުއުޅެން ބޭނުންވާ އެންމެންމެ އުޅެންވާ ގޮތްތަކާއި، އިޙްތިރާމް ކުރަންޖެހޭ ހަމަތަކާއި، މިހުރިހައި ކަމެއްގައި އެކި މީހުންނަށް އެކި ގޮތް ނުހަދައި، ޢަދުލު އިންޞާފުގެ ދަންމަރުން އެންމެނަށް އެއްވަރަށް އަލިވާ ގޮތަށް ދުނިޔޭގެ ދަތުރައިގެން ކުރިޔަށްދާން ބޭނުން ކޮންމެ މުޖުތަމަޢެއްގައި ފަރުދީ ޒިންމާޔާއެކު މުޅި މުޖުތަމަޢުގެ ޒިންމާތަކެއްވެސް އޮންނާނެއެވެ. އެކަން ކަށަވަރުކޮށްދޭ މުއައްސަސާތައްވެސް ހުންނާނެއެވެ. އެ މުއައްސަސާތައް ހިންގަން ޚަރަދުކުރާނީވެސް ރައްޔިތުންގެ ފައިސާއެވެ.  މުޅި މުޖުތަމަޢުގެ ދުޅަހެއުކަމަށްޓަކައި، މުޅި މުޖުތަމަޢު ސަލާމަތުން ދެމިއޮތުމަށްޓަކައި، އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ މީހަކުގެ އެމީހެއްގެ ފަރުދީ ޒިންމާ އުފުލަންޖެހުމާއެކު، ހަމައެޔާ އެއްވަރަށް، މުޅި މުޖުތަމަޢުގެ ރައްކާތެރިކަން ދަމަހައްޓަން ބޭނުންވާ ކަންކަމުގައި ޖަމުޢުކުރެވޭ އިޖްތިމާޢީ ޒިންމާޔާއި، އެ ޒިންމާ އުފުލާނޭ ބާރުވެރި ބަޔަކު ތިބެން ކޮންމެހެންވެސް ޖެހޭނެއެވެ. އަދި މިދެންނެވި ފަދަ ބަޔަކު ނުވަތަ މުއައްސަސާއެއް، އެ ބައެއްގެ ނުވަތަ އެ މުއައްސަސާއެއްގެ އިޖްތިމާޢީ ޒިންމާ ފުރިހަމަޔަށް އުފުލައިގެން މެނުވީ މުޖުތަމަޢު ރައްކާތެރިޔެއް ނުވާނެއެވެ. މިއީ އަނެއްކާ ގޯސް ޚިޔާލެއް ތޯއެވެ؟

ދުއްވާއެއްޗިހި ނުރައްކާތެރިކޮށް ދުއްވައިގެން މަގުތައް ނާމާން ވުމުން އެއީ ޑުރައިވަރުން އެކަނި އުފުލަންޖެހޭ ޒިންމާޔަކަށް ނުވާފަދައިން، ވަގުންގެ ކިބައިން ރައްޔިތުންގެ ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމަކީ ގޭވެރިފަރާތުގެ އެކަނި ޒިންމާޔަކަށް މުޅިޔަކުން ނުވޭ، ދެއްތޯއެވެ؟ އެންމެންގެ މުދަލާއި ފުރާނަޔަށް ނުރައްކާވާ އެހެން ކަންކަމުގައިވެސް ނުސިޔާނު މީހުންގެ ނޭއްދާރު ޢަމަލުތަކުގެ ސަބަބުން އެންމެނަށް ކުރިމަތިވެދާނެ ނޭދެވޭ، ދެރަ، ހިތާމަވެރި ނަތީޖާޔަކުން އެންމެން ރައްކާވެ ތިބެން އެކި، ވަކި، މީހުން އެމީހަކާ އެމީހެއްގެ އުޞޫލުން ކުރާ ކަންކަމީ މުޅި މުޖުތަމަޢުގެ ހަމައެކަނި ދިފާޢު ކަމަކަށް އަޅުގަނޑަކަށް ހަމަ ނުފެނެއެވެ. މިއީ އަނެއްކާ އަޅުގަނޑަށް ގޮވޭ ގޯހެއް ތޯއެވެ؟

މިކަހަލަ ވާހަކައެއް މިފަހަރު އަޅުގަނޑަށް މި ލިޔެވުނީ، އަޅުގަނޑަކީ މިހައިރަކަށް އައިސް މިކިޔާ ’ހައިރިސްކު‘ ގިންތީގައި އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ހިމެނޭ މީހަކަށް ވާތީ، ކޮންމެހެން ލާޒިމުވެގެން، ނުވަތަ އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން މެނުވީ ބޭރަށް ނުނިކުމެ، އަހަރެއްހައި ދުވަސްވަންދެން ގޭގައި ހުރި މީހަކަށް ވާތީ ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ. އަދި ގޭ ދޮރުމަތީގައި ބޮޑުލޯރިއެއްގެ އިންޖީނު މަރާމާތުކޮށްލައި، ދެތިން ކާރެއްގެ އަޑީތެޔޮ ބަދަލުކޮށްލައި، ޕިކަޕެއްގެ ފުރޮޅު ބައްދައިލައި، ސައިކަލެއްގެ ދުންހޮޅި ނުވަތަ ސައިލެންސަރު ނުލައި އިންޖީނުގެ ޙާލު އަޙުވާލު ބަލައިލައި،  މިކަހަލަ ކަންކަން ކޮށްލަން ކޮންމެ ދުވަހަކުހެން އަވަށްޓެރި ހިސާބަކުން ހެން ހީވާ ގޮތަކަށް ގޭ ދޮރުމައްޗަށް އެއަންނަ ބަޔަކު އައިސް އަޅުގަނޑު ރަނގަޅަށް ނުދަންނަ ކޮންމެވެސް ބަހަކުން އެލަވާ ހަޅޭކާއި، ބެޓެރި ރެންޗާއި ފުރޮޅުނައްޓާ ދަގަނޑުން އެހެރަ ޖަހައިލާ މިޔުޒިކީ އަޑުއަޑުން ކަންފަތް ބައްވީމައި ވާގޮތެއް ބާވައޭވެސް ހިތަށް އަރައެވެ. އަޅުގަނޑާއި އަނބިދަރީން  ބަނޑުފުރާނަމުއްތިކުރަން ކިޔަވައިދީގެން ލާރިހޯދަން ހިންގާ ޒޫމް ސެޝަންތަކަށް ހާޒިރުވާ މީހުންނަށް އެހެރަ އަޑުތަކަށް ކެތްނުވާ ހިސާބަށް ދިޔައިމާ ދެދުވަހުން އެއްދުވަހު ކަހަލަގޮތަކަށް ސެޝަންތައް މަޖުބޫރުން ހުއްޓައިލަން ޖެހި، އަޅުގަނޑަށް އެމަގުން ލިބިފައިވާ އެތައް ފުރުޞަތެއް އެގޮތަށް ގެއްލެމުން ގެއްލެމުން ގޮސް ގެއްލުނީމައި އެހެރަވާ މާޔޫސްކަމުގެ ސަބަބުން ބާވައޭ ހިތަށް އަރައެވެ. މަގުމަތީގައި ނުގަވައިދުން އުޅަނދުފަހަރު ޕާކުކޮށްގެން އެއެއްޗިހި މަރާމާތުކުރުން ހުއްދަވީ ކޮންއިރަކު ބާވައޭ ހިތަށް އަރައިފައި އެހެރަ ވާ ދެރަޔަކުން ބާވައޭވެސް އަޅުގަނޑު ހިތަށް އަރައެވެ. ނުވަތަ މިދެންނެވި ގޮތަށް އުޅަނދު މަރާމާތަށް އެއަންނަ މީހުންގެ އިތުރުން، މަގުމަތީން ހިނގައިފައި ދަމުން، ދުފަމުން، ދުވާރު މައްޗަށް ކުޅުތަޅަމުން، ސިނގިރޭޓުވެސް ބޮމުން، އުޅަނދުފަހަރު މަރާމާތު ކުރަން އެތިބޭ މީހުންނަށް ކޮންމެވެސް ކަަހަލަ ބަހަކުން ސަލާންވެސް ގޮވަމުން، އެކަކު އަނެކަކު ކޮނޑަށް އަތްލައިގެން، ކުލަ ފޮތިކޮޅެއް ކަހަލަ އެއްޗަކުން ކަރުދޮށް ޒީނަތްތެރިކޮށްގެން އެދާ މީހުންގެ ފަރުދީ ޒިންމާގެ ކަންކަން ހުރިނެތް ގޮތް ފެނުނީމައި ހިތަށް އެހެރަ ވެރިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން ވާ ކަމެއް ބާވައޭވެސް ހިތަށް އަރައެވެ. އަޅުގަނޑު ކިޔަމަންތެރިކަމާއެކު އަޅުގަނޑުގެ ފަރުދީ ޒިންމާ އަދާކުރިޔަސް، އެމީހުން އެމީހުންގެ ފަރުދީ ޒިންމާ އަދާކުރަން ޤަޞްދުގައި ފުރަގަސް ދިނީމައި، އެކަމާ އަޅުގަނޑު ކުރާނެ ކަމެއް ހަމަ ނެތޭ ހިތަށް އަރައިފައި އެވާ ގޮތަކުން ބާވައޭވެސް ހިތަށް އަރައެވެ. އާނދޮގޭޔޭ، ކަލޭމެން ކުރާނެ ކަމެއް ނޯންނާނެޔޭ، އަހަރުމެން އުޅޭނީ އުޅޭނެ ގޮތަކަށޭ، ހިނިގަނޑެއްވެސް ޖަހައިލައިފައި މިހެން ބުނާކަހަލަ ސުލޫކެއް މިކަހަލަ ދަނޑިވަޅެއްގައި ދައްކާ ބަޔަކާ މެދު އިޖްތިމާޢީ ޒިންމާގެ ދަށުން، މުޖުތަމަޢުގެ އެންމެންގެ ރައްކާތެރިކަން ކުރިޔަށް ނެރެގެން،  ފިޔަވަޅެއް އަޅާނެ ބަޔަކު ހަމަ ނެތީބާވައޭ ހީވުމަކީ އަޅުގަނޑަށް ކުރެވޭ ކުށެއް ބާވައޭވެސް ހިތަށް އަރައެވެ. އެކަަމަކުވެސް، މިހެންވަންޏާ ބަލިމަޑުކަން ހާދަ ފަސޭހައިން ގެޔަށް ވަދެދާނެޔޭ ހިތަށް އެރީމައި… އެކަމަކު އެއީ އަނެއްކާ ނުސިޔާނު، ’ބަސްނާހާ‘ ޚިޔާލުތަކެއްތޯއެވެ؟

އެހެންކަމަށްވަންޏާ، ދީލަތިފުޅު މަޢާފަކުން އަޅުގަނޑަށް މަޢާފު ކުރައްވާށެވެ!

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ސިޔާސީއޭ މިކިޔާ ކޫސަނި ޚިޔާލުގެ ވައިބަރ އޮޅިއެއްގެ ތެރެއިން ފެނުނު ލިއުމެއް. ކިޔާލީމާ ހިތަށްއެރި. މިކަހަލަލިއުންތައް ފަށްފަށްކޮށް ކުރިޔަށް ގެންދަވާނެނަމަ ހާދަ ރަގަނޅޭ. ވަރަށް މުހިއްމު އެހާ ބޭނުންތެރި މަޢުލޫމާތު ކޮޅެއް. ޝުކުރިއްޔާ އިބްރާހިމް ވަޙީދު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *