Support Us

އިސްމާއިލް ވަޖީހު: ދިރިއުޅުން ސިންގަޕޫރުގައި، ހިތް ރާއްޖޭގައި

އާ ވަޒީފާއަށް ނުކުތުމުގެ އުފާވެރި މުނާސަބަތުގައި އިހުލާސްތެރި ތަހުނިޔާ އާއި މުބާރަކުބާދު، "އަދިވެސް" ޓީމާއި ކިއުންތެރިންގެ ނަމުގައި އިސްމާއިލް ވަޖީހަށް ފޮނުވަމެވެ. ތިޔަ ވަޒީފާގައި ވެސް އިޚްލާސްތެރިކަމާއި މުރާލިކަމާއެކު އިސްމާއިލް މަސައްކަތްކުރާނެ ކަމަށް ޔަގީންކުރަމެވެ. ހުރިހާވެސް ކާމިޔާބީއަކާއި އިތުރު ކުރިއެރުން އެދެމެވެ. ތިޔަ އާފެށުމުގައި މާތް ﷲ ބަރަކާތްލައްވާށިއެވެ. އާމީން!

އިސްމާއިލްގެ ފޭސްބުކް ޕޯސްޓް ދެންމެ ފެނުމުން، އެންމެ ފުރަތަމަ ކަމަކަށް ވެސް މި މެސެޖް ފޮނުވާލަން އަވަސްވެގަތީއެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ ކުރީގެ މަޝްހޫރު ފިލްމީ ތަރީގެ މުހިންމު ހުރިހާ ހަރަކާތްތަކެއް އޭނާގެ ފޭސްބުކުން ހުރިހާ ރައްޓެހިންނާ ގަވައިދުން ހިއްސާކުރެއެވެ. ރާއްޖޭގައި އަބަދު ފެނިދެނިވާ މީހުންނާ ބެހޭ މައުލޫމާތަށްވުރެ ބޮޑަށް، އިސްމާއިލްގެ މައުލޫމާތު އޭނާގެ ރައްޓެހިންނަށް ސާފުވާނެކަން ޔަގީނެވެ. ފޭސްބުކުންނެވެ. އެހެންވެ މި ރިޕޯޓު ވެސް މައިގަނޑު ގޮތެއްގައި ބިނާކުރާނީ އިސްމާއިލްގެ ފޭސްބުކުގެ ޕޯސްޓުތަކާއި ފޮޓޯތަކުގެ މައްޗަށެވެ.

ސިންގަޕޫރުގައި ވިޔަފާރިކުރަމުން އަންނަ ދިވެހިންގެ ކުންފުންޏެއް ކަމަށްވާ "އަލްބްރީޗް ސިންގަޕޯ"ގެ ވަޒީފާއަށް ޖެނުއަރީ 27 ގައި އިސްމާއިލް މި ނުކުތީ، ގޭގައި ދެ އަހަރެއްހާ ދުވަހު ހުރުމަށްފަހުއެވެ.

އިސްމާއިލް ސިންގަޕޫރުގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ މޯލްޑިވްސް ގަވަރމަންޓް ޓްރޭޑް ސެންޓަރުގައި، 2002 އިން 2008 އަށެވެ. ވެރިކަން ބަދަލުވުމާއެކު އެތަން އުވާލުމުން ފަސް އަހަރު ގޭގައި ހުރުމަށްފަހު، ސިންގަޕޫރުގައި ހުންނަ އެސް.ޓީ.އޯ އޮފީސް ހުޅުވުމުން 2013 އިން 2018 އަށް އެތަނުގައި ވަޒީފާ އަދާކުރިއެވެ. ސަރުކާރު ބަދަލުވުމާއެކު 2018 ގައި އެތަން ވެސް ބަންދުކުރުމުން މިދިޔަ ދެތިން އަހަރު އަނެއްކާވެސް އިސްމާއިލް ހުރީ ގޭގައެވެ. އެހެންވެ އިސްމާއިލް އުންމީދުކުރަނީ އާ ވަޒީފާއާއެކު އަނެއްކާ ވެސް ކުރިއަށްދެވޭނެ ކަމަށެވެ.

ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށްފަހު މާލޭގެ ބައެއް ސްކޫލްތަކުގެ އެސިސްޓެންޓް ޕްރިންސިޕަލްކަންވެސް ކޮށްފައިވާ އިސްމާއިލް ސިންގަޕޫރަށް ހިޖުރަކުރީ ސިންގަޕޫރު ޓީޗަރަކާ 1987 ގައި ކައިވެނިކޮށް، ކުދިން ލިބެން ފެށުމުންނެވެ.

"ސަރުކާރުގެ ބޮންޑުވެސް ހަމަވުމުންނާއި ފެމިލީވެސް ސިންގަޕޫރުގައި އުޅޭތީ އޭރު ނިންމީ ސިންގަޕޫރަށް އެއްކޮށް ބަދަލުވާން،" އިސްމާއިލް ބުންޏެވެ.

އުމުރުން 58 އަހަރުގެ އިސްމާއިލް އާއި ލީލާ އަށް މިހާރު ވަނީ ފަސް ކުދިން ލިބިފައެވެ. އެއީ ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. އެންމެ ދޮށީ (ފިރިހެން) ދަރިފުޅަށް މިހާރު 32 އަހަރެވެ. އެންމެ ހަގު (އަންހެން) ދަރިފުޅަށް 14 އަހަރެވެ.

ޓީޗަރުންނަށްވުމުގެ އިތުރުން (ލީލާ އަކީ މިހާރު ވެސް ޓީޗަރެކެވެ.) އިސްމާއިލާއި ލީލާ އަކީ މޮޅު ދެ ނެށުންތެރިންނެވެ. އިސްމާއިލް ވަނީ ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއްގައި ބަތޮލުގެ ރޯލު ވެސް ކުޅެފައެވެ.

މާލޭގައި އުޅުނުއިރު ލީލާ ވެސް ވަނީ އިސްމާއިލާއެކު ގިނަ ލަވަތަކެއް ކުޅެފައެވެ. އޭގެތެރެއިން އެންމެ މަޝްހޫރުވި ލަވައަކީ "ވާރޭގެ ޕަރީ"އެވެ.


ފިލްމީ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފައިވާ އިސްމާއިލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޗުއްޓީ،" "ކުލުނު،" "ރިހުން،" "އިހުސާސް،" "މާޒީ" އަދި "ހުވަފެން" ހިމެނެއެވެ. ސިންގަޕޫރަށް ބަދަލުވި ފަހުން ވެސް ދިވެހި ބައެއް ފިލްމުތަކުގައި "ޚާއްސަ ފެނިލުމަކުން" އޭނާ ފެނިލައިފައި އެބަހުއްޓެވެ. އޭގެތެރޭގައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ "މިއީ ލޯތްބަކީ،" "މާމުއި" އާއި "ނޮވެމްބަރު" ހިމެނެއެވެ. ސިންގަޕޫރުގައި ބައެއް މަންޒަރުތައް ނަގައިފައިވާ "ނޮވެމްބަރު" އަދި ރިލީޒްވެސް ނުކުރެއެވެ.

ސީ.ޑީ.ސީގެ ފަރާތުން ތައްޔާރުކުރި "ދޮންހިޔަލަ އާއި އަލިފުޅު"ގައި ވެސް އޭނާ މުހިންމު ރޯލެއް ކުޅެފައިވެއެވެ.

ސިންގަޕޫރުގައި އިސްމާއިލް މިހާރު އެންމެ ފޯރިއާއެކު ކުރާ ކަމަކީ އަމިއްލަ ފިޓްނަސްގެ މަސައްކަތެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި އެތުލެޓިކްސްގެ ތަފާތު ތަމްރީނުތައް، ތަޖުރިބާކާރު ކޯޗުންގެ އެހީގައި އޭނާ ކުރިއަށްގެންދެއެވެ. އޭގެތެރޭގައިި ދުވުމާއި، ދިގުފުންމުމާއި ޖެވެލިން އުކުން ހިމެނެއެވެ. ކަސްރަތެއްގެ ގޮތުގައި ތަމްރީނުތައް ހެދި ނަމަވެސް، ތަފާތު މުބާރާތްތަކުގައި ވާދަކޮށް އިސްމާއިލްގެ އުމުރުފުރާއިން ރަން މެޑަލްތައް ވެސް ވަނީ ހޯދައިފައެވެ.

އެތުލެޓިކްސް

*  އެސް.ޖީ އެކްޓިވް އިޔަރ އެންޑް ކޮމްޕެޓިޝަން 2020

100 މީޓަރު ދުވުން (55-59 އަހަރު) 1 ވަނަ

400 މީޓަރު ދުވުން (55-59 އަހަރު) 1 ވަނަ

 

އެސް.އެމް.ޓީ.އެފް.އޭ ޕެޝަން ޗެލެންޖް 2020

100 މީޓަރު ދުވުން (55-59 އަހަރު) 2 ވަނަ

1،500 މީޓަރު ދުވުން (55-59 އަހަރު) 1 ވަނަ

ޖެވެލިން އުކުމުން ރަން ވަނެއް ނުލިބުނަސް، އެއީވެސް އިސްމާއިލް ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ.

"ސްކޫލްގައި ކިޔަވަން އުޅުނު އިރު ވެސް ވަރަށް ކުރާހިތްވި ކަމެއް ކަސްރަތުގެ އެކި ކުޅިވަރުތަކަކީ. އެހެން ނޫނަސް ފިޓްނަސްއަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް. އެހެންވެ، މި ތަނުގައި ރަނގަޅު ފެންވަރުގައި އެކަން ކުރެވެން އޮތުމުން ކުރަނީ،" އިސްމާއިލް ކިޔައިދިނެވެ.

 

ކަސްރަތުގެ ހަރަކާތްތައް ބުރާސްފަތި ނޫން ކޮންމެ ދުވަހަކު ދޮޅު ގަޑިއިރު ނުވަތަ ދެ ގަޑިއިރަށް އިސްމާއިލް ކުރިއަށް ގެންދެއެވެ.

"ބުރާސްފަތި ނޫން ކޮންމެ ދުވަހަކު ކޮންމެވެސް އެއް ކަމެއް އޮންނާނެ. ކޮންމެ ކަމެއް ކުރިޔަސް، ކަސްރަތަށް ވަގުތު ހުސްކޮށްގެން ކުރަނީ،" އިސްމާއިލް ކިޔައިދިނެވެ.

މީގެ އިތުރުން އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ދިގު ދުވުންތަކުގައި ވެސް އިސްމާއިލް ބައިވެރިވެއެވެ.

ސިންގަޕޯގައި ދިރިއުޅެމުން ވެސް ފިލްމާއި ނެށުމުގެ ކަންތަކުން އިސްމާއިލް ދުރަކަށް ނުދެއެވެ. އެއީ އޭނާއަށް ދުރުވެވޭނެ ކަމެއް ނޫނެވެ. ކުރިން ބައެއް ލަވަތަކަށް އެކްޓްކޮށްފައި އެފް.ބީ އަށް ވީޑިއޯތައް ލީ ނަމަވެސް، އިސްމާއިލްގެ ފިލްމީ ހަރަކާތްތައް މިހާރު އެންމެ ގިނައިން ފެންނަނީ ޓިކްޓޮކުންނެވެ.

"އެފް.ބީގައި ވީޑިއޯތައް ޝެއާކުރަން ފެށުމުން ރައްޓެހި (ދިވެހި) ކުއްޖަކު ބުނީ ޓިކްޓޮކް މާ ރަނގަޅުވާނޭ. އޭރު އަހަރެން ނުދަންނަން ޓިކްޓޮކް އެއީ ކޮން އެއްޗެއް ކަމެއް. އެކަމަކު އެ ކުއްޖާ ބުނެގެން ޓިކްޓޮކް ހަދަންފެށީ. އެއީ ވަރަށް ފަސޭހަ ކަމެއް މިހާރު،" އިސްމާއިލް ބުންޏެވެ.

ޓިކްޓޮކުން ފެންނަ ގިނަ ލަވަތައް ގިނަ ފަހަރު ހުންނަނީ އެހެން މީހަކު ލައްވާ ވީޑިއޯކޮށްފައި ކަމަށް ވީ ނަމަވެސް، އިސްމާއިލްގެ ގިނަ ލަވަތައް ޝޫޓުކޮށްފައި ހުންނަނީ ސްޓޭންޑެއް ބޭނުންކޮށްގެން އޭނާ އަމިއްލައަށެވެ. އެޑިޓްކުރުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ އޭނާއެވެ.


ޓިކްޓޮކަށް އިސްމާއިލް ފުރަތަމަ ވީޑިއޯއެއް ލީ މިދިޔަ އަހަރުގެ ފެބްރުއަރީ 29 ވަނަ ދުވަހުއެވެ. އަހަރެއް ވާން ކައިރިވާއިރު މިހާރު 1300 އަށްވުރެ ގިނަ ވީޑިއޯ ޓިކްޓޮކަށް ލެވިފައިވާނެ ކަމަށް އިސްމާއިލް ލަފާކުރެއެވެ.

"އަހަރެން އަބަދުވެސް ކުރާހިތްވާ ކަންތައްތައް ހަމަ އެގޮތުގައި ކުރިއަށް އެބަ ގެންދަން،" އިސްމާއިލް ބުނެލިއެވެ.

އިސްމާއިލް ބުނީ ސިންގަޕޫރުގައި އުޅޭތާ ވިއްސަކަށް އަހަރު ވީނަމަވެސް، އޭނާގެ މާ ގާތް ރަހުމަތްތެރިންނެއް އެތާނގައި ނުތިބޭނެ ކަމަށާއި އޭނާގެ ހުރިހައި ރަހުމަތްތެރިން ވެސް ތިބީ ރާއްޖޭގައި ކަމަށެވެ. އެހެންވެ ހުރިހައި ރަހުމަތްތެރިންނާއެކު ވެސް އަބަދުވެސް ގުޅުން ދަމަހައްޓަމުން އަންނަ ކަމުގައި އޭނާ ފާހަގަކުރިއެވެ. އާއިލާއާއި ރަހުމަތްތެރިންނާ ބައްދަލުކޮށްލަން ދޭތެރެ ދޭތެރެއިން އިސްމާއިލް ރާއްޖެ ވެސް އާދެއެވެ.

"ސިންގަޕޫރުގައި ނުތިބޭނެ އަހަރެންގެ ގާތް ރަހުމަތްތެރިންނެއް. އަހަރެންގެ ހުރިހާ ގާތް ރަހުމަތްތެރިން ތިބީ ރާއްޖޭގައި. އަހަރެންގެ ހިތް ވެސް،" އިސްމާއިލް ބުންޏެވެ.

އިސްމާއިލްގެ އާ ވަޒީފާއާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމުންނެވެ. އެހެންވެ "އަދިވެސް"ގެ ހެޔޮ އެދުންތައް އަދިވެސް އެއްފަހަރު ތަކުރާރުކޮށްލަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3313
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *