...

Support Us

ބައު ޖިންސާއި އަހިވައް

(ނުއަތު ސަމާސާއެއް، ފުލޯކު ވާހަކަޔަކުން)

ފުރަތަމަ ދުވަސް

ދުވަހުގެ ބައްދަލުވުމަށް ހާޒިރުވާން ޖެހޭ އާދައިގެ މީހުން އަންނަމުންދިޔައެވެ. ހަމަ އެޖަލްސާޔަށް ވަޑައިގަންނަވާ ނަންފުޅުން މަތިވެރި ބޭފުޅުން ވަޑައިގަންނަވަމުންވެސް އެބަގެންދަވައެވެ. ހަކުރާގެޔޭ ކިޔުނު މަތިވެރި ބިނާޔަށް ޒަންގީންނޭ ކިޔުނު ބޭކަލުން ދުރުވި ކަމަށް ބުނެއުޅޭ ގޮތާ ބެހޭގޮތުން ދެކެވޭ ވާހަކައެއް އޮތިއްޔާ، އެވާހަކަ މާޒީގެ ޞަފުޙާތަކުގެ ތެރޭގައި އޮތަދެމާތޯއެވެ! މިއަދުގެ ބައްދަލުވުން ފެށެން ކަނޑައެޅިފައި އޮތް ގަޑިޖެހިގެން އަދި ފަނަރަވަރަކަށް މިނެޓު އިތުރަށް އަދި ހިނގިޔަސް، ބައްދަލުވުން ފެށޭނީ މުހިންމު ބައެއް ބޭބޭފުޅުން ވަޑައިގަތީމައި އޭގެ ފަހުންނޭ ބުނެވޭ ކަހަލަ ރޫޙެއް ޖައްވުގައި ހިފައިފައި ހުއްޓެވެ. ތެތްފިނިކަމެއް ހިފައިފައި ހުންނަ ގޮތަށްވުރެ ކުޑަ ތަންކޮޅެއް ހިކިކޮށެވެ. ކޮންމެއަކަސް، އެންމެން ތިބީ އިންތިޒާރުގައެވެ. ވަކި ކަމެއްގެ އިންތިޒާރުގައި ކަން ކަނޑައެޅިގެން އަދި ނުބުންޏަސް، މުހިންމު އިންތިޒާރެއްގައެވެ.

’އަނހާ، މިއޮތް ވަޑައިގަތީ! ހާދަ އުފަލޭ!‘ ކޮންމެވެސް މީހަކު ޒާތަކަށް އަތްތިލަބަޑި ޖަހައިގެންފައި ތަންކޮޅެއް ބާރަށް ގޮވައިލި އަޑުން މުޅި ތަން ޒީލަ ޒާތަކަށް ގުގުމައިގެން ދިޔައެވެ. އަޑަކީ ދެވަންފުރަޔަށްވުރެ ދުނިޔެއަށް މާ ދޮށީ މީހެއްގެ އަޑުހެން ހީވިއެވެ. ބަރަށްވުރެ ތޫލި، ކުޑަ ތުރުތުރަކަށް ތަންދޭ، އެކަމަކުވެސް އޭގެ ޒާތުގައި އެއީވެސް ފިރިހެން އަޑެކޭ ބުނަންޖެހޭ ކަހަލަ އަޑެކެވެ. ދެން އެ އިވުނީ ހަމަ ގައިމުވެސް އަންހެން އަޑެކެވެ. ޞިނާޢީ މާމުއިގެ ފޮނިކަން އެކުލެވިގެންވާ އެ އަަޑުން ’އާދެ! އާދެ! ވަޑައިގެންނެވީ ދެއްތޯ؟‘ މިހެން ބުނެލި އަޑެވެ. އެ އަޑުގެ ވެރިޔާއަކީ ދަރުމަޔަށް މަސައްކަތްކުރާ އެ މުއައްސަސާގެ ފައިސާޔާ ބެހޭ ސެކްޝަނުގެ އިސްވެރިޔާއެވެ. އޭނާ އިންނަވަނީ ޢިމާރާތުގެ ދެވަނަ ބުރީގައި ކަމަށް ވިޔަސް، އޭނާ ހަމަ ބަރާބަރަށް، ސީދާ ގަޑިޔަށް، ސިޑިން ތިރިޔަށް އެ ފޭބެންނެވީ މަތީބުރީގެ ކުޑަދޮރަކުން ތިރި ބައްލަވަން ހުންނަވައިފައި، ޢިމާރާތުގެ ކުރިމައްޗަށް ވަކި ކާރެއް ހުއްޓިތަން ފެނިލައްވައިގެނޭ ބުނާނެ މީހަކު އެވަގުތަކު ނުވާނެއެވެ. ވެއްޖިއްޔާ… ވެދާނެ ގޮތުގެ ވާހަކަ ދައްކާކަށްވެސް ނުވާނެއެވެ.

ކޮންމެއަކަސް، މިއޮތް ވަޑައިގަތް ބޭފުޅާގެ އިސްތިޤުބާލަށް އިއްތިފާޤުންނާއި އިޚްތިޔާރުން އެ ނިކުތް ބައެއްގެ މޯހިރުގައި ކަހަލަގޮތަކަށް، އެ ބޭފުޅާ ޖަލްސާ މާލަމަށް ވަޑައިގެންފިއެވެ. ތުރުކުރައްވައިގެން ހުންނެވި ’ނަމްބަރފޯރ‘ ފަޓުލޫނުކޮޅުގެ ވިހި އަހަރުކުރީގެ ފެޝަން އޮފާއި، އެޔާ އެކީ ތުރުކުރައްވައިގެން އެ ވަޑައިގަތް އޮފު ފަށުއި ގަމީސްކޮޅާ މިޒަމާނުގެ ފެޝަނާ ހުރި ނުވަތަ ނެތް ގުޅުމުގެ ވާހަކަ މިތާނގައި އަދި ނުދެއްކިޔަސް، އަޅުއްވައިގެން ހުންނެވި ’ޕިއޭރް ކަރްދާން‘ ޓައީކޮޅަކީ އެހުރިހައި ވާހަކައެއް އޮއްބައިލައިހައި ހައިބަތު ހުރި ޓައީކޮޅެކެވެ. އަރުއްވައިގެން ހުންނެވި ބޫޓުކޮޅުވެސް އެފަދައެވެ. މޫނުފުޅުމަތީން އެހެރަ ފެންނަ ޝާއްބަކަމާއި އަބުއިކަން އެއްވީމައި، އަސްތަ އަސްތާ…! އާހް!… އެވެ.

އެކަމަކު އެ މަންޒަރުވެސް ދެކެ، އެ އަޑުތައްވެސް އަހާނެ ބަޔަކު ތިބޭނެ ދެއްތޯއެވެ؟ އަހިގަހަކީ ރާއްޖޭގައި މާ ޅަނދޮޅުކޮށް ހެދޭ ގަހެކޭވެސް ބުނެ އުޅޭ ދެއްތޯއެވެ؟

ބައްދަލުވުން ފެށިއްޖެއެވެ. ރާއްޖޭގައި ޢާންމުކޮށް ބައްދަލުވުންތައް ފަށާ ބީދައިން، ކުރީ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާ އެކު، ދެން ކުރިޔަށް ހުރި ކަންކަމަށް ބަލައިލެވުނެވެ. އެޔަށްފަހު، ހަމަ އެ ބާވަތުގެ އެކަހަލަ މިކަހަލަ އައިޓަމް ތަކެއް ނިންމައިލުމަށްފަހު، ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތް ފުރަތަމަ މުހިންމު މައްސަލަ މޭޒުމައްޗަށް ހުށައެޅިއްޖެއެވެ. އެއީ، ރާއްޖޭގައި ބައެއް މީހުންނަށް އޮޅިގެން ނަމަވެސް ބޭނޭ ރާގޮނޑިކޮލިން ސަލާމަތްވުމާ ބެހޭ ގޮތުން އަދަބީ، ވާޤިޢީ، ފަންނީ، މުޟްޙިކް، އިސްތިރާޖީ، އަދި މުތަޚައްޔިލް ލިޔުމެއް ލިޔެވޭނީ ހަމައެކަނި ބައިނަލް އަޤުވާމީ ފަރާތަކަށް ކަމަށްވާތީ އެފަދަ ފަރާތެއް  ހޯދުމެވެ. އަދި ކަމާ އެކަށީގެންވާ ހައިބަތުހުރި އަގަކަށް އެ ފަރާތާ އެކަން ޙަވާލުކުރުމާ ބެހޭގޮތުން ވާހަކަދެއްކުމެވެ. އަދި ދަރުމަޔަށް މަސައްކަތްކުރާ އެ މުއައްސަސާގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ވުޒާރާޔާ ކަމާ ބެހޭގޮތުން ވާހަކަދައްކަން ދާނީ ކާކުތޯވެސް ކަނޑައެޅުމެވެ.

އާދެ! މި ދެންނެވި މުހިންމު މަޢުޟޫޢުގެ މައްޗަށް ވާހަކަދައްކައި، ޚިޔާލު ފާޅުކޮށް، ޖެހިގެން އިން މީހާ ފާޅުކުރި ޚިޔާލަށް ފާޑުކިޔައި، މިހުރިހައި ކަމެއް ފޯރިޔާއެކު ކުރެވެން ފެށިއްޖެއެވެ. ބައްދަލުވުން އެ ހިސާބަށް ދިޔައިރު، ޙާޟިރުވެވަޑައިގެން ތިއްބެވި ބައެއް ބޭބޭފުޅުންގެ ފޯނުކޮޅުތައް ރިންގުވެ، އެ ރިންގުތަކަށް އެކި ބޭބޭފުޅުން ޖަވާބުދެއްވައި ހައްދަވަމުންވެސް ގެންދެވިއެވެ. ނަމަވެސް، އާދައިގެ އެހެން މީހުންގެ ފޯނުތަކަށްވެސް ހަމަ އެހެން ވާންފެށީމައި އެއީ އެހައި ރަނގަޅު ކަމަކަށް ނުވާކަން އެންމެނަށް އެނގުނެވެ. އަދި މޯބައިލް ފޯނާ ބެހޭ އެއްޗެއް ރިޔާސަތުން ވިދާޅުވާން ވެއްޖެ ކަމަށް ފެނިވަޑައިގެން، އެކަންވެސް ކުރައްވައިފިއެވެ. އަދި ފޯނުގެ އުނދަގޫ އެހިސާބުން ކޮންމެވެސް ވަރަކަށް ކެނޑިގެންވެސް ދިޔައެވެ. މައުޟޫޢުގެ މައްޗަށް ބަޙުޘުކުރުމުގެ ފޯރި އެހިސާބުން އަދި މާ ގަދަވިހެންވެސް ހީވިއެވެ.

ކޮންމެއަކަސް، ދެންމެ މިދެންނެވި މައުޟޫޢު ނިއުޅެމުން، ބައެއް ކަހަލަ ކަންކަން އޮޅެމުން، ސަރާސަރު މަގުތަކަށް ބޯ ދުންފިނީގެ އަސަރު ކުރަމުން ބައްދަލުވުން ކުރިޔަށް ދިޔައެވެ. އަދި ދެންމެ މިދެންނެވި މަގުތަކުން ނިކުތް މީހުން ދެން އިޚްތިޔާރުކުރި، އެއްކޮޅު ބެދިފައިވާ ހަނިގޯޅިތައް ހުޅުދާންވަމުން، ރޯޝަންވަމުންވެސް ދިޔައެވެ. ބައްދަލުވުމަށް ޙާޟިރުވެ ތިބި މީހުން އެމީހުންގެ ބިނާކުރަނިވި ފާޑުކިޔުމާއި، އުދެއްދުންތެރި ޚިޔާލުތައް ހުށައަޅަމުން ގެންދިޔައެވެ. އަދަބީ ކަންކަމުގައި ވާޤިޢީ ސިފަ ހުންނަ ގޮތްގޮތާއި، ފަންނީ ގޮތުން މުޟްޙިކް ވުމަކީ ކޮބައިކަމާއި، އިސްތިރާޖީ މަގުތަކުގެ މަތީގައި މުތަޚައްޔިލް އަހެއް ދުއްވުމަކީ ކުރެވިދާނެ ކަމެއްކަން ބުނެދެވެމުން ދިޔައެވެ. ބައްދަލުވުމަށް ފުރަތަމަ ހުށައެޅުނު މައްސަލަ ހަމަ ދެންމެދެންމެ ނިމިދާނެ ހެންވެސް ހީވާ ހިސާބަށްވެސް އެތަކެއް ފަހަރު ދިޔައެވެ. ވާނީވެސް އެހެން ނޫންތޯއޭ، ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ބޭބޭފުޅުންނާ ބެހޭ ގޮތުން މިތާނގައި އަދި މާ ބޮޑު އެއްޗެއް ނުދެންނެވިޔަސް، އެތަނަށް އައިސް އެތިބަ އާދައިގެ މީހުންނަކީ މިއުޅޭ އާދައިގެ ނާހިލު މީހުންނަށްވުރެ މާ ކުޅަދާނަ ބައެއް ވިއްޔާއެވެ!

ބައްދަލުވުމުގެ ބަޙުޘުގެ މައިދާން އެހައިވަރަށް ގަރަމުވެގެން ދިޔައިރުވެސް، އެއްކަަލަ ’އަނހާ، މިއޮތް ވަޑައިގަތް‘ ބޭފުޅާ ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވެ އެބައިންނެވި އެވެ. އޭނާ އެތަނަށް ވަޑައިގެން އިންނެވުމަކީ ބަޙުޘާއި ނިންމުން ޞައްޙަވާނެ ކަމުގެ ޔަޤީންކަން ފަހުން ކަށަވަރު ކޮށްދޭނެ ކަމަކަށް ވާނެތީ ވަޑައިގެން އިންނެވި ކަހަލައެވެ. އެއްޗެއް އަދި ވިދާޅުނުވިޔަސް، ޚިޔާލުފުޅެއް ދޫފުޅާ ހަމަޔަށް އަދި ނުނެރުއްވިޔަސް، އެ ބޭފުޅާގެ ޙާޟިރުގައި ގޯހެއް ހަމަ ހިލާވެސް ނުހިނގާނެކަން އެނގިވަޑައިގަންނަވާ ކަހަލައެވެ. އެގޮތަށް އެންމެންގެ ޙާޟިރުގައި ހަނުއިންނެވުން އެއީ އޭނާ ގިނަގިނައިން ކުރައްވާވެސް ކަމެކެވެ.

ބައްދަލުވުމުގެ ބަޙުޘުގެ މައިދާން އެހައިވަރަށް ގަރަމުވެގެން ދިޔަޔަސް، ބަޙުޘަށް ނިމުމެއް ގެނެވޭވަރުގެ ޢަޤްލީ ހަމައެއް އެންމެ ފަހުން ދެއްކުނު ކަމަށްވީ، އެތަނުގައި ބޭއްވޭ އެކަހަލަ ކޮންމެ ބައްދަލުވުމަކަށް ވަރަށް ފަރުވާތެރިކަމާއެކު، ގަޑިވެސް ނުޖެހި އަންނަ، ނަސަބަށްވުރެވެސް ޙަސަބު އަދި މާ ދެރަ، ވަރަށް އާދައިގެ މީހަކަށެވެ. ބައްދަލުވުންތަކަށް އަންނައިރު ހެދުން އަޅާނޭ ވަކި މިންގަނޑެއް ކަނޑައަޅައި، އެ ކަނޑައެޅުން ރަސްމީކޮށް ޝާއިޢުކޮށްފައި ނޯންނާތީ، އޭނާ ޢާންމުގޮތެއްގައި އައިސް އުޅެނީވެސް ބައު ވެފައިވާ ޖިންސަކާއި ގަންޖުފަރާހެއްގައެވެ. އަދި ފެންފައިވާނުގައެވެ. އެކަމާ އެއްޗެއް ބުނާނެ މީހަކު އެހައިތަނަށް ނުވާތީ، އަދި އެހެން ސަބަބެއްވެސް އޮތީމައި، އޭނާ ކޮންމެ ދުވަހަކުވެސް އެގޮތް އިޚްތިޔާރު ކުރަނީއެވެ. އެކަމަކު، އޭނާ ބައިވެރިވާ ބައްދަލުވުން ތަކުގައި ހުށައެޅޭ ޞައްޙަ ކޮންމެ މައްސަލަޔަކަށް މަޞްލަޙަތު ހުރި ޙައްލެއް ހޯދައިދެވޭތޯ މަސައްކަތްކުރުމަކީ އޭނާގެ އާދައެއްކަން ގިނަ މީހުން ދަނޭ މެއެވެ. އޭނާ އަޅައިގެން އަންނަ ހެދުމާ ބެހޭގޮތުން ގިނަ މީހުން އެއްޗެއް ނުބުނަނީ އެހެންވީމައި ކަމަށްވެސް ވެދާނެއެވެ.

ދެވަނަ ދުވަސް

މިއަދަކީ އެހެން ދުވަހެކެވެ. ދުވަހުގެ ބައްދަލުވުމަށް އަންނަން ހަމަޖެހިފައިވާ އާދައިގެ މީހުން އަންނަމުން ދިޔައެވެ. ހަމަ އެޖަލްސާޔަށް ވަޑައިގަންނަވާ މުހިންމު ބޭބޭފުޅުންވެސް ވަޑައިގަންނަވަމުން އެބަގެންދަވައެވެ. ހަކުރާގެޔޭ ކިޔުނު މަތިވެރި ބިނާޔަށް ޒަންގީންނޭ ކިޔުނު ބޭކަލުން ދުރުވެ އުޅުއްވި ގޮތާ ބެހޭގޮތުން ދެކެވޭ ވާހަކައެއް އޮތިއްޔާ، މިއަދުވެސް އެވާހަކަ މާޒީގެ ޞަފުޙާތަކުގެ ތެރޭގައި އޮތަދެމާތޯއެވެ! މިއަދުގެ ބައްދަލުވުން ފެށެން ކަނޑައެޅިފައި އޮތް ގަޑިޖެހުނުއިރު، ބައްދަލުވުމަށް ވަޑައިގަންނަވާ، ބައެއް މީހުންނަށް ނުހަނު މުހިންމު އެންމެ ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް  ’އަނހާ، މިއޮތް ވަޑައިގަތީ‘ ގިންތީގެ އެންމެ ބޭފުޅުން ވަޑައިގެން ހަމަވެއްޖެއެވެ.  އެހެން ކަމާއެކު، އާދައިގެ އެކެއް ދެމީހަކު އަދި ނެތަސް، ބައްދަލުވުން ފަށަން ތިބޭ ބަޔަކު އަމާނާތްތެރިކަމާއެކު ބައްދަލުވުން ފަށައިފިއެވެ.

ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން، އަދި އެކަމާ ވިދިގެން މަގުމަތި ކުޑަކޮށް ދަތިވެފައި އޮތުމުގެ ސަބަބުންނާވެސް އެކު، ކުރީދުވަހުގެ ބައްދަލުވުމުގެ ބަޙުޘަށް ނިމުމެއް ގެނެވޭވަރުގެ ޢަޤްލީ ހަމައެއް އެންމެ ފަހުން ދެއްކުނު މީހާޔަކަށް އެއިރަކު އަދި ނާދެވެއެވެ. އެތަނުގައި ބޭއްވޭ އެކަހަލަ ކޮންމެ ބައްދަލުވުމަކަށް ވަރަށް ފަރުވާތެރިކަމާއެކު ޢާންމުގޮތެއްގައި ގަޑިނުޖެހި އަންނަ މީހާޔަށް މިއަދު އާދެވުނީ ތިން މިނެޓު ގަޑިޖެހިގެންނެވެ. އަދި އިއްތިފާޤަކީ އަބަދުވެސް އާދަޔާ ޚިލާފު އެއްޗަކަށް ވާތީ، މިއަދު އޭނާޔަށް ޢިމާރާތުގެ ތެރެޔަށް ވަދެވުނީ، އެއްކަލަ، ދެވަންފުރަޔަށްވުރެ ދުނިޔެއަށް މާ ދޮށިކަމަށް ފެންނަ، ބަރަށްވުރެ އަޑު ތޫލި، ކުޑަ ތުރުތުރަކަށްވެސް އެ އަޑު ތަންދޭ، ފިރިހެން އަޑުގެ ވެރިޔާގެ ކުރިމައްޗަށެވެ. އެކަމަކު މިއަދު އިވިގެން ދިޔައީ އުފަލުން އަތްތިލަބަޑި ޖަހައިގަތް އަޑެއް ނޫނެވެ. އެޔާ ޚިލާފަށް، މިއަދު އިވިގެން އެ ދިޔައީ ރުޅިވެރިކަމާއި ރުންކުރު ކަމެއް އޭގައި އެކުލެވިގެންވާ، ’ގަޑިޔަކަށް ތާކަށް ދާން ކިޔަސް، ކަލޭމެންނަށް ތިޔަނޫންވަރެއް ދުވަހަކުވެސް ހަމަ ނުވޭދޯ؟‘ މި ޢިބާރާތެވެ. އެ ޢިބާރާތަކީ ޙަޤީޤަތާ އެއްވެސް ގުޅުމެއްނެތް، ޖަދަލާއި ހުޖޫމުން ފުރިގެންވާ ޢިބާރާތަކަށްވިޔަސް، އަޑުއަހަން ހުރި މީހާ އެޔަށް ޖަވާބެއް ދިނުމަށްވުރެ ނުދިނުމަކީ ބުއްދިވެރި ގޮތް ކަމަށް ނިންމައިފިއެވެ. އެެހިސާބުން ފަޓާސް ދާނީ ފުށްވަޅުން ދެއްތޯއެވެ! ކަން ވީވެސް އެހެނެވެ.

އެކަމަކު އެ މަންޒަރުވެސް ދެކެ، އެ އަޑުތައްވެސް އަހާނެ ބަޔަކު އެތާނގައިވެސް ތިބޭނެ ދެއްތޯއެވެ؟ އަހިގަހަކީ ރާއްޖޭގައި މާ ޅަނދޮޅުކޮށް ހެދި، އެހައި އަވަހަށް ފޯދޭވެސް ގަހެކޭވެސް ބުނެ އުޅޭ ދެއްތޯއެވެ؟

ތިންވަނަ ދުވަސް

އަނެއްކާވެސް އެހެން ދުވަހެކެވެ. ދުވަހުގެ ބައްދަލުވުމަށް ޙާޞިރުވާ އާދައިގެ މީހުންނާއި، ހަމަ އެޖަލްސާޔަށް ވަޑައިގަންނަވާ ބޮޑެތި ބޮޑެތި ބޭފުޅުންގެ ހިލަމެއް އަދި ނުވެއެވެ. އެހެންވީމައި، ހަކުރާގެޔޭ ޒަންގީންނޭ ދުރުވަނިއްޔޭ ކިޔާކަށް އަދި ނުވެއެވެ. މިއަދުގެ ބައްދަލުވުން ފެށެން ކަނޑައެޅިފައި އޮތް ގަޑިޖެހުމުގެ ދިހަވަރަކަށް މިނެޓު ކުރިން ޢިމާރާތުގެ ބޭރު ދޮރުން އެ ވަނީ، ތަނުގައި ބޭއްވޭ ބައްދަލުވުންތަކުގެ ބަޙުޘުގެ މައިދާން ކިތަންމެ ގަރަމުވެގެން ދިޔަޔަސް، ބަޙުޘަށް ނިމުމެއް ގެނެވޭވަރުގެ ޢަޤްލީ ހަމަތައް ދައްކައި، ޙައްލުވެސް ހޯދައިދޭ، އެއްކަލަ މީހާއެވެ. އެތަނުގައި ބޭއްވޭ އެކަހަލަ ކޮންމެ ބައްދަލުވުމަކަށް ވަރަށް ފަރުވާތެރިކަމާއެކު، ޢާންމު ގޮތެއްގައި ގަޑިވެސް ނުޖެހި އަންނަ މީހާއެވެ. އެކަމާ އެއްޗެއް ބުނާނެ މީހަކު އެހައިތަނަށް ނުވާތީ، ބައުވެފައިވާ ޖިންސަކާއި، ދެރަ ގަންޖުފަރާހަކާއި ފެންފައިވާނުގައި އަންނަ މީހާއެވެ. ދެވަންފުރަޔަށްވުރެ ދުނިޔެއަށް މާ ދޮށިކަމަށް ފެންނަ، ބަރަށްވުރެ ތޫލި، ކުޑަ ތުރުތުރަކަށް ތަންދޭ، ފިރިހެން ކަމަށް ކިޔަންޖެހޭ އަޑުގެ ވެރިޔާ ތަނުގައި ތިބި އެންމެނަށް އިވޭވަރަށް އަޅައިވިހެލި ’ގަޑިޔަކަށް ތާކަށް ދާން ކިޔަސް، ކަލޭމެންނަށް ތިޔަނޫންވަރެއް ދުވަހަކުވެސް ހަމަ ނުވޭދޯ؟‘ މި ޢިބާރާތް ސީދާ އެމީހަކަށް ރައްދުވި މީހާއެވެ.

މިދެންނެވި މީހާ ޢިމާރާތަށް ވަންއިރު ފެންނަން ތިބީ ދާދި އިހަކަށް ދުވަހަކު ތަނަށް އަލަށް ވެއްދި، ޢުމުރުން ހަމަ ކިރިޔާ އަށާރަ އަހަރު ފުރިފައިވާ ކަމަށް ބަލައިބެލުމަށް ފެންނަ ދެތިން ކުދީންނެވެ. އެކުދީންނަކީ ރަސްމީ މާޙައުލެއްގައި ހިނގާ ތަފާތު އެކި ކަންކަމުގައި ތިމާމެންގެ ޢަމަލުތަކާއި ސުލޫކާއި އަޚުލާޤު ބަހައްޓަންވީ ގޮތް ތިމާމެންނަށްވުރެ ދޮށީ، ތިމާމެންނަށްވުރެ ތަޖުރިބާކާރު މީހުންގެ ކިބައިން ފަރުވާ ބަހައްޓައިގެން ދަސްކުރަން ތިބި ކުދީންނެވެ. ފެންނަ މިސާލުތަކާއި ނަމޫނާ ތަކަށް ބަލައިގެން މަސައްކަތުގެ ދާއިރާޔަށް ފެނަށްދިރެންތިބި ޅަނދޮޅު، އުންމީދީ ދެތިން މުވައްޒަފުން މެއެވެ.

’އައްސަލާމް ޢަލައިކުމް!‘ ބޭރުން ވަން މީހާ ސަލާން ގޮވައިލިއެވެ. ’އެތެރޭ ދޮރު ހުޅުއްވަވައިލައި ދެއްވަފާނަންތޯ؟ އަޅުގަނޑަށް މިއަދު މިއާދެވުނީ ދެތިން މިނެޓު ކުރިން.‘

’އުނހު! ނުހުޅެވޭނެ! ކަލޭ ތިތާ ބޭރުގައި މަޑުކޮށްލާ، މުހިންމު ބޮޑެތި ބޭފުޅުން ވަޑައިގަންނަވަންދެން! ބައްދަލުވުމުގެ ގަޑި ޖެހުނަސް، އެބޭފުޅުން ވަޑައިގެން އިރަކުން ދޮރު ހުޅުވޭނީ!‘ ގޮވައިލި ސަލާމުގެ ޢާންމު ޖަވާބު އަދި ނުލިބުނަސް، ލިބުނު ހަރުކަށި ޖަވާބު ޤަބޫލު ކޮށްލައިގެން، ބައު ޖިންސާއި ގަންޖުފަރާހާއި ފެންފައިވާނުގެ ވެރިޔާ ޢިމާރާތުން ބޭރުގައި މަޑުކޮށްލަންކަމަށް މަގުމައްޗަށް ނިކުމެއްޖެއެވެ.

އެބުނާ ބޮޑެތި ބޭފުޅުންނެކޭ އެއްފަދައިން، އޭނާޔަކީވެސް ބައްދަލުވުން ބާއްވާ ކޮމިޓީގެ ފުރިހަމަ މެންބަރެއްކަން އޮތީ ހަމައެކަނި ފޮތުގައިތާއޭ އޭނާ ހިތަށް އެރިއެވެ. އަަދި އޭނާ އެ މުއައްސަސާޔަށާއި އެ މުއައްސަސާ އެދާއިރާޔަކަށް ތަޚްޞީޞް ކޮށްދީފައިވާ ދާއިރާޔަށް ޚިދުމަތްކޮށްދީފައިވާ މުއްދަތަކީ، ނުވަތަ އޭނާގެ ފަރާތުން އެ ތަނުގައި ހިނގާ ބައްދަލުވުންތަކަށް އެހައިތަނަށް ލިއްބައިދީފައިވާ ފުރިހަމަކަމަކީ މުހިންމު ކަންތައްތަކެއް ކަމަށް ހަމަ އެއްގޮތަކަށްވެސް ނުވިކަމުގެ އިޙުސާސް އޭނާޔަށް ކުރެވުނެވެ. ވަކި ވައްތަރެއްގެ ބައެއްގެ އަނގައިން ’އަނހާ، މިއޮތް ވަޑައިގަތީ‘ކަމުގެ ލަޤަބު ލިބޭ ބަޔަކަށް މެނުވީ ތަނުގައި ތިބި ދުވަސްވީ މުވައްޒަފުންގެ ކިބައިންވެސް ކުޑަވެސް އިޙްތިރާމެއް ނުލިބޭނެކަން އޭނާޔަށް އެނގެއެވެ. އަދި އެ މީހުންގެ ފަރާތުން މަސައްކަތުގެ މާޙައުލު ދަސްކުރަން ތިބި އައު މުވައްޒަފުންގެވެސް މާކަ ބޮޑު އަޅައިލުމެއް، ކަމޭހިތުމެއް، އިޙްތިރާމެއް އޭނާޔަށް ހަމަ ނުލިބޭނޭކަން އޭނާޔަށް އަބަދުވެސް ވިސްނެއެވެ. އޭނާ ކިތަންމެ އޮފުއަރާ ފަޓުލޫނަކާއި، މަރުކާޖެހި ގަމީހެއް ލައިގެން މާދަމާ އެތަނަށް އަޔަސް، އަދި އެޔަށްވުރެ އަގުބޮޑު ޓައީއެއް އަޅައިގެން، މޮޅުގެވެސް މޮޅު ބޫޓަކަށް އަރައިގެން އަޔަސް، އޭނާޔަށް އެތާކުން ކުޑަތާ ނިކަމެތިކަމެއް ނޫން އެއްޗެއް ހަމަ ނޯންނާނެކަން އޭނާޔަށް މާކުރީއްސުރެވެސް ވިސްނެއެވެ. މިއަދު އެދިމާވި ކަހަލަ ކަމެއް އެތަނުން އޭނާޔާ ދިމާވީ އަލަކަށްވެސް ނޫނެވެ. ބައު ވެފައިވާ ޖިންސަކާއި ގަންޖުފަރާހެއް ލައިގެން، ފެންފައިވާންގަނޑަކަށް އަރައިގެން އޭނާ އެތަނަށް އައުމުގެ މައިގަޑު ސަބަބަކީ އެއީއެވެ. ތަނުގެ އިދާރީ އެންމެން އޭނާޔަށް ކުރާ އިޙްތިރާމު ރަމްޒުކުރަން އެޔަށްވުރެ މޮޅު ހެދުމެއް ހަމަ ނުފުދޭނެތީއެެވެ. ތަޞްވީރު ބަލައިލާނީ ތަޞްވީރު ބުނާހެންނޭ އެ ބުނާހެން ވާތީއެވެ.

’އެ މީހާގަނޑު އެއީ ދެން ކާކު؟ އޭނާ އަޔެކޭ ކިޔައިފައި އަހަރުމެންނަކަށް ނުޖެހޭނެ ދޮރު ހުޅުވައިދޭކަށް! އެއީ ދެން އެއްވެސް މީހެއް ނޫނޭ ވިދާޅުވި (މިވެނި ބޭފުޅަކު) އިއްޔެވެސް!‘

އެހައި ބާރަށް ނޫންނަމަވެސް އެތެރެއިން މިހެން ބުނެލި އަޑުވެސް އޭނާޔަށް އިވުނެވެ. އެއީ އޭނާޔަށް އިއްވަން ބުނި އެއްޗެއް ކަންވެސް އޭނާޔަށް އެނގުނެވެ. އެކަމަކު އެހެން އެބުނި އަޑަކީ ދެވަންފުރަޔަށް ވުރެ ދޮށީ، އެއްކަލަ މީހާގެ އަޑެއް ނޫނެވެ. އެޔަށްވުރެ މާ ހަގު، އެތައް ތަނެއް ހަގު، ވަރަށް ޒުވާން ޒުވާން، ޅަ އަޑެކެވެ. އެ އަޑުގެ ވެރިޔާގެ ނޭނގުމުގެ ތެރެއިންނާއި، އަޑުގެ ވެރިޔާ ތަނަށް އައުކަމުގެ ސަބަބުންނާއި، ސުލޫކާއި އަޚުލާޤުގެ މަގުގައި އަހިވަކު ބީދައިން ފާވާން އެފަކީރަށް މަޖުބޫރުވި މަޖުބޫރުވުމުގައި އެ އަޑުގެ ވެރިޔާގެ މާ ބޮޑު ކުށެއް ނެތެވެ.

އެކަމަކު އެ އަޑުވެސް އަހާނެ މީހުން ތިބޭނެ ދެއްތޯއެވެ؟ އަހިގަހަކީ ރާއްޖޭގައި މާ ޅަނދޮޅުކޮށް ހެދި، އެހައިމެ އަވަހަށް ފޯދޭވެސް ގަހެކޭ ބުނެ އުޅޭ ދެއްތޯއެވެ؟ އަދި އަހިވަކާ ޖެހި އަހިވައް މާއަވަހަށް ފާވާނެ ކަމަށްވެސް ބުނެ އުޅޭ ދެއްތޯއެވެ؟

އެހެނަސް، ފާވެއްޖެ އަހިވަކެއް މާ ގިނަ ދުވަހަކު ގަހަކު ހަރެއްނުލާނޭ ބުނުން އެއީ އެހެން ދުވަހަކު ދައްކަން އޮތް، މުޅީން އެހެން ވާހަކައެއް ދެއްތޯއެވެ؟

އެކަމަކު، މިއީ އަޅުގަނޑު ކޮށްލި ސަމާސާއެކެވެ. ޙަޤީޤަތެއް ނޫނެވެ. އެެހެންޏާ، ރާގޮނޑިކޮއްޔަކީ އެހައި ޢަޤްލީ އެއްޗެއްވެސް ނޫނެވެ. އެޔާ ޚިލާފަށް، އެއީ މުސްކުޅި ޚިޔާލުގެ ބައެއް މީހުންގެ ކުރިމަތީގައި ބައު ޖިންސެއް ކަހަލަ، އިނގިރޭސިބަހުން ނަމަވެސް ’އަގްލީ‘ އެއްޗެއް ދެއްތޯއެވެ؟ އަދި އަހިވަކަކީ ޢަމުދުން އެހައި އިސްތިރާޖީ އެއްޗެއްވެސް ނޫނެވެ. އެކަމަކު އެއީ ޅަކާޅުވަސް ދުވިޔަސް، މުޙާވަރާގެ ދާއިރާގައި ވަރަށް ނަންހިނގާ، އެރޮނގުން މަތިވެރި މޭވާއެއްކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. އަދި އެވައް ފާވާނީ އެޔަށްވުރެ ކުރީން ދޮންވެގެން ފައުވި ވަކެއްގައި ޖެހި، އެވަކުގެ ފަރާތުން ދުނިޔެއާއި އަޚުލާޤާއި ސުލޫކު ދަސްކޮށްގެންކަން އިސްކޯލަށްދާ ކުޑަކުދީންވެސް ދަންނާނެއެވެ.