ދަޢުވަތެއް ލިބިގެން ދެވުނުރޭ ހީވިޔޭ އުފަލުން ފޮޅުނުހެން
ވަހުމުތައް މިހިތުން ފިލައި ހީވީ އުފަލުގައި ރޮވުނުހެން
ހީވިޔޭ އެނދު ދާންކޮޅެއްގައި މަޑުމަޑުން ވަޑުވާލިހެން
ހީވިޔޭ ވައި ރޯޅިޔެއް އައިސް މޭމަތީ ފިރުމާލިހެން
ނޭނގުނޭ ދެން ވީގޮތެއް ނިދުނީކަމެއް މަރުވީކަމެއް
ނޭނގިއޮވެ ހޭލެވުނު އިރު ހީވީ "މިއީ ސުވަރުގެހެން"
ދޭ ހިތަށް ފިނިކަން އަރާމާ ލައްޒަތާ އިޙްސާސްތަކުން
ހޭލެވުނުއިރު ހީވިޔޭ "ހޫރަކު އައިސް ކައިރިވިހެން"
މާމަލުގެއެކި ވަސްވަހާ ހުވަނދުގެވަހުން ހިތް ފުރިއަރައި
މާމަލުގެ ގުލްޝަންތަކެއްވެސް ހީވަނީ ފޮޅި ފަރިވިހެން
މީރުވަސްދޭ ދާން ކޮޅެއްގައި އަރިހުގައި ބާއްވާލަމުން
މީރު ބުއިމުގެ "ގަހުވަ ތަށިވެސް" ހީވިޔޭ ޖައްސާލިހެން
ވަކިވެ ދާކަށް ނޭދުނޭ އަދި ވަކިތަފާތެއް ނުފެނުނޭ
ތެދު ޙަގީގީ ލޯބި ނަމައީ ކަން ހުރީ މިމަގުން މިހެން