Support Us

ޅެންވެރިކަމަށް ޚާއްޞަކޮށްގެން މުޅިން އަލަށް ވެބްސައިޓެއް އިފްތިތާޙުކޮށްފި

ޅެންވެރިކަމަށް ޚާއްޞަކޮށްގެން "ޅެންވެރިޔާ"ގެ ނަމުގައި މުޅިން އާ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.

ބައްތިރީސް ވަނަ ޅެންވެރީމްގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ޅެންވެރީންނަށް ދާދިވަރުކޮށް ބައިވެރިވެވޭ ގޮތަށް ޓިވީއެމްގެ ސްޓޫޑިއޯގައި ރޭ ބޭއްވި ޚާއްޞަ އިޙުތިފާލުގައި މި ވެބްސައިޓް ތަޢާރަފްކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

"ލިޔުންތެރީން"ގެ ނަމުގައި މިހާރު ވެސް ވަރަށް މަޤުބޫލު ވެބްސައިޓެއް ހިންގާ "ލިޔުންތެރީންގެ ގުޅުމުގެ" ފަރާތުން މި އިފްތިތާޙުކުރި ވެބްސައިޓަކީ ޅެންވެރިކަމުގެ ހުރިހާ ބާވަތްތަކާއި ޅެންވެރިކަމުގެ ޢިލްމާއި ޅެންވެރިކަމުގެ ތާރީޚާއި ޅެންވެރީންނާ ބެހޭ މަޢުލޫމާތު ވެސް ކިޔުންތެރީންނަށް އެއް މަންސައަކުން ގެނެސްދިނުމުގެ މަޤުޞަދުގައި ތަޢާރަފުކުރި ވެބްސައިޓެކެވެ.

ޅެމާއި ޅެންވެރިކަމުގެ ހުރިހާ ބާވަތެއްގެ ލިޔުންތަކާއި ޅެންވެރިކަމުގެ ޢިލްމާއި ޅެންވެރީންނާ ބެހޭ ހުރިހާ މައުލޫމަތާއި ޚަބަރެއް މި ވެބްސައިޓްގެ ޒަރީޢާއިން ޢާންމުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ޅެންވެރިކަމަށް ލޯބިކުރައްވާ ހުރިހާ ފަރާތަކަށް ވަނީ ހުޅުވައިލެވިފައެވެ. އިހާއި ފަހުގެ އަދި މުޅީން އަލަށް ތަޢާރަފުކުރައްވާ ޅެމާއި މި ދާއިރާއާ ގުޅުންހުރި ހުރިހާ ލިޔުމެއްވެސް މި ވެބްސައިޓްގައި ޝާއިޢުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މި ރޭ ބޭއްވި ރަސްމިއްޔާތުގައި ތިން ޅެންފޮތަކާއި ޅެންވެރީންގެ ސަމާސާ އަދަބުގެ ލަވަ ވެސް ވަނީ ތަޢާރަފުކުރައްވައިފައެވެ. އަދި ޅެންވެރިކަމުގެ ތަފާތު ހުށަހެޅުންތަކާއި ރައިވަރުގެ ތަފާތު ރާގުތައްވެސް ވަނީ ހުށަހަޅުއްވައިދެއްވައިފައެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޝަރަފުވެރިކޮށްދެއްވި މި ޙަފުލާގައި ފަންނުތަކާއި ތަރިކައާއި ސަގާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫނު ވެސް ބައިވެރިވެވަޑައިގަތެވެ.

ޅެންވެރީންގެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި އަދީބު، އަދި އެންމެ ކުޅަދާން މުޤައްރިރު، އަދި އެހާ ތަޖުރިބާކާރު ސިޔާސީ މުޙައްނިކު، އިބްރާހީމް ޝިހާބަށް ނިންބަސްވާ ދުވަހެކެވެ. އެ މަނިކުފާނު އަވަހާރުވުމާ ގުޅިގެން އެމަނިކުފާނުގެ އަދަބީ ޚިދުމަތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާން ފެށި ދުވަހެކެވެ.

އެ މަނިކުފާނު އަވަހާރަވީ 1988 ވަނަ އަހަރު ޖަނަވަރީމަހު 15ގައި އޮޅުދޫކަރައިގައެވެ. އެންމެ ފުރަތަމަ ޅެންވެރީންގެ ދުވަސް ފާހަގަކުރާން ފަށައިފައި ވަނީ 1989 ވަނަ އަހަރުއެވެ.

މިއަދު އަޅުގަނޑުމެން ޅެންވެރީންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން މި ތިބީ އައު އާންމު ޙާލަތެއްގައެވެ. ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ދިވެހިރާއްޖެއާއި މުޅި ދުނިޔެއަށް އިޤުތިޞާދީ، އަދި އިޖުތިމާޢި އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ. ޤައުމު ބިނާކުރުމުގެ މުޅީން އައު މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ސަބަބަށް ޓަކައި ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ ފެންވަރުން، އެ މީހެއްގެ ހައިސިއްޔަތުން ޚިދުމަތްތަކެއް ކުރާންޖެހިފައިވާ ތަންވަޅެއްގައެވެ.

މި ދުވަސްވަރާއި މި ޙާލަތަށް ރިޢާޔަތްކުރައްވައި މި އަހަރުގެ ޅެންވެރީންގެ ޝިޢާރަކަށް ދިވެހިބަހުގެ އެކެޑަމީއިން ކަނޑައަޅުއްވައިފައި ވަނީ ވަރަށް ވެސް ގުޅޭ ޝިޢާރެކެވެ. "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި….." މިއީ މީގެ އެތައް އަހަރެއްގެ ކުރީން، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެއްގެ ފުރަތަމަ މިސްރާއެވެ. ހަތަރު މިސްރާގެ މައްޗަށް އެކުލެވޭ ބައިތެއްގެ ފުރަތަމަ ފޮޅުވަތެވެ. ހީވަނީ މިއަދުގެ ޙާލަތަށް ރިޢާޔަތްކުރައްވައި މުޙިއްމުލްމަޠަނަކު ކުރައްވައިފައިވާ އިލްމިމާސެއް ހެންނެވެ.

ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ މި ވަނީ މާޔޫސްވެފައެވެ. ދިވެހި މުޖުތަމަޢު ވެސް މި ވަނީ ހިތާމަވެރި ޙާލަތެއްގައެވެ. އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ. ފުރަބަންދުގެ ސަބަބުން ދަތުރުފަތުރުކޮށް އުޅުމަށް އެތައް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މަސައްކަތްތަކަށް މި ވަނީ ހުރަސްތައް އެޅިފައެވެ. އުންމަތުގެ މަޢީޝަތު ވަނީ ނިކަމެތިވެފައެވެ. މި ޙާލަތުގައި އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވަނީ، މުޅި ޤައުމަށް އައު ދިރުމެއް ދޭނެ ފަދަ ގޮތެއްގައި އަލުން ތެދުވާށެވެ. މި ކަމަށް ހިތްވަރުދީ، ޅެންވެރީން ވެސް އެ ބޭފުޅުންގެ ޅެންތަކުން އުންމަތަށް ހިތްވަރުދެއްވާންވީ ވަގުތަކީ މިއީއެވެ. އުންމީދު އާކޮށްދީ މާޔޫސް ނުވެ، އަލުން އައު ހިއްވަރަކާއެކު ތެދުވާން ނަސޭހަތްތެރިވާންވީ ދަނޑިވަޅަކީ މިއީއެވެ. މުސްލިމުގެ ގޮތަކީ މިއީއެވެ. މުސްލިމުން ގަބޫލުކުރާންޖެހޭ ގޮތުގައި އެބައިމީހުންނަށް ކުރިމަތިވާ ކޮންމެ ޙާލަތެއްގައި ވެސް ހެވެއް ވާނެއެވެ. ކެތްތެރިކަމާއެކު ކޮންމެ މުޞީބާތަކާ ވެސް ކުރިމަތިލުމަކީ މުސްލިމުންގެ ގޮތެކެވެ. ވީމާ ކޮވިޑްގެ މި ޙާލަތުގައި އަޅުގަނޑުމެން އެންމެސް މި ވިސްނުމުގައި މަސައްކަތްކުރާންޖެހެއެވެ. މަޝްހޫރު ޅެންވެރިޔާ އައްނަބީލާ ފާޠިމަތު ސަޢީދު މީގެ އެތައް އަހަރެއްގެ ކުރީން މުޅި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ފާޅުކުރެއްވި ޝާޢިރީ ޚިޔާލުފުޅުން މި ވާޖިބު މި އޮތީ އެހާ ކުރީން ވެސް އަދާކުރައްވައިފައެވެ. މިއަދުގެ ޅެންވެރީން މި މަގުން ކުރިޔަށް ފިޔަވަޅުއަޅުއްވާން ފައްޓަވާންވީއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަސް އައްނަބީލާ ފާޠިމަތު ސަޢީދު (ރަޙިމަހަﷲ) ގެ ނަންފުޅަށް ވަނީ ތަޚުޞީސް ކުރައްވައިފައެވެ. އެ ކަމަނާއަކީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނުގެ ނަރުގިސްމަލެވެ. އެ ކަމާގެ ޅެންތަކަކީ އާދަޔާ ޚިލާފު މޮޅު ޅެންތަކެކެވެ. ޢިލްމީ ފަލްސަފީ ޅެންތަކެކެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ކަމަނާއަކީ ޢިލްމީ މާޙައުލަކުން ތަރުބިއްޔަތު ލިބިވަޑައިގެން ޝާޢިރީ ޖައްވެއްގައި ބޮޑުފުޅުވި ބޭފުޅެކެވެ. އެއީ ޅެންރީންގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްކުރެވިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ)ގެ އުޚުތެކެވެ. މަޝްހޫރު އަދީބު އަދި ދީނީ ޢީލްމުވެރިޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ ދަރިކަނބަލެކެވެ. މަޝްހޫރު އަދީބު އަދި ޝާޢިރު އަލްއަމީރު މުޙައްމަދު އަމީންގެ އަނބިކަނބަލެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *