...

Support Us

"ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނަރސް އެވޯޑް ފޮރ އެކްސަލަންސް" ލަތީފަށް ދެއްވަނީ (17 ޑިސެމްބަރު 2020) -ފޮޓޯ: ލަތީފު/އެފް.ބީ

ލަތީފު: ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ޝަރަފުވެރި އެވޯޑާއެކު ކުރިއަށް

"މިފަދަ އެވޯޑެއް ދެއްވައި، އަޅުގަނޑުގެ ޚިދުމަތުގެ އަގުވަޒަންކުރެއްވިކަން މިއީ އަޅުގަނޑު ވަރަށް ބޮޑަށް ފަޚުރުވެރިވާ އަދި ހަމަ އެހެންމެ މިފަދަ ބުރަ މަސައްކަތެއް ކުރާ ޓީމެއްގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ބަލައިގަންނަ ކަމެއް،" ވެސްޓަން އޮސްޓްރޭލިއާގެ ޕޮލިސްގެ ފަރާތުން އިބްރާހިމް ލަތީފަށް "ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނަރސް އެވޯޑް ފޮރ އެކްސަލަންސް" ހުސްވި ޑިސެމްބަރު 17 ގައި އެރުވުމާ ގުޅިގެން ލަތީފުގެ ޝުއޫރު ފާޅުކުރެއްވިއެވެ. "މި އެވޯޑަކީ އެހާ ފަސޭހައިން ލިބޭނެ އެވޯޑެއް ނޫންކަން އެއްވެސް ޝައްކެއް ނެތި އަޅުގަނޑު ޤަބޫލުކުރަން."

"ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނަރސް އެވޯޑް ފޮރ އެކްސަލަންސް" ލަތީފަށް ދެއްވަނީ (17 ޑިސެމްބަރު 2020) -ފޮޓޯ: ލަތީފު/އެފް.ބީ

އެމް.އެން.ޑީ.އެފާއި ދިވެހި ފުލުހުންގެ ތެރޭގައި 23 އަހަރު ޚިދުމަތްކުރެއްވުމަށްފަހު، 2007 ގައި އިސްތިއުފާ ދެއްވައި، އޮސްޓްރޭލިއާއަށް ވަޑައިގެން، ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްއާ ގުޅިވަޑައިގެންނެވި ލަތީފު، 58، އަށް "ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނަރސް އެވޯޑް ފޮރ އެކްސަލަންސް" އެރުވީ ފާއިތުވީ 13 އަހަރު ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްގައި އޭނާ ކުރެއްވި ގިނަގުނަ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ ބޭރު ގައުމެއްގެ ފުލުހުންގެ އިދާރާއަކުން ދިވެއްސަކަށް ދިން މިފަދަ ފުރަތަމަ އެވޯޑެވެ.

އެވޯޑް ރަސްމީޔާތަށްފަހު، ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނަރ ކްރިސް ޑޯސަން (ކ) އާއެކު ލަތީފު (17 ޑިސެމްބަރު 2020) -ފޮޓޯ: ލަތީފު/އެފް.ބީ

"ފާއިތުވި 13 އަހަރު ދުވަހު އަޅުގަނޑަށް ލިބިފައިވާ ހުރިހާ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ހައްގުވެރި ޝުކުރު ލިބިގެންދާނީ ވެސްޓަން އޮސްޓްރޭލިއާގެ މަލްޓިކަލްޗަރަލް/ މަލްޓި ފެއިތް ކޮމިޔުނިޓީސް، ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ފޯސްގެ ލީޑަޝިޕާއި އޮސްޓްރޭލިއާ އާއި ރާއްޖޭގައި ތިބި އަޅުގަނޑުގެ އެކުވެރިންނާއި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް،" ލަތީފު ވިދާޅުވިއެވެ. "އަޅުގަނޑަކީ މަސައްކަތްކުރަން ލޯބިކުރާ މީހެއް. އަދި އަޅުގަނޑު އުޅޭ މުޖްތަމައު އަށް ހިދުމަތް ކުރުމަކީ ވަރަށް ކުރާހިތްވާ ކަމެއް. މިގޮތުން މުޖްތަމައު އަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި އަޅުގަނޑުގެ ފަރާތުން ކުޑަ ނަމަވެސް ހިއްސާއެއް ވުމަކީ އަމިއްލަ ނަފްސަށް އަބަދުވެސް ވަރަށް ބާރުއަޅާ ކަމެއް."

ސީނިއަރ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރގެ މަގާމުގައި ހުންނެވުމަށްފަހު، ހިދުމަތުގެ މެޑަލްތަކާއި ތަފާތު ކުލަތަކުން ޒީނަތްތެރިވެފައިވާ ޔުނީފޯމަކާއެކު، ދިވެހި ފުލުހުންގެ ހިދުމަތުން އިސްތިއުފާ ދެއްވައި، 2007ގައި ލަތީފު އޮސްޓްރޭލިއާއަށް ވަޑައިގެންނެވީ ޕީއެޗްޑީ އަށް ކިޔަވައިވިދާޅުވުމުގެ މަގުސަދުގައެވެ. ނަމަވެސް، ޔުނިވާސިޓީގައި ކިޔަވައިވިދާޅުވާންވެސް ފެއްޓެވިތަނާ، ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސް އިން ވަރަށް ރަނގަޅު ފުރުސަތެއް ލިބިވަޑައިގަތުމުން، ކިޔެވުން މަޑުޖައްސަވާލައްވާފައި އެ ފުރުސަތުގެ ބޭނުން ހިއްޕެވީއެވެ. އެ ފުރުސަތަށް އެންމެ ބޮޑަށް މަގުފަހިވީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެމް.އެން.ޑީ.އެފާއި ފުލުހުންގެ ތެރޭގައި ލިބިވަޑައިގެންނެވި 23 އަހަރުގެ ތަޖުރިބާ އާއި ހޯއްދަވައިފައިވާ ތައުލީމާއި ފުރިހަމަކުރެއްވި ތަމްރީނުތަކުގެ އިތުރުން ލަތީފުގެ ރިވެތި އަޚުލާގާއި ކިޔަމަންތެރިކަން ނޫން ދެވަނަ އެއްޗެއް ނޫނެވެ.

އެހެންކަމުން 2007 ވަނަ އަހަރުން ފެށިގެން ލަތީފު ގެންދަވަނީ ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

ސްޓްރެޓީޖިކް އެޑްވައިޒަރުގެ މަގާމަކީ ހުވާކުރި ފުލުހުންގެ، ނުވަތަ ޔުނީފޯމް ލީ ފުލުހުންގެ މަގާމެއް ނޫނެވެ. މަސައްކަތް ކުރެއްވުމަށް ލަތީފު ކޮންމެ ދުވަހަކު ވެސް ކާރުގައި 35 މިނިޓް ދުއްވާފައި އޮފީހަށް ވަޑައިގަނެއެވެ.

"ކުދިންގެ ކިޔެވުމަށް ވެސް ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެގެންދާތީ އަޅުގަނޑު ނިންމީ ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގެ ވަޒީފާގެ ފުރުސަތުގެ ބޭނުންކުރަން. އެއީ ވަރަށް ރަނގަޅަށް ނިންމުނު ނިންމުމެއް ކަމަށް ގަބޫލްކުރެވޭ،" އޮސްޓްރޭލިއާގެ ޕާތުގައި ހުންނެވި ލަތީފު ވިދާޅުވިއެވެ.

އެވޯޑް ރަސްމީޔާތަށްފަހު ލަތީފު އޭނާގެ އަނބިކަނބަލުން ފާތުމަތު މިންނާތާއި އާއިލާގެ ބައެއް މެމްބަރުންނާއި އޮސްޓްރޭލިއާގައި އުޅުއްވާ ބައެއް ދިވެހިންނާއި އޮސްޓްރޭލިއާގެ ސީނިއަރ ބައެއް ބޭފުޅުންނާއެކު. -ފޮޓޯ: ލަތީފު/އެފް.ބީ

ހަގީގަތުގައި އޮސްޓްރޭލިއާގައި ވަޒަންވެރިވެގެން އުޅުއްވި ނަމަވެސް، ލަތީފުގެ ހިތް އަބަދުވެސް އޮންނަނީ ރާއްޖޭގައެވެ. އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ރާއްޖެ ޒިޔާރަތް ކުރައްވައި، ދިވެހިންނާ އަބަދުވެސް ގާތް ގުޅުމެއް ބައްވަވައެވެ. އަދި ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް، ރާއްޖޭގެ ހުރިހައި ޚަބަރެއް ސޯޝަލް މީޑިއާއިންނާއި އެހެނިހެން ގޮތްގޮތުން އޭނާ އަބަދުވެސް ހޯއްދަވައެވެ. އަދި ލަތީފުގެ މުހިންމު ހުރިހައި ހަރަކާތްތަކެއް، ފޭސްބުކް މެދުވެރިކޮށް އޭނާ ގެންދަވަނީ ހިއްސާކުރައްވަމުންނެވެ. ލަތީފުގެ ކުރިއާއި މިހާރުގެ ހުރިހައި ރަހުމަތްތެރިންނާއި ރައްޓެހިން ތިބެނީ ފޭސްބުކް މެދުވެރިކޮށް ވެސް އޭނައާ ގުޅިފައެވެ.

"ޖިސްމު ކިތަންމެ ދުރުގައި ހުއްޓަސް، ހިތާއި ރޫޙު ތާއަބަދަށް ވަނީ އުޅެބޮޑުވި، ލޮބުވެތި ދިވެހި ބިމުގައިކަން ކަށަވަރު،" ލަތީފު ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާ ލަތީފު ބައްދަލުކުރައްވަނީ (16 ޖެނުއަރީ 2020) -ފޮޓޯ: ލަތީފު/އެފް.ބީ

ލަތީފު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރު ކުރީކޮޅުއެވެ. އެ ދަތުރުގައި އޭނާ ވަނީ ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިންގެ އަރިހަށް ޒިޔާރަތް ކުރައްވައި، ހަދިޔާ ބަދަލުކޮށް ހައްދަވައިފައެވެ.

"އަޅުގަނޑާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވޭ އެމް.އެން.ޑީ.އެފް އަދި މޯލްޑިވްސް ޕޮލީސް ސަރވިސްގެ ބޭފުޅުންނާ. ދިވެހި ފުލުހުން މިކޮޅުގައި ތަމްރީނުކުރުމަށް ފުރުސަތުތައް ތަނަވަސްކުރުމަށް ވެސް އަޅުގަނޑު އަބަދުވެސް އެހީވަން،" ލަތީފު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި ޕޮލިސްގެ އިސް ވެރިންނާ ލަތީފު ބައްދަލުކުރައްވަނީ (17 ޖެނުއަރީ 2020) -ފޮޓޯ: ލަތީފު/އެފް.ބީ

އޮސްޓްރޭލިއާގައި ލަތީފު ދިރިއުޅުއްވަނީ އާއިލާއާ އެކުގައެވެ. އެއީ އަނބިކަނބަލުންނާއި ހަތަރު ކުދިންނާއި ތިން ކާފަ ދަރިންނެވެ.

ލަތީފާއި އާއިލާއަށް ވެސް މިހާރު ވަނީ އޮސްޓްރޭލިއާ ރައްޔިތުކަމާއި ޕާސްޕޯޓުވެސް ލިބިވަޑައިގެންފައެވެ.

ލަތީފުގެ އާއިލާގެ ބައެއް މެމްބަރުންނާއެކު: (ކ-ވ) ދަރިކަނބަލުން އާމިނަތު އީޝަލް ލަތީފު، ކާފަ ދަރިކަނބަލުން ޒާޔާ ނޯރާ އަލީއާއެކު އިބްރާހިމް ލަތީފު، ދަރިކަނބަލުން އައިޝަތު ޖޫނާ ލަތީފު، ދަނބިދަރިކަލުން ހަސަން ހިޝާމް (އުނގުގައި ލަތީފުގެ ކާފަ ދަރިކަނބަލުން މިއާ މުހައްމަދު ހިޝާމް) (ފަހަތުގައި (ކ-ވ) ދަނބިދަރިކަލުން ހުސެއިން ނަވާޒު އަދި ދަރިކަލުން އަހުމަދު އީގާން ފަރުހަތު -ފޮޓޯ: ލަތީފު/އެފް.ބީ

ލަތީފުގެ އާއިލާގެ ބައެއް މެމްބަރުންނާއެކު: (ކ-ވ) ދަރިކަނބަލުން އާމިނަތު އީޝާލް ލަތީފު، ކާފަ ދަރިކަނބަލުން ޒާޔާ ނޯރާ އަލީއާއެކު އިބްރާހިމް ލަތީފު، ދަރިކަނބަލުން އައިޝަތު ޖޫނާ ލަތީފު، މަރިޔަމް އިޝްފާ ލަތީފު، ދަނބިދަރިކަލުން ހަސަން ހިޝާމް (އުނގުގައި ލަތީފުގެ ކާފަ ދަރިކަނބަލުން މިއާ މުހައްމަދު ހިޝާމް) (ފަހަތުގައި (ކ-ވ) ދަނބިދަރިކަލުން ހުސެއިން ނަވާޒު އަދި ދަރިކަލުން އަހުމަދު އީގާން ފަރުހަތު -ފޮޓޯ: ލަތީފު/އެފް.ބީ

"މި ތަނުގައި ތިން އަހަރު އުޅޭއިރަށް ސިޓިޒަންޝިޕް ލިބޭނެ. އެހެންވެ 2010 އިން ފެށިގެން އަޅުގަނޑުމެން މިހާރު މިއީ ޑުއަލް  ސިޓިޒަންޝިޕް (ދެ ގައުމުގެ ރަށްވެހިކަން) އޮންނަ މީހުންނަށްވެފައި މިތިބީ،" ލަތީފު ވިދާޅުވިއެވެ.

"ކެތްތެރިކަމާއެކު، އެއްވެސް ޝަކުވާއެއް ނެތި މި މުއްދަތުގެ ތެރޭގައި އަޅުގަނޑަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިންކަމަށްޓަކައި އަޅުގަނޑުގެ އަންހެނުންނަށާއި ކުދިންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ލަތީފު ވިދާޅުވިއެވެ.

އެވޯޑު ރަސްމީޔާތުގައި؛ (މަގަތުން ކ-ވ) ލަތީފު، އަނބިކަނބަލުން ފާތުމަތު މިންނާތު، ދަރިކަނބަލުން އާމިނަތު އީޝަލް ލަތީފު، (މަތީގައި ކ-ވ) ދަރިކަނބަލުން އައިޝަތު ޖޫނާ ލަތީފު އަދި ދަރިކަލުން އަހުމަދު އީގާން ފަރުހަތު. -ފޮޓޯ: ލަތީފު/އެފް.ބީ

ދިވެހި ފުލުހުންގެ ތެރޭގައި ކުރެއްވި ހިދުމަތްތަކުގެ ތެރެއިން ލަތީފު އެންމެ ފަޚުރުވެރިވާ ކަމަކީ 72 އަހަރަށްފަހު ސިފައިންގެ ތެރެއިން ފުލުހުން ވަކިކޮށް، ވަކި މުވައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތް 1 ސެޕްޓެމްބަރު 2004 ގައި ތައާރަފުކުރުމުގައި، ޗޭންޖް މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަންގެ ހައިސިއްތުން އޭނާއަށް ވެދެއްވުނު ހިއްސާއެވެ.

"ޙަޤީގަތުގައިވެސް ފުލުހުންގެ ޚިދުމަތަށް ގެނެވުނު މިބަދަލަކީ ވަރަށްވެސް ތާރީޚީ މުހިންމު ބަދަލެއް. ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އެންމެންވެސް އެދިއެދި ތިބި ބަދަލެއް. އަދި ޤައުމާއި ރައްޔިތުންނަށް ވަރަށްވެސް ބޭނުންތެރި ބަދަލެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލު މި ގެނެވުނީ ވަރަށް މުހިންމު ހިސާބެއްގައި. އެއީ، ދިވެހިރާއްޖެ މަލްޓިޕާޓީ ޑިމޮކްރަސީގެ އައު އަމާޒަކަށް މިސްރާބުޖަހައި ދަތުރު ފެއްޓި ދުވަސް ވަރަށްވާތީ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޑިމޮކްރަސީގެ ޅަފަތުގެ ދުވަސްވަރު ތަޖުރިބާކުރާ ހަލަބޮލިކަން ދިވެހިރާއްޖެވެސް ދިއައީ ތަޖުރިބާ ކުރަމުން،" ލަތީފު ވިދާޅުވިއެވެ.

ފުލުހުންގެ ނޫ ޔުނީފޯމް ލީ ފުރަތަމަ ދުވަހު، ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރާއި އެހެނިގެން އިސް އޮފިސަރުންނާއެކު ލަތީފު. (1 ސެޕްޓެމްބަރު 2004) -ފޮޓޯ: ލަތީފު/އެފް.ބީ

ކިޔަވާށާއި އެހެނިހެން ކަންކަމުގައި އޮސްޓްރޭލިއާގެ ޕާތުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. ނަމަވެސް ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގައި ލަތީފު ނޫން އެހެން ދިވެއްސަކު ނޫޅެއެވެ.

"މިއީ ހުރިހައި ގޮތަކުން ވެސް ވަރަށް ހިތްފަސޭހަ ތަނެއް. އެހެންވެ މި ތަނުގައި ވަރަށް ގިނަ ދިވެހިން އުޅޭ،" ލަތީފު ވިދާޅުވިއެވެ.

ލަތީފު ސިފައިންގެ ތެރޭގައި އުޅުއްވުއިރު ސިފައިންގެ އިސް އޮފިސަރުންނާއެކު -ފޮޓޯ: ލަތީފު/އެފް.ބީ

ލަތީފުގެ ފޭސްބުކްގައި އޭނާގެ ތާރީހީ ވަރަށް ގިނަ ހަނދާންތައް އެބަހުއްޓެވެ.

"އަޅުގަނޑަކީ ފޮޓޯ ސްޓޫޑިއޯއަކާ (ކުރީގެ ހަމީދު ސްޓޫޑިއޯ) އާ ވެސް ގުޅިފައިވާ މީހެއް. އަދި ފުލުހުންގެ ތެރޭގައި އުޅުނުއިރު ފޮޓޯގްރަފީ ކޯސްވެސް ހެދިން. އެހެންވެ ފޮޓޯ ނެގުމަށް އަޅުގަނޑު އަބަދުވެސް ލޯބިކުރަން. ފޮޓޯގެ މުހިންމުކަން ވެސް އެނގޭތީ ވަރަށް ގިނަ ފޮޓޯ އަޅުގަނޑު ރައްކާކޮށްގެން ގެންގުޅެން،" ލަތީފު ވިދާޅުވިއެވެ.

ލަތީފުގެ ފޮޓޯތަކުން ފާހަގަކުރެވޭ ފޮޓޯތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވިއިރު ނަންގަވާފައިވާ ފޮޓޯތައް ވެސް ހިމެނެއެވެ.

މީގެ 38 އަހަރު ކުރިން، ނަގައިފައިވާ މަޖީދިއްޔާގެ 1982 ވަނަ އަހަރުގެ ޕްރިފެކްޓުންގެ ފޮޓޯގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ އިތުރުން އެހެނިހެން ބައެއް ޝަހުސިއްޔަތުތައް ވެސް ފާހަގަކުރެވެއެވެ. އެ ފޮޓޯ ވަނީ، ކޮންމެ އިރަކު ބަލައިލިޔަސް ސާފުކޮށް އެނގޭނެހެން، ހުރިހައި ބޭފުޅުންގެ ނަމާއި މަގާމުތައް ވެސް ފޮޓޯގައި ޖައްސަވައިފައެވެ.

އޭގެ އިތުރުން، ސިފައިންގެ މީހަކަށް ނުވަތަ ސޯލްޖަރަކަށް ވުމަށް ލަތީފަށް އެންމެ ފުރަތަމަ ތަރުބިއްޔަތާއި ތަމްރީނުތައް ލިބިވަޑައިގެންނެވި، މަޖީދިއްޔާގެ ކެޑޭޓްކޯގެ ބައެއް މެމްބަރުންގެ ފޮޓޯވެސް ފާހަގަކުރެވެއެވެ.

މަޖީދިއްޔާ ކެޑޭޓްގެ ދުވަސްވަރު 1982 ގައި… (އިށީނދެގެން ކ-ވ) ކެޑޭޓް މާސްޓަރ ކެޕްޓަން ކުލަންތައިވަލް، ކެޑޭޓް މާސްޓަރ މޭޖަރ އަމަރަސޭނާ، ރެޖިމެންޓަލް ސަރޖަންޓް ލަތީފު (ކޮޅަށް ކ-ވ) ޒަކަރިއްޔާ މަންސޫރު އަދި އަހުމަދު މުހައްމަދު -ފޮޓޯ: ލަތީފު/އެފް.ބީ

"އަޅުގަނޑުގެ މިލިޓަރީ ކެރިއަރުގެ ބިންގަލީ މަޖީދިއްޔާގެ ކެޑޭޓް ކޯ،" ލަތީފު ވިދާޅުވިއެވެ.

މިއީ ސިފައިންގެ އަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 21 އެޕްރީލް 1992 ގައި ބޭއްވި ހަފުލާގެ ތެރޭގައި ނަގައިފައިވާ ފޮޓޯއެކެވެ. މި ފޮޓޯގައި އެ ތިއްބެވީ (ކ-ވ) އޭރުގެ ލެފްޓިނެންޓް އިބްރާޙިމް މުހައްމަދު ދީދީ، އޭރުގެ ލެފްޓިނެންޓް ފަރުހަތު ޝަހީރު، އޭރުގެ ލެފްޓިނެންޓް އިބްރާހިމް ލަތީފު އަދި އޭރުގެ ލެފްޓިނެންޓް އަހުމަދު މުހައްމަދެވެ.

26 ޑިސެމްބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖެ ވަޑައިގެންނެވި އދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން (ވ)ގެ އަރިހުގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އަދި ލަތީފު (ކ) (9 ޖެނުއަރީ 2005) -ފޮޓޯ: ލަތީފު/އެފް.ބީ

ރާއްޖޭގެ ވަރަށް ތާރީހީ އެހެން މުނާސަބަތަކާ ވެސް ލަތީފާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެއީ 25 މާޗު 1992 ގައި ޖުމްހޫރީ މައިދާނު ކޯއްޓޭއަށް ފުރަތަމަ ފަހަރަށް ބޮޑު ދިދަ ނެގި ދުވަހެވެ. އެ ދުވަހު ބޮޑު ދިދަ ނެގުމުގެ ރަސްމީޔާތުގައި ބައިވެރިވި ސިފައިންގެ ފްލެގް ސްކޮޑުގައި، ސީނިއަރ އެހެން އޮފިސަރުންނާއެކު ލަތީފު ހިމެނިވަޑައިގަތެވެ.

ޖުމްހޫރީ މައިދާނު ކޯއްޓޭއަށް ފުރަތަމަ ފަހަރަށް ބޮޑު ދިދަ ނެގުމުގެ ރަސްމީޔާތުގައި ބައިވެރިވި ސިފައިންގެ ފްލެގް ސްކޮޑުގައި ލަތީފު (މެދު ބަރީގައި ކ-3) (25 މާޗު 1992) -ފޮޓޯ: ލަތީފު/އެފް.ބީ

ލަތީފަށް ލިބިވަޑައިގެންނެވި ޝަރަފާއެކު، އޭނާ ހުންނެވީ ވަރަށް އުފަލުންނެވެ. ޚިދުމަތުގައި ކުރިއަށް ވަޑައިގަންނަވަން އާ އަޒުމަކާއެކުގައެވެ. ރާއްޖޭއިން ބޭރުގައި ނަމަވެސް ދިވެހިންނަށް ލިބޭ ހުރިހައި ކާމިޔާބީއަކާއި ޝަރަފަކަށް ދިވެހިން އަބަދުވެސް އުފާކޮށް ފަޚުރުވެރިވެއެވެ. ލަތީފުގެ ތިޔަ އުފަލުގައި ވެސް އަޅުގަނޑުމެން ބައިވެރިވެ މަރުހަބާ ދަންނަވަމެވެ. ތިޔަ ގޮތުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ތިޔައީ ފިސާރި ހަރުދަނާ، ނަމޫނާ ޝަހުސިއްޔަތެކެވެ. އަދިވެސް އިތުރު ކާމިޔާބީ އާއި ކުރިއެރުމަށް އެދެމުއެވެ.

އުފާވެރި އާ އަހަރުގެ ތަހުނިޔާ ވެސް މާލެއިން އޮސްޓްރޭލިއާގެ ޕާތަށް ފޮނުވަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.