...

Support Us

ކޮލަމް: ކެޔޮނިރު

ބޮޑާކަމާއި މުނާފިޤްކަމުގެ ސަރުކާރެއްބާ؟

މިފަހަކަށް އައިސް ދިވެހި ސަރުކާރާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ބަހުރުވަ ހުންނަނީ ބޮޑާކަމުގެ ސިފަ ދޭހަވާ ގޮތަކަށް ކަމަށް ފެނެއެވެ. ދުނިޔެއަށް ކޮވިޑް ފެތުރުނުތާ ކުރީކޮޅު ދިވެހި ރާއްޖެއިން އެބަލީގެ މީހަކު ނުފެންނަނީސް ދިވެހި ސަރުކާރުން ވަރަށް ފޮނިކެނޑިއެވެ. އެހެން ޤައުމުތަކުގައި ކޮވިޑްގެ ބަލިމީހުން ގިނަވަމުން ދިޔައިރުވެސް ދިވެހި ރާއްޖެއިން އެބަލީގެ މީހުން ނުފެންނަނީ ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ފަޚުރުވެރިކަމާ އެކު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ ފުރަތަމަ ބަލިމީހާ ރާއްޖެއިން ފެނުނު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރެއްވިއެވެ. ރައްޔިތުންނަށް ހުރި ލޯތްބެއްގެ ސަބަބުން ކަމަށް ބައެއް މީހުން ދެކެފާނެއެވެ. އަނެއް ބަޔަކު ބުނާނީ ބޮޑާބަސް ބުނެފައި ކަމަކާ ލައިގަތުމުން ފިނޑިވީ ކަމަށެވެ.

ކޮވިޑް ބަލި ފެތުރުން ރާއްޖޭގައި މިހާރު ކޮންމެވެސް ވަރަކަށް މަދުވެ، ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ހެސްކިޔާފައި ފަތުރުވެރީން އަންނަން ފެށުމުން އަނެއްކާވެސް މިފެންނަނީ ބޮޑާ ބަސް ބުނާތަނެވެ. ކޮވިޑާ ގުޅިގެންން ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތައް އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޮން ބޭނުމެއްގައި ކަމެއް ނުވިސްނެއެވެ. މި ބައްޔަކީ ހަލުއިކަމާއެކު ފެތުރެމުން، ބަދަލުވަމުން، ވައިރަސް މިއުޓޭޓްވަމުންދާ ބައްޔަކަށް ވާއިރު މިފަދަ ބޮޑާ ބަސް ބުނެ މެޑަލް ޖެހުމަށް ވުރެ މިނާޒުކު ޤައުމާއި ބަލިކަށި އިގްތިސޯދު ހަމައަކަށް އަޅުވަން އުޅުން މާ ބުއްދިވެރިއެވެ. މިއީ މެޑަލް ޖަހައި ބޮޑާ ބަސް ބުނަންވީ ވަގުތެއް ނޫނެވެ.

ކޮވިޑް ބަލީގެ ސަބަބުން ބަންދުކޮށްފައި އޮތް ބޯޑަރު، ހުޅުވާލި ފަހުން މިއަދަކީ ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އަންނާނެ ދުވަސް ކަމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ބުނެފައެވެ. މިއަދު ހަހާސް ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތް ކުރާއިރު މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އޮތީ މިކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އަދި އަންނަ ފަތުރުވެރީންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިއުމުން ފަތުރުވެރިކަމުގެ ވުޒާރާއާއި އެއާރޕޯރޓްސް ކުންފުނި ފަދަ ސަރުކާރުގެ އިދާރާތަކުގެ ބަހުރުވަ ހުންނަނީ ތަޤްދީރަށް ޖަދަލުކުރާ ފަދަ ބޮޑާކަމާއި ފޮނިކެނޑުމުގެ ބަހުރުވައިން ކަމަށް ފެނެއެވެ. ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އާވައްތަރުގެ ބަލިތަކާއި، ނިރުބަވެރިކަމުގެ ހަމަލާތަކާއި، ޤުދުރަތީ މުސީބާތަތައް ކުރިމަތިވަމުންދާ ގޮތަށް ބަލާއިރު ރާއްޖެ ފަދަ ކުޑަ، ނާޒުކް، މީސްކޮޅު މަދު ޤައުމަކުން މިފަދައިން ބޮޑާކަމުގެ ބަސް ބުނުމުގެ ބަދަލުގައި ހިތްތިރިކޮށް، ނިއުމަތާއި ސަލާމަތްތެރިކަން ދެއްވަނީ ހަމައެކަނި ﷲ ކަން ދަނެ، ފިޔަވަޅުތައް އަޅަމުން ދިއުން މާމުހިއްމެވެ. ރަނގަޅުވަމުންދާ ހާލަތުން ކްރެޑިޓް ނަގައި ސިޔާސީ މެޑަލް ޖެހުމަކީ މޮޔަކަމެކެވެ.

އިންޑިއާ ކަންޑުގެ މެދުގައި، ކަނޑުގެ ލޮނުގަނޑުން ފެށިގެން އެންމެ ފަސް ވަރަކަށް ފޫޓު މަތީގައި އަތުރާލެވިފައިވާ ނާޒުކު، ކުދި ޖަޒީރާ ތަކެއްގައި މި މަދު މީސްކޮޅު އުޅެމުންދާއިރު ވަށައިގެންވާ އިންޑިއާ، ބަންގްލަދޭޝް، ޝްރީލަންކާ ފަދަ ޤައުމުތަކަށް ބޮޑެތި ތޫންފާންތައް އަރައި އެތައް ހާސް ބަޔަކު މަރުވެ، ހާލުގައި ޖެހި، ގެދޮރު ހަލާކުވާއިރު ދިވެހި ރާއްޖެއަށް މިއިން އެންމެ ބިޔަ ތޫފާނެއްވެސް ނާރަނީ ދިވެހި ސަރުކާރުގެ، ނުވަތަ މެޓް އޮފީހުގެ، ނުވަތަ ދިވެހީންގެ މޮޅު ކަމަކުން ނޫނެވެ. ރާއްޖެއާ ކައިރިން ތޫފާނެއް ދާ ކޮންމެ ފަހަރަކު މެޓް އޮފީހުގެ ބަޔާނެއްގައި ބުނާނީ ތޫފާނުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. މާތްﷲ ގެ އިރާދަފުޅަށް އެއްވެސް އިޝާރާތެއް ކުރުމެއް ނެތި މިފަދައިން ނެރޭ ބަޔާން ތަކުގެ ބަސްތައް އައިސް އަމިއްލަ އަނގަޔަށް އަނބުރާ ވަދެދާނެ ކަމަށް އެންމެ ހިނދުކޮޅަކަށް ވެސް ވިސްނާލެވޭ ބާވައެވެ؟ ރާއްޖެ ވަށައިގެން އެނބުރޭ ބާރުގަދަ އެތައް ތޫފާނެއް އަހަރަކު އެތައް ފަހަރު ރާއްޖެ ކައިރިން ދެއެވެ. ނަމަވެސް ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން، މާތް ﷲގެ ރަހްމަތުން އެފަދަ އެއްވެސް ތޫފާނެއް ސީދާ ރާއްޖެއަކަށް ނާރައެވެ. ދުނިޔޭގެ ބަދަލުވަމުންދާ ތިމާވެށީގެ ހާލަތުތަކުގެ ސަބަބުން މިއިން ތޫފާނެއް ރާއްޖެއަށް އަރައިފިނަމަ ރަށްތައް ސުންނާފަތިވެ ދިވެހީން އަބަދުގެ އަބަދަށް ބިކަވާވަރުގެ ގެއްލުން ލިބުމަކީ  ވަރަށް ކައިރި ކަމެކެވެ. ވީއިރު ބޮޑާ ބަސް ނުބުނެ ޤައުމާއި ރައްޔިތުންގެ ނާޒުކުކަން ދަނެގެން ހިއްވަރާއި އެކު މަސައްކަތް ކުރުން ބުއްދިވެރި އެވެ.

މިފަދަ އެހެން ވާހަކައެކެވެ. އިއްޔެގެ ހުކުރު ޙުތުބާގައި މިކިޔަނީ ރިބާއާއި ކޮރަޕްޝަނުގެ ހުރި ނުބައިކަމާއި، ރިބާ އާއި ކޮރަޕްޝަން އާއްމުވެއްޖެ ޤައުމެއް ނަމަ ހަލާކުވެދާނެކަމުގެ ވާހަކައެވެ. ޙުތުބާ އަޑުއަހަން އިންއިރު ހިތަށް އެރިއެވެ. ޤައުމެއްގައި ކޮރަޕްޝަނާއި ރިބާ އާއްމުވާނީ ދެން މިހާކަންހާވަރަށެވެ. ބޭންކް ތަކުގައި ހުސް ރިބާ އެވެ. ރައްޔިތުން ދުއްވަނީ ރިބާއިން ޖަރީކުރެވިފައިވާ ސައިކަލްތަކާއި ކާރުތަކެވެ. ވިޔަފާރިތައް ބިނާކުރަނީ ރިބާ ލޯނުތަކުން އަޅާ ބިންގަލުގެ މައްޗަށެވެ. ސަރުކާރުން ބްރިޖާއި މަގާއި ބަނދަރާއި އެފަދަ ހުރިހާ ތަނެއް މިހަދަނީ ބޭރު ޤައުމުތަކުންނާއި ބޭރު ބޭންކްތަކުން ނަގާ ބޮޑެތި ރިބާ ލޯނުތަކުންނެވެ. ރިބާ އޮތީ މި ދިވެހި ޤައުމުގައި މާބޮޑަށްވެސް އާއްމުވެފައެވެ. ކޮރަޕްޝަން ވެސް ހަމަ އެފަދައެވެ. ކޮރަޕްޝަނާ މެދު ހުތުބާގައި ސިފަކޮށްދިން ހުރިހާ ސިފައެއް މިރާއްޖޭގައި އެބަހުއްޓެވެ. ވީއިރު ދިވެހި ސަރުކާރުގެ ވުޒާރާ އަކުން ލިޔާ ޙުތުބާއެއްގައި ކޮރަޕްޝަނާއި ރިބާއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އެއް އަތުން ރާތައްޓެއް ހިފައިގެން ހުރެ އަނެއް އަތުން ތަސްބީހަ ގުނަމުން ޒިކުރި ކުރުން ފަދަ ކަމެކެވެ. މީ ފަހެ ދީނަށް ހަޖޫޖެހުން ނޫން ދެން ކޮން ކަމެއް ބާވައެވެ؟ ސަރުކާރުގެ އެއް އިދާރާއިން ލިޔާ ހުތުބާގައި ހަމްރު ނުވަތަ ރަލުގެ ނުބައި ކަމުގެ ވާހަކަ ދައްކާފައި ސަރުކާރުގެ އެހެން އިދާރާ އަކުން ބިސްމިﷲ މަތީގައި ލިޔެފައި ރާ ވިއްކުމުގެ ހުއްދަ ދިނުމުން އެ ފެންނަނީ މުނާފިޤްކަން ނޫން ދެން ކޮން ކަމެއް ބާވައެވެ؟ ބައްލަވައި ވޮޑިގެންވާ ފަރާތެއްވެއެވެ. އެފަރާތަކަށް އޮޅުވައެއް ނުލެވޭނެއެވެ. މުނާފިޤް ކަމަކީ މުސީބާތް ތަކަށް ހުޅުވާލެވޭ ބިޔަ ދޮރެކެވެ.

ކޮވިޑް ބައްޔަކީވެސް މިފަދަ އިމްތިހާނުގެ ދޮރެކެވެ. އެއީ އެ ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ މޮޅުކަން ދުނިޔެއަށް ހާމަކޮށް ފޮނި ކަނޑައި ބޮޑާ ބަސް ބުނުން އޮތް ކަމެއް ނޫނެވެ. އިސާހިތަކުން ހާލަތު ބަދަލުވެދާނެއެވެ. ކޮވިޑް ބައްޔާ މެދު އަދި އެހެން ނަޒަރަކުން ވެސް ބަލައިލުން މުހިއްމެވެ. މިބަލި ރާއްޖެއަށް އައިތާ މި ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން މިބައްޔާ ދެކޮޅަށް އެޅިކަމަށް އެބުނާ "ނަމޫނާ" ފިޔަވަޅުތައް އަޅައި، އެތައް ކޮރަޕްޝަނަކާއި ފަސާދައެއް ހިންގައި، ދެބިލިއަނެއްހާ ރުފިޔާ މިކަމަށް ހަރަދުކޮށްފިއެވެ. މިމުއްދަތުގައި ރާއްޖޭގައި ބަލި ޖެހުނީ ތޭރަ ވަރަކަށް ހާސް މީހުންނަށެވެ. މަރުވި މީހުންގެ އަދަދު ފަންސާހަށް ވެސް ނާރައެވެ. މިއަދާ ހަމައަށް މިބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 48 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ 70 ވަރަކަށް އަހަރުގެ މުސްކުޅިންނެވެ. ސުވާލަކީ މީ ހަމަ ދެބިލިއަން ރުފިޔާ ހަރަދު ނުކޮށް ނުވާނެ ކަމެއް ބާވައެވެ؟ ނަމޫނާ ފިޔަވަޅު ތަކަކަށް ނުވިއްޔާ ރަނގަޅެވެ. ބަލި ޖެހުނު 13 ވަރަކަށް ހާސް މީހުންގެ ނިސްބަތުން ނަމަ ބޮލަކަށް ދޮޅު ލައްކަ ރުފިޔާ ހަރަދު ކޮށްފިއެވެ. މަރުވި 48 މީހުންގެ ނިސްބަތުން ނަމަ ބޮލަކަށް 41 މިލިއަން (ރަނގަޅު! ސާޅިސް އެއް މިލިއަން) ރުފިޔާ ތަޅައި ބުރުއްސައިފިއެވެ. ނަމޫނާ ފިޔަވަޅު ތަކަކަށް ނުވިއްޔާ ވާ ދެރައެވެ. މިހިރީ ހައްތަހާ ވެސް ފިލާވަޅެވެ. އިބްރަތެވެ. ބޮޑާ ބަސްތަކާއި މުނާފިޤްކަން ދޫކޮށް، ޤައުމަށް ކުރިމަތިވާ މުސީބާތާއި ދަތިތަކުން ސިޔާސީ މެޑަލް ޖަހަން އުޅުމުގެ ބަދަލުގައި އިހްލާސްތެރި ވެރިކަމެއް ކުރުމުގެ މުހިއްމުކަން ދައްކުވައިދޭ ފިލާވަޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61

2 Responses

  1. ވަރަށް ދުވަސް ފަހުން ކެޔޮނިރު ކޮލަމް ތި އަޕްޑޭޓް ވީ. އަހަރެން ހީކުރީ ލިޔުން ހުއްޓާލީ ކަމަށް، ނޭނގޭނެ އެއްނު، އިންޑީޔާ ހައިކޮމިޝަނުން އަނބުރާ ރައްދު ކުރަން ނުކެރޭ ވަރު އޮފަރ އެއް ވެސް ދީފާނެ ވިއްޔަ

  2. ކެޔޮނިރު ކޮލަމަށް ކޮންމެ ދުވަހަކުމެ އިންތިޒާރު ކުރެވެއެވެ. އޮށްޓަރު ހުންނަ ހަގީގަތް ހާމަކުރާ ލިޔުއްވުންތަކަށް ނުހަނު ބޭނުންވެއެވެ. ޚާއްޞަކޮށް އަމިއްލަ ގައުމަށްޓަކައި ގައުމުގެ މިނިވަން ކަމާއި ސިޔާދަތަށްޓަކައި އިސްލާމްދީނަށްޓަކައި ލިޔުއްވާ ލިޔުއްވުންތައް އަބަދުވެސް ބޭނުންވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.