...

Support Us

މުހައްމަދު ޝިރުހާން (ސިރޫ) އަދި މުހައްމަދު ޝިރުހާން (ސިރޭ) (ވާތްފަރާތުގައި): ދެ ކުރެހުންތެރިން އަމިއްލައަށް ކުރަހައިފައި.

ދެ ކުރެހުންތެރިންގެ އިއްތިފާގު: އެއް ނަމެއް، އެއް ރަށެއް، އެއް މަސައްކަތެއް

ހިތްގައިމު ކުރެެހުމެއްގެ ތިރީގައި ޖަހައިފައި އޮންނަނީ "ސިރޫއާޓްސް20″ އެވެ. ހަމަ އެކަހަލަ އެހެން ކުރެހުމެއްގެ ތިރީގައި އޮތީ "ސިރޭއާޓްސް20″ އެވެ. ބަލައިބެލުމަށް މިއީ އެކެއްގެ ކުރެހުމެއްހެން ހީވާ ގޮތްވެސް ވެއެވެ. އެކަމަކު އެއީ ތަފާތު ދެ މީހެއްގެ ކުރެހުމެކެވެ. ތަފާތެއް ނެތީ އެ ދެ މީހުންގެ ނަމާއި ރަށާއި ކުރާ މަސައްކަތުގައެވެ.

ގަބޫލްކުރާށެވެ. މި ދެ ކުރެހުންތެރިންގެ ވެސް ނަމަކީ މުހައްމަދު ޝިރުހާނެވެ. ދެ މީހުންގެ ވެސް ރަށަކީ ހދ. ވައިކަރަދޫއެވެ. ދެ މީހުން ވެސް ކުރާ މަސައްކަތަކީ ކުރެހުމެވެ. ދެ މީހުން ވެސް މަސައްކަތްކުރަނީ ރިސޯޓުގައެވެ. އެއީ އެމީހުންގެ ނަމުން ނަމަ، ސިރޫ އާޓްސް އަދި ސިރޭ އާޓްސްއެވެ.

ސިރޫ އާޓްސްގެ ޝިރުހާން

ހދ. ވައިކަރަދޫ، ޖަވާހިރުގެ (ކަލޭފާނުގޭ) މުހައްމަދު ޝިރުހާން (ސިރޫ) އުފަންވީވެސް ކުރެހުންތެރިއެއްގެ އުނގަށެވެ. ސިރޫގެ މަންމަ ޒުހުރާ ޔޫސުފު (އެންމެންގެ ތިއްތަ) އަކީ މާލޭގައި ކިޔަވަން އުޅުނުއިރު ކުރަހަން ދަސްކޮށްފައިވާ މީހެއްކަމުން، މަންމަގެ ކުރެހުންތައް އެންމެ ކުރިއްސުރެ ސިރޫއަށް އައީ ފެންނަމުންނެވެ. ސިރޫ އަށްވުރެ ކުރިން ސިރޫގެ ބޭބެ، އަލީ އިޝާން (ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ ކުރަހާ ރާއްޕެ) ވެސް ވަނީ ކުރަހަން ފަށައިފައެވެ.

"މަންމައަކީ ކުރެހުންތެރިއެއް. މާލޭގައި ކިޔަވަން އުޅުނުއިރު މަންމަ ކުރަހަން ދަސްކޮށްފައި ހުރީ. ޗިޅިޔާ މޫސާ މަނިކު ކައިރިން މަންމަ ދަސްކޮށްފައި ހުރީ. އެ ކުރެހުންތަކަށް ބެލީމަ އެނގޭ އެކަން. އަނެއްކާ ބޭބެ (ކުރަހާ ރާއްޕެ) އަކީ ކުރަހާ މީހެއް. އަހަރެން ބޮޑުވަމުން އައިއިރު ގޭތެރޭގައި އާޓުގެ ހަރަކާތްތައް ކުރިއަށްދޭ. އެކަމަކު މަންމަ ކުރަހައިފައި ހުރީ ސްޓިލް ލައިފް. ގަސް، ފުރުޓްސް، މާ ކަހަލަ އެއްޗެތި،" ސިރޫ، 43، ކިޔައިދިނެވެ. "ސްކޫލް ޔުނީފޯމުގެ ބެޖް މަންމަ ޖަހައިދޭނީ ތައްގަނޑުން. އަދި ބާލީސް އުރައިގައި ވެސް ތައްގަނޑު ޖަހާނެ. އޭގެ ތެރެއިން އަހަންނަށް ކުލަތައް ފެންނަން ފަށައިފި. ދެން އަހަރެން ވެސް ޝައުގުވެރިވެގެން ކުރަހަންފެށީ."

ސިރޫ (ކަނާތުން ދެވަނައަށް) އާއިލާގެ ބައެއް މެމްބަރުންނާއެކު. ސިރޫގެ ބޭބެ ކުރަހާ ރާއްޕެ (ކ) އަދި މަންމަ (ވާތުން ދެވަނައަށް)

ސިރޫގެ މަންމަ ޒުހުރާއަކީ ހަމައެކަނި ކުރެހުންތެރިއެއް ނޫނެވެ. އެއީ ވައިކަރަދޫގައި ހުރި ވަރަށް މުރާލި، ފިސާރި ކަނބަލެކެވެ. އޭނާ ފަހައެވެ. ކެފޭއެއް ހިންގައެވެ. ފިހާރައެއް ހިންގައެވެ. ކުލީ ކޮޓަރި ދޭ ގެސްޓްހައުސެއް ހިންގައެވެ. ސަރުކާރު ވަޒީފާއެއްގެ ގޮތުގައި މިސްކިތް ބެލެހެެއްޓުމުގެ މަސައްކަތް ކުރެއެވެ. މީގެ އިތުރުން ވެސް އިޖުތިމާއީ ތަފާތު ހަރަކާތްތަކުގައި އިސް ސަފުގައި ޒުހުރާ ހުރެއެވެ.

ސިރޫގެ ބައްޕަ އަބްދުލްވާހިދު އިބްރާހިމް (ވާހިދުބޭ)

ސިރޫގެ ބައްޕަ އަބްދުލްވާހިދު އިބްރާހިމް (ވާހިދުބޭ) އަކީ ވެސް ވަރަށް އުފެއްދުންތެރި ޚިޔާލެއްގެ ވެރިއެކެވެ.

"ބައްޕައަކީ ވެސް ވަރަށް ކްރިއޭޓިވް ޚިޔާލުގެ މީހެއް. ވަރަށް ކްރިއޭޓިވް ކަންކަން ކޮށްލާނެ،" ސިރޫ ބުންޏެވެ.

ސިރޫގެ ކުޑައިރުގެ ހަނދާންތައް އާކޮށްލުމަށް ކުރަހައިފައިވާ އޭނާގެ ގެ، ހދ. ވައިކަރަދޫ، ޖަވާހިރުގެ (ކަލޭފާނުގެ)

ރަށު ސްކޫލްގައި ކިޔަވަން އުޅުނުއިރު ބާއްވާ އެކިއެކި ކުރެހުމުގެ މުބާރާތްތަކުން ސިރޫ އަބަދުވެސް ރަން ވަނަތައް ހޯދައެވެ. ކުރެހުމުގެ ދުނިޔެއަށް ސިރޫ ލޯހުޅުވެންފެށީ އެ ހިސާބުންނެވެ.

ހޮބީއެއްގެ ގޮތުން ކުރަހަމުން އައިސް، އާމްދަނީ ހޯދުމަށްޓަކައި ކުރެހުމުގެ މަސައްކަތް ސިރޫ ފެށީ މީގެ 22 އަހަރު ކުރިން، 1998 ގައެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށީ މާލޭގައި ކުރަހާ ސްޓޫޑިއޯއެއް ހަދައިގެންނާއި ބާޒާރުމަތީގައި ސުވެނިއަރ ޝޮޕެއްގައި ގެސްޓުންނަށް ޓީޝާޓާއި ކެންވަސްގައި ވަގުތުން ކުރަހައިދޭ ތަނެއް ހަދައިގެންނެވެ.

"މާލޭ ގެސްޓް ޝޮޕްތަކުގެ ފާރުގައި އެންމެ ފުރަތަމަ ކުރަހަންފެށި އެއް ގްރޫޕަށްވާނެ އަހަރުމެން،" ސިރޫ ބުންޏެވެ. "އޭރުވެސް ރިސޯޓުތަކަށް ދާން ފަށައިފިން ޕްރޮޖެކްޓްތައް ނަގައިގެން. ރިސޯޓުގެ އެކި ތަންތަނުގައި މަންޒަރުތައް ކުރަހަން. ރެސްޓޯރަންޓްގެ ބޭރު ފާރު ކަހަލަ ތަންތަނުގައި ކުރަހަނީ. ބޮޑަށް އޮންނަނީ މެރިން ލައިފްގެ ކުރެހުންތައް. ވަރަށް ގިނަ ރަށްރަށުގެ ގެސްޓް ޝޮޕްތަކުގެ ބޭރުގައި ވެސް ހުންނާނެ ކުރަހައިދީފައި."

ސިރޫ މިހާރު މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ ރިސޯޓްތަކުގެ ޕްރޮޖެކްޓްތަކުގައި، ގެސްޓުންނަށް ކުރެހުމުގެ ކްލާސް ހިންގައިދިނުމަށް އާޓް ސްޓޫޑިއޯ ގެލެރީ ހަދައިގެންނެވެ.

 

View this post on Instagram

 

A post shared by Art of Siru (@artsofsiru)

"ކުޑަކުދިން އައިސް ވަގުތު ހޭދަކުރާނެ ގެލެރީގައި ކުރެހުން ދަސްކުރަން. ބޮޑެތި މީހުން ވެސް އަންނާނެ،" ސިރޫ ކިޔައިދިނެވެ. "ގެލެރީގައި ހުންނާނެ ބޮޑެތި ކެންވަސްތައް ކުރަހާފައި. ގެސްޓުން ދާނީ އެ ކުރެހުން ގަނެގެން. ރިސޯޓުގެ މަންޒަރުތައް ގިނައިން ހުންނާނީ. އޭރުން ރިސޯޓުގެ މެމޮރީޒް (ހަނދާނެއްގެ) ގޮތުގައި އެ މީހުން އެ ކުރެހުން ހިފައިގެން އެނބުރި ގައުމަށް ދާނީ."

ސިރޫ މި ވަގުތު ހުރީ ފޯސީޒަންސް ކުޑަހުރާގައެވެ. އެ ރިސޯޓުގައި އޭނާ މަސައްކަތް ކުރަނީ ލައިވް އާޓިސްޓެއްގެ ގޮތުގައެވެ. ކުރަހަނީ ބީޗު ކަހަލަ ތަންތަނުގައި ހުރެގެން، ގެސްޓުން ބޭނުންވާ މަންޒަރުތަކެކެވެ.

"މިއީ ވަރަށް ރަނގަޅު މަސައްކަތެއް. ކެރިގެން، ރަނގަޅު ގޮތުގައި ކުރަންޏާ ރަނގަޅު އާމްދަނީއެއް ލިބޭނެ."

ސިރޫ ބުނީ ފޯސީޒަންގެ ޕްރޮޖެކްޓް ވަރަށް އަވަހަށް ނިމުމުން އަނެއްކާ ވެސް އެހެން ރިސޯޓަކަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

ސިރޫ ވަނީ ދީނީ ތައުލީމު ހާސިލްކުރުމަށް ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދައުވާގައި އަށް އަހަރު ހޭދަކޮށްފައެވެ. ސައުދީގައި އުޅުނު ދުވަސްވަރު ވެސް އޭނާ ވަނީ ނާސަރީ އުމުރުފުރާގެ ކުދިންނަށް ތަފާތު ކްލާސްތައް ނަގައިދީ ގިނަ ކުދިންތަކަކަށް ކުރަހަން ދަސްކޮށްދީފައެވެ.

ސިރޫ ވަނީ މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު އއ. އުކުޅަހު ސްކޫލްގައި ކުރެހުމުގެ ތަމްރީނު ކްލާސްތަކެއް ވެސް ހިންގައިދީފައެވެ. ހިލޭސާބަހަށް ހިންގައިދިން ހަތަރު ދުވަހުގެ އެ ކްލާސްތަކުގައި 200 އެއްހާ ކުދިން ވަނީ ބައިވެރިވެފައެވެ.

"އުކުޅަހުގައި ބޭއްވި އާޓް ކްލާހަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ވަރަށް އުފާވި،" ސިރޫ ބުންޏެވެ. "ލޮކްޑައުނަށް އެ ރަށަށް ގޮސް ހުރެފައި އުކުޅަހު ސްކޫލާ ގުޅިގެން ކްލާސްތަކެއް ހިންގީ. އުކުޅަހަކީ ޓޫރިޒަމްގެ ރަށަކަށް ވާތީ ކުރެހުމުގެ ފަންނަކީ އެ ރަށަށް ވަރަށް ބޭނުންތެރި ކަމެއް. ވަރަށް ހުނަރުވެރި ކުދިން އެބަތިބި އުކުޅަހުގައި."

ސިރޫ ބުނީ އޭގެ ކުރިން އޭނާ ވަނީ އަމިއްލަ ރަށް، ވައިކަރަދޫގައި ވެސް ކުރެހުމުގެ ކްލާސްތަކެއް ހިންގައިފައި ކަމަށެވެ.

"ވަރަށް ޑިމާންޑް އޮންނަ ކަމެއް މިއީ. ވަރަށް ގިނަ ރަށްރަށަށް ދާން ދައުވަތު ލިބޭ،" ސިރޫ ބުންޏެވެ.

ގުދުރަތީ ތަފާތު މަންޒަރުތައް ސިރޫގެ ފިހިން ކުރަހައިލައިފައި ވަނީ ހިތަށް ވެސް ނުގެނެވޭހާ ހިތްގައިމުކޮށެވެ. ބަލައި ފޫހިނުވެއެވެ.

ރަށްފުށުގެ މިނިވަން ދިރިއުޅުމާއި އެއްގަމާއި ކަނޑުއަޑީގެ އެތައް މަންޒަރެއް ސިރޫ ވަނީ ކުރަހައިފައެވެ. ހުރިހައި ކުރެހުމެެއްހެން ހުރީ އެފް.ބީ އާއި އިންސްޓަގްރާމުގައި، ހުރިހައި ރައްޓެހިންނަށް ވެސް ފެންނާނެހެންނެވެ.

ސިރޫ ވަނީ 2012 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަދަލުތައް އަންނަން މެދުވެރިވި ސަބަބުތައް، ކުރެހުންތެރިއެއްގެ ނަޒަރުން ދައްކުވައިދޭ 60 ކުރެހުން ކުރަހައި، އެ ކުރެހުންތަކުގެ މައުރަޒެއް ވެސް ބާއްވައިފައެވެ.

"ވެރިކަން ބަދަލުވިގޮތް– ކުރެހުންތެރިއެއްގެ ފިހިން"، މައުރަޒު ރައީސް ވަހީދު ހުޅުއްވައިދެއްވަނީ. 27 އޮގަސްޓް 2012 -ފޮޓޯ: ރައީސް އޮފީސް

"ވެރިކަން ބަދަލުވިގޮތް– ކުރެހުންތެރިއެއްގެ ފިހިން"، މި ނަމުގައި އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި މައުރަޒު 27 އޮގަސްޓް 2012 ގައި ހުޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދެވެ.

"ވެރިކަން ބަދަލުވިގޮތް– ކުރެހުންތެރިއެއްގެ ފިހިން"، މައުރަޒުގެ ތެރެއިން… 27 އޮގަސްޓް 2012 -ފޮޓޯ: ރައީސް އޮފީސް

"އެއީ ބޮޑު ސްޓޯރީއެއްގެ ގޮތަށް ކުރަހައިފައި ހުންނާނީ. (ރައީސް ނަޝީދުގެ) ވެރިކަން ވެއްޓެން ދިމާވި ސަބަބުތައް ކަމަށް އަހަންނަށް ފެނުނު ގޮތް ކުރެހުމުން ސިފަކޮށްދިނީ. ގާތްގަނޑަކަށް ދޮޅު މަސް ތެރޭގައި ހުރިހާ ޕެއިންޓިންއެއް ހަދައިފައި އެއީ. އެއީ އަހަރެންގެ އެންމެ ކާމިޔާބު މިޝަންއަކީ،" ސިރޫ ބުންޏެވެ.

"ވެރިކަން ބަދަލުވިގޮތް– ކުރެހުންތެރިއެއްގެ ފިހިން"، މައުރަޒުގެ ތެރެއިން… 27 އޮގަސްޓް 2012

ސިރޫގެ އެ މައުރަޒު ބަލަން ވަރަށް ގިނަ ބަޔަކު ދިޔަ ކަމަށާއި ވަރަށް ގިނަ ބައެއްގެ ތަރުހީބު ވެސް ލިބުނު ކަމަށް ސިރޫ ބުނެއެވެ.

"ވެރިކަން ބަދަލުވިގޮތް– ކުރެހުންތެރިއެއްގެ ފިހިން"، މައުރަޒުގެ ތެރެއިން… 27 އޮގަސްޓް 2012

ސިރޫގެ މި ވާހަކަތައް މިހާ ހިސާބުން އިހަށް ކުރުކޮށްލަމާ ހިނގާށެވެ.

ސިރޭ އާޓްސްގެ ޝިރުހާން

ހދ. ވައިކަރަދޫ، މާޒީ، މުހައްމަދު ޝިރުހާން (ސިރޭ) އަކީ ކުޑައިރުއްސުރެ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. ކުރިން ހޮބީއެެއްގެ ގޮތުގައި ކުރެހި ނަމަވެސް ވަޒީފާއެއްގެ ގޮތުގައި ކުރެހުމުގެ މަސައްކަތް ކުރާތާ މިހާރު ހަތަރުފަސް އަހަރެއްވެއްޖެއެވެ. ސިރޭ ވަނީ އަންސާނާ އާއި ތާޖުގައި މަސައްކަތްކޮށްފައެވެ. މިހާރު އޭނާ މަސައްކަތްކުރަނީ ލީލީ ބީޗް ރިސޯޓުގެ ސުވެނިއަރ ޝޮޕްގައެވެ.

"ޝޮޕްގައި އިނދެގެން ވެސް ކުރާ ކަމަކީ ކުރެހުން. ރުކުގެ އެކި ކަހަލަ ބައިތަކުގަ އާއި ލަކުޑި އާއި މަގުގަ އާއި ކެންވަސްގައި ވެސް ކުރަހަން،" ލިލީ ބީޗު ރިސޯޓުގައި ހުރެގެން ވާހަކަ ދައްކަމުން ސިރޭ، 34، ބުންޏެވެ. "ހެނދުނު 9 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް ރޭގަނޑު އަށެއް ޖަހަންދެން ވެސް މަސައްކަތުގައި އުޅެން. ފޫހިވުމެއްނެތް."

 

View this post on Instagram

 

A post shared by sireyarts (@sireyarts)


ޗުއްޓީއަށް ރާއްޖެ ޒިޔާރަތްކުރާ ބައެއް ގެސްޓުން އެނބުރި ރަށަށް ދާއިރު، ހަނދާނަކަށްޓަކައި ނުވަތަ މީހުންނަށް ހަދިޔާއަކަށް ދިނުމަށްޓަކައި ރާއްޖޭގެ، ދިވެހިވަންތަ އުފެއްދުމެއް ގެންދަން ބޭނުންވެއެވެ. އެކަމަކު ބައެއް ފިހާރަތަކުން ވިއްކާ އެކަހަލަ ގިނަ ހަދިޔާތަކުގައި "މޯލްޑިވްސް" ޖަހައިފައި ހުއްޓަސް ހަގީގަތުގައި އެއީ ބޭރުގެ އުފެއްދުންތަކެވެ.

"ޝޮޕްގައި ހުންނަ އެކި ކަހަލަ ކުރެހުންތައް ފެނުމުން ބައެއް ގެސްޓުންނަށް ބޮޑަށް ހީވެފައި އޮންނަނީ އެއީ ބޭރު އެއްޗެހި ކަމަށް. އެކަމަކު ވަގުތުން ކުރަހާލަދިނީމަ ގަބޫލްކުރޭ."

"އެހެންވެ ލައިވްކޮށް ކުރަހަނީ މި. އެކި ކަހަލަ ކެޓަލޮގްތައް ހުންނާނެ. އެ މީހަކު ބޭނުން ކުރެހުމެއް ދެއްކީމާ ވަގުތުން ކުރަހާލަދެނީ،" ސިރޭ ކިޔައިދިނެވެ. "އެ މީހުން ވަރަށް އުފާވޭ ދިވެހިރާއްޖޭގެ އަސްލު ކުރެހުމެއް ގަނެގެން ދާން. އެހެންވެ އަބަދުވެސް އޮންނަނީ ކުރަހަން ޖެހިފައި. އަދި ބުނާނެ މޯލްޑިވްސް ޖަހައިފައި އަހަރެންގެ ނަން ވެސް ޖަހަން."

ގެސްޓުންނަށް ސިރޭ އާންމުކޮށް ކުރަހައިދެނީ ރާއްޖޭގެ ގުދުރަތީ މަންޒަރެވެ. ސިރޭގެ ޚާއްސަ ފަންނަކީ ވެސް އެއީ އެވެ.

"ބައެއް މީހުން ބޭނުންވެދާނެ ޝާކެއް ކުރަހަން ވެސް. އެހެންވެ ޝާކު ވެސް ކުރަހައިދެން."

ސިރޭ ބުނީ ރިސޯޓަށް އަންނަ ބައެއް ކުރެހުންތެރިން ވެސް، އޭނާއާއެކު ދިވެހިރާއްޖޭގެ މަންޒަރު ކުރަހަން ޝައުގުވެރިގެން، ކިތަންމެ ފަހަރަކު ކުރަހައިފައި ހުންނާނެ ކަމަށެވެ.

"އެމީހުން ދައްކާ ވާހަކައިން އެނގޭނެ އެއީ ކުރެހުންތެރިއެއްކަން. އެމީހުން ބުނީމަ ދެ މީހުންގެ އެކުގައި ބައެއް މަންޒަރުތައް ކުރަހައިފައި ފޮޓޯ ނަގައިފައި އިންސްޓަގްރާމަށް ލައިފައި ވެސް ހުންނާނެ،" ސިރޭ ކިޔައިދިނެވެ.

ސިރޭގެ ގިނަ ކުރެހުންތައް މިހާރު ހުރީ، ސުވެނިއަރގެ ގޮތުގައި ރާއްޖެއިން ބޭރަށް ގެންގޮސްފައި ކަމަށް ވިޔަސް، ރާއްޖޭގައި ވެސް އޭނާގެ ޚާއްސަ ކުރެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ހުޅުމާލޭގައި ދާދި ފަހުން ހުޅުވި "ބަދިގެ ރެސްޓޯރަންޓް"ގެ ހިތްގައިމު ފަރުމާއެވެ. ހުދު ކުލައިގައި އޮތް ތަނެއް، ގެދަބުޅި ޖަހައިފައިވާ، އިހުޒަމާނުގެ ބަދިގެއަކަށް ބަދަލުކޮށްލީ ސިރޭގެ ދޮޅު މަސް ދުވަހުގެ ބުރަ މަސައްކަތުންނެވެ.

"އެއީ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް. އަދި އެ ތަނުގެ ވެރިޔާ ޝެފް މޯޑު ވެސް ވަރަށް ހިތްހަމަޖެހުނު މަސައްކަތެއް،" ސިރޭ ބުންޏެވެ.

ގެދަބުޅި ބަދިގެއަކަށް "ބަދިގެ ރެސްޓޯރަންޓް" ބަދަލުކޮށްލަން ސިރޭ ބޭނުންކުރީ ކަޅު ކުލަ އާއި ކޮފީއެވެ.

ބަދިގޭގެ ފާރުގައި ހުރި ކުރެހުންތަކަކީ ވެސް ސިރޭގެ މަސައްކަތެވެ. އެ ކުރެހުންތަކުގައި ހުރީ އިހުޒުމާނުގައި ބަދިގޭގައި އާންމުކޮށް ބޭނުންކުރާ ނާޅި އާއި ހުނިގޮނޑި އާއި ތެއްޔާއި ސައިކުރާގެ ކުރެހުންތަކެވެ.

"ބަދިގެ ރެސްޓޯރަންޓް"ގެ އިތުރުން ސިރޭގެ މަސައްކަތް ފެންނަން ހުރި އަނެއް ތަނަކީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ހުޅުވަން ތައްޔާރުވެފައި ހުރި "ސޭންޑްވިޗް ރެސްޓޯރަންޓެ"ވެ. އެ ތަނުގައި ސިރޭ ކުރަހައިފައި ވަނީ ކުޑަދޮރަކުން ބޭރު ބަލައިލީމާ ފެންނަ، މޫދު ކުޅިވަރުގެ މަންޒަރެކެވެ.

"އެތާނގެ ބޮސް ބުނީ ކުޑަދޮރަކުން ފެންނަ ގޮތަށް ބީޗެއް ކުރަހާށޭ. އެހެންވެ އެގޮތަށް ކުރަހާލީ،" ސިރޭ ބުންޏެވެ.

އޭގެ އިތުރުން މާލޭގެ "ކޮފީ ކޯނަރު"ގައި ސިރޭގެ ފިހިން މާތަކެއް ވަނީ ކުރަހައިފައެވެ.

ސިރޭ ބުނިގޮތުގައި ކުރެހުމުގެ ފަންނަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ.

"ހިތްވަރާއެކު ކުރަން ކެރިއްޖެއްޔާ މިއީ ވަރަށް ރަނގަޅު މަސައްކަތެއް،" ސިރޭ ބުންޏެވެ.

ދެ ޝިރުހާނު ގިނަ ބަޔަކަށް އޮޅޭ

ކުރެހުމުގެ ފަންނުގައި ދެ ޝިރުހާނެއް އުޅޭތީ ބައެއް މީހުންނަށް އަބަދުވެސް އޮޅުން އަރައެވެ. އެކަކު ކުރަހާ އެއްޗެތި އެއީ އަނެކަކު ކުރަހާ އެއްޗެތި ކަމަށް ހީވެގެން ވެސް ބައެއް މީހުން އުޅެއެވެ.

އެއަށްވުރެ ވެސް މާ ހެއްވާ ކަމެއް ދިމާވީ ރިސޯޓެއްގެ ކުރެހުމާ ގުޅޭ ކަމެއްގައި އުޅުނު ފަހަރަކުއެވެ. ކަން ދިމާވި ގޮތުން އެފަހަރު އެއީ ދެ ޝިރުހާނެއް ވެސް ނޫނެވެ. ތިން ޝިރުހާނެވެ. (ތިން ވަނަ ޝިރުހާނަކީ ފުވައްމުލަކު ޝިރުހާނެކެވެ.)

ކުލައިގެ ބަދަލުގައި ކޮފީ ބޭނުންކޮށްގެން ސިރޫ ކުރަހައިފައިވާ ކުރެހުމެއް

"އަހަރެން ފޯނު ކުރީމަ ރިސޯޓުން ބުނީ މެއިލެއް ވެސް ފޮނުވާލަން. އެހެންވެ އަހަރެން މެއިލް ވެސް ކޮށްފިން. ދެން އެ ރަށަށް ދާންވެގެން ގުޅީމަ ބުނީ ދަތުރު ކެންސަލްކޮށްލައިފަނޫންހޭ އޮތީ. އަހަރެން ބުނިން ނުކުރަމޭ. އެންމެ ފަހުން އެރަށަށް ދިޔައިމަ މި އެނގުނީ ފޯނުކޮށްގެން މި އުޅުނީ އެއް ޝިރުހާނުކަން. މެއިލް ކުރީ އެހެން ޝިރުހާނެއްކަން. އެރަށަށް މިދިޔައީ އެހެން ޝިރުހާނެއްކަން،" ހެމުންހެމުން ސިރޫ ބުންޏެވެ.

"ކުރެހުމެެއް ވަރަށް ރީތިވެގެން މީހަކު ގުޅާފާނެ އަހަންނަށް. ރަނގަޅަށް ބަލައިލާއިރު އެއީ އަހަރެންގެ ކުރެހުމެއް ނޫން. ސިރޫގެ ކުރެހުމެއް،" ސިރޭ ބުންޏެވެ.

ސިރޭ ބުނީ ސިރޫއަކީ އޭނާ އަބަދުވެސް ނަމޫނާއަކަށް ބަލައި ކުރެހުންތެރިއެއް ކަމަށާއި ސިރޫ ކައިރިން ހުއްދަ ހޯދައިގެން، ސިރޫގެ ކުރެހުންތައް އަލުން އޭނާ ވެސް ކުރަހައިފައި ހުންނާނެ ކަމަށެވެ.

ސިރޭގެ ކުރެހުމެއް…

"އަހަންނަށް ވަރަށް އެހީތެރިވާ މީހެއް ސިރޫއަކީ،" ސިރޭ ބުންޏެވެ.

ސިރޫ ވެސް ބުނީ ސިރޭއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އެކި ކަހަލަ ކަންކަމުގައި އަބަދުވެސް އެހީތެރިވާ ކަމަށެވެ.

ސިރޫ އާއި ސިރޭ ބޮޑު ހުރާގައި ހިންގި އާޓް ޝޮޕު: ޝޮޕްގެ ބޭރުގައި ކުރެހީ ދެ މީހުން އެކުގައި

"ބޮޑު ހުރާގައި ކުރިން އަހަރުމެން އާޓް ޝޮޕެއް ހިންގިން. ސިރޭ އިންނާނީ އެ ޝޮޕްގައި. އަހަރުމެން ދެމީހުން ކުރަހައިފައި ހުންނާނެ އެ ޝޮޕްގައި،" ސިރޫ ބުންޏެވެ. "އެއީ މާ ގިނަ ދުވަހަކު ނޫން."

ސިރޭގެ ޚިޔާލީ ކުރެހުމެއް…

ވައިކަރަދޫ ދެ ކުރެހުންތެރިންގެ ނަން އެކަންޏެއް ނޫނެވެ. ކުރެހުންތައް ވެސް އެހާ ވައްތަރެވެ. އާދަޔާ ޚިލާފަށް ނަލަވެފައި ފުރިހަމައެވެ. އެ ކުރެހުންތައް ބަލައިލާ ހަމަ ކޮންމެ މީހަކު ވެސް އެކަމަށް ތައުރީފުކުރާނެއެވެ. ކުރިއަށް ދާށެވެ. އަހަރުމެން މިތިބީ ތަރުހީބުދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7911
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *