Support Us

އެމެރިކާއާއި އީރާނުގެ ގުޅުން: އެކުވެރިކަމުން ވާދަވެރިކަމަށް، ވާދަވެރިކަމުން ޢަދާވަތްތެރިކަމަށް! – 2

ދެން ކަންވެގެން ދިޔަ ގޮތް ބައްލަވާށެވެ. އީރާނުގެ ވެރިކަން ބަދަލުވިތާ އަހަރެއްވެސް ނުވަނީސް، 22 ސެޕްޓެމްބަރު 1980 ވަނަ ދުވަހު، ހުޅަނގުގެ ތާއީދާއެކު، ޚާއްޞަކޮށް، ގަލްފު ޤައުމުތަކުގެ ރަސްރަސްކަލުން އަޑީގައި ތިބެ، އިރާޤުގެ ރައީސް ޞައްދާމު ޙުސައިނަށް ހިތްވަރު ދެއްވައިގެން، އީރާނުގެ ތެޔޮ އުފައްދާ ސަރަޙައްދެއް ކަމުގައިވާ ޚުޒެސްތާނަށް ޙަމަލަދޭން ފެށިއެވެ. ބޭނުންވީ، އީރާނުގެ ވެރިކަން ބަދަލުވެ، ޤައުމަށް ހިންދެމިނުލެވިގެން އުޅެނިކޮށް، އިޤްތިޞާދީ ގޮތުން އީރާނު އިނދަޖައްސާލައި، އީރާނުގެ އިންޤިލާބު ފެއިލްކޮށްލުމެވެ. އޭރު، ހުޅަނގުގެ ގޮނޑިކޮއްކޮ ޝާހު ޕަހެލަވީ، ވެރިކަމުން ދުރުކުރުމާއި ގުޅިގެން، ހުޅަނގުގެ ޤައުމުތަކުގައިހުރި އީރާނުގެ ހުރިހާ ފައިސާއާއި އެހެންވެސް ހުރިހާ ހަރުމުދަލެއް ހުރީ އީރާނަށް ބޭނުންނުކުރެވޭނޭހެން ހިފަހައްޓާފަ (ފްރީޒް ކޮށްފަ) އެވެ.

އިރާޤުން އީރާނަށް ޙަމަލާދޭން ފެށުން ވެގެން ދިޔައީ، މުސްލިމުންގެ މުހިއްމު ޤައުމެއް ހަލާކުކޮށްލުމަށް، ޢާއްމުކޮށް މުޅި ހުޅަނގަށް، އަދި ޚާއްޞަކޮށް އެމެރިކާ އަށާއި އިސްރާޢީލަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. މި ފުރުޞަތުގެ ބޭނުން ހިފައި، މުސްލިމުންގެ ޢަދުއްވުން ދިޔައީ ޢަރަބިންގެ މަދަދާއެކު، އެއްކޮޅަކަށްވެސް ހަނގުރާމަ ކާމިޔާބު ނުވާނޭ ގޮތުގެ މަތިން ސިޔާސަތުތައް ބައްޓަންކުރަމުން، ފިޔަވަޅުތައް އަޅަމުންނެވެ. ހަނގުރާމަކުރަމުން ދިޔަ ދެ ޤައުމަށް ވެސް ފަނާކުރަނިވި ހަތިޔާރު ވިއްކަމުންނެވެ. މި ދެޤައުމަށް ހަތިޔާރު ވިއްކުމުގައި އެއްމެ އިސްކޮށް ތިބީ އެމެރިކާ، އިސްރާއީލް އަދި އިނގެރޭސީންނެވެ. މިއީ މި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުން އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި ވަނިކޮށެވެ.

ރޮނަލްޑް ރޭގަންގެ ދެވަނަ ދައުރުގައި، 20 އޯގަސްޓް 1985 – 04 މާރޗް 1987 އަށް، އެމެރިކާ ދިޔައީ، ނިކަރަގުއާގެ ސަރުކާރު ބަދަލުކޮށްލުމަށްޓަކައި، އެޤައުމުގެ ކޮންޓްރާ ބާޣީންނަށް އެހީވަމުންނެވެ. މިކަން ކުރަމުން ދިޔައީ، އީރާނަށް ވަގަށް ވިއްކި ހަތިޔާރުން ލިބުނު ފައިދާއިންނެވެ. އަނެއްކޮޅުން އިރާޤަށް ހަތިޔާރު ވިއްކަމުންދިޔައީ ގަލްފު ޢަރަބި ޤައުމުތަކުން ދެމުންދިޔަ ފައިސާއިންނެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފަށް، އެމެރިކާގެ ސަރުކާރުން ކުރަމުންދިޔަ، ހަތިޔާރު ވިއްކުމުގެ ވަގު ވިޔަފާރި ފަޅާއެރުމުން، ކޮންގްރެސްއިން އެ މައްސަލަ ތަޙުޤީޤުކުރަންފެށިއެވެ. މި ތަޙުޤީޤާއި ގުޅިގެން، އެކަމުގައި އުޅުނު އެމެރިކާގެ އިސް ބައެއް ބޭފުޅުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތެވެ.

މި މަސްއަލައާ ގުޅިގެން އިސްތިޢުފާދެއްވި ބޭފުޅުންގެ ތެރެއިން އެންމެ އިސް ބޭފުޅަކީ ކަރނަލް އޮލިވަރ ނޯތެވެ. ކަރނަލް އިސްތިޢުވާދެއްވާފައި ވަނީ 01 މެއި 1988 ގައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވައްނަތަކަން ދެކިވަޑައިގަންނަވާށެވެ. މިދެންނެވި ހުރިހާ ފަރާތްތަކެއްގެ މަދަދާއެކުވެސް، ދުނިޔޭގެ އެންމެން ހީކުރި ގޮތާއި ޚިލާފަށް، އީރާނު ބަލިކޮށެއް ނުލެވުނެވެ. އެމީހުންގެ ހިތްވަރާއި ޢަޒުމަށް ލޮޅުންއަރުވައެއްވެސް ނުލެވުނެވެ. ދެ އަހަރު ހަނގުރާމަ ކުރުމަށްފަހު، 1982 ގައި، އިރާޤުގެ ޞައްދާމު ޙުސައިންގެ އަމިއްލަފުޅު އިސްނެންގެވުމާއެކު، އިރާޤުންހިފި އީރާނުގެ ބިމުން ފައިބައި، ޞުލްޙަ ހުށަހެޅުއްވިއެވެެ. އެހެން ނަމަވެސް، އިމާމު ޚުމައިނީ އެހުށަހެޅުން ޤަބޫލުފުޅުނުކުރައްވައި، ރަށްދުކުރެއްވިއެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ދޭއްގެ ކުރީކޮޅު، އާޖެންޓީނާއިން ފޯކްލެންޑަށް އަރައި އެ ޖަޒީރާ ހިފިއެވެ. އާރޖެންޓިނާއިން ދަޢުވާކުރާ ގޮތުގައި އެ ޖަޒީރާތަކަކީ އެމީހުންގެ ޤައުމުގެ ބައެކެވެ. އިނގެރޭސީން ދަޢުވާކުރާގޮތުގައި އެ ޖަޒީރާތަކަކީ އެމީހުންގެ ޤައުމުގެ ބައެކެވެ. ދެފަރާތުގެ ޒުވާބު ހޫނުވެ، 02 އެޕްރީލް 1982 ގައި، އިނގެރޭސި ވިލާތުން އާރޖެންޓީނާ އާއި ދެކޮޅަށް، ހަނގުރާމަފެށިއެވެ. މި ހަނގުރާމަ 14 ޖޫން 1982 އަށް ދިގުދެމިގެން ދިއައެވެ. އެމެރިކާގެ މަދަދާއިއެކު، ހަނގުރާމަ ކާމިޔާބުކުރީ އިނގެރޭސިވިލާތުންނެވެ.

އެމެރިކާއަކީ ސައުތު އެމެރިކާ (ލެޓިން އެމެރިކާ)ގެ ޤައުމުތަކާއެކު ޤާއިމުކޮށްފައި އޮންނަ "އޯރގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސްގެ މެމްބަރު ޤައުމެކެވެ. އަދި ހަމަ އެހެންމެ، ދެކުނު އެމެރިކާގެ ޤައުމުތަކަށް ދިފާޢީ އެހީތެރިކަން ދިނުމާއި ބެހޭގޮތުން، މި ބައްރުގެ ޤައުމުތަކާއެކު އެކުލަވާލައިފައިވާ "އިންޓަރ – އެމެރިކަން ޓްރީޓީ އޮފް ރެސިޕްރޯކަލް އެސިސްޓަންސް" ނުވަތަ "ރިއޯ ޕެކްޓް"ގެ މެމްބަރެއްވެސް މެއެވެ. މީގެ އިތުރުން، އެމެރިކާއަކީ "ނޯތް އެޓްލާންޓިކް ޓްރީޓީ އޯރގަނައިޒޭޝަން" (ނޭޓޯގެ) މެމްބަރެއްވެސް މެއެވެ. އެހެން ކަމުން، ވަކި ކޮޅެއް ނުނަގާ އޮތުމުގެ ބަދަލުގައި، އަަވައްޓެރިޔާ ދޫކޮށް، ފޯލްކްލޭންޑް ހަނގުރާމައިގައި އެމެރިކާ ތާއިދުކުރީ އިނގެރޭސިވިލާތަށެވެ. މިއީ އެމެރިކާގެ ވަފާތެރިކަން ހުރި މިންވަރެވެ.

މިދެންނެވި ފޯކްލެންޑް ހަނގުރާމައަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނިކޮށް، ފުރުޞަތުގެ ބޭނުން ހިފައި، 06 ޖޫން 1982 ގައި، އިސްރާއީލުން ލެބަނަން އަށް އަރާ ހިންގި ޢުދުވާނާއި ގުޅިގެން، ލެބަނަންގައި ޤާއިމުވެ ހުންނެވި ފަލަސްޠީނުގެ ރައީސް ޔާސިރު ޢަރަފާތަށް، އެޤައުމުން ފައިބައި ވަޑައިގަތުމަށް ޖެހިވަޑައިގަތެވެ. ލެބަނަން އިން އެމަނިކުފާނު ވަޑައިގަތީ ތޫނިސްއަށެވެ. އިސްރާއީލުން ހިންގި މި ޢުދުވާނުގައި ލެބަނަންގެ 15،000 ހާއި 20،000 އާއި ދެމެދުގެ ޢަދަދަކަށް ޢާއްމުން މަރުވެގެން ދިއައެވެ.

އިސްރާއީލުން ހިންގި މިއުދުވާނާއި ގުޅިގެން، ޞުލްޙަ ޤާއިމުކުރުމުގެ ނަމުގައި އެމެރިކާ އާއި ފަރަންސޭސީންގެ ފައުޖުތައް ލެބަނަންއަށް އަރައި މަރުކަޒުކުރިއެވެ. ޙަޤީޤަތުގައި، ޞުލްޙަ ބެލެހެއްޓުމުގެ ބަދަލުގައި، މި ދެޤައުމުގެ ސިފައިންވެސް ދިޔައީ ޙިޒްބުﷲ ޖަމާޢަތާއި ދެކޮޅަށް، ލެބަނަންގައި އޮތް ނަޞޯރާއިންގެ ސަރުކާރަށާއި އިސްރާއީލަށް މަދަދުދެމުންނެވެ. މިކަމުގެ ނަތީޖާއަކަށްވީ، 23 އޮކްޓޯބަރު 1983 ގައި، ލެބެނަންގައި ޤާއިމުވެ ތިބި އެމެރިކާ އަދި ފަރަންސޭސި ވިލާތުގެ ފައުޖީންގެ މަރުކަޒުތަކަށް ވަރުގަދަ ބޮމުގެ ޙަމަލާތަކެއްދެވުމެވެ. ކައިރި ކައިރީގައި، ރޭވުންތެރިކަމާއެކު ދިން މި ދެޙަމަލާއިން ކުރެ، އެމެރިކާގެ ސިފައިންގެ މަރުކަޒަށް ދިން ޙަމަލާގައި 241 ސިފައިން މަރުވިއެވެ. އަދި ފަރަންސޭސި ސިފައިންގެ މަރުކަޒަށް ދިން ޙަމަލާގައި 58 ސިފައިން މަރުވިއެވެ. މި ޙަމަލާގައި ސިފައިންގެ އިތުރުން 6 މަދަނީން ވެސް މަރުވިއެވެ. މި ދެ ޙަމަލާދިން ދެމީހުންނާއެކު، ޖުމްލަ 301 މީހުން މަރުވިއެވެ. މީގެ އިތުރުން 75 މީހުން ޒަޚަމްވިއެވެ. އެއްމެ ޙަމަލާއަކުން އެހާގިނަ ޢަދަދެއްގެ ސިފައިން މަރުވުމާ ގުޅިގެން އެމެރިކާ ކެކިގަތެވެ. ކަމާއިބެހޭ ފަރާތްތަކުން ތަޙުޤީޤުތައް ފެށިއެވެ. އެމެރިކާއާއި ފަރަންސޭސި ވިލާތުން މިޙަމަލާ އެޅުވީ އީރާނާއި، ސީރިޔާ އަދި ޙިޒްބުﷲ ޖަމާޢަތުގެ ބޮލުގައެވެ.

މި ޙަމަލާއާއި ގުޅިގެން، އެމެރިކާގެ ރައީސަކަށް ހުންނެވި ރޮނަލްޑް ރޭގަން ފުރަތަމަވެސް ދެއްކެވީ ގޮތްދޫނުކުރެއްވުމާއި ހަރުކަށިކަމެވެ. ވިދާޅުވީ، އެހެެންދޭ ޙަމަލާއަކުން އެމެރިކާގެ ޢަޒުމު ގުޑުވާނުލެވޭނެކަމަށާއި، އެމެރިކާ ބިރުގަންނަވާ ނުލެވޭނެކަމަށެވެ. އެމެރިކާގެ މި ގޮތްދޫނުކުރުމުގެ ނަތީޖާއަކަށްވީ، ލެބެނަންގައި ތިބި އެމެރިކާގެ ސިޔާސީ އަދި އެހެނިހެން ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ސިލްސިލާ ޙަމަލާތައް ދޭން ފެށިގެން ދިއުމެވެ. މިގޮތުން ޙަމަލާދީ އަވަހާރަކޮށްލެވުނު އެއްް ބޭފުޅަކީ "އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު"ގެ ރައީސް، މެލްކަމް ކޭރު އެވެ. ކޭރު އަވަހާރަކޮށްލިތާ ހަތަރުމަސް ވީތަނާހެން، 1984 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި، ރައީސް ރޭގަން އަށް މަޖުބޫރުވެ ވަޑައިގަތީ ގޮތްދޫކުރައްވައި، ލެބަނަންގައި ތިބި އެމެރިކާގެ ސިފައިން ބާލާށެވެ.

ކޮންމެ އަކަސް، އަދާއި ހަމައަށްވެސް، މި ޙަމަލާތަކުގައި އީރާނާއި ސީރިޔާއިން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް އެމެރިކާއަށް އަދި ފަރަންސޭސި ވިލާތަށްވެސް ދެއްކިފައެއް ނެތެވެ. މިކަންކަން ލެބަނަންގައި ހިނގަމުން ދިޔައިރު، އީރާނާއި އިރާޤާއި ދެމެދު ކުރެވެމުންދިޔަ ހަނގުުރާމަ ހިނގަހިނގާ އޮތެވެ.

ލެބަނަންގައި އެމެރިކާއަށް ލިބުނު ލަދުވެތި ބައްޔަށް 5 އަހަރުވީތަނާއިހެން، 03 ޖުލައި 1988 ގައި، 290 މަދަނީންނާއި އެކު، އީރާނުގެ ބަނދަރު އައްބާސް އިން ފުރައިގެން ދުބާޢީއަށް ދަތުރުކުރަމުންދިޔަ އީރާން އެއަރ ފްލައިޓް 655، ނައްޓާލިތާ 7 މިނެޓުގެ ތެރޭ، ހޮރުމޫޒު ކަނޑުއޮޅި މަތިން، އީރާނުގެ ވައިގެ ސަރަޙައްްދުގެ ތެރޭގައި އޮއްވާ، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ވިންސަންސް"، އީރާނުގެ ކަނޑުގެ ސަރަޙައްދަށްވަދެ، އެއިން ފޮނުވާލި މިސައިލަކުން ވައްޓާލިއެވެ. މި ޢުދުވާނުގައި، އެ ބޯޓުން ދަތުރުކުރި އެންމެން ޝަޙީދުވިއެވެ.

ހެދުނު ގޯސް އިޙްސާސްކުރެވުމުން، މަނަވަރުގެ ކޮމާންޑިގ އޮފިސަރ، ކެޕްޓަން ވިލް ރޮޖާރސް އޭނާގެ ފަޅުވެރިންނަށް މެސެޖެެް ފޮނުވިއެވެ. އެ މެސެޖްގައި އޭނާ ބުނި، "ބޯޓް ވައްޓާލުމަށް އަހަރެންދިން އޯޑަރުގެ ބުރަ، މުޅި ޢުމުރަށްވެސް އަހުރެން އުފުލާނަމެވެ." މިބުނި ބުނުން އޭނަ ހަނދާންހުރީ އެންމެ ދެ އަހަރަށެވެ.

ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް އެމެރިކާއިން ފުރަތަމަ ބުނީ މަނަވަރާއި ދިމާއަށް އައި ހަނގުރާމަ މަތީ ބޯޓެއްކަމަށް ހީކުރެވިގެން އޮޅުމަކުން ވައްޓާލެވުނީ ކަމަށެވެ. މިއީ ކަނޑައެޅިގެން ދޮގެކެވެ. ބޮޑު އޮޅުވާލުމެކެވެ. މިއީ ކަނޑައެޅިގެން އެމެރިކާއިން ރާވައިގެން ހިންގި ޓެރަރިޒަމްގެ ޢަމަލެއްކަން، މިނިވަން ތަޙުޤީޤުތަކުން ހާމަވުމުންވެސް، އެމެރިކާއިން އެމެރިކާގެ "ނެރެޓިވް" ބަދަލެއް ނުކުރިއެވެ. ސެޕްޓެމްބަރު، 11، 2001 ގައި އެމެރިކާ ސަރުކާރުގެ ބޮޑުން ހިންގި ޓްވިންޓަވަރ ގޮއްވާލުމުގެ ޒިންމާ، މާދުރުގައި، އެކަމާއި އެއްވެސް ގުޅުމެއް ނެތް ބައެއްގެ ބޮލުގައި އެޅުވުމަށް ނެރުނު "ނެރެޓިވް" ވެސް ބަދަލުނުކުރި ފަދައިންނެވެ.

ކޮންމެއަކަސް، "ޔޫއެސްއެސް ވިންސަންސް" ފަދަ އެމެރިކާގެ އެންމެ ޒަމާނީ ހަނގުރާމައިގެ މަނަވަރަކަށް، އެއަރބަސް A300 ފަދަ މަދަނީ ބޮޑު ބޯޓަކާއި، އަޑަށްވުރެ ބާރަށް ދަތުރުކުރާ ކުޑަކުޑަ ހަނގުރާމަމަތީ ބޯޓެއް އޮޅުނު ވާހަކަ އަކީ ދުނިޔޭން ޤަބޫލުކުރި ވާހަކައެެއް ނޫނެވެ. އެހެން ނަމަވެސް، ދުނިޔޭގެ މަދު ޤައުމަކުން ނޫނީ އެމެރިކާގެ މި ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށްލަންވެސް ނުކެރުނެވެ. މިވަރުގެ ޢުދުވާނެއް ހިންގުމަށްފަހު، މަޢާފަށްވެސް އެދުމެއްނެތި، އެމެރިކާއިން ދެންކުރީ އަދި އެއަށްވުރެވެސް ޙަޔާތްްކުޑަ، ހުތުރު ކަމެކެވެ. "ޔޫއެސްއެސް ވިންސަންސް"ގެ ކޮމާންޑިގ އޮފިސަރ، ކެޕްޓަން ވިލް ރޮޖާރސް އަށް ހިތްވަރުގަދަ ކަމުގެ ޝަރަފުވެރި ނޭވީ މެޑަލް ދިނީއެވެ. ބޯޓު ގޮއްވާލިދުވަހު، ވިލް ރޮޖާރސް ބުނި ބުނުން ހަނދާން ނައްތާލައި، އެ އެވޯރޑް އޭނަ ޤަބޫލުވެސް ކުރީއެވެ.

މިކަން ވެގެން ދިޔައީ އީރާނުގެ ހަށިގަޑުގައި ނުހިކި އިން ރޯފާރުގަނޑުމައްޗަށް އޮއްސާލި ލޮނު ޖާޑީއަކަށެވެ. މި ޓެރަރިސްޓް ޙަމަލާއާއި، މި ޙަމަލާއާ ގުޅިގެން އެމެރިކާއިން ކަންކުރިގޮތަށް ދުނިޔެ ދިން ފިނި ސަމާލުކަން ދެކިވަޑައިގެން، އެ އަހަރު (1988) ގެ ފަހުކޮޅު، އދ މެދުވެރިވެގެން ހުށަހެޅި ޞުލްޙަނާމާ އިމާމު ޚުމައިނީ ޤަބޫލުކުރައްވައި، ހަނގުރާމަ ނިމުމަކަށް ގެންނެވިއެވެ. މި ހަނގުރާމައިގައި، އީރާނުގެ އެތައް ހާސް ޒުވާނުން ޝަހީދުވެގެން ދިއައެވެ. މި ހަނގުރާމައިގައި، ފްރޮންޓްލައިންގައި ހަނގުރާމަކުރި އީރާނުގެ ޒުވާން ކިޔަވާކުދިންގެ ތެރެއިން ބެލްޖިއަމްގެ ޔުނިވަރސިޓީ އޮފް ބްރަސަލްސްގައި ޕީއެޗްޑީ ހަދަމުން ދިޔަ ކުދިންނާއި އަހުރެންނާއި ބައްދަލުވިއެވެ. އޭރު، 1991 – 1993 އަށް، އަހުރެން ދިޔައީ ހަމަ އެ ޔުނިވަރސިޓީގައި މާސްޓަރސް އަށް ކިޔަވަމުންނެވެ. އޭގެ ދެކުދިންނާއެކު، އެއް އެޕާޓްމަންޓުގައި، 18 މަސް ވަންދެން އަހުރެން އުޅުނީމެވެ. އެއީ އިންޑަސްޓްރިއަލް ޓްރޭނިންގ ހަދަން އަހުރެން ޑެންމާކަށް ފުރަންދެނެވެ. އަހުރެންނާއި އެކު އުޅުނު، އަދި އެކުދިންގެ ފަރާތުން ބައްދަލުވި އެހެން ކުދިންގެ ހިތްހެޔޮ ކަމާއި، އޯގާތެރޮިކަމާއި، އިޙްސާންތެރިކަމާއި، އެކުދިންގެ ހުރި ދީނީ ރޫޙާއި، ޤައުމީ ޖޯޝާއި، ހިތްވަރު ފެނި އަހުރެން އަންތަރީސްވިއެވެ. އެ ހުރިހާ ކުދިންނަކީ އީރާނުގެ ސަރުކާރުގެ ޚަރަދުގައި ޕީއެޗްޑީ ހަދަން ފޮނުވާފައި ތިބި ކުދިންނެވެ. އަހަރެމެން، އަހަރެމެންގެ ޚިދުމަތްތެރިންނާ މެދު ކަންކުރަމުން މިދަނީ ކިހިނަކުންހެއްޔެވެ؟ ވިސްނާލަ ބައްލަވާށެވެ!

ކޮންމެއަކަސް، ދޮގު ބުހުތާނުތައް އުފަންކޮށްގެން، އެމައްޗަށް ބިނާކޮށް، މިނިވަން ޤައުމުތަކާއި ދެކޮޅަށް ޢުދުވާނު ހިންގުމަކީ ބޮޑެތިޤައުމުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް، އައުކަމެއް ނޫނެވެ. މީގެ 4 މިސާލެއް ދަންނަވާލާނަމެވެ.

  • 01 ނޮވެމްބަރު 1955 – 30 އެޕްރީލް 1975 އަށް ވިއެޓްނާމާއި ދެކޮޅަށް އެމެރިކާއިން ހިންގި ޢުދުވާން؛
  • 24 ޑިސެމްބަރު 1979 – 15 ފެބްރުއަރީ 1989 އަށް އަފްޣާނިސްތާނާ ދެކޮޅަށް ސޯވިއެޓް ޔޫނިއަނުން ހިންގި ޢުދުވާން؛
  • އަލްޤައިދާ އާއި ދެކޮޅަށް ކަމަށް ބުނެ، 07 އޮކްޓޯބަރު 2001 ގައި އެމެރިކާ އިސްވެ އޮވެ، އެމެރިކާގެ ބައިވެރިންނާއި އެކު އަފްޣާނިސްތާނާއި ދެކޮޅަށް ހިންގި ޢުދުވާނުން؛
  • 20 މާރޗް 2003 – 15 ޑިސެމްބަރު 2011 އަށް އެމެރިކާ އިސްވެ އޮވެ، އެމެރިކާގެ ބައިވެރިންނާއި އެކު އިރާޤާއި ދެކޮޅަށް ހިންގި ޢުދުވާން.

މި ޢުދުވާނުތަކުން އެމެރިކާ އަށާއި ހުޅަނގަށް ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ، ކިތައްމެ ބާރެއް އަތުގައި އޮތަސް، ރަށުމީދާ ރަށަށް ގަދަވާނޭ ކަމެވެ. މިދެންނެވި އަނިޔާވެރި، ގެއްލުން ބޮޑު ހަނގުރާމަތަކުން ދަސްވި ދެވަނަ ފިލާވަޅަކީ، ކިތައްމެ ބާރުގަދަ ޤައުމެއް ނަމަވެސް، ބޭރު ޤައުމަކަށް އަރާ، އެޤައުމެއްގެ ރައްޔިތުންނާ ދެކޮޅަށް ޙަރަކާތްތެރިވާން ފަށައިފިނަމަ، އަދި އެމީހުންގެ ނުރުހުމުގައި، އުދުވާން ހިންގަން ތިބެެއްޖެ ނަމަ، ރައްޔިތުން ކުޅިބަލަން ނުތިބޭނެކަމެވެ.

މިއިން ކޮންމެ ޢުދުވާނަކާއި ގުޅިގެންވެސް، ޢަދާވާތްތެރިންނަށް އެމީހުންގެ ލަޝްކަރުތައް ބާލަންޖެހިފައިވަނީ، މަރުވަމުން، އަދި އަނިޔާވަމުން ދިޔަ މީހުންގެ އަދަދު ގިނަކަމުންނާއި ޚަރަދުގެ ބޮޑުކަމުން، އެ ޤައުމުތަކުގެ އެތެރެއިން ކުރިމަތިވެގެން ދިޔަ ފިއްތުންތަކުގެ ސަބަބުންނެވެ. މިގޮތުން، 17 އަހަރާއި 9 މަހަށް ދެމިގެންދިޔަ ވިއެޓްނާމް ހަނގުރާމަ އަށް، 1975 ގެ އަގުން 168 ބިލިއަން (2019 ގެ އަގުން 844 ބިލިއަން) ޑޮލަރު ޚަރަދުވިއެވެ. މަރުވި މީހުންނަށް ބަލާއިރު، 58،220 އެމެރިކާ ސިފައިންނާއި، 2 މިލިއަން ވިއެޓްނާމްގެ ޢާއްމުންނާއި، 1.1 މިލިއަން ވިއެޓްނާމް ސިފައިން މަރުވިއެވެ. މީގެ އިތުރުން، މި ހަނގުރާމައިގައި އެމެރިކާއިން ބޭނުން ކުރަމުންދިޔަ، ބައިނަލް އަޤްވާމީ މުޢާހަދާތަކުން މަނާކޮށްފައިވާ ވިހަ ކެމިކަލް ހަތިޔާރުގެ ސަބަބުން މިއަދާއި ހަމައަށްވެސް، ނުކުޅެދޭ ކުދިން އުފަންވަމުން އެބަދެއެވެ.

ގާތްގަނޑަކަށް އަށް އަހަރަށް ދެމިގެންދިޔަ ސޯވިއެޓް ޔޫނިއަން– އަފްޣާނިސްތާނު ހަނގުރާމައަށް ޚަރަދުވި ވަރެއް އަންދާޛާކުރަން ނުވެސް އެނގެއެވެ. އެހެނީ، އަފްޣާނިސްތާނުގެ މުޖާހިދީންނަށް އެމެރިކާ، ޕާކިސްތާނު، އީރާނު، ސަޢުދި އެރޭބިއާ، ޗައިނާ އަދި އިނގެރޭސިވިލާތުން ޚަރަދުކޮށްފައިވާތީއެވެ. އެކި އެކި ދިރާސާ ރިޕޯރޓްތައް ބުނާ ގޮތުން، މި ހަނގުރާމައަށް ސޯވިއެޓް ޔޫނިއަން އިން ކުރި ޚަރަދު 15 ބިލިއަން ރޫބަލްސް އަށްވުރެ ބޮޑުވާނެއެވެ. މަރުވި މީހުނަށް ބަލާއިރު، 542،000 ސިފައިންނާއި، ދެ މިލިއަން ޢާއްމު ރައްޔިތުން މަރުވިއެވެ.

އަފްޣާނިސްތާނާއި ދެކޮޅަށް، 18 އަހަރުވަންދެން އެމެރިކާއިން ހިންގި ޢުދުވާނަށް 2 ޓްރިލިއަން ޑޮލަރު ޚަރަދުވެފައިވެއެވެ. މި ހުރިކާ ޚަރަދެއް ކޮށްގެން ކުރި ހަނގުރާމައިގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މި ހަނގުރާމައިގައި 2،400 އެމެރިކާ ސިފައިންނާއި 38،000 އަފްޣާނިސްތާނުގެ ޢާއްމުން ނިޔާވެފައި ވެއެވެ. މިއަދުވެސް، އަފްޣާނިސްތާނުގެ ބޮޑުބައި ކޮންޓްރޯލްކުރަނީ ޠޯލިބާނުންނެވެ. އެމީހުންގެ ބާރު ހައްތަހާ ދަނީ ގަދަވމުންނެވެ. އޯޕިއަމް އުފައްދާ މިންވަރު ވަނީ 4 ގުނައަށް އިތުރުވެފައެވެ. މީގެ ބޮޑުބައި އެތެރެވަނީ އެމެރިކާ އަށެވެ. އަފްޣާނިސްތާނުގެ ރައްޔިތުންނަށް ލިބުނު ޑިމޮކްރަސީއެއް، ހެޔޮވެރިކަމެއް، އަމާންކަމެއް ނެތެވެ. އާބާދީގެ ބޮޑުބައި ދިރިއުޅެމުން ދަނީ ވަރަށް ފަޤީރު، ނިކަމެތި ޙާލުގައެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *