Support Us

ކުޑަކުޑަ ފަރުހީންގެ ސުވާލެއް: މަންމާ ކޮންއިރަކުން އަހަރެން ބޮޑުވާނީ؟

ލ. ފޮނަދޫ، ބަޝީރީހިޔާ، މުހައްމަދު ރަޝީދާއި އޭނާގެ އަންހެނުން ނަސްވާ އަބުދުލްމަޖީދުގެ ދަރިފުޅު މަރްޔަމް ފަރުހީނަކީ ވަރަށް ހިތްދަތި، ވޭނީ ދިރިއުޅުމެއްގައި އުޅެންޖެހިފައިވާ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ހެދިބޮޑުވުމުގެ މައްސަލަ ހުންނަ ފަރުހީން ބަލާބެލުމަށް ހީވަނީ ހަތަރު ވަރަކަށް އަހަރު ކުއްޖެއްހެންނެވެ.

"އަދިވެސް" އަށް މައުލޫމާތު ދެމުން ނަސްވާ ބުނީ ފަރުހީންގެ އުމުރުން 12 އަހަރުވަންދެން ދުވާލަކު އެއްފަހަރު އިންޖެކްޝަން ޖަހަން ޖެހިފައިވާ ކަމަށެވެ.

"މި އިންޖެކްޝަނަކީ ރާއްޖެއިން ލިބެން ހުންނަ އިންޖެކްޝަނެއް ނޫން. އިންޖެކްޝަނަކަށް 3400 ރުފިޔާ ހަރަދުވޭ. އިންޖެކްޝަނަކުން ފަސް ދުވަހަށް ބޭނުންކުރެވޭނެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ދަސްކޮށްދިން ގޮތަށް ކޮންމެ ރެއަކު ފަރުހީންގެ ފަލަމަސްގަނޑަށް މި އިންޖެކްޝަން ޖަހަނީ އަޅުގަނޑު އަމިއްލައަށް. އަދި ކޮންމެ ރެއަކު ނަފްސާނީ ބައްޔަށް ބޭސްދީގެން ފަރުހީން ނިންދަވަނީވެސް،" ފަރުހީނާއި އާއިލާއާއެކު ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާ ބުންޏެވެ.

ފަރުހީންގެ އުމުރުން 8 މަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިރިއުޅެމުންދަނީ ވަރަށް ބަލިކޮށެވެ. ކޮންމެ މަހަކު އެއްފަހަރު މާލެ އައިސް ޓެސްޓްތަކެއް ހަދައި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަންޖެހޭ ކަމަށާއި، އެހެންނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މާލެ ނާދެވި ގިނަ ދުވަސްތަކެއް ވޭތުވަމުންދާ ކަމަށް ނަސްވާ ބުނެއެވެ. ގިނައިރު ހިނގާފައި ނުއުޅެވުމާއި، ވަރުބަލިވުމުގެ އިތުރަށް ކާން ބޭނުންވާ ވަރަށް ނުކެވުމުގެ އިތުރުން، އަތާއި ފައިގައި ރިއްސުންވެސް އެއީ ފަރުހީން ތަހައްމަލްކުރަމުންދާ އުނދަގޫތަކެއް ކަމަށް ނަސްވާ ފާހަގަކުރެއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ހާލުގައި އުޅޭ ބައެއް. ހަތަރު ކޮޓަރި ހުންނަ މިގޭގައި ދިރި އެބައުޅޭ ފަރުހީން އާއި އެއްބަފާ ތިން ފިރިހެން ކުދިން. ފަރުހީން އާއި އެއްބަނޑު ދެ ފިރިހެންކުދިން. އަދި ފަރުހީންގެ އިތުރުން ފަރުހީން އެއްބަނޑު އެއްބަފާ ކޮއްކޮ އަދި އަޅުގަނޑުގެ މަންމަ އާއި މަންމަގެ 18 އަހަރު ނުފުރޭ ދަރިފުޅު. އަޅުގަނޑުގެ ކޮއްކޮ އާއި ކޮއްކޮގެ ދެ ކުދިން. އަޅުގަނޑުމެންގެ ދެމަފިރިން. މިތަން ހީވަނީ ކޮތަރު ކޮއްޓެއްހެން. މިހުރިހާ އެއްމެންގެ ހަރަދުތައް ބަލަހައްޓަނީ ފިރިމީހާ ވަޒީފާ އަދާކޮށްގެން ލިބޭ ދިހަހާސް ރުފިޔާއިންނާއި އަޅުގަނޑުމެން ޖޫސްޕެޓީއާއި ފަރުމަސް ފަދަ އެއްޗެހި ވިއްކައިގެން ލިބޭ ރުފިޔާއިން. އަދި މާލޭގެ ކުންފުންޏަކުން ފޮނުވާ ފޯއް އެއްޗެހިވެސް އަޅުގަނޑު ވިއްކަދެން، އަޅުގަނޑަށް ކުޑަ ޕަސެންޓެއް ލިބޭގޮތަށް. އަޅުގަނޑު ބައްޕަވެސް ވަނީ މަރުވެފައި. އަދި ފިރިމީހާގެ ދޮށީ ތިން ދަރިފުޅުގެ މަންމަވެސް ވަނީ މަރުވެފަ. އެންމެން ބެލުމަކީ އަޅުގަނޑާއި ފިރިމީހާގެ ކޮޑުގައި އެޅިފައިވާ ޒިންމާއެއް،" ނަސްވާގެ ހިތްދަތި ދިރިއުޅުން ހިތާމަޔާއެކު ފާހަގަކުރިއެވެ.

ފަރުހީންގެ އެއްބަނޑު އެއްބަފާ އުމުރުން އެންމެ 18 މަހުގެ ކޮއްކޮ ނައުޝީނަކީ ވެސް ކޮންމެ މަހަކު ލޭއަޅަންޖެހޭ ކުއްޖެކެވެ. އާއިލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭތޯ މަސައްކަތްކުރަމުން އަންނަ ނަސްވާ ފާހަގަކުރި ގޮތުގައި އަހަރަކު ދެފަހަރު އިންޑިއާއަށް ގެންގޮސްގެން ފަރުވާދޭންޖެހޭ ފަރުހީން އަށް ބޭސްފަރުވާ ކުރުމުގެ ތަނަވަސްކަމެއް އެ އާއިލާގެ ނެތެވެ.

"ކޮންމެ 6 މަހަކުން އިންޑިއާއަށް ގޮސް ފަރުހީންގެ ހާލަތު ބެލުމަށްފަހު އިންޖެކްޝަން ބަދަލުކުރަންޖެހޭ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޖަހަމުން އަންނަ އިންޖެކްޝަން ކުރިން ގަންނަން ލިބުނީ ކިމްސް ހޮސްޕިޓަލުން. އަޅުގަނޑުމެން ބެލިން ލ. ގަމުގައި ހުންނަ އެސްޓީއޯ ފާމަސީ މެދުވެރިކޮށް އިންޖެކްޝަން ލިބޭތޯ. އެކަމަކު ލިބުނީ 10 ދުވަހަށް ވާވަރަށް. ގަމު ފާމަސީގައި އެދިގެން މަސައްކަތްކުރާތާ ފަސް މަސް ވީއިރުވެސް އިތުރަށް ނުލިބުނު. އެ ބްރޭންޑް ނުލިބޭ ކަމަށް ފާމަސީން ބުނަނީ. މާލޭގެ ހެންވޭރުގަ ހުންނަ ފާމަސީންވެސް ބުނީ އެ ބްރޭންޑްގެ އިންޖެކްޝަން ނުލިބޭ ކަމަށް. މިހާރު ބާކީ ހުރީ 9 ދުވަހަށް ވާވަރަށް އިންޖެކްޝަން. މި މަސައްކަތްކުރަނީ އިންޖެކްޝަން ހުސްވުމުގެ ކުރިން އިންޑިއާއަށް ދެވޭތޯ."

ފަރުހީންގެ އާއިލާއިން 'އަދިވެސް’އާ ހިއްސާކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުގެ ލިޔުމުން ފެންނަން ހުރިގޮތުގައި 'ގްރޯތް ހޯމޯން އިންޖެކްޝަން' 24 އިންޖެކްޝަން ގަތުމަށް 81،600 ރުފިޔާ ހޭދަވާނެއެވެ. އެއީ އިންޖެކްޝަނަކަށް 3400 ރުފިޔާއެވެ. ފަރުހީން އާއިލާ އިންޑިއާއަށް ދިއުމުގެ ހަރަދު އެއްފަހަރު އާސަންދައިން ހަމަޖެހުނުއިރު، އަނެއް ދެފަހަރު ދިޔައީ އެކި މީހުން އަތުން ލޯނު ނަގައިގެންނާއި ލިބުނު އެހީން ކަމަށް ނަސްވާ ބުންޏެވެ.

"ފަރުހީނަށް ބޭނުންވާ އިންޖެކްޝަން އާސަންދައިން ހޯދަން އެދުމުން އެންސްޕާ މެދުވެރިކޮށް ލިބޭނެ ކަމަށް ބުނަނީ. އެކަމަކު ފާމަސީތަކުން ލިބެން ނެތޭ ބުނާއެއްޗެއް ކިހިނެއްތޯ ގަނެފަ އެންސްޕާއަށް ބިލް ކުރާނީ. އިންޑިއާއަށް ގޮސްފައި ކިމްސް ހޮސްޕިޓަލް މެދުވެރިކޮށް އިންޖެކްޝަން ހޯދުން ނޫންގޮތެއް ނެތް. ރަަނގަޅަށް ނުނިދި ފަރުހީން އެރޯ ރުއިން ބަލަން ހުރުމަކީ ވަރަށް ދެރަވާ ކަމެއް."

ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ކުޑަކުޑަ ފަރުހީން އާއި ފޯނުން ވާހަކަ ދައްކާލީމެވެ. އެންމެ ފުރަތަމަވެސް ބުނީ "ކޮއްކޮ ވަރަށް ދެރަވޭ ބޭސްފަރުވާއަށް މަންމަ ސަލާން ޖަހާތީ،" މިގޮތަށެވެ. ބޮޑުވެގެން ނަރުހަކަށްވާން ބޭނުންވާ ފަރުހީން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަންމައާ ކުރަމުންދާ ޝަކުވާތައް ނަސްވާ ހިއްސާކުރިއެވެ.

"މަންމާ ފަރުހީން އަޅެ ބޮޑުވާނެތަ؟ މަންމައަށް ލިބޭނެތަ އެހާގިނަ އިންޖެކްޝަން ގަންނަން ރުފިޔާ؟ އަބަދު ފަރުހީން ނިދަންޖެހޭނީ ބޭސްކައިގެން އިންޖެކްޝަން ޖަހައިގެންތަ؟ ދަރިފުޅަށް ވިސްނައިދެން މިއީ މަންމައާ ހަވާލުވެފައިވާ އަމާނާތެއްކަން،" ނަސްވާ ރޮމުން ހިތުގެ އުދާސްތައް ހިއްސާކުރިއެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލްގެ ލަފައާ އެއްގޮތަށް ނަސްވާގެ އާއިލާއިން ދަނީ ވީހާވެސް އަވަހަކަށް ފަރުހީން ގޮވައިގެން އިންޑިއާ އަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ކޮވިޑްގެ މިހާލަތުގައި އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުން އެއީވެސް އާއިލާގެ ކަންބޮޑުވުމެކެވެ. ނަސްވާގެ އާއިލާއިން އެދެނީ ފަރުހީންއަށް ބޭނުންވާ ބޭސްފަރުވާއަށް ދީލަތިއެހީއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
15
ޚިޔާލު ފާޅުކުރައްވާ!

One Response

  1. No offense but ehaa bali kujjrh govaigen ehaa dhathi haaluga ulhey iru ehen kujjeh hoadhee keeve. We do have other ways to prevent unplanned pregnancies also. Dhemafirin carriers veema nuntho ley alhaa kujjeh libeynee ves. Heyonuvaane emmenves engi thibe dharinnah mifadha aniyaa nudhee. Faruheen ge bali ei
    meehegge baaruga oiy kameh noon. Veema dhenves kuriyah oiy thanah visnavaa. Emmenves eheevelavvaa. Faruheen ge bayyah avas shifa akah edhen.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *