Support Us

ސައުދުﷲ ހިލްމީ: ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާގެ ހިދުމަތްތެރިއެއް -ފޮޓޯ: ސައުދު/އެފް.ބީ

ސައުދު: އަދިވެސް ސިޔާސީ ދާއިރާއިން ފެނިދާނެބާ؟

ސައުދުﷲ ހިލްމީ އެންމެ ބޮޑަށް މަޝްހޫރުވެފައިވާނީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއްގެ ގޮތުގައެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑީގައި އިންނަވައި، އޭނާ ވަނީ ފަސް އަހަރު ވަންދެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައިފައެވެ. ގދ. ތިނަދުއަށް އުފަން، އުމުރުން 53 އަހަރުގެ ސައުދު، މަޖިލިސްގެ ގޮނޑި 2014 ވަނަ އަހަރު ކާމިޔާބު ކުރެއްވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް 2019 ގައި އެ ގޮނޑި ދިފާއުކުރެއްވޭ ގޮތެއް ނުވިއެވެ.

"އަދިވެސް"ގެ ޒީނާއަށް ސައުދު އިންޓަވިއުދެއްވަނީ

ސީޔާސީ ބޭފުޅެއްގެ އިތުރުން ސައުދަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ. ވިޔަފާރީގައި އޭނާގެ ދާއިރާއަކީ ކޮންސްޓްރަކްޝަން އެވެ. އެ ދާއިރާގައި ސައުދު މަސައްކަތް ކުރައްވާތާ މިހާރު މި ވަނީ 30 އަހަރުވެފައެވެ. މިހާރު ސައުދަކީ މަޝްހޫރު ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ.

ސަރުކާރުގެ ތަފާތު އޮފީސްތަކުގައި ހައެއްކަ އަހަރު އުޅުއްވުމަށްފަހު، 1989 ވަނަ އަހަރުން ފެށިގެން ސައުދު ދެމިހުންނެވީ ކޮންސްޓްރަކްޝަން ދާއިރާގައެވެ.

"ސަރުކާރުން ވަކިވުމަށްފަހު ފުރަތަމަ އަޅުގަނޑު މަސައްކަތްކުރީ މި ދާއިރާގެ އެހެން ކުންފުންޏެއްގައި. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އުފެދުނީ 1992 ވަނަ އަހަރު. އަޅުގަނޑު މި ކުންފުންޏާ ގުޅެންދެން ކުންފުނި ހިންގަމުން އައީ ތިނަދޫގައި. އެ ކުންފުނި މާލެއަށް ބަދަލުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ފުޅާ ދާއިރާގައި ކުރަން ފެށީ. ޚާއްސަކޮށް ސަރުކާރުގެ މަޝްރޫއުތަކުގެ މަސައްކަތް ކުރަނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް މިސްކިތާއި ސްކޫލްތަކާއި އޮފީސްތައް އަޅުގަނޑުމެން ހުންނާނީ ހަދައިފައި،" ސައުދު ވިދާޅުވިއެވެ.

ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން މިހާތަނަށް ކުރި އެންމެ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގައި ހުންނަ އެމް.ޑަބްލިއު.އެސް.ސީ ފެސިލިޓީ ބިލްޑިންގ އާއި ހުޅުލޭގައި ހުރި މެޓް ބިލްޑިންގެ އިތުރުން ވެސް ތަފާތު އެތައް އެތައް މަސައްކަތެއް ހިމެނެއެވެ. ކޮންސްޓްރަކްޝަން ދާއިރާއިގައި ސްވިފްޓް އިންޖިނިއަރިންގ ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގައުމީ އިނާމް 2010 ގައި އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

އެ ކުންފުނިން މިހާރުވެސް ދަނީ އުތުރާއި ދެކުނުގައި ތަފާތު ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

"މި ކުންފުނި ވަރަށް ބާރަށް ކުރިއަށް އެބަދޭ. މިހާރު ވެސް ހދ. ނޮޅިވަރަމާއި ޅ. ނައިފަރާއި އދ. މަހިބަދޫއާއި މ. ކޮޅުފުއްޓާއި ލ. މާވަށާއި ގއ. ގެމަނަފުށީގައި ސްކޫލެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ސައުދު ވިދާޅުވިއެވެ.

ސައުދު ފާހަގަކުރެއްވި ގޮތުގައި 28 އަހަރުވީ މި ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ބޭރުން މީހުން ނުގެނެވޭ މައްސަލައެވެ. ޚާއްސަ ގޮތެއްގައި ބަނގްލަދޭޝްއިން މީހުން ނުގެނެވޭ މައްސަލަ ފާހަގަކުރެއްވި އެވެ. ކޮވިޑްގެ މިހާލަތުގައިވެސް އެންމެ ރަނގަޅަށް މަސައްކަތްކުރި ތިިން ކޮންޓްރެކްޓަރުންގެ ތެރޭގައި ހިމެނިގެން އެކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރެއްވި ކަމަށް ސައުދު ވިދާޅުވިއެވެ.

"ކުންފުނީގެ މުވައްޒަފުން ފިޔަވާ އެހެން ބަޔަކު ލައްވާ މަސައްކަތެއް ނުކުރަން. ދާއިމީ މީހުން 90 އަށްވުރެ ގިނަ މީހުން އެބަތިބި. ކުރިން 300 އެއްހާ މީހުން ގެންގުޅުނިން. ނިމިގެންދިޔަ ސަރުކާރުގައި އަޅުގަނޑުމެންނަށް ލިބިފައި ހުރި ހަ ޕްރޮޖެކްޓެއް ޓާމިނޭޓްކުރީ އެ ސަރުކާރުން. އެހެންވެ ބައެއް މީހުން ޤައުމަށް ފޮނުވާފަ އަލުން މީހުން ނުގެނެވިގެން އުޅެނިކޮށް ކޮވިޑް ކަންތައް ދިމާވީ،" ސައުދު ވިދާޅުވިއެވެ. "ސަރުކާރު ޕްރޮޖެކްޓްތަކަށް އެކީގައި ޑިޕެންޑްވެފައި އޮތީ. ކުންފުންޏަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމުގައިވިއަސް ދަރަނިވެރިނުވެ ސަލާމަތްވުމުގެ ފުރުސަތު ލިބުނު. ކުރީ ސަރުކާރުން ވަކިކުރި ހަ ޕްރޮޖެކްޓްގެ ތެރެއިން ހަތަރު ޕްރޮޖެކްޓް މި ސަރުކާރުން ދެއްވި."

ކޮންސްޓްރަކްޝަން ދާއިރާގައި މިހާ ގިނަ ދުވަހު މަސައްކަތް ކުރެއްވިއިރު ދިމާވާ ކަންބޮޑުވުމެއްގެ ވާހަކަވެސް ސައުދު ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން ހިނގާނެ އަގަށްވުރެ ދަށްއަގު ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރުމުން އޭގެ ގެއްލުން ހުރިހާ ފަރާތްތަކަށް ފޯރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް އެނގޭ ޕްރޮޖެކްޓެއް ނިންމޭނެ އަގާއި ނުނިންމޭނެ އަގު. ނުނިންމޭނެ އަގަކަށް ނުލަން. ދޮޅު އަހަރުތެރޭގައި 68 ޕްރޮޖެކްޓަށް ބިޑްކޮށްގެން ލިބުނީ އެންމެ ޕްރޮޖެކްޓެއް. އަގު މަތިވެގެން ނުލިބުނީ. އެކަމަކު އަގު ދަށްކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ޕްރޮޖެކްޓްތައް ނުހިންގިގެން ވަކިކުރިކަމަށް މައުލޫމާތު ލިބެނީ. އެގޮތަށް އަގު ހުށަހެޅުމުގެ ސަބަބުން ކޮންޓްރެކްޓަރުން ބަނގުރޫޓުވެ ސަރުކާރަށްވެސް ގެއްލުންވޭ. ރައްޔިތުންނަށްވެސް ގެއްލުންވޭ. އަގަށްވުރެ ދަށްކޮށް އުޅެންޏާ އެއީ ގޯހެއް. ނުވާނެ އަގަށް އަސްލު ސަރުކާރުންވެސް ދީގެން ނުވާނެ."

ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން، އިޖުތިމާއީ ދާއިރާގައި ވެސް ސައުދަކީ ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން 2002 ވަނަ އަހަރުން ފެށިގެން މާލޭގައި ތިން ޤުރުއާން ކްލާސް އޭނާ ހިންގަވަމުން ގެންދަވައެވެ. އެއީ "އިޔާރު"، "ވިނަވި" އަދި "އަސާސް" ޤުރުއާން ކްލާހެވެ.

"އެކެއްގެ ނަމުގައި އެއިރު ދެ ގުރުއާން ކްލާހެއް ނުއުފެއްދޭ. އެއް ނަމެއްގައި ދެ ގުރުއާން ކްލާސް ވެސް ނުއުފެއްދޭ. އެހެންވެ އަޅުގަނޑާއި އަޅުގަނޑުގެ ދެ ކޮއްކޮ ނަމުގައި ތިން ގުރުއާން ކްލާސް ރަޖިސްޓްރީކޮށްފައިވާނީ،" ސައުދު ވިދާޅުވިއެވެ. "މާލޭގެ އިތުރުން ތިނަދޫގައި ވެސް ހުންނާނެ ވިނަވި ޤުރުއާން ކްލާހަކާއި ވިނަވި ޓިއުޝަން ސެންޓަރެއް. އައްޑޫގައި ވެސް ހުޅުވިން ހދ. ވައިކަރަދޫގައި ވެސް ހުޅުވިން. އެކަމަކު މިހާރު އެ ދެތަން ބަންދުކޮށްފިން."

މީގެ އިތުރުން "އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ ވިނަވި އިޔާރު އަސާސް" ނަމުގައި ޖަމްއިއްޔާއެއް ރަޖީސްޓްރީކޮށްގެން، މާލޭގެ ސްކޫލްތަކާއި ސައުދުގެ ތިން ޤުރުއާން ކްލާސް މެދުގައި ޤުރުއާން މުބާރާތެއް ކޮންމެ އަހަރަކުވެސް ދަނީ ބާއްވަމުންނެވެ. އަދި "އިންސްޓިޓިއުޓް އޮފް ޤުރުއާނިކް ސްޓަޑީޒް" އުފައްދަވައި، އެތަނުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ކޯސްތައް ދަނީ ހިންގަވަމުންނެވެ. މިގޮތުން ޤުރުއާން ޑިޕްލޮމާ ޓީޗިން އިތުރަށް އަރަބި ކްލާސްތައް ވެސް ދަނީ ހިންގަވަމުންނެވެ.

 

އިމާދުއްދީން، ދަރުމަވަންތަ، އަމީނިއްޔާ ސްކޫލްގެ އިތުރުން ސީ.އެޗް.އެސް.އީގެ ޕީޓީއޭގެ ނައިބު ރައީސްކަމާއި ސްކޫލް ބޯޑުގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ސައުދު ވަނީ އެކި ފަހަރުމަތިން ކުރައްވާފައެވެ.

ކުރިން ފުޓްބޯޅަވެސް ކުޅުއްވި ސައުދަކީ ބެޑްމިންޓަންވެސް ކުޅުއްވި ބޭފުޅެކެވެ. އަދި މަސީގެ ބޯޑު މެންބަރުކަން ކުރައްވާތާ މިހާރު ވަނީ 13 އަހަރުވެފައެވެ. މަސީގެ ނައިބު ރައީސްކަން ވެސް ވަނީ އެއްފަހަރު ކުރައްވާފައެވެ.

ސައުދުގެ 28 އަހަރުވީ ކައިވެންޏަށް ދެ ވައްތަރު ދެބެން ވަނީ ލިބިވަޑައިގެންފައެވެ. އަނބިކަނބަލުން މިލްނާ ރަޝީދު ސިފަކުރެއްވީ ސައުދަކީ އެފަދަ ދެވަނައެއް ނުވާ ފަދަ ނަމޫނާ ފިރިއެއްގެ ގޮތުގައެވެ.

"ވަރަށް ރަނގަޅު ބައްޕައެއް އަޅުގަނޑުގެ ކުދިންނަށް. އޯގާތެރި، އެހީތެރިކަން ފޯރުކޮށްދޭ ބައްޕައެއް. ވަރަށް ގާތްކޮށް އެކުވެރިކޮށް މަޖާކޮށް އުޅުއްވާނީ. ގޭތެރޭގެ ކަންތަކުގައިވެސް ނަމޫނާ ބައްޕައެއް، ނަމޫނާ ފިރިއެއް،" މިލްނާ ވިދާޅުވިއެވެ.

ސައުދުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރެއްވި ގއ. ކޮލަމާފުއްޓަށް އުފަން އަމީން މުހައްމަދު ވިދާޅުވި ގޮތުން ނަމަ ސައުދަކީ ރަހުމަތްތެރިންނާއި އާއިލާއަށް އިޚްލާސްތެރި ބޭފުޅެކެވެ.

"ވިހި އަހަރުވެދާނެ ރަހުމަތްތެރި ކަމަށް. އެއްވެސް ބަދަލެއް ނާދޭ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަވީރު ސައިގަޑީގައި ދިމާވާނެ ސައުދާ" އަމީން ވިދާޅުވިއެވެ.

 

މި ހިސާބުން އުފެދޭ ސުވާލަކީ ސައުދު އަދިވެސް ސިޔާސީ ދާއިރާއިން ފެނިދާނެތޯއެވެ؟

"ސިޔާސީ ދާއިރާއާ ވަކިވުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން. އާއިލާއިން ފުދޭ ވަރަކަށް ބާރުއަޅާ ސިޔާސީ ދާއިރާއާ ދުރަށް ދާން. އެކަމަކު އެ ހުންނަ ޝައުގެއްގެ ބޮޑުކަމުން އަދި ވިސްނުމެއްނެތް ސިޔާސީ ދާއިރާއާ ދުރަށްދާކަށް،" ސައުދު ވިދާޅުވިއެވެ. "ފުރަތަމަ އެމްޑީޕީއާ ގުޅުނީ ސިޔާސީ ޕާޓީއަކަށް. ދެހާސް އަށް ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށްފަހު ކަންތައްތައް ވަމުންދިޔަގޮތް އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ކަންތައްތަކަކަށް ނުވުމުން އެމްޑީޕީން ކެނޑިގެން ޑީއާރުޕީއާ ގުޅުނީ. އޭގެ ފަހުން ރައީސް މައުމޫނު ދަތުރުކުރައްވާ ކޮންމެ ކޮޅަކަށް އެބަދަން. ޑީއާރުޕީ ދޫކުރައްވާފައި ޕީޕީއެމް އަށް ރައީސް މައުމޫން ވަޑައިގަތުމުން އަޅުގަނޑު ދިޔައީ ޕީޕީއެމަށް. ރައީސް މައުމޫން އެމް.އާރު.އެމް އުފެއްދެވުމުން އެމް.އާރު.އެމްގައި މިހާރު އަޅުގަނޑު އުޅެނީ."

ސައުދަކީ އޭނާ އަޒުމް ކަނޑައަޅުއްވާ ލަނޑުދަނޑި އަބަދުވެސް ހާސިލްކުރައްވާ ބޭފުޅެކެވެ. ހިތްވަރުގަދަ، ވިސްނުން ތޫނު ބޭފުޅެކެވެ. ސައުދަށް ހުރިހައި ވެސް ކާމިޔާބީއަކަށް އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
212
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *