Support Us

ޝައިޠާނީ ގޮވައިލުމެކެވެ.

ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އިސްލާމްކަމުގެ މައި ބަދައެވެ. ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ. ޢަމަލީ ގޮތުން އަދާކުރާންޖެހޭ ފުރަތަމަ އަޅުކަމެވެ. މިއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ހަގީގަތެވެ. މި ކަމާ އެއްވެސް މުސްލިމަކު ދެބަހެއް ނުވާނެއެވެ. އެހެންކަމުން ނަމާދާމެދު ފަރުވާކުޑަކުރުމަކީ އިސްލާމް ދީނާ މެދު ފަރުވާކުޑަކުރުމެވެ.

އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދު، 11 ޑިސެމްބަރު 2020 -ފޮޓޯ: އިސްލާމިކް މިނިސްޓްރީ/ އެފް.ބީ

އެއްވެސް މީހަކު ހެއިބުއްދި ހުރިހާ ހިނދަކު ނަމާދު ދޫކޮށްލުމަކަށް އެއްވެސް ޢުޒުރެއް ނެތެވެ. ނަމާދު ވަގުތުން ފަސްކުރުމުގެ ޢުޛުރަކަށް ވެސް އޮންނަނީ ނިދުމާއި ހަނދާންނެތުން އެކަންޏެވެ. ނިދިން ހޭލެވުމާއެކު ނުވަތަ ހަނދާންވުމާއެކު އެ ނަމާދު އަދާކުރާން އަވަސްވެގަންނާންޖެހެއެވެ. ކިތަންމެ ބަލި މީހެއް ނަމަ ވެސް ކިރިޔާ ވެސް ކެރޭނަމަ، ކޮޅަށް ހުރެގެން ނަމާދުކުރާންޖެހެއެވެ. އެކަމަށް ކުޅަދާނަ ނުވެއްޖެ ނަމަ، އިށީނދެ އިނދެ ވެސް ނަމާދުކުރާންޖެހެއެވެ. އެކަމަށް ކުޅަދާނަ ނުވެއްޖެ ނަމަ އޮށޯވެ އޮވެ ވެސް ނަމާދުކުރާންޖެހެއެވެ. ޢިލްމުވެރީން އިއްތިފާޤުވާ ގޮތުގައި އޮށޯވެ އޮވެ ނަމާދުކުރާން ނުކުޅެދޭ ޙާލުގައި ވެސް ނަމާދު ދޫކޮށްލެވޭނޭ ޢުޒުރެއްނޯވެއެވެ. އެ ޙާލަތުގައި އިޝާރާތުން ނަމަ ވެސް ނަމާދުކުރާންޖެހެއެވެ. އިޝާރާތްކުރާން ވެސް ނުކުޅެދޭ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ، ހިތުން ވެސް ނަމާދުކުރާންޖެހެއެވެ. ބުއްދި ސަލާމަތުން ހުރި އެއްވެސް މީހެއްގެ ކިބައިން ނަމާދުގެ ފަރުޟު ކެނޑިގެންނެއް ނުދާނެއެވެ. ދަތުރުމަތީގައްޔާއި ހަނގުރާމަމަތީ ޙާލަތް ފަދަ ދަތި ޙާލަތްތަކުގައްޔާއި އަންހެނުންނަށް މެދުވެރިވާ ބައެއް ޙާލަތްތަކުގައި ލުއިތަކެއް ދެއްވައިފައި ވިޔަސް ވެހެވެ. އާދޭހެވެ! ބުއްދި ސަލާމަތުން ހުރި އެއްވެސް މީހެއްގެ ކިބައިން ނަމާދުގެ ފަރުޟު ކެނޑިގެންނެއް ނުދާނެއެވެ.

ނަމާދު ފަރުޟުކުރައްވައިފައިވަނީ އިންސާނުންގެ ލާބައާއި މަންފާއަށް ޓަކައެވެ. އެކި ކަންކަމުގައި ކެތްތެރިކަމާއި ނަމާދުން ވާގި ހޯދާން ވެސް ﷲ ވަނީ އަމުރުކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ اسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ إِنَّ اللّهَ مَعَ الصَّابِرِين" ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.") (سورة البقرة:153)

ނަމާދުން ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ، ނަމާދުގެ ސަބަބުން އެންމެހައި ނުރަނގަޅު ހުތުރު ޢަމަލުތަކާއި މުންކަރާތްތަކާއި ފާޙިޝްކަންތައްތަކުން އެމީހަކު ދުރުކޮށްދޭ ކަމެވެ. އެ މީހާގެ ޢަމަލުތައް ހެޔޮ މަގަށް ބައްޓަން ކޮށްދޭ ކަމެވެ. ކައު އިތުރު މާތް ރަސޫލާ ﷺ އާ މުޚާޠަބުކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ." ("ފޮތުގެ ތެރެއިން ކަލޭގެފާނަށް وحىކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائمކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.") (سورة العنكبوت:45).

އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދު، 11 ޑިސެމްބަރު 2020 -ފޮޓޯ: އިސްލާމިކް މިނިސްޓްރީ/ އެފް.ބީ

އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަމާދުން މީހާ ހެޔޮމަގަށް ބައްޓަންކޮށްދެއެވެ. ފާޙިޝްކަންތަކާ މީހާ ދުރުކޮށްދޭނެއެވެ. މީހަކު ބުނެފާނެއެވެ. މިވެނި މީހަކީ އެންމެ ގިނައިން ނަމާދުކޮށް އުޅޭ މީހެކެވެ. ނަމަވެސް އޭނާއަކީ އެންމެ ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަ މީހެކެވެ. އެހެންވީމާ ނަމާދު ކުރިޔަސް އަދި ނުބައިކަންތަކާ މީހާ ދުރެއް ނުކޮށްދޭ ނޫންހެއްޔެވެ؟ އޭގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނަ އޮތީ ﷲގެ ވަޙީ ބަސްފުޅަކީ ޙައްޤުތެދެވެ. ނަމާދަކަށް ވާ ގޮތަށް ނަމާދުކުރާ ނަމަ، އޭނާ ނަމާދުކުރާނީ ޚުޝޫޢަތްތެރިކަމާއެކު ﷲއަށް ޓަކައެވެ. މި ފަދަ ގޮތަކަށް ނަމާދުކުރާ ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އޭނާ ނުބައި ފާފަތަކަކަށް އަރައެއް ނުގަންނާނެއެވެ. އެ މީހުން ނަމާދު ކުރާނީ ޚުޝޫޢުވެރިކަމާއެކުގައެވެ. ﷲއަށް ޓަކައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ. وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ.  وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ" ("އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، زكاة ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާމީހުންނެވެ.") (سورة المؤمنون: 2-5). އެހެންކަމުން ނަމާދުކުރާން ވާނީ ﷲ އަށް ޓަކައެވެ. ކަންދެއްކުމަށް ޓަކައެއް ނޫނެވެ. ނަމާދު ނަމާދަކަށް ވާނީ އޭރުންނެވެ. މި ފަދަ މީހުން ނަމާދުކުރާނީ މަޑުމައިތިރިކަމާއެކުގައެވެ. ﷲއަށް ބިރުވެތިވެ ތިބެއެވެ. މި ފަދަ މީހުން ﷲގެ ފަރުޟުތަކަށް ރައްކާތެރިވާނެއެވެ. ޒަކާތްދޭނެއެވެ. އަދި ފާޙިޝްކަންތަކަށް އަރައެއް ނުގަންނާނެއެވެ. މިއާ ޚިލާފަށް (ކަންދެއްކުމަށް ޓަކައި) ނަމާދުކުރުމަކީ ނުރައްކާތެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "فَوَيْلٌ لِّلْمُصَلِّينَ. الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ. الَّذِينَ هُمْ يُرَاؤُونَ." ("ފަހެ، އެއުރެންގެ ނަމާދާމެދު غافلވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.") (سورة الماعون: 4-6). ވީމާ، ނަމާދުކުރަމުން ފާޙިޝްކަންތަކަށް އަރައިގަންނަ ނަމަ، އޭނާ އެ ކުރަނީ (ފުރިހަމަ) ނަމާދެއް ކަމަކަށް ނުބުނެވޭނެއެވެ. އެއީ ކަންދެއްކުމަށް ޓަކައި ބޭރުފުށުން ދައްކާ ދަޅައެކެވެ. މި ފަދަ ނުބައި ޢަމަލުތަކުން އަޅުމެން ދުރުކުރައްވާށިއެވެ!

ނަމާދު އޭގެ ގޮތުގައި ބަރާބަރަށް އަދާކުރުމަކީ ހަމައެކަނި ރޫޙާނީ ފައިދާ ލިބޭ ކަމެއް ނޫނެވެ. ރޫޙާނީ ގޮތުން ނަމާދުން ލިބޭ ފައިދާތަކަކީ ބަޔާންކޮށް ކޮޅުންލާނޭ އެއްޗެއް ނޫނެވެ. އޭގެ އިތުރަށް ނަމާދުން ލިބޭ މާއްދީ ފައިދާތައް ވެސް ވަރަށް ގިނައެވެ. ދުވާލަކު ފަސް ފަހަރު ނަމާދުކުރުމަށްޓަކައި ޙަދަޘްއެރެގަންނާންޖެހެއެވެ. އާދޭހެވެ! ނަމާދުކުރާންވީމާ  އަޅުގަނޑުމެން ވުޟޫކުރަމުއެވެ. މި ކަމުގެ ސަބަބުން މީހާ ސާފުތާހިރުކަންމަތީގައި ބަހައްޓައިދެއެވެ. ސާފުތާހިރުކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ދެބައިކުޅަ އެއްބައެވެ. އަދި އެއީ އީމާންކަމުގެ ތެރެއިން ވާ ކަމެއް ވެސް މެއެވެ.

ސައޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ޔުނިވަރސިޓީގެ ޑިޕާރޓްމެންޓް އޮފް ރިހެބިލިޓޭޝަން އެންޑް ހެލްތު ސައިންސަސް އިން އެ ޔުނިވަރސިޓީގެ ސައެންސީންތަކެއް ކޮށްފައިވާ ދިރާސާއަކުން ސާބިތުވާ ގޮތުގައި ނަމާދަކީ ވިސްނުމުގެ ބާރު ގަދަކޮށްދީ ފިކުރާއި ޚިޔާލު ރަނގަޅުކޮށްދނުމުގައި އެހީތެރިވެދޭ އަޅުކަމެކެވެ. އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި ނަމާދުން ލިބެދޭ ފައިދާތައް ވެސް އެހާ ގިނައެވެ. ނަމާދުގެ ސަބަބުން މަސްތަކުގެ ބާރުގަދަކޮށްދެއެވެ. ހުޅުހުޅުގެ ޙަރަކާތްތެރިވުމަށް ފަހިކަން ގެނެސްދެއެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުކުރުމަށް މަގުފަހިކޮށްދެއެވެ.

ނަމާދުގެ ސަބަބުން ސިކުނޑިއާއި ވިސްނުމަށް ލިބޭ ފައިދާތައް އެންމެ ބޮޑަށް ލިބެނީ ވަގުތުގެ ކުރީކޮޅުގައި އެ ނަމާދު އަދާކޮށްގެންނެވެ. ނަމާދުކުރުން ލަސްވާ ވަރަކަށް އެ ފައިދާތައް ދާނީ ކުޑަވަމުން މަދުވަމުންނެވެ. މި ގޮތުން ނަމާދު ވަގުތުން ފަސްކޮށްފި ނަމަ، މި ފައިދާ ހަމަ މުޅިންހެން ނެތިދެއެވެ.  ވީމާ، ނަމާދު އެ ނަމާދެއްގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރުމަކީ ކޮންފަދަ މުހިންމު ކަމެއްތޯއެވެ!

އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދު، 11 ޑިސެމްބަރު 2020 -ފޮޓޯ: އިސްލާމިކް މިނިސްޓްރީ/ އެފް.ބީ

ނަމާދުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށެވެ. އެހެނީ މާތް ﷲ ރޭގަނޑަށް ޚާއްޞަކުރައްވައިފައިވާ މަލާއިކަތުންނާއި ދުވާލަށް ޚާއްޞަކުރައްވައިފައިވާ މަލާއިކަތުން ވެސް ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވާނެކަން ސުންނަތުން ސާބިތުވާތީއެވެ. އަދި ހަށިގަނޑުން ކަންނެތްކަމާއި ލޮޑުކަން ފިލުވައިލައިދީ މީހާ ތާޒާކަމާއެކު ދުވާލާ ކުރިމަތިލާން އެ ނަމާދުން އެހީތެރިވާތީއެވެ.

ނަމާދުގެ ފައިދާތަކުގަ މައްޗަށް ވާހަކަދެއްކުމަކީ އަޅުގަނޑަށް އިންސާފުކުރެވޭނެ މައުޟޫޢެއް ވެސް ނޫނެވެ. އެ މަޢުޟޫގެ ފުޅާކަމުންނެވެ. ނަމާދުގެ ރޫޙާނީ، މާއްދީ، ޖިސްމާނީ، ފިކުރީ ފައިދާތައް އަޅުގަނޑުމެންނަށް ގުނައި ޢަދަދެއް ނުކުރެވޭނެއެވެ. ނަމާދުން ލިބޭނެ އިޖުތިމާޢީ ފައިދާގެ ވާހަކަ އަދި އަޅުގަނޑު ނުވެސް ދައްކަމެވެ.

މިހައި ފައިދާހުރި އަޅުކަމެއް، އަދި އިސްލާމްދީނުގެ ބޯ ނުވަތަ ތަނބު ކަމުގައި ހިމެނިފައިވާ އަޅުކަން ކުރުމަށް ޓަކައި ދޭ ސަމާލުކަން ކުޑަވާ ގޮތަށް އެއް ވެސް މީހަކު ވާހަކަދެއްކުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ދެއްކިގެންވާނެ ވާހަކައެއް ނޫނެވެ. އެހެނީ މުސްލިމެއް ނަމަ، އެންމެ އިސްކަމެއް ދޭންވާނީ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމުގެ މައްޗަށެވެ. އެއަށްވުރެ ބޮޑަށް އެހެން ކަމަކަށް އިސްކަމެއް ދެވިގެނެއް ނުވާނެއެވެ. ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ ފަރުޟެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "فَأَقِيمُواْ الصَّلاَةَ إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا" ("ފަހެ ނަމާދު (ފުރިހަމަކޮށް) قائمކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ مؤمنތަކުންގެ މައްޗަށް وقت ކަނޑައެޅިގެން އޮތް فرضއެއްކަމުގައި ވެއެވެ.") (سورة النساء:103). އަދި ވަގުތުގެ ކުރީކޮޅުގައި އެ ނަމާދު އަދާކުރުމުން ލިބޭ ފައިދާތައް އެތައް ގުނައެއް އިތުރެވެ. މިއީ ސުންނަތުންނާއި ސައެންސީ ހޯދުންތަކުން ސާބިތުވާ ޙަޤީޤަތެކެވެ. އަދި ޖަމާޢާތުގައި ކުރާ ނަމާދުން ލިބޭ ފައިދާތައް އެތައް ގުނައަކަށް އިތުރެވެ. ވީމާ، ކުރާން ހުރި، ކަންކަން ނިންމައިލުމަށް ފަހުގައި ނޫނީ ނަމާދުކުރާން ދާކަށް ނުޖެހޭނެ ކަމަށް ބުނެވޭ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޝައިޠާނާގެ ގޮވައިލުމެކެވެ. މި ފަދަ ގޮވައިލުންތަކަށް ސަމާލުވާންޖެހޭނެއެވެ. ޝައިޠާނާ އަބަދު ވެސް މަސައްކަތްކުރާނީ ދުނިޔަވީ އެކި ކަންކަމުގެ ދަޅަދައްކައިގެން މުސްލިމުން ނަމާދާ ދުރުކުރެވޭތޯއެވެ.

ވީމާ، މި ފަދަ ޝައިޠާނީ ގޮވައިލުންތަކަށް ސަމާލުވެ، ފަރުޟު ފަސް ނަމާދު ވަގުތުންވަގުތަށް ޤާއިމުކުރުމުގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަމެވެ. ހުރިހާ ކަމަކަށް ވުރެ ނަމާދަށް އިސްކަން ދޭން ނަސޭހަތްތެރިވަމެވެ. މި ނަސޭހަތް އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް ލިބިގަންނަމެވެ. ވީމާ، ނަމާދަށް ވުރެ އެހެން ކަންކަމަށް އިސްކަންދޭން ގޮވައިލެވޭ ކޮންމެ ގޮވައިލުމަކީ ޝައިޠާނީ ގޮވައިލުމެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

ޙަވާލާ: ޖާރނަލް އޮފް ފިޒިކަލް ތެރަޕީ ސައެންސް (ޖަނަވަރީ 2014). ޑިޕާރޓްމަންޓް އޮފް ރިހިބިލިޓޭޝާން ހެލްތު ސައެންސް، ކިންގް ސައުދު ޔުނިވަރސިޓީ.