...

Support Us

މުޣުނީ: ސްޓެލްކޯއާއެކު އެހެން މިސްރާބަކަށް އަމާޒު ހިފައިފައި

"ޓާގެޓަކީ ސަރަހައްދީ ލެވެލްގައި ވާދަކުރެވޭ ތަނަކަށް މި ފަސް އަހަރުތެރޭގައި ސްޓެލްކޯ ހެދުން."

އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަށް ލިބިވަޑައިގަތުން އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަމުން މިއީ ކޮން ގޮތަކަށް ލިބުނު އެވޯޑެއްތޯ ބެލުމުގެ ޝައުޤު އުފެދުނެވެ. އެއީ މިފަދަ އެވޯޑެއް ހޯދުމަށް ޝައުގުވެރިވާ އިތުރު ކުންފުނިތަކަކަށް ބޭނުން ހިފިދާނެ މައުލޫމާތެއް ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ "އަދިވެސް" އަށް އިންޓަވިއު ދެއްވަނީ

އުމުރުން 41 އަހަރުގެ ހަސަން މުޣުނީ މަތީ ތަޢުލީމް ހާސިލް ކުރެއްވީ ޔޫ.އެސް.އޭ އިންނެވެ. މިގޮތުން ބްރެންޑެއިޒް ޔުނިވާސިޓީން މާސްޓަރސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން މުޣުނީ ވަނީ ހާސިލް ކުރައްވައިފައެވެ.

އުމުރުން އެންމެ 15 އަހަރުގައި މުޣުނީ އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގަ އެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް، އެމް.ޑަބްލިއު.އެސް.ސީ، އިލެކްޝަންސް ކޮމިޝަން، އެމް.ޓީ.ސީ.ސީ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ވެސް ވަނީ ވަޒީފާ އަދާކުރައްވައިފައެވެ.

މީގެ ދެ އަހަރު ކުރިން، 4 ޑިސެމްބަރ 2018 ގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި މުޣުނީ އަކީ ކޮން ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއްތޯ ސުވާލު ކުރުމުން މުޣުނީ ދެއްވީ ތަފާތު ޖަވާބެކެވެ. މުޣުނީ ވިދާޅުވީ އާންމު ރައްޔިތުންނާ ގުޅުންހުރި ކުންފުނިތަކުގައި އެންމެ އިސްކޮށް ތިބެންވާނީ ވަރަށް އިންޑިޕެންޑެންޓް، އެންމެންނަށްވެސް އެއް ފެންވަރެއްގައި ހިދުމަތްދެވޭ ކަހަލަ މީހުން ކަމަށެވެ.

"ދިވެހިރާއްޖޭގައި ކުންފުނިތަކުގެ އެމް.ޑީ އިންނަށް މި ތިބެނީ ޕޮލިޓިކަލް އެޕޮއިންޓީސް. ފުރަތަމަ ޕާޓީއެއްގައި ހުރެގެން ފުރުސަތު މި ލިބެނީވެސް. އަޅުގަނޑު ގަބޫލުކުރަނީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް. ކުންފުނިތައް އެންމެ ރަނގަޅަށް ހިގާނެ ގޮތަކީ ސަރުކާރުން ޕޮލިސީސް ހަދައިފައި އެ ޕޮލިސީސް އާ އެއްގޮތަށް އިންޑިޕެންޑެންޓްކޮށް ކުންފުނިތައް ހިންގުން. އެ ތަނެއްގައި އެ ހުންނަ މީހާއަކީ ވަކި ކަހަލަ ޕޮލިޓިކަލް ވިސްނުމެއްގައި ހުރި މީހެއް ކަމުގައިވާނަމަ އެންމެ ރަނގަޅު ޑައިރެކްޝަނެއް ނޫން އެއީ ޤައުމެއް ދާންޖެހޭ. ސީދާ ޕޮލިޓިކަލް އިންފުލުއެންސް އެ ތަންތަނުގެ މައްޗަށް އޮންނަ ގޮތަށް އޮތުން އެއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ."

މުޣުނީ ދެއްވި ޖަވާބުން އަޅުގަނޑު ހިތަށް އެރީ އަނެއްކާ މުޣުނީ މައްޗަށްވެސް ސިޔާސީ ނުފޫޒު ފޯރަނީ ބާއެވެ؟ އެ ސުވާލު ދެންނެވުމުން މުޣުނީ ވިދާޅުވީ އެފަދަ ނުފޫޒެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން މަޤާމަށް އައުމުގެ ބަދަލުގައި ތަޢުލީމާއި ތަޖުރިބާ ހުރި ބޭފުޅުން އައްޔަންކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށާއި، ނުފޫޒު އައުމުގެ ފުރުސަތު އޮތުމަށްވުރެ ނެތުން އެއީ ރަނގަޅު ގޮތް ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

މުޣުނީގެ ޔުނިވަރސިޓީ ޕްރޮފެސަރުންނާއެކު 2011 ގައި..

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި މުޣުނީ ސިފަކުރެއްވީ ސްޓެލްކޯ ކުރިއަށްދާ ސްޕީޑު ހަލުވިވުމެވެ.

"ކުންފުންޏެއްވިއްޔާ އެބަޖެހޭ ސެލްފް ސަސްޓެއިނަބްލް މޮޑެލް އަކަށް އަންނަން. އަބަދު ބަރޯސާވެގެން ނުތިބެވޭނެ. ކޮންމެވެސް ބަޔަކު ހަރަދުކުރާނެ ކަމަށް ބަލާ. އެމޮޑެލް އަށް ގެނެވޭނީ ގުޅުން ހުރި ސްޓޭކް ހޯލްޑަރސް އާ ވާހަކަ ދައްކައިގެން. މިހާރު މިތަން އޮތީ ސަސްޓެއިނަބްލް މޮޑެލްއެއްގައި. އަދިވެސް އެބަހުރި ބައެއް ކަންތައް ކުރަންޖެހޭ. އެ ކަންތައްވެސް ވުމުގެ މަތީގައި ވަނީ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މީހުން ފާހަގަކުރި ފުދޭ ވަރަކަށް ޕޮލިޓިކަލް އިންފުލުއެންސް އެބައޮތޭ. އެކަންކަން ނައްތާލުން މިއީ ކާމިޔާބެއް."

ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ދުވަސްވަންދެން އެއްގޮތަކަށް އޮތް ތަނަކަށް ބަދަލު ގެންނައިރު ދިމާވާ ދަތިތައް ކަމަށް މުޣުނީ ވިދާޅުވިއެވެ. "ގިނަ ދުވަސްތަކެއް ވަންދެން އެއް ސިސްޓަމެއްގައި ތިބެންޏާ ހީވާނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް. އާ ކަންތައްތަކަށް ދާއިރު ދަތިކަން އިހުސާސްވާން. އިންޓާނަލީ ސަގާފަތް ބަދަލުވާންޖެހޭ. އާންމު ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ދޭންޖެހޭ."

މުޣުނީ.. އެމެރިކާގެ މަޖިލިސްކުރާގެ ކެޕިޓަލް ހިލް ކައިރީގައި..

ދެން މިއޮތީ މި އިންޓަވިއު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމެވެ. އެފަދަ އެވޯޑެއް ލިބުނީ ކިހިނެއްތޯ ބެލުމެވެ. މުޣުނީ ވިދާޅުވީ އެވޯޑަށް ކުރިމަތިލައްވައި ގިނަގުނަ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދެއްވި ކަމަށެވެ.

"(ސްޓެލްކޯ) އަށް އައި ބަދަލުތަކަކީ ކޮބައިތޯ؟ ކުރި ކަންތައްތަކަކީ ކޮބައިތޯ؟ ކުންފުނީގެ ހާލަތު. ފެށިއިރު އޮތް ހާލަތު، ދެ އަހަރު އޮތް ހާލަތު. އިންޓާނަލީ އަދި ކުރިން ކަންތައް ކުރި ގޮތް. މި ސުވާލުތަކަށް ޖަވާބުދެވުނު. ކޮމިއުނިޓީއަށް ކޮށްދިން ކަންތައްތައް. އެއް ޖެންޑާއަށް ބޭސްވެފައި އޮތް ތަނެއްތޯ؟ މިހާރު އެކަން ބަދަލުވެގެން އައިގޮތް. ކޮމިއުނިޓީގައި ސަމާލުކަންދޭ ކަންތައްތައް."

މުޣުނީ.. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ކުރިމަތީގައި..

ސްޓެލްކޯ އަކީ އަބަދުވެސް ބައެއް ރައްޔިތުންގެ ޝަކުވާ ބޮޑު ކުންފުންޏެކެވެ. މިގޮތުން ކަރަންޓް ކެނޑުމުގެ މައްސަލައާއި ބިލް ބޮޑު ވާހަކައަކީ ރައްޔިތުން އަބަދުވެސް ޝަކުވާކުރާ ކަންތައްތަކެކެވެ. މުޣުނީ ވިދާޅުވީ އެގޮތަށް ޝަކުވާގެ އަޑު އެ އިވެނީ ރައްޔިތުންނާ ގުޅިފައި ހުންނަ ކުންފުނިތަކަށް އާންމު ރައްޔިތުން ކުރާ އުންމީދު ބޮޑުވުމުން ކަމަށެވެ.

"އެންމެ އިސްކަމެއް ދެނީ ކަރަންޓް މެދުނުކެނޑި ދިނުން. މާލޭގައި އެކި ތަންތަނުން އަބަދުވެސް ކޮންނާނެ އެކި މަސައްކަތް ކުރުމަށް. ކޮންނަ ކޮންމެ ފަހަރަކު ގެއްލުން ނުވެދާނެ ކޭބަލްއަށް. ގެއްލުންވިއަސް އެކަން ނޭނގިދާނެ. ވާރޭވެހި ފެންވަނީމަ މައްސަލަ ދިމާވެދާނެ. ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރަން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ. އެކަން އެނގިގެން ރަނގަޅު ކުރާނެ މެކޭނިޒަމް މި ރާވަނީ. އަވަހަށް މައްސަލަ ދިމާވާގޮތް ހޯދޭނެ ގޮތެއް ހެދުން އެއީ ކުރާ މަސައްކަތެއް. ތަންކޮޅެއް ފަލަ ކޭބަލަށް ބަދަލުކުރުމާއި، ގެއްލުންވެފައި ހުރި ކަމަށް ބެލެވޭ ކޭބަލް ރަނގަޅު ކުރުން ހިމެނޭ މިހާރު ކުރާ ކަންތަކުގެ ތެރޭގައި."

ދިވެހި ރައްޔިތުންނަށް އުފާވެރި ޚަބަރެއް ވެސް މުޣުނީ ވަނީ ދެއްވާފައެވެ. މިގޮތުން ސްމާޓް މީޓަރ ތަޢާރަފުކުރުމަށް ގެންނަންޖެހޭ އިންފްރާސްޓްރަކްޗަރ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ސްމާޓް މީޓަރުން ލިބޭ ފައިދާގެ ތެރޭގައި ވަކި ވަރަކަށް ޔުނިޓް މައްޗަށް ދިއުމުން އެލާމް އަންނަ ގޮތް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

މުޣުނީ އަކީ ފަރުމަސްވެރިކަމަށް ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. ކުރިން ކިތަންމެ ގިނައިން މަހަށް ވަޑައިގަތަސް، މިހާރު އެކަހަލަ ފުރުސަތެއް ވަރަށް ވަރަށް ނުލިބެއެވެ.

"ކުރިން ވަރަށް ގިނައިން މަހަށް ދަން. އަބަދުވެސް ވަރަށް ދާހިތްވޭ. އެކަމަކު މިހާރު ވަރަށް ނުދެވޭ،" މުޣުނީ ވިދާޅުވިއެވެ.

މުޣުނީގެ އަމިއްލަ ދިރިއުޅުއްވުމަށް ބަލާއިރު މަރިޔަމް ފަޒްލާއާ ކައިވެނި ބައްލަވައިގެން ދޮޅު އަހަރުގެ އަންހެން ދަރިފުޅެއް އެބަހުއްޓެވެ.

ދިރިއުޅުމުގައި މިހާތަނަށް ދިމާވި އެންމެ ހަނދާން ނައްތާލަން ދަތިކަމެއްގެ ގޮތުގައި މުޣުނީ ފާހަގަކުރެއްވީ އެންމެ ފުރަތަމަ ވަޒީފާއަށް އިންޓަވިއުއަށް ވަޑައިގެން ދުވަހު ކަންތައް ވީގޮތެވެ.

މުޣުނީ އާއި ދަގަނޑޭ… ސްޓޭލްކޯގައި އޮތް ބައްދަލުވުމެއްގެ ތެރެއިން..

"އަޅުގަނޑު އުމުރުން 16 އަހަރު ނުވަނީސް އަލަށް ވަޒީފާ އަށް ދިޔައީ. ބީއެމްއެލްގެ އެއިރުގެ އެންމެ ޒުވާން ސްޓާފް މިއީ. އަޅުގަނޑުމެން ތިބީ ޖީ.އެމް ކޮޓަރި ކުރިމަތީގައި. އަޅުގަނޑާ އެކީ އިންޓަވިއުއަށް ގޮސްފައި އިން އެހެން ކުއްޖެއް. ފުރަތަމަ އިންޓަވިއުއަށް ވަނީ ދެން އިން ކުއްޖާ. ވަދެފައި އައިސް ބުނީ އެ މީހުން ބުންޏޯ އަދި މާ ކުޑައޭ. ދެންކިޔަވާށޭ. އަޅުގަނޑު ވަދެފައި އަޅުގަނޑަށް ވަޒީފާ ލިބުން އެއީ ހަނދާން ނައްތާލަން ދަތި ދުވަހެއް."

ދާދި ފަހުން ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރުވި ވާހަކައަކާ ގުޅޭގޮތުން ސުވާލެއް މިހާ ހިސާބުން ކޮށްލީމެވެ. އެއީ މަޝްހޫރު މޮޑެލް ކައިޒީން އާއި މުޣުނީއާ އޮތީ ކޮން ކަހަލަ ގުޅުމެއްތޯ އެވެ؟

"ސޯޝަލް މީޑިއާގައި ހުންނަ އެއްޗިއްސަށް ރިއެކްޓެއް ނުކުރަން. އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަޅުގަނޑު ދަންނަން ކައިޒީން،" މުޣުނީ ވިދާޅުވީ އެހާ ވަރަށެވެ.

މުޣުނީ ވިދާޅުވީ ޓާގެޓަކީ ސަރަހައްދީ ލެވެލްގައި ވާދަކުރެވޭ ތަނަކަށް މި ފަސް އަހަރުތެރޭގައި ސްޓެލްކޯ ހެއްދެވުން ކަމަށެވެ.