Support Us

އެމެރިކާއާއި އީރާނުގެ ގުޅުން: އެކުވެރިކަމުން ވާދަވެރިކަމަށް، ވާދަވެރިކަމުން ޢަދާވަތްތެރިކަމަށް!

އީރާނަކީ "ސައިރަސް ދަ ގްރޭޓް"ގެ އުފަން ޤައުމެވެ. ދުނިޔޭގެ އެންމެ ޒަމާންވީ، އެންމެ ވަރުގަދަ އެއް އިންސާނީ ޙަޟާރަތުގެ "މަހުދު" ނުވަތަ (cradle of human civilization) އެވެ. ކަން މިހެން އޮތްކަމުގައި ވިއަސް، 1939 ގައި ޝާއިޢުކޮށްފައިވާ މަޝްހޫރު "ދަ ޑިޕްލޮމެސީ"ގެ މުޞައްނިފު، ސަރ ހެރަލްޑް ނިކޯލްސަން އަށްވެސް، މިވަރުގެ ވަރުގަދަ ޙަޞާޜަތެއް ހިނގަމުން އައި ޤައުމަކާމެދު ބުނެލާނެ ހެޔޮބަހެއް ނެތްތާ، ރައްދުކޮށްފައިވަނީ ޙައްޤުނޫން، ވަރަށްވެސް އިހާނެތި ބަސްތަކެކެވެ. ނިކޯލްސަންގެ ވާހަކަ މިގެނައީ، މީނައަކީ އެދުވަސްވަރު އިނގެރޭސި ޚާރިޖީ ސިޔާސަތު އެކަށައެޅުމުގައި އިންތިހާއަށް ނުފޫޒުގަދަ، އަދި އިނގެރޭސި އެތެރެކޮއެލުގައި ބަސްވިކުނު، ބަސްވާރެއް ކަމުގައިވީތީއެވެ. އަދި މީނާއަކީ 1923 ގައި، އިނގެރޭސި ވިލާތުން އީރާނަށް ކަނޑައެޅި "ޗާޖް ދި އެފެއާރޒް" ކަމަށް ވިތީވެސްމެއެވެ. އީރާނަކީ، ދުނިޔޭގެ ޤައުމުތަކުން އެޤައުމާމެދު ކިތައްމެ އިހާނެތިކޮށް ހިތަމުން އައި ޤައުމެއް ނަމަވެސް، އީރާނުގެ އަތުގައި ހުޅަނގުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ޤުދުރަތީ މުއްސަނދިކަމެއް އޮތެވެ. އެއީ ތެލެވެ.

އެހެން ކަމުން، އީރާނަކީ ހުރިހައި މާނައެއްގައިވެސް ހުޅަނގުގެ ޝިކާރައަކަށް ފައްކާވެފައި އޮތް ޤައުމެކެވެ. ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އީރާނުގެ މުއްސަނދިކަމަށް އެންމެ ބޮޑަށް ދަހިވެތިވެފައި އޮތް ދެ ޤައުމަކީ އިނގެރޭސީންނާއި ރޫސީންނެވެ. މި ދެ ޤައުމުން 1907 ގައި ހެދި ޑީލެއްގެ ދަށުން، އެބައެއްގެ ބޭނުމާ އެއްގޮތަށް ޢީރާނުގެ މަޞްލަޙަތުތައް ބަހާލުމަށް އެއްބަސްވިއެވެ. އިނގެރޭސިން ބޭނުންވީ އީރާނުގެ ތެލެވެ.

މިގޮތުން ފުރަތަމަ ބޮޑު ހަަނގުރާމަ ފެށުމާއެކު، އިނގެރޭސީންގެ ވެރިކަމަށް (ބޮޑުވަޒީރުކަމަށް) އިސްވި އެންމެ ބޮޑު "ނަސްލު ޕަރިސްތީ" ނުވަތަ (top racist) – ވިންސްޓަން ޗަރޗިލްގެ އެންމެ މުހިއްމު އެއް ކަމަކަށްވީ ދެޤައުމުން އުފައްދާފައިވާ "އެންގްލޯ-އިރޭނިއަން އޮއިލް ކޮމްޕެނީ"ގެ މެޖޯރިޓީ ޙިއްޞާ، އިނގެރޭސި ދައުލަތަށް އަތުލައިގަތުމެވެ. މި ޗާރޗިލް އަކީ، ކެންޔާގައި ދިިރިއުޅުއްވަމުން ގެންދެވި، އެމެރިކާގެ 44 ވަނަ ރައީސް، ބަރަކް އޮބާމާގެ ކާފާފުޅަށް އިންތިހާ ދަރަޖައިގެ ލާއިންސާނީ އަނިޔާކުރި އަނިޔާވެރިޔާވެސް މެެއެވެ.

ކޮންމެއަކަސް، އިނގެރޭސީންގެ ބާރާއި ނުފޫޒުން ފޭރިގަތް ތެޔޮކުންފުނީގެ މެޖޯރިޓީ ޙިއްޞާގެ ސަބަބުން، ތެލުގެ ވިޔަފާރިން އީރާނަށް ލިބެމުންދިޔަ ފައިދާގެ ދެގުނަ އިނގެރޭސިންނަށް ލިބެމުންދިޔަ އެވެ. މިކުޅި ބަލަން، ދުރުގައި ހިމޭނުން އޮތް އެމެރިކާއަށް ފާހަގަ ކުރެވުނު އެއްކަމަކީ، އީރާނުގެ ހުރިހާ ކަމެއްގެ މައްޗަށް ބަސްކިޔަމުން ދަނީ، ދެންނެވި ތެޔޮ ކުންފުނީގެ ޙައްޤުގައި، އިނގެރޭސި ވެރިކަމުގެ ފަރާތުން ކަމެވެ.

ފުރަތަމަ ބޮޑުހަނގުރާމަ ނިމި، ދެވަނަ ބޮޑު ހަނގުރާމައާ ދެމެދު ހޭދަވި މުއްދަތުން ބޮޑުބައެއްގައި އީރާނުގެ ވެރިއަކަށް ހުންނެވީ ޢައްބާސް ޢަލީގެ ދަރިކަލުން ރިޟާ ޝާހު ޕަހެލަވީ (ރިޟާ ޝާހު) އެވެ. މީނާއަކީ ޕަހެލަވީ ވެރިކަމުގެ ބާނީއެވެ. ރިޟާ ޝާހަކީ އަނިޔާވެރި، ޚުދުމުޚުތާރު ވެރިއެކެވެ. އޭނާގެ ވެރިކަމުގައި އީރާނުގެ ރައްޔިތުން ތަޙައްމަލުކުރަމުން ދިޔައީ ލާއިންސާނީ އަނިޔާއެވެ. ވޭތިކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ދިރިއުޅުން ދިޔައީ ފަޤީރުވެ، ބިކަވެ، ނިކަމެތި ވަމުންނެވެ. އެޙާލަތު މިއަދު އެންމެ ގާތުން ސިފަވަނީ ދިވެހިރާއްޖެއެވެ.

ރިޟާ ޚާނުގެ ވެރިކަމުގައި ޖަރުމަނުގެ ނާޒީންނާ ގާތްގުޅުމެއް ބާވަމުންގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން އިނގެރޭސީންނާއި ރޫސީން ގުޅިގެން އީރާނު ހިފުމަށްފަހު، ރިޟާ ޚާނު މަޤާމުން ދުރުކޮށް އަރުވާލިއެވެ. އަދި 16 ސެޕްޓެމްބަރު 1941 ގައި އޭނާގެ ދަރިކަލުން މުޙައްމަދު ރިޟާ ޕަހެލަވީ ވެރިކަމަށް އިސްކުރިއެވެ. މުޙައްމަދު ރިޟާއަކީ އިނގެރޭސީންގެ ގޮނޑިކޮއްކޮއެއް ކަމުން، އެބޭފުޅާ އިޚްތިޔާރުކުރެއްވީ އީރާނާއި އިނގެރޭސީންނާ ދެމެދުއޮތް ތެލުގެ ވިޔަފާރީގެ އެއްބަސްވުމަށް އިޙްތިރާމްކޮށްގެން މަޑުންހުރުމަށެވެ.

މިދުވަސްވަރު، ދުރުގައި ކުޅިބަލަން އޮތް އެމެރިކާގެ ޖާސޫސީ އިދާރާ (CIA)، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފެށިއެވެ. އަަދި، މި ޖާސޫސީ އިދާރާގެ އެހީތެރިކަމާއެކު، އީރާނުގެ ޖާސޫސީ އިދާރާ "ސަވަކް" އުފެއްދިއެވެ. އިނގެރޭސިން ތިބީ، އެކަނި ޖަރުމަނާ ކުރިމަތިލެވޭ ވަރަށްވުރެ ނިކަމެތިވެ، އެމެރިކާގެ އެހީއަށް އިންތިހާއަށް ބޭނުން ބޮޑުވެފައެވެ. އެހެން ކަމުން، އެމެރިކާގެ މަސައްކަތަށް "ރުހުން ދިނުން" ނޫން ގޮތެއް އިނގެރޭސީންނަކަށް ނެތެވެ.

މުޙައްމަދު ރިޟާ ޕަހެލަވީގެ ވެރިކަމުގައި، އީރާނުގެ ތެހެރާނަކީ "ހުޅަނގުގެ ޕެރިސް" ކަމަށް ސިފަކުރެވިގެން ދިޔައަސް، ރަށްފުށުގެ ރައްޔިތުން ދިޔައީ އިންތިހާއަށް ނިކަމެތިވެ ބިކަވަމުންނެވެ. މިހިސާބުން ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަތީ މުޙައްމަދު މުޞައްދިިޤު އެވެ. މުޞައްދިޤަކީ ފަސްބައި ސާފު، އިންޞާފަށް ލޯބިކުރެއްވި ބޭފުޅެކެވެ. ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ "އީރާނުގެ ތެޔޮ އީރާނުގެ ރައްޔިތުންނަށް" ޝިޢާރު ހިއްޕަވައިގެންނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމިގޮސް، 1949 ވަނަ އަހަރަށް ފެށުނުއިރު، އީރާނުގެ ރައްޔިތުން ވަނީ އިނގެރޭސި ބާރާއި ދެކޮޅަށް އުތުރި އަރަން ފަށާފައެވެ. ބޮޑުވަޒީރަކު ހޮވުމަށް ބޭއްވުނު ޢާއްމު އިންތިޚާބު އޮޅުވާލިކަމަށް ބުނެ، ވަޠަނީ މީހުން އިންތިޚާބު ބަލައެއް ނުގަތެވެ. އެހިސާބުން އިންތިޚާބު ބާޠިލުކޮށް، އިނގެރޭސިންގެ މަޝްވަރާގެ މަތިން، މުޙައްމަދު ރިޟާ ޕަހެލަވީ ނިންމެވީ މިލިޓަރީ ޖެނެރަލް އަކު ބޮޑުވަޒީރަކަށް އިސްކުރެއްވުމަށެވެ.

ބޮޑުވަޒީރުގެ ކިބައިން ރައްޔިތުން އެދެމުން ދިޔައީ ދައުލަތަށް ތެޔޮ ކުންފުނި ނެގުމަށެވެ. އެހެން ނަމަވެސް، އިނގެރޭސީންގެ ގޮނޑިކޮއްކޮއަކަށް ހުރި ބޮޑުވަޒީރަށް ޖެހިވަޑައިގަތީ ރައްޔިތުންގެ ގޮވާލުމަށް ބީރުކަންފަތެއް ދެއްވުމަށެވެ. ނަތީޖާއަކަށްވީ "ވޮރިއާރސް އޮފް އިސްލާމް"ގެ ޙަމަލާއެެއްގައި ބޮޑުވަޒީރު އަވަހާރަވުމެވެ. އެއަށްފަހު، ބޮޑިވަޒީރަކަށް ވެވަޑައިގަތީ މުޙައްމަދު މުޞައްދިޤެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި، ތެޔޮކުންފުނި ދައުލަތަށް ނެންގެވިއެވެ. މިކަންވީ ހުޅަނގަށް، ހާއްޞަކޮށް އިނގެރޭސިންނަށް ޙަޖަމްކުރަން ވަރަށް އުނދަގޫ ކަމަކަށެވެ. ކަންވެގެން ދިޔައީ ހަމަ ތިޔަ ހީކުރެއްވި ގޮތަށެވެ. އިނގެރޭސިންނާާއި ސީ.އައި.އޭ ގުޅިގެން 1953 ގައި ގެނައި ބަޣާވާތެއްގައި، މުޙައްމަދު މުޞައްދިޤު މަޤާމުން ދުރުކޮށް، އަރުވާލެވުނެވެ.

މި ހިސާބުން އީރާނުގެ ޖިއޮގްރަފީއަށް ޖެހިލާނަމެވެ. އީރާނަކީ ހުޅަނގު އޭޝިއާ ބައްރުގައި އޮތް، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ، މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. އީރާނުގެ ހުޅަނގުން އިންވެގެން އޮންނަނީ އެރޭބިއަން ކަނޑާއި، ޕާރޝިއަން ގަލްފާއި، އިރާޤާއި، ތުރުކީއެވެ. އުތުރުން އިންވެގެން އޮންނަނީ އަރުމޭނިއާ އާއި، އަޒަރުބައިޖާނާއި، ކެސްޕިއަން ކަނޑާއި، ތުރުކުމެނިސްތާނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، ތުރުކުމެނިސްތާނާއި އުޒުބެކިސްތާނަކީ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. އެހެން ކަމުން އޭރު ރަޝިޔާ އޮތީވެސް އީރާނާއި އިންވެގެންނެވެ. އަަދި އިރުމަތިން އިންވެގެން އޮންނަނީ އަފްޣާނިސްތާނާއި ޕާކިސްތާނެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރި ބަރޯސާވެފައި އޮންނަ ހޮރުމޫޒު ކަނޑު އޮޅިއަކީ އީރާނު ބޭނުންވެއްޖެ ހިނދެއްގައި ބަންދުކޮށްލިވިދާނެ ކަނޑުއޮޅިއެކެވެ. ދެން ވެގެންދާނެ ގޮތް ކޮންމެހެން މިވާހަކަ ދިގުކުރާކަށް ދައްކާނެ ކަމެއް ނެތްތާއެވެ. ޔަޤީންވާ އެއްކަމަކީ، ހުޅަނގުން ކިތައްމެ ބޭނުންވިއަސް، ކަނޑުމަގުން، ނުވަތަ އެއްގަމު މަގުން ވިއަސް، އީރާނު ބަންދުކޮށްލުމަކީ ބުނެލަން ފަސޭހަ، އެހެން ނަމަވެސް، ޢަމަލީ ގޮތުން އެކަން ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އަނެއްކާވެސް މަޢުޟޫޢަށް އެނބުރިލާނަމެވެ. ހުޅަނގުން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހަތަރެސްފައި ބާނަމުން ދިއުމުގެ ނަތީޖާއަކަށްވީ، ޢީރާނު ފަޤީރުވެ، ދިރިއުޅުން ދަތިވެ، އީރާނުގެ އިސްލާމީ ޝަޚުޞިއްޔަތު ކަތިލެވި، ލާދީނީ ކަންކަން ހައްދުފަހަނަޅައި ދިއުމެވެ. ޚާއްޞަކޮށް، 1963 ން ފެށިގެން މުޙައްމަދު ރިޟާ ގެންދެވީ "ހުދު ރިވޮލިއުޝަން" ގެ ނަމުގައި ދީނީ ސިފަތައް ފޮހެލައްވަމުން، މީހުންގެ ހިތްތަކުން ދީނީ ޢަޤީދާ ބަލަކަށިކުރައްވަމުން، ހުޅަނގުގެ ޘަޤާފަތްތައް ދިރުވައި އާލާކުރައްވަމުންނެވެ. މިއަދު ރާއްޖޭގައި މިއޮތް ވެރިކަން ފަދައިންނެވެ. މިފަދަ އެޖެންޑާއެއް އަހަރެމެންނަށް ތަޖުރިބާކުރަން މިޖެހުނީ މިހާރު މިއޮތް ސަރުކާރުގެ އިސް މޭސްތިރިން ގެނައި އެޖެންޑާ19 އެވެ.

މިގޮތުން ޝާހު ކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ޤާނޫނުތައް ލާދީނީ ކުރުމާއި، 1970 ގެ ތެރޭގައި، މުސްލިމުން ރުޅިއެރުވުމުގެ ގޮތުން، 2500 އަހަރުވީ، އިސްލާމްދީނާއި ބީރައްޓެހި، ކުރީގެ ޕާރޝިއާގެ ރަސްކަން ފާހަގަކުރެެއްވުމަށް އިޞްރާފު ބޮޑު ޕާޓީއެއް ބޭއްވުމާއި، ހިޖްރީ ކަލަންޑަރު ޕާރޝިއަން ކަލަންޑަރަށް ބަދަލުކުރުން ހިމެނެއެވެ. ނަތީޖާއަކަށްވީ ރައްޔިތުންކެކި އެރުމެވެ. އެހިސާބުން ޝާހު ގެންދެވީ ހަރުކަށިކަމާއި ޚުދުމުޚުތާރުކަން އިސްކުރައްވަމުންނެވެ. ޝާހުގެ ލާދީނީ، ނޭއްގާނި ޢަމަލުފުޅުތަކާއި ގުޅިގެން 1978 ގައި ރައްޔިތުން އިޙުރިޖާޖަށް ނިކުތެވެ. މި އިޙްތިޖާޖުގައި ނަގާކިޔަންތިބީ ކިޔަވާކުދިންނެވެ. މި އިޙްތިޖާޖުގައި ކުދިންނަށް ލިބެމުންދިޔަ އަނިޔާތަކާއި ގުޅިގެން މެދުފަންތިއާއި ދަށުފަންތީގެ ނިކަމެތީން އިޙްތިޖާޖުގައި ބައިވެރިވުމަށް ނިކުތެވެ. އަދި މިއަހަރުގެ ޑިސެމްބަރުގައި، މިލިޓަރީ ރޫޅި، ބައެއް ފައުޖުތައް އިޙްތިޖާޖުގެ ބައިވެރިންނާއި ބައިޢަތު ހިފިއެވެ.

މި އިޙްތިޖާޖުގެ ފަހަތުގައި، މިފަހަރު ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަތީ ފަރަންސޭސި ވިލާތުގައި ސިޔާސީ ޙިމާޔަތް ހޯދަވައިގެން ހުންނެވި އިމާމު ރޫޙުﷲ ޚުމޭނީ (ފަހުން އާޔަތުﷲ ޚުމޭނީ) އެވެ. އިމާމު ޚުމޭނީ އަކީ ޅަ އުމުރުފުޅުގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ހުންނެވި، ދީނީ ޢިލްވެރިއެއްގެ ދަރިކަލެކެވެ. ކުޅަދާނަ ވާޢިޡެކެވެ. ޖުމްލަ 15 އަހަރުގެ މުއްދަތަށް އަރުވާލެއްވިގެން ހުންނެވުމަށްފަހު، ފަރަންސޭސި ވިލާތް ދޫކުރައްވައި އީރާނަށް އެނބުރި ވަޑައިގެންނެވީ 01 ފެބްރުއަރީ 1979 ގައެވެ. އެއީ މުޙައްމަދު ރިޟާ ޕަހެލަވީ (އީރާނުގެ ޝާހު)ގެ ވެރިކަމުގައި ސިއްކަޖެހިގެން ދިޔަ ދުވަހެވެ. އިމާމް ޚުމޭނީ އަށް މަރުޙަބާ ދެންނެވުމަށް އެތައް މިލިއަން ރައްޔިތުންނެއް އެއަރޕޯރޓަށް ދިޔަ ކަމަށްވެއެވެ.

އިމާމު ޚުމޭނީގެ މި ތާރީޚީ އެނބުރި ވަޑައިގަތުމުގެ ދެ ހަފްތާ ކުރިން، އިޙުތިޖާޖު ކޮންޓްރޯލުން ނެއްޓިއްޖެކަން ޔަޤީންވެ ވަޑައިގަތުމުން، 16 ޖަނަވަރީ 1978 ގައި، ޝާހު، އެބޭފުޅާގެ އާއިލާ އައިގެން ޤައުމު ދޫކުރައްވައި ވަޑައިގަތެވެ. މިކަމުގައި ޝާހަށް ހުރިހާ އެހީތެރިކަމަކާއި، ޙިމާޔަތަކާއި މަދަދެއް ފޯރުކޮށްދިނީ އެމެރިކާއިިންނެވެ.

އިޙްތިޖާޖުގެ ބައިވެރިން އެދުނީ އިންޞާފާ ކުރިމަތިލުމަށް ޝާހު އީރާނާ ޙަވާލުކުރުމަށެވެ. އެކަމަށް އެމެރިކާއިން ދިނީ ބީރު ކަންފަތެކެވެ. ނަތީޖާ އަކަށްވީ، 04 ނޮވެމްބަރު 1979 ގައި (އިމާމު ޚުމޭނީ ޤައުމު ދޭކުރައްވައި ވަޑައިގެންނެވި ތާރީޚަށް 15 އަހަރު ފުރުނު ދުވަހު) އިޙްތިޖާޖުގެ ބައިވެރިން އެމެރިކާ އެމްބަސީތެރެއަށް ވަދެ، 52 އެމެރިކާގެ ރައްޔިތުން ރަހީނު ކުރުމެވެ. މިއީ، އެމްބަސީ ތެރޭގައި ތިބި، އެހެން ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުންނާއި ކުޑަކުދިންނާއި އަންހެނުން ދޫކޮށްލުމަށްފަހު، 444 ދުވަސް ވަންދެން ހިފަހައްޓާފައި ތިބި ރަހީނުންގެ އަދަދެވެ. ޝާހު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް މިސްރުގައެވެ.

ޑިސެމްބަރު 1979ގެ ތެރޭގައި، އިމާމު ޚުމޭނީގެ ޤިޔާދަތުގެ ދަށުގައި، އީރާނު އައު ޤާނޫނުއަސާސީ ފާސްކޮށް ތަޞްދީގު ކުރެވުމެނެވެ. އަންހެނުންގެ ޙައްޤުތަކާއި ހަމަހަމަކަން އިސްލާމީ ޝަރީޢަތުގެ ހުދޫދުގެ ތެރޭގައި ލިބިދިނެވެ. އަބުރު ރައްކާތެރިކުރުމަށާއި، ބޭރަށް ނިކުމެ އުޅޭއިރު، އަޢުރަ ނިވާކުރުމަށް ލާޒިމުކުރެވުނެވެ. ރައްޔިތުންގެ މައްޗަށް އަނިޔާވެރިވި މީހުން އިންޞާފުގެ ކުރިމައްޗަށް ގެނެވި، ޙުކުމްތައް ތަންފީޒުކުރެވިގެން ދިއައެވެ. ހުޅަނގުގެ ގޮނޑިކޮއްކޮ އަކުން، އިސްލާމީ ޝަރީޢާގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ސިޔާދަތީ ބާރު އޮތް ވެރިކަމެއް ފެށުނެވެ. ފުރިހަމަ މުސްލިމް ދައުލަތެއްގެ ބިންގާ އެޅިގެން ދިޔައެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *