Support Us

ހަނދިމާދޫގައި އޮންނަ އެމް.އެން.ޑީ.އެފްގެ ޑޯނިއާ މަތިންދާބޯޓު ކައިރީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ 

އިންޑިއާގެ ޑޯނިއަރ… ދިވެހިންނަށް ދިން "ޓްރޯޖަން ހޯސް؟"

عيسى عليه الصلاة والسلام ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 1200 އެއްހާ އަހަރުކުރިން، ޓްރޯއީ އާއި ގްރީސްއާ ދެމެދު ކުރެވުނު ހަނގުރާމައަކީ ހިއްވަރާއި ޙިކުމަތާއި އޮޅުވާލުމާއި މަކަރާއި ޙީލަތުން ފުރިގެންވި ހަނގުރާމައެކެވެ.

ޓްރޯއީ އަކީ ކުރީގެ ނަމުން ނަމަ "އޭޝިއާ މައިނަރ"ގެ ހުޅަނގު އުތުރު ބިތުގައި، މިއަދު ތުރުކީގެ ތެރޭގައި، އޭޖިއަން ކަނޑާއި މަރުމަރާ ކަނޑާ ދެމެދު، ދަރުދަނޭލްސް ކަނޑުއޮޅީގެ އައްސޭރީގައި އޮތް ކުޑަ ސިޓީ ސްޓޭޓެކެވެ. ޓްރޯއީ ފަދައިން، ގްރީސް އަކީވެސް އޭޖިއަން ކަނޑު ޙިއްޞާކުރާ، ޓްރޯއީއަށްވުރެ ނިސްބަތުން ބޮޑު، ބާރުގަދަ ޤައުމެކެވެ. ގްރީސްގެ އުޅަނދުފަހަރަށް ކަޅުކަނޑަށް ވަދެ ނިކުމެވެން އޮންނަނީ ޓްރޯއީ ހުރަސްކޮށް، ޑާރޑަނެލްްސް ކޮނޑުއޮޅީގެ ތެރެއިން ގޮސް، މަރުމަރާ ކަނޑާއި، ބޮސްފޯރަސް ކަނޑުއޮޅި ހުރަސްކޮށެވެ. އެހެން ކަމުން، ޓްރޯއީ އަކީ ވަރަށްމުހިއްމު ސްޓްރެޓެޖިކް موقع އެއްގައި ނުވަތަ މަޤާމެއްގައި އޮތް ޤައުމެކެވެ.

ބުނެވޭގޮތުން، މި ދެޤައުމުގެ މެދުގައި ހަނގުރާމަ ފެށުނީ ޓްރޯއީގެ ވަލީއަޙްދަކަށް ހުންނެވި ޕެރިސް، ސްޕާރޓާގެ ރަސްކަލަކަށް އޭރު ހުންނެވި މެނެލެއޮސްގެ އަނބިކަނބަލުން – ހެލަން، ވަގަށް ނަގައިގެން ޓްރޯއީއަށް ގެންދެވުމާ ގުޅިގެން އުފެދުނު މަސްއަލަ ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން ޙައްލުނުކުރެވިގެންނެވެ.

ހެލަން ސަލާމަތްކުރުމަށް ގްރީކް ސިފައިންގެ ބިޔަ ލަޝްކަރެއް ޓްރޯއީއަށް އައިސް ޓްރޯއީ ޙިޞާރުކުރިއެވެ. ދެ ޤައުމުގެ މެދުގައި ފެށުނު ހަނގުރާމަ ދިގުލައިގެން ގޮސް، ދިހަ އަހަރުވީއިރުވެސް، ގްރީސްއަށް ޓްރޯއީ ބަލިކޮށް، ޓްރޯއީގެ ތެރެއަށް ވަދެގަނެވޭ ގޮތެއް ނުވިއެވެ. މި ހަަނގުރާމައިގެ 10 ވަނަ އަހަރު، ޓްރޯއީގެ ތެރެއަށް ވަދެގަތުމަށްޓަކައި، ގްރީކް ލަޝްކަރުގެ  ކޮމާންޑަރު އޮޑީސިއަސް، ހިޔަޅު ރޭވުމެއް ރޭވިއެވެ. މި ރޭވުމުގެ ދަށުން، ލަކުޑިން ބިޔަ އަހެއް ބަނެވެ. އަދި އެ އަހުގެ ތެރެއަށް، ގްރީކް ލަޝްކަރުގައި ތިބި ހަނގުރާމައިގެ އުކުޅުތަކަށް އެންމެ ކުޅަދާނަ، 23 (ބައެއް ލިޔުންތެރިން ވިދާޅުވާ ގޮތުން 30 – 50 އާއި ދެމެދުގެ އަދަދަކަށް) ހަނގުރާމައިގެ އާލާތްތަކާއެކު ސިފައިން ލުމަށްފަހު، އަސް ދަމާ ގެންގޮސް، ޓްރޯއީގެ މައިގޭޓުގެ ކުރިމަތީގައި ބޭވިއެވެ. އަދި، ޖަހައިގެން ތިބި ޓެންޓުތައް އަންދާލުމަށްފަހު، ނައުތަކުގައި ފުރައިގެން ދިއައެވެ. ފުރައިގެން ދިޔައީ ކައިރީގައި އޮތް އެހެން ބަނދަރަކަށެވެ.

ޖެހިގެން އައި ދުވަހުގެ އިރު ފެނުން ތޮޅެލުމާއެކު، ޚަބަރު ބަލަން ނެރުނު ޓްރޯއީގެ ސަކުއުޓުންނަށް ފެންނުނީ ވަރަށް ޙައިރާންކުރަނިވި މަންޒަރެކެވެ؛ އަންދާލާފައިވާ ޓެންޓްތަކާއި، ބިޔަ ލަކުޑި އަހަކާއި، އަމާން އަތިރިމައްޗެކެވެ. ޓްރޯއީގެ މީހުނަށް މި މަންޒަރު ފެނުމުން، ޙައިރާންވެ އަންތަރީސްވިއެވެ. ދިހަ އަހަރު ވަންދެން ހަނގުރާމަކުރަމުން ދިޔަ ބަޔަކު، އެހާ ކުއްލިއަކަށް ހަނގުރާމައިގެ މައިދާން ދޫކޮށް ދިއުމުންނެވެ. އެމީހުުން ހީކުރީ، އެ ލަކުޑި އަހަކީ، ގްރީކުގެ ސިފައިން ބަލި ޤަބޫލުކޮށް، ފުރައިގެން ދަމުން "ކަލާނގެތަކަށް" ވެދުންކުރި ވެދުމެއް ކަމުގައެވެ.

ނަމަވެސް، ޓްރޯއީގެ ބައެއް ހަރުމީހުން ބުނަމުންދިޔައީ ގްރީކުގެ އެ ޢަމަލުގެ ފަހަތުގައި ޙީލަތްތެރި ރޭވުމެއް ވާނެކަމުގައެވެ. މިފަދަ ހަރުމީހުން ބުނަމުން ދިޔައީ، ގްރީކުގެ މީހުން "ހެޔޮނިޔަތެއްގައި" ދޭ ހަދިޔާއެއްވެސް ބަލައިގަންނަން ހެޔޮނުވާނެ ކަމަށެވެ. އެމީހުން ވަކާލާތުކުރަމުން ދިޔައީ އެއަސް މޫދައް އެއްލާލުމަށެވެ. ނުވަތަ އަންދާލުމަށެވެ. ނުވަތަ އަހުގެ ބަނޑަށް ތީރުހެރުމަށެވެ.

އެހެންނަމަވެސް، އެ އަޑުތަކަށް، ރަސްގެފާނާއި އެހެންވެސް ޢާއްމު ރައްޔިތުން ދިނީ ބީރުކަންފަތެކެވެ. ގިނަ ބަޔަކު ތާއިދުކުރީ، އެ އަސް ގެނެސް ސިޓީތެރެއަށް ވެއްދުމަށެވެ. އެހެންކަމުން، ސިޓީގެ މައިގޭޓް ހުޅުވުމަށްފަހު، އެ އަސް ދަމާ ގެނެސް، ސިޓީ ތެރެއަށް ވެއްދިއެވެ. ޓްރޯއީގެ ކުދިބޮޑު އެންމެނަށް ޢީދެއް އައިކަހަލައެވެ. ދުވާލުގެ ހަތަރުދަމާއި ރޭގަނޑުން ބަޔަކު، އެ އަހުގެ ކައިރީގައި ޕާޓީކުރުމަށްފަހު، އެންމެން ނިދީ ވަރުބަލިކަމާއި މަސްތީ ޙާލުގައެވެ.

އޭރު، ފުރައިގެންދިޔަ ގްރީކްގެ ނައުފަހަރު ދަތުރުކުރަމުން އައިސް، ރޭގަނޑުގެ އަނދިރީގައި، ޓްރޯއީއަށް ބަނދަރުކޮށްފިއެވެ. އެމީހުންތިބީ، އަހުގެ ތެރޭގައި ޓްރޯއީ އަށް ވަދެތިބި ސިފައިންގެ އިޝާރާތެއްގެ އިންތިޒާރުގައެވެ. ޓްރޯއީގެ މީހުން ނިދާ، ރަށުތެރެ އަމާންވުމުން، އަހުގައި ފިލާތިބި ގްރީކުގެ ސިފައިންތައް އަހުން ނިކުމެ، ޓްރޯއީގެ ގާޑުންތަކަށް ހަމަލާދީ މަރާލިއެވެ. އަދި މައިގޭޓު ހުޅުވައި، އިންތިޒާރުގައި ތިބި އެމީހުންގެ ސިފައިންނަށް އިޝާރާތުން އެންގިއެވެ. އެހިނދު، 10 އަހަރު ވަންދެން މަސައްކަތްކޮށް ޓްރޯއީގެ ތެރެއަށް ވަދެނުގަނެވިފައި ތިބި ގްރީކުގެ ލަޝްކަރު ޓްރޯއީ ތެރެއަށް ވަދެ، ޓްރޯއީގެ ގިނަ އަދަދެއްގެ މީހުން މަރާ، އެ ސިޓީ އަންދާ އަޅިއަށް ހަދާލުމަށްފަހު ހެލަން ގޮވައިގެން ދިޔައެވެ.

ހަނގުރާމައަކީ މަކަރާއި އޮޅުވާލުމާއި ޙީލަތް އެކުލެވިގެންވާ ކަމެކެވެ. ހަނގުރާމައެއްގައި މޮޅުވަނީ ނުވަތަ ހަނގުރާމައެއް ކާމިޔާބުކުރަނީ އެންމެ ބޮޑު ބިޔަ ލަޝްކަރު އޮންނަ ފަރާތަކުން ނޫނެވެ. އަދި އެންމެ ގިނަ ނުވަތަ އެންމެ މޮޅު ހަތިޔާރު ގެންގުޅޭ ފަރާތަކުންވެސް ނޫނެވެ. ކާމިޔާބީގެ ވަރަށް ބޮޑުބަޔެއް އަދާކުރަނީ ޙިކުމަތާއި މަޢުލޫމާތުގެ މައްޗަށް ބިނާކުރެވޭ ރޭވުންތެރިކަމެވެ. ކޮމާންޑަރުގެ ތޫނުފިލިކަމާއި ރޭވުންތެރިކަމެވެ. މިކަން މުޢުތާގެ ހަނގުރާމައިގައި ޚާލިދު ބިން ވަލީދު رضي الله عنه ފަދަ ކުޅަދާނަ ކޮމާންޑަރުން ވަނީ ޘާބިތުކޮށްދެއްވާފައެވެ. އަދި ވިއެޓްނާމާއި ދެކޮޅަށް އެމެރިކާކުރި ހަނގުރާމައިންވެސް މި ޙަޤީޤަތް ޘާބިތުވެފައިވެއެވެ. ދާދި ފަހުން ނިމިދިޔަ އަޒަރުބައިޖާން  – އާމީނިއާގެ ހަނގުރާމައިގައި އަޒަރުބައިޖާން ހޯދި ކާމިޔާބީގެ ފަހަތުގައި ވެސް އޮތީ މިޙަޤީޤަތެވެ.

މިޒަމާނުގެ ހަނގުރާމަތަކުގައިވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކީ އިންޓެލިޖެންސެވެ. އެހެން ކަމުން، ޢަދާވާތްތެރިންގެ ކަންކަމަށާއި ޙަރަކާތްތަކަށް ފާރަލައި، މިލިޓަރީ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމަށް އިންޓެލިޖެންސް އިދާރާތައް ދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން އުފައްދާފައި ހުރެއެވެ. މިފަދަ އިދާރާތަކުގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ ޤައުމުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވެދާނެ ނުރައްކާތަކަށް ފާރަވެރިވެ، ދިރާސާކޮށް، އެފަދަ ނުރައްކާތަކުން ޤައުމު ދިފާޢުކޮށްދިނުމާއި، ތިމާމެންގެ ސިޔާސަތާއި ފުށުއަރާ ސިޔާސަތުތައް ގެންގުޅޭ ޤައުމުތަކުގެ ވެރިން މަރާލުމަށްފަހު، ނުވަތަ ބަޣާވާތެއް ރާވައި ހިންގައިގެން ވިއަސް، އެފަދަ ސަރުކާރުތައް ބަދަލުކޮށް، އެމީހުންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، އެމީހުންގެ ގޮނޑިކޮށްކޮއަކު ވެރިކަމުގައި ވެޑުވުމެވެ. މިކަން ކުރާ މައިގަޑު ތިން ގޮތެއް އޮވެއެވެ.

ފުރަތަމަ ގޮތަކީ ހަނގުރާމައެއް ނުކޮށް އިންޓެލިޖަންސް އިދާރާތައް ބޭނުންކޮށްގެން ވެރިކަން ބަދަލުކޮށްލުމެވެ. އެޕްރީލް 17، 1961 – 19 އެޕްރީލް 1961 އަށް، ކިއުބާގެ ވެރިކަން ބަދަލުކޮށްލުމަށް ހިންގި ޢުދުވާނަކީ، އެމެރިކާގައި ތިބި ކިއުބާގެ ސަރުކާރާއި ދެކޮޅު، ކިއުބާގެ ބަޔަކު ބޭނުންކޮށްގެން، އެމެރިކާގެ ސީ.އައި.އޭ. އިން ރާވައި ހިންގި، އެހެނަސް ކާމިޔާބު ނުވި ބަޣާވާތެކެވެ.

ސެޕްޓެމްބަރު 23، 2018 ގައި ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް އިންޑިއާއިން ދަނޑި ބާނައިގެން ބަދަލުކޮށްލި ވެރިކަމަކީވެސް މިފަދަ ޢުދުވާނެކެވެ. އަދި، 03 މެއި 2020 ގައި، އެމެރިކާ އަޑީގައި އޮވެ، އެމެރިކާގެ ކުލީ ސިފައިންގެ ބަޔަކު ބޭނުންކޮށްގެން ވެނެޒުއެލާގެ ރައީސް އަވަހާރަކޮށްލައި، ސަރުކާރު ބަދަލުކޮށްލުމަށް ހިންގި ޢުދުވާނަކީ ވެސް، މި ނިޔަތުގައި ހިންގި ޢުދުވާނެކެވެ. މިދެންނެވި ހުރިހާ ޖަރީމާތަކަކީ ސިފައިން ބޭނުން ނުކޮށް، އަދި ރަސްމީ ސިފައެއްގައި ހަނގުރާމައެއްނުކޮށް، އިންޓެލިޖަންސް އޭޖެންސީތަކުން ރާވައިގެން، އަދި ފަންޑުކޮށްގެން ހިންގާފައިހުރި ޖަރީމާތަކެވެ.

ދެވަނަ ގޮތަކީ، އިޤްތިޞާދީ ގޮތުން ޤައުމު އިނދަޖައްސާލައިގެން، ރައްޔިތުން ބިކަކޮށްލައިގެން، ރައްޔިތުން މަގުމައްޗަށްނެރެ ސަރުކާރު ބަދަލުކޮށްލުމެވެ. މިއަދު އީރާނާއި އަދި އުތުރު ކޮރެއާ އާއި ދެކޮޅަށް އެމެރިކާއިން މިހިންގަނީ މިފަދަ ޖަރީމާތަކެކެވެ. ވެނެޒުއެލާ ގައި ހިންގަން އުޅުނު "ރެޖީމް ޗޭންޖް" ބަޣާވާތް ނާކިޔާބުވީ ރަޝިއާ އާއި ޗައިނާގެ ސަބަބުންނެވެ. ސީރިއާގައި ގެންނަންއުޅުނު "ރެޖީމް ޗޭންޖް" ބަޣާވާތް ނާކިޔާބުވީ ރަޝިއާ އާއި އީރާނުގެ ސަބަބުންނެވެ.

ތިންވަނަ ގޮތަކީ އުޒުރު އުފައްދައިގެން ހަނގުރާމަކޮށް، ވެރިކަން ބަދަލުކޮށްލުމެވެ. ބޭރުފުށަށް މިކަންދައްކަނީ ޑިޕްލޮމެސީއަށް ތަންދީގެން ނަތީޖާއެއް ނުނިކުތުމުން، ހަނގުރާމަކުރުން ނޫންގޮތެއް ނެތީކަމަށެވެ. ޙަޤީޤަތަކީ، މިފަދަ ހަނގުރާމަތައް ރާވަނީވެސް ޑިޕްލޮމެސީއަށް ފުރުޞަތު ނޯންނާނެ ހުރިހާ ކަމަކަށް ވިސްނައިގެންކަމެވެ. ސެޕްޓެމްބަރު 01، 1939 – 02 ސެޕްޓެމްބަރު 1945 އަށް ކުރެވުނު ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ އާއި، 02 އޯގަސްޓް 1990 – 28 ފެބްރުއަރީ 1991 އަށް އިރާޤާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ހިންގި ޢުދުވާނަކީ މިދެންނެވި ގޮތުގެ މަތީން ހިންގި ޢުދުވާނުތަކެކެވެ.

އިންޑިއާއަކީ ރާއްޖޭގެ މައްޗަށް، ޒަމާނުއްސުރެވެސް، ކަޅިއަޅަމުން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާގުޅިގެން މިކަން އިތުރުވެގެން ދިއައެވެ. ތާރީޚުގެ ތެރޭގައި ބަކަތަޅާކަށް ބޭނުންމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ތަޖުރިބާކާރުންނާއެކު ކުރެވުނު މަޝްވަރާތަކުން އެނގުނު ގޮތުގައި، އިންޑިއާއިން ރާއްޖެއަށްދޭ ކޮންމެ އެހީއެއްގެ ފަހަތުގައި އެމީހުންގެ ހިޔަޅު ރޭވުމެއް އޮވެއެވެ. އެއީ ރާއްޖެ އަޅުވެތިކުރުމުގެ ވިސްނުމެވެ.

ވަރަށް މުޢުތަބަރު ފަރާތްތަކުން އަހުރެންނަށް އެނގިފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން އަޅައިދިނުމަށް އެއްބަސްވި ހޮސްޕިޓަލަށް ދޭންޖެހުނީވެސް އިންޑިއާއިން ޝަރުޠުކުރި ނަމެކެވެ. އެންމެ ފުރަތަމަ އިންޑިއާއިން ހުށަހެޅީ އެ ހޮސްޕިޓަލަށް "އިންޑިއަން ގަވަރމަންޓް މެޑިކަލް ހޮސްޕިޓަލް" (IGMH) ކިޔާށެވެ. ކުރަހައިގެން ގެނައި ޢިމާރާތުގެ ފަރުމާއިން ދައްކުވައިދެނީ ހިންދީންގެ ސަލާމެވެ. ދިވެހި ސަރުކާރުން މި ދެކަމަކަށް އިޢުތިރާޟުކުރިއެވެ. ދިވެހި ސަރުކާރުން އެދުނު އެއްކަމަކީ ނަން ބަދަލުކޮށްދިނުމެވެ. ދެވަނަ ކަމަކަށް ޢިމާރާތުގެ ފަރުމާ ބަދަލުކޮށްދިނުމެވެ. މި ދެކަމަށް ވެސް އިންޑިއާއިން ދުލެއް ނުދިނެވެ. އެއްބަސްވުމުގައި ސޮއި ނުކޮށް އިންޑިއާއިން ހިފަހައްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ދޫދޭންޖެހުނީ ދިވެހި ސަރުކާރަށެވެ.

މި ހޮސްޕިޓަލަކީ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ، 1986 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ހުށަހެޅިހުށަހެޅުމެކެވެ. ކަމާއިބެހޭ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރެވުނީ، އެ ހުށަހެޅުން ޤަބޫލުފުޅުކުރެއްވިތާ ދެ އަހަރުފަހުން، 1988 ގެ އޮކްޓޯބަރު މަހުގައެވެ. ޖެހިގެން އައި މަހު، ނޮވެމްބަރު މަހުގެ 3 ގައި، ތަމަޅަ ޓެރަރިސްޓުން ރާއްޖެ އެރިއެވެ. ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ޤަބޫލުކުރާ ގޮތުގައި، ތަމަޅައިން ތަމްރީންކޮށް، ރާއްޖެއަށް ފޮނުވީ ސީދާ އިންޑިއާއިންނެވެ. މިއީ މިއަދުގެ މަޢުޟޫޢެއް ނޫނެވެ. އެހެން ކަމުން މިވާހަކަ މިހިސާބުން ނިންމާލާނީއެވެ.

ކޮންމެއަކަސް، ހޮސްޕިޓަލަށް ކިޔާނެ ނަމަކާމެދު އެއްބަސްނުވެވި ދެ އަހަރު ދިއުމަށްފަހު، ދެފަރާތަށް އެއްބަސްވެވުނީ، ކުރިން ހުށަހެޅި "އެކްރޮނިމް" އަށް ބަދަލެއް ނުގެނެސް، "އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް" ކިޔުމަށެވެ. އެހިސާބުން އައިޖީއެމްއެޗް ހޮސްޕިޓަލާބެހޭ އެމްއޯޔޫގައި ސޮއިކުރެވުނެވެ. އެއީ، އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވިތާ ދެ އަހަރު ފަހުންނެވެ. ބިންގާ އެޅުނީ، އެމްއޯޔޫ ގައި ސޮއިކުރެވުނުތާ ދެ އަހަރުފަހުން، 14 ޖަނަވަރީ 1990 ގައެވެ. އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވިތާ ހަތަރު އަހަރު ފަހުންނެވެ. ފިނިހަކު ސްޕީޑުގައި ގޮސް، މަސައްކަތް ނިންމާލެވުނީ ހަތަރު އަހަރު ފަހުން، 02 ފެބްރުވަރީ 1994 ގައެވެ. ހޮސްޕިޓަލް އަޅައިދެއްވާނެ ކަމަށް ވިދާޅުވިތާ އަށް އަހަރު ފަހުންނެވެ. ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުނީ ޖެހިގެން އައި އަހަރު، 15 އެޕްރީލް 1995 ގައެވެ. މިއީ ދެބުރިއަށް (އެވެސް ބައެއް ބައިތައް) އެޅި ހޮސްޕިޓަލެއް ނިންމަން ނެގި މުއްދަތެވެ. މިއީ އެ މީހުންގެ ހުށަހެޅުމަށް ރާއްޖެއިން އިޢުތިރާޒުކުރުމުން، ރާއްޖެ ކުޑަކަކޫ މައްޗަށް ތިރިކޮށްލުމަށް ކަންކުރި ގޮތެވެ.

ތަންކޮޅެއް ކުރިން ހިނގި އެހެން ކަމެކެވެ. އިންޑިއާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ބޯޓެކެވެ. މި ބޯޓު ހަދިޔާކުރުމާއެކު، ރާއްޖޭގެ ކޯސްޓް ގާޑުގެ ކުޅަދާނަ އޮފިސަރުން އޭގައި އިން ކޮމިއުނިކޭޝަން ސެޓް ނައްޓާލުމަށްފަހު، އެހެން ސެޓެއް ގަނެ ހަރުކުރިއެވެ. ވަގުތުން އިންޑިއާގެ ކޯސްޓް ގާޑުންގެ ފަރާތުން ވަފުދެއް ރާއްޖެ އައެވެ. އަދި އެމީހުންގެ ދަތުރަކީ އެމީހުން ހަދިޔާކުރި ބޯޓު ގެެއްލިގެން ވީގޮތެއް ބެލުމަށް ކުރި ދަތުރެއް ކަމަށް ބުނިކަމަށް ވެއެވެ. މި ބޯޓަކީ އިންޑިއާއިން ރާއްޖެއަށް "ދިން" ބޯޓެކޯލައެވެ. އެވެސް ދިނީ، އެ ބޯޓުގެ ހުރިހާ މޫމަންޓެއް ބެލޭނެ ނިޡާމެއް ހަރުކޮށްފައެވެ. މިއަދު އެމީހުން އެތިބީ ރާއްޖޭގެ އެތަން މިތަނުގައި ރާޑަރުތައް ބަހައްޓައިގެންނެވެ. ރާއްޖެއަށް އައިސްގޮސްވާ ހުރިހާ އުޅަނދެއް ބެލުމަށެވެ. ވައިގެ މަރުކަޒުތަކުގައި ރުކުރުވާލި ހެލިކޮޕްޓަރުތަކާއި ޑޯނިއަރ ތައްވެސް އެހުރީ މޮހަނަށް އޮޑިދޭހެން ދީފައެވެ. އެންމެން ތިބީ ޑިޕްލޮމެޓިކް ކްލިއަރަންސް ދީފައެވެ. އަންނަ ތަނެއް، ދާތަނެއް، ނުވަތަ ކުރާކަމެއް އެނގޭ ދިވެއްސަކު ނެތެވެ.

މިއަށްވުރެ މާ ފަޤީރު ޙާލުގައި ދިވެހިިން ތިބި އިރުވެސް އިންޑިއާއަށް އޮތީ މި ޤައުމަށް ވަދެ ނުގަނެވިފައެވެ. މިއަދު އެމީހުން އެތިބީ އަހަރެމެންގެ ދިފާޢީ ބާރުގެ މައްޗަށް ގަދަވެގެންފައެވެ. އެމީހުންގެ ހިޔަޅު ބުއްދީގެ ތެރެއިން އެތެރެކޮށްލި "ޓްރޯޖަން" ހޯސްތަކެއް މެދުވެރިކޮށެވެ. ރާއްޖޭގެ ކޮމާންޑަރުންނަށް ތިއްބެވީ ދުނިޔޭގެ ނަންކިޔާ ހުރިހާ މިލިޓަރީ މަރުކަޒުތަކަކުން ތަމްރީނު ދީފައެވެ. ސުވާލަކީ މިހާ ފަސޭހައިން، ރާއްޖޭގެ ދިފާޢީ އައްޑަނަ ފޫއަޅުވާލާފައި، އެވަދެގަތީ ކޮންބައެއްްގެ އިހުމާލުން ހެއްޔެވެ؟ ތާރީޚުން ޙާޞިލުކުރެވުނު އެއްވެސް ފިލާވަޅެއް އެބައޮތް ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް މަޢުލޫމާތު މުއްސަނދި އަދި އެހާމެ ކިޔާލާ ހިތްވާ ގޮތަށް ލިޔުއްވާފައިވާ މޮޅު އާޓިކަލްއެއްކަން ފާހަގަ ކުރަމެވެ. މިފަދަ ޢިލްމީ ދިރާސީ ލިޔުންތަކަކީ މިއަދު މިޤައުމަށް އެންމެ މުހިންމު އަދި ރަނާއި ރިއްސަށްވުރެ ތަދު އެއްޗެއްކަމަށްވީ ހިނދު، މިފަދަ ލިޔުންތައް ގިނައިން ޝާއިޢުކޮށް ދެއްވުން އެދެމެވެ. ފާރޫޤުބެއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *