Support Us

އަސްމާ: ވަރުބަލިވުމެއް ނެތި، ބާރު ދުވެލީގައި

ސޯޝަލް މީޑިއާ ބަލައިލާއިރު އެ ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު ވެސް ހިތަށް އަރައެވެ؛ މިއީވާ މުރާލި، ހިތްވަރު ގަދަ ކަނބަލެކެވެ. އެންމެ ގިނައިން ފެންނަނީ ބޮޑު ގްރޫޕަކާއެކު މާލެ އާއި ހުޅުމާލޭގައި ބައިސްކަލް ދުއްވާތަނެވެ. ދެން ފެންނަނީ ގައިޑް ޔުނީފޯމުގައި ކޮންމެވެސް ހަރަކާތެއްގައި އުޅޭތަނެވެ. ދެން އޭނާގެ އެކުވެރިންނާއެކު އެވެ. އަދި ރަސްމީ ވަޒީފާގެ ތެރެއިން ކޮންމެވެސް ހަރަކާތެއްގައި އުޅޭ ތަނެވެ. ނޫނީ ޓީވީގެ ކޮންމެވެސް ޕްރޮގްރާމަކުންނެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އެއީ މޮޑެލެއްހެން ވެސް ހީވެއެވެ.

މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟

ހދ. ކުޅުދުއްފުއްޓަށް އުފަން އަސްމާ ހަސަން އަބަދުވެސް ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ "ފިސާރި ކަނބަލެއް"ގެ ގޮތުގައެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ އެޗް.އާރް ކޯޑިނޭޓަރެއްގެ މަޤާމު އަދާކުރަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ދެ ޖަމިއްޔާއެއްގެ އިސް ސަފުގައި އޭނާ ހަރަކާތެރިވެއެވެ. އެއީ 2015 ވަނަ އަހަރުން ފެށިގެން ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް) އަދި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް) ގައެވެ.

އަސްމާގެ ފޭސްބުކް އަދި އިންސްޓަގްރާމުގައި ހުރި ފޮޓޯތަކަށް ބަލައިލުމުން، ރަސްމީ ވަޒީފާއަށާއި އިތުރު ހަރަކާތްތަކަށް އޭނާ ދޭ ޝައުގުވެރިކަން ކިތަންމެހާ ވެސް ރަނގަޅަކަށް ސިފަވެގެންދެއެވެ. އޭނާގެ ހުރިހާ ހަރަކާތްތަކެއް ވެސް ހަނދާނާއި ތާރީހަށްޓަކައި ހުރީ ވަރަށް ސާފުކޮށް ފެންނާށެވެ.

"ބައިސްކަލް ދުއްވުމަކީ ކުޑަ އިރުއްސުރެ ފެށިގެން އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް. ސަރުކާރަށް ވަނީއްސުރެ، 1992 އިން ފެށިގެން 2003 އާ ހަމައަށް އުޅުނީ ބައިސްކަލުގައި. އޭގެ ފަހުން ބައިސްކަލް ދުއްވާ ގުރޫޕެއްގެ ފޮޓޯތަކެއް (ސޯޝަލް މީޑިއާ އިން) ފެނިގެން އެ ގުރޫޕުގެ މަޢުލޫމާތު އޮޅުންފިލުވައިގެން އެ ގްރޫޕާ އެކު ހެނދުނު ކަސްރަތަށް (ބައިސްކަލް) ދުއްވަން ފެށީ. އެހެން އުޅުމުގެ ތެރޭ ގުރޫޕުން ރާވާ ކަންކަން އަމަލީ ގޮތުން އަމިއްލަ އިސްނެގުމުގެ ދަށުން ކުރަން ފެށީ،" ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު 2016 ވަނަ އަހަރުން ފެށިގެން އަދާކުރަމުން ގެންދާ އަސްމާ ކިޔައިދިނެވެ.

ބައިސްކަލް ދުއްވުމަށް، ބައިކް މޯލްޑިވްސްއާއެކު އަސްމާ ވަނީ ގިނަ ރަށްތަކަކަށް ދަތުރުކޮށްފައެވެ. މިގޮތުން 2016 ވަނަ އަހަރު ފުވައްމުލަކަށް، 2016 އަދި 2017 ގައި ލ. ގަމަށް އަދި 2019 ވަނަ އަހަރު ކުޅުދުއްފުއްޓަށް ވަނީ ދަތުރުކޮށްފައެވެ. އަދި މީގެ އިތުރުން 2017 އިން ފެށިގެން ވިދިވިދިގެން ތިން އަހަރު ބައިކް މޯލްޑިވްސްއާއެކު ލަންކާއަށް ވެސް ގޮސް ވަނީ ބައިސްކަލް ދުއްވައިފައެވެ.

"ފާއިތުވެދިޔަ ހަތަރު އަހަރު ބައިކް މޯލްޑީވްސްގައި ހިންގުނު ކާމިޔާބު ހަރަކާތްތަކުގައި އަޅުގަނޑުގެ ދައުރު ވަރަށް ބޮޑުވާނެ،" ބައިކް މޯލްޑީވްސްގެ ޖެނެރަލް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ދަތުރުތައް ރާވައި ހިންގުމުގައި އިސްކޮށް އުޅުނު އަސްމާ ބުންޏެވެ.

"އެންމެ ފާހަގަކުރެވުނީ 2019 ގައި ލަންކާގެ ޖަފްނާ އަށް ކުރި ދަތުރު. އެ ދަތުރު ބައިސްކަލްގައި ފެށީ (އެއާޕޯޓު ކައިރީގައި އޮންނަ) ނިގަމްބޯ އިން. އަޅުގަނޑުމެން އެންމެން ބައިސްކަލްގައި ތިން ދުވަސް ވަންދެން ދުއްވުމަށްފަހު ޖަފްނާއަށް ދެވުނީ. ކޮންމެ ދުވަހަކު 70-80 ކިލޯމީޓަރު ދުއްވަންޖެހޭ،" އެ ދަތުރުގެ ހަނދާންތައް އަސްމާ އާކުރިއެވެ. "ވަރަށް ތަފާތު ތަޖުރިބާއެއް އެއީ."

މާލޭގައި ބައިސްކަލް ދުއްވަމުން ހެދި ފުރަތަމަ ސެންޗަރީ (100 ކިލޯމީޓަރު) ގެ ރެކޯޑު، 18 އޯގަސްޓް 2019 ގައި ހެދި ދެ އަންހެން ބައިސްކަލް ދުއްވުންތެރިންގެ ތެރެއިން އެކަކީ ވެސް އަސްމާއެވެ.

އަސްމާ.. ބައިކް މޯލްޑިވްސްގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

"ހުއްޓުމެއް ނެތި 100 ކިލޯމީޓަރ ދުއްވިން އެ ދުވަހު. ފަސް ގަޑިއިރު ނެގި 103 ކިލޯމީޓަރ ދުއްވަން،" އަސްމާ ބުންޏެވެ. "މިއީ ވެސް ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ރާއްޖޭގައި ވަރަށް މަދު އަންހެނަކަށް 100 ކިލޯމީޓަރު ދުއްވިފައި ވަނީ."

އަސްމާ.. ބައިކް މޯލްޑިވްސްގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

ބައިކް މޯލްޑިވްސް އަކީ ކޮން ތަނެއްކަން ގިނަ މީހުންނަށް އެނގި، އެތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެއް އަހަރުން އަނެއް އަހަރަށް އިތުރުވެގެން ދިއުން އެއީ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އަސްމާ ފާހަގަކުރެއެވެ.

ބައިސްކަލް ދުއްވުމުން އަސްމާ ހޯދައިފައިވާ އެހެނިހެން ކާމިޔާބީތައް ވެސް ވަރަށް ގިނައެވެ.

ނެޝަނަލް ސައިކްލިން ޗެންޕިއަންޝިޕް 2017

  • 1000 މީޓަރ ސްޕްރިންޓް 3 ވަނަ، އެ އަހަރު ޓީމް ޕަރސުއިޓް 2 ވަނަ.

 

ނެޝަނަލް ސައިކްލިން ޗެންޕިއަންޝިޕް 2019

  • 200 މީޓަރ ސްޕްރިންޓް 1 ވަނަ
  • 1000 މީޓަރ ސްޕްރިންޓުން 1 ވަނަ
  • 3000 މީޓަރ ސްޕްރިންޓުން 1 ވަނަ އަދި
  • 2019 ވަނަ އަހަރުގެ މުޅި މުބާރާތުގެ އަންހެނުންގެ ބައިން 1 ވަނަ ދުއްވުންތެރިޔާ

ބައިސްކަލްގެ ބައި ދެން ބާއްވަމާ ހިނގާށެވެ.

މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް)ގައި ވެސް އަސްމާ އަދާކުރާ ދައުރު ބޮޑެވެ.

އަސްމާ.. އެމް.އެސް.ޖީ.އެފްގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

"އަޅުގަނޑު ރަސްމީކޮށް އެމް.އެސް.ޖީ.އެފްއާ ގުޅުނީ 2016 ވަނަ އަހަރު އެގްޒެކްޓިވް ކޮމިޓީގެ މަގާމެއް ކަމަށްވާ ފައިނޭންސް ސެކްރެޓަރީ އަށް. އެ ޖަމްއިއްޔާ އަކީ ކުރީގައި ސްކައުޓުގައި ނުވަތަ ގައިޑުގައި އުޅެފައި ތިބި އަދި ސްކައުޓް ގައިޑުގެ ވެލިއުސްތައް ގަބޫލުކުރާ ކޮންމެ ބޭފުޅުކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައި އޮތް ޖަމްއިއްޔާއެއް،" އަސްމާ ކިޔައިދިނެވެ. "މިއަހަރު ވަރަށް ދެރަކޮށް މި ދިމާވީ. ކޮވިޑް19 އާ ގުޅިގެން އަމަލީ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭ. އެހެން ނަމަވެސް މި ހުސްވި ސެޕްޓެމްބަރު މަހު ސައިލެންޓް އޮކްޝަންއެއް އެމް.އެސް.ޖީ.އެފްގެ ފޭސްބުކު ޕޭޖް އަދި ވެބްސައިޓު މެދުވެރިކޮށް ހިންގާ އެއިން ލިބުނު 24،000 ރުފިޔާ. އެ ފައިސާ ޚަރަދުކޮށްފައިވާނީ ކޮވިޑްގެ ސަބަބުން އެހީތެރިކަން ބޭނުންޖެހިފައިވާ މާލެއާއި އެކި ރަށްރަށް ހިމެނޭ ގޮތަށް 24 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި."

އަސްމާ.. އެމް.އެސް.ޖީ.އެފްގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

އަދި ނިމޭކަށް ނެތެވެ. އަސްމާގެ އެންމެ ހައިރާންކުރުވަނިވި ވާހަކަ އަކީ މިިއީއެވެ. އުމުރުން 20 އަހަރުގައި އަސްމާ އަލަށް ވަޒީފާއަށް ނުކުތީ 14 ޑިސެމްބަރު 1992 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އަށެވެ. ފަހުން އެތަން މިނިސްޓްރީއަކަށް ބަދަލުވެ، އަދި މިހާރު ވަނީ ދައުލަތުގެ މިނިވަން މުވައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވެފައެވެ. އެހެންކަމުން ސަރުކާރުގެ/ ދައުލަތުގެ ވަޒީފާ އަސްމާ އަދާކުރާތާ މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް 28 އަހަރު ވާނެއެވެ. އެންމެ ފާހަގަވާ ކަމަކީ ވަޒީފާގައި 28 އަހަރު ވާއިރު ދުވަހަކުވެސް، އަސްމާ ގަޑިއެއް ނުޖެހެއެވެ. އެކަމުގެ އަގުވަޒަންކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ތަފާތު ފަހަރު މަތިން އަސްމާއަށް ހިތްވަރު ދީ އެވޯޑާއި ލިއުން ދީފައެވެ.

އަސްމާ.. ބްރޯޑްކޮމްގެ މުވައްޒަފުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

"އަޅުގަނޑު ފުރަތަމަވެސް ވަޒީފާ އަށް ވަން އޮފީހުގައި އަދިވެސް މި އުޅެނީ. އޭގެ ފަހުން އެތައް ނަމަކަށް މިތަން ބަދަލުވެއްޖެ. މި ވީހާ ދުވަހު އަޅުގަނޑު ދުވަހަކުވެސް ގަޑިއެއް ނުޖެހެން. އަބަދުވެސް އެންމެ ކުރީ އޮފީހަށް އަންނަ މީހަކަށް ވާނެ އަޅުގަނޑު."

އަސްމާ.. ބްރޯޑްކޮމްގެ މުވައްޒަފުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

އަސްމާގެ ވެރިއެއްގެ ގޮތުގައި ނުވަ އަހަރު ދުވަހު މަސައްކަތް ކުރެއްވި މޯލްޑީވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ވިދާޅުވީ އަސްމާ އަބަދުވެސް ފާހަގަކުރެވުނީ ވަރަށް ގަޑިއަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައި ކަމަށެވެ.

އަސްމާ.. ބްރޯޑްކޮމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނާސިހު (މ) އަދި ބައެއް މުވައްޒަފުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

"އަސްމާ އަކީ ވަރަށް ގަޑިއަށް ފަރުވާތެރި، މީހުންނާ ގުޅިގެން ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފެއްކަން ފާހަގަކުރެވުނު،" ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ދާދި ފަހުން އައްޔަންކުރި ނާސިހް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އަވަހަށް ނިދަން އާންމުކޮށް. އެންމެ ލަސްވިޔަސް 11 ގެ ކުރިން ނިދޭތޯ ބަލަން. ފަތިހު 4.30 ގައި ހޭލަން އާންމުކޮށް. ދެން ފަތިސް ނަމާދު ކޮށްގެން ބައިސްކަލް ދުއްވަން ދަނީ. ކޮންމެ ދުވަހަކު ވެސް ފަތިހު ގަޑިއެއްގެ އިރު ވަންދެން ބައިސްކަލް ދުއްވަން. އޭގެ ފަހުން 8 ޖަހަންވާއިރަށް އޮފީހަށް ދަނީ،" އަސްމާގެ ހެނދުނުގެ ޝެޑިއުލް ކިޔައިދިނެވެ.

އަސްމާ.. ބައްޕަ އާއި މަންމަމެނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

އަސްމާއަކީ ކުޅުދުއްފުށީގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ހާޖީ ހަސަންފުޅުގެ ބޮޑު އާއިލާގެ 13 ކުދިންގެ ތެރެއިން  އެންމެ ދޮށީ ދަރިފުޅެވެ.

އަސްމާ.. އާއިލާގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

އަސްމާ އަކީ ޓްވިންސެކެވެ. ނަރުސް ވަޒީފާގައި ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތްކުރުމަށްފަހު މިހާރު، ސްކޫލް އޮފް ނަރސިންގެ ސީނިއަރ ލެކްޗަރަރގެ މަގާމުގައި ހުރި، އަދި ޕީ.އެޗް.ޑީ އަށް ކިޔަވަމުން އަންނަ ކޮއްކޮ ސަލްމާ ހަސަނާއި އަސްމާއާ އެހާ ވައްތަރުތޯ އަދިވެސް އެއްފަހަރު ބަލައިލަމާ ހިނގާށެވެ.

އަސްމާ އާއި ޓްވިންސް ކޮއްކޮ ސަލްމާ  -ފޮޓޯ: އަސްމާ/ އެފް.ބީ

އޮފީހުގައި ބުރަކޮށް މަސައްކަތްކުރަމުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި އަވަދިނެތި އުޅެމުން ވެސް އަސްމާ ވަނީ އޭނާގެ ލޮލުގެ "ކޮއި" ކަމުގައި ދެކޭ، އުމުރުން 19 އަހަރުގެ ދަރިފުޅު އައިޝަތު ލުޔޫނާ އަށް ކިޔަވައިދީ ބޮޑުކޮށްފައެވެ. ވިލާ ހައި ސްކޫލުން ގްރޭޑް 12 ނިންމުމަށްފަހު ލުޔޫނާ މިހާރު ގެންދަނީ ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންނެވެ.

އަސްމާ އާއި ދަރިފުޅު ލުޔޫނާ  -ފޮޓޯ: އަސްމާ/ އެފް.ބީ

"ސައިރިކްސްގައި ކިޔަވަމުން ޖެންޑަރ މިނިސްޓްރީގައި އިންޓަރން އެއްގެ ގޮތުގައި ވެސް ލޫލު މަސައްކަތްކުރޭ،" ދަރިފުޅާއެކު ނަގައިފައިވާ ފޮޓޯއެއް ދައްކާލަމުން އަސްމާ ބުންޏެވެ.

އަސްމާ އާއި ދަރިފުޅު ލުޔޫނާ  -ފޮޓޯ: އަސްމާ/ އެފް.ބީ

"އަޅުގަނޑުގެ ހުރިހައި ވެސް ދިރުމަކީ އަޅުގަނޑުގެ ދަރިފުޅު،" އަސްމާ ބުންޏެވެ. "ވަޒީފާގެ އިތުރުން އިތުރު ކަންތައްތަކަށް ވަގުތު ހޯދަނީ، ކަންކަން ކުރުމަށް ކުރިއަށް ރާވާލައިގެން. އަދި ދަރިފުޅާއި އާއިލާގެ މެންބަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން."

އަސްމާ.. އާއިލާގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

ދަރިފުޅަކު ގޮވައިގެން އެކަނި އުޅެންޖެހުން އެއީ މަންމައަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމުގައި އަސްމާ ދެކެއެވެ.

އަސްމާ.. ބައިކް މޯލްޑިވްސްގެ ބައެއް މެމްބަރުންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

"އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަވިޔަސް، އެ ގޮންޖެހުންތަކަށް ހިތްވަރާއެކު ކުރިމަތިލައިފިނަމަ ކާމިޔާބުވާނެކަން އެއީ ޔަގީންކަމެއް،" އަސްމާ ބުންޏެވެ.

އަސްމާ.. ގާތް ރަހުމަތްތެރިންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

ތެދެކެވެ. އަސްމާ އެ ދަނީ އެކަން ސާބިތުކުރަމުންނެވެ. އޭނާގެ ހިތްވަރާއި މުރާލިކަމުގެ ތެރެއިންނެވެ. އަސްމާ އަށް ހަމަ ސާބަހެވެ. އަދިވެސް އެއްފަހަރު ސާބަހެވެ.

އަސްމާ.. ގާތް ރަހުމަތްތެރިންނާއެކު -ފޮޓޯ: އަސްމާ/ އެފް.ބީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *