...

Support Us

ކޮލަމް: ނޫވިލު

ކޮންމެ މިނިވަންކަމަކީވެސް އިމަކާއި މިނެއް އޮތް އެއްޗެއް

އިންސާނީ މިނިވަންކަމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ކަންކަމުގައި އެކި މިނަށް ލިބިދޭ އެއްޗެކެވެ. އެއީ އެބައެއްގެ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއެއްގެ މައްޗަށް ބުރަވެ ކަނޑައެޅެމުންދާ އިންތަކަކާއި މިންތަކެކެވެ. ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އަތްލެވޭ އެއްޗެއް ނޫނެވެ. މިނާ ވަޒަން ކުރެވޭ އެއްޗެއް ނޫނެވެ. ކިރާ ހަމަކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމަ އެހެންމެ މިނިވަންކަމުގެ އިމަކީ ވަކި ފަރުދަކު އަމިއްލައަށް ކަނޑައަޅާ އެއްޗެއްވެސް ނޫނެވެ. އެއީ އެ މީހެއްގެ ވެށިން އުފެދި އާލާވަމުން އަންނަ އެއްޗެކެވެ. މިނިވަންކަން ކަނޑައެޅެނީ ގިނަ ބަޔަކު ގަބޫލްކުރާ ހަމައާއި އުސޫލެއްގެ ތެރެއިންނެވެ. ނުވަތަ އެބަޔަކު ދިރިއުޅޭ ޖަމާއަތެއް ގަބޫލުކުރާ ހުދޫދުގެ ތެރެއިންނެވެ. ނޫންނަމަ ގިނަ ބައެއްގެ ބައިވެރިވުން ތަމްސީލުކޮށްދޭ ގޮތަށް އެކަމަށް ކަނޑައަޅައިފައިވާ އިދާރާ ތަކަކުންނެވެ.

މިގޮތުން ޤައުމެއްގެ މިނިވަންކަން މިހާރު ކަނޑައަޅަނީ އެ ޤައުމެއްގެ ވަށައިގެންވާ ޤައުމުތަކުގެ ރުހުމާ އެކު އދ އިން އެ މިންތަކާއި އިންތައް ގަބޫލުކޮށް މިނިވަން ޤައުމެއް ކަމުގައި ކަނޑައަޅައިދިނުމުންނެވެ. މިގޮތުން 195 މިނިވަން ޤައުމު އެބައޮތެވެ. އަދި ފުރިހަމަ މިނިވަންކަން ނުދެވި އެހެނަސް ޤައުމުކަމުގައި ބެލެވޭ ތަންތަން އަދިވެސް އެބަހުއްޓެވެ.

އދ. އަކީ ދުނިޔޭގެ ހުރިހާ ޤައުމުތައް ތަމްސީލުކޮށްދޭ އެންމެ ބޮޑު ޖަމާއަތެކެވެ. ވީމާ ޤައުމެއްގެ މިނިވަންކަމަކީ ފަހަރެއްގައިވެސް ވަކި ފަރުދެއްގެ ނިންމުމެއް ނޫނެވެ. އަދި ވަކި ފަރުދަކު ކަނޑައަޅާ އިމެއްވެސް ނުމެނޫނެވެ.

މިސާލެއްގެ ގޮތުން، 1990ގެ ތެރޭގައި އަރަބިކަރައިގައި މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ކުވޭތަކީ މިނިވަން ވަކި ދައުލަތެއް ނޫން ކަމަށް ކުވޭތާ އެއް އިންވެގެން އޮތް އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސެއިން އިއުލާނުކުރެއްވިއެވެ. ނަމަވެސް އދ. އިން އެގޮތް ގަބޫލެއްނުކުރިއެވެ. ގިނަ ލޭއޮހޮރުވުންތަކެއް ހިނގި ނަމަވެސް ކުވޭތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓިއެވެ. އަދި ޖަމާއަތުގެ ނިންމުން ކުރިއަށްނެރެ ދިފާއުކުރިއެވެ. ވަކި ފަރުދެއްގެ ނިންމުން ބަލައެއްނުގަތެވެ. އެހެންކަމުން މިނިވަންކަމެއް ދެމެހެއްޓުމަށް މިއަށްވުރެން ވަކީން ރައްކާތެރި އަދި ހަމަޖެހޭ ގޮތެއް އޮންނާނެ ކަމަކަށްވެސް ނުވިސްނެއެވެ. އެހެނީ ބޮޑު އެތި އަރާ ކުޑަ އެތި ކާލައޭ ބުނާ ބީދައިން މިނިވަންކަން އޮންނަން ފަށައިފިނަމަ ދުނިޔެއަކަށް ހަމަޖެހުމެއްނެތެވެ. އާރާސްތުވެ ކުރިއަރާ ދިއުމެއްވެސް ނެތެވެ. ހައްތަހާވެސް އޮންނާނީ ލޭއޮހޮރުވުމެވެ. ފަނާކުރުމާއި ހަނގުރާމައެވެ.

ދެން ފެށެނީ އެ ޤައުމެއްގެ އެތެރޭގެ މިނިވަންކަމެވެ. އެފަދަ މިނިވަންކަމެއް އޮންނަންވި އިމަކާއި ހުދޫދެއް ކަނޑައަޅަނީ އެ ޤައުމެއްގެ އަހުލުވެރީން ގަބޫލްކުރާ ހަމައާއި އުސޫލަކުން، އެބަޔަކު އަމިއްލައަށެވެ. އެއީ އެހެން ކަރައަކުން އިންޕޯޓްކުރެވޭ އެއްޗެއްނޫނެވެ. އެއީ އެތަނެއްގެ އަޣުލަބިއްޔަތުން އުފެދޭ އެއްޗެކެވެ. އެފަދަ ނިންމުންތައް ނިންމައިފައި ހުންނަނީ ދީނަކުން، ސަމާވީ ފޮތަކުން ނޫންނަމަ ސަގާފަތުގެ ތެރެއިން އުފައްދާ ޤާނޫނު އަސާސީއެއްގެ ގޮތުގައެވެ. ޤާނޫނުއަސާސީ އަކީ އެތަނެއްގައި ދިރިއުޅޭ އެންމެންނާއި އަދި ޒިޔާރަތްކުރާ އެންމެންގެ މައްޗަށް ވެސް ކަންކުރަންވީ އިންތަކާއި މިންތައް ޔަގީންކޮށްދިނުމަށް ކަޅާއިހުދުން ލިއެވިފައިވާ، އެއްވެސް އިސްތިސްނާއެއް ނެތް ލާޒިމް އަސާސްތަކެކެވެ. ފަހަރެއްގައިވެސް  އެމީހަކު އަމިއްލައަށް އެމީހެއްގެ މައްޗަށް މިނިވަންކަން ކަނޑައަޅާ އިއުލާނު ކުރަނީކީ ނޫނެވެ. ހަމައެއް ލަމައެއްނެތި ކަންކަން ކުރުމަކަށް ޖާގައެއްނޯވެއެވެ.

ގޯތި ގެދޮރުގެ އިމާއި އާއިލާ އަދި މުދާ ވެރިވެވޭނެ އިންތަކަކާއި މިންތަކެއް ހިމެނެއެވެ. ނަމަވެސް ޤައުމެއްގެ މިނިވަންކަން ބޭރުފުށަށް ނުގެއްލި، ކަނޑިބަޑި ހިފައިގެން ފާޅުގައި އަރައިނުގަނެ މިނިވަންކަން ނިއުޅައިގަނެ އަޅުވެތި ކުރުމުގެ މަކަރުވެރި ރޭވުންތައް މިއަދުވެސް ހިނގަހިނގާ ހުރެއެވެ. އެހެނަސް އެތަނެއްގައި ތިބި އަހުލުވެރީންގެ ހިތްތައް ފަތަހަނުކުރެވިއްޖެނަމަ މިނިވަންކަން ކުރިހޯދާނެއެވެ.

ޖަމާއަތުގެ މިނިވަންކަމަކީވެސް އެޖަމާއަތަކުން ކަނޑައަޅާ އިންތަކަކާއި މިންތަކެއްގެ މައްޗަށް އޮންނަ މިނިވަންކަމެކެވެ. އެހެނީ ޖަމާއަތުގެ މިނިވަންކަމޭ ބުނާ ލަފްޒުން އެކަނިވެސް ފުރިހަމަ މާނަ ދޭހަވެއެވެ. ނަމަވެސް ޖަމާއަތުގެ މިނިވަންކަން ކަނޑައެޅެނީ އެ ޖަމާއަތެއް ނިސްބަތްވާ ޤައުމެއްގެ މިނިވަންކަމުގެ އިމުގެ ތެރެއިންނެވެ. ޤާނޫނުއަސާސީން ކަނޑައަޅާ އިންތަކުގެ މިނަށެވެ.

އާއިލީ މިނިވަންކަމަކީވެސް ހަމަ އިމަކާއި މިނެއް އޮތް މިނިވަންކަމެކެވެ. ދަރިފަސްކޮޅުގެ އިމެވެ. ލޭގެ ގުޅުމުގެ އިމެވެ. ވާރުތަ ދަރިދަރިކޮޅުގެ ޤުދުރަތީ ވަރުގަދަ ގުޅުމުގެ ތެރޭއިން އެކަށައެޅިގެން ހިނގާ މިނިވަން އިމެކެވެ. އެހެނީ ހަމަ ކޮންމެކޮންމެ މީހަކު ދުލުން ބުނާ ބުނުމަކުން އެއް އާއިލާއަކުން އަނެއް އާއިލާއެއްގެ މީހެއް ކަމަކަށް ކަނޑައެއް ނޭޅެއެވެ. ފެށޭ ހިސާބަކާއި ނިމޭ ހިސާބެއްވެސް ކިޔައިއުޅެއެވެ. އޮޅުންބޮޅުން ނާރާ ރީއްޗަށް ދެމިގެންދާ އިމަކާއި މިނެއް އޮތް ކަމެކެވެ. ވަކި ފަރުދަކު އެކަނި ނިންމި މިނިވަންކަމެއް ނޫނެވެ.

ފަރުދީ މިނިވަންކަމަކީވެސް ކުރިން ލިޔެވުނު ހުރިހާ މިނިވަންކަމަކާއި ލާމެހިފައިވާ މިނިވަންކަމެކެވެ. ޒާތީ މިނިވަންކަމޭވެސް ކީދާނެއެވެ. ނަމަވެސް އަނެކުންގެ މިނިވަންކަމުގެ އިމަށް ވަނުމެއްނެތެވެ. އެ ހިސާބުން އަނެކާގެ މިނިވަންކަމަށް ވަދެވެނީއެވެ. ވީމާ އެފަދަ މިނިވަންކަމުގައިވެސް އިމަކާއި މިނެއް އޮވެއެވެ. ހިތު ހުރިހާ ކަމެއްކޮށް ހިތު ހުރިހާ އެއްޗެއް ދުލުން ބުނެފައި މިނިވަންކަމޭ ބުނެވޭކަށް ނޯންނާނެއެވެ. އެ ދެވެނީ މިނިވަންކަމުން ބޭރަށެވެ. އެފަދަ ހާލަތުގައި ޖަމާއަތުގެ މިނިވަންކަމުގެ ތެރެއިން އެކަށައެޅި ޤާނޫނުއަސާސީގެ މަގަށް ވައްދަންޖެހެއެވެ. އަދަބެއް ވިއަސް ޖުރިމަނާއެއް ކަމުގައި ވީނަމަވެސް އެފަރާތަކާ ކުރިމަތިކުރުވަން ލާޒިމެވެ. ފަރުދީ މިނިވަންކަމަށްވުރެން ޖަމާއަތުގެ މިނިވަންކަން މާ ބޮޑުވާނެކަން ދަންނަންޖެހެއެވެ.

ފަހަކަށް އައިސް މި ރާއްޖޭގައި އިވެން ފެށި އަޑަކީ ދީނީ މިނިވަންކަމޭ ބުނެ ޤާނޫނުއަސާސީ އަށްވުރެން މަތީން ޖާގަ ހޯދުމަށް ބަޔަކު ފަތުރަން ފެށި އަޑުތަކެކެވެ. ހައިރާންވަނީ މިކަމުގައި ދިވެހީންނަށް ވުރެން ބިދޭސީން އިސްކޮށް ތިބުމެވެ. ހިތާމައަކީ މަދުން ނަމަވެސް ދިވެހީންވެސް ހިމެނޭކަމެވެ.

ވިސްނާލަން ފަސޭހަކޮށްލާނަމެވެ. އާދައިގެ ރެސްޓޯރަންޓަކަށް އެއްޗެއް ކާލަންދިއުމެވެ. އެތަނެއްގެ އޮންނަ މެނިއު ބަލާފައި އޯޑަރުދިނުން މިއީ އެންމެން ދަންނަ އަދި ދުނިޔޭގެ އެންމެންވެސް ގަބޫލުކުރާ ހަމައެވެ. އެހެނީ އެތަނަކުން ފޯރުކޮށްދެވޭނެ އެއްޗެހި އެހެރީ ލިއެފައެވެ. ޝަކުވާއެއްނެތެވެ. ހަމަ މި މޭރުމުން ވިސްނާލުމުން ޤާނޫނުއަސާސީ އަކީ އެޤައުމެއްގެ މެނިއު އެވެ. މާ ތަފްސީލެވެ. ލިބޭނެ އެއްޗެއްކާއި ނުލިބޭނެ އެއްޗެހިވެސް ސާފުވާހެން ލިޔެފައިވެއެވެ. މިފަދަ ހާލަތުގައި އެ ރެސްޓޯރަންޓްގެ މެނިއުގައި ލިޔެފައި ނެތް، އަދި ސަރވް ނުކުރާ އެއްޗަކަށް އޯޑަރު ދީގެން ތިބެ އެކަމާ އަޑުއުފުލުމަކީ މޮޔަކަމެއް ނޫންބާއެވެ؟ ކިތަންމެ އިރަކު ތިބި ނަމަވެސް ލިބޭނެބާއެވެ؟

ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތް ކަމުގައިވާ އދ.ގައި ކޮންމެ ޤައުމަކުންވެސް އެއްބަސްވެ އިޤްރާރުވެފައި ވަނީ އެ ތަނެއްގައި އޮންނަ ޤާނޫނުއަސާސީ އާއި އެންމެހާ ޤާނޫނާއި ގަވައިދުތައް އެބަޔަކު އަމިއްލައަށް ހަދައި އެއަށް އަމަލުކުރުންމަތީ ދެމިތިބުމަށެވެ. ވަކީން ހާއްސަކޮށް މި ދިވެހިރާއްޖެއިން ވަނީ ސޮއިކުރެވޭ ކޮންމެ އެބަސްވުމެއްގައިވެސް އިސްލާމް ދީނުގެ އަސްލަކާ ހިލާފުވެދާ ފަދަ މާއްދާއެއް ހިމެނޭނަމަ އެފަދަ އެންމެހާ މާއްދާއަކަށް އިސްތިސްނާއެއް ލާފައި ދެން ހުރި ކަންކަމަށް އެއްބަސްވެވޭ ގޮތަށް ބަލައިގަނެ ހަމަޖެހިފައެވެ. ވީމާ މި ހުރިހާ ކަމަކުންވެސް އެނގި ސާފުވަނީ ކޮންމެ މިނިވަންކަމަކީވެސް އަދި އެނޫންވެސް ދުނިޔެވީ ހަމަ ހުރިހާ ކަމަކީވެސް އޭގައި ހުދޫދު ތަކަކާއި އިމަކާއި މިނެއް އޮތް އެއްޗެއްކަމެވެ.