Support Us

ބޯން ކިތަންމެ ހިތި ބޭހެއް ނަމަވެސް، މިކަން ކުރަންޖެހެއެވެ.

އޮކްޓޯބަރު 05، 2017 ގައި، އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި، ރައްޔިތުންގެ މަޖިލީހުގެ "ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް، އޭރުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠޯރިޤް އިބްރާހީމްގެ އިތުރުން ދައުލަތުގެ ދެ ކުންފުންޏެއް ކަމުގައިވާ ސްޓެލްކޯ އާއި ފެނަކައިގެ އިސްވެރިން ޙާޟިރުކުރި ވާހަކަ ރިޕޯޓްކޮށްފައި ވެއެވެ. މި ފަރާތްތައް ޙާޟިރުކުރި ކަމަށް ވަނީ ކަރަންޓްގެ ޚިދުމަތަށް އަގު ނެގުމުގައި، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުންނާތީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާއި ގުޅިގެން ކަމަށް ބުނެފައިވެއެވެ. މިބޭފުޅުން ކޮމެޓީއާއި ޙިއްޞާކުރެއްވި މަޢުލޫމާތުގެ ތެރޭގައި، ދުރުގައި ހުންނަ ކުުދި ރަށްރަށަށް ޚިދުމަތް ދޭންޖެހުމުން، އެރަށް ރަށުން ލިބޭ އާމްދަނީ އާއި ޚިދުމަތްދިނުމަށް ކުރަންޖެހޭ ހޭދަ ދެކޮޅުނުޖެހި، ބޮޑެތި މާލީ ގެއްލުން، ދެ ކުންފުންޏަށްވެސް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ އޭރުގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވި ގޮތުގައި ކުންފުނި ހިންގަމުންދަނީ މަހަކު 100 މިލިއަން ރުފިޔާ (6.5 މިލިއަން ޑޮލަރު)ގެ ގެއްލުމުގައެވެ. އަދި ކުންފުނީގެ ދަރަނި ވަނީ 1.6 ބިލިއަން ރުފިޔާ (104 މިލިއަން ޑޮލަރަށް) އަރާފައެވެ. ޒުޙޫރު ވިދާޅުވި ގޮތުގައި، ސްޓެލްކޯއިން ދަނީ މާލޭގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި ވ. އަތޮޅުގެ 32 ރަށަށް ކަރަންޓްގެ ޚިދުމަތްދެމުންނެވެ. މީގެ ތެރެއިން މާލެއާއި، ކ. އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ހުރިިހާ ރަށަކުން ސްޓެލްކޯއަށް ފައިދާއެއްވާ އެއްވެސް ރަށެއް ނެތްކަމުގައި ޒުހޫރު ވިދާޅުވިއެވެ.

ފެނަކައިގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ދަރަނި ވަނީ 500 މިލިއަން ރުފިޔާ (32 މިލިއަން ޑޮލަރަށް) އަރާފައެވެ. މިނިިސްޓަރ ޠޯރިޤް ވިދާޅުވި ގޮތުގައި، ފެނެކައިން ދެމުންދާ ޚިދުމަތްތައް މެދުކެނޑިގެން ދިޔަ ނުދިނުމަށްޓަކައި، ސަރުކާރުން ދަނީ މަހެއްގެ މައްޗަށް 10 މިލިއަން ރުފިޔާ (648،500 ޑޮލަރު)  އެކުންފުންޏަށް ދެމުންނެވެ.

މި ޚަބަރު އޮތް ނޫހަކީ އެމްޑީޕީ ފިކުރުގެ ނޫހަކަށް ވާތީ، އެނޫހުގައި ބަޔާން ނުކުރާ ވާހަކައަކީ، ފެނަކައިގެ 500 މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން، 480 މިލިއަން ރުފިޔާއަކީ، އެމްޑީޕީގެ ވެރިކަމުގައި އުފެއްދި ހަތް ޔޫޓިލިޓީ އިން ފެނަކައަށް ވާރުތަވި ދަރަނިކަމެވެ.

އޯގަސްޓް 15، 2013 އިން 28 ނޮވެމްބަރު 2013 އަށް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމު ފުރުމުގެ ނަޞީބު އަހުރެންނަށްވެސް ލިބުނެވެ. އެ ދުވަސްވަރު، 05 ނޮވެމްބަރު 2013 ގައި، މި ކޮމެޓީއަށް އަހުރެންވެސް ގެންދެވުނެވެ. ގެންދެވުނީ، ރ. ދުވާފަރުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔޫ.އެސް.ސީ އާ ޙަވާލުކުރުމަށް އަހުރެން ދެކޮޅުހެދުމުންނެވެ. އަހުރެން ދެކޮޅުހެދީ، އެއީ ކުންފުނީގެ މަޞްލަޙަތައް ބޮޑު ގެއްލުމެއް ލިބޭ، އެހެނަސް، ސިޔާސީ ބަޔަކު، ސިޔާސީ ފަރާތަކަށް، ސިޔާސީ މަންފާއެއް ހޯދައިދިނުމަށް ކުރަންއުޅުނު ކަމަކަށް ވުމުންނެވެ. އޭރު އަހުރެންނަކީ، ސިޔާސީ ޕާޓީއެއްގައި ހުރިމީހަކަށް ނުވާތީ، ދައުރު ހަމަ ބަދަލުވުމާއެކު، ކުންފުންޏަށް ދުވާފަރު ގެއްލުނެވެ. އަދި އަހުރެންނަށް، އަހުރެންގެ ވަޡީފާވެސް ގެއްލުނެވެ. ވަޡީފާ ގެއްލުނަސް، ކުންފުނީގެ މަޞްލަޙަތު ދިފާޢުކުރެވުނީތީ މިއަދުވެސް އުފާކުރަމެވެ.

ނޮވެމްބަރު 5، 2013 ގައި، ކޮމެޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދާރީ ވުމުގެ ކުރިން ޕްރެޒެންޓޭޝަނެއް ދިނީމެވެ. މި ކުންފުނި 2012 ގައި އުފެއްދީ އެއްބިލިއަން ރުފިޔާގެ ރައުސްމާލެއްގައެވެ. ޕެއިޑްއަޕް ކެޕިޓަލްއަކީ ހަތްސަތޭކަ ފަންސާސް މިލިއަން ރުފިޔާ އެވެ. އޭރު 155 ރަށުގައި 148 އިންޖީނުގެ ހިންގަމުން ދިޔައެވެ. ކުންފުނީގައި 1382 މުވައްޡަފުން ވަޡީފާ އަދާކުރަމުން ދިޔައެވެ. މި މުވައްޡަފުންގެ މުސާރައަށް މަހެއްގެ މައްޗަށް 12 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އިންޖީނުތައް ބަދަލުކުރުމަށާއި، ސްޕެއަރ ޕާރޓްސް ގަތުމަށް މަހެއްގެ މައްޗަށް 4 – 4.5 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

ކުންފުނިން ހިންގަމުންދިޔަ 148 އިންޖީނުގެ ތެރެއިން ފައިދާއެއް ލިބެމުންދިޔައީ އެންމެ 16 ރަށުންނެވެ. ދުވާފަރަކީ އޭގެ ތެރެއިން އެއްރަށެވެ. ދުވާފަރު ދޫކޮށްލުމަށް އަހުރެން ދެކޮޅުހެދީ އެހެންވެ އެވެ. އެ 52 އިންޖީނުގެއަކީ ކިރިޔާ ދެކޮޅުޖެހޭ އިންޖީނުގެތަކެވެ. ބާކީ ދެން ހުރި 80 އިންޖީނުގެއަކީ ސާފު ގެއްލުމުގައި ހިންގަމުން ދިޔަ އިންޖީނުގެތަކެވެ. މި 80 އިންޖީނުގެ ހިންގަނީ ފައިދާ ލިބެމުން އައި 16 އިންޖީނުގެއިން ލިބެމުންދިޔަ ފައިސާއިންނާއި، ސަރުކާރުން މަހެއްގެ މައްޗަށް ސަބްސިޑީގެ ގޮތުގައި ދެމުން ދިޔަ 10 – 24 މިލިއަން ރުފިޔާއިންނެވެ. މީގެ އިތުރުން 11 ރަށުގައި ޤާއިމުކޮށްފައި އޮތް ފެނުގެ ނިޡާމްތައް މެދުވެރިކޮށް، އެޚިދުމަތްދެމުން ދިޔައީ ވެސް ފެނަކައިންނެވެ. އާމްދަނީ އަށް ލިބެމުންދިޔައީ މަހެއްގެ މައްޗަށް 90 މިލިއަން ރުފިޔާއެވެ. ތެލަށް އެކަނި މަހެއްގެ 66 – 70 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އެއީ އާމަދަނީގެ 73–77 އިންސައްތައެވެ.

ރައްޔިތުންނަށް ސާފު ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ހ) އިންނާއި (ޅ) އިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ދެ ޙައްޤެވެ. ހަމައެފަދައިން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ) އިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ޙައްޤެކެވެ. މިތަނުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ދެ މާއްދާގައިވެސް، "އެރަށަކާއި އެކަށީގެންވާ މިންވަރުގެ" ޚިދުމަތެއް ފޯރުކޮށްދިނުމަށް ބަޔާންކޮށްފައި އޮތް އޮތުމެވެ.

ޤާނޫނުއަސާސީގައި މިހެން އޮތަސް، ސްޓެލްކޯ އާއި ފެނަކައަކީ އައިއެސްއޯގެ މިންގަޑަށް ޚިދުމަތްތައް ބައްޓަންކޮށްގެން ޚިދުމަތްދެމުންދާ ދެ ކުންފުނިކަމުން، ޚިދުމަތްދިނުމުގައި، ފެންވަރުގެ ގޮތުން އެއްވެސް ތަފާތެއް ގެންގުޅެވޭކަށް ނޯންނާނެއެވެ. އަދި ރެގިއުލޭޓަރުވެސް، އެކަމަށް ފާރަވެރިވާއިރު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ "އެރަށަކާއި އެކަށީގެންވާ މިންވަރުގެ" ޚިދުމަތައް ބެލުމެއް ނޯވެއެވެ. މިއީ ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވާ އެއްސަބަބެވެ. ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ލޮގިސްޓިކަލް ގޮންޖެހުންތަކަކީ ދެވަނަ ސަބަބެވެ. މިސާލަކަށް ކުދި ރަށްރަށް 4،500ރ.ގެ ތެޔޮ ފޮނުވުމަށް 10،000ރ. – 18،000ރ. ޚަރަދުވެއެވެ. މިކަން މިހެން ވަނީ ކުދި ރަށްރަށުގައި ބޮޑެތި އަދަދުން ތެޔޮ ރައްކާކުރެވެން ނުހުންނާތީއާއި، އެކަން ކުރުމުގައި ވެސް ރިސްކުތަކެއް ހުރީމައެވެ. ޖުމްލަ 148 އިންޖީނުގޭގައި، ތިން ހަތަރު ކުންފުނީގެ ތިން ހަތަރު ސައިޒުގެ އިންޖީނުހުރުމާއި އެހުރިހާ އިންޖީނަކަށް ބޭނުންވާ ސްޕއަރ ހޯދުމަކީވެސް އިންތިހާއަށް ޚަރަދުބޮޑުވެގެން ދިއުމުގެ އިތުރުން، އެއްރަށުން އަނެއްރަށަށް ސްޕެއަރ ފޮނުވުމުގައިވެސް ހުރަސްތައް ކުރިމަތިވާ ކަމެކެވެ.

މިކަންކަން މިހެން ހުރިކަން އެނގުނީ އިއްޔެއަކު މިއަަދަކު ނޫނެވެ. އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމަކީ، ރައީސް މަރުޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުން ފެށިގެން އެކި ސިފަސިފައިގައި ކުރެވެމުން އައި ކަމެކެވެ. އޭރު އެކަން ފެށީ "ހުކުރު ހަމަވާވަރަށް" ފިރިހެނުން ނެތް ރަށްރަށުން މީހުން ބާލައިގެން ގެންގޮސް ބޮޑެތި ރަށްރަށުގައި ވަޒަންވެރި ކުރުވައިގެންނެވެ. އެހެން ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިސިޔާސަތު ދޫކޮށްލިއެވެ. އޭރުގެ ވަޒީރެއްގެ އަރިހުގައި، އެއްފަސްކުރުމުގެ ސިޔާސަތު ދޫކޮށްލެއްވީ ކީއްވެތޯ އަހާލުމުން ވިދާޅުވީ، ބޭރުގެ ބައެއް ޤައުމުތަކުގެ އުޅަނދުފަހަރު ހުއްދަނެތި ވަދެއުޅެން ފެށުމުން، އޭރުގެ ދަތުރުފަތުރުގެ ކަންތައްތަކާއި، މުވާޞަލާތީ ގުޅުމުގެ ދަތިކަން ހުރިގޮތުން، ރާއްޖެ ބެލެހެއްޓެން އޮތީ ހުރިހާ ހިސާބެއްގައިވެސް މީހުން ތިބެގެން ކަމަށް ވިސްނިގެން ދޫކޮށްލަން މަޖުބޫރުވީ ކަމުގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައިވެސް، ތަފާތު ސަބަބުތަކާ ހުރެ، ބަދަލުވާން ބޭނުން ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރިއެވެ. އަދި ބަދަލުވާ ރަށްރަށުގައި ތަޢުލީމީ، ޞިއްޙީ ޚިދުމަތްތައް ފުޅާކުރައްވައި، ލަފާފުރުމުގެ ލުއިފަސޭހަކަންވެސް ތަނަވަސްކޮށްދެއްވިއެވެ.

ކޮންމެއަކަސް، 2008 ގައި ފާސްކުރެވުނު ޤާނޫނުއަސާސީގައި، ލާމަރުކަޒީއުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޝަރުޠުކޮށްފައި ވީނަމަވެސް، އެއަކީ، އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ވިސްނުމަކުން ކޮށްފައި އޮތްކަމެއް ނޫނެވެ. ނަތީޖާއެެއްގެ ގޮތުން، މިއަދު، ޤާނޫނުއަސާސީން ލާޒިމުކުރާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދައުލަތަށް މިހާ ބުރަ ބޮޑުވެގެން މިއުޅެނީ ކުދި ރަށްރަށުގައި މަދު މީހުންކޮޅެއް އުޅެންޖެހުނީމައެވެ. "އިކޮނޮމީ އޮފް ސްކޭލް" ނެތީމައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން އެކުލަވާލައި، 12 ޑިސެމްބަރ 2011 ވަނަ ދުވަހު ބޭއްވުނު އެ އޮތޯރިޓީގެ 22 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ، އެ އޮތޯރިޓީގެ ހިންގާ ޤަވާޢިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގެ 61ވަނަ މާއްދާގެ (ބ) ގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ޤަވާޢިދެކެވެ. މިޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވަނީ 12 ޑިސެމްބަރ 2011 ގައެވެ. މި ޤަވާޢިދުގެ ދެވަނަ ބާބުގައި ހިމެނޭ 7 ވަނަ މާއްދާގެ (އ) ގައި، "މީހުން ދިރިއުޅޭނެ ރަށެއްގެ ގޮތުގައި ބެލެވޭނެ އެންމެ ކުޑަ އާބާދީއެއް ކަނޑައެޅުން" އެލް،ޖީ.އޭގެ ބޯޑުގެ މައްޗަށް މަތިކޮށްފައި ވެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯގެ މަޤާމަށް، 10 ފެބްރުއަރީ 2016 ގައި އަހުރެން ދިޔައިރު، މިޤަވާއިދަށް ޢަމަލުކުރަމުން އަންނަތާ 4 އަހަރުވެއްޖެއެވެ. އެހެން ކަމުން، އޭރު އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރާ މަޝްވަރާކުރުމަށްފަހު، ބޯޑަށް ހުށަހަޅާނެ ކަރުދާހެއް ތައްޔާރުކުރީމެވެ. އޭރުވެސް، އެކުޅެވެނީ އަލިފާނާއިކަން އެނގެއެވެ. އެހެނީ، އެއްފަސްކުރުމުގެ ވާހަކައަކީ ސިޔާސީ މީހުންނަށް، ޚާއްޞަކޮށް މަޖިލީހުގެ މެމްބަރުންނަށް، އެހާ ގަޔާވާ މަޢުޟޫޢެއް ނޫނެވެ. އެއީ ދާއިރާގެ ސަޕޯޓް ގެއްލިދާނެތީއެވެ.

ޢުމަރު ނަޞީރަކީ އެކަމެއް އޮންނަ ގޮތަކަށް އެކަމެއް ކުރައްވަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ބޭފުޅެކެވެ. ކޮންމެއަކަސް މި ކަރުދާސް އެކުލަވާލުމަށްފަހު، އުމަރު ބައްލަވާލެއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ފޮނުވީމެވެ. އޭގެ ދެތިން ދުވަސްފަހުން ކުއްލިއަކަށް މިނިސްޓަރު އިސްތިޢުފާ ދެއްވައިފިއެވެ. ޖެހިގެން އައި ދުވަހު އަހުރެންވެސް ވަކިކޮށްފިއެވެ.

މި ރިޕޯޓުން ފާހަގަކުރެވުނު ދެތިން ނުކުތާ ތާރީޚަށްޓަކައި ފާހަގަކޮށްލާނަމެވެ. މިގޮތުން، 2000 ވަނަ އަހަރު މީހުން ދިރިއުޅެމުން އައި 199 ރަށުގެ ތެރެއިން، 76 ރަށަކީ 500 މީހުންނަށްވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ 38 އިންސައްތައެވެ. ހަތަރު ހާހުން މަތީގެ އާބާދީއެއް އޮތީ އެންމެ 4 ރަށުގައެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެ 2 އިންސައްތައެވެ.

ދެހާސް ހަ ވަނައަހަރު، މީހުން ދިރިއުޅެމުން އައި 194 ރަށުގެ ތެރެއިން، 72 ރަށަކީ 500 މީހުންނަށްވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ 37 އިންސައްތައެވެ. ހަތަރު ހާހުން މަތީގެ އާބާދީއެއް އޮތީ 5 ރަށުގައެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެ 3 އިންސައްތައެވެ.

ދެހާސް ސާދަ ވަނައަހަރު، މީހުން ދިރިއުޅެމުން އައި 187 ރަށުގެ ތެރެއިން، 58 ރަށަކީ 500 މީހުންނަށްވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ 31 އިންސައްތައެވެ. ހަތަރު ހާހުން މަތީގެ އާބާދީއެއް އޮތީ 4 ރަށުގައެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެ 2 އިންސައްތައެވެ.

މި މަޢުލޫމާތައް ބަލާއިރު، 2000 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅެމުންދިޔަ 199 ރަށުގެ ތެރެއިން، 9 ރަށް ފިޔަވާ އަނެއް 190 ރަށަކީ 2500 އަށްވުރެ ކުޑައާބާދީއެއް ދިރިއުޅެމުންދާ ރަށްތަކެކެވެ. ދެހާސް ހަ ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅެމުންދިޔަ 194 ރަށުގެ ތެރެއިން، 11 ރަށްފިޔަވާ އަނެއް 183 ރަށަކީ 2500 އަށްވުރެ ކުޑައާބާދީއެއް ދިރިއުޅެމުންދާ ރަށްތަކެކެވެ. އަދި 2014 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅެމުންދިޔަ 187 ރަށުގެ ތެރެއިން، 11 ރަށްފިޔަވާ އަނެއް 172 ރަށަކީ 2500 އަށްވުރެ ކުޑައާބާދީއެއް ދިރިއުޅެމުންދާ ރަށްތަކެކެވެ. ޢާއްމުކޮށް ކުދި އާބާދީތަކުން މީހުން ހިޖުރަކުރާކަން ފާހަގަކުރެވެއެވެ. މިގޮތުން، މާލެއާއި ހުޅުލެ، ފިޔަވާ، އެންމެ ގިނަބަޔަކު ހިޖުރަކުރަނީވެސް 4000 އިން މަތީގެ ރަށްތަކަށްވުރެ 1500 އާއި 4000 ހާހުން ދަށުގެ ރަށްތަކަށްކަންވެސް ފާހަގަކުރެވެއެވެ. ތިންވަނައަށް ފާހަގަކުރެވުނު ކަމަކީ، ބޮޑެތި އާބާދީތައްކަމަށް ބެލެވޭ ރަށްރަށުގައި، ދަފުތަރުގައި އޮންނަ އަދަދާއި ގާތަށްވެސް މީހުން ދިރިއުޅެމުން ނުދާކަމެވެ.

ސުވާލަކީ، 9 އަހަރުވީ އިރު، "މީހުން ދިރިއުޅޭނެ ރަށެއްގެ ގޮތުގައި ބެލެވޭނެ އެންމެ ކުޑައާބާދީއެއް" އެލް،ޖީ.އޭގެ ބޯޑުން ކަނޑަނާޅަން މިއުޅެނީ ކީއްވެބާއެވެ؟ އެލް.ޖީ.އޭގެ މުވައްޡަފުންނަކީ ކޮންމެ ފަސް އަހަރަކުން އިންތިޚާބަކާއި ކުރިމަތިލާންޖެހޭ ބައެއް ނޫނެވެ. އެފަރާތުން މިކަން ކަނޑައެޅުމުން، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމައިގެން ކުރިއަށްދާން ސިޔާސީ މީހުންނަށް ވަރަށް ފަސޭހަވާނެއެވެ. މީގެ ގިނަ ރަށްތައް ބަދަލުކުރަން 30 – 40 ގެއަށް ވުރެ ގިނަ ގެއެއް އަޅާކަށް ނުޖެހޭނެއެވެ. ހުސްކުރެވޭ ކޮންމެ ރަށެއްގެ ސަބަބުން އެތައް ޚަރަދެއް ދައުލަތަށް ސަލާމަތްކުރެވުމުގެ އިތުރުން ތަރައްޤީގެ މަސައްކަތް ހިންގާނެ ރަށެއް ލިބޭނެއެވެ.

އަހުރެންގެ ތަޖުރިބާއިން، އަސާސީ ޚިދުމަތެއް (ސާފުފެން، ކަރަންޓް) ގެއްލުމެއްނުވެ، ދެވޭނީ 2500 އަށްވުރެމަތީގެ އާބާދީއެއް އޮންނަ ރަށްރަށަށެވެ. އެހެން ކަމުން، މިއަށްވުރެކުދި އާބާދީތަކަށް މިދެވޭ ޚިދުމަތްތަކަކީ ކުރިމަގަށްވިސްނާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ޚިދުމަތްތަކެއް ނޫނެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު މިއޮތް ހިސާބުން، އަރައިގަތުމަށް އާބާދީއާއި ތަރައްޤީ އެއްފަސްކުރަންޖެހެއެވެ. މިއީ ބޯން ކިތައްމެ ހިތިބޭހެއް ނަމަވެސް، ޤައުމީ މަޞްލަޙަތުގައި މިކަން ކުރަންޖެހެއެވެ. ހާހެއްހާ މީހުން ދިރިއުޅޭ ރަށަކަށް، ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި، 30 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ބަނދަރެއް ހެދިދާނެއެވެ. ނަރުދަމާއެއް އެޅިދާނެއެވެ. ފެނުގެ ނިޡާމެއް ޤާއިމުކުރެވިދާނެއެވެ. އެހެން ނަމަވެސް، އެ ޚިދުމަތްތައް ދެމެހެއްޓުމަކީ މުސްތަޙީލުކަމެކެވެ. ސިޔާސީ ބައެއްގެ މަޞްލަޙަތަށްޓަކައި، ކޮންމެހެންވެސް މިރަށްރަށް ބަލަހައްްޓަން ޖެހޭނަމަ، ޤާނޫނުއަސާސީ ބުނާ "އެރަށަކާއި އެކަށީގެންވާ" ޚިދުމަތެއް ދޭށެވެ.

ފައިދާނުވާ ރަށްރަށުން ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބައްދައިދިނުމުގެ ޤާބިލުކަން ސަރުކާރުގައި ނެެތްނަމަ، ބޮޑެތި އާބާދީ ތަކުގެ މީހުންނަށް ޖެހޭނީ، ކުދި އާބާދީތައް ބެލެހެއްޓުމުގެ ބުރައާއި ތަކުލީފު އުފުލާށެވެ. އެހެންކަމަށް ވާނަމަ، ޚިދުމަތްތަކުގެ އަގުބޮޑުވެގެން ޝަކުވާ ނުކުރާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *