...

Support Us

ޤައުމިއްޔަތާއި ސިޔާސިއްޔަތާއި ވަޠަނިއްޔަތު އޮޅުން

ޤައުމިއްޔަތުގެ ބަހާތަކަކީ އަދަބިއްޔާތުގެ ރޫޙެވެ. ބަހަވިއްޔަތާއި ޤައުމިއްޔަތު ގުޅި ލައިމެހިފައިވަނީ އެހެންވެގެންނެވެ. މާދަރީ ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި ވާއިރު، ޤައުމިއްޔަތުގެ އެހެން ހުރިހާ އަސާސްތަކަށް ޚިދުމަތްކޮށްދެނީ ބަހުގެ ވާސިޠާއިންނެވެ. އެހެންކަމުން ބަސް ބޭނުންކޮށްގެން ޤައުމިއްޔަތުގެ ހުރިހާ ބަހާތަކުގެ ޙިމާޔަތުގައި އަބަދު ވެސް ލިޔެ އުޅުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކުރާ ހިތްވާ އަދި ކުރާ ކަމެކެވެ.

މި ގޮތުގެ މަތީން އިސްލާމް ދީނާއި ދިވެހިބަހާއި، ދިވެހި ޤައުމާއި ވަޠަނިއްޔަތާއި ޤައުމީ ސަލާމަތާއި އިޖުތިމާއިއްޔަތާއި ތާރީޚާއި އާދަކާދަ ފަދަ މައިގަނޑު ޝިޢާރުތަކުގެ ދަށުން ތަފާތު މަޢުޟޫޢުތަކަށް ލިޔުމަކީ އަޅުގަނޑުގެ އާދައެކެވެ. މި ގޮތުގެ މަތީން ލިޔުމުގައި މި ދުވަސްވަރު ލިޔާ ގިނަ ލިޔުންތަކުގައި ވަޠަނިއްޔަތާއި ޤައުމީ ސަލާމަތަށް ކޮންމެ ވެސް ވަރަކަށް އިޝާރަތްކުރެވެއެވެ. މިއަދުގެ ޙާލަތަށް ރިޢާޔަތްކުރާއިރު އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ވިސްނޭތީއެވެ.

ބައެއް މައުޟޫޢޫތަކަށް ލިޔުނީމާ، "މާޒީ" ވެސް ހާދަހާ ސިޔާސީ ވެއްޖެޔޭ ބައެއް ރައްޓެހިން އެބަ ބުނެލައެވެ. އެކަމަކު އަޅުގަނޑު ދަންނަވަމެވެ. އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. ސިޔާސިއްޔަ މީހެއް ވެސް ނޫނެވެ. އަދި ސިޔާސަ މީހެއް ވެސް ނުމެ ނޫންމެއެވެ. ޤައުމީ ޝުޢޫރު ފާޅުކުރުމަކީ ސިޔާސިއްޔަވުމެއް ނޫނެވެ. ރައްޔިތުންގެ ޙައްޤުތަކާމެދު ވާހަކަދެއްކުމަކީ ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެހެން ހީވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރުމަކީ އަޅުގަނޑު ދަންނަ ގޮތުގައި އެއީ ވަޠަނިއްޔަތެވެ. ޤައުމީ ރޫޙެވެ. ޤައުމާ މެދު ނުވިސްނާނީ، ޤައުމަށް ލިބިދާނެ ގެއްލުމަކާ މެދު ކަންބޮޑުވުމުގެ އިޙުސާސް ނުކުރެވޭނީ، ޤައުމިއްޔަތުގެ ކަންފުޅެއް ވެސް ހިތުގައި ނުވާ މީހުންނެވެ. ޤައުމު ހަލާކުކޮށްލިޔަސް ތިމާއަށް ޝަރަފު ލިބޭނެކަން ވިސްނާމީހުންނެވެ.

ޤައުމުގެ ކަންކަމުގައި ވިސްނާން ފެށުމުން އަޅުގަނޑުގެ ސިކުނޑީގައި އުފެދޭ އެންމެ ބޮޑު ނުތަނަވަސްކަމަކީ މި ރާއްޖޭގައި ޢަދަދެއް ނޭގޭ ގޮތަށް އުތުރުކަރައިގެ ޖާސޫސުން އުޅޭ ޚަބަރު އިވި، އެ މީހުންގެ މަޢުލޫމާތު ނުލިބުމެވެ. އަދި ބޭރުގެ އަސްކަރީ ބާރުތައް ރާއްޖޭގެ ކަންކޮޅުތަކަށް އެކި ނަންނަމުގައި ޖަމާވަމުންދާ ޚަބަރު ލިބި، މި ކަމުގެ ބޭނުމާއި މި ފަދަ މީހުންގެ އަދަދު ނޭނގުމެވެ. ކަންބޮޑުވަނީ ތާރީޚު ދައްކައިފައިވާ ޙަޤީޤަތްތައް އަޅުގަނޑަށް ވެސް އެނގި ދަސްވެފައިވާތީއެވެ. ސިއްކިމަށް ހަދައިލި މަކަރުވެރި ގޮތާއި މިއަދު ރާއްޖެއަށް ދިމާވަމުންދާ ގޮތާ ހުރި އެއް ގޮތްކަން އިޙުސާސްކުރެވޭތީއެވެ. ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުންނަށް ވާގޮތާއި، ދާދި ފަހުން މަރައިލައި އެއްލައިލެވިފައި ރަސްފަންނު ސަރަހައްދުގެ މޫދުގައި އޮއްވައި ފެނުނު ޒުވާނަކާ ބެހޭ ގޮތުން އޭނާގެ ޢާއިލާއާ ޙަވާލާދީ މީޑިއާގައި ޢާއްމު ވެފައިވާ ޚަބަރުތަކާމެދު ވިސްނިފައިވާތީއެވެ. އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ކުޑަކުރުމަށްޓަކައި، މި ރާއްޖޭގެ ހަގީގަތް މި ރާއްޖޭގެ ރައްޔިތުންނަށް އެނގޭން ޖެހެއެވެ. ސިއްރުކުރާ ނަމަ، އުފެދެނީ އިތުރު ބިރުވެރިކަމެކެވެ. އެހެނީ ނުރަނގަޅު ގޯސް ކަންތައް ނޫންނަމަ އެއްވެސް ބަޔަކު ސިއްރުކުރާކަށް ބޭނުމެއް ނުވާނެއެވެ. ހެޔޮ ރަނގަޅު ފަހި، ފައިދާހުރި ކަމެއް ނަމަ، އެކަން ހާމަކޮށް މީހުންގެ މަޤުބޫލުކަމާއި ރުހުން އިތުރުކުރާން ބޭނުންވާނެއެވެ. އެހެންކަމުން މި ދެންނެވި ފަދަ މަޢުލޫމާތު ރައްޔިތުންނަށް ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައި ޤާނޫނުއަސާސީގައި ކަނޑައަޅައިފައި އޮވެއެވެ. މި މަޢުލޫމާތަކީ ޤާނޫނުއަސާސީއާއި ޤާނޫނުން ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް ކަމަށް ވިޔަސް  އެ މަޢުލޫމާތު ހާމަކުރާން ނުޖެހޭނެކަމަށް ބުނެ ވަނީ ހިފަހައްޓަވައިފައެވެ. މި ފަދަ ކަންކަމުގައި ރައްޔިތުންނަށް އެހީވެދޭން ހުންނަވާ އިންފޮމޭޝަން ކޮމިޝަނަރު ވެސް އެކަމަށް އެހީތެރިކަން ނުދެއްވައި އެ މަޢުލޫމާތު ހާމަކުރާން ނުޖެހޭނެ ކަމަށް ނިންމެވީއެވެ. އެ ފަދަ މަޢުލޫމާތު ހާމަކުރުމަކީ ޤައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމެއް ކަމަށް ބަޔާންކުރައްވަމުންނެވެ. ނަމަވެސް ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކީ އެ ފަދަ މަޢުލޫމާތު ރައްޔިތުންނަށް ނޭނގުމެވެ. ސިއްރުވުމެވެ. ޤާނޫނު ބުނާ ގޮތުން އެ މަޢުލޫމާތަކީ ރައްޔިތުންނަށް ލިބޭންޖެހޭ އެއްޗެކެވެ. އެ ކަމުގައި ގޯސް، ވިޔާނުދާ ކަމެއް ނުވާނަމަ ހިފަހައްޓާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި އެ މަޢޫލޫމާތު ނުދީ ހިފެހެއްޓޭނެ ޤާނޫނީ އެއްވެސް ހަމައެއްވެސް ނެތެވެ. މި ދެންނެވި ބަހުގެ ޤާނޫނީ ހެތްކާއި މިކަމުގެ ތަފުޞީލުތައް ވެސް މި ނޫސް މެދުވެރިކޮށް އަޅުގަނޑު ހާމަކޮށްފައިވާނެއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ކައިރީގައި އޭރުގެ ޑިފެންސް މިނިސްޓަރާއި އިސް އޮފިޝަލުން ފޮޓޯ ނަގަނީ

މިހެން މިކަން އޮއްވައި އަޅުގަނޑަށް ވެސް ހިމެނޭ ވައިބަރު ގްރޫޕެއްގައި އެ ގްރޫޕްގެ މެންބަރަކު "މިހާރު މަޢުލޫމާތު ނުލިބިގެން އުޅޭކަށް ނުޖެހޭނެ" ކަމަށާއި "ކޮންމެ މަޢުލޫމާތެއް ވެސް ލިބޭނެ" ކަމަށް ލިޔުއްވައި އިޝްތިހާރެއް ޕޯސްޓްކޮށްލައްވައިފިއެވެ. އަޅުގަނޑު ސަމާސާއަކަށް "ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިންގެ ޢަދަދު ވެސްތޯ" ސުވާލުކޮށްލުމުން އެ ވާހަކަ "ސިޔާސަ" ވެއްޖެއެވެ. ނުވަތަ އެ ކިޔާ "ސީ"އެއް ވެއްޖެއެވެ. އަޅުގަނޑު މިއަދު މި މައުޟޫޢު ޚިޔާރުކުރީ މި ސަބަބާހުރެއެވެ.

މި ފަހަކަށް އައިސް އަޅުގަނޑު ލިޔާ ލިޔުންތަކުންގައި ޤައުމާމެދު، ޤައުމުގެ ސިޔާދަތާ މެދު، ޤައުމީ ސަލާމަތާމެދު އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތައް އިޚުލާޞްތެރިކަމާއެކު ފާޅުކުރަމެވެ. އެއީ ސިޔާސިއްޔަވުމެއް ނޫނެވެ. ސިޔާސީވުމެއް ވެސް ނޫނެވެ. އަމީންދީދީގެ ޢިބާރާތުން ނަމަ، އެއީ ޙުއްބުލްވަޠަނެވެ. ވަޠަން ދެކޭ ވާ ލޯތްބެވެ. އަޅުގަނޑު ވަކި ބޭފުޅަކަށް ވަކި މަގާމެއްގައި ހުންނަވާ ބޭފުޅަކަށް އަމާޒުކޮށްގެން ވާހަކައެއް ނުދައްކަމެވެ. އަޅުގަނޑުގެ ޚިޔާލު އަމާޒުކުރަނީ މައްސަލައަށެވެ. ސީދާ މައުޟޫޢަށެވެ. ސިޔާސީ ނަޒަރަކުންނޫނެވެ. ޤައުމީ ނަޒަރަކުންނެވެ. ވަޠަނީ ރޫޙެއްގައެވެ.

ވީމާ ސިޔާސިއްޔަތާއި ޤައުމިއްޔަތަކީ ކޮބައިކަން މި ވަނީ އޮޅިފައެވެ. ޤައުމިއްޔަތަކީ ސިޔާސިއްޔަތު ކަމަށް ބަލައިގެން އެ ވާހަކަ ނުދައްކައި އަޅުގަނޑުމެން ތިބޭ ނަމަ، ދިވެހީންނަކީ މި ޤައުމުގެ ދެ ވަނަ ދަރަޖައިގެ ރައްޔިތުންނަށް ވާކަށް މާގިނަ ދުވަހެއް ނެތެވެ. ރާއްޖޭގެ ރަށެއްގައި ބޭރު ބަޔަކު ވަޒަންވެރިކުރާން 99 އަހަރަށް ރަށެއް ދިން ވާހަކަ އިވެއެވެ. އަދި މަދު ފައިސާކޮޅަކަށް ރާއްޖޭގެ ވަގުތީ ރައްޔިތުކަން ލިބޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަ ވާހަކަ ވެސް އިވެއެވެ. ދުވަސްކޮޅަކުން އެ މީހުންނަށް ވޯޓުލިބުމުގެ ޙައްޤު ލިބިދެވޭނެތާއެއެވެ! އެ މީހުން ފާޅުގައި އަޅުކަންކުރާނެ ތަންތަން ބިނާ ކުރުމަށް ގޮވައިލެވިދޭނެތާއެވެ. އެ މީހުންގެ ވޯޓުން ހޮވޭ ޤާނޫނު ހަދާ މަޖުލިހަކުން، މި ރާއްޖެއަކީ އެހެން ޤައުމެއްގެ ޕްރޮވިންސެއް ކަމަށް ކަނޑައެޅީމާ، އަޅުގަނޑުމެން، ސިޔާސިއްޔަ ވެދާނެ ކަމަށް، ވަޠަނީ ވާހަކަ ނުދައްކައި ތިބުމުގެ ބަދަލު ލިބުނީ ނޫންތޯއެވެ! ދެން އެތައް ޖީލެއްގެ ފަހުން އަނެއްކާވެސް ބޮޑުތަކުރުފާނަކު އުފަންވާންވީތޯއެވެ! ދޮންހަސަން މަނިކުފާނަކު ނުކުންނަވާންވީތޯއެވެ! ދިވެހީންނަށް ޙައްޤު މިންވަރަކީ މިއީތޯއެވެ! ދިވެހިރާއްޖެ ތަރައްޤީކުރެވެން ހުރި ހުރިހާ ވަސީލަތެއްގައި އަތްއަޅައި އެކަމުގެ ދޮރުތައް ދުޝްމަނަކު ބަންދުކުރާއިރު ވެސް ސިޔާސިއްޔަ ނުވާންވެގެން ޤައުމީ ވާހަކަ ނުދައްކައި ތިބޭންވީތޯއެވެ! އަޅުގަނޑަކަށް ނުވިސްނެއެވެ.

ޤައުމަށް ލިބިދާނެ ގެއްލުމެއްގެ މައްޗަށް ވާހަކަދެއްކުމަކީ "ސިޔާސީ"ވުން ކަމަށް ވިޔަސް ކުރާނެ ކަމެއް ނެތެވެ. ޤައުމީ ވާހަކަ ނުދައްކައި ވަޠަނިއްޔަތުގެ ވާހަކަ ނުދައްކައި އަޅުގަނޑަކަށް ނުހުރެވޭނެއެވެ. ދިވެހިބަހާބެހޭ ގޮތުން އަޅުގަނޑު ލިޔަނީ އެއީ ޤައުމިއްޔަތުގެ އެއް ރުކުން ކަމުގައިވާތީއެވެ. އިސްލާމީ ހޭލުންތެރިކަމާ ބެހޭ ގޮތުން އަޅުގަނޑަށް ވާހަކަދެއްކެނީ އެއީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސް ކަމުގައިވާތީއެވެ. ތަރީޚާއި ސަގާފަތާބެހޭ ވާހަކަ ދެއްކެނީ ވެސް މިހެން ވެގެންނެވެ. މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ޤައުމީ ޖަޒުބާތުގެ ވިންދެވެ. ވަޠަނިއްޔަތުގެ ޝުޢޫރެވެ. ޤައުމުގެ ވާހަކަ ނުދައްކައި ޤައުމުގެ ހެވަތުގައި އުޅުމަކީ އިޙުސާންތެރިކަންތޯއެވެ! އެއީ ޤައުމަށް ތެދުވެރިވުން ކަމަކަށް ހަމަގައިމު ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަނީ މި ދެންނެވި އަސާސްތަކާ ދެކޮޅަށް، ދީނީ ޢިލްމުވެރީންކަމަށް ހެދިގެން އުޅޭ މީހުން ތެދުވެ، ޤައުމިއްޔަތާއި ދީނީ ވަޙުދަތާ ދެކޮޅަށް ހިތްވަރުދޭ ތަނެވެ. ކުރީން "ޓަކައިޓަކައި" ދުލުކުރިއަށް ލައިގެން އުޅުނު މީހުން، ޤައުމަށް ވާނެ ގޮތެއް ވާން ދޫކޮށްލައި ،ހަނުތިބޭ ތަނެވެ. ކޮން ފަދަ މަޖުބޫރީއަކުން ކަމެއް ނޭނގެއެވެ. އަޅުގަނޑަށް އެ ގޮތް ކަމުނުދަނީއެވެ.

"ސިޔާސީ" ކަމަށް ދިވެހި ބަސްފޮތް ބުނެދެނީ އެއީ "ޤައުމުގެ ކަންތައް އިންތިޒާމުކޮށް ހިންގުމާ ބެހޭ" ކަންކަން ކަމަށެވެ. ސިޔާސިއްޔަތު އަޅުގަނޑު މާނަކުރަނީ "ޕޮލިޓިކްސް"ގެ ގޮތުގައެވެ. ސިޔާސީވުމަކީ ނުވަތަ ސިޔާސިއްޔަ ވުމަކީ ދައުލަތުން ނުވަތަ ސަރުކާރުން ވެރިކަން ހިންގާ ގޮތާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ. އެ ވާހަކައެއް އަޅުގަނޑެއް ނުދައްކަމެވެ. ދައްކާކަށް ބޭނުމެއް ވެސް ނޫނެވެ. ވަޒީރުން ޢައްޔަންކުރުމާއި ވަކިކުރުމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަމެވެ. ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާ ބެހޭ ގޮތަކުން ވާހަކައެއް ނުދައްކަމެވެ. ކަންކަން އިންތިޒާމުކުރުމުގެ ނަމުގައި ބޭކާރު ނާގާބިލު މީހުން ސިޔާސީ މަގާމުތަކަށް ލެއްވުމަކީ އަޅުގަނޑާ ބެހޭ ކަމެއް ނޫނެވެ. އެ ކަމުން ދައުލަތުގެ ހިނގުމަށް އަންނަ ލަސްކަމާ މެދު، ވެސް އަޅުގަނޑެއް ވާހަކައެއް ނުދައްކަމެވެ. ނަމަވެސް މި ކަންކަމުގެ ސަބަބުން ޤައުމިއްޔަތުގެ ތަނބުތަކަށް ނުރައްކާ ވާ ކަމަށް ފެންނަ ކަމެއް ފެންމަތިވެއްޖެ ނަމަ، އެ ވާހަކައެއް ދައްކާނަމެވެ. އިސްލާމީ ވަޙުދަތާއި ޤައުމީ ސިޔާދަތާ ބެހޭ ގޮތުން ވާހަކަ ދައްކާނަމެވެ. ވަޠަނުގެ އަމްނުއަމާންކަމާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރާނަމެވެ. އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން ފެންނަ ޚިޔާލެއް ޖުމުލަތަކަކުން ބަޔާންކުރެވޭތޯ ބަލާނަމެވެ. އެއީ ސިޔާސީވުމެއް ނޫނެވެ. ބަޔަކު އެ ގޮތަށް މާނަކުރިޔަސް ކުރާނެ ކަމެއް ނެތެވެ. އަޅުގަނޑުގެ ރަދީފުގައި އެއަށް ދީފައިވަނީ "ޤައުމީ ރޫޙު" އާއި "ވަޠަނީ ޖޯޝް"އާއި "ޙުއްބުލްވަޠަން" ފަދަ ކޮންމެ ވެސް މާނައެކެވެ.

"ސިޔާސަވުމަކީ" ބަސް ގަބޫލުނުކުރުމާއި، ލާނެތްވެގެން އުޅުމާއި ގަދަބަދަވިކަމާއި ބާރު ދެއްކުމެވެ. މިއިން ކަމެއް ވެސް އަޅުގަނޑެއް ނުކުރަމެވެ. ގަބޫލުކުރާން ލާޒިމު ކޮންމެ ބަހެއް ގަބޫލުކުރަމެވެ. ދައުލަތާއި ވެރީންނަށް އިޙުތިރާމްކުރަމެވެ. ބޭއަދަބީކޮށް ވާހަކައެއް ނުދައްކަމެވެ. ގާނޫނާއި ގަވާއިދަށް ބޯލަނބަމެވެ. އަޅުގަނޑު ލާނެތްވެގެންނެއް ނޫޅެމެވެ. އަދި ގަދަބަދަވިކަމާއި ބާރުގަދަކަން ދައްކާކަށް ވެސް އަޅުގަނޑެއް ނޫޅެމެވެ. މި ނިކަމެތި ބަލިކަށި އިންސާނުންނަށް ދެއްކޭނީ ވެސް ކޮން ގަދަބަދަވި ކަމެއްތޯއެވެ! ﷲ އަންގަވައިފައިވަނީ "وَخُلِقَ الْإِنسَانُ ضَعِيفًا" ("އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.") މިހެން ނޫންތޯއެވެ! ވީ އިރު، އަޅުގަނޑުމެންނަށް ދެއްކޭނީ ވެސް ކޮން ގަދަފަދަ ކަމެއްތޯއެވެ!

ޤައުމުގެ މީހުން ޤައުމާ މެދު ބަސް ނުބުނާނަމަ، ދެން އެ ވާހަކަ ދައްކާނީ ކޮން ބަޔެއްތޯއެވެ! މި ޤައުމު ދެކެ އަޅުގަނޑުމެން ނުވާ ލޯތްބެއް ދެން ވާނީ ކޮން ބަޔެއްތޯއެވެ! އެހެންކަމުން ނިންމައިލަމުން ވެސް އަޅުގަނޑު ކުރާ އިލްތިމާސަކީ ޤައުމު ދެކެ ލޯބިވާން ދަސްކުރުމެވެ. ޙުއްބުލްވަޠަނުގެ ރޫޙު އެންމެންގެ ހިތުގައި އާލާކުރުމެވެ.

ޤައުމާމެދު ވިސްނައި ޤައުމަށް ހެޔޮ އެދިގެން ވާހަކަދެއްކުމަކީ ސިޔާސީވުން ނުވަތަ ސިޔާސިއްޔަވުން ނުވަތަ ސިޔާސަވުންކަމަށް ބަލައިގެން "އަނގަމަތީ ޓޭޕްއަޅައިގެން" ނުތިބެމާތޯއެވެ! މިއީ އެންމެންގެ ވެސް ޤައުމެވެ. ކާބަފައިންގެ އެތައް ޤުރުބާނީއެއްގެ ސަބަބުން ވާރުތަވެފައި އޮތް އަޅުގަނޑުމެންގެ ފަސްގަނޑެވެ. މި ޤުރުބާނީގެ އަގު ވަޒަން ނުކޮށް، ޤައުމަށް ވާނެ ގޮތެއް ވާން ދޫކޮށްލައި، އަލުން ބޮޑުތަކުރުފާނަކަށް، ދޮންހަސަންމަނިކަކަށް އުންމީދުކޮށްގެން ދެއަތް އުރައިލައިގެން އަނގަބަންދުކޮށްގެން ތިބޭންވީތޯއެވެ! ދިވެހި ޤައުމު އަޅުގަނޑުމެންނާ މަތިކޮށްފައިވާ ވާޖިބަކީ އެއީތޯއެވެ! ނޫނެކެވެ. ޤައުމުގެ ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ކިބައިގައި ވެސް އަދި ތިޔައިން ކޮންމެ ބޭފުޅެއްގެ އިސްތަށިފުޅުގައި ވެސް މަސްއޫލިއްޔަތެއް އެޅިފައި އެބަ އޮތެވެ. އެ މަސްއޫލިއްޔަތު އުފުލާން ބޭނުން މީހަކު އެކަން ކުރާނެއެވެ. އިހުމާލުވާ މީހަކު އިހުމާލުވެސް ވާނެއެވެ. ނަމަވެސް ސިޔާސީވުމާއި ސިޔާސިއްޔަވުމާއި ސިޔާސަވުން މަސްހުނިނުކުރަމާތޯއެވެ! ޤައުމިއްޔަތާއި ޙުއްބުލްވަޠަން ދެނެގަންނަމާތޯއެވެ! ޤައުމިއްޔަތާއި ސިޔާސިއްޔަތާއި ވަޠަނިއްޔަތު އޮޅުވައިނުލަމާތޯއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.