Support Us

ޖުމުހޫރީ ވެރިކަމުގައި ގައުމުގެ ތަރިކަ މުދާ

ގައުމެއްގެ ތަރިކަމުދަލަކީ ސަރުކާރުތަކާއި ވެރިން ބަދަލުވިއަސް ނުހަނު ހަރުދަނާކަމާއެކު ބަލަހައްޓާން ޖެހޭ ތަކެއްޗެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުން ފެންނަ ހަގީގަތަކީ އެ ދުވަސް ވަރެއްގައި ދައުލަތުގެ މުއައްސަސާތަކަށް ފެނުނު ގޮތަކަށް ކަންކުރަމުން ދާ  ސަގާފަތެކެވެ.

ފަންސާސް އަހަރު ކުރިއަށް ބަލައިލި ކަމުގައި ވިއަސް ފެންނަނީ އެ ހަގީގަތެވެ. އެ ގޮތުން ރާއްޖޭގެ ތާރީޚީ ތަންތަނާއި އާސާރީ ތަންތަން ތަޅައި ސުންނާފަތި ކުރެވިގެން ދިޔަ ދުވަސްވަރެއްވެސް ފެނިގެން ދިޔައެވެ.

ރާއްޖޭގެ ރަސްކަން ޚަތަމުވެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އެނބުރުމަށް ފަހު ރަސްކަމުގެ ހިތި ރަހަ ކަރުބުޑުގައި ލާފައި ތިބި މީހުން އޭރު ހުރި ތަންތަން ބިމާ ހަމަ ކުރިއެވެ. މުހިންމު ފަތްފުށްތައް ނައްތައިލިއެވެ. އާސާރީ ތަކެތި އެންމެ އެދެވޭ ގޮތުގައި ނުބެލެހެއްޓި ގެއްލި ދިޔައެވެ. ބައެއް ތަކެތި ދިވެހިންނާއި ބިދޭސީން ވަގަށް ނެގިއެވެ. މި ގޮތުން ވަޅުލެވިފައިވާ ތަކެއްޗާއި ދިމާއަށް ފެންނާން ހުރި ތަކެތި ވެސް ހިމެނެއެވެ. ހަމަ އެ ގޮތަށް ކަނޑު އަޑީގައި ހުރި އަގުހުރި ތަކެތި ވެސް ބޭރުގެ އެކިއެކި ފަރާތްތަކުން ލޫޓުވައިލިއެވެ.

ދެން އޮތީ ޒިންމާ އޮތް ފަރާތްތަކުގެ ވާހަކަ ދައްކައިލުމެވެ.

އާސާރީ އަދި ތާރީޚީ ތަންތަން ހިމާޔަތްކުރުމުގެ ގޮތުން ދިރާސާކުރެވި އެކި ރަށްރަށުގައި ހުރި ތަންތަން ވަށައިގެން މުޑި ޖަހައި ވަކި ކުރިއެވެ. ނަމަވެސް އެ މުޑިތައް ފީވެ އެ ތަންތަން ޖަންގައްޔަށް ވެގެން ދިޔައިރު ވެސް އެ ކަން ބެލެހެއްޓުމުގެ ރަނގަޅު އިންތިޒާމެއް ކުރެވި ހަމަޖެއްސިފައެއް ނުވެއެވެ. ތަރިކަ ބެލެހެއްޓުމަށް އެކި ދުވަސްވަރު އެކި ނަންނަމުގައި އޮފީސްތައް ގާއިމުކުރެވިގެން ދިޔައެވެ. މިހާރު ވަކި ވުޒާރާއެއް ވެސް އުފެދުނުތާ ދެ އަހަރު  ވީއެވެ. ތާރީޚަށް  ލޯބިކުރާ ބޮޑު ޓީމެއް ވެސް އެބައޮތެވެ. ނަތީޖާ އެއް ނުފެނެއެވެ.

ސިޔާސީ މަގާމެއް ނުލިބޭ އިރު ކޮންމެ މީހަކު ވެސް އަޑަށް ބާރު ލާފައި ދައްކާ ވާހަކައަކީ އެކަންކަމަށް އަޅައި ނުލައި ވާހަކައެވެ. ރާއްޖޭގެ ތާރީޚް ނުލިޔާ ވާހަކައެވެ. އާސާރުތަކާއި ތަރިކަ މުދަލަށް ސަރުކާރުތަކުން އިހުމާލުވާ ވާހަކައެވެ. ޒުވާން ޖީލުތަކަށް ފުރުސަތު ނުދޭ ވާހަކައެވެ. ނަމަވެސް މިހާރު މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައި ތިބި މޫނުތަކަށް ބަލައިލާއިރު 55 އަހަރުވެގެން އަމިއްލައަށް ރިޓަޔަރ ކުރާވަރުގެ އެކަކު ވެސް ނުފެނެއެވެ. ހައްތަހާ ޒުވާނުންނެވެ. ޖޯޝް ހުރި ޒުވާނުންނެވެ. މިރިއާއި ހެވަޔާއި ގަބުޅިއާއި ކާއްޓާއި ކުރޮޅި އެއްކޮށްގެން ވާހަކަ ދައްކާ ތާރީޚްގެ ބޮޑެތި މާހިރުންނެވެ.

އަށާރަ ވަނަ ގަރުނުގެ އަހަރުތަކުގެ ވާހަކަ ވެސް ކިޔައިދެނީ ދެންމެ ލޮލަށް ފެނުނު މަންޒަރެއް ހެންނެވެ. ފޮތް ލިޔާ، ފުންނާބު އުސް ބައެއް މީހުން ވެސް ތާރީޚް ލިޔެނީ ހިތަށް އެރި ގޮތަކަށެވެ. މައުލޫމާތު ހޯދި ގޮތެއް ވެސް ބަޔާން ކުރުމެއް ނެތިއެވެ. އަދި އެފަދަ ފޮތްތަކާއި ލިޔުންތަކުގައި ރެފެރަންސެއް ވެސް ނުހުރެއެވެ. އަދި ލިޔުނު މީހާގެ ގޮތުން އެކަން ދޮގު ކުރާން ވެސް މީހުނަން ނުކުރެއެވެ. ކުރަނީ ތާރީފެވެ. އެއީ ވެސް ގައުމުގެ ތަރިކައެވެ.

މިއަދު ލިޔާ ލިއުންތައް މާދަމާ ތާރީޚަށް ވެދެއެވެ.

ގަނޑުވަރުތައް ތަޅައި ސުންނާފަތި ކުރިފަހުން ވިސްނުނީ ރާއްޖޭގެ ތާރީޚް ދެއްކެން އޮތް އެންމެ މުހިންމު ބިނާތައް ތަޅައިލެވުނު ކަމެވެ. ހަވިއްތަތައް ނަމެއްގައި ހިމާޔަތް ކުރެވިގެން ތިބެ ހަލާކުވެ ވީރާނާވާން ދޫކޮށްލި ފަހުން ވިސްނުނީ މިކަން ވެސް ކުރެވިއްޖެކަމެވެ. ފަރުތަކާއި ސަރަހައްދުތައް ހިމާޔަތްކުރި ފަހުން ވިސްނުނީ އެ ތަންތަން ބޮޑެތި ބާޖުފަހަރާއި ބޯޓްފަހަރުން ފުނޑުފުނޑު ކުރިއަސް އަނބުރާ އިއާދަނުކުރެވޭނެ ކަމެވެ. ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރާ އަޑު ވެސް އިވެއެވެ. ފައިސާ ދައްކާކަމެއް ނުދައްކާ ކަމެއް ވެސް ނޭނގެއެވެ.

ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ ކޮޅުވެއްޓި ސެޕްޓެމްބަރު 13 ގައި ނަލަންދޫ ފަރަށް އަރާފައި

މިދާކަށް ދުވަހުވެސް ރަށެއްގެ ފަރުމަތީގައި މުދާ އުފުލާ ބޮޑު ބަނޑެއް އޮވެގެން މުޅި ފަރު ސުންނާފަތި ކުރަމުން ދިޔައެވެ. ހާލަތު ބަލައިލަން ވެސް ދެވޭ ކަމަކަށް ނުވިއެވެ. ކަމާ ބެހޭ ރަސްމީ އިދާރާއިން ދެއްކި އުޒުރަކީ ކޮވިޑެވެ. އެ ރަށަކީ ފަތުރުވެރިކަން ކުރަން ކުއްޔަށް ދިނުމަށް ކަނޑައަޅާފައި އޮތް ރަށެކެވެ. މުޅި ފަރު ދަބަރަށްވެ މުރަކަތައް ހަލާކުވެގެން ދިޔައީއެވެ. އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެކެވެ.

ސަލްޓަންޕާކު އަދި ކުރީގެ އުސްގެކޮޅު (ބިއްދޮށުގައި)   -އަދިވެސް ފޮޓޯ: ޝިޔާމު

ސަލްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށް އަދި އެތާ ހުރި ކުރީގެ އުސްގެކޮޅު ނުވަތަ ދާރުލްއާސާރު ހިންގި އިމާރާތް މަރާމާތު ކުރިއެވެ. ރާއްޖޭގައި ނެތްވަރުގެ ރީތި ހިތްގައިމު ބަގީޗާއެއް 2017 ގައި ހެދިއެވެ.

އެ ސަރުކާރު ނިމުނު ތަނާހެން އެ ތަނުގެ ނަން ކުއްލިއަކަށް ސަލްޓަން ޕާކަށް ބަދަލުވިއެވެ. ދެން ފެންނަން ފެށީ ހެންވޭރު އަޑި ޕާކު ތެރޭގައި އާސަރުކާރުން ޕާކެއް ހަދާން ފެށިތަނެވެ. ސަރުކާރުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެނެވެ. ދެން ފެންނަން ފެށި އަނެއް މަންޒަރަކީ ނަން ބަދަލުކުރި ސަލްޓަން ޕާކުގައި ހުރި ބައެއް ތަކެތި އަޑިޕާކަށް ގެންގޮސް އެތަން ޒީނަތްތެރި ކުރަމުންދާތަނެވެ. އެ ޕާކް މިއަދު ހުޅުވޭނެއެވެ.

ލޮނުޒިޔާރަތްކޮޅުގައި ހަދައިފައިވާ އަޑީޕާކު   -އަދިވެސް ފޮޓޯ: ޝިޔާމު

ސަލްޓަންޕާކުގެ ނަން ބަދަލުކުރުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. ތަން ވީރާނާވާން ދޫކޮށްލީއެވެ. މިއީ ސަރުކާރުގެ ހަރު މުދަލަކަށް ދެވޭ ގެއްލުމެކެވެ. ހަމަ އެގޮތަށް ރަސްފަންނުގެ ހާލަތު ވެސް ދަނީ މިގޮތަށެވެ.

އެއް ވެރިކަމަކުން އަނެއް ވެރިކަމަށް ނަގުލުވާ އިރު މިފަދަ ތަންތަނަށް މިހާލު ޖައްސާކަށް ނުވާނެއެވެ.

ކަޅުވަކަރު މިސްކިތް މިހާރު އެހެން ތަނެއްގައި ރާވާފައި   -އަދިވެސް ފޮޓޯ: ޝިޔާމު

ސަލްޓަން ޕާކުތެރޭގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލައި ނެގީ ކުރީގެ ސަރުކާރަކުންނެވެ. އެހެން ތަނެއްގައި ބެހެއްޓުމަށް ޓަކައެވެ. އެކި ފަހަރު އެކި ތަނުގައި ބެހެއްޓުމުގެ ޚިޔާލު ކުރެވުނެވެ. އެކަމަކު އެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަމަލީ ސިފައެއް ނާދެއެވެ. އާ ސަރުކާރުގެ ކެމްޕޭން ވައުދާ އެއްގޮތަށް އެކަން އާސަރުކާރުން ކޮށްނިންމިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމާއި އަޑިޕާކު ބަގީޗާ އެތައް މިލިޔަން ރުފިޔާއެއް ޚަރަދު ކޮށްގެން ހެދިޔަސް ދެން ހުރިތަންތަން ވަނީ ވީރާވާން ދޫކޮށްލައިފައެވެ.

ގައުމުގެ ހަރުމުދާ ވިއްކި ދުވަސްވަރެއް ވެސް ވަނީ ފެނިފައެވެ. އަދި ގައުމުގެ ހަރުމުދާ ވީރާނާވާން ދޫކޮށްލި ދުވަސްތައް ވެސް ދަނީ ފެންނަމުންނެވެ.

ސަރުކާރުތައް އައިސް ބަދަލުވަމުން ދިޔައަސް ކުރީގެ ސަރުކާރުތަކުން ހޯދާފައިވާ ހަރުމުދަލާއި ކޮށްފައިވާ އިމާރާތްތައް ބާވެ ވީރާނާވާން ދޫކޮށްލުމީ ގައުމަށް ދެވޭ އަގު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ތިމާމެން ކުރިއަށް ވުރެ މޮޅަށް ކަމެއް ކުރުމީ ދެން ހުރި ހުރިހާ ކަމަކަށް ފަސްއަޅައި ފޮރުވަން ޖެހޭ ކަމެއް ނޫނެވެ.

ރަސްފަންނު: ވިރާވާނަމުންދަނީ   -އަދިވެސް ފޮޓޯ: ޝިޔާމު

ރަސްފަންނާއި ސަލްޓަން ޕާކާއި މާލޭގައި ހަދާފައިވާ މައިޒާންތަކަކާއި އިމާރާތްތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތަކަކީ ރައްޔިތުންގެ ފައިސާއިން ހަދާފައިފައިވާ ތަންތަނެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގެ ރަށްރަށުގެ މަގުތަކާއި ބަނދަރުތަކާއި ފާޚާނާ ހޮޅިތަކަކީ ވެސް ހަމަ ރައްޔިތުންގެ ވާރު ފައިސާއިން ޚަރަދުކޮށް، ކޮށްފައިވާ މަސައްކަތްތަކެވެ. އާސާރީ ތަންތަނާއި ތާރީޚީ ތަންތަނަކީވެސް ދައުލަތުގެ ހަރުމުދަލެވެ.

އެއް ސަރުކާރަކުން އަތޮޅުގެތަކާއި ސަރުކާރުގެ އިމާރާތްތައް ވެސް ވީރާނާވާން ދޫކޮށްލިއެވެ. ދެން އައި ސަރުކާރުން އެ ތަންތަން މަރާމާތު ކުރުމަށް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރާން ޖެހުނެވެ. މިހާރު އަނެއްކާ އެ ތަންތަނުގެ ހާލަތު ހުރީ ކިހިނެއް ކަމެއް ނޭނގެއެވެ.

ސަލްމާނު ރަސްގެފާނު މިސްކިތް  -އަދިވެސް ފޮޓޯ: ޝިޔާމު

ސިނަމާލެ ބުރިޖާއި ސަލްމާން ރަސްގެފާނު މިސްކިތް ވެސް ވިރާނާ ވާން ދޫކޮށްލައިގެން ނުވާނެއެވެ. އެކަމަކު މިހާރު ބުރިޖުގެ މައިދޮރާށި ވެސް އެދަނީ ދަބަރުހިލި ވިރާނާވުމާ ދިމާއަށެވެ. އަޅައިލުމެއް ނެތެވެ. އެއީ، ނުހަނު މުހިއްމު މައިދޮރާއްޓެއްކަން އެނގޭ މީހަކު ވެސް ޒިންމާދާރު މަގާމެއްގައި ނެތީ ތޯއެވެ؟ ހަމަ އެ ގޮތަށް މިހާރުގެ ސަރުކާރުން ހަދާ ތަންތަންތަން ދެން އަންނަ ސަރުކާރަކުން ވެސް ވިރާނާވާން ދޫކޮށްލައިގެން ނުވާނެއެވެ. އެއީ ގައުމުގެ ހަރުމުދަލެވެ. އެތަންތަން ފަހުން އަންނަ ޖީލުގެ މީހުންނަށް ފެންނާނީ ތާރީޚީ ތަންތަނުގެ ގޮތުގައެވެ.

ސުނާމީ ބިނާ ސަރަހައްދު   -އަދިވެސް ފޮޓޯ: ޝިޔާމު

އެއީ މުޙައްމަދަކާއި އިބްރާހިމަކާއި ޢަބްދުﷲ އެއްގެ ތަންތަނެއް ނޫނެވެ. ހަމަ މި ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހައްގު ހިމެނޭ ތަންތަނެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ ހިއްސާ އެތަންތަނާއި ތާރީޚާއި ގުޅި ލާމެހިފައި ނުވެއެއް ނުދާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *