Support Us

ކެޔޮނިރު ކޮލަމް

އިސްލާމީ ޝަރީއަތަށް ގޮންޖަހާ ސަރުކާރު ޒިންދާބާދު!

މަރަށް މަރު ހިފުމަކީ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ، އިސްލާމީ ޝަރީއަތުގައި މާތްﷲ ޝަރުއު ކުރައްވާފައިވާ، އިސްލާމްދީނުގެ އަސާސެކެވެ. އެއީ އިންސާފާއި އަދުލު ޤާއިމްކުރުމުގެ ވަސީލަތެކެވެ. އެމެރިކާ ފަދަ ހުޅަނގުގެ ބައެއް ޤައުމުތަކުގައި މިހާރުވެސް މަރުގެ ހުކުމް ތަންފީޒު ކުރެއެވެ. ނަމަވެސް ހާއްސަކޮށް ޔޫރަޕްގެ ޤައުމުތަކުން އިސްނަގައިގެން، އ.ދ މެދުވެރިކޮށް، ދުނިޔޭގެ ޤައުމުތަކަށް ބިރުދެއްކުމަށް ބޭނުންކުރާ އެއް ހަތިޔާރަކީ މަރުގެ އަދަބު އުވާލުމުގެ ހަތިޔާރެވެ. ސެކިއުލާރ ފިކުރުގެ މީހުން ޤަބޫލުކުރާ ގޮތުގައި ކިތައްމެ ބަޔަކު މަރައި، މީހުން ރޭޕްކޮށް، މަގު ފޭރުނަސް ދެވޭނެ އެއްމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ. މަރަށް މަރު ހިފުމަކީ އެފަދަ ސެކިއުލާރ ފިކުރުގެ މީހުންގެ ނަޒަރުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ. ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ. އެފަދަ މީހުންގެ ބަސްމަގަށް ވިސްނާލުމުން ދޭހަވަނީ އެމީހުންނަކީ މާތް ﷲ އަށް ވުރެވެސް އިންސާފްވެރި، އެކަލާނގެއަށް ވުރެެވެސް އަދުލުވެރި ބައެއް ކަމަށް އެމީހުން ޤަބޫލުކުރާ ކަމެވެ. ނައޫޒްބިﷲ.

އ.ދގެ މެމްބަރު ޤައުމުތަކުގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރެވިފައިވާ މިންވަރު ބެލުމަށްޓަކައި، 2006 ވަނަ އަހަރުން ފެށިގެން، އ.ދގެ މެމްބަރު ކޮންމެ ޤައުމަކުންވެސް އަހަރަކު އެއްފަހަރު އިމްތިހާނެއްގައި ބައިވެރިވާން ޖެހެއެވެ. އިމްތިހާން ކުރަނީ މިކަމާ ބެހޭ އ.ދގެ ވޯކިން ގްރޫޕަކުންނެވެ. އެޤައުމެއްގެ ފަރާތުން ޖަވާބުދާރީ ވަނީ އެޤައުމެއްގެ ސަރުކާރުން ކަނޑައަޅާ މަސްއޫލްވެރީން ތަކެކެވެ. މިގޮތުން 2006 އިން ފެށިގެން ދިވެހި ރާއްޖެއިންވެސް ކޮންމެ އަހަރަކު މިދެންނެވި އިމްތިހާނުގައި ބައިވެރިވެ އ.ދ އަށް ޖަވާބުދާރީވެއެވެ. މި އިމްތިހާނަށް ދީފައިވާ ނަމަކީ "ޔުނިވާސަލް ޕީރިއަޑިކް ރިވިއު"އެވެ. މިފަދަ ރިވިއުއެއް މި ނޮވެމްބަރ މަހުގެ ހަތަރު ވަނަ ދުވަހު ވެސް އޮތެވެ.

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ.ގެ ޖެނީވާ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ވާޗުއަލްކޮށް ނުވަތަ އޮންލައިންކޮށެވެ. އ.ދ އިން ބާރުއެޅިއަސް އިސްލާމްދީނާ ހިލާފް އެއްވެސް ކަމަކަށް އެއްބަސްނުވާނެ ކަމަށް މި ވާޗުއަލް ބައްދަލުވުމުގައި ސަރުކާރުން ބުންޏެވެ. ނަމަވެސް ސަރުކާރުގެ ބަހާއި އަމަލާ ދިމަލެއްނުވިއެވެ. އ.ދގެ ވޯކިންގް ގްރޫޕުން ބާރުއެޅީ އިސްލާމީ ޝަރީއަތުގައި ޝަރުއު ކުރެވިފައިވާ މަރަށް މަރު ހިފުން ނުވަތަ ޤިސާސް ހިފުމުގެ ބައި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން އުނިކުރުމަށެވެ.

އ.ދ އިން މިފަދައިން ޕްރެޝަރ ކުރުމުން، އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އިސްލާމީ ޝަރީއަތާ ފުށުއަރާ ވާހަކަތަކެއް ދެއްކެވިއެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަދަބު އުވައިލެވޭނީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ރިފްއަތު ވިދާޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔާފައި ވެއެވެ. ކުރީގެ ސްޓޭޓް މިނިސްޓަރ ފޮރ ޑިފެންސް، މުހައްމަދު މުއިއްޒު އަދުނާން ނޮވެމްބަރ 4 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ލިއުއްވާފައި ވެއެވެ: "ރައްޔިތުން ކީއްކުރަންތޯ، ކުޑަތާމަލާއިތަކަށް ނުވަތަ އެއްވެސް އެހެން މާޚްލޫޤަކަށް ވެސް ތިޔަކަމެއް (މަރުގެ ހުކުމް އުވާލުން) ނުކުރެވޭނެ. ﷲ ބާވާލެއްވި ޙުކުމެއް ބަދަލުކުރަން ނުވަތަ ނައްތާލަން ނުވަތަ ބަލައިނުގަތުމަށް ނިންމުގެ ނުވަތަ މަޝްވަރާކުރުމުގެ ޙައްޤެއް ލިބިގެނެއްނުވޭ."

މުއިއްޒުގެ މިޓްވީޓަށް ކޮމެންޓް ކުރި އިބްރާހިމް ނަމަކަށް ކިޔާ މީހަކު ލިއެފައި ވެއެވެ: "ލާދީނީ މީޙުން ދައްކާ ޒާތުގެ ވާހަކަ ރިފްއަތުމެން އެދައްކަނީ."

ހަތް އުޑުމަތީން ﷲ އަމުރުކުރައްވައި ޝަރުއު ކުރައްވާފައިވާ ހުކުމްފުޅެއް ބަދަލު ކުރުމުގެ ބާރެއް ރައްޔިތުންގެ މަޖުލީހަށް ލިބިފައިވާ ކަމަށް ނުވަތަ ދިވެހި ރައްޔިތުންގެ އާއްމު ވޯޓަކުން އެ ބާރު ރައްޔިތުންނަށް ލިބިފައިވާ ކަމަށް ދޭހަވާ ގޮތަށް ރިފްއަތު ވިދާޅުވުމަކީ ކަނޑައެޅިގެން އިސްލާމް ދީނާ ޚިލާފް ވާހަކައެކެވެ. އެއީ އެއްވެސް މޭރުމަކުން، އެއްވެސް ހާލެއްގައި ބުނެވިގެންވާނެ އެއްޗެއް ނޫނެވެ. ދެކެވިގެންވާނެ ވާހަކައެއް ނޫނެވެ. އެޓާނީ ޖެނެރަލްގެ މިވާހަކައާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖުލީހުގެ މެމްބަރެއް ކަމުގައިވާ ޝެއިޚު އިލްޔާސް ހުސެއިން ވަނީ އެޓާނީ ޖެނެރަލް ރިފްއަތަކީ ޖާހިލެއް ކަމަށް ދޭހަވާ މޭރުމުން ޓްވީޓް ކުރައްވައި، ރިފްއަތު ތައުބާވުމަށްވެސް ގޮވާލައްވައި ޓްވީޓް ކުރައްވާފައެވެ. ޝެއިހް އިލްޔާސްގެ ޓްވީޓްގައި ލިއުއްވާފައިވެއެވެ: "ކިތައްމެ ގިނަ ބަޔަކު އެދުނަސް ﷲ ގެ ޤާނޫނު ބަދަލު ނުކުރެވޭނެކަން ނޭނގުމަކީ ޖާހިލުކަމުގެ އަލާމާތެއް. ގަދަބަސް ނުބުނެ ކިބުރުވެރިކަމާއި ބޮޑާކން ދޫކޮށް އަވަހަށް ތައުބާވުން ބުއްދިވެރި."


ޝެއިހް އިލްޔާސްގެ މިޓްވީޓަށް ރައްދު ދިން އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު، އިލްޔާސް އަށް ފާޑުކިޔައި، ލިއެފައި ވެއެވެ: "އަދިވެސް ވާހަކަ ތިދައްކަނީ މާދުރުދުރުން. ރައީސް ސޯލިހުގެ ސަރުކާރުން އިސްލާމީ އުސޫލުތަކަށް ގޮންޖަހަމުން ދާއިރު ފާޅުގައި އެކަމަށް ރައްދު ނުދެވެނީ ﷲ ނޫން ފަރާތަކަށް ބިރުވެތިވާތީ ތޯ؟"

އެޓާނީ ޖެނެރަލް މިދެއްކެވި ދީނާ ފުށުއަރާ ވާހަކައަށް ޝެއިހް އިލްޔާސް ރައްދު ދެއްވުމުގެ އެއް ދުވަސް ކުރީން އިލްޔާސް ކުރެއްވި އެހެން ޓްވީޓެއްގައި ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި، މި ސަރުކާރުން އިސްލާމްދީނާ ހިލާފް ކަމެއް ކޮށްފާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށް ލިއުއްވާފައިވެއެވެ. އެމްޑީޕީގެ ސަރުކާރު ދިފާއުކޮށް ޝެއިހް އިލްޔާސް ކުރެއްވި އެ ޓްވީޓްގައި ލިއުއްވާފައިވެއެވެ: "ހަޤީގަތާ ހިލާފް  ދޮގު ވާހަކަތައް ކިތައްމެ ވަރަކަށް ފެތުރިއަސް އޮޅުވާނުލެވޭނެ. ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިހުލާލް ނަގާލަން މަސައްކަތް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރަން."


އެމްޑީއެން އާއި އުތެމަ ފަދަ ޖަމްއިއްޔާތަކުން ކީރިތި ރަސޫލުﷲ ﷺ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް، ޒިނޭގެ ހުކުމް ފަދަ ﷲގެ ޝަރީއަތުގެ ބައެއް ބައިތައް އުވާލަން ގޮވާއިރު އެފަދަ ޖަމްއިއްޔާތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅައި އެފަދަ ޖަމްއިއްޔާ ތަކަށް ނިސްބަތްވާ ފަރާތްތަކަށް ދައުލަތުގެ މަތީ މަޤާމްތައް ދީގެން ރައީސް ސޯލިހުގެ ސަރުކާރުން ދެމިއޮތްއިރު މި ސަރުކާރަށް ތާއީދުކޮށް އަދާލަތު ޕާޓީ ދެމިއެބައޮތެވެ. ޝެއިހް އިލްޔާސް، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ޝެއިހް ޑރ. މުހައްމަދު އިޔާޒް އަދި ޝެއިހް އަލީ ޒައިދު ފަދަ ދީނީ ބޭފުޅުން މި ސަރުކާރު ދިފާއު ކުރައްވައިގެން ތިއްބެވިއިރު އެމްޑީއެންގެ ލާދީނީ ރިޕޯޓް ނެރުނުއިރު އެޖަމްއިއްޔާގެ ރައީސަކަށް ހުންނެވީ މިހާރުގެ ޕީޖީ، ހުސެން ޝަމީމް ކަމަށް އެ ޖަމްއިއްޔާގެ މަސްއޫލްވެރިއެއް ކަމުގައިވާ ޝަހިންދާ އިސްމާއިލް ވަނީ އިހަށ ްދުވަހު ބުނެފައެވެ. އަދި އެމްޑީއެންގެ ކުރީގެ ޗެއާޕާސަން ނޫޝިން ވަހީދަކީ މިހާރުވެސް ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ވަޒީފާގައި ހުރި މީހެކެވެ.

ރަސޫލުﷲ ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާ ދިވެހި ޖަމްއިއްޔާ ތަކާމެދު މި ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ސެކިއުލަރ ފިކުރުގެ މީހުން އެބަ ލައެވެ. ސަރުކާރުގެ މިނިސްޓަރުން އިސްލާމްދީނާ ފުށުއަރާ ވާހަކަ ތަކުރާރުކޮށް އެބަދައްކަވައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިފަދަ ކަންކަމަށް ތާއީދު ކުރައްވައި، ބަހާއި އަމަލުން އެކަން އެބަދައްކަވައެވެ. ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތް ކޮށްފާނެ ކަމަށް ޝެއިހް އިލްޔާސް އާއި ޝެއިހް އިމްރާން އާއި ޝެއިހް އިޔާޒް ޤަބޫލް ކުރައްވާނީ ކިހާ ވަރަކަށް އިސްލާމީ ވަހުދަތު ނަގާލީމަ ބާވައެވެ؟ ކީރިތި ޤުރުއާނާއި އިސްލާމީ ޝަރީއަތާ ފުށުއަރާ ވާހަކައެއް ދެއްކުމަކީ އެފަދަ އަމަލެއް ނޫންބާވައެވެ؟

އ.ދ ރުއްސަންވެގެން ނުވަތަ ސެކިއުލަރ ފިކުރުގެ ޔޫރަޕް ރުއްސަންވެގެން، ދިވެހި ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް ރިފްއަތު ފަދަ ސަރުކާރުގެ އިސް ބޭފުޅުން ވާހަކަ ދައްކަވާއިރު މިސަރުކާރުގެ މިސްރާބު ދިވެހި ރައްޔިތުންނަކަށް ނޯޅެއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާ އަށް ސަނާ ވިދާޅުވެ، ދިވެހި ރާއްޖޭގެ އަގު ވެއްޔާ މޮޑުއްވަމުން ވަޑައިގަންނަވާއިރު މިސަރުކާރުގެ ދިފާއުގައި އަދާލަތު ޕާޓީގެ ޝެއިހުން ތިއްބެވުމަކީ ބޮޑުވެގެންވާ ފިތުނައެކެވެ. ކޮންމެހެން ރައީސް ޔާމީނަކަށް ނުވަތަ ސިޔާސީ އެހެން ފަރާތަކަށް ތާއީދު ކުރައްވާކަށް ލާޒިމެއް ނޫނެވެ. ނަމަވެސް މި ސަރުކާރުން ކުރަމުންދާ ލާދީނީ ކަންކަމަށް ފާޑު ވިދާޅުވާން ޖެހިވަޑައިގަންނަވާނެއެވެ. އަދި ހިނގާފައިވާ ހުރިހާ ކަމަކަށް ބަލާއިރު ރައީސް ސޯލިހުގެ މި ސަރުކާރަކީ އެއްވެސް ހާލެއްގައި ދިފާއުކުރުން ހައްޤު ސަރުކާރެއް ނޫނެވެ.

އެޓާނީ ޖެނެރަލް ރިފްއަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގައި ޤިސާސް ހިފޭނެ ކަމަށާއި، އިސްލާމީ ޝަރީއަތާއި ކައިރިއަށް ރާއްޖެ ޖެހޭނެ ކަމަށެވެ. އަދި ހައްގަކާ ނުލައި މީހުން މެރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރުމާއި މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރުން ފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކަމަށް އުމަރު ނަސީރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ. އުމަރު ނަސީރުގެ އެ ޕޯސްޓް ނިންމަވާލައްވަމުން އޭނާ ލިއުއްވާފައި ވެއެވެ: "އިންތިޒާރު ކޮށްލައްވާ"ށެވެ!

އިސްލާމް ދީނަށް ލޯބި ކުރާ ދިވެހި ރައްޔިތުން ތިބީ އިންތިޒާރު ކޮށްގެންނެވެ. ރަސޫލުﷲ ﷺ އަށް ލޯބި ކުރާ ދިވެހީން ތިބީ އެމްޑީއެން އާއި އުތެމައިގެ މައްސަލާގައި ލޭހޫނުވެ، ހާލަތު ބަދަލުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި ޤައުމުން ގޭންގްތަކުގެ ބާރު ކެނޑި، މަސްތުވާ ތަކެތީގެ ވަބާއިން ޤައުމު ސަލާމަތްވެ، ޖިންސީ ފުރައްސާރަ އާއި ރޭޕް އަދި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުން ފަދަ ކަންކަން ހުއްޓި، ކުށެއްނެތި މީހުން މެރުމުގެ ނުބައިކަމުން ސަލާމަތްވެ، އިންޓަނެޓުން ވަހުޝީ މަންޒަރު ބެލުމުގެ ވިޔަފާރިކުރާ ދިރާގާއި އޫރިދޫއިން އެ ވިޔަފާރި ކުރުން ހުއްޓުވައި "ޕޯން" ސައިޓްތައް ބްލޮކްކޮށް ކޮރަޕްޝަނާއި ފަސާދަ އާއި ރިޝްވަތާއި ރިބާއިން ޤައުމު ސަލާމަތްކޮށް، އިސްލާމް ދީނަށް އިހްތިރާމްކުރާ ސަރުކާރެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ސުވާލަކީ ރައީސް ސޯލިހުގެ މި ވެރިކަމުން ދައްކަމުންދާ ލާދީނީ އަމަލުތަކާއި ލާދީނީ ވާހަކަތަކުގެ އަޑު އިވިވަޑައިނުގަންނަވާ ކަމަށް ހެދިގެން، ނުވަތަ މޭރުންވެ ވަޑައިނުގަންނަވާ ކަމަށް ހެދިގެން ތިއްބެވި "ޝެއިހުން" ހައްގު ބަސް ވިދާޅުވާނީ ކޮން ދުވަހަކުންތޯއެވެ؟ އުމަރު ނަސީރު ކުރެއްވިވަރު ވެސް އިސްލާމްދީނާއި ރަސޫލުﷲ ﷺ ގެ ދިފާއުގައި އެ ޝެއިހުނަށް ނުކުރެއްވުމަކީ މި ޤައުމަށް މިހާރު ދިމާވެފައިވާ މުސީބާތުގެ އަސްލު ސަބަބެވެ. މިކަން ބަދަލުކޮށް ހައްޤަށް ނަސްރު ދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް، އަދި ހާއްސަކޮށް ދިވެހި ހުރިހާ ޝެއިހުންނަަށް އިލްތިމާސް ދަންނަވަމެވެ. ﷲ ތިޔަ އެންމެ ކަލުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

2 Responses

  1. Miadhu gaumu mioiy haalath badhal kurumaky rayyithunge mahchah vajib kameh bageennaa gaumu havalu kurumun nulibey Aniya miadhu rayyithun tahammal kuramun midhany

  2. މިއަދު މި ޙާލު ޤައުމަށް ދިމާވީ، ތަރައްޤީގެ މަގުގައި ޤައުމު ކުރިއަރަމުން ގޮސްގޮސް އޮއްވައި، އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު ރައްޔިތުންނަށް އޮޅުވައިލައި، އަދި ދުޝްމަނުންގެ ރިޝްވަތަށް ހެއްލުމުގެ ސަބަބުން. މި ކަމުގެ ޒިންމާ، މައުމޫނާއި، ޢިމްރާނާއި، ގާސިމާއި، އިލްޔާހާއި، ޒައިދު އާއި، އިޔާޒް އަބްދުއްލަޠީފާއި، ފުވައްމުލަކު ޢަލީ ޒާހިރު އުފުއްލާންޖެހޭނެ. މި އެންމެން އިޞްލާޙުވެ، ތައުބާވެ، ރައްޔިތުންގެ ކިބައިން މާފަށް ނޭދޭހާ ހިނދަކު ބާޣީންނާއި ޣައްދާރުންނާއި ޚާއިނުންގެ ލިސްޓުގައި މި އެންމެންގެ ނަން ލިޔެވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *