...

Support Us

ކޮލަމް: ކެޔޮނިރު

މި ޤައުމު ދިފާއު ކުރާނީ ދިވެހީންނެވެ. އިންޑިއާ ސިފައިންނެއް ނޫނެވެ!

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރ 3 ވީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު އަޅުގަނޑަށް ހޭލެވުނީ އެހެންޏާ ނީވޭ ޒާތުގެ އަޑުތަކެއް އިވިގެންނެވެ. އެއިރު އަޅުގަނޑަކީ މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރަކީމެވެ. އެއީ ކޮން އަޑެއްކަން ނޭނގިގެން މަންމަމެން ވާހަކަ ދައްކަން ތިއްބާ އަޅުގަނޑު ސިއްރު ސިއްރުން ޗޮޕަރ ބައިސްކަލަށް އަރައިގެން ސޯސަންމަގާ ދިމާލަށް ނައްޓާލީމެވެ. އެއިރު އަދި އިރުނާރައެވެ. އިބްރާހިމް މިސްކިތާ ހަމައަށް ދެވުނުއިރު މިސްކިތުން ފޭބި ބައެއް މީހުން ސައްލާކުރަން ތިއްބެވެ. ކުލީ ސިފައިންތަކެއް ރާއްޖެއަރާ ބަޑި ޖަހަމުންދާ ކަމަށާއި ބައެއް ދިވެހީން މަރުވެގެން ވެއްޓިފައިވާ ކަމަށް އެކަކު ބުންޏެވެ. އަދި ޗާންދަނީ މަގާއި ފަރީދީ މަގު ގުޅޭ ކަންމައްޗަށް ދިއުމުން މަރުވެފައި އޮތް ދިވެއްސަކު ފެންނާނެ ކަމަށް އެކަކު ބުނުމުން އަޅުގަނޑު އެ ކަންމައްޗަށް ދިޔައީމެވެ. ނަމަވެސް މަރުވެފަ އޮތް މީހަކު ނުފެނުމުން މެރިންޑްރައިވަށް ދާން އުޅެނިކޮށް އެތާ ހުރި ދުވަސްވީ މީހަކު "ކޮއްކޯ އެކޮޅަށް ދިއުން ރައްކާތެރިއެއް ނޫން" ކަމަށް ބުނުމުން އަނބުރާލާފަ ގެއަށް ދިޔައީމެވެ. ކުލީ ސިފައިންގެ ހަރަކާތްތައް ފެނޭތޯ އެރޭ ފަތިހު މަޖީދިއްޔާ ސްކޫލް ކަންމައްޗަށް ދާން އަޅުގަނޑު ކަހަލަ ސްކޫލް ދަރިވަރަކަށް ކެރުނު އިރު ދިވެހި ސިފައިން ފިނޑިވެފައި ފިލައިފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ނަމަވެސް މިއަހަރުގެ 2 ނޮވެމްބަރ ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން (އަޅުގަނޑު މިތާނގައި ވާހަކަ ދައްކަވަމުންނޭ ލިޔާކަށް ބޭނުމެއް ނޫނެވެ!)، ބިލެތްދޫ ދާއިރާގެ މެމްބަރ ދޮންބިލެތް އަހްމަދު ހަލީމް ބުނި ގޮތުގައި މީގެ 32 އަހަރު ކުރީން އެ އުދުވާނީ ހަމަލާ ދެވުނު ދުވަހު ދިވެހި ސިފައިން ތިބީ ފިލައިފައެވެ. ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިން އެން.އެސް.އެސް ހެޑްކުއާޓަރސް ވަށާލައިގެން ބަޑީގެ ހަމަލާ ދެމުން ދިޔައިރު 9 ސިފައިންނާއި އެކު ލެފްޓިނެންޓް މޫސާ އަލީ ޖަލީލް އެން.އެސް.އެސް ހެޑްކުއާޓަރުން ނިކުމެގެން ގޮސް ކުލީ ސިފައިންނާ ކުރިމަތިލިއެވެ. އޭގެ ތެރެއިން 3 ސިފައިން އެވަގުތު ޝަހީދުވިއެވެ. އަނެއް 6 ސިފައިން އަނބުރާ ހެޑްކުއާޓަރަށް ވަނީ މިޝަން ކާމިޔާބްކޮށް ޓެރަރިސްޓުންނާ ހަމަލާ ބަދަލުކޮށް، މައުލޫމާތު އެއްކޮށްގެންނެވެ. މިއީ އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރާއި ޤާބިލް ކަމުގެ ކުޑަ މިސާލެކެވެ.

އޭރު ދިވެހި ސިފައިންގެ ހާލަތު ހުރިގޮތުން، ކުއްލިއަކަށް ދެވުނު މިހަމަލާ ނުހުއްޓުވުނު ކަމުގައި ވިއަސް ޓެރަރިސްޓުންނަށް އެން.އެސް.އެސް ހެޑްކުއާޓަރަށް ނުވަދެވުނީ ދިވެހި ސިފައިން ދެއްކި ހިއްވަރުގެ ސަބަބުންނެވެ. ދިވެހި ސިފައިން ތިބީ ފިލާފައެއް ނޫނެވެ. ހާލަތާއި ތަމްރީނާއި ވަސީލަތާއި ވަގުތަށް ބަލާއިރު ދީނާއި ޤައުމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ ކަމެއް އެދުވަހު ދިވެހި ސިފައިން ކުރިއެވެ. ޤައުމަށް އެއްވެސް ލޯތްބެއް ނެތް، ދިވެހި ސިފައިންނަށް އެއްވެސް އިހްތިރާމެއް ނެތް ކުރީގެ ފުޓުބޯޅަ ކުޅުންތެރިއަކު، ވަކިއަތަކަށް ޖެހިގެން ހުރެ، ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ދިވެހި ޤައުމާއި ދިވެހި ސިފައިންގެ އަގުވެއްޓޭ ގޮތަށް މިފަދަ ދަށުދަރަޖައިގެ ވާހަކަ ދެއްކުމުން ދޭހަވަނީ މިއަދު ވެރިކަމުގައި އޮތް އެމް.ޑީ.ޕީގެ އަސްލު ސިފައެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުންގެ ބައްޕަ، ސިއްކަ އަހްމަދު އިސްމާއިލް މަނިކަކީ ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން، އެ ހަމަލާއަށް ހަރަދު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތެކެވެ. ސިއްކަ އަހްމަދު އިސްމާއިލް މަނިކުގެ އަންހެނުންނަކީ ރައްޔިތުންގެ މަޖުލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތަ، ކެރަފާ ޒަމީރާ އެވެ. ނޮވެމްބަރ 3 ގެ ހަމަލާއާ އެމްޑީޕީގެ ލީޑަޝިޕާ މިވަނީ އާއިލީގޮތުން ނަމަވެސް ގުޅިފައެވެ. އެހެންކަމުން، އެމްޑީޕީ އަށް ނިސްބަތްވާ މަޖުލީސް މެމްބަރަކު ދިވެހި ސިފައިން އެދުވަހު ތިބީ ފިލާފައޭ ބުނުމުން ހައިރާންވާކަށް ނުޖެހެއެވެ.

ހޯމަ ދުވަހުގެ މަޖުލީސް ޖަލްސާގައި ވާހަކަ ދައްކަމުން ދޮންބިލެތް ހަލީމް ބުނިގޮތުގައި ނޮވެމްބަރު -3 ގައި ހަމަލާ ދީފާނެކަމުގެ ބިރަށްޓަކައި ދިވެހި ސިފައިން ފިލާފައި ތިބިއިރު ދިވެހި ޤައުމު ސަލާމަތްކޮށް ދިނީ އިންޑިއާ ސިފައިންނެވެ. ދިވެހި ސިފައިންނާއި އެއިރުގެ ޑިފެންސް މިނިސްޓަރާއި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ވަރަށް ދަށުދަރަޖައިގެ ބަހުރުވައިން ވާހަކަ ދައްކަމުން ދޮންބިލެއް ބުނީ އިންޑިއާ ސިފައިން ބޮޑެތި ބަޑިހިފައިގެން އައިސް އެދުވަހު ޤައުމު ސަލާމަތް ކުރިއިރު "އިންޑިއާ އައުޓް" އެކޭ ދިވެހީން ނުގޮވާ ކަމަށާއި މިހާރު އިންޑިއާ އައުޓޭ ގޮވަންޖެހޭ ސަބަބެއް އަމުދުން ނެތް ކަމަށެވެ. އަދި އެދުވަހު ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތީން ފުންމާލައިގެން އަތްބިނދިފައި ކަމަށާއި ރައީސް މައުމޫން "އޮތީ ގޮށްޓެއްގެ ދަށަށް ވަދެ ފިލާފައި" ކަމަށެވެ!

ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާ ނާކާމިޔާބުވެ، ދިވެހި ޤައުމަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުން އޭގެ ފަހުން ކޮންމެ އަހަރެއްގެ ނޮވެމްބަރ 3 ވަނަ ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ. ނަމަވެސް އެމްޑީޕީ އަށް ވެރިކަން ލިބުމަށް ފަހު ނޮވެމްބަރ 3 ފާހަގަކުރަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަމައެކަނި ނަމަކަށެވެ. މިއަހަރުވެސް ހަމަ އެފަދައެވެ. އެމްޑީޕީގެ މަޖުލިސް މެމްބަރަކު މަޖުލީހުގެ ތަޅުމުގައި އިއްޔެ މި ދެއްކި ދަށުދަރަޖައިގެ ވާހަކައިން އެނގޭ ގޮތުގައި އެމީހުންގެ ހިތްތަކުގައި ދިވެހި ސިފައިންނަށް ވުރެ މަތީ މަޤާމެއް ދެވިފައިވަނީ އިންޑިއާ ސިފައިންނަށެވެ. މިއީ ދުނިޔޭގެ ކޮން ޤައުމަކުން ފެންނާނެ މަންޒަރެއް ބާވައެވެ؟ އެހެން އެއްވެސް ޤައުމަކުން ނުފެންނާނެ އެވެ!

މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވެސް ވިދާޅުވެފައިވަނީ އިންޑިއާ ބޭނުންނަމަ ދިވެހި ރާއްޖެ ހިފުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި އިންޑިއާ އިން ދިވެހި ރާއްޖެ ނުހިފާ ތިބި ތިބުމަކީ ދިވެހީން އިންޑިއާ އަށް ޝަކުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވެސް ވަނީ ހަމަ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ސީދާ މި މޭރުމުން ނޫނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަސްމަގުންވެސް ފެންނަނީ އިންޑިއާއަށް ސަނާ ކިޔާ ތަނެވެ. ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ފަދަ ވަޒީރުންނާއި ދިވެހި ސަރުކާރުގެ އިސް އެހެން ފަރާތްތައް ފެންނަނީ "ލަވް އިންޑިއާ"ގެ ހޭޝްޓެގް ޖަހައިގެން، އިންޑިއާގެ ދިދަ ޖަހައިގެން، އިންޑިއާ އެމްބެސެޑަރަށް ސަނާ ކިޔަމުން ދާތަނެވެ. ދިވެހި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އަކީ މިހާރު އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދިރުބާވައޭ ހިތަށް އަރާވަރަށް އޭނާގެ ހަރަކާތްތައް މި ރާއްޖޭގައި މިހާރު ގިނައެވެ. "ހިކްމަތްތެރި" ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ އަޑެއް އިވެނީ ދަމަކުން ބަޑިއެއް ޖަހާ މިސާލުގައެވެ.

ނަސްރުގެ ދުވަހާ ދިމާކޮށް ދިވެހި ސިފައިންގެ އަގު ވެއްޔާ މޮޑެލައި، ބޭއަދަބީ ބަސްތައް ބުނެ، ދިވެހި ޤައުމަކީ އެއްވެސް އާރެއް، ބާރެއް، އިއްޒަތެއް، ޝަރަފެއް ނެތް ތަނަކަށް ހަދައިފިއެވެ. އެމް.ޑީ.އެން އާއި އުތެމަ ފަދަ ލާދީނީ ޖަމާއަތްތައް ބޭނުންކޮށްގެން އިސްލާމް ދީނަށް ފުރައްސާރަކުރުން ކުރިއަށް ދަނީއެވެ. އެމް.ޑީ.އެންގެ މަސްއޫލުވެރީން ތިބީ ޔޫރަޕްގެ ޤައުމުތަކުގައި ފިލުވާފައެވެ. ރާއްޖޭގައި ތިބި އެފަދަ ބައެއް މީހުންނަށް ތިބީ ދައުލަތުގެ މަތީ މަޤާމް ދީފައެވެ. ދާދި ފަހުންވެސް އެމް.ޑީ.އެންގެ އިސް ފަރާތެއް ކަމުގައިވާ ޝަހިންދާ އިސްމާއިލް ވަނީ އޮންލައިންކޮށް ރައްޔިތުންގެ މަޖުލީހުގެ ފޯރަމެއްގައި ވާހަކަ ދައްކާފައެވެ. މިއީ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ނުސީދާކޮށް ދީނަށް ކުރާ ޖެއްސުމެވެ. ދިވެހީންނަށް ކުރާ ފުރައްސާރަ އެވެ. އަދި އެމް.ޑީ.އެން އިން މިދިޔަ ހަފްތާގައި ވަނީ، ޒިނޭ ކުރުމުން ހައްދު ޖެހުމުގެ ހުކުމް ރާއްޖޭގެ ޤާނޫނުން އުވާލުމަށް ވެސް ގޮވާލާފައެވެ. މާތްﷲ ގެ ޝަރީއަތަށް ބަދަލު ގެނައުމަށް ގޮވަމުން ﷲ އާއި އިސްލާމް ދީނަށް ގޮންޖަހާފައެވެ. މިކަމާ  ގުޅިގެން ބަހެއް ބުނެލަން ކެރުނު މިނިސްޓަރެއް ނުވަތަ ރައީސެއް ނުވަތަ މަޖުލިސް މެމްބަރެއް މި ޤައުމަކު ނެތެވެ.

މީގެ ދެތިން ދުވަސް ކުރީން ވެސް ރައީސް މުހައްމަދު ނަޝީދު ތަކުރާރު ކުރައްވާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އެޅުމަށް ހިތްވަރު ދެނީ ދިވެހި ރާއްޖޭގެ މުއައްސަސާ ތަކުން ކަމަށެވެ. ހާއްސަކޮށް ދިވެހި ފުލުހުންނަށާއި ދިވެހި ސިފައިންނަށް ނަޝީދު އިނގިލި ދިއްކުރައްވައެވެ. ނަޝީދާއި އެމްޑީޕީގެ މަގްސަދަކީ ދިވެހި ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށް ތިބި ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލައި، އިންޑިއާ ސިފައިންނަށާއި އިންޑިއާ ސަރުކާރަށް ސަނާ ކިއުން އިތުރުކޮށް، ދިވެހި ޤައުމު ފާލުން ނައްޓުވާލުމެވެ. ވާނުވާ ރޭކާލާއިރު މިނިވަންކަމެއް، ސިޔާދަތެއް، ދީނެއް ނޯންނާނެއެވެ. މިއީ ބަޔަކު އަޑީގައި ތިބެ ރޭވިގެން ހިންގަމުން ގެންދާ ބޮޑުވެގެންވާ ޖަރީމާއެކެވެ. މިކަމާ ދެކޮޅަށް ދިވެހި ފުލުހުންނާއި، ދިވެހި ސިފައިންނާއި، ދިވެހި ރައްޔިތުން ތެދުވާން ޖެހެއެވެ. މިއީ މިހާރު ޖޯކެއް ނޫނެވެ. އާދައިގެ ކަމެއް ނޫނެވެ. ނަސްރުގެ މި ދުވަހުގައި ދިވެހީން މި ފިޔަވަޅު މައްޗަށް ތެދުވުން އަވަސް ކުރަން ޖެހެއެވެ. ދޮންބިލެތް ހަލީމް ފަދަ ޤައުމަށް ޣައްދާރުވުމުގެ ބަދު ބަސް ބުނާ އެމްޑީޕީ މީހުންނަށް އެމީހުންގެ ސައިޒް ދައްކަން އެބަ ޖެހެއެވެ. މިއީ ދިވެހީންގެ ޤައުމު ކަމާއި މިޤައުމު ދިފާއުކޮށް، އިސްލާމީ ދަންމަރު މިޤައުމުގައި ދަމަހައްޓާނީ ދިވެހީންކަން ދައްކަން އެބަޖެހެއެވެ. އެކަން ކުރާނީ އިންޑިއާ ސިފައިން ނޫންކަން ސާބިތުކޮށްދޭން އެބަޖެހެއެވެ. މިލޮބުވެތި ވަތަން މިނިވަންކަން މަތީ އަބަދަށް!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. ލިއުންވަރަށް ފުރިހަމަ.. ދޮންބިލެތެއް ހިކި ބިލެތެއްނޯންނާނެ މިޤައުމުގެ ކަންފަތުން މިއަޑުތަށް އަހާ ލޮލުންބަލަމުން ގެންދާނެކަން އެފަދަ މީހުންނަށް ނުވިސްނެނީ..
    ތިބުނާ އިންޑިއާ ސިފައިން އައިއިރު، ބޭރުންއެރި ހަނގުރާމަވެރީން ބޯކޮށް ބަލިވެ، ބާޒާރު މަތީ ފަޅަށްހުރި ފިހާރަތައް ލޫޓުވާފަ ބަނދަރުންބޯޓެއް ރަހީނުކޮއްގެން ފިލަން ފުރާއިސްފި…. ދެންއަދި އައި އިންޑިއާމީހުންވެސް ބޭލީ ހަމަ ދިހެހީން….. މޮޔަނުވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.