...

Support Us

އެޑިޓޯރިއަލް

އެޑިޓޯރިއަލް: ތެދެކެވެ. ދިވެހި ސިފައިން ހަމަލާ ދިނީ ފިލައި ތިބެއެވެ.

ޤައުމިއްޔަތަކީ ތިމާ، ތިމާގެ ޤައުމު ދެކެވާ ލޯތްބާއި އަމިއްލަ ގައުމާމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރުތަކެވެ. މި ޝުޢޫރުތައް ހިތުގައި ނުވާ މީހަކީ ރޫޙެއް ނެތް ހަށިގަނޑެކެވެ. އެހެނީ ތިމާގެ ޤައުމަށް ލިބޭ ކޮންމެ މޮޅަކީ ޚުދު ތިމާވެސް އެ މޮޅެއްގައި ޙިއްޞާވާނޭ ކަމެކެވެ. އަދި ތިމާގެ ޤައުމަށް ލިބޭ ހަމަ ކޮންމެ ނިކަމެތިކަމެއް ޚުދު ތިމާވެސް ތަހައްމަލު ކުރާންޖެހޭނެއެވެ. އެހެންވީމާ މި ބިންމަތީގައި ބާއްޖަވެރި ދިރިއުޅުމެއް ވޭތުކޮށް، އާޚިރަތުގެ ކާމިޔާބީއަށް އެދޭ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ ތިމާގެ ޤައުމީ މަޞްލަޙަތަށް އިސްކަންދިނުމެވެ. ޤައުމަށް ހެޔޮ އެދުމެވެ. ތިމާއަށް ޤައުމު އަދާކޮށްދޭ ގިނަގުނަ ޚިދުމަތުގެ ބަދަލުގައި ތިމާ ޤައުމަށް ކޮށްދެނީ ކޮންކަމެއްތޯ ވިސްނައިލުމެވެ.

ދިވެހި ކާބަފައިންނަކީ ޤައުމީ ރޫޙުގެ މަތިވެރި ނަމޫނާއެއް ދެއްކި ހިތްވަރުގަދަ ބަޔެކެވެ. ދިވެހި ޤައުމަށް ފާވާ ހަމަ ކޮންމެ ޚާއިނަކަށްވެސް އާޚިރުގައި ޖެހެނީ ބަލިވެ ނިކަމެތިވެގެންދާށެވެ. ދިވެހިން ދިވެހި ޤައުމު ދިފާޢުކުރުމަށްޓަކައި ނުވާ ޤުރުބާނީއެއްނެތެވެ. އެބައިމީހުން އޮހޮރުވީ ހަމައެކަނި ދަލެއް ނޫނެވެ. އެބައިމީހުންގެ ހަށިތައް ޤުރުބާންކޮށް ދިވެހި ފަސްގަނޑު އެ ކާބަފައިންގެ ލެއިން ކަޅިކޮށްލީ ހަމަ ދިވެހި ޤައުމަށްޓަކައެވެ.

މިއަދުގެ އިރު އުދަރެހުން ފާއްދައިލީ ވަރަށް މުހިއްމު ޤައުމީ ހަނދާންތަކަކާ އެކުގައެވެ. އެއީ މީގެ 32 އަހަރު ކުރިން ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި، ބިރުވެރި ޢުދުވާނެއްގެ ހިތި ހަނދާންތަކެވެ. އެ ޢުދުވާނީ ޙަމަލައިގައި ދިވެހި ޤައުމަށް މާތް ﷲ ދެއްވި މަތިވެރި ނަޞްރާއި ކާމިޔާބީގެ ފޮނި ހަނދާންތަކެވެ. މި ތާރީޚީ ދުވަސް "ނަޞްރުގެ ދުވަހު"ގެ ގޮތުގައި އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީއެވެ. ފާހަގަކުރާން ބޭނުން ނޫން ބަޔަކު އުޅުނަސްވެހެވެ. ނޮވެމްބަރު މަހު ތިނެއްގައި، އެ މަތިވެރި ނަޞްރުގެ ދުވަހު މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ދިވެހި ޤައުމަށްޓަކައި ޝަހީދުވި ހިތްވަރުގަދަ ދިވެހި ފަހުލަވާނުންނަށް މާތް ﷲ ރަޙުމަތްލެއްވުން އެދި ދުޢާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

ނަޞްރުގެ ދުވަހުގެ ހަނދާންތައް އަޅުގަނޑުމެން އާކުރަމުން ގެންދާއިރު، މި ފަދަ ކޮންމެ ޢުދުވާނެއްގެ ފަހަތުގައި ވަނީ ދިވެހި މަދު ޚާއިނުންތަކެއްގެ ޣަދަރުވެރި ޢަމަލުތަކެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެއެވެ. އަދި ދީނާއި ވަޠަންގެ ލޯތްބާއި ކަރާމާތުގެ ކުޑަ މިންވަރެއްވެސް ނުދަންނަ ބައެއްގެ މަކަރުވެރި ރޭވުންތަކެއްގެ ހިތި ނަތީޖާކަން އަޅުގަނޑުމެން ދަންނާންޖެހޭނެއެވެ. މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތީ ދިވެހި ޤައުމަށް ދިމާވި ދެރަ ގޮތްތައް މެދުވެރިވި ސަބަބާމެދު ވިސްނައި އެ ފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރުމެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ހޭލައި ތިބުމުގެ ޢަޒުމު އާކޮށް ވަރުގަދަކުރުމެވެ.

ޤައުމީ މަޞްލަޙަތާއި އިޖްތިމާޢީ ހަމަޖެހުމަށް އިސްކަންދިނުމަކީ ޤައުމީ މުނާސަބަތުތަކުގައި އުފާ ފާޅުކުރާ މީހުންވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އެހެނީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައި އޮންނާނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ. އެހެންވީމާ ދިވެހީން ދިވެހީންގެ "ނަޞްރުގެ ދުވަސް" ފާހަގަކުރާއިރު އެ އުފަލުގައި ބައިވެރިވާންޖެހެނީ މި ދެންނެވި ކަންކަން ވިސްނުމުގައި ބަހައްޓައިގެންނެވެ. މި ފަދަ ދުވަސްތަކުން ޙާޞިލުވާންޖެހޭ ޢިބްރަތްތައް ލިބޭނީ އޭރުންނެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މި ފަހަރުގެ "އަދިވެސް" ވަރަށް ޚާއްސަވާނެއެވެ. ދުވަހާ ގުޅޭ ތަފާތު ލިއުންތައް ހުންނާނެއެވެ.

މި މުނާސަބަތާ ގުޅުވައިގެން މި ފަހަރު ވެސް "އަދިވެސް"ގެ ލޯގޯ މިވަނީ ތަފާތު ފަރުމާއަކަށް ބަދަލުކޮށްފައެވެ. ގައުމީ ދުވަހެކޭ އެއްފަދައިންނެވެ. ނޮވެމްބަރު 3، 1988 ގައި ދީނާއި ގައުމަށްޓަކައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ގައުމީ ޖިހާދު ރަމްޒުކޮށްދޭ ލޯގޯއެކެވެ. މިއީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރ އަބްދުﷲ ޝަފީއު (އަބޯ) ގެ ކުރެހުމެއް އަސްލަކަށް ބަލައިގެން ހަދައިފައިވާ ފަރުމާއެކެވެ.

ނަސްރުގެ ދުވަހުގެ ޚާއްސަ އަދަދަށް ލިއުއްވި ހުރިހައި ބޭފުޅުންނަށް ވެސް މި ފުރުސަތުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާތެރޭގައި ދިވެހި ސިފައިންނާއި ކޮމާންޑަރ-އިން-ޗީފު ތިބީ ފިލައި ކަމަށް ބުނެ، ބަޔަކު ދަނީ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ. ހަގީގަތުގައި ނޭނގި ނަމަވެސް އެ ބުނެވެނީ ވަރަށް ބޮޑު ތެދެކެވެ. އެހެނީ އެއްވެސް ޒަމާނެއްގައި، އެއްވެސް ތަނެއްގައި ހަނގުރާމަ ކުރަނީކީ، ދެފައި ވަށްކޮށްފައި ކުރިމަތީގައި އިށީނދެ ތިބެގެނެއް ނޫނެވެ. އެހެން ތިބެނީ ފަސްއޮށް ކުޅޭއިރުއެވެ. ހަނގުރާމައިގެ މައިދާނުގައި ދެ ފަރާތުންމެ ހަމަލާދެނީ ނިވާފަތްގަނޑަށް ވަދެ، ފިލައި ތިބެއެވެ. ބަޑި ޖަހާށޭ ކިޔައިފައި އެއްވެސް މީހަކު މޭދިއްކޮށްފައި އުންޑަތައް ކުރިމައްޗަކަށް ނުނުކުމެއެވެ. އާޚިރުގައި ކާމިޔާބު ލިބެނީ ފޫދުއްވާނުލެވޭވަރުގެ ވަރުގަދަ ނިވާފަތްގަނޑެއްގެ ފަހަތުގައި ފިލައި ތިބެ ރޭވުންތެރިކަމާއެކު ހަމަލާދޭ ބަޔަކަށެވެ. އަދި އެއްވެސް ގައުމެއްގައި ކޮމާންޑަރ-އިން-ޗީފަކީ ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބައިވެރިވާ ބޭފުޅެއް ވެސް ނޫނެވެ. ނޮވެމްބަރު 3 ގެ ފިލާވަޅަކީ ވެސް އެއީއެވެ.

ނޮވެމްބަރު 3 ގެ އުދުވާނުގައި، ސިފައިންގެ މައިމަރުކަޒުގެ ތެރެއަށް ތަމަޅަ ބާޣީން ވަދެގަންނަން، ސިފައިންގޭގެ ހުޅަނގު ދެކުނު ކަނުން ތަންގަނޑެއް ގޮއްވާލައިގެން ބާގަނޑެއް ވެސް ހެދިއެވެ. އެތަނުން ބާޣީންނަށް ނުވަދެވުނީ ދިވެހި ސިފައިން ފިލައި ތިބެ ވަގުތުން ދިން ވަރުގަދަ ރައްދެއްގެ ސަބަބުންކަން ޔަގީނެވެ. އޭގެ ކުރިން، ތަމަޅަ ބާޣީންގެ ފުރަތަމަ ވަޒަނާއެކު، ޝަހީދު ހުސެއިން އާދަމްގެ ބަޑިން ދޭން ފެށި ރައްދަކީ ބާޣީން ކުރިއަރަން ފަސްޖެހެވި، އަދި ސިފައިންގެތެރެއިން ހަތިޔާރު ނަގަން ފުރުސަތު ލިބުނު ކަމެކެވެ.

ނަސްރުގެ ދުވަހުގެ ޝަހީދުންގެ ޒިކުރާ އާކުރާ ހާލު، ދިވެހި ސިފައިން އެ ދުވަހު ވީ މަތިވެރި ގުރުބާނީގެ އަގު ވެސް އަޅުގަނޑުމެން ވަޒަންކުރާންޖެހެއެވެ. ހަގީގަތުގައި ބަތަލުންނަށް ވަނީ ޝަހީދުވުމުން އެކަންޏެއް ނޫނެވެ. ދިރި ތިއްބަސް، ބަތޮލުންގެ މަގާމު ހައްގު އެތައް ބަޔަކު ދިވެހި ސިފައިންގެ ކުރީ ސަފުގައި އެ ދުވަހު ހަނގުރާމަކުރިއެވެ. އެއީ އެންމެން ދަންނަ ހަގީގަތެކެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ފިލައި ތިބެގެންނެވެ.

ރާއްޖެ ހިފަން އައި ދިވެހި އަދި ތަމަޅަ ބާޣީންނަށް، ދިވެހި ފަސްގަނޑުގައި، ދިވެހި ސިފައިންގެ މައްޗަށް ކުޑަވެސް ކާމިޔާބީއެއް ނުލިބުމުން، އެ މީހުން އަވަހަށް ފިލަން ދުއްވައިގަތެވެ. މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ރަހީނުކޮށްގެން، އެންމެން އަވަހަށް ފިލީއެވެ. ދިވެހި އާންމުންގެ ބަޔަކު ވެސް ރަހީނުންގެ ގޮތުގައި ގޮވައިގެންނެވެ. ފިލަން ދުއްވި ހުރިހައި ބާޣީންނާއި ރަހީނުންގެ ތެރެއިން ގިނަ މީހުން ސަލާމަތްވިއެވެ. އިންޑިއާ މިލިޓަރީގެ އަވަސް އެހީ ލިބުމުގެ ސަބަބުންނެވެ. އެހެންކަމުން، ބާޣީންތައް އަތުލައިގަތުމަށާއި ރަހީނުން ސަލާމަތްކުރުމަށް އިންޑިއާގެ މަނަވަރާއި ހެލިކޮޕްޓަރުން ވެދިން އެހީއަށް ވެސް މި ފުރުސަތުގައި ހައްގު ޝުކުރު އަދާކުރަންޖެހެއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލެން މެދުވެރިވާ ކޮންމެ ފަހަރަކު ވެސް އެކަމުގެ އަޑީގައި ތިބެނީ ދިވެހި ޚާއިނުންގެ ބަޔެކެވެ. ޝައްކެއް ނެތް ގޮތުގައި އެއީ ގައުމުގެ ލެޔަށް އަބަދުވެސް ފެންބޮވައިގެންފައި ތިބޭ ގައުމުގެ އަދުއްވުންނެވެ. މާތް ﷲ، އެފަދަ ޣައްދާރުންގެ ރޭވުންތަކުން މި ލޮބުވެތި ވަތަން ތާއަބަދަށް ސަލާމަތްކުރައްވައި، ދީނާއި ގައުމަށްޓަކައި ޖިހާދުވާނެ އިތުރު ޝަހީދު ހުސެއިން އާދަމްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ލައްވާށިއެވެ. އާމީން.

ޝުކުރިއްޔާ!

މުހައްމަދު ޝަހީބު
އަދިވެސްގެ ސީއީއޯ އަދި ޗީފް އެޑިޓަރ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *