...

Support Us

ކޮލަމް: ނޫވިލު

ނޮވެމްބަރު 3ގެ އަޅުގަނޑުގެ ތަޖުރިބާ – ދުށްތަން ދުށްގޮތަށް

ރައްޓެއްސަކު ބުނެގެން، ސްރީލަންކާ އިން އައި މީހަކާ ބައްދަލުކުރަން، ގަލޮޅު ބޯޅަދަނޑު ކައިރީގައި ހުންނަ "ޓެޓްރާ" ގެސްޓް ހައުސް އަށް ދިޔައީމެވެ. އެ ތަނަކީ ބޭރަށް ހުންނަ ސިޑިއަކުން މައްޗަށް އެރޭގޮތަށް ހަދާފައި ހުންނަ ދެ ބުރި އިމާރާތެކެވެ. މަގުމަތި ފެންނަ ގޮތަށް ކޮޓަރި ކުރިމަތީގައި ހުރި ހުސް ތަންކޮޅެއްގައި ބަހައްޓާފައިވާ ކުޑަ މޭޒަކާއި ދެ ގޮނޑިން ކުރެ އެއް ގޮނޑީގައި ނޫހެއް ކިޔަން އިން މީހަކާއި އަދި އިތުރު ދެ މީހަކު ތިއްބެވެ. ތައާރަފުވުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ. ގިނަ ވާހަކަ ދެއްކީ އިށީނދެ އިން މީހާގެ ދެ ފަރާތުގައި ތިބި ދެ މީހުންނެވެ. ކުރަން ބޭނުންވާ ވިޔަފާރިއަކީ ސްރީލަންކާ އިން ބޭރުކުރާ ސައިފަތްތަކެއް ރާއްޖެ މަގުން ބެންކޮކަށް ރީއެކްސްޕޯޓް ކުރާ ވާހަކައެކެވެ. އަދި މާލޭގައި ގުދަންކުރަން ޖެހިދާނެތީ އެފަދަ ތަނެއް ހޯދައިދިނުމަށްވެސް އެދުނެވެ. ނޫހެއް ކިއަން އިނުމުގެ ސަބަބުން މޫނު ނިވާވެފައި އިން މީހާގެ ބަސްމަދެވެ. މޭޒުމަތީގައި އޮތް ބިޒްނަސް ކާޑެއް ދީފައި ބައްދަލުވުން ނިންމާލިއެވެ. ކާޑުގައިވާ ނަމަކީ ޑިސަނައިކާއެވެ. ސިޑިން ފައިބަމުން ހިތަށް އެރިއެވެ. މި ވެރީން މިކިއަނީ މި އުމުރާ ނުބައްދަލު، މާބޮޑު ވިޔަފާރިއެއްގެ ވާހަކައެކެވެ. އަނެއް ފަހަރު ހިތަށް އެރިއެވެ. މިކަން ކުރެވިއްޖެނަމަ ފަހަރެއްގައި ހަމަ އަހަރުމެން މުއްސަނދި ވެސް ވެދާނެއެވެ. އެކުވެރިންނާއެކު ކުޑަ މަޝްވަރާއަކަށްފަހު ކުރިއަށް ދާން ނިންމައި މަސައްކަތް ފެށީމެވެ. އެގޮތުން ގުދަން ހަދާނެ ތަނަކާއި އަދި ރާއްޖެއިން ބެންކޮކަށް ސައިފަތް އުފުލާނެ ދިވެހި ބޯޓުފަހަރު ހޯދުމަށް މަސައްކަތް ކުރީމެވެ. އެއީ 1988 އަހަރުގެ ޖޫން މަސްތެރެއެވެ. ނަމަވެސް މި ބައްދަލުވުމަށްފަހު އެ ފަރާތުގެ އެއްވެސް ހަބަރެއްނުވެ އިތުރު ކުރިއެރުމެއް ނައިސް ދުވަސްތައް ވޭތުވަމުންދިޔައެވެ.

އޭރު އަހަރެން ދިރިއުޅެމުން ދިޔައީ މަންމަގެ ގޭގައެވެ. އެއީ ފަރީދީމަގުގެ ހުޅަނގުކޮޅުން ނިމޭ ހިސާބެވެ. އަދި އޭރުވެސް ޝައުގުވެރިކަން ހުރެ ވީޑިއޯ އާއި ފޮޓޯ ނަގައި އުޅޭތީވެ އެ ހިސާބު އަވަށްޓެރީންގެ އެދުމަށް އެފަދަ ކަންކަން ކޮށްލަދީ އުޅެމެވެ. އެގޮތުން ހިސާބުގަނޑު ރައްޓެއްސެއްގެ އެދުމަށް ހިންދީ ދެ ފިލްމު ރެކޯޑްކޮށްދިނުމަށް ހަވާލު ވެވިފައިއޮތެވެ. އެއީ މާފަންނު ޕިންކް ހައުސްގައި ހުންނަ ފުވައްމުލަކު ޓެއިލަރގެ ވެރިޔާ އަލީ އަށެވެ. ފިލްމް ރެކޯޑު ކުރެވެނީ ރޭގަނޑު ގޭގެ މީހުން ފިލްމް ބަލައި ނިމުނީމާ ދެ ވީސީއާރު (ވީޑިއޯ ކެސެޓް ރެކޯޑަރ) އެއްކޮލައިގެންނެވެ. އެރޭ ދެ ފިލްމްގެ ރެކޯޑިން އޮތީމަ ހޭލާ ހުންނަޖެހޭނެތީވެ އިރާކޮޅު ކުޑަކޮށް ނިދާވެސްލީމެވެ. އެއީ 1988 ނޮވެންބަރ މަހުގެ 3 ވަނައަށް އިރު އަރާނެ 2 ވަނަ ދުވަހުގެ ރެއެވެ. އަދި ހަމަ ދެބެންގެދަރި ބޭބެއަކާއި އޭނާގެ ރަހުމަތްތެރިއަކުވެސް އެ ގޭގައި އެރޭ ކޮންމެވެސް ކަމެއްގައި އެވަގުތު ހޭލާއުޅެއެވެ.

ފަތިސް ވަގުތަށް އަޅާލި ތަނާ ކުއްލިއަކަށް ފަޓާސް ގޮވާ ޒާތުގެ އަޑުފަށްގަޑެއް އިވެންފެށިއެވެ. އަޑުގަދަވާތީވެ ދޮރާށިން ބޭރަށް ނުކުމެ ފަރީދީމަގުގެ އިރުން އަޑު އަންނަ ދިމާލަށް ބަލަމުން ހިނގައިފައި އޯކިޑްމަގާއި ފަރީދީމަގު ގުޅޭ ހިސާބަށް (މިހާރުގެ ބުރު) ހުންނަ ހިސާބަށް ދިޔަތަނާ އިސްލާމީ މަރުކަޒުން ފަތިސް ނަމާދު ބަންގީގެ އަޑު އިވެންފެށިއެވެ. ގަދަފަދަ އެއްޗެހި ތަކެއްގޮވާ އަޑު ގަދަވެ ބަންގީގެ އަޑު އިވުން ހުއްޓިއްޖެއެވެ. ދެން ވާނުވާ އިތުރަށް ބަލަންދިއުމުގެ ޝައުގުބޮޑުވެ ބައިސްކަލު ބަލައި ގެއަށް އައީއެވެ. ގޭގެ ދޮރުމަތީގައި މާމަ (މަރްހޫމް މާމައަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި، އާމީން) އާއި ބޭބެ (ފަޔާޒު) އަދި ބޭބެގެ އެކުވެރިޔާ ޒިއާދު (މަރްހޫމް ޒިޔާދަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި، އާމީން) ވެސް ނުކުމެ މަގުމަތީގައި އަޑުފަށްގަނޑު އަންނަ ދިމާލަށް ބަލަން ތިއްބެވެ. މި ވާގޮތެއް ބަލަން އަހަންނާއެކު އެ ހިސާބަށް ދާން ބުނުމުން،އެއީ ނޮވެންބަރ 11 އަށް ސިފައިން ކޮންމެވެސް ކަމެއް ފަރިތަކުރަނީ ކަމަށް ވެދާނެއޭ ބުނެ އެ ދެމީހުން ވެސް އަހަންނާ އެކު ބައިސްކަލު ދުއްވާލިއެވެ.

އޯކިޑް މަގުން ހުރި ސީދަލަށް އިރަށް ގޮސް ތީމުގެ ފެންނަ ހިސާބަށް ދެވުނުއިރު އެމަގުގެ މެދަކާ ހަމައިގައި ހުއްޓި މީހަކު ހުއްޓެވެ. ދެކެފަރިތަ މޫނެކެވެ. ރާއްޖޭގެ ކުރީގެ ބެޑްމިންޓަން ކުޅުންތެރިއެކެވެ. މަޝްހޫރު ނަމަކީ ކަރިޝްމާ އައްބާސެވެ. މ. އަސުރުމާގެއާ ދިމާލުން މަގުމެދެވެ. އައްބާސްގެ އިޝާރާތަކަށް އެ ތަނަށް މަޑުކުރީމެވެ. އަދި އައްބާސްގެ ލަފައަކީވެސް ސިފައިންގެ ކޮންމެވެސް ހަރަކާތެއް ކަމުގައި ދެކި ވަނުވާ ބަލައިފައި ހަމަ އެ މަގުން އެނބުރި ދިއުމަށް އެދުނެވެ. ލައްބައޭ ބުނެފައި ބައިސްކަލު ދުއްވާފައި ހިލާލީގެ ހުރަސްކުރި ތަނާ އޯކިޑްމަގު އިރުން ހުޅަނގަށް ތަންކޮޅެއް ބާރަށް ބައިސްކަލު ދުއްވަމުން އަދި ކޮންމެވެސް އެއްޗެކޭ ގޮވަމުން ސިފައިންގެ މީހަކު އަންނަތަން ފެނެއެވެ. އަހަރުމެން ދުއްވަމުން ދިޔައީ އޭނައާ ކައިރިޔަށް ކަމުން އޭނާގެ އަތުގެ ހަރަކާތައް ބަލައިފައި މަޑުކޮށްފީމެވެ. އެއީ ތީމުގެއަށް ދާން އޮންނަ ހަނި ގޯޅިއާ ވަރަށް ކައިރި ހިސާބެކެވެ. އޭނަގެ ގޮވުމަކީ "ހަނގުރާމަ އޭ ހަނގުރާމައޭ" އަދި އިތުރަށް އެކޮޅަށް ނުދިއުމަށް ބުނެ އޭނަ މާފަންނާ ވީކޮޅަށް ހަރުކޮށްދުއްވާލި އެވެ. އެއީ ހުސެން ރަޝީދު ނަމަކަށް ކިޔާ ޒުވާންފުރައިގެ އަދި ދަންނަވެސް މީހެކެވެ.

އެ ހިސާބުން ބިރުގެންފިއެވެ. ނަމަވެސް ފިލްމުތަކުން ފެންނަހެން ހަނގުރާމައެއް ކުރާތަން ދުރުގައި ތިބެގެން ސިއްރު ސިއްރުން ބަލާލަންދާން ނުކެރޭ ވަރަކަށް ނޫނެވެ. ދެން ކައިރީގައި ހުރީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގެއެވެ. އެތަނުގެ ގާޑުރޫމްގެ އާނގައިން ފެންނަން ހުރީ އަތަކާއި ފިސްތޯލައެކެވެ. މީހާ ފެންނާކަށް ނެތެވެ. އެތަނުންވެސް މީހަކު ބުނާ އަޑު އިވެއެވެ "ކޮއްކޮމެނޭ އެ އިވެނީ ބަޑިޖަހާ، ބޮންގޮއްވާ އަޑު. އެކޮޅަށް ދިއުން ރައްކާތެރިއެއް ނޫން."

ލިއުންތެރިޔާ ޝުޖާއު ބަންޑާރަ މިސްކިތް ކައިރިން ފާމުދޭރީ މަގަށް އިއްޔެ ހުރަސްކުރައްވަނީ -އަދިވެސް ފޮޓޯ

އަނެއްކާވެސް ފާމުދޭރި މަގުން ލާފައި ފަރީދީމަގަށް ދާންވެގެން ދުއްވާލީއެވެ. އަޑުފަށްގަނޑު ވަރަށް ވެސް ގަދަވެއްޖެއެވެ. ފާމުދޭރީ މަގަށް ލަނބާލި ތަނާއި ބަންޑާރަ މިސްކިތް ކައިރި ގޯޅިތެރެއިން ހަތިޔާރު އެޅި ބަޔަކު މިސްކިތުފާރުގެ ނިވަލުގައި ގުދުވެގެން ކަހަލަ ގޮތަކަށް ނުކުމެ އޯކިޑް މަގަށް ވާގޮތަށް ބަޑި ޖެހިއެވެ. ބިރުން ފިތްކަނޑައިގެން ދިޔައެވެ. ގަދަފަދަ އަޑާއެކު އަލިފާންކަނިތަކެއް ވެސް ދުށީމެވެ. ހަމަ އެވަގުތު ފާމުދޭރިމަގުން ޗާންދަނީމަގަށް ހުރަސްކުރެވެން އޮންނަ ދަނބު ގޯޅިންވެސް ބަޔަކު ހަތިޔާރާއެކު ފާމުދޭރިމަގަށް ނުކުމެއްޖެއެވެ. އަދި އަހަރުމެން ތިން މީހުން ހިފަހައްޓައިފިއެވެ. ބޭބެ އާއި އޭނާގެ އެކުވެރި ޒިއާދު ބައިސްކަލުން ފޭބުމާއެކު ދަނބުގޯޅި ތެރެއަށް ވައްދައިފައި ދެކަކޫ ޖައްސައި ބިންމަތީގައި ބައިތިއްބައިފައި ޗެކްކުރަންފެށިއެވެ. އަހަރެންނަށް ބައިސްކަލުން ނުފޭބިފައި އިނީމަވެސް ކަންނޭނގެއެވެ. ނުވަތަ ހަށިގަނޑުގެ މާ ހިކި އަނަރޫފަވުމުން ކަމަށްވެސް ވެދާނެއެވެ. ބަޑީގެ އަޑުފަށްގަނޑުގެ ތެރެއިންވެސް އަޑު އިވޭ ވަރަށް ބާރަށް އަތުގެ އިޝާރާތާއެކު އެތަނުން ދުރަށް މާފަންނާ ވީކޮޅަށް އަވަހަށްދިއުމަށް އަހަންނާ ދިމާލަށް ހަޅޭއްލަވައިގެންފިއެވެ. އެއީ ކާކީ ކުލައެއް ކަހަލަ ޖެކެޓެއް ލާފައި ހުރި މީހަކާއި ގޮޅިޖެހި ގަމީސްހެން ހީވާ ކަހަލަ އެއްޗެއް ލާފައިވާ ހަތިޔާރު ހިފައިގެން ތިބި ދެތިން މީހުންނެވެ. ބުނި އެއްޗެއް ބުނީ އިނގިރޭސި ބަހުންނެވެ.

މިހާރު ހަނގުރާމަ ފެނި ގައިން ހީބިހިވެސް ނަގައިފިއެވެ. ގަތްބިރުގެ އިހުސާސްތައް ލިޔާނެ ގޮތެއް ވެސް ނޭނގެއެވެ. ފާމުދޭރިމަގުން ފަރީދިމަގު ހުނޅަގަށް ލަނބާލަން ދުއްވާލީމެވެ. އެވަގުތު ޗެލީ ސައިކަލެއްގެ ވަށިގަނޑުގައި ބޯޅައެއްވެސް އޮތް މީހަކު ފަރީދީމަގުން އިރަށް ސިފައިންގެއާ ވީ ދިމާލަށް ހުރަސްކުރިތަންވެސް ފެނުނެވެ.

ލިއުންތެރިޔާ ޝުޖާއު އާއި ހާމިދު، ނޮވެމްބަރު 3، 1988 ގެ ފަތިހު ބައްދަލުވި ތަނުގައި އިއްޔެ މަޑުކޮށްލައްވައިގެން -އަދިވެސް ފޮޓޯ

މަޝްހޫރު ކޮމިޑީ އެކްޓަރު ހާމިދު ވަޖީހު އޭނާގެ ގެ، މ. ހަޒާރުމާގޭ ދޮރުމަތީ ނުކުމެ ހުރިތަން ފެނި ބައިސްކަލު ދޫކޮށްލައިފައި ހާމިދާއެކު ހަޒާރުމާގެއާ އިންވެގެން އޮންނަ ގޯޅި ގަޑެއްގެ ތެރޭގައި ހުރީމެވެ. އެ ވަގުތު ހާމިދު ވަޖީހު ބުނި ބަހެއް ވަރަށް ހަނދާން އެބަހުއްޓެވެ. "މަ މިނުކުތީ މިގޭ ފުރާޅަށް އޮއްގާ ތަކެއް އޮސާލި އަޑުފަށްގަނޑެއް އިވިގެންނެވެ." ކޮންމެވެސް ބޭރު ބަޔަކު ބަޑި ހިފައިގެން އުޅޭތަން ފެނިއްޖެ ކަމުގައި ބުނީމެވެ. ދެން ބަޑިއާއި ބޮމުގެ އަޑު މާގަދަވުމުން ބިރުން އެގޭތެރެއަށް ވަނީއެވެ. އިރުއަރާ ރަނގަޅަށް އަލިވުމުން އެތަނުން ނުކުމެ މަގުގެ ދެކޮޅަށް ބަލައިލިއިރު ބަގީޗާގެ ކުރިމަތީގައި ސައިކަލަކާއި މީހަކު ވެއްޓިފައި އޮތެވެ. ގަންފައި ހުރި ބިރާއި މޭގެ ގުޑުން ބޮޑުކަމުން އަރައިގެން އައި ބައިސްކަލުވެސް މަގުމައްޗަށް ދޫކޮށްލައިފައި ފަރީދީމަގުން ހުޅަނގަށް، ގެއާ ވީ ދިމާލަށް ފާރުބުޑުން ހަރުކޮށް ހިނގައިގަތީއެވެ. މަގުމަތީގައި ވާނުވާ ބެލުމަށް ހިސާބަކަށް މީހުން އުޅޭތަން ފެނެއެވެ. މާފަންނުގެއާ ހަމައިން އަނެއްކާވެސް ބައްދަލުވީ ރާއްޖޭގެ ދެވަނައެއް ނެތް މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) އާއެވެ. ސައިކަލު ބައިސްކަލޭ ކިޔާ ޒާތުގެ ބައިސްކަލެއްގައި ޔޫސޭ ދުއްވަނީ ސިފައިންގެއާ ވީކޮޅަށެވެ. ޔޫސޭ މަޑުކޮށްފައި ސުވާލު ކުރިއެވެ.

"އޭ.. އަބްލޯ.. ކަލޭ.. ކިހިނެއްވެގެންތަ މިއުޅެނީ؟"

ޖަވާބުގައި ބުނީމެވެ. ބަޔަކު ބަޑިޖަހަނީއެވެ. އެކޮޅުގައި މީހަކު ވެއްޓިފައިވެސް އެބައޮތެވެ.

ޔޫސޭ ގާތުގައި ބުނެފައި ދުވަމުން ފަހަތަށް ބަލަމުން ހަރުކޮށް ހިނގަމުން ގެއާ ހަމައަށް އިރާދަކުރެއްވީތީ އާދެވިއްޖެއެވެ. ދަނބުގޯޅީގައި ނީލްޑައުންކޮށްފައި ބޭތިއްބި ބޭބެއާއި ޒިޔާދުވެސް ގިނަ އިރުތަކެއްނުވެ ދޫކޮށްލައިފިއެވެ. އެމީހުންގެ ވޮލެޓާއި ޖީބު ބެލީ ސިފައިންތޯ ކާޑު އޮތްތޯ ކަމަށް ބުންޏެވެ. އަދި މަތިމަސް ހުރުމުން ދޫކޮށްލީ ކަމަށް ވެއެވެ. މަރްހޫމް ޒިޔާދަކީ މިހަމަލާގައި އިސްކޮށް ހުރި ލުތުފީގެ ކޮއްކޮއެއް ވެސްމެއެވެ. ނަމަވެސް އެ ދުވަހު ދޫކޮށްލީ އެކަމެއް އެނގި، އެހެންވެގެނެއް ނޫނެވެ. އަދި ޒިއާދުގެ ބޭބެ ލުތުފީ މިފަދަ ނުރައްކާތެރި ހަމަލާއެއް ރާވައި ހިންގަފާނެކަން ކުޑަކޮށްވެސް ޒިއާދަށް އެނގިފައެއް ނުވެއެވެ. (ވަރަށް ހިތްހެޔޮ އެކުވެރި، ޒިއާދު މިދުނިޔެ ދޫކުރީ ދާދި ފަހުންނެވެ.)

ގޭދޮށުގައި އެއްވެ ތިބި ގިނަ ބަޔަކަށް މި ހަބަރުތައް ހިއްސާ ކުރުމަށްފަހު ހަނގުރާމަ ރަށުތެރެއަށް ނުވަތަ މި ހިސާބަށް އަތުވެއްޖެނަމަ ކަންކުރާނެ ގޮތްތަކެއް އެކި މީހުން ކިޔާއަޑު އަހައިފައި، މާފަންނު ވައިނުޖެހޭގެއަށް ވަދެ އެގޭ މުހައްމަދު ޒުހޭރު (ޖުހާ) އާ މަޝްވަރާކޮށްފައި ޕެޓްރޯލް ބޮމާއި ކަތިވަޅި، ދަގަނޑު ފަދަ އެއްޗެހި އެއްކުރުމަށް ނިންމާ މަސައްކަތް ވެސް ފެށީމެވެ. ނަމަވެސް މެންދުރާ ހަމައަށް އައިއިރު ބަޑީގެ އަޑުފަށްގަނޑު މަޑުވެއްޖެއެވެ. އަދި ހަވީރު ވީއިރު އެއްކޮންހެން އަޑުކެނޑި އަމާންވަނީއޭ ހިތަށްއަރަން ވެސް ފެށި އެވެ. ހަމަ ގައިމުވެސް ފަތިހު ހިތަށް ވަން ބިރުވެރިކަން ކެނޑިއްޖެއެވެ. ބޭރުން އެރި ހަނގުރާމަވެރިން ބަލިވެ ފިލަންދުވާ ކަމުގެ އަޑުތައްވެސް ތުންތުންމަތިން ކަންފަތުގައި ޖެހެއެވެ. މި ހިސާބުން އެ ދުވަހު ފެނުނު އަދި ތަޖުރިބާކުރެވުނު އިތުރު ވާހަކަތަައް ކުރުކޮށްލާނަމެވެ.

ދެން އެންމެ އިސްކަމެއް ދިނީ މަގުމަތީގެ ހަރަކާތްތަކުގެ ވީޑިއޯ ނެގުމަށެވެ. އަތުގައި އޮތް ރައްޓެއްސެއްގެ ޕެނަސޮނިކް 2A ކެމެރާ އަކުން ވީޑިއޯ ނަގަން ފެށީމެވެ.

އޭރު އިންޑިއާ އެންބަސީ ހުންނަނީ ގެއާ ވަރަށް ކައިރީގައެވެ. މިހާރުގެ ނަލަހިޔާ ރެސިޑެންސް ހުރި ތާނގައެވެ. އެ ސަރަހައްދު މަގުމަތީގައި ގިނަ ސިފައިންތަކެއް ހަރަކާތްތެރި ވަމުންދާތީވެ ގޭގެ ދޮރުމަތީގައި ހުރެގެން އެ މަންޒަރުތައް ނަގަމުން ދަނިކޮށް އެތާނގެ ވެރިއަކަށް ހުރި އިންޑިއާ ސިފައިންގެ މީހާ އެންގީ ވީޑިއޯ ނުނެގޭނެ ކަމަށާއި ކެމެރާގައި އޮތް ޓޭޕް އޭނާއާ ހަވާލު ކުރުމަށެވެ. ތިނެއް ނޮވެންބަރުން ފެށިގެން ތިން ދުވަސް ވަންދެން ވީޑިއޯ ނަގަމުން ގެންދިޔަ 120 މިނެޓްގެ ވީ.އެޗް.އެސް ޓޭޕް އަތުލިއެވެ. އެ ޓޭޕް އަނބުރާ ހޯދަންވެގެން ކަމާ ބެހޭ ބޭފުޅުންނަށް ކަންވީގޮތް ދެންނެވީމެވެ. ނަމަވެސް ޓޭޕް އަނބުރާ ނުލިބެއެވެ. މިކަން ވަރަށްވެސް ބޮޑު ހިތާމައަކަށް ވެގެންދިޔައެވެ.

އެއް ރެއެއްގެ ޓީވީ ހަބަރު ގަޑިއެވެ. އަތުކުރެހުމަކާ ވައްތަރު ގޮތަކަށް ހުރި މީހެއްގެ ފޮޓޯއެއް ދައްކައިފައި ހަބަރުގައި ކިޔަނީ، މީނާ ވަނީ ދެ ފަހަރެއްގެ މަތީން ރާއްޖެ އައިސްފައި ކަމަށެވެ. މީނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އިންޑޯސްޓޭޑިމްގެ މިވެނި މޭޒަކަށް މައުލޫމާތު ހިއްސާކުރުމަށެވެ. މިތަން ފެނި ހިތަށް އެރިއެވެ. އެއީ ކޮންމެވެސް ތާކުން ދުށްމޫނެކެވެ. އާނއެކެވެ. ހަނދާންވެއްޖެއެވެ. އެއީ "ޓެޓްރާ" ގެސްޓް ހައުސް އިން ވިޔަފާރީގެ ބައްދަލުވުމުގައި ނޫސް ކިޔަން އިން "ޑިސަނައިކަ" އެވެ. ފަހުން އެނގުނީ އެ މީހާގެ ނަމަކީ "ޑިސަނައިކާ" ނޫން ކަމެވެ. އެއީ މި ބޮޑު ނުރައްކާތެރި ހަމަލާ ދޭން އައި ހަތިޔާރު އެޅި ޓެރަރިސްޓު ޖަމާއަތް، ލަންކާގެ ޕްލޯޓުގެ ވެރިޔާ ކަމެވެ. ނަމަކީ އުމާ މަހޭޝްވަރަމް އެވެ.

މި މައުލޫމާތު އެ މޭޒާ ހިއްސާކޮށްވެސް ދިނީމެވެ.

ހިތަށް އަރައެވެ. އެހާ ކުރިއްސުރެ މީނާ މާލެ އައިސް، މި ހުރިހައި ކަމެއް ބަލައި، ގެންދިޔައީ ވަރަށް ބޮޑަށް ރާވަމުންނެވެ. ރާއްޖެއަށް ހަމަލާ ދިނީ އެތައް ދުވަހެއްގެ ރޭވުމާއި ފާރަލުމުގެ ތެރެއިންނެވެ. އެކަމަކު، އެ މީހުންގެ ރޭވުންތަކަށްވުރެ، ކީރިތިވަންތަ ﷲގެ ކުޅަދުންވަންތަކަން މާ ގަދަފަދައެވެ.

 

ނޯޓު: މިއީ ކުރިން ވެސް ލިޔެ ރައްކާކުރެވިފައިވާ ހަގީގީ މައުލޫމާތުތަކެކެވެ. އަދި މި ލިއުމުން ބައެއް މިހާ ދުވަސް ފަހުންވެސް އާންމު މިކުރީ ދުވަހާ ގުޅުވާފައި ތާރީހަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
321

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *