Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 28

ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރި މާޔާ ފެނިފައި ހުރެވުނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. އެތެރެއަށް ވަންނަން ތަން ދީފައި ޝެހެނާޒް އަހައިލީ ހުރިހާ ކަމެއް ރަނގަޅުތޯއެވެ؟ މާޔާއަށް ހުރެވުނީ އެއް އަތް މެޔާއި ހަމައަށް އުފުލައިގެންނެވެ. ކެނިއުލާ ނައްޓާލިފަހުން މިހާރު ލޭމަނާވެއްޖެއެވެ. އެކަމަކު އެ އަތުގައި ރިހޭވަރުން އިރުކޮޅުކޮޅާއި ފިރުމާލެވެއެވެ. އެ ނޫނީ އޭނާއަށް އުދަނގުވާކަމެއް ނެތެވެ.

"ނަވާޒްއަށް ގޮވާލެވިދާނެތަ؟"

ބުނާނެ އެއްޗެއް ނޭނގިފައި ޝެހެނާޒްއަށް ހުރެވުނެވެ. މާޔާއަށް ފަސްދީފައި ހިނގައިގެންއިރު ޝެހެނާޒްގެ ހިތަށް އައީ އޮފީސް ކަމަކާއި ގުޅިގެން ބައްދަލުކުރަން އައީ ކަމުގައެވެ. ކޮޓަރިއަށް ވަންއިރު ނަވާޒް އޮތީ އަބަދުވެސް އޮންނަހެން ބޯމަތީ އެއްއަތް ބާއްވައިގެން ދެލޯ މަރާލައިގެންނެވެ. އެކަމަކު އޭނާ ނުނިދާކަން ޝެހެނާޒް ޔަޤީންކުރީ އެހެން އޮވެވެސް މަޑުމަޑުން ދެފައި ހަލުވަމުން ދާތީއެވެ. އެއީ ނަވާޒް އަރާމުކުރާ ގޮތެވެ. މިގަޑީގައި އެއްވެސް އުދަނގުލެއްވާން ނަވާޒް ބޭނުމެއް ނުވާނެއެވެ. ޝެހެނާޒް ހިންދިރުވާލީ ބިރުން ހުރެއެވެ.

"މާޔާ އައިސް އެބަހުރި ބައްދަލުކޮށްލަން."

ޝެހެނާޒްގެ އަޑު ޖެހުމާއި އެކު ނަވާޒްގެ ދެލޯ ހުޅުވާލައިފިއެވެ. ނިތްކުރީގައި އޮތް އަތް ނަގައި އެނދުން ތެދުވިއެވެ.

"ކީއްކުރަން؟"

ނަވާޒްގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ. ސުވާލު ކުރިހާ އަވަހަށް އޭނާ ފޯނު ނަގައި ގަޑި ބަލައިލިއެވެ. މިއީ ދަންވަރެވެ. އޭނާ ދެންމެ އައިސް އޮށޯތީ ބޮޑު މަސައްކަތެއް ނިންމާފައެވެ. ލޮލު ފިޔަ ޖަހައި ނުލެވި އުޅެނިކޮށް އިވުނީ މާޔާ އައި ވާހަކައެވެ.

"ނަވާޒް ދިޔައިމަ ކަންނޭނގެ ބުނާނީ." ޝެހެނާޒް ބުނެލިއެވެ. ނަވާޒް ތެދުވެ ހިނގައިގަތެވެ.

** **

އަތުގައި ރިއްސާވަރުން މާޔާއަށް އަތުގައި ފިރުމައިލެވެއެވެ. ކެނިއުލާ ދަމައިގެންތަން އިނީ ދުޅަވެފައެވެ. މީހަކު އައިސް ހުއްޓުނުހެން ހީވެ އިސްއުފުލައިލިއިރު ކުރިމަތީގައި ހުރީ ނަވާޒްއެވެ. މާޔާ އިންތަނުން ތެދުވެ ނަވާޒް އާއި ކައިރިއަށް ހިނގާފައި އައެވެ.

"ކަމަކުތަ؟" ނަވާޒްގެ ކަޅި މާޔާގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ދަތުރުކޮށްލިއެވެ. އޭނާ އެއައީ ހޮސްޕިޓަލުން ފިލައިގެންކަމެއް ނަވާޒްއަށް ފާހަގަވާ ފަދަ އެއްވެސް ކަމެއް ނެތެވެ. އެކަމަކު މާޔާ އަށް އައިސް ހުރި ބަދަލު ނަވާޒް ދެނެގަތެވެ. މޫނުމަތި ހީވަނީ ފޮއްސިވެފައިވާހެންނެވެ. ދެލޮލާއި ތުންފަތްވަނީ ހިކިފައެވެ. ދެލޯ ކައިރިވަނީ ކަޅުވެފައެވެ. މާޔާގެ ހަށިގަނޑުން އަދި ކުއްޖަކު ވިހާފައިވާ ވައްތަރެއް ނުޖަހައެވެ. ބަނޑުވެސް ކުޑަވެފައިވަނީ މާބޮޑަކަށް ނޫނެވެ.

"އަހަރެން މިއައީ ބައްޕަ ބަލައި." މާޔާ އާއި ދިމާލަށް ނަވާޒްއަށް ބަލައިލެވުނީ ސިއްސައިގެން ގޮހެވެ. އޭނާ އަށް ހުރީ އަޑު އިވުނު ޖުމްލަ އާއި މެދު ޔަޤީން ނުވެފައެވެ. މާޔާ ބުނީ ހިތުގައި އޮތް ގޮތެވެ. އެކަމަކު އެއީ އެއްވެސް ވަރަކަށް ވިސްނާފައި ބުނި އެއްޗެއް ނޫނެވެ. މިކިއަލްވެސް ރާމީންވެސް އޭނާއަށް ވިސްނައިދެން މަސައްކަތްކުރިއެވެ. އިހްސާން ބެލުމަކީ މާޔާ ކަހަލަ އަންހެނަކަށް ވާނެ ކަމެއް ނޫނެވެ.

"ތިއީތަ ބައްޕަގެ ދަރިއަކީ؟" ނަވާޒް އަހައިލީ ޔަޤީންކުރާށެވެ. މާޔާ ބޯޖަހައިލިތަން ފެނި ނަވާޒްގެ މެޔަށް ގޮތެއްވިއެވެ. ބައްޕަގެ އިތުރު ކުއްޖަކު ހުންނަކަން އޭނާއަށްވެސް އޮތީ އެނގިފައެވެ. އެކަމަކު އިތުރު މައުލޫމާތެއް ނޭނގެއެވެ. އޮޅުންފިލުވަން ބޭނުންވި ނަމަ ނަވާޒްއަށް އެކަން މާބޮޑު ކަމަކަށް ނުވީހެވެ.

"މާޔާ ބައްޕަ ގޮވައިގެން ގޮސް ވަންނާނީ ކޮންތާކަށް؟" މާޔާ އާއި ބެހޭގޮތުން ނަވާޒްއަށް އެނގިފައިވަނީ އެއީ މާޒީން އާއި ކޮންމެވެސް އާއިލީ ގުޅުމެއް އޮންނަ ކުއްޖެއްގެ ގޮތުގައެވެ. މާޔާގެ މަންމަ ނިޔާވިފަހުން މާޒީންގެ ގޭގައި ހުންނަކަންވެސް އޮތީ އެނގިފައެވެ.

ނަވާޒް އެހެން ބުނީ މާޔާ ދެރަކޮށްލާށެވެ. ބައްޕަގެ ޒިންމާ ނެގޭނީ އޭނާއަށްކަން ދައްކާށެވެ. އެއްވެސް މީހެއްގެ ބެލުމުގެ ދަށަށް ބައްޕަ ގެންދަން ނަވާޒް ބޭނުމެއް ނޫނެވެ.

"އަހަރެން ތަނެއް ހިފާނަން،" މާޔާ ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. އޭނާ އެކަނި އޮވެ ވިސްނި ވަރަކަށް ހިތަށް އައީ އެކަނިވެރިކަމުގައި ހޭދަކުރުމުގެ ބަދަލުގައި ބައްޕަ ބެލުމުގެ ޒިންމާ ނެގުމުން އޭނާގެ ހިތަށް ތަކުލީފް ލިބުން ކުޑަވާނެކަމެވެ.

"މާޔާ ތިއީ ބައްޕައަށްވުރެވެސް ބޮޑު މޮޔައެއް، ކާކުތަ އަމިއްލައަށް ތަނަކު ހުރި މޮޔައަކާއި ހަވާލުވާނީ.؟" ނަވާޒް ގެ ބަސްމަގުން އޭނާ ބައްޕަ އާއި މެދު އެއްވެސް ރަހުމެއް ނުހުންނަކަން ހާމަވަމުން ދިޔައެވެ.

"ދެން އެހެންވީއިރު ބައްޕަ ގެންދާތީ ނަވާޒް ކަންބޮޑުވަނީ ކީއްވެ؟ ބައްޕަ އާއި އެއްވެސް މީހަކާއި ބައްދަލުނުކުރެވޭގޮތަށް ބަންދުކޮށްފައި ބަހައްޓަނީ ކީއްވެ؟ " މާޔާ ޖެހިލުންނުވެ ކުރަމުން ދިޔަ ފަހަރަކު ސުވާލަކުން ނަވާޒްގެ ދޫ ބަންދުވާގޮތްވިއެވެ. ހަމައެކަނި ތުންފަތް ތަޅުވާލާފައި އޭނާއަށް ހުއްޓާލެވުނެވެ.

"މާދަމާ އާދޭ،" ނަވާޒް އަށް ދޭނެ އިތުރު ޖަވާބެއް ނުވިސްނުނެވެ.

** **

މާޔާ އެގެއިން ނިކުންނަން ހިނގައިގަތެވެ. މާޔާގެ ފަހަތުން ނަވާޒް އައީ ދޮރާއި ހަމައަށެވެ. މާޔާ ނިކުތުމާއި އެކު ދޮރު ލައްޕާލިއެވެ. އެ އިމާރާތުން ނިކުމެ މާޔާއަށް ހުއްޓެވުނީ  ކުރިމަތީގައި ހުރި މިކިއަލް ފެނިފައެވެ. ކާރުގައި ލެނގިލައިގެން ހުރިއިރު މާޔާ ވަނީ އެގެއަށްކަން މިކިއަލްއަށް އެނގޭ ކަހަލައެވެ.

ކާރުގެ ދޮރު ހުޅުވައިދިނުމުން މާޔާ ވަދެ އިށީނެވެ. މިކިއަލް އައިސް އަނެއްފަރާތުގެ ދޮރު ހުޅުވާފައި ކާރު ސްޓާޓްކޮށްލިއެވެ. ބަހެއްވެސް ނުބުނެ ކާރު ދުއްވަން ފެށުމުން މާޔާއަށް އިނދެވުނީ އަމިއްލަ ވިސްނުމުގެ ތެރެއަށް ގެއްލިފައެވެ.

"މާޔާއަށް އެނގޭތަ މާޔާ ތިކުރީ ކިހާ ގޯސްކަމެއްކަން؟" މިކިއަލް މިސްރާބު ހުރީ އަލުން ހޮސްޕިޓަލަށް ދާށެވެ. އޭނާ އައީ މާޔާ ހޯދައިގެން އަންނާނެކަމުގެ ޔަޤީންކަން ދީފައެވެ. މާޔާއަށް އަދި ފަރުވާ ބޭނުންވާކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ. މާޔާ ކަންތައްކުރިގޮތުން ނުރުހުންވިއަސް އޭނާ އިނީ އެކަން ނުދައްކައެވެ. މާޔާއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މިވަގުތު ބޭނުންވަނީ އޯގާތެރިކަމާއި ހިތްވަރުކަން އެނގޭތީ އޭނާ ބޭނުންވީ ފަރުވާއަށް ރުއްސުމަށް ނަޞޭހަތްދޭށެވެ.

"އަހަރެން ބޭނުމެއް ނޫން ހޮސްޕިޓަލަށް ދާކަށް، މިކިއަލް، އަހަރެން ޒިންމާ ނަގައި ބަލަން މީހަކު އެބަހުރި، އަހަންނަށް ތަނެއް ކުއްޔަށް ހިފައިދީބަލަ، އަހަރެންގެ މުސާރައިން ކުލި ދެއްކޭވަރުގެ ތަނެއް، ދެކޮޓަރި ވަރު ބޭނުންވޭ." މާޔާ ހުއްޓައިލީ ކުއްލިއަކަށް ކާރު މަޑުކޮށްލީމައެވެ.

"މާޔާއަށް އެހެން މީހުން ލަފާ ބޭނުންވޭތަ؟" މިކިއަލް ހަމަޖެހޭގޮތް ދޫކޮށްލައި ފުރަތަމަ ފަހަރަށް ރުޅި އިސްކުރިއެވެ.

"މިކިއަލް، އައި ހޭވް ނޯ ވަން." މާޔާ އަޑު ބެދޭގޮތްވިއެވެ. ފެންކަޅިވެގެން ދިޔައެވެ. އޭނާ ވިސްނަނީ އެންމެ ރަނގަޅަށްކަން ވިސްނައިދެން ބޭނުންވިއެވެ. މިއަދު މާޔާގެ އެކަނިވެރިކަން އޭނާ މާޔޫސްކުރުވައެވެ. އެކަމަކު އަމިއްލަ ނަފްސުކޮށައި ޖަންނަތުގެ ވަސްނުލިބޭ މީހަކަށްވާން އޭނާ ނޭދެއެވެ. ނުބައި ޚިޔާލުތަކުންނާއި ހިތާމަތަކުން ދުރުވާން ބޭނުންވެއެވެ.

"ދެން އަހަރެން؟ މާޔާއަށް އެނގޭތަ އަހަރެން މާޔާ ކައިރީ ހުންނަތާ ދެހަފްތާ ވެއްޖެ، މާޔާއަށް ޖެހުނު ކޮންމެ ކަމެއްގައި، އެވަރުންވެސް މާޔާ ހީކުރީ މި ދުނިޔޭގައި މާޔާ ތިހުރީ އެކަނިވެފައިކަމަށްތަ؟" މިކިއަލް ދެއަތުން ސަރަކައިގައި ޖަހާލިއެވެ. މާޔާގެ ލޮލަށް ފެނުނު އެތައް ކަމަކަށްފަހުވެސް ޝުކުރުގެ ނަޒަރުން އޭނާއަށް ބަލައިނުލާކަން އެނގުމުން މިކިއަލްގެ ހިތުގައި ޖެހުނެވެ.

"އައި ނީޑް އަ ފެމެލީ." މާޔާ ދެއަތުން މޭގައި ޖައްސާލަމުން ރޮވުނެވެ.

"އަހަރެމެން މިއީ އެއް ފެމެލީއެކޭ، މާޔާ، މަށާއި ރާމީން އާއި މާޔާ އާއި، މިއީ ހަމަ އެއްބައެއްނު، ފެމެލީއަކަށް ނުފުދޭތަ؟ ޝީތުވެސް އެހުރީނު، އޭނަ ހާދަ ވިސްނުމެއް ވިސްނައޭ މާޔާ އާއި މެދު، މާޔާއަށްވުރެ ބޮޑަށް އޭނަ ރުއި މާޔާގެ ދަރިފުޅު ނިޔާވި ދުވަހުވެސް، އަހަރެމެން އެންމެން މާޔާއަށް ނުފުދޭތަ؟" މިކިއަލް ބައެއް ފަހަރު އައިސް ހުރި ރުޅިން ދެއަތް އުފުލަ އުފުލާފައި ތިރިކޮށްލައެވެ. މާޔާ އާއި ދިމާލަށް ހަޅެއްލަވައިގަންނަންވެސް އޭނާ ބޭނުންވެއެވެ. އެކަމަކު ހުރިހާ އަސަރެއް ކޮންޓްރޯލްކުރަމުން މިކިއަލް ވާހަކަ ދެއްކީ އާދައިގެ ރާގެއްގައެވެ.

"ބައްޕަވެސް ބޭނުން." މާޔާ މޫނު އަނބުރައިލީ ދުރަށެވެ. މިކިއަލް ޕިސް ޖަހާލާފައި ގޮނޑީގައި ލެނގިލިއެވެ. ދެން އިތުރަށް މާޔާއަށް ވިސްނައިދޭން އޭނާ ބުނާނެ އެއްޗެއް ނެތެވެ. އެކަމަކު އޭނާ ދެން ވިސްނީ މާޔާ ހުއްޓުވާނެ ގޮތަކާއި މެދުގައެވެ. ނަވާޒް މާޔާގެ އަތްމައްޗަށް އިހްސާން ދޫކޮށްލައިފިއްޔާ މާޔާ ވެއްޓޭނީ ބޮޑު އަނދިރިގަނޑަކަށެވެ. އެއީ މާޔާގެ ވިސްނުމަށްވެސް ގެންނަން އުދަނގޫ ކަޅު ދުވަސްތަކަކަށްވެގެންދާނެކަން އެނގެއެވެ.

** **

"ގުރައިދޫގައި ހުރެ މުޅިން ރަނގަޅުވެ ދައުލަތުން އަލުން އާއިލާ އާއި ހަވާލުކުރަން ބޭނުންވީ، އެމީހުން ބެލީ އިހްސާންބޭގެ ވާރިޘުންނަކީ ކޮންބައެއްތޯ، ނަވާޒް ހޯދައި ހަވާލުކުރީ އެމީހުން، އަހަރެމެން އެދި އެދި ތިއްބާ، މިހާރު އެހުރީ އަލުން ކުރީގެ ބައްޔަށް ރުޖޫޢުވެފައި، ތަނެއްގައި އައްސައިގެން ނޫނީ ދެން ނުބެލޭނެ." ހޮސްޕިޓަލާއި ދިމާލަށް ދުއްވަމުން މިކިއަލް ބުނެލިއެވެ.

"ބައެއް ބައްޔަށް އޮތް ޝިފާ އަކީ ލޯބި." މާޔާގެ ހުރީ ގޮތް ދޫނުކުރުމެވެ. ނޫނީ އޭނާވެސް ވަނީ ބަލިމަޑުކަމެއްގައެވެ. އެއީ ހަމަބުއްދި ހުރިމީހަކު ދައްކާ ކަހަލަ އުޒުރެއް ނޫނެވެ. މާޔާ އަކީ ކިޔަވައިގެންހުރި ޒަމާނަށް ލޯ ހުޅުވިފައިވާ ކުއްޖެކެވެ.

"ޤަބޫލުކުރަން ތިކަން،" އިތުރު ބަހުސްއަކަށް ދާން މިކިއަލް ބޭނުން ނުވީއެވެ. ހޮސްޕިޓަލަށް ދާއިރު މާޔާ އާއި ކުރާނެ ސުވާލުތައް މިކިއަލް ކިޔައިދެން ފެށިއެވެ. އަދި ދޭންވީ ޖަވާބުވެސް ބުންޏެވެ. މިކިއަލް ބޭނުންވީ ހުރިހާ ކަމެއްވެސް މާބޮޑު މައްސަލައަކަށް ނުވެ ނިމުމެވެ.

** **

ދެދުވަސްފަހުން މާޔާއަށް ގެއަށް އާދެވުނެވެ. އޭނާ ހުރީ އަމިއްލަ ތަނެއް ހިފައިގެން ބަދަލުވާން ކުޑަތަންވެފައެވެ. މިކިއަލް ކައިރީ އާދޭސްކޮށްގެން އޭނާ ބަދަލުވާން ޖެހޭ ހުރިހާ ކަމެއް ނިމުނެވެ. ދެން މާޔާ ތައްޔާރުވަމުން ދިޔައީ ނަވާޒްގެ ގެއަށް ގޮސް ބައްޕަ ގެނައުމުގެ މަސައްކަތަށެވެ.

މިކިއަލް އާއި އެކު އެގެއަށް ދިއުމަށް މާޔާ ގަސްތުކުރިއެވެ. އެކަމުގެ އެހީއަށް މިކިއަލް ކައިރީ އެދުމުން އޭނާ އެއްބަސްވިއެވެ. ދެމީހުން އެކުގައި ނަވާޒްގެ ގެއަށް ދިޔައިރު ވީ ނަވާޒް ގޭގައި ހުރި ވަގުތަކަށެވެ.

މާޔާ ފެނުމުން އައި ސަބަބު ނަވާޒްއަށް ސާފުވެގެން ދިޔައެވެ. އޭނާއަށް ބަދަލު އައީ މާޔާގެ ފަހަތުން ވަން މިކިއަލް ފެނިފައެވެ.

"ކަލޭގެ ބައިވެރިވުން ނޯންނަކަމެއް ނުދެކެން." މިކިއަލް ފެނުމުން ނަވާޒް ބުނެލިއިރު އަޑުގައިވީ މަލާމާތުގެ އަސަރެވެ. ނަވާޒް ހީކުރީ މާޔާ އެގެއަށް އަންނަނީ މިކިއަލްގެ ރޭވުމެއްގެ ދަށުންކަމުގައެވެ.

"އަހަރެމެން އައި ބޭނުމުގެ ވާހަކަ ދައްކަން ހިނގާ." މިކިއަލް ނަވާޒް އާއި މޫނު ހަމަކޮށްލިއެވެ. އެއަށްފަހު އެތަނުގައި އިށީންނަންވީތޯ އަހާލިއެވެ. ނަވާޒް ހީލަމުން އަތުން އިޝާރަތްކޮށްލީ އިށީނުމަށެވެ.

"އަހަރެން ބޭނުން އަދި ދެދުވަސް،" ނަވާޒް ގެ ކަނާތުގައި ހުރި ވަކިން ހުރި ސޯފާ ގޮނޑީގައި އިށީން މާޔާއަށް ބަލައިލިއެވެ. މިހާރުވެސް މާޔާ އެއައީ ބުނި ދުވަހަށްވުރެ ދެދުވަސްފަހުންކަން ނަވާޒް ހަނދާންނެތީހެން ހީވެއެވެ. މިކިއަލް އެވަގުތުކޮޅު ހުސްކޮށްލީ ވިސްނުމަށެވެ. ސަބަބެއް ނެތި ނަވާޒް ދެދުވަހަށް އެދެންވީ ކީއްވެގެންތޯ އޭނާ ވިސްނަމުން ދިޔައެވެ.

"އަހަރެން ބޭނުން ބައްޕަ އާއި މިއަދުވެސް ބައްދަލުކުރަން." މާޔާ އިނީ ހަމަޖެހިގެންނެވެ. ނަވާޒް އަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އެކަމަކު އެހާމެ އަވަހަށް ހީލީ އޭނާގެ މޫނުން ނުރުހުންވެފައިވާކަން ނުދެއްކުމަށެވެ.

"ދެދުވަސްފަހުން ބަލާ އައިސް ބައްދަލުކޮށްލާ، އަހަރެން ބާއްވާނަން މާޔާ އަކީ ކާކުކަން ބުނެދީފައި، އަހަންނަށް ޔަޤީން ބައްޕަ މާޔާ އާއި އެކު ދިއުމަށް ވަރަށް ބޭނުންވާނެކަން." ނަވާޒްގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާހީލަތްތެރިކަމާއި މަކަރުވެރިކަން ފެންނަ ނަމަ މާޔާއަށް ރައްދުގައި ހީލަން ނުކެރުނީހެވެ.

"ކީއްވެގެން މިއަދު ތަޢާރަފްނުކޮށްދެއްވީ، ހިނގާ އަހަންނާއި އެކު، ކިޔައިދޭނަން މާޔާ އަކީ ކާކުކަން." މިކިއަލް ތެދުވުމުން ނަވާޒްއަށް ތެދުވެވުނެވެ. މިކިއަލްގެ ކުރިމައްޗަށް އެރުނެވެ.

"މިއަދަކު ނޫން." މިކިއަލްގެ މޭގައި ނަވާޒް އަތްޖައްސާލިއެވެ. މިކިއަލް ދެލޯ ހަނިކޮށްލީ މިކިއަލްގެ އަތަށް ބަލާލަމުންނެވެ. އޭނާގެ ކަޅި ގޮސް ނަވާޒްގެ މޫނަށް ހުއްޓުނެވެ. ރުޅި އައިސް ކެކިކެކި ހުރި ނަވާޒްގެ އަތް މިކިއަލް ފޮޅާލިއެވެ. ދެން ކުއްލިއަކަށް ފެނުނީ ދެމީހުން އައިސް އެކަކު އަނެކަކުގެ ގަމީހުގައި ހިފައިގެންތަނެވެ.

މާޔާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. މާޔާއަށްވުރެ ތަންކޮޅެއް ދުރުގައި ހުރި ޝެހެނާޒްގެ ހާލަކީވެސް އެއީއެވެ. ދެފިރިހެނުން އަރައިރުންވާތަން ފެނި ބިރުގަނެވުނީ ބަދަލުގައި ކުރެވޭނެ އެއްވެސް ކަމެއް ހިތާއި ހަމަޔަށް ނައިސްގެންނެވެ.

ނަވާޒްއަށްވުރެ މިކިއަލް ކުޅަދާނައެވެ. ނަވާޒްގެ ދެއަތް ފޮޅާލާފައި އެބާރުމިނުގައި ނަވާޒްގެ މޫނުމަތީ ޖަހައި ތިރިއަށް ވައްޓާލިއެވެ. ނަވާޒްއަށް ތެދުވެވުމުގެކުރިން މިކިއަލް ގޮސް ހުރީ އިހްސާން އޮންނަ ކޮޓަރީގެ ދޮރުމަތީގައެވެ. ފައިންޖަހައި އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ވެއްޓިފައި އޮތް ނަވާޒް ތެދުވެފައި ހުރި ފިޔަވަޅުމަތީ ހުއްޓެވެ. މިކިއަލް ކޮޓަރި ތެރެއަށް ބޯދިއްކޮށްލާފައި އެނބުރުނުތަން ފެނި ނަވާޒް ދެއަތުން ގަމީސް ރީތިކޮށްލިއެވެ.

"ތި އާދެވުނީ ނުބައި އެޑްރެހަކަށް." ނަވާޒް ދެފަރާތަށް ބޯހޫރުވަމުން ބުނެލިއެވެ.އެއީ އެމީހުންނަށްކުރި ޖެއްސުމެވެ.  އެގެއަށް މާޔާ އަންނާނެކަން އެނގޭތީ އެކޮޓަރި ހުސްކުރީކަން ޔަޤީންވެގެން ދިޔައެވެ. މާޔާ އައިސް ނަވާޒްގެ މުލައްދަނޑީގައި ހިފާ އަނބުރައިލިއެވެ. މިކިއަލް ނޫނަސް ނަވާޒްގެ މޫނުމަތީ ޖަހަން މާޔާގެ ހިތަށްވެސް އެރިއެވެ.

"ވަގުތު ބޭކާރުނުކޮށް ނަވާޒް ޖަވާބު ދޭންވީ ތެދަށް، ބުނޭ ބައްޕަ ވީ ކޮންތާކުކަން؟" މާޔާއަށް އަމުރުކޮށްލެވުނެވެ. މާޔާގެ އިނގިލިތައް ނަވާޒްގެ އަތާއި ދުރުކޮށްލަމުން މާޔާ އާއި އެއްވަރަށް އޭނާ ގުދުވިއެވެ.

"ޔޫ ޝުޑް ގޯ ދެއަރ ޓޫ." ނަވާޒް ވައި އަޑަކުން ބުނެލިއެވެ. އެމޫނު ނޮޅާލަން މާޔާ ހިތަށް އެރިއެވެ. އޭނާގެ ތޫނު ނިޔަފަތިތަކުގައި ހުރި ވަރެއް ދައްކާލަން ބޭނުންވިއެވެ. އެކަމަކު އެ ދަރަޖަށް ވެއްޓުމަކުން ވަކި މޮޅެއް ނެތްކަން އެނގޭތީ މާޔާ ކެއްތެރިކަން އިސްކުރިއެވެ.

"ޓެލް މީ." ދަތްޕިލަ ޖައްސާލަމުން މާޔާ އަހައިލިއެވެ. ނަވާޒް ބުނާނެ އެއްޗަކާއި މެދު ކެއްތެރިކަން ކޮޅުންލާ ހިސާބުގައި ހުރި ދެވަނަ މީހަކީ މިކިއަލްއެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ނަވާޒް ހޭންފެށިއެވެ. އޭނާގެ ޖަވާބު އައީ ހުނުމާއި އެކުގައެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *