Support Us

ޕޮމްޕެއޯގެ ކުއްލި ދަތުރުފުޅުގެ މައްޗަށް އަވަސް ކަޅިއެއް

އޮކްޓޯބަރު، 28، 2020 ވީ ބުދަ ދުވަހަކީ އެމެރިކާގެ އިސް ބޭފުޅަކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ހަތަރު ވަނަ ދުވަހެވެ. މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގެންފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޚާރިޖީ ވަޒީރު މައިކަލް ޕޮމްޕެއޯއެވެ. އެމެރިކާގެ ރަސްމީ ފަރާތްތަކުންނާއި އެހެންވެސް ޚަބަރުފަތުރާ ފަރާތްތަކުން މަޢުލޫމާތު ލިބޭ ގޮތުގައި، ޕޮމްޕެއޯގެ މި ދަތުރުފުޅަކީ، ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ހިންގަން ރާވަމުންދާ ޢުދުވާނަށް، މި ސަރަޙައްދުގެ ހަތަރު ޤައުމެއްގެ – އިންޑިއާ، ސްރީލަންކާ، އިންޑޮނޭޝިއާ އަދި  ދިވެހިރާއްޖޭގެ ތާއިދުހޯދުމަށް ކުރެއްވި ދަތުރުފުޅުގެ ތިން ވަނަ މަންޒިލެވެ.


ބޭރުފުށަށް މިދަތުރު ސިފަކޮށްފައި އޮތީ ޗައިނާއިން ފަތުރަމުންދާ "ނުފޫޒު" ކުޑަކޮށް، މި ސަރަޙައްދުގެ ޤައުމުތަކުގެ "ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް" މިސަރަޙައްދުގެ ޤައުމުތަކާއި "ގުޅުންބަދަހިކުރުމަށް" ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގެ ގޮތުގައެވެ. ނަމަވެސް، ޕޮމްޕެއޯގެ މި ދަތުރުފުޅުގެ ފޮރުވިފައިވާ މަޤްޞަދަކީ ޗައިނާގެ "ކަރުގައި ހިފައި ފިއްތާލުމަށް" ("ޗޯކް" ކޮށްލުމަށް) ޓަކައި، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އެމެރިކާގެ މިލިޓަރީ ބާރުގަދަކުރުމަށް މަގުފަހިކުރުމެވެ. މިކަން ކުރުމަށް އެމެރިކާއިން ރާވާފައި އޮތީ، އެމެރިކާއިން އުފައްދާފައިވާ "އިންޑޯޕެސިފިކް ކޮމާންޑް"ގެ "ކުޑައިގެ" ދަށަށް މި ސަރަޙައްދުގެ ޤައުމުތައް ގެނައުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް އެމެރިކާއިން ރާވާފައި އޮތީ، މި ސަރަޙައްދުގެ ކޮންމެ ޤައުމަކާއި ވަކިވަކިން "ސޯފާ"ގެ އެއްބަސްވުމެއް ހަދައި، މި ޤައުމުތަކުގައި އެމެރިކާގެ މިލިޓަރީ ޙަރަކާތްތައް މިނިވަންކަމާއެކު ހިންގުމަށް މަގުފަހިކުރުމެވެ. މިކަން މިގޮތަށް ކުރުމުގެ މައިގަޑު ބޭނުމަކީ މި ސަރަޙައްދުން ދަތުރުކުރާ ޗައިނާގެ ވިޔަފާރިއަށް ހުރަސް އަޅައި، ކުރިންވެސް ދެންނެވިހެން ޗައިނާ ޗޯކްކޮށް، ޗައިނާ ހަލާކުކޮށްލުމެވެ. މި އެއްބަސްވުމުގެ މައްޗަށް އެހެން ލިޔުމެއްގައި ބަލާލާނަމެވެ.

އެމެރިކާއިން ދެކޭގޮތާއި ޚިލާފަށް، އިންޑިއާ ފިޔަވައި، މި ސަރަޙައްދުގެ އެއްވެސް ޤައުމަކުން، އަދި މެޖޯރިޓީ ރައްޔިތުން، އެމީހުންގެ މައްޗަށް ޗައިނާގެ ނާޖާއިޒު ނުފޫޒެއް އޮތް ކަމަކަށް ނުދެކެއެވެ. ޗައިނާ އަކީ މި ސަރަޙައްދަށް އޮތް ބިރެއްކަމަށް، މި ސަރަޙައްދުގެ ޤައުމުތަކަށް ވިސްނައިދޭން މަސައްކަތްކުރަނީ ޚުދު އެމެރިކާއެވެ. އެމެރިކާއިން ކުޅޭ މި ކުޅިއަކީ ދުނިޔެއަށް އައުކުޅިއެއް ނޫނެވެ. މީގެ ކުރިން، 1992 ގައިވެސް އެމެރިކާއިން ވަނީ އިރާޤަކީ މާބޮޑު ބިރެއްކަމަށް ދުނިޔެއަށް ދައްކާފައެވެ. އެފަހަރު އެމެރިކާއިން އުފަންކުރި ބިރަކީ ޢިރާޤުގައި ބޮޑެތި ފަނާކުރަނިވި ހަތިޔާރުތައް ޖަމާކޮށްފައި ހުރިކަމުގެ ވާހަކައެވެ. ދޮގުބުހުތާނު ރިޕޯރޓްތައް އުފަންކޮށް، އެ ދޮގުތަކުގެ މައްޗަށް ބިނާކޮށް، އިރާޤު ފުނޑުފުނޑުކޮށްލިއެވެ. މިއަދު އިރާޤަކީ ދާޚިލީ ތަޅާފޮޅުމުގައި ފަނާވެފަ އޮތް ޤައުމެކެވެ. ގެނައި ޑިމޮކްރަސީއެއް، ބިނާކުރި އެއްޗެއް، ކުރި އާރާސްތެއް ފެންނާކަށް ނެތެވެ. އެހެން ކަމުން، އެމެރިކާއިން ދައްކާ މިފަދަ ވާހަކަތަކަށް ދުނިޔޭގެ ޤައުމުތަކުން މާބޮޑު ސީރިއަސްކަމެއް މިހާރަކު ނުދެއެވެ.


ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ކުއްލިއަކަށް ހަމަޖެހިގެން ދިޔަ ދަތުރުފުޅެއް ނޫނެވެ. މި ދަތުރުފުޅުގެ މަޤްޞަދު ކަނޑައަޅާފައިވަނީ އެމްޑީޕީ އިދިކޮޅުގައި އޮވެ، 2018 ގައި އެެމެރިކާއާއި އެކު ހަދާފައިވާ ސިއްރު އެއްބަސްވުމުގައެވެ. ޕޮމްޕެއޯގެ ދަތުރުފުޅަކީ އެ ސިއްރު އެއްބަސްވުމުގައި ކުލަޖެއްސެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ އެމެރިކާގެ އިސްވެރިއަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެއްވެސް ނޫނެވެ.

މީގެ ކުރިން، 1992 ގައި، ކުވޭތު މިނިވަންކުރުމުގެ ނަމުގައި 35 ޤައުމު ގޮވައިގެން، 17 ޖަނަވަރީ 1991 – 28 ފެބްރުއަރީ 1991 އަށް، އެމެރިކާއިން އިސްވެއޮވެ ކުރި ހަނގުރާމަ – "އޮޕަރޭޝަން ޑެސަރޓް ސްޓޯމް" އަށް ތާއީދުކުރި އޭޝިއާގެ ޤައުމުތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޭމްސް ބޭކަރ ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވެއެވެ. ބޭކަރގެ ދަތުރުފުޅަށްފަހު، 2003 ވަނަ އަހަރު، ބުހުތާނު ދޮގުތަކެއްގެ މައްޗަށް ބިނާކޮށް، އެމެރިކާ އާއި އެމެރިކާގެ ބައިވެރިން، އިރާޤާއި ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާއަށް ތާއީދުކުރި އޭޝިއާގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، 2004 ވަނަ އަހަރު އޭރުގެ ޚާރިޖީ ވަޒީރަކަށް ހުންނެވި ކޮލިން ޕަވަލް ވެސް ރާއްޖެއަށް ޒިޔާރަތްކުރައްވާފައި ވެއެވެ. އޭގެ 5 އަހަރު ފަހުން، 31 އޮކްޓޯބަރު 2009 ގައި، 2004 ވަނަ އަހަރުގެ ސުނާމީގައި ގެއްލުން ލިބުނު ޤައުމުތައް އަލުން އާރާސްތުކުރުމަށް ކުރެވެމުންދިޔަ މަސައްކަތްތައް ބައްލަވާލެއްވުމަށް، އެމެރިކާގެ ރައީސްކަން ކުރެއްވި ބިލް ކްލިންޓަން އާއި ޖޯޖް.ޑަބްލިއު ބުޝް، އދގެ ޚާއްޞަ މަންދޫބުންގެ ޙައިޘިއްޔަތުން ރާއްޖެ ޒިޔާރަތްކުރައްވާފައި ވެއެވެ.

އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ބުޝް އާއި ކްލިންޓަށް ރައީސް މައުމޫން މަރުހަބާ ދަންނަވަނީ -ފޮޓޯ: އޭ.ޕީ

ދިވެހިރާއްޖެއަކީ، ކިތައްމެ ކުޑަވެފައި މީސްކޮޅު މަދު ގައުމެއް ނަމަވެސް، 1965 އިން ފެށިގެން މިނިވަން، މުސްތަޤިއްލު، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ، އދ.ގެ ފުރިހަމަ މެމްބަރެކެވެ. އަދި 1976 އިން ފެށިގެން "ވަކިފަރާތަކަށް ނުޖެހޭ ޖަމްޢިއްޔާ"ގެ ފުރިހަމަ މެމްބަރެއްވެސް މެއެވެ. "ނޭމް" އަކީ އދ ގައި ހިމެނޭ ޖުމްލަ ޤައުމުތަކުގެ 3/2 ބައި، ނުވަތަ 120 ޤައުމުގެ ހިމެނޭޭ، އދ ފިޔަވައި، ދުނިޔޭގައި އޮތް އެންމެ މެމްބަރުން ގިނަ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާއަށް ނިސްބަތްވާ ޤައުމުތަކުގެ އާބާދީއަކީ މުޅި ދުނިޔޭގެ އާބާދީގެ 55 އިންސައްތައެވެ. ޗައިނާއާއި އިންޑިއާ އަކީވެސް މި ޖަމްޢިއްޔާގެ މުއައްސިސުންނެވެ.

މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި، އިސްތިޢުމާރީ ބާރުތަކުން ގެންގުޅޭ އަޅުވެތިކުރުމާއި، ނާޖާއިޒު ބާރާއި ނުފޫޒު ފޯރުވުމާއި، ބިން ފޭރުމާއި، ބިރުދެއްކުމާއި، މިނޫންވެސް ތަފާތު ގޮތްގޮތުން މެމްބަރު ޤައުމުތަކުގެ މައްޗަށް ހަންފެތުރުމަށް ކުރާ ކަންކަމާ ދެކޮޅުހަދައި، މެމްބަރު ޤައުމުތަކުގެ ސިޔާދަތީ ބާރާއި، މިނިވަންކަން ދިފާޢުކޮށް އެންމެހައި ނުރައްކާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މި ޖަމްޢިއްޔާގެ އަސާސްތައް ބިނާކޮށްފައިވަނީ މައިގަނޑު ފަސް އަސާސެއްގެ މައްޗަށެވެ. މި ފަސް އަސާސްއަކީ ޗައިނާގެ ޗައު އެންލައި އާއި އިންޑިއާގެ ޖަވާހަރުލާލް ނެހުރޫ ހުށަހަޅުއްވައި، މެމްބަރުން ބަލައިގެންފައިވާ އާސާސްތަކެކެވެ. މި 5 އަސާސްއަކީ؛

  1. ޤައުމުތަކުގެ ސަރަޙައްދީ، އަދި ސިޔާދަތީ ބާރާއި މިނިވަންކަމަށް އިޙްތިރާމްކުރުން.
  2. އެއްވެސް ޤައުމަކާއި ދެކޮޅަށް ޢުދުވާނެއް ނުހިންގުން.
  3. އެއްވެސް ޤައުމަކުން އަނެއް ޤައުމެއްގެ ދާޚިލީކަންކަމާއި ނުބެހުން.
  4. ބޮޑަސް ކުޑަޔަސް، ޤައުމުތަކުގެ ހަމަހަމަކަމާއި، ޤައުމީ ފައިދާއަށާއި، ޤައުމީ މަޞްލަޙަތައް އިސްކަން ދިނުން.
  5. ގުޅިގެން ޞުލްޙަވެރިކަމާއެކު މުޢާމަލާތުކުރުން.

އަހަރެމެންނަކީ އޭޝިއާ އަށް ނިސްބަތްވާ ބައެކެވެ. އަހަރެމެން ފަދައިން، އޭޝިއާގެ ކޮންމެ ޤައުމަކީވެސް ދިގު ތާރީޚަކާއި ފަޚުރުވެރި ޘަޤާފަތެއް އޮތް ޤައުމެކެވެ. އަހަރެމެން ހިފަހައްޓަން ބޭނުންވާ އުޞޫލުތަކާއި ހަމަތަކަކީ، އެމެރިކާއިން ހިފަހައްޓަން ބޭނުންވާ އަދި ދަމަހައްޓަން ބޭނުންވާ އުޞޫލުތަކަކާއި ހަމަތަކަކަށް ވާކަށް ނުޖެހެއެވެ. އަދި އަހަރެމެންގެ އަމިއްލަ ވަންތަކަމަކީ އަހަރެމެން ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ؟ އެއީ އަހަރެމެންގެ ފަޚުރާއި ޝަރަފެވެ.

މި ހިސާބުން ކުރިއަށް ދިއުމުގެ ކުރިން ހަތަރު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ.

  1. ފުރަތަމަ ނުކުތާއަކީީ، 16 ޑިސެމްބަރު 1971 ގައި އދ ގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ޤަރާރު ނަމްބަރު 2832 (Declaration of the Indian Ocean as a Zone of Peace) އެވެ. މި ޤާރާރަކީ އިންޑިއާ ކަނޑާއި، މި ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދާއި ކަނޑުގެ އަޑިއާއި އަދި މި ދެމުދުގައިވާހާއި ތަންްތަނަކީީ، ދާއިމަށް ޞުލްޙައިގެ ސަރަޙައްދެއްކަމަށް ކަނޑައަޅައި ފާސްކޮށްފައިވާ ޤަރާރެކެވެ.

 

  1. ދެވަނަ ނުކުތާއަކީ 24 އޮކްޓޯބަރު 1970 ގައި އދ ގެ ޢާއްމު މަޖިލީހުން ވޯޓަކަށް އެހުމެއްނެތި (މާނައަކީ އިއްތިފާޤުން) ފާސްކޮށްފައިވާ ޤަރާރު ނަމްބަރު 2625 އެވެ. މި ޤަރާރަކީ "މެމްބަރު ޤައުމުތަކުގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުމާއި ބެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤަރާރު" ނުވަތަ (The Declaration on Principles of International Law concerning Friendly Relations and Co-operation among States) އެވެ. މިއީ އެެމެރިކާއިން ވެސް، އަދި އިންޑިއާއިންވެސް ސޮއިކޮށްފައިވާ ޤަރާރެކެވެ.

 

  1. ތިންވަނަ ނުކުތާއަކީ އދ ގެ ކަނޑާއިބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ (UN Convention on the Law of the Sea/UNCLOS)) އެވެ. 1982 ގައި ފާސްކޮށްފައިވާ މި މުޢާހަދާއަކީ، ދުނިޔޭގެ ޤައުމުތަކުގެ ކަނޑުގެ އިންތަކާއި، ޤައުމުތަކަށް ލިބިގެންވާ ސިޔާދަތީ ބާރު ކަނޑައަޅާފައިވާ މުޢާހަދާއެވެ. އަދިހަމަ އެހެންމެ، ކަނޑުތަކާއި ކަނޑުތަކުގައިވާ ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމާއިބެހޭ އުޞޫލުތައްވެސް ކަނޑައަޅާފައިވާ، ނުވަތަ ކަނޑައެޅުމަށް ބޭނުންކުރާނެ އުޞޫލުތައް އެކަށައަޅާފައިވާ މުޢާހަދާއެވެ. އދ ގައި ހިމެނޭ 154 ޤައުމުން މި މުޢާހަދާގައި ސޮއިކޮށްފައިވާ އިރު، މިއަދާއި ހަމައަށް ވެސް، އެމެރިކާއިން މި މުޢާހަދާގައި ސޮއިކޮށްފައެއް ނުވެއެވެ.

 

  1. ހަތަރުވަނަ ނުކުތާއަކީ 30 ޖަނަވަރީ 1995 ގައި ޚުދު ދިވެހިރާއްޖެއިން އިސްނަގައިގެން މަސައްކަތްކޮށް، އދ ގެ ޢާއްމު މަޖިލީހުން ފާސްކޮށްފައިވާ 31/49 ވަނަ ޤަރާރެވެ. މި ޤަރާރަކީ "ކުދި ޤައުމުތަކުގެ ޙިމާޔަތާއި އަމްނާއިބެހޭ ޤަރާރު" ނުވަތަ (Resolution on the Protection and Security of Small States) އެވެ. މި ޤާރާރުގައި، 08 ޑިސެމްބަރު 1989 ފާސްކޮށްފައިވާ ނަމްބަރު 51/44 ޤަރާރާއި، 09 ޑިސެމްބަރު 1991 ގައި ފާސްކޮށްފައިވާ، ނަމްބަރު  43/46 ޤަރާރަށް ޙަވާލާދީފައި ވެއެވެ. މިދެ ޤާރާރަކީ ކުދި ޤައުމުތަކަށް ބޭރުން އަތުވެދާނެ ތަހުދީދާތު (threats) ތަކުންނާއި ކުދި ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޮޑެތި ބާރުތަކުން، ސީދާގޮތުންނާއި ނުސީދާގޮތުން ދާޚިލުވެ، ނާޖާއިޒު ނުފޫޒުތައް ހިންގަން އުޅެފާނުކަމުގެ ބިރާއި ނުރައްކާ އޮތުމާއެކު، އެފަދަ ބާރާއި ނުފޫޒުތަކުން ކުދި ޤައުމުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމާއިބެހޭ ދެ ޤާރާރެވެ.

ހަތަރު ވަނަ ނުކުތާގައި އިޝާރަތްކޮށްފައި އެވާ "ކުދި ޤައުމުތަކުގެ ޙިމާޔަތާއި އަމްނާއިބެހޭ ޤަރާރު" ގައި ފާހަގަކޮށްފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި، ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ "މެމްބަރު ޤައުމުތަކުގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުމާއި ބެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤަރާރު" އަކީ، އދ.ގެ ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތީން ފާސްކޮށްފައިވާ ޤަރާރެއްކަމާއި، ބިރުދައްކައިގެންނާއި ފިއްތުންތައް ކުރިމަތިކޮށްގެން ކުދި ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޮޑެތި ބާރުތަކުން ވަދެގަތުމަށް ކުރާމަސައްކަތް، ފަރުދީގޮތުން ހުއްޓުވުމުގެ ލަޔާޤަތާއި ޤާބިލުކަން އެފަދަ ޤައުމަތަކަށް ލިބިގެންނުވާތީ، އެފަދަ ޤައުމުތަކުގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ކަމަށާއި، ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކާއި ދެކޮޅަށް ހިންގާ ހުރިހާ ބާވަތެއްގެ އުދުވާނު، މީގެ ތެރޭގައި ކުދި ޤައުމުތަކުގެ ސިޔާދަތީ ބާރަށާއި (sovereignty) ވަޙުދަތުލް އަރާޟީ (territorial integrity) އާއި ދެކޮޅަށް ކުރެވޭ ކަންކަން ކުއްވެރިކޮށްފައިވެއެވެ. މީގެ އިތުރުން، ކުޑަ ޤައުމެއްގެ އަމްނާއި ސަލާމަތައް ނުރައްކަލެއް ކުރިމަތިވެ، ބައިނަލް އަޤްވާމީ މަޞްލަޙަތު ގެއްލިދާނެ ފަދަ ކަންކަމަށް ސެކްރެޓަރީ ޖެނެރަލް ފާރަވެރިވުމަށާއި، އެފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށް ސެކްރެޓަރީ ޖެނެރަލަށް ފާހަގަކުރެވިއްޖެ ކޮންމެ ކަމެއް ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް މިޤަރާރުގައި ގޮވާލާފައި ވެއެވެ.

މިހުރިހާ ރައްކާތެރިކަމެއް އދ.ގެ ތެރެއިން ލިބޭނެމަގު ފަހިކޮށްދީފައިވަނިކޮށް، އދއާ ނުބައްސައި (ބައިޕާސްކޮށް)، ބޮޑެތި ބާރުތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ހޯދަން، މިއަދު މި އޮތް ސަރުކާރުން މިއުޅޭ އުޅުމަކީ، ޤައުމީ އެއްވެސް މަޞްލަޙަތެއް އެކަމުގައި އޮތް ކަމެއް ނޫނެވެ. އަދި މިކަމަކީ، އިސްވެ މި އިޝާރާތްކުރި ހުރިހާ ޤަރާރުތަކުން ލިބެން އޮތް ޙިމާޔަތާއި ރައްކާތެރިކަން ބޮލާލައި ޖަހައި، އަޅުވެތިކަމަށް ދީލާލުމެވެ.

ޚާއްޞަކޮށް ތިން ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ އދ.ގެ ކަނޑާއިބެހޭ ބައިނަލް އަޤްވާމީ މުޢާހަދާގައި ސޮއިކުރުމާއި ކަނޑައެޅިގެން ދެކޮޅުހަދާފައިވާ ޤައުމަކާއެކު، "ވަކިފަރާތަކަށް ނުޖެހޭ ޖަމްޢިއްޔާ" ގެ މެމްބަރެއްގެ ގޮތުގައި އޮވެ، އަދި އިންޑިއާ ކަނޑާއި، މި ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދާއި ކަނޑުގެ އަޑިއާއި އަދި މި ދެމުދުގައި ވާހާއި ތަންްތަނަކީީ، ދާއިމަށް ޞުލްޙައިގެ ސަރަޙައްދެއް ކަމަށް ކަނޑައަޅައި ފާސްކޮށްފައިވާ އދ.ގެ ޤަރާރުގައި ސޮއިކޮށްގެން ތިބެ، އިންޑިއާ ކަނޑު މިލިޓަރައިޒްކުރުމަށް މަސައްކަތްކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

މިފަދަ ގުޅުންތަކުގެ ތެރެއަށް ނޭގިތިބެ، ނުވަތަ ގަޞްދުގައި ނަމަވެސް، ބޯމަހަމުން ދާއިރު، މިފަދަ ގުޅުންތަކުގެ ތަޖްރިބާއަށް ބަލާލުމަކީ ނެތްކަމެއް ނޫންތާއެވެ؟

ނިމިދިޔަ ފިނި ހަނގުރާމައިގެ ދުވަސްވަރުގައި، އެމެރިކާ އިސްވެ އޮވެ، މެދުއިރުމަތީގައި އަދި އިރުމަތީ އޭޝިއާގައި ދެ އިއްތިޙާދެއް އުފެއްދިއެވެ.

މިގޮތުން އުފެއްްދި ފުރަތަމަ އިއްތިޙާދަކީ އިރުމަތީ އޭޝިއާގެ 3 ޤައުމުކަމުގައިވާ ފިލިޕީންސް، ތައިލެންޑް، ނިއުޒިލެންޑް އަދި އޮސްޓްރޭލިއާގެ އިތުރުން ޕާކިސްތާނާއި، އިނގެރޭސިވލާތާއި، ފްރާންސް އާއި އެމެރިކާ ވެގެން، ސެޕްޓެމްބަރު 1954 ގައި އުފެއްދި "ސައުތުއީސްޓް އޭޝިއާ ޓްރީޓީ އޯރގަނައިޒޭޝަން/ ސިއެޓޯ" ނުވަތަ "މެނިލާ ޕެކްޓް" އެވެ. މި އިއްތިޙާދު އުވާލީ އެމެރިކާގެ މަޞްލަޙަތު އެހެން އެންމެންގެ މައްޗަށް އިސްކޮށް، އެމެރިކާގެ ހަންފެތުރުން ކޮޅުންލައި ދިއުމުން، މެމްބަރުން ހިތްހަމަ ނުޖެހިގެން އިއްތިޙާދު ދޫކޮށް ނިކުތުމުން 30 ޖޫން 1977 ގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރަޙައްދުގެ ތެރޭގައި އޮތް ބައިބައިވުންތައް ފެންމަތިވާން ފަށައިފިއެވެ. ދެބަސްވުންތައް އުފެދިގެން ދިޔައީ ފިނި ހަނގުރާމައާއި ކުރިމަތިލާނެ ގޮތަކާއި ބެހޭގޮތުންނާއި، އަޅުވެތިކޮށްފައިވާ ޤައުމުތަކަށް މިނިވަންކަން ދިނުމުގެ މަސްއަލާގައެވެ. އިއްތިޙާދު އިފްތިތާޙްވީ ހިސާބުން، އޭޝިއާގައި އަރަމުން އައި ތިން ބާރުން – ޗައިނާ، އިންޑޮނޭޝިއާ އަދި އިންޑިއާ އިން މި އިއްތިޙާދާ ދެކޮޅުކަން ހާމަކުރަން ފެށިއެވެ. މި ޤައުމުތަކުގެ ނަޡަރުގައި، މި އިއްތިޙާދަކީ އޭޝިއާގެ މައްޗަށް ހުޅަނގުގެ އިސްތިޢުމާރީ ބާރާއި ނުފޫޒު ފެތުރުމުގެ ބޭނުމުގައި އުފެއްދި އިއްތިޙާދެކެވެ. މި އިއްތިޙާދު ދެމިއޮތީ އެންމެ 23 އަހަރުގެ މުއްދަތަށެވެ.

ދެވަނައަށް އުފެއްދި އިއްތިޙާދަކީ އިރާނާއި، އިރާޤާއި، ޕާކިސްތާނާއި، ތުރުކީ އާއި އިނގެރޭސީން ހިމެނޭގޮތުން މިގޮތުން 24 ފެބްރުއަރީ 1955 ގައި އުފެއްދި އިއްތިޙާދު "ސެންޓަރަލް ޓްރީޓީ އޯގަނައިޒޭޝަން/ ސެންޓޯ" ނުވަތަ "ބަޣްދާދު ޕެކްޓް" އެވެ. ބަޣްދާދު ޕެކްޓް ދެމިއޮތީ އެންމެ 24 އަހަރެވެ. ސިއެޓޯ ފަދައިން، މި އިއްތިޙާދު ވެސް އުވާލީ އެމެރިކާގެ މަޞްލަޙަތު އެހެން އެންމެންގެ މައްޗަށް އިސްކޮށް، އެމެރިކާގެ ހަންފެތުރުން ކޮޅުންލައި ދިއުމުން، މެމްބަރުން ހިތްހަމަނުޖެހިގެން އިއްތިޙާދު ދޫކޮށް ނިކުންނަން ފެށުމުން 16 މާޗް 1979 ގައެވެ.

އޭގެ ފަހުން މިވީ 41 އަހަރުގެ ތެރޭގައި، ދުނިޔެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކަކީ މިއަދު އިޤްތިޞާދީ ގޮތުން އެހާ ބޮޑެތި ބާރުތަކެއް ނޫނެވެ. ހުރިހާ ފިއްތުންތަކަކާއެކުވެސް، ޗައިނާ ވަނީ ހަށިފޮޅާލައި، ހިންދެމިލާފައެވެ. ފާއިތުވި 40 އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ 800 މިލިއަން ރައްޔިތުން ފަޤީރުކަމުން އުފުލާލާފައެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 13 ގެ ނިޔަލަށް ޗައިނާއިން ވަނީ 22 ޤައުމަކާއެކު 18 ފްރީ ޓްރޭޑް އެއްބަސްވުމުގައި/އެފް.ޓީ.އޭގައި ސޮއިކޮށްފައެވެ.


މިއަދު ޗައިނާއަކީ އެންމެ ބޮޑު އިޤްތިޞާދީ ބާރެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޗައިނާއަކީ އެންމެ މުހިއްމު އެއް ޤައުމެވެ. ކޮންމެ އަހަރަކު ޗައިނާގެ 130 މިލިއަން ފަތުރުވެރިން ދުނިޔޭގެ ކަންކޮޅުތަކަށް ޒިޔާރަތްކުރެއެވެ. ޗައިނާއިން ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް އަކީ ދުނިޔޭގެ ތިން ބައްރަށް ނިސްބަތްވާ 60 ޤައުމު ބައިވެރިވާ މަޝްރޫއެކެވެ. މިދައްކަނީ މުޅި ދުނިޔޭގެ އާބާދީގެ 60 އިންސައްތައިގެ ވާހަކައެވެ. މި ބިޔަ މަޝްރޫޢަކީ 4 – 8 ޓްރިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިހާ ބޮޑު ފުރުޞަތުތަކެއް ތަނަވަސްވެފައި ވަނިކޮށް، އެ ފުރުޞަތުތަކަށް ފުރަގަސްދީ އެމެރިކާ އާއި އިންޑިއާގެ ގޮޮނޑިކޮށްކޮއަކަށް ވުން އިޚްތިޔާރުމިކުރީ ކޮން ޤައުމީ މަޞްލަޙަތެއް އޮވެގެން ހެއްޔެވެ؟

ޗައިނާގެ ދަރަނނީގެ ދަންތުރައަކީ އެމެރިކާއިން ވިއްކާ ދެވަނަ ބިރެވެ. ޙަޤީޤަތަކީ ސްރީ ލަންކާގެ ބޭރުގެ ދަރަންޏަށް ބަލާއިރު، ޗައިނާއަށް ދަރާފައިވާ މިންވަރަކީ، އެ ޤައުމުގެ ޖުމްލަ ދަރަނީގެ އެންމެ 10 އިންސައްތައެވެ. އަނެއް 90 އިންސައްތަ ދަރަންޏަކީ ހުޅަނގުގެ މާލީ އިދާރާތަކުން ނަގާފައިވާ ދަރަންޏެވެ. އެފްރިކާއަށް ބަލާއިރު، އެފްރިކާގެ ބޭރުގެ ސީދާ އިންވެސްޓްމަންޓަށް ބަލާއިރު، 60 އިންސައްތަ އަކީ ހުޅަނގުގެ އިންވެސްޓްމަންޓްތަކެވެ. 8 އިންސައްތައަކީ ޗައިނާގެ އެވެ. ކަންމިހެން މިއޮތްކަމުގައި ވިއަސް، ހުޅަނގުން ޤައުމުތައް އަޅުވެތިކުރުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ނުބައިމީސް މިކުރަނީ ޗައިނާއެވެ.

ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ލޯނު ތަކަށް ބަލާއިރު، ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދަކީ 1.3 ބިލިއަން ޑޮލަރެވެ. އެ ލޯނުތަކުން ކޮށްފައިހުރި ކަންކަން އެހެރީ ދިމާއަށް ފެންނާށެވެ. ފާއިތުވި 2 އަހަރެއްހާ ދުވަހު، ޚަބަރުތަކުން ފެންނަންހުރި މަޢުލޫމާތައް ބަލާއިރު، ރާއްޖެއިން ވަނީ 1.9 ބިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއިން ނަގާފައެވެ. މިއީ ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ކަމަށް ބުނެ ދޫކުރި ކަމަށް އިންޑިއާ ސަފީރު ވިދާޅުވާ 800 މިލިއަން ޑޮލަރުގެ ލޯނު ނުލައެވެ.

މިއިން އެއްވެސް ލޯނަކުން ކުރި އެއްވެސް ކަމެއް، ހިންގި އެއްވެސް މަޝްރޫޢެއް ފެންނާކަށް ނެތެވެ. އިންޑިއާގެ ލޯނުތަކަކީ ޙަޤީޤީ ދަރަނީގެ ދަންތުރައެކެވެ. އިންޑިއާގެ ކޮންމެ ލޯނެއް އަންނަނީ ޤައުމީ މަޞްލަޙާތާއި ފުށުއަރާ ޝަރުޠުތަކަކާއެކުގައެވެ. މާޟީގައި ކަންކޮށްފައިވާ ގޮތަށް ބަލާއިރު، އިންޑިއާ ނުރުހޭ ކޮންމެ ކަމެއް ވާއިރަށް އިންޑިއާއިން ދޫކޮށްފައިހުރި ލޯންތައް އެއްފަހަރާ ދައްކަން ޝަރުޠުކުރެއެވެ. އިންޑިއާއަކީ 2012 – 2018 އަށް ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެ އެކަހެރިކުރުމަށާއި، އިޤްތިޞާދީ ގޮތުން ރައްޖެ ފިއްތާލުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ޤައުމެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާންޖެހުނީވެސް އިންޑިއާގެ ނޮހޮރުއްޕާނު ބޮޑުވެގެންނެވެ.

އިނގިރޭސީންގެ އަތުން 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިހާތަނަށް އިންޑިއާއިން ކަންކޮށްފައިވާ ގޮތަށް ބަލާއިރު، އިންޑިއާ އަކީ ހިޔަޅު ރަޙްމަތްތެރިއެކެވެ. އިންޑިއާއިން ނުކުރާނެ އެއްވެސް ޝަރުޠެއް ނޯވެއެވެ. ރާއްޖެއާއި މުޢާމަލާތުކުރަން ޖެހުނީމައި، އިންޑިއާއިން ވެސް ސޮއިކޮށްފައިވާ، އިސްވެ ދެންނެވި އެއްވެސް މުޢާހަދާއަކީ އިންޑިއާއިން އިޙްތިރާމްކުރާ މުޢާހަދާތަކަކަށް ނުވެއެވެ. އިންޑިއާއިން ޤަބޫލުކުރާ ގޮތުގައި، އަހަރެމެންގެ ސިޔާދަތީ ބާރާއި، މިނިވަންކަމާއި، ތަރައްޤީ އޮންނަން ޖެހޭނީ އިންޑިއާގެ މަޞްލަޙަތާއި ފުށުނާރާވަރެއްގައި ހިފެހެއްޓިފައެވެ. އިންޑިއާގެ ވަކި ދަށުގައި އޮތް މަލިކު އޮތް ޙާލަތުގައެވެ.

އެމެރިކާއާއި އިންޑިއާއިން ޗައިނާއާ ދެކޮޅަށް ހަނގުރާމައިގެ ކިތައްމެ ބެރެއް ޖެހިއަސް، އެމެރިކާ އާއި އިންޑިއާ އޮތީ ބޮޑުތަނުން ޗައިނާއަށް ދަރައެވެ. ސުވާލަކީ އަހަރެމެން މިތިބީ ޗައިނާ އާއި ދެކޮޅަށް މި ދެޤައުމުން ކުޅޭ ނުރައްކާތެރި ކުޅިގަޑުގެ ބައިވެރިއަކަށް ވާން ތައްޔާރަށް ހެއްޔެވެ؟ އެކަމުން އަހަރެމެނަށް ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެހެއްޔެވެ؟ ޗައިނާއާއި ދެކޮޅަށް މި ދެޤައުމުން ބޭނުންކުރާ ޗެސްބޯޑަކަށް ރާއްޖެވާން ހަމަރުހެވެނީ ހެއްޔެވެ؟ އެވަރުގެ ޤުރުބާނީއެއް ތިޔަވަނީ ކިހާވަރެއްގެ ކަޓެއް ލިބިގެން ހެއްޔެވެ؟ އދ.ގެ ޤަރާރުތަކަށް ބޯނުލެނބިއަސް، ރާއްޖޭގެ ޤާނޫނުއަސާސީވެސް އެއްވެސް އެއްޗަކަށް ނުވީހެއްޔެވެ؟

މިއަދު މި އޮތް ސަރުކާރުން، ޗައިނާ ފަދަ ހެޔޮ، ދީލަތި ރަޙްމަތްތެރިއަކު ދޫކޮށް އަތުގައި ތިޔަހިފީ މާމަ މަރައި ކައިލުމަށްފަހު، މާމަގެ ހެދުން އަޅައިގެން، މާމަގެ އެނދަށް އަރައި "ލިޓްލް ރެޑްރައިޑިންގ ހުޑް"ގެ އިންތިޒާރުގައި ތިބި ދެ ހިޔަޅުގެ އަތުގައެވެ. ރައްކާވެތިބިއްޔާ ދަތުރެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *