Support Us

ކޮލަމް: ދޭހަ

"މިނިވަންކަމުން، އަޅުވެތިކަމަށް، ދާނަންހޭ؟ ނުދާނަމޭ!"

ފާއިތުވި ޖުލާއީ މަހުގެ 26 ވަނަ ދުވަހުގައި މިނިވަން ދުވަހުގެ ނަމުގައި އަޅުގަނޑުމެން ދުވަހެއް ފާހަގަކޮށްފީމެވެ. ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު ޤައުމީ ދުވަހުގެ މުނާސަބާގައި އަޅުގަނޑުމެން ދުވަހެއް ފާހަގަކޮށްފީމެވެ. އަންނަ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ޝަހީދުންގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރާނަމެވެ. އެ ދުވަސް ވެސް ގުޅިފައިވަނީ އަޅުގަނޑުމެންގެ މިނިވަންކަމާ އެވެ. އޭގެ ހަތް ދުވަސް ފަހުން އަޅުގަނޑުމެން ޖުމްހޫރީ ދުވަސް ފާހަގަކުރާނެ އެެވެ. ރާއްޖެ ޖުމްހޫރިއްޔާ އަކަށް ބަދަލު ވުމުގެ މުނާސަބާ ގައެވެ. އިއްތިފާޤުން އަޅުގަނޑުމެން މިފަހަރު ޖުމްހޫރީ ދުވަސް ފާހަގަ ކުރާނީ  ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، ޤާނޫނުއަސާސީ އިޞްލާޙް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަމިއްލަ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިތާ 13 ދުވަސް ފަހުންނެވެ. ރާއްޖޭގެ ރައްޔިތުންގެ ޢާއްމު ވޯޓަކުން، ވެރިކަން ކުރުމުގެ ނިޒާމް ހޮވާފައި ވަނިކޮންނެވެ. އެތައް ހާސް ރައްޔިތުންނަށް ފެންނަ ގޮތް އަންގާފައި ވަނިކޮށް ރައްޔިތުންނާއި ހަމައަށް ނުގޮސް އެ ނިންމުން ބަދަލު ކުރެވިދާނެތޯ އެވެ؟ މިހާރު ރާއްޖޭގައި ކަންތައްތައް ހިޏގާ ގޮތަށް ބަލާލާއިރު ބަލަން ވާނީ ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. ސަބަބަކީ އުޞޫލީ ގޮތުންނާއި ޤާނޫނީ ގޮތުންނާއި، ޒަމާނުއްސުރެ ހިޏގަމުން އަންނަ އާދަކާދަ އަށް ބަލައިގެން ކަންތައް ކުރުމުގެ ބަދަލުގައި ވަރަށް ގިނަ ފަހަރު ޖަޒްބާތީ ގޮތުން ކަންތައް ކުރެވޭ ތަން ފެންނަމުން ދާތީ ވެއެވެ. މަޢާފާ އެކު ދަންނަވަން ޖެހެނީ އަމިއްލަ ސިޔާސީ ފައިދާ އަށް ބަލާފަ އެވެ.

އެކި ނަންނަމުގައި، މިނިވަންކަމުގެ ތަފާތު ދުވަސްތައް ރާއްޖޭގައި ފާހަގަކުރަމުން ދަނިކޮށް އަޅުގަނޑުމެންގެ މިނިސްޓަރަކު ރާއްޖެ އިން ބޭރުގައި އުޅުއްވަމުން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ކަމުގައި ވަނީ އެ މިނިސްޓަރު އެއިރު ހުންނެވި ޤައުމުން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ހިފިދާނެ ކަމަށެވެ. އެ ޤައުމު ބޮޑުވެފައި ބާރު ގަދަކަމުންނެވެ. ރާއްޖޭގައި ދެވުނު ބަސްދީގަތުމެއްގައި އެހެން މިނިސްޓަރަކު ވެސް ވިދާޅުވީ އެ ޤައުމުން ރާއްޖެ ހިފިދާނެ ކަމަށެވެ. ރާއްޖެ ކުޑަކަމުންނެވެ. އެ ޤައުމުން ކީއްކުރަން ތޯއެވެ. އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާ އިން ވެސް ކުޑަކުޑަ ފައުޖެއް ފޮނުވައިގެން ވެސް ރާއްޖެ ހިފިދާނެ އެވެ. ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން މަދު އަދަދެއްގެ ކުލީ ސިފައިން އާގުބޯޓެއްގައި، ސްރީލަންކާ އިން ރާއްޖެ އަށް އައިސް، ރާއްޖެ ނުހިފީ ކިރިޔާ އެވެ. އެ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތް ކޮށްދިނީ ވެސް ބޭނުންވެއްްޖެ ހިންދެއްގައި އަޅުގަނޑުމެންގެ ރާއްޖެ ހިފިދާނެ ކަމަށް އަޅުގަނޑުމެންގެ މިނިސްޓަރުން ވިދާޅުވާ، އަޅުގަނޑުމެންގެ އެކުވެރި ޤައުމުންނެވެ. އެހެންނަމަވެސް މި ޒަމާނުގައި އެގޮތަށް ކަންތައް ކުރޭތޯ އެވެ. އެ ނޫން ގޮތުގައި، ބޭނުން ހުރިހާ ކަމެއް ކޮށްދީގެން، ފައިސާ ދީގެން، ޚަރަދު ކޮށްގެން، ވެރިކަން ކުރަން ތިބި ބައެއްގެ ސިކުނޑި އަށް ސަވާރުވެގެން ބޭނުން ގޮތަކަށް ކަންތައް ކުރެވެންޏާ، ފައުޖެއް ފޮނުވައިގެން ތަނެއް ހިފުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެއް ޒަމާނެއްގައި ޤައުމުތައް އަޅުވެތިކުރީ ހަނގުރާމަ ކޮށްގެންނެވެ. މި ޒަމާނުގައި އަޅުވެތި ކުރުމުގެ އެ، ހަނގުރާމަ، ތޫނު ހަތިޔާރާ ނުލައި ތަފާތު ގޮތްގޮތަށް، ބާރު ގަދަ، ބޮޑެތި، ޤައުމުތަކުން ކުރެއެވެ. ތަފާތު އެހީތައް ދީގެންނެވެ. ދަރަންޏަށް ފައިސާ ދީގެންނެވެ. މަޝްރޫޢުތައް ހިންގައިގެންނެވެ. އެކިއެކި ކަންކަން ކުރުމަށް ޝަރުތު ކޮށްގެން ފައިސާ ދީގެންނެވެ. ކުޑަ، ފަގީރު ޤައުމެއް ކަމުގައި ވަނީ ނަމަ ވަރަށް ޗާލާކީ ސިޔާސީ ލީޑަރުންނަށް ނޫނީ މިފަދަ ކަންކަމުން ސަލާމާތް ނުވެވޭނެ އެވެ. ރައީސް މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގައި އަޅުގަނޑުމެންގެ އަވައްޓެރި، ބޮޑެތި ބާރު ގަދަ ޤައުމުތަކާއި ވެސް ވަރަށް ގާތްކޮށް ގުޅުން ބޭއްވެވި އެވެ. އެ ޤައުމު ތަކުން އަޅުގަނޑުމެންގެ ބޮލަށް އެރުމުގެ ފުރުޞަތު ނުދެއްވަ އެވެ. ހުރިހާ ޤައުމެއް ވެސް ބޭތިއްބީ ޤަދަރުވެރިކަމާއި އެކު ތިބެންވާ ހިސާބުގަ އެވެ. ތިރީސް އަހަރުގެ ވެރިކަމަށް ފަހު ވެރިކަމަށް އައި ބައެއް ސަރުކާރުގައި އަޅުގަނޑުމެންނަށް އެހީ ދޭ ބައެއް ޤައުމުތަކުން އަޅުގަނޑުމެންނާއި ސިޔާސީ ގުޅުން އޮންނަ ބައެއް ޤައުމުތަކާއި އެކު ސިޔާސީ ގުޅުން ކަނޑާލަން އެދުމާއި އެކު ސިޔާސީ ގުޅުން ވެސް ކަނޑާލި އެވެ. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮވެގެންނެއް ނޫނެވެ.

ކަމުގެ ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މިނިސްޓަރުން އަމިއްލަފުޅަށް ބޮޑެތި ޤައުުމުތަކުން ރާއްޖެ ހިފިދާނެ ކަމަށް ވާހަކަ ދެއްކެވުމަކީ ސިޔާސީ ސުލޫކީ މިންގަނޑުން ބަލާއިރު ދަށް ފެންވަރުގެ އަމަލެކެވެ. އަދި ބައެއް ޑެމޮކްރަސީ ތަކުގައި އެ ބޭފުޅުންގެ ވަޒީފާގައި ދެމިހުންނެވުމަށް ވެސް ނުރައްކާތެރި އަމަލެކެވެ.

ބޭރުގެ އަވައްޓެރި ބައެއް ބޮޑެތި ޤައުމުތަކުގެ ނުފޫޒު ރާއްޖެ އަށް ފެތުރޭ މިންވަރު ހަލުއިވެފައި ބޮޑުކަމުން މިނިވަން ކަމަށާއި ޤައުމު ދެކެ ލޯބިވާ ބައެއް ދިވެހިން އެ ކަމާއި މެދު ކަންބޮޑުވެގެން އެ ޤައުމު ރާއްޖެ އިން ބޭރު ކުރުމަށް ގޮވަމުން ދާ ކަމުގައި ވެއެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި މިނިސްޓަރަކު އިސްވެ ހުންނަވައިގެން ހެވިކަމުގައި ވަރަށް އިސް ބޭފުޅުން ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމުގައި ވެއެވެ. އެ ބޭފުޅުން ބޭނުންފުޅުވި ކަމުގައި ވަނީ އެ ގޮވެލި ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ. ސުޕްރީމް ކޯޓަކީ، ކޯޓު ތަކަށް ހުށައެޅޭ މައްސަލަ ތަކުގެ ފަހު މަރުޙަލާގެ ކޯޓަށްވުމާއި އެކު އެކަން އެ ބޭފުޅުންނަށް ކާމިޔާބުނުވި ކަމުގައި ވެއެވެެ. މި ވަފުދުގައި އިސްކޮށް ވަޑައިގެންނެވި ބޭފުޅަކީ ފުންނާބު އުސް ޤާނޫނީ ވަކީލެއްވެސް މެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅުން އެދިވަޑައިގެންނެވި ކަންތައް އެންމެ ފަސޭހައިން ކުރެވެން އޮތީ ވެރިކަން ކުރާ ޕާޓީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީސް އިންނެވެ. އެ ގޮވެލި އެގޮތަށް ގޮވުމަކީ މަނާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ހިސާބުން އެ ކަމަށް ޤާނޫނީ ޙައްލެއް ލިބުނީ އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަކީ ކުޑަ ކަމެއް ނޫނެވެ. ރާއްޖޭގެ މިނިވަންކަމާއި ގުޅޭ ދެ ދުވަހެއް ފާހަގަ ކުރުމަށް ވަރަށް ކައިރިވެފައި އޮއްވަ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވޯޓު ލާން ހައެއްކަ ދުވަހަށް ވެފައި ވަނިކޮންނެވެ. އަދި ޚިޔާލު ހޯދުމުގެ ވޯޓުގައި އެމެރިކާގެ ރައީސްކަން މި އިންތިޚާބުގައި ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި އޮއްވަ އެވެ. މި މަންޒަރަށް ބަލާއިރު ފެންނަނީ އެެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ އާއި އެކު މުހިއްމު ކަމެއް ކުރަން ބޭނުންވަނީ ކަމުގަ އެވެ. އަދި މިހާރު ހުންނެވި ރައީސް ބަދަލުވާނަމަ ވެސް އަންނަ ޖަނަވަރީ މަހުގެ ކުރިން އެ ނިންމުން ތަންފީޒު ކުރުމަށެވެ. ސެކެޓްރީ އޮފް ސްޓޭޓްގެ ކުރު ދަތުރުފުޅުގައި، ރާއްޖޭގައި އެމެރިކާގެ ސަފީރު އޮފީހެއް ހުޅުވާނެ ކަމުގައި ވިދާޅުވި އެވެ. ރާއްޖެ އަކީ މިހާތަނަށް އެމެރިކާގެ ސަފީރު އޮފީހަކުން ކުރާނެ ގިނަ ކަންތައްތަކެއް އޮތް ޤައުމެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕް ގެންގުޅުއްވަނީ ފުރަތަމަ އެމެރިކާގެ ސިޔާސަތެވެ. ރާއްޖޭގައި އެމެރިކާގެ ސަފީރު އޮފީހެއް ހުޅުވަނީ އެމެރިކާގެ ފައިދާ އަށް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެމެރިކާ އެހެން ޤައުމުތަކުގައި ގައިމު ކުރަން ބޭނުންވާ ޑެމޮކްރަސީ އަކީ އެމެރިކާ އަށް ފައިދާވާ ގޮތަށް ބިނާވެފައި އޮންނަ ޑެމޮކްރަސީ އެކެވެ. ނޫސްވެރިންގެ މިނިވަންކަމަކީ ވެސް އެމެރިކާ ދެކޭ ގޮތާއި އެއްގޮތަށް ޚިޔާލު ފައުޅު ކުރެވޭ މިނިވަން ކަމެކެވެ. އެ ގޮތާއި ޚިލާފް ވެއްޖެ ނަމަ އެ އަށް އެމެރިކާ ކިޔަނީ އެހެން ނަމެކެވެ. އެމެރިކާގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް އެމެރިކާ އާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއް އޮތް ކަމުގައި ވާ ނަމަ ސަފީރަށް ވަރަށް މަސައްކަތް އޮންނާނެ އެވެ. އުތުރު ކަރައިގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ރަށެއްގެ ބައެއްގައި ނުވަތަ ރަށެއްގައި ތިބޭ ނަމަ އެ އޮފީހުގެ މަސައްކަތް މާ ބުރަވާނެ އެވެ. އެމެރިކާގެ ސިފައިން އުޅޭ ސަރަހައްދަށް ރާއްޖޭގެ ސަރުކާރުގެ ބާރު ނުފޯރާނެ ކަމަށް ވާނަމަ ވަރަށް މަސައްކަތް އޮންނާނެ އެވެ. އަދި ރާއްޖެ އަށް އަންނަ އެމެރިކާގެ ސިފައިން ޕާސްޕޯޓެއް ނެތި، ބޯޑަރު ކަންޓުރޯލުގެ ބެލުމެއް ނެތި، ހަތިޔާރާ އެކު އައިސް، ރާއްޖޭގައި އެއްވެސް އިދާރާ އަކަށް ޖަވާބުދާރީ ނުވެވޭ ގޮތަށް، ސުވާލު ނުކުރެވޭ ގޮތަށް އުޅުމަށް ހަމަޖެހިފައި އޮވެއްޖެ ނަމަ ވެސް މަސައްކަތް ލުޔެއް ނުވާނެ އެވެ. އެމެރިކާގެ ސިފައިން ރާއްޖޭގައި ތިބޭނަމަ، އެ ތިބޭއިރު ކުރާ ކުށެއް ރާއްޖޭގެ އެެއްވެސް އިދާރާ އަކުން ނުބެލޭ ގޮތަށް އޮވެއްޖެ ނަމަވެސް، ރާއްޖޭގައި ތިބޭ އެމެރިކާގެ މަސްއޫލުވެރިންގެ މަސައްކަތް ބުރަވާނެ އެވެ.

މި ހުރިހާ ކަމެއް މި ހިނގަނީ މިނިވަންކަމުގެ ތަފާތު ދުވަސްތައް ފުލުފުލުގައި އަޅުގަނޑުމެން ފާހަގަ ކުރަމުން ދަނިކޮންނެވެ. ނުވަތަ ފާހަގަ ކުރުމަށް ތައްޔާރުވަމުން ދަނިކޮންނެވެ. އިންތިޚާބް ކޮށްފައި ތިބި އަޅުގަނޑުމެންގެ ވެރިން މިނިވަންކަމުގެ ދިފާޢުގައި ތަޤްރީރުތައް ދެއްވަމުން ދަނިކޮންނެވެ.