...

Support Us

އެޕަލް އިން އަމިއްލަ "ސާޗް އިންޖީނެ"އް އުފައްދަނީ

އެޕަލްގެ ޑިވައިސްތަކުގައި ބޭނުންކުރުމަށް ބާރުގަދަ ސާޗް އިންޖީނެއް އުފެއްދުމަށް – އެޕަލް އިން ކުރިން ވެސް ކުރަމުން އައި މަސައްކަތްތަކުގެ ދުވެލި ބާރުކޮށްފި އެވެ. އެއީ އެޕަލްގެ ޑިވައިސްތަކުގައި މިހާރު ބޭނުންކުރެވޭ "ޑިފޯލްޓް" ސާޗް އިންޖީން – ގޫގުލް – ދޫކޮށްލަން ޖެހިދާނެތީ އެވެ.

އެޕަލްގެ ޑިވައިސްތަކުގައި އާންމުކޮށް ބޭނުންކުރެވޭ ސާޗް އިންޖީންގެ ގޮތުގައި ދެމިއޮތުމަށް – ގޫގުލް އިން ވަރަށް ގިނަ ފައިސާ، އެޕަލް އަށް ދެ އެވެ. އެެހެން ނަމަވެސް، މިއީ ވިޔަފާރީގެ ރޫހާ ޚިލާފަށް ގޫގުލް އިން ކުރާ ކަމެއް ކަމަށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް – ޑީއޯޖޭ އިން ދަނީ ބުނަމުންނެވެ.

އެޕަލް އަށް އަހަރަކު 12 ބިލިއަން ޑޮލަރު ގޫގުލް އިން ދޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މިހާ ގިނަ ފައިސާ ދީގެން ކަމެއް ކުރުވުމަކީ، ވާދަވެރިންނަށް އޮތް ފުރުސަތު ނަގާލުން ކަމަށް، ޑީއޯޖޭ އިން ގަބޫލުކުރެ އެވެ. މިއީ ސީރިއަސް މައްސަލައެއް ގޮތުގައި ޑީއޯޖޭ އިން އަންނަނީ ބަލަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މި މައްސަލާގައި ފިވަޅުއަޅައިފި ނަމަ، އެޕަލްގެ ޑިވައިސްތަކުގައި – މިހާރު ބޭނުންކުރާ ގޮތަށް ގޫގުލް ބޭނުމެއް ނުކުރެވޭނެ އެވެ. އެޕަލް އަށް ދެން ޖެހޭނީ ވާދަވެރިންނަށް ފުރުސަތު ހުޅުވާލާށެވެ. އަމިއްލަ ސާޗް އިންޖީނެއް ބޭނުންކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.

އެޕަލްގެ "އެޕަލްބޮޓް" އަކީ ވާދަވެރި ސާޗް އިންޖީނެއް އުފެއްދުމަށް – އެޕަލް އިން 2014 ގައި ފެށި މަސައްކަތެވެ. އެހެން ނަމަވެސް، ގޫގުލް އިން ލިބޭ ފައިސާތަކުގެ ސަބަބުން، ފިރުކޭ މަރުހަލާ ދޫކޮށްލެވޭ ވަރު އެޕަލްބޮޓް އަށް އަދި ވެސް ނުވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ފުންމައިގެން އަރައި ފޫކޮޅުގައި ދައިގެންފާނެ ކަމަށް ބިރަށް އެޕަލް އިން ވަނީ އެޕަލްބޮޓް އިން ހިރަފުސްފޮޅަން ފަށާފަ އެވެ. އެޕަލް އިން ސީރިއަސްކޮށް މަސައްކަތްކޮށްފި ނަމަ، ވާދަވެރި ސާޗް އިންޖިންތަކެއް އުފެދުނީ އެވެ. މިއީ ސާޗް އިންޖީންތައް ބޭނުންކުރާ މީހުންނަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވެސް ވާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *