...

Support Us

ކޮލަމް: ކެޔޮނިރު

އިންޑިއާ އާއި އެމެރިކާގެ ހީލަތްތެރި ރޭވުންތަކުން ދިވެހި ރާއްޖެ ސަލާމަތްކުރުމުގެ ވަގުތު ބޯމަތިވެއްޖެ!

އެމެރިކާގެ ޚާރިޖީ ވަޒީރުކަމަށް އޭޕްރިލް 2018 ގައި އައްޔަން ކުރުމުގެ ކުރީން އެމެރިކާގެ ކޮންގްރެސް (މަޖުލިސް)ގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، 2014 ވަނަ އަހަރު މައިކް ޕޮމްޕިއޯ ވިދާޅުވެފައިވެއެވެ: "އެމެރިކާގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމްދީން. އިސްލާމް ދީނަކީ ދުނިޔޭގެ ހުރިހާ މައްސަލައަކަށް އޮތް ހައްލުކަމުގައި އަދި ނޫރެއް ކަމުގައި ޤަބޫލުކުރާ މީހުންނަކީ އެމެރިކާގެ އަދުއްވުން."

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯއާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ

މިއީ 28 އޮކްޓޯބަރު ވީ ބުދަ ދުވަހު ދިވެހި ރާއްޖެއަށް ހަތަރު ގަޑިއިރުގެ ރަސްމީ ދަތުރުފުޅެއް ކުރެއްވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އިސްލާމްދީނާއި މެދު، އަދި މުސްލިމުންނާ މެދު ދެކޭ ގޮތެވެ. މުސްލިމުންނަށާއި އިސްލާމް ދީނަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ނަފްރަތު ކުރާ އިސްލާމް ދީނުގެ އަދުއްވަކަށް ދިވެހި ދައުލަތުގެ އެންމެ މަތީ ފެންވަރުގެ މަރުހަބާއެއް ދަންނަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައިކް ޕޮމްޕިއޯ އަކީ ބަތޮލެއްގެ ގޮތުގައި، އަދި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މުޅި ދުނިޔެއިން އިސްލާމުން ނައްތާލަން ބާރުއަޅާ، ދީނުގެ މި ބޮޑު އަދުއްވަށް ވަރަށް އިހްތިރާމާއި އެކު މަރުހަބާ ދަންނަވައިފައެވެ. އެމްޑީޕީގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް އޮތީ އެމެރިކާއާ ގުޅިގެން ކަމަށް ބުނެފައެވެ.

އެމެރިކާގެ ކްރިސްޓިއަން ޖަމާއަތެއްގެ މެމްބަރުނާ މުހާތަބް ކުރައްވައި ޕޮމްޕިއޯ އިތުރަށް ވިދާޅުވެފައިވެއެވެ: "އެމީހުން (އިސްލާމުން) ކްރިސްޓިއަނުންނަށް ނަފްރަތު ކުރެއެވެ. އިންސާނިއްޔަތަށް ސަލާމަތްކަން ދޭނެ ހަމައެކަނި ފަރާތަކީ ޖީސަސް ކްރައިސްޓް ކަން ސާބިތުކޮށްދެވެންދެން އެމީހުން (އިސްލާމުން) އަހަރުމެންނާ ހަނގުރާމަ ކުރާނެއެވެ."

މީގެ އިތުރުން، މައިކް ޕޮމްޕިއޯ އަކީ އެއްވެސް ޝަރީއަތަކާ ނުލައި މުސްލިމުން ބަންދުކޮށް އަނިޔާ ކުރުމަށް އެމެރިކާއިން ބިނާކޮށްފައިވާ ގުއަންޓަނަމޯބޭ ޖަލު ހިންގުމަށް ވެސް ތާއިދު ކުރައްވާ ފަރާތެކެވެ. ޓެރަރިސްޓުންގެ އިލްޒާމް އަޅުވައި، ދުނިޔޭގެ އެކިކަންކޮޅުތަކުން މުސްލިމުން ކިޑްނެޕްކޮށްގެން ގެންގޮސް އަނިޔާކޮށް ތަހްޤީގް ކުރާ ގައިރު ޤާނޫނީ ސިއްރު ބައެއް ޖަލުތައް ބަންދު ކުރެއްވުމަށް އެމެރިކާގެ އެއިރުގެ ރައީސް، ބަރަކް އޮބާމާ ނިންމެވި ނިންމެވުމާވެސް ޕޮމްޕިއޯ ދެކޮޅު ހެއްދެވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2018 އޭޕްރިލް މަހު އެމެރިކާގެ ހާރިޖީ ވަޒީރު ކަމަށް މައިކް ޕޮމްޕިއޯ އައްޔަން ކުރެއްވީ ވެސް އިސްލާމްދީނާއި އިސްލާމުންނާ ދެކޮޅު ބޭފުޅަކަށް ވާތީ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯ އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިދިޔަ ބުދަ ދުވަހު މިފަދަ ބޮޑު އިއްޒަތެއް އެރުވީ މިވަރުގެ ބޭފުޅަކަށެވެ. އިސްލާމް ދީނުގެ ބޮޑު އަދުއްވަކަށެވެ. އިސްލާމުންގެ އަދުއްވަކަށެވެ. ދިވެހި ރާއްޖޭގެ ކުރިމަގުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެމެރިކާގެ ހިމާޔަތުގައި ކަމަށް ބުނުމަކީ  މުޝްރިކުންގެ ކިބައިން ހިމާޔަތާއި ރައްކާތެރިކަމަށް ނޭދުމަށް އިސްލާމް ދީނުގައި އަންގަވާފައިވާ އެންގެވުމަށް ކުރެވޭ ޖަދަލެކެވެ.

ދިވެހި ރާއްޖޭގެ ސިޔާދަތުގެ ތެރެއަށް އެމެރިކާގެ ބާރު މި ވައްދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާއިންނެވެ. އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ބޯޑަރު މައްސަލަ އާއި އިގްތިސޯދީ އަދި ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް މިކުޑަކުޑަ ދިވެހި ރާއްޖެ ވެއްދުމަކީ ދިވެހި ރާއްޖޭގެ ކުރިމަގު އިންތިހާ އަށް ބަނަވެގެންދާނެ ކަމެކެވެ. ތާރީހަށް ބަލާއިރު އެމެރިކާއިން އިސްލާމީ އެއްވެސް ޤައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެގެން އެޤައުމެއް ސަލާމަތް ވެފައެއް ނެތެވެ. އަފްގާނިސްތާން، އިރާގް، ލީބިޔާ ފަދަ ޤައުމުތައް ސުންނާފަތިވެފައި އެވަނީ އެމެރިކާއާ ހެދިއެވެ. އެމެރިކާގެ އަމާޒު މިހާރު ހުރީ ޕާކިސްތާން، ތުރުކީ ފަދަ އިސްލާމީ ބޮޑެތި ޤައުމުތައް ބަލިކަށި ކުރުމަށެވެ. އެކަން ކުރާނީ އިންޑިއާއާ ގުޅިގެންނެވެ.

ސައުދީ އެރޭބިއާ އާއި ޔޫއޭއީ ފަދަ ޤައުމުތަކުގައި މިވަގުތު ތިއްބެވި ވަލީއަހުދުންނާ ގުޅިގެން އިސްލާމުންނަށް ވުރެ ބޮޑަށް އިޒްރޭލާ ގާތަކޮށްގެން ސައުދީ އާއި ޔޫއޭއީ ހަލާކު ކުރަމުން އެދަނީ ވެސް އެމެރިކާއިންނެވެ. އެމެރިކާގެ އެމްބަސީ އެއް ރާއްޖޭގައި ހެދި، "ސޯފާ" އެގްރީމެންޓުގައި ދެ ޤައުމުން ސޮއިކުރުމާއި އެކު އެމެރިކާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ހެދިގެންދާނެއެވެ. އެއާއި އެކު މި ދިވެހި ޤައުމު ވެގެންދާނީ އެމެރިކާ އާއި ޗައިނާ އާއި ދެމެދު ކުރެވޭ ހަނގުރާމައިގެ މެދުގައި ފިތިފައިވާ އަސްކަރީ މައިދާނަކަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ

ތަރައްޤީގެ ދަޅަ ދައްކައިގެން އެމެރިކާއިން ބޭނުންވަނީ ޗައިނާ އަށް ހަމަލާދޭ އަސްކަރީ ބޭސް އަކަށް ރާއްޖެ ހަދައި، އެބޭނުން ފުދި ނިމުމާއި އެކު އިންޑިއާގެ ބަޔަކަށް ރާއްޖެ ހަދައި މި ޤައުމުން އިސްލާމް ދީނުގެ ނޫރު ފޮހެލުމަށެވެ. ޓްރަމްޕާއި ޕޮމްޕިއޯ ފަދަ އިސްލާމް ދީނަށް ނަފްރަތު ކުރާ އެމެރިކާގެ މަސްއޫލުވެރީންގެ ރޭވުމަކީ މިއެވެ. އެކަމުގައި އެމެރިކާގެ ބައިވެރިއަކީ އިންޑިއާއެވެ. ބުދަ ދުވަހު ޕޮމްޕިއޯ ދިވެހި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުުން އެންމެ އުފާ ވާނީ ދިވެހީންނެއް ނޫނެވެ. ދިވެހި ސަރުކާރުގައި ތިބި ރައީސް ސޯލިހާއި ޝާހިދު ފަދަ ބޭފުޅުންނަށް ވުރެވެސް ބޮޑަށް މި ދަތުރުން އެންމެ ބޮޑަށް އުފާ ކުރާނީ ނަރެންދުރަ މޯދީގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރެވެ.

އިންޑިއާގެ ލޯނުތަކުން ދަރަނީގެ ދަންތުރާގައި ރާއްޖެ ދަނީ ޖެހެމުންނެވެ. ނުވަތަ ޖެހި ނިމިއްޖެއެވެ. އިންޑިއާ ސިފައިންނާއި އިންޑިއާގެ ހަނގުރާމަމަތީ ބޯޓު ރާއްޖޭގައި މިވަގުތު އެބަހުއްޓެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއް މާލަސްތަކެއް ނުވެ ރާއްޖޭގައި ޤާއިމްވުމަކީ ދުރު ކަމެއް ނޫނެވެ. އިންޑިއާ އާއި އެމެރިކާގެ އަމިއްލަ އެދުން ފުއްދުމަށް މިދިވެހި ޤައުމާއި ދިވެހީންގެ ލޮބުވެތި އިސްލާމް ދީން ވިއްކުމުގެ ޒިއްމާ ނަގަން ޖެހޭނީ މިވަގުތު ވެރިކަމުގައި އޮތް އެމްޑީޕިީގެ ސަރުކާރެވެ. ރައީސް އިިބްރާހިމް މުހައްމަދު ސޯލިހެވެ. ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ދިފާއީ ވަޒީރު މާރިޔާ ދީދީ އެވެ. އަދި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ. މީ ހަމަ ސީދާ ދިވެހި ޤައުމާއި ދިވެހީންގެ ދީން، އިސްލާމްދީން، މުޝްރިކުނަނަށް ވިއްކާލުމުގެ އަމަލެކެވެ. އެމެރިކާ އާއި އިންޑިއާ އަށް ދިވެހި ޤައުމު ވިއްކާލުމެވެ. މިކަން ނިމި ސިއްކަ ޖަހަންދެން މާގިނަ ދުވަހެއް ނުނަގާނެއެވެ. ދިވެހީންނަކަށް 2023 އެއް ނުލިބޭނެއެވެ. މިއަޅުވެތިކަމުން ސަލާމަތް ވާން އޮތް ވަގުތަކީ މިހާރެވެ. މިއަދެވެ. އެންމެން އެއް އަޑަކުން ހަސްބުނަﷲ އޭ ބުނެ، އެކަން ހިތުގެ އަޑީން ޤަބޫލްކޮށް، ހުރިހާ ދިވެހީން މިކަމާ ދެކޮޅަށް ތެދުވާން ޖެހޭ ވަގުތު އައިސް ބޯމަތިވެއްޖެ އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.