...

Support Us

ކޮލަމް: ކެޔޮނިރު

ރޯޔަލް ރޭޕް ކޭސް ވެލިއަޅާ ފޮރުވާލުމަކީ ދީނާއި ޤައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ "ކުޑަ" ކަމެކެވެ.

ރޯޔަލް ރޭޕޭ ބުނީމަ އެއީ ކޮން އެއްޗައްކަން ނޭނގޭ ދިވެއްސެއް މިހާރު މަދުވާނެއެވެ. ސަފާރީއެއްގައި ހިނގި ކަމަށް ބުނާ މި "ރޯޔަލް ރޭޕް" އަކީ ވަރަށް ކުޑަ ކަމެކެވެ. ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެ ވިދާޅުވީ ހަމަ ތެދެކެވެ. "ފަހަރި" އަކީ ވެސް ކުޑަކުދިން ބިރުގަންނަވަން އިހުޒަމާނުގައި ކިޔައިދިން ފުލޯކު ވާހަކައެކެވެ. އެއީވެސް ހަޤީގަތެއް ނޫނެވެ. ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ މީހެއް ކަމަށާއި، ބޭރުގެ ފާދިރީންނާ ގުޅިގެން ރާއްޖޭގައި ފައްޅިއަޅަން އުޅޭ، ނަސޯރާއިންގެ "އެޖެންޓެއް" ކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ. އެއީވެސް އަނެއްހެން މިހާރު "ކުޑަ" ކަމެކެވެ. ފައްޅިއެއްވިއަސް ބްރިޖެއް ވިއަސް އެއީ ހަމަ "އިމްރާނީ" ތަރައްޤީ އެވެ. އެއީ އިދިކޮޅު މީހުން ދައްކާ ދޮގު ވާހަކަ އެވެ. ނަޝީދަކީ ވަލީވެރިއެކެވެ.

ބޮޑު ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބަހައްޓައިފައި އެހެރީ ސަރުކާރުން އެއްވެސް ޑީލެއް ހަދާފައެއްނޫނެވެ. އަދީބަށް އަވަހާރަފުޅުލެއްޕެވެނީ މެޝިނުގެ އެހީގައި ކަމަށް ވެފައި، އަދީބުގެ ސްވިސް އެކައުންޓް ތަކުން މިލިއަނުން ޑޮލަރު ނެގެނީ މެޝިނުން ކަމަށް ވުމުން އަދީބު ބަހައްޓަން ޖެހެނީ ގޭގައެވެ. ޖަލަކު ނޫނެވެ. ސިންގަޕޫރު މަގުން އަދީބު މޯލްޓާއަށް ވަޑައިގަތުމުގެ ހުއްދަ މި ސަރުކާރުން ދިނުމަކީ ވެސް ވަރަށް ކުޑަ ކަމެކެވެ. އެއީ އަދީބަށް މިހާރު ނިދެނީ މޯލްޓާގައި ހުރި ހާއްސަ މެޝިނެއްގެ އެހީގައި ކަމަށް ވުމުން ސަރުކާރުން ކުރަންޖެހޭ ކަމަކެވެ. މިއީއަކީ މޯލްޓާ އާއި ސްވިޒަރްލޭންޑްގެ އޯފްޝޯރ ބޭންކިންގ އާ ގުޅުން ހުރިކަމެއް ނޫނެވެ!

ސައްތައިން ސައްތަ މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބުރުގާ ނޭޅުއްވުމަކީ ވެސް ވަރަށް ކުޑަކަމެކެވެ. އެއީ ދީނާއި ޤައުމަށްޓަކައި ލޯމަރާލަން ޖެހޭ ކަހަލަ ކަމެކެވެ. އިންޑިއާ އާއި އެމެރިކާއާއި އެކު ޑީލް ހަދައި އެ ދެ ޤައުމަށް ދިވެހި ރާއްޖެ ވިއްކާލުމަކީ ވެސް ދީނާއި ޤައުމަށްޓަކައި ލޯމަރާލަންޖެހޭ ފަދަ "ކުޑަ" ކަމެކެވެ. ދިވެހި ރައްޔިތުން މޮޔަނުވާށެވެ. މި ޤައުމުގެ ދީނާއި މިނިވަންކަން ދަމަހައްޓާނީ ސީދާ ހޯމް މިނިސްޓަރ ޝެއިހް އިމްރާނެވެ. ޤައުމުގެ ހައްގުގައި ކުރަންޖެހޭ ބައެއް ކަންކަމަކީ މައްސަލައެއް ނޫނެވެ. އެއީ "ކުޑަ" ކަންކަމެވެ. ރޯޔަލް ރޭޕް ކޭސް ވެލިއަޅާ ފޮރުވާލުމަކީ ވެސް ދީނާއި ޤައުމަށްޓަކައި ކުރަންޖެހޭ އެފަދަ "ކުޑަ" ކަމެކެވެ.

"އިންޑިއާ އައުޓް" އަކީ ވެސް އަސާސެއް ނެތް ގޮވެލިފައްޗެކެވެ. އިންޑިއާގެ ހިންދޫން އެޤައުމުގެ މިސްކިތްތައް ތަޅައި، މުސްލިމުން މަރާ، މުސްލިމުންގެ ކުޑަކުދީންނާއި އަންހެނުން ރޭޕްކުރުމަކީ ވެސް ވަރަށް ކުޑަ ކަމެކެވެ. އިންޑިއާގެ ފަގީރު މުސްލިމް އަންހެނެއްގެ މޭމަތީގައި ބީހިލުމަކީ ހިންދޫންގެ ހިތްތިރި ކަމާއި، އިންސާނިއްޔަތުކަން ދައްކުވައިދޭ "ކުޑަ" ކަމެކެވެ. އެއީ ރޭޕެއް ނޫނެވެ. އިންސާނުންގެ ފިރިހެން ހައްޓަކީ ކަލެއް ކަމަށް ޤަބޫލުކުރާ، އަދި ގެރިއަކީ މާބޮޑު ކަލެއް ކަމަށް ޤަބޫލް ކުރާ، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހޯމް މިނިސްޓަރ އަމީތު ޝަހާއި ކަރާއިކަރު ޖައްސައި ސަލާމް ކުރުމަކީ ޝެއިހް އިމްރާން ވަރަށް ފަހުރުވެރިކަމާ އެކު ކުރެއްވި ކަމެކެވެ. ހުކުރު މިސްކިތު މުއްނާރުގެ ނަކަލެއް އަމީތު ޝާހަށް އެރުވުމަކީ އިބިލީސް ބޮލުގައި ރަން ތާޖެއް އެޅުވުމެއް ނޫނެވެ! އެއީ ޤައުމާއި ދީނަށްޓަކައި އިމްރާން ކުރެއްވި ކަމެކެވެ. ބޮޑު ކަމެއް ނޫނެވެ. ކުޑަ ކަމެކެވެ.

ދުނިޔޭގައި މުސްލިމުންނާ އެންމެ އަދާވާތްތެރިކަމަށް ބެލެވޭ ތިން ލީޑަރުން ކަމުގައިވާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީވެސް އެހާ ގޯސް ބައެއް ނޫނެވެ. އެ ތިން ލީޑަރުންގެ ތެރެއިން މޯދީ އަށް ދިވެހި ޤައުމު ވިއްކާލުމަކީ ވެސް ވަރަށް ކުޑަ ކަމެކެވެ. އިންޑިއާ ސިފައިންނާއި އިންޑިއާ ވައިގެ ސިފައިންގެ ހެލިކޮޕްޓަރާއި އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި އޮތުމަކީ ވެސް ވަރަށް ކުޑަ ކަމެކެވެ. އައްޑޫސިޓީގައި، އިމްރާންގެ މިނިސްޓްރީގެ ބެލުމުގެ ދަށުން، އިންޑިއާއިން އަޅާ މިލިޓަރީ މަރުކަޒަކީ ވެސް ވަރަށް ކުޑަ ކަމެކެވެ. އިންޑިއާ އަށާއި އެމެރިކާ އަށް އައްޑޫ ސިޓީ ވިއްކާލާފައި މާލެ ތަރައްޤީ ކުރުމަކީ އިގްތިސޯދީ މޮޅު ޑީލެކެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެ. ވަރަށް ކުޑަކުޑަ ކަމެކެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރި ޝްރިންގްލާ

މުސްލިމުންނާ އެންމެ އަދާވާތްތެރި ވެރީންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާޝް ވަރުދަން ޝްރިންގްލާ އަންނަ ނޮވެމްބަރު މަހު 10 ގައި ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހާއި ދިފާއި ވަޒީރު މާރިޔާ އަހުމަދު ދީދީ އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރ އިމްރާން ވަޑައިގެން ޕޮމްޕެއޯ އާއި ޝްރިންގްލާގެ ގައިގައި ބައްދައި އެ ބޭފުޅުންނަށް ކުރުނީސްކުރެއްވިއަސް އެއީ މާބޮޑު މައްސަލައެއް ނޫނެވެ. ވަރަށް ކުޑަ ކަމެކެވެ. ކާފަރުންނަކީ ރަހްމަތްތެރީން ކަމުގައި ނުބެލުމަށް ދީނުގައި އޮންނަ އޮތުމަކާ މިކަމަކާ ފުށެއް ނާރައެވެ. އިންޑިއާ އާއި އެމެރިކާ އަކީ ހަމައެކަނި ރަހްމަތްތެރީންނެއް ނޫނެވެ. ވެރިކަން ދަމަހައްޓައިދޭ ބައިވެރީންނެވެ. މިއީ ހައްތަހާ ވެސް ދީނާއި ޤައުމަށްޓަކައި ކުރެވޭ "ކުޑަ" ކަންކަމެވެ.

ސަފާރީ ބޯޓެއްގެ ތެރޭ، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ، ރާބޮއެ މަސްތުވެގެން ތިބެ، ވަހުޝީ ދިވެހި "ރޯޔަލް" ފިރިހެނުން ތަކެއް، ބިދޭސީ އަންހެނެއްގެ މޭމަތީގައި ބީހިލުމަކީ މައްސަލައެއް ނޫނެވެ. އެ އަންހެން މީހާ ބިރުން، އެ ކަނު އަނދިރީގައި ކަނޑަށް ފުންމާލުމަކީ އެމީހާގެ މައްސަލައެކެވެ. ކަނޑަށް ފުންމާނުލާ، އެ ފިރިހެނުންގެ ހިތްތައް އުފާކޮށްދިން ނަމަ މިހުރިހާ ބޭކާރު ވާހަކައެއް ނުދެއްކުނީސްތާ އެވެ. ރޯޔަލް ރޭޕް ކޭސް ވެލިއަޅާ ފޮރުވާލުމަކީ ދީނާއި ޤައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ "ކުޑަ" ކަމެކެވެ. ޓްވީޓް ކުރަންވީ "އިންޑިއާ އައުޓް"އެއް ނޫނެވެ. "ލަވްޔޫ އިންޑިއާ" އެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން ދެއްކި ފަދަ ސުލްހައިގެ މިސާލު ދައްކަމުން ދިވެހި ޤައުމުވެސް ޖެހެނީ އިޒްރޭލާ ގުޅުން ޤާއިމް ކުރާށެވެ. ފްރާންސުން ކީރިތި ރަސޫލް (ސ.އ.ވ) އަށް ކުރާ ފުރައްސާރަ އަކީ ވެސް އަނެއްހެން ހަމަ "ކުޑަ" ކަމެކެވެ. ކުރަހާ ބަޔަކު ކުރަހަން ބައިތިއްބާށެވެ. އަހަރުމެން ދީނާއި ޤައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނަމެވެ. މަޗް ލަވް ޓު އެވްރިވަން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. Mi liumun bunedhinee v bodu kamekeve dheenaa qauma takaa gaiymuves thiyakodhinee kudakame nooneve mikamum Inshallah salaamaiyvaane mee dhivehin

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *