Support Us

ވާހަކަ: ޔުކްތާ – 16

"އާރިޒު އަހަރެންނާއި އެހީވީ އަޒީއްތަގެ ވަސިއްޔަތާއި ދެކޮޅުނުހަދަން… ޝިޔާއަކީ އަހަރެންގެ ދަރިފުޅު…. އެއީ ނުހަނު ހާލުގައި އަހަރެން ވިހޭ ދަރިފުޅު…. އެދަރިފުޅަށްޓަކައި އެތައް ގުރުބާނީއެއްވި އަހަރެންގެ ލޭ…. ނަމަވެސް ދަރިފުޅާއޭ ކިޔާ ގޮވާލާނެ ފުރުސަތެއްވެސް އެމީހުން ނުދިން…. އަޒީއްތަ ބުނީ ދަރިފުޅު މަރުވީ ކަމަށް…. އެކަމަކު… އެހެންވިއްޔާ އެމީހުން ދޮގުހެދީ… ބައްޕަވެސް ދޮގުހެދީ…. މި ހުރިހާދުވަހު އަހަރެން މިބެލީ އަމިއްލަ ދަރިފުޅު… މާތްކަލާކޯ… ހުރިހާ އެންމެންވެސް މިއަޅާއަށް އޮޅުވާލަނީ… މަކަރުހަދަނީ…. މިއަޅާ އެމީހުންނަށް ކޮން އުނދަގުލެއް ކޮށްގެންބާ؟" އޭނާ ދެއަތް މައްޗަށް ނަގައިގެން ހުރެ މާތްކަލާނގެއަށް ޝަކުވާ ދެންނެވިއެވެ.

"އާރިޒު ބުނީ ލޯބިވާ ކަމަށް…. އެއީ ހަމައެކަނި އިތުބާރު ކުރެވުނު އިންސާނާ… އެކަމަކު… އަނޫއާއި އެކު…." ޔުކްތާއަށް ހިތްވަރު ކުރެވުނީ ކިރިޔާއެވެ. އާރިޒަކީ އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އޭނާގެ ބައިވެރިޔާއެވެ. އޭނާއަކަށް އާރިޒާއި ކުރިމަތިލާކަށް ނުކެރެއެވެ. އެ ހިތާމައިގާ މީހެއްގެ އެހީތެރިކަމެއް އޭނާ ބޭނުމެއް ނުވެއެވެ. ހަގީގީ ލޯބި ނުވާމީހަކު މަންމަގެ އެދުމުގެ މަތީން އޯގާތެރިވުން އެއީ އޭނާއަކަށް ރުހެވޭ ކަމަކަށް ނުވިއެވެ. އޭނާއަށް އާރިޒުގެ ކިބައިން އުއްމީދު ކުރެވުނީ ލޯތްބަށެވެ. މިހާތަނަށް ދުވަހަކުވެސް މީހެއްގެ ފަރާތުން ނުލިބޭ އަދި އުންމީދުވެސް ނުކުރާ ތެދުވެރި ލޯތްބަށެވެ. މީހަކު ވަސިއްޔަތް ކުރީތީ ވާޖިބު އަދާކުރުމަކަށްނޫނެވެ. ނުވަތަ  އިންސާނިއްޔަތަށްޓަކައި އިހުސާންތެރި ވުމެއްވެސް ނޫނެވެ. އޭނާއަށްވަނީ ހަދާނެ ގޮތް ހުސްވެފައެވެ. ދާނެ ދިމާ ނޭނގި ފައެވެ. އޭނާ ފޯނުނަގާ ދިރާގުން ރަށު އޮފީހުގެ ނަންބަރު ހޯދިއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ރަށުން ފުރާ އެއްޗެއް އޮތްތޯބެލިއެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން މިރޭ ފުރާ ބޯޓުން ޖާގަ ލިބުނެވެ. އަދި ރަށަށް ދިއުމަށް ހުރިހާކަމެއް ނިންމިއެވެ.  އާރިޒު ގެއަށް އައުމުގެ ކުރީން އޭނާ ބޯޓަށް އަރާ ރަށަށް ދިއުމަށް ފުރައިފިއެވެ.

އާރިޒު ގެއަށް އައީ ދަން ކޮށްލާފައެވެ. އޭނާއަށް ޔުކްތާގެ ހިތާމަ އިހުސާސް ކުރެވެއެވެ. ޔުކްތާ އޭނާއަށް އިންތިހާއަށް އިތުބާރު ކުރާކަން އޭނާއަށް އެނގެއެވެ. ޔުކްތާގެ ލޯބި އޭނާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލިއެވެ. މިއަދު އަނޫ އެއުޅުނީ އޭނާގެ ރުހުމުގައެއްނޫނެވެ. ޔުކްތާއާއި އިންފަހުން އޭނާ އަނޫއާއި އެފަދަ އެއްވެސް ގުޅުމެއް ނުބާއްވައެވެ. ހަމައެކަނި ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ގާތްކަން ބޭއްވީއެވެ. އެއީވެސް އަނޫގެ އާދޭހަށެވެ. އަނޫ އޭނާގެ ގެއަށް އައިސް މިފެންވަރަކަށް ހިނގައިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

ޔުކްތާ އެއްވެސް ދިމާއަކުން ނުފެނުމުން އޭނާ ދިޔައީ ޔުކްތާގެ ކޮޓަރިއަށެވެ. ޔުކްތާއެއްނެތެވެ. ކޮޓަރީގެ ތަރުތީބު ވަނީގެއްލިފައެވެ ޔުކްތާގެ ބައެއް ހެދުން ވަނީ ފަތް ޖަހާފައެވެ. އަލަމާރި ބެލިއިރު ޔުކްތާގެ ހެދުންތަކެއް ނެތެވެ. އޭނާއަށް ޔަގީންވީ ޔުކްތާ ކޮންމެވެސް ތަނަކަށް ހިނގައްޖެ ކަމެވެ. އާރިޒު ނިކުންނަން ހިނގައިގެންއިރު ފެނުނީ އެނދުމަތީގައި ހުރި ލިޔުންތަކެވެ. އެއީ ކޮންއެއްޗެއްކަން އާރިޒަށް ނުހަނު ރަނގަޅަށް އެނގިއްޖެއެވެ. ޔުކްތާއަށް ޝިޔާއަކީ އޭނާގެ ދަރިއެއްކަން އެނގުނީއެވެ. މިއީ އަނޫގެ ރޭވުމެވެ. އެހެންވެއްޖެނަމަ އަނޫ ހުންނާނީ ވަރަށް ބޮޑަށް ޔުކްތާ ވާވައްދާލާފައިކަން އޭނާއަށް ޔަގީން ވެއްޖެއެވެ. އާރިޒު ހާސްވީ ޔުކްތާގެ ބަލި އިތުރަށް ގޯސްވެދާނެތީއެވެ. ޔުކްތާ ދާނެ ތަނެއް ނޭނގޭތީއެވެ. ޔުކްތާގެ އެއްވެސް މީހެއް މިއޮއްބޮޑު މާލޭގައެއް ނުވެއެވެ. ރައްޓެއްސެއް ދެކެފަރިތަ މީހެއްވެސް ނުވެއެވެ. ވީއިރު ޔުކްތާ އުޅޭނެ ހާލެއްވެސް އޭނާއަކަށް ނޭނގެއެވެ.

ހެނދުނުވުމާއެކު އޭނާ ޔުކްތާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އައީ މީދޫގެ ޚަބަރެއް ބަލާލުމަށެވެ. އޭނާގެ ދެކެފަރިތަ ރައްޓެހިންގެ ނަމްބަރުތައް އޭނާގެ ފޯނުގައިވެއެވެ. ޚަބަރު ބަލާލުމުން އޭނާއަށް އެނގުނީ ޔުކްތާ ރަށަށް ދިޔަކަމެވެ.

ޔުކްތާއަށް ރަށަށް ދެވުނީ އެދުވަހު ފަތިހުއެވެ. އޭނާ ރަށުފަސްގަނޑުގައި ފައިޖެހުމާއެކު މާޒީގެ ހިތި ހަނދާން އޭނާ އިތުރަށް ހިތްދަތި ކުރުވައިފިއެވެ. މަޑުމަޑުން އޭނާ ގެއަށްވަނެވެ. މުޅިގެ ވަނީ ބާވެ ހަޑިވެފައެވެ. ހިރަފުސްވަދެ މަކުނުވާ އަޅާފައެވެ. އެއް ފަރާތެއްގައި ހުރި އެނދަށް ބަލާލެވުނެވެ. އެއީ މަންމަ ނުހަނު ވޭނުގައި އޮވެ ނިޔާވި އެނދެވެ. އެ އެނދުގެ ރަޖާގަނޑުވަނީ ހިރަފުސް ވެފައެވެ. ދެންހުރީ ބައްޕަ ވާބަލިޖެހިގެން ނިޔާވަންދެން އޮތް އެނދެވެ. އެއެނދުވަނީ އެކިދިމަދިމާއިން ހަލާކު ވެފައެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި މަންމައާއި ބައްޕަ ނިޔާވި ހިތި ހަނދާން ސިފަވަމުން ދިޔައެވެ. އޭނާ ތަގުދީރުގެ މައްޗަށް ޝުކުރުވެރިވާ ހާލު އަލުން ދިރިއުޅެން އަޒުމް ކަނޑައެޅިއެވެ. ބަނޑުގައިވި ކުށެއްނެތް ދަރިފުޅަށްޓަކައެވެ. އޭނާގެ ތެދުވެރި ލޯބީގެ ނިޝާނަށްޓަކައެވެ.

މުޅިގެ ސާފުކޮށް ހަމަޖެހި ލެވުނުއިރު ހުރީ އިރު އޮއްސިފައެވެ. އޭނާ އަދި މިއަދު އެއްވެސް އެއްޗެއް ނުކައެވެ. ގެ ސާފު ކުރުމަށްފަހު ކެއްކޭނެ ވަގުތެއް އަދި ގޮތެއް އޭނާގެ ނެތެވެ. ގަހުގައި ހުރި ފަޅޮލެއް އޭނާ މަށާލިއެވެ. އަދި ކުޑަ އެތިކޮޅެއްކާލާފައި މާދަމާއަށް އޭތި ބޭއްވިއެވެ. ވެފައިހުރި ދަތުރު ވަރުބައްޔާއި މާގިނަވަގުތު އުޅެވުމުން އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އޭނާއަށް ލިބިފައިވާ ހިތާމައިގާ ވިސްނަން އޮއްވާ ނިދުނު ގޮތެއްވެސް ނޭނގުނެވެ.

ޔުކްތާއަށް ހެނދުނު ހޭލެވުނީ މީހަކު ދޮރުގައި ތަޅާތީއެވެ. އޭނާ މަޑުމަޑުން ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ކަޅުބުރުގައެއް އަޅާފައިވާ ޒުވާން އަންހެންކުއްޖާ އޭނާއަށް ބަލަން ހުއްޓެވެ.

"ކަމަކުތަ؟" ޔުކްތާ އޭނާ ބަލާގޮތުން އެހިއެވެ.

"ނޫން. ދަމުން ހިތަށް އެރީ މިގޭދޮށް ސާފުކޮށްފައި މިއޮތީ ކާކުބާއޭ. މިހާރު މަށެއްވެސް ނޭނގުނުދޯ." އެ އަންހެން ކުއްޖާ އަތުގައި ވާ ބާލިދީން އެއީ ކުނިއުކާލަން ދާ ކުއްޖެއްކަން އެނގުނެވެ.

"އަދިއެއް ނޭނގުނު." ޔުކްތާ ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ.

"މާލެ ދެވުނީމަ ހަނދާނެއް ނުހުންނާނެ. މީ އެއްކަލަ ފިރިހެން މަރީ." އޭނާ ބާރަށް ހިނިގަޑެއް ޖަހާލިއެވެ.

"ސާބަސް. މިހާރު އެހުރި ފިރިހެންކަމެއް ނުވެސް ނެތެއްނު." ޔުކްތާ ހައިރާން ވުމުގެ އިތުރަށް ވީ އުފަލެވެ. ކޮންމެވެސް އެކަކު އޭނާއާއިއެކު ވީތީއެވެ.

"ދެން ހިނގާ ކުނިތައް އުކާލަން." އޭނާ ހިނގައި ގަންނަމުން ބުންޏެވެ.

ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. އެއީ ކުޑައިރުގެ ދެ އެކުވެރިންނެވެ. އެދެމީހުން ވަރަށް ވާހަކަ ދެއްކިއެވެ. ޔުކްތާގެ ބައްޕަ އާއި މަންމަ ނިޔާވިވާހަކައެވެ. އަޒީޒާ އޭނާ މާލެ ގެންދިޔަ ވާހަކައެވެ. ނަމަވެސް މިހާރު އޭނާ ނިޔާވުމުން ރަށަށް އައީއެވެ. މަރީވެސް މާލެ ދިޔައެވެ. އަދި ދޮންބައްޕަގެ އަނިޔާގައި އުޅެނިކޮށް ގެއަށް އަންނަ ކުއްޖެއް އޭނާއަށް އެހީވިއެވެ. އޭނާއާއި ކައިވެނި ކޮށްގެން މިރަށުގެ ކައުންސިލަރަކަށް ހަމަޖެހުމުން ރަށަށް ބަދަލުވީއެވެ. ޔުކްތާއާއި ދެމީހުން އެކަކު އަނެކަކު ގެއަށްގޮސް ވާހަކަދައްކައެވެ. މަރީ ޔުކްތާއަށް ނުހަނު އެހީވެއެވެ. މުޅިރަށް މަރީ އެކަހެރި ކޮށްލިއިރު ކާއެތިކޮޅެއްވެސް ދިއްކޮށްލީ ޔުކްތާކަން އޭނާ ހަނދާން ބަހައްޓައެވެ.

ޔުކްތާގެ ދިރިއުޅުން ބޮޑުވޭނަކަށް ވެއްޖެއެވެ. އޭނާއަށް އިރުއިރުކޮޅާ ރޮވެއެވެ. އޭނާއަށް އާރިޒާ ނުލާ ނޫޅެވޭނެއެވެ. އާރިޒުގެ އޯގާތެރިކަން އޭނާއަށް ހަމަޖެހުމެއް ނުގެނެއެވެ. އާރިޒުގެ ލޯބި އިހުސާސްތައް އޭނާގެ ނިދި މަހުރޫމު ކުރެއެވެ. އޭނާއަށް އާދެވުނީތީ މިހާރު ދެރަވެއްޖެއެވެ. ހުރިހާ ކަމެއް ގަބޫލުކޮށްލައިގެން އާރިޒުގެ އަޅަކަށް ނަމަވެސް ހުރެވުނު ނަމައެވެ. އެކަމަކު އާރިޒު އޭނާދެކެ ލޯތްބެއް ނުވެއެވެ. އާރިޒު އޭނާއަށް އޮޅުވާލީއެވެ. އާރިޒު އޭނާއަށް އެހީތެރިވީ ލޯބިވާތީއެއްނޫނެވެ. މަންމަގެ އެދުމަށެވެ. އޭނާ އާރިޒުގާތު ޝަކުވާކުރަން ބޭނުންވެއެވެ. ބާރަށް އެއްޗިހި ކިޔަން ބޭނުންވެއެވެ. އޭނާ ހީވަނީ މޮޔައެއް ހެންނެވެ. ހިތަށް އަރާއެއްޗިހި ގިނައީއެވެ. އެކިފަހަރު އެކި ގޮތްގޮތަށެވެ.

ހެނދުނުވަގުތެވެ. ބާވެފައި ހުރި ބަދިގޭގައި ޔުކްތާއިނީ ސައިބޮވޭތޯއެވެ. މަރީދިން ރިހާކުރުކޮޅަކާއި އޭނާފިހުނު ބޯރޮއްޓެކެވެ. ނަމަވެސް އޭނާ އިނީ ކާހިތްނުވެފައެވެ. މިއީ މިހާރު އޭނާގެ އާދައެވެ. ކާންއުޅުނަސް ނުއެއްކެވުނެވެ. އޭނާއާއި އާރިޒު ދިމާނުވިނަމައެވެ. ކުރިން ކިތަންމެ ހާލުގައި އުޅުނު ނަމަވެސް މިވަރަށް ދެރައެއް ނުވެއެވެ. ނުއެއް ރޮވެއެވެ. ރަނގަޅަށް ކެވެއެވެ. ފަތިސްވާންދެން ނުނިދި އޮންނާކަށް ނުޖެހެއެވެ. ނަމަވެސް އާރިޒުގެ ލޯބި އޭނާގެ ދިރިއުޅުން އުނދަގޫކޮށްފިއެވެ.

"އައްސަލާމް ޢަލައިކުމް." ނުދަންނަ އަޑެއް އިވުމުން އޭނާ ބޭރަށް ނިކުތެވެ. ބޭރުގައި ހުރިމީހާ އެއްވެސް އެއްޗެއްނުބުނެ ސިޓީއުރައެއް ދިއްކޮށްލިއެވެ. ޔުކްތާ ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. އޭނާ އަވަސްއަވަހަށް އެއުރަ ކަނޑާލީ އާރިޒުގެ އުފާވެރި ޚަބަރެއް ލިބޭތޯއެވެ. ނަމަވެސް އޭނާ ރުޅިއައީ އޭގައި އޮތް ފަސްސަތޭކައިގެ ދިހަގަނޑުފެނުމުންނެވެ. އޭނާ އެފައިސާތައް އަތުކޮޅަށް ހޫރާލިއެވެ. އޭނާ މިއުޅެނީ ފައިސާ ނުލިބިގެން ހެއްޔެވެ؟ ފައިސާ ބޭނުމީ ކޮންއެއްޗެއް ގަންނަން ހެއްޔެވެ؟ އޭނާ އެއްޗިއްސެއް ބޭނުމެއް ނުވެއެވެ. ކާލާނެ އެއްޗެއް ވިއްޔާ މަރީއަތުން ލިބޭނެއެވެ. އާރިޒުމެންގެ ވިސްނުމަކީ ފައިސާއެވެ. ހިލޭ އަންހެން ކުދިންނެވެ. އޮޅުވާލުމެވެ. ނިކަމެތި ކުދިންގެ ދިރިއުޅުމާ ކުޅެލުމެވެ. އާރިޒު މިހާރުވެސް ވާނީ ރަނގަޅަށްވިއްޔާ އަނޫއާއެކުއެވެ. ޔުކްތާގެ މިވިސްނުން އޭނާ ބޯހަލާކު ވާވަރު ވެއްޖެއެވެ. އޭނާ އަދިއެއްފަހަރު ސިޓީއުރަ ބަލާލިއެވެ. އާރިޒުގެ ލޯބީގެ އެއްވެސް ވާހަކައެއް ލިޔެފައި ވޭތޯއެވެ. އޭނާއަށް ފެނުނީ ކުޑަ ގަނޑުކޮޅެކެވެ. "ޔުކްތާ ކިތަންމެ ދުރުގައިވިޔަސް ތިއީ އަހަރެންގެ ޒިންމާގައިވާ މީހެކެވެ. ތިއީ އަހަރެންގެ އަނބިމީހާއެވެ. މިއީ ބޭނުމެއް ޖެހިދާނެ ކަމަށް ފޮނުވި އެއްޗެކެވެ."

ޔުކްތާއައި ރުޅިއަށްވުރެ ލިބުނު ހިތާމަ ބޮޑުވެއްޖެއެވެ. އާރިޒުގެ އަނބިމީހާކަން ނޭނގިގެން މިއުޅެނީ ޔުކްތާއަށް ހެއްޔެވެ؟ އެކަން އިހުސާސް ނުކުރެވެނީ އާރިޒަށް ނޫންހެއްޔެވެ؟ މިހުރިހާ ދުވަސް ވީއިރު ހާލު ބަލާނުލީ ކީއްވެހެއްޔެވެ؟ އަހަރެން ބަލާ ނާންނަނީ ކީއްވެހެއްޔެވެ؟ އަންނާށެވެ. އަހަރެން ގެންދާށެވެ. އަނޫގެވަސް ތި ދިރިއުޅުމުން ފޮހެލާށެވެ. މީހާދަ ބޮޑު އެކަނިވެރިކަމެކެވެ. އެތައް ރިހުމެއްވާ ހިތްދަތި ކަމެކެވެ. އެލިޔުން ކޮޅު އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އޭނާ ލޯމަރާލިއެވެ. އާރިޒުގެ ލޯބީގެ ހުރިހާ ހަނދާންތަކެއް ސިފަކޮށްލިއެވެ. އޭނާ ބަލާ އާރިޒު އަންނާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އައީ އާރިޒުގެ ރުހުމާއި ނުލައެވެ. އާރިޒުގެ ހުއްދަވެސް ނުހޯދައެވެ. އާރިޒު އޭނާ ބަލައެއް ނާންނާނެއެވެ. އޭނާ ކުއްލިއަކަށް ލޯހުޅުވާލިއެވެ. އަދި އެކަރުދާސްކޮޅު ވީދާ ކުދިކުދި ކޮށްލިއެވެ. އޭނާ އާރިޒުދެކެ ރުޅިއަތުވެއްޖެއެވެ. އޭނާއަށް އެއްޗިހި ކިޔެވެ. އޭނާއަށް ވާނުވާ ނޭނގޭ ކިތަންމެ ފަހަރެއް މިހާރު ދެއެވެ. އެންމެ ފަހުން ހިތަށް އަރާ އެއްޗިއްސަށް ކެތްނުކުރެވިގެން އޭނާ އަނގަމަތީ ބާލީސް އަޅައެވެ. އަދި ބާރަށް ރޮއިގަނެއެވެ. ކަރުނަތަކެއް ސިފައިގާ އޭނާގެ ހުރިހާ އިހުސާސްތައް ބޭރު ކޮށްލައެވެ.

"ޔުކްތާ ބަލީތަ؟" ޔުކްތާ ފެނުމުން މަރީ އެހިއެވެ.

"ނޫން. ބައްޔެއްނޫން."

"ތިހެން އަބަދު ގޭގައި ހުންނާކަށް ނުވާނެ. މިރޭ މިއުޅެނީ ޖަލްސާއަކަށް ދާން. ކުރީގެ އިދިކޮޅު ޕާޓީއަށް ވެރިކަން ލިބުމުން މިރަށުގައި ބާއްވާ ފުރަތަމަ ޖަލްސާ. ޔުކްތާ ދާނަންތަ."

"އަހަރެން ތަންތަނަށް ދާން ވަރަށް ފޫހިވޭ."

"މާލޭންވެސް ބަޔަކު އައި. ފަހަރެއްގައި ޔުކްތާއަށް ކަމުދާ ކުއްޖެއްވެސް ލިބިދާނެއެއްނު. އޭނާ މަޖާކޮށްލިއެވެ. ނަމަވެސް ޔުކްތާ ދާހިތެއް ނުވެއެވެ. އޭނާ ބޭނުމީ ހިމޭން ވެލާށެވެ. އަބަދަށްޓަކައި ނިދާލާށެވެ. އޭނާ ދުނިޔެ މަތީން ފޫހިވެއްޖެއެވެ. އޭނާ ކުރިން ދިރި ހުރީ ބައްޕައަށް ޓަކައެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވާ މީހެއްނެތެވެ. އޭނާ ދިރިހުއްޓަސް އަދި މަރުވިޔަސް އެކަމުން އަސަރު ކުރާނެ އެހެން މީހަކު ނުވެއެވެ. އޭނާއަށް ނިދުނީ ވަރަށް އަވަހަށެވެ.

ޔުކްތާއަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު އޭނާގެ ގައިގާ އަތްލުމުންނެވެ. އޭނާ ކުއްލިއަކަށް ތެދުވިއެވެ. ކުރިމަތީގައި އެހެރީ ރައޫފެވެ. އޭނާގެ ޅަދުވަހާއި ޒުވާންކަން ނަގާލި ނުބައި މީހާއެވެ. ރޮއިރޮއި އޮއްވާ އޭނާއަށް އެތައް ޒަޚަމުތަކެއްދިން ޝައިތާނާއެއްފަދަ ނުލަފާ އިންސާނާއެވެ.

"ކަލޭ އަދިވެސް މަށަށް ދިމާކުރުން ނުހުއްޓާނަންދޯ." ޔުކްތާ ވަނީ ރުޅިއައިސްފައެވެ. ނަމަވެސް އެއަށްވުރެބޮޑަށް އޭނާ ވަނީ ބިރުގެންފައެވެ. ރައޫފަށް އެކަން އިހުސާސް ކުރެވުމުން އިތުރު ހިތްވަރެއް ލިބުނެވެ. ވަގު ބުޅަލެއް ފަދައިން ޔުކްތާއާއި ދިމާއަށް އޭނާ ފުންމައިގަތެވެ. ދުއްވައިގަންނަން މަސައްކަތް ކުރި ޔުކްތާގެ ހެދުމުގައި ރައޫފު ހިފުމުން ހެދުން އިރައިގެން ހިނގައްޖެއެވެ. ރައޫފަށް ޔުކްތާގެ ހަށިގަނޑުގެ ބައެއް ފެނުމުން އޭނާގެ ރީތިކަން ފެނި ކުރިއަށްވުރެ ބޮޑަށް ދަހިވެތި ވިއެވެ.

"ބޭބެ މިއައީ މާލޭގައި ހުރެފައި. ކޮއްކޮ މިރަށަށް އައިކަން އެނގިގެން ބޭބެ މިހުރީ މިވަގުތުގެ އިންތިޒާރުގައި." އޭނާ ޔުކްތާގެ އަތުގައި ހިފާ ގާތަށް ގެނައެވެ. ނަމަވެސް ގަދަހަދާލާފައި  ޔުކްތާ ދުއްވައިގަތެވެ. އެކަމަކު މިފަހަރުވެސް ޔުކްތާގެ ނަސީބު ދެރަކަމުން ފާރުގައި ބޯޖެހި ވެއްޓިއްޖެއެވެ. ނިތްކުރިން ލޭ އަންނަން ފެށިއެވެ. އަދި ނުލަފާ ރައޫފު އައިސް ޔުކްތާގެ ހެދުން އެއްކޮށް އިރާލާ ގައިން ވަކިކޮށްލިއެވެ. ޔުކްތާ ގަދަ ހަދަމުންދެއެވެ. ނަމަވެސް ރައޫފުގެ ބާރުގެ ދަށުގައި ޔުކްތާ ވަނީ ހައްޔަރު ވެފައެވެ.

ގޮތެއް ނެތިފައިވި ޔުކްތާއަށް ލުޔެއް ލިބުނީ މީހަކު އައިސް ރައޫފުގެ ގަމީހުގައި ހިފާ ނެގުމުންނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *