Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 26

އިތުރު އެއްޗެއް ނުބުނެ މާޔާ ސޮއި ކޮށްލިއެވެ. އޮޕަރޭޝަންއަށްފަހު ދަރިފުޅު އުފަން ސެޓްފިކެޓް ހައްދަން ފޯމު ފުރާ ހިސާބުން އެމީހުންނަށްވެސް އެނގޭނެކަން އެނގެއެވެ. އޭގެ އިރުކޮޅެއްފަހުން މާޔާ ސްޓެޗަރެއްގައި ނެރެގެން ގެންދިޔައީ ތިއޭޓަރަށެވެ. އޭނާއަށް މިކިއަލް ފެނިފައި ހިނިތުންވެވުނެވެ. އެއީ އޭނާއަށް އެހީތެރިވެދިނީތީއެވެ. މިއަދު އޭނާގެ ދަރިފުޅު ފެނުމުގެ ނަޞީބު ލިބުނަސް ލިބޭނީ މިކިއަލްގެ ހެޔޮކަމުންނެވެ.
** **
ރިހުން ކެނޑުނީ މައިބަދައަށް ޖެހި އިންޖެކްޝަންއަށް ފަހުއެވެ. މާޔާއަށް ފުންނޭވާއެއް ލެވުނެވެ. އޭނާގެ ގާތުގައި ތިބި ނަރުހުންގެ ތެރެއިން އެކަކު ރިއްސާތޯ އަހާލިއެވެ. ބަނޑުގެ ތިރިން އެއްވެސް އިހްސާސެއް ނެތެވެ. މޫނުމަތީ އޮތް ތުނި މާސްކުން އޭނާއަށް ކިރިޔާ ވަކިވަނީ ބޯމަތީގައި ހުރި ލައިޓްތަކެވެ. އޭނާގެ ވަށައިގެން އެތައް ބަޔަކު ތިބިކަން އެނގެއެވެ.
ބިރުން ގޮސް ދެލޯ މަރާލެވުނެވެ. ތިއޭޓަރަށް ވެއްދުމުގެކުރިން އޭނާގެ ކައިރީ މަންމަ ހުރިނަމަ އޭނާއަށް ކެއްތެރިވާން ހިތްވަރުދޭނެކަން ޔަޤީނެވެ. އެންމެ ފިކުރު ނުކުރާންވި ވަގުތު މާޔާގެ ސިކުނޑި ފުރައިލީ އަމިއްލަ ތަގްދީރާއި މެދު ގިނަވަމުން ދިޔަ ޝަކުވާތަކުންނެވެ. އަމިއްލަ ދުނިޔެއެއްގައި އޮވެވުނު ވަގުތު ސިއްސައިގެން ދިޔައީ މުޅި ތިއޭޓަރ ގުގުމައިގެން ކުޑަކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. މާޔާއަށް ލޯ ހުޅުވައިލެވުނެވެ.

"މާޝާﷲ، ވަރަށް ލޯބި އަންހެން ކުއްޖެއް." ނަރުސްކުއްޖެއްގެ އޯގާތެރި އަޑު މާޔާގެ ކަންފަތުގައި ޖެހުނެވެ. މާޔާއަށް ހިނިތުންވެވުނެވެ. އަލަތު ދަރިފުޅު ދެކިލާހިތްވިއެވެ. އޭގެ މާގިނައިރުތަކެއް ނުވެ މޫނުގައި އޮތް މާސްކު އެއްފަރާތްކޮށްލަދީފައި އޭނާއަށް ދަރިފުޅުގެ މޫނު ދައްކާލިއެވެ. ދެންމެ އަކު ރުއި ކުއްޖާ އޮތީ ދެލޯ މެރި ހިމޭންވެފައެވެ. މާޔާގެ މޫނުގައި ޖެހޭ ހިސާބަށް ކައިރިކޮށްލަދީފައި އަދި ސާފުކޮށްލާފައި އުރާލަން ގެނެސްދޭނަމޭ ބުނެލިއެވެ.
އޭގެފަހުން ހޭދަވި ހުރިހާ ވަގުތެއްގައި މާޔާއަށް ވިސްނުނީ އެ ދަރިފުޅާއި މެދުއެވެ. ދަރިފުޅަށް ކިޔާނެ ނަމާއި ގެންގުޅޭނެ ގޮތް އޭނާގެ ސިކުނޑީގައި ތަސްވީރުވަމުން ދިޔައެވެ. ދަރިފުޅުގެ އެކި އުމުރުގައި ހުންނާނެ ގޮތް ސިފަވަމުން ދިޔައެވެ. އުފާވެރިކަމުން އޭނާގެ ހިތް ފުރިގެން ދިޔައީ އަލަށެވެ.

އަނެއްކާވެސް އޭގެ ކުޑައިރުކޮޅެއްގެ ފަހުން އެތަން ހަލަބޮލިވެގެން ދިޔައެވެ. ކުޑަކުދިންގެ ޑޮކްޓަރާއި ނަރުހުންގެ މެދުގައި ދެކެވުނު ވާހަކަ މުޅިން ފަހުމް ނުވިއަސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ޔަޤީންވިއެވެ. ރަޖާއިން ނަގައި އެ ތުއްތު ކުއްޖާ އަރިއަކަށް ބައްވާފައި ބުރަކަށީގައި މަޑުމަޑުން ތަޅަމުން ދިޔަ މަންޒަރު ފެނުނެވެ. އެމީހުން ހާސްވެގެން އުޅުނުކަން އޭނާއަށް އެނގެއެވެ. ތިއޭޓަރުން ނެރެ ދަރިފުޅު ގެންދާތަންފެނި މާޔާއަށް ސުވާލުނުކޮށް ނުއޮވެވުނެވެ. އޭނާއަށް ލިބުނީ ކުރު ޖަވާބެކެވެ. ނާސަރީއަށް ބޭބީ ބަދަލުކޮށްލަނީކަމުގައި ބުނެ އިތުރު ތަފްސީލެއް ނުދިނެވެ.

ގަޑިއިރެއްގެފަހުން މާޔާ އޮތީ ވޯޑުގައެވެ. އޭނާގެ ކައިރިއަށް އައިސް މިކއަލް ހުއްޓުނެވެ. މާޔާއަށް އަޅާލަން މިކިއަލް މަޑުކުރިކަމަށްޓަކައި އޭނާއަށް އޮވެވުނީ މިކިއަލްއަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ.

"އެއްވެސް މީހަކަށް އެންގިންތަ އަހަރެން މިތަނުގައި އޮތްކަން؟" މިކިއަލް އިށީނުމުން މާޔާ އަހާލިއެވެ. މިކިއަލް ހައިރާންވެފައި ބަލައިލިއެވެ. އޭނާގެ ސިކުނޑިއަށް މާޔާގެ ކަންތައް އަންގާނެ އެއްވެސް މީހަކު ނައެވެ. އޭނާއަށް ހީވީ މާޔާ އަކީ އޭނާގެ ޒިންމާއެއް ހެންނެވެ.

"ޝީތުއަށް ގުޅައިދެންވީތަ؟" މިކިއަލްގެ ހިތަށް ޝީތުގެ ނަން އައީވެސް މާޔާ ކުރި ސުވާލާއި އެކުގައެވެ. މާޔާ ނޫނެކޭ ބުނެލިއެވެ. ދެން އެދުނީ އޭނާގެ ފޯނު ދިނުމަށެވެ. އެނދުގެ ކައިރީ ހުރި ކަނބަޑުގެ ތެރެއިން މާޔާގެ އަތް ދަބަސް މިކިއަލް ނެގިއެވެ. އޭތި ހުޅުވައި މާޔާގެ ފޯނު މިކިއަލް ދިނެވެ. އެހުރިހާ ހަރަކާތަކަށް މާޔާއަށް ބަލަން އޮވެވުނެވެ. އޭނާ އަޖައިބުވެފައި އޮތީ ދެންމެ ކަނބަޑު ހުޅުވި ވަގުތު އޭނާގެ ލޮލުގައި އަޅައިގެން ދަރިފުޅުގެ އެއްޗެހި ފެނިފައެވެ.

"އެއީ މިކިއަލް ގެނައި އެއްޗެހިތަ؟" ފޯނުގައި އަތްލަމުން މާޔާ އަހައިލިއެވެ. މިކިއަލް ބޯޖަހައިލިއެވެ.

"ނޭނގެ އެއްޗެއް މަދުނުވާނެކަމެއް، ނަރުހުން ދިން ލިސްޓުގައި ހުރި ހުރިހާ އެއްޗެއް ގަތިން،" މިކިއަލް ޖަވާބު ދިނެވެ. މާޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާގެ ހިތް ބަލިކަށިވެގެން ދިޔައެވެ.

"ތެންކިއު މިކިއަލް." މާޔާގެ އަޑު ތުރުތުރުލައިގަތެވެ. އެސްފިޔަޖަހާލުމާއި އެކު ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައެވެ. މާޔާ އާއި ދިމާލަށް ބަލަން ހުރެފައި މިކިއަލް ޝަހާދަތް އިނގިލި ޖައްސައިލީ އޭނާގެ ތުންފަތުގައެވެ.
"ޝްޝް" މާޔާ ކައިރީ ނުރޯށޭ މިކިއަލް ބުނެލީ ކުޑަކުއްޖަކު މަސަލަސްކުރާ ފަދައިންނެވެ. އެކަމަކު މާޔާއަށް އަނގަމަތީ އަތްއަޅައިލެވުނެވެ. ގިސްލުމުގެ އަޑު ނިކުތީ އޭނާގެ އިނގިލިތައް ފޫއަޅުވާލާފައެވެ.

"ޝީތުއަށް ގުޅާލާ،" ފޯނު ދީފައި މިކިއަލް ބޭރަށް ނިކުންނަން ބަހަނާއެއް ދެއްކިއެވެ. އޭނާ އެތަނުން ނިކުމެ އިރުކޮޅެއްވެގެން ދިޔައިރުވެސް މާޔާއަށް އޮވެވުނެވެ. އޭނާ ޖަޒްބާތީވެ ރޮވެމުން ދިޔައެވެ. އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއޭ ބުނެއެވެ.
** **
މާޔާ ފޯނު ބަލާލިއިރު އޭނާގެ ފޯނަށް އެންމެ ކޯލެއްވެސް އައިސްފައި ނެތެވެ. އޭނާ ހޮސްޕިޓަލަށް ގެނެވުނުއިރު ފަހުން ތިން ހަތަރު ގަޑިއިރުވެދާނެއެވެ. އޭނާ ނެތުމުން ދެރަވެގެން ޝީތު ފިކުރުކުރާހެން ހިއެއް ނުވެއެވެ. އޭނާ ނިމިގެން އައުން ލަސްވާތީ ގުޅާލާފައި އޮތް ނަމަ ހިތަށް ހަމަޖެހުމެއް ލިބުނީހެވެ. ފޯނު ތިރިކޮށްލާފައި މާޔާ ދެލޯ މަރާލިއެވެ. ޝީތު ކައިރީ ބުނަން ހިތް ނުރުހުންވިއެވެ.

އިރުކޮޅެއް ފަހުން މީހެއްގެ ފިޔަވަޅު އަޑު އިވިގެން ބަލާލިއިރު ހުރީ މިކިއަލް އެވެ. މިކިއަލް އައިސް އިށީދެ އިސްޖަހައިގެން އިނީ ބަހެއްވެސް ނުބުނެއެވެ.

"މިކިއަލް ދާން ބޭނުންނަމަ މަޑުނުކޮށް ދެވިދާނެ." މިކިއަލްގެ ފަރާތުން ފެންނަ ހިމޭންކަން މާޔާއަށް ސިފަވީ އެތަނުގައި އިންނަން ކަންބޮޑުވެގެން އުޅޭހެންނެވެ. މިކިއަލްގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ.

"އައި ވިލް ސްޓޭ." މިކިއަލް އިސްއުފުލައިލިއެވެ. ހަރުކަށިކަމާއި އެކު މިކިއަލްއަށް ބުނެވުނީ އެތަނުން ދާން ބޭނުންނުވާކަން އެންގުމަށެވެ. ކުރިއެކޭ އެއްގޮތަށް މާޔާ ދެލޯ މަރާލިއެވެ. އޭނާއަށް މިކިއަލްގެ މޫނަށް ބަލާކަށް ނުކެރުނެވެ. މިކިއަލް ނުރުހުންވިކަން އެނގުމުން ދެރަވެއްޖެއެވެ.

"ކީކޭ ޝީތު ބުނީ؟" މިކިއަލް އަށް އަހާލެވުނެވެ.

"ނުގުޅަން." މާޔާ މަޑުމަޑުން ބުނެލިއެވެ. ފޯނު ނަގާފައި މާޔާގެ ޚިޔާލު ބަދަލުވީކަން އެނގުމުން އެކަމާއި މިކިއަލްއަށް ވިސްނާލެވުނެވެ. އޭނާ އިށީދެ އިން ގޮނޑި އެނދާއި ކައިރިއަށް ޖައްސާލެވުނެވެ. މާޔާގެ މޫނަށް އޭނާ ބަލާލިއެވެ. ދެލޯ މަރައިގެން އޮވެވެސް ކަޅި ހިންގާކަން އެނގެއެވެ. ހިންދިރުވާލާގޮތުން ނުރޯން ހިތްވަރުކުރަނީކަން އެނގެއެވެ. މިވަގުތު މާޔާ ފިކުރު ކުރާނެ އެތައް ކަމެއް ހުންނާނެކަން މިކިއަލްއަށް ވިސްނެއެވެ. އޭނާވެސް ފިކުރު ކުރަންފެށީ މާޔާއަށް ހިތްވަރުދޭން ބުނާނެ އެއްޗަކާއި ދޭތެރޭގައެވެ.

"މިކިއަލް، އަހަރެން ބުނާ ކަމެއް ކޮށްދޭނަންތަ؟"

މާޔާގެ މޫނު މިކިއަލް އާއި ދިމާލަށް އަނބުރައިލިއެވެ. މިކިއަލް ބޯޖަހައިލީ މާޔާ އެދެނީ ކޮން ކަމަކާއި މެދުކަން ވިސްނަމުންނެވެ.

"އަހަރެން މިތަނުން ދޫކޮށްލުމާއި އެކު އަހަރެން ބައްޕަގެ ކައިރިއަށް ގެންގޮސްދޭނަންތަ؟" މާޔާ އޮތީ މިކިއަލްއަށް އަންނަ ބަދަލު ބަލާށެވެ. ބިރުވެރި ހުވަފެނަކުން ހޭލެވުނު މީހެއް ފަދައިން މިކިއަލްގެ މޫނުމަތިން ފެނުނީ ސިހުމެވެ. ކަންބޮޑުވުމެވެ.

"ރާމީން ގުޅީމައި އަހަރެން މި ހުންނަނީ އަޅާނުލަން، މާޔާ މި ހުރިހާ ދުވަހަކުވެސް އުޅުނީ ބައްޕަ އަކީ ނެތް މީހެއްގެ ގޮތުގައި ދެކިގެން، އަހަރެން ދޭނެ ނަޞޭހަތަކީ ދެންވެސް މާޔާގެ ބައްޕަ ނެތްކަމުގައި ޤަބޫލުކުރުން، " އެންމެންގެ ޖަވާބަކީ އެކައްޗެކެވެ. ރާމީންވެސް އެހެން ބުންޏެވެ.

"އައި ނީޑް ޓު ނޯ އެބައުޓް ހިމް." މާޔާގެ ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ. އޭނާއަށް އެހެން ބުނެވުނީ ކޮންމެ ލަފްޒަކަށް ވަކިވަކިން ބާރުލާފައެވެ.

"ހީ އިޒް ސަފަރިން ސިވިއަރ އަލްޒައިމާ އެންޑް ބައިޕޯލަރ.. މާޔާއަށް ހީވޭތަ އެ ކަންޑިޝަން ގައި ހުރި މީހަކަށް މާޔާއަށް ދެވޭނެ އެހީތެރިކަމެއް އޮންނާނެއޭ." މިކިއަލް އޯގާތެރިކަމާއި އެކު މާޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އޭނާއަށް ހުރީ އެންމެ ކައިރިން ހުރިހާ ކަމެއް ފެނިފައެވެ. ކުއްލިއަކަށް އަންނަ ބަދަލާއި އެކު އެއްފަހަރު އޭނާގެ ފުރާނަވެސް ސަލާމަތްވީ ކިރިޔާއެވެ.

"އަހަރެން ބޮޑުވީ ބައްޕަގެ އެހީތެރިކަމެއް ނެތި، އެއީ އެންމެންވެސް އަހަންނަށް ހަނދާންކޮށްދޭ އެއްޗަކީ، ކީއްވެތަ އެއްވެސް މީހަކު ނުބުނަނީ އަހަރެންގެ ގާތު ބައްޕައަށް އަހަރެންގެ އެހީތެރިކަން ބޭނުންވެއޭ، ބައްޕަ އާއި މެދު އަހަރެންގެ ހިތަކު އެއްވެސް ނުރުހުމެއް ނެތް، މިކިއަލް، އައި ނީޑް ސަމްވަން، އައި ހެވްޓު ލިވް. އަބަދު އެކަނި ކިހިނެއް އަހަރެން އުޅޭނީ؟" މިކިއަލްގެ އޯގާތެރިކަމުން މާޔާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އިތުރަށް ރުޅި އާދެވުނެވެ.

"މީހަކަށްޓަކައިތަ ދިރިއުޅެން ޖެހޭނީ؟ އަމިއްލަ ނަފްސަށް އަޅާލާ މީހަކަށް ވާންޖެހޭ، އަމިއްލަ ނަފްސަށްޓަކައި އުޅެންވީ، މީހަކަށް ބަރޯސާނުވުން އެންމެ ރަނގަޅުގޮތަކީ، އެއްވެސް މީހަކު މިތަނުގައި ދާއިމަކަށް ނުހުރެވޭ، މާޔާ، މާޔާއަށް ނުއުފުލެވޭވަރުގެ ތަކުލީފާއި ކުރިމަތިލާކަށް ނުޖައްސަވާނެ،" މިކިއަލް މަޑުމަޑުން އަތް ޖައްސާލީ މާޔާގެ އަތުގައެވެ.

"ހެޔޮ، އަހަރެން ބޭނުން އަހަރެންގެ ބައްޕަ ދެކިލަން،" މާޔާ ގޮތްދޫނުކުރާ ރާގަކަށް އެހެން ބުނުމުން މިކިއަލް އަތްޖައްސައިލީ އޭނަގެ ނިތްކުރީގައެވެ. ރައްދުގައި އެއްވެސް އެއްޗެއް މިކިއަލް ނުބުންޏެވެ. އަދި ދެކޮޅެއްވެސް ނުހަދައެވެ. އެކަމަކު އެއްބަސްވުމުގެ ގޮތުން އެންމެ ކުޑަމިނުން ބޯވެސް ޖަހާނުލައެވެ.
** **
އޭގެ އެއް ގަޑިއިރު ފަހެވެ. ނަރުހަކު އައިސް މިކިއަލްއަށް ގޮވާލިއެވެ. މިކިއަލް ތެދުވެ އެދިމާލަށް ހިނގައިގަންނަންދެން މާޔާ އޮތީ ބަލާށެވެ. ވޯޑުގެ ތެރެއިން ނިކުމެ އެމީހުން ގެއްލެންދެން ބަލަން އޮވެފައި މާޔާ އަށް އެކަމާއި މެދު ވިސްނާލެވުނެވެ. ސިއްރު ވާހަކައެއް ބުނަން ނޫނީ މިކިއަލް ދުރަށް ގެންދަންވީ ސަބަބެއް ނެތެވެ.

މާޔާ ތިއޭޓަރުން ނެރުނުފަހުން ދެގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. ދަރިފުޅު ނާސަރީއަށް ލިޔަސް ގާތުންދޭން ގެންނާނެއެވެ. މިހާއިރުވީއިރު ބަނޑުހައިވެގެން ދަރިފުޅު ނުރޮނީބާއޭ ހިތަށް އެރިއެވެ.

ދެމީހެއްގެ ފިޔަވަޅު އަޑު އިވިގެން މާޔާ ބަލައިލިއިރު އެތަނުގައި އައިސް ހުއްޓުނީ ޝީތު އާއި މާޒިންއެވެ. އެދެމީހުންނަށް ޚަބަރު ލިބުނީ ކިހިނެއްކަމެއް ނޭނގެއެވެ. ޝީތު އައިސް ގޮނޑި ދަމާލާފައި އިށީންނަމުން ޝަކުވާކޮށްލީ މާޔާ ނުގުޅައިގެންނެވެ. މާޔާ ނައިސް ލަސްވެގެން އޮފީހަށްވެސް ބަލަން ދިޔަ ކަމުގައި ޝީތު ބުނެލިއެވެ. އޮފީހުގައި ނެތްކަން އެނގުމުން ދެން މާޔާ ހޯދަން ދާންވީ ކޮންތާކަށްކަމެއް ނޭނގިފައި ހުއްޓާ ރައްޓެއްސަކު ގުޅައި މާޔާގެ ޚަބަރު ދިނީކަމުގައި ބުނެލިއެވެ.

މިކިއަލް އައިތަން ފެނި ޝީތު ތެދުވަން އުޅުނެވެ. އެކަމަކު މިކިއަލް މަނާކޮށްފައި އެދުނީ މާޔާގެ ކައިރީ މަޑުކޮށްލާށެވެ. މިކިއަލް ނިކުންނަން ފެށުމުން އޭނާގެ ފަހަތުން މާޒީން ނިކުތެވެ. އޭގެފަހުން ހުރިހާ ކަމެއް މާޔާގެ ސިކުނޑީގައި ދިޔައީ ނޯޓްކުރަމުންނެވެ. މާޒީން އައިސް ޝީތު ކައިރީ ސިއްރުން އެއްޗެއް ބުނެލާފައި ދަނީއެވެ. ޝީތު އިރުކޮޅުކޮޅާ ބުނެލަނީ މާޔާ ކައިރީ ނިދާލުމަށެވެ.

މިކިއަލް އައިސް މާޔާގެ ކައިރީ ހުއްޓި ނަމުން ގޮވާލިއެވެ. މާޔާއަށް ބަލައިލެވުނީ މިކިއަލްގެ އަތްމަތީ ރަޖައެއްގައި ނިދާފައި އޮތް ތުއްތު ކުއްޖާއަށެވެ. ހިނިތުންވެލާފައި މާޔާއަށް ދެއަތް އުފުލައިލެވުނީ އޭނާގެ އަތަށް ދޭށޭ ބުނަމުންނެވެ. މިކިއަލް އޭނާގެ މޫނަށް ބަލަން ހުރެފައި އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އެވަގުތު މިކިއަލްގެ ނަމުން ގޮވާލެވުނެވެ.
ކުޑައިރުކޮޅަކު ނިދިފައި މާޔާއަށް ހޭލެވުނެވެ. އެއީ ފެނުނު ހުވަފެނެކޭ ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ހިތުގެ ތެޅުމަށް ކުޑަވެސް ބަދަލެއް ނައެވެ. އޭނާއަށް ފެނުނީ އެނދުގައި ބޯ އަޅާލައިގެން އޮތް ޝީތެވެ. ޝީތުގެ ނަމުން ގޮވާލި އަޑު އަހާފައި ޝީތު ސިހުނުކަން އެނގެއެވެ. އެކަމަކު މޫނު ހިއްލައި ނުލިއެވެ.

"އައި ޑޯންޓް ނޯ ވައި އައި ފީލް މައި ބޭބީ އިޒް ނޮޓް ސޭފް." މާޔާއަށް ހިތް ޝައްކުވާ ގޮތްވިއެވެ. ޝީތު މޫނު ހިއްލައިލީ އެއަޑު އަހާފައެވެ. ޝީތުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާޔާއަށް ފެނުނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *