...

Support Us

އިނާމާއެކު އީމާ، އޭނާގެ ރަން ކުރެހުން ކައިރީގައި ހިނިތުންވެފައި -އަދިވެސް ފޮޓޯ: އެލިޒީ

ކަޅާއިހުދުގެ މާމަ އީމާ އަށް ގެނެސްދިން ރަން ހިނިތުންވުން 

ފަންސުރަކުން މީހެއްގެ މޫނެއް ކުރަހާލުމަކީ އީމާ ޝަރީފަށް އެއްވެސް ކަމެއް ނޫނެވެ. އެކަމަކު، ބޮޑު މުބާރާތަކަށް، ބޮޑު ފޮޓޯއެއް ކުރަހަން ޖެހުމުން އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. އެހެނަސް، ތިން މަސް ދުވަހުގެ މަސައްކަތުން، ވަރަށް ފަރުވާތެރިކަމާއެކު އީމާ ކުރެހި ކުރެހުމަށް ބޮޑު މުބާރާތަކުން އެއްވަނަ ލިބޭނެ ކަމަކަށް އީމާ ހީވެސް ނުކުރެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ އަތްޕުޅުން އީމާ އަށް އިނާމު ދެއްވަނީ  -ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ހިޔެއްނުކުރަން އެއްވެސް ވަނައެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވި އެއްވަނަ ލިބުނީމަ،" މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީން އިންތިޒާމްކުރި "އަންވެއިލިންގ ވިޝަންސް 2020″ ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަންގެ ކުރެހުމުގެ ބައިން އެއްވަނަ ހޯދި އުމުރުން 17 އަހަރުގެ އީމާ ބުންޏެވެ. މި މުބާރާތުގައި 53 ކުރެހުންތެރިން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަންގެ އެއްވަނަ ހޯދި ކުރެހުންތެރިން

މި އެގްޒިބިޝަންގައި ކުރެހުމުގެ ބައިން އެއްވަނަ އަށް ދިޔައީ އީމާ ޝަރީފެވެ. ޕެއިންޓިން ބައިން އެއްވަނަ އަށް ދިޔައީ އައިޝަތު ޝަޖުނާން އަބްދުލް ފައްތާހެވެ. ޑިޖިޓަލް އާޓް ބައިން އެއްވަނަ އަށް ދިޔައީ މުހައްމަދު ގައިހަލްއެވެ. މިކްސް މީޑިއާ ބައިން އެއްވަނަ އަށް ދިޔައީ ލުޖެއިން އަލީ ވަހީދެވެ. ރަން ވަނަތަކަށް އިނާމު ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މާމައެއްގެ ކަޅާއި ހުދުގެ އެ ކުރެހުން އީމާ ކުރަހައިފައި ވަނީ ޗާކޯލް ފަންސުރުންނެވެ.

އީމާގެ ކުރެހުން، ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ  -ފޮޓޯ: ރައީސް އޮފީސް

"ތިން މަސް ދުވަހުގެ މަސައްކަތް އެއީ. ކުރެހުމަށް ތިން ފަންސުރު ބޭނުންކުރިން،" އީމާ ބުންޏެވެ. "ފަންސުރުން ފޮޓޯއެއް ކުރަހާލެވޭނެ ގަޑިއެއްހާއިރު ތެރޭގައި. އެއީ އެހާ ބޮޑު ކަމެއް ނޫން. މި ފޮޓޯ މިއީ ވަރަށް ބޮޑު ފޮޓޯއެއް. ތިން ފޫޓު ދެ ފޫޓުގެ ފޮޓޯއެއް. އެހެންވެ އެހާ ވަގުތު ނެގީ."

އީމާ ކުރަހައިފައިވާ މާމަގެ ފޮޓޯއާ އީމާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އިނާމާއެކު އީމާ، އޭނާގެ ރަން ކުރެހުން ކައިރީގައި މަޑުކޮށްލައިގެން -އަދިވެސް ފޮޓޯ: އެލިޒީ

"ކަޒިންއެއް ދިން ފޮޓޯއެއް އެއީ. އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް އެ މާމައަކާ."

ރަން ވަނައާއެކު އީމާ ގެޔަށް ދިއުމުން އާއިލާ އިން ކުޑަ ސަޕްރައިޒެއް ދިނެވެ. އެކަމާ އީމާ ހުރީ އިތުރަށް އުފާވެފައެވެ.

އަހުމަދިއްޔާ ސްކޫލްގައި ކިޔަވަމުން އަންނަ އީމާ އެންމެ ކުރަހާ ހިތްވަނީ ފަންސުރުންނެވެ. އޭނާގެ ގިނަ ކުރެހުންތައް ހުރީ ވެސް ކަޅާއި ހުދުންނެވެ.

އީމާގެ އިންސްޓަގްރާމް ފޮޓޯތަކުގެ ތެރެއިން…

"ކުލަ ފޮޓޯ ކުރަހާނީ ތަންކޮޅެއް އެކްސްޕީރިއަންސް ލިބުނީމަ. އެހެންވެ އަދި ގިނައިން ކުރަހަނީ ބްލެކް އެން ވައިޓުކޮށް،" މީގެ ހަތަރު އަހަރު ކުރިން ކުރަހަން ފެށި އީމާ ބުުންޏެވެ.

އީމާގެ އިންސްޓަގްރާމް ފޮޓޯތަކުގެ ތެރެއިން…

އީމާ ބުނާ ގޮތުން ގުދުރަތީ ތަފާތު މަންޒަރުތަކަށްވުރެ ބޮޑަށް އޭނާ އެންމެ ކުރަހާހިތްވަނީ މީހުންގެ މޫނެވެ. އީމާގެ އިންސްޓަގްރާމު ބަލައިލިޔަސް އެކަން ކަށަވަރުވެއެވެ. އެކަމަކު މުޅިން ވެސް ފެންނަނީ ކޮންމެވެސް ބިދޭސީ މީހެއްގެ މޫނެވެ.

"އަދި ދިވެހިންގެ މޫނު ވެސް ކުރަހާނަން. ރަނގަޅަށް ދަސްވީމަ ކުރަހާނީ."

އީމާގެ އިންސްޓަގްރާމް ފޮޓޯތަކުގެ ތެރެއިން…

އީމާގެ އިންސްޓަގްރާމުގައި، އަހުމަދިއްޔާގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދާއި ޕްރިންސިޕަލް މުހައްމަދު ރަޝީދުގެ ފޮޓޯއެއް ކުރަހައިފައި ހުއްޓެވެ.

"އެއީ އެއް ދުވަހަކު ސްކޫލްގައި އިނދެފައި ކުރަހާލި އެއްޗެއް. ކޮފީ ބޭނުންކޮށްގެން ކުރަހާފަ އެއީ،" އީމާ ބުންޏެވެ.

އީމާގެ އިންސްޓަގްރާމް ފޮޓޯތަކުގެ ތެރެއިން…

އީމާ ކުރެހުމަށް ޝައުގުވެރިވީ ކިހިނެއްބާއެވެ؟ އެއީ ވަރަށް މުހިންމު ސުވާލަކަށް ވެއްޖެއެވެ.

"ފެމިލީގައި ދޮންތަ ވަރަށް މޮޅަށް ކުރަހާނެ. އީމާ ކުޑައިރު ސްކޫލް ޓީޗަރުން ވެސް ބުނާނެ ކުރަހަން ވަރަށް މޮޅުވާނޭ. އެހެންވެ އެކަމުން ހިތްވަރު ލިބިގެން ވަރަށް ކުޑައިރުން ފެށިގެން ކުރަހަން. ވަރަށް ކުރާ ހިތްވާ ކަމެއް މިއީ," އީމާ ކިޔައިދިނެވެ.

އިނާމާއެކު އީމާ، އޭނާގެ ރަން ކުރެހުން ކައިރީގައި މަޑުކޮށްލައިގެން -އަދިވެސް ފޮޓޯ: އެލިޒީ

އީމާ މިދިޔަ އަހަރު ވަނީ ދޮންވެލިންވެސް ވަރަށް މޮޅު ކުރެހުމެއް ކުރަހައިފައެވެ. އެއީ ވެސް ގިނަ ބައެއްގެ ތައުރީފު ލިބުނު ކުރެހުމެކެވެ. އެއީ އދ.ގެ މޫސުމާ ބެހޭ ޕްރޮޖެކްޓަކަށް އޭނާގެ އަތްތިލައިން ވަގުތުން ކުރެހި ކުރެހުމެކެވެ.

ކިޔަވައި ނިމިގެން އީމާ އުންމީދުކުރަނީ އިންޓީރިއަރ ޑިޒައިނިން ނުވަތަ އާކިޓެކްޗަރ ދާއިރާއިން ކުރިއަށްދާށެވެ. އެއީ އޭނާގެ ފަންސުރުން، އަމިއްލަ ދިރިއުޅުމުގައި ތަފާތު ކުލަތައް ޖެއްސިދާނެ ރޮނގެއް ކަމަށް އީމާ ގަބޫލްކުރެއެވެ. ހިތްވަރުކޮށްފިއްޔ،ާ ވިއްސާރަދުނީގެ ކުލަތައް އޭނާގެ ހަޔާތުގައި ޖެއްސުން އެއީ އީމާއަށް އެހާ އުނދަގޫ ކަމަކަށްނުވާނެއެވެ. ހުރިހައި ވެސް ހެޔޮ އެދުންތަކެއް ވަނީ އީމާއާ އެކުގައެވެ.

އީމާގެ އިންސްޓަގްރާމް ފޮޓޯތަކުގެ ތެރެއިން…

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
311
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.