...

Support Us

ޕާޓީގެ އަސާސީ ޤަވާޢިދަށް ޢަމަލުނުކުރާ ބަޔަކު، ޤާނޫނުއަސާސީއަށް ޢަމަލުކުރާނެތަ؟

ދިވެހި ދައުލަތުގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީންކަމަށާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަޞްދަރުކަމަށް ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ، "ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރުމަށް ޤާނޫނުއަސާސީގެ 142 މާއްދާގައި ލާޒިމުކޮށްފައިވެއެވެ.

ފަނޑިޔާރުންނަކީ، ޤާނޫނުއަސާސީގެ ޖަދުވަލު 1 ގެ 5 ވަނައަށް އޮންނަ ހުވައި ކުރެއްވުމަށްފަހު މަޤާމަށް ޢައްޔަނުކުރެވޭ ބޭޅުންނެވެ. މާތް ﷲ ގަންދީކުރައްވާ ހުވަޔަކީ؛ (1) އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، (2) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ދެމެހެއްޓުމަށާއި، (3) ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، (4) މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް ކުރާ ހުވައެކެވެ.

ފަނޑިޔާރުންނެކޭ އެއްފަދައިން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކީވެސް، (1) އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، (2) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، (3) ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، (4) މެމްބަރެއްގެޙައިޘިއްޔަތުން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔެކެވެ.

ފޮޓޯ: އެމް.ޑީ.ޕީ/އެފް.ބީ

ދެން އޮތީ، ކޮންމެ ގޮތަކުން ނަމަވެސް، ދައުލަތް ހިންގުމުގެ ބާރުތަކަށް ސަވާރުވެގެން ތިބި "އިއްތިޙާދު ސަރުކާރުގެ" މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އަސާސީ ޤަވާޢިދެވެ. އަހުރެން ހިތުން، މި ޕާޓީގެ ކޮންމެ މެމްބަރަކުވެސް، މިޕާޓީއާއި ގުޅޭނީ، ޕާޓީގެ އަސާސީ ޤަވާޢިދު ޤަބޫލުކޮށްގެންނެވެ. ސުވާލަކީ، މި ޕާޓީގެ ކިތައް މެމްބަރުން ޕާޓީގެ އަސާސީ ޤަވާޢިދު ދެކި، ކިޔާ ހަދާފައިވޭ ބާވައެވެ؟

ޖޫން 30، 2018 ގައި ބޭއްވި، ޕާޓީގެ އާދަޔާއި ޚިލާފު ކޮންގްރެސްއިން އިޞްލާޙްކޮށް ފާސްކޮށްފައިވާ، ޕާޓީގެ އަސާސީ ޤާވާޢިދުގެ 10 ވަނަ މާއްދާ ފަށާފައިވަނީ، "ރައްޔިތުންގެ ކިބައިން ހޯދާ އަމާނަތެއްގެ މަތިން އެމްޑީޕީ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ވެރިކަން އޭގެ އިންޞާފުވެރި ހަމަގޮތުގައި ކުރުމަށެވެ." ތިލަކޮށް ބުނާނަމަ، އެމްޑީޕީ އިން ކުރާ ވެރިމަކެއް ކުރާނީ "ރަށްޔިތުންގެ ކިބައިން ހޯދާ އަމާނާތެއްގެ" ގޮތުގައެވެ. އެހެން ނަމަވެސް، ވެރިކަން އަތުޖެހުމުން ކަންކުރަނީ އެހެން ހެއްޔެވެ؟ ޕާޓީގެ ޢާއްމު މެންބަރެއްގެ ނުވަތަ ރައްޔިތެއް ޙައްޤެއް އޮތްކަން ދަނޭހެއްޔެވެ؟ ނުދަނެއެވެ.

މި މާއްދާގައި، އެމްޑީޕީ އިން ކުރާނެ ކަމަށް ބުނެފައިވާ އެހެނިހެން ކަންކަމަށްވެސް ބަލާލަމާހެއްޔެވެ؟

(ހ) މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދިނުން.

(ށ) ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުން.

(ނ) ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުން.

(ރ) ދިވެހިރާއްޖޭގައި ހުޅުވާލެވިގެންވާ، މިނިވަން ވިޔަފާރީގެ ގިއުގަނޑެއްގެ ތެރޭގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުން.

ވަރަށްވެސް ރަނގަޅު އަސާސްތަކެކެވެ. އެހެން ކަމުން، ޕާޓީން ކަނޑައަޅާފައިވާ، ވެރިކަން ކުރުމުގެ އަސާސްތަކަށް ވަކިވަކިން ބަލާލަމާހެއްޔެވެ؟

1. އަސާސީ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ، "މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދިނުމަށް" ކަނޑައަޅާފައި އޮތް އޮތުމަށް އެޕާޓީގައި ނަގާކިޔަން ތިބި، ޚާއްޞަކޮށް، ޕާޓީގެ އެއްމެ އިސްފަރާތް ކަމުގައިވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުވަތަ ޕާޓީގެ ރަޢީސް މުޙައްމަދު ނަޝީދުގެ ކިބައިން ފެނޭހެއްޔެވެ؟ ނުފެނެއެވެ. މުޅިންވެސް ފެންނަނީ މި އުޞޫލާ ކަނޑައެޅިގެން ޚިލާފަށް، އެހެން ޤައުމިއްޔަތެއް ގެނައުމަށް ވަކާލާތުކުރަމުންދާތަނެވެ. އެމްޑީޕީއަށް ވެރިކަން އަތުޖެހޭ ކޮންމެ ފަހަރަކު، އެންމެ ފުރަތަމަވެސް ފަށައިގަންނަނީ އިސްލާމްދީނާއި ބީރައްޓެހި ފިކުރުތައް ތަޢާރަފުކޮށް، ދަރިވަރުންގެ ހިތްތަކުން ދީނަށް އޮންނަ ލޯބި ފޮހެލުމަށެވެ. ރައްޔިތުންގެ ހިތްތަކުން ދީނުގެ ޢަޤީދާ ބަލިކަށިކޮށްލުމަށެވެ. ސުކޫލްތަކުގެ މަންހަޖުން ފެށިގެން ޤާނޫނުތަކަށްވެސް އަލްމާނީ ފިކުރުތައް ގެނެސްގަތުމަށެވެ. މި ސަރުކާރުގެ ތެރެއިން ފެންނަންފެށި އަނެއްކަމަކީ ކޯޓުތަކުން، އިސްލާމީ ޝަރީޢާ ކިޔަވައިވިދާޅުވެގެން ތިއްބެވި ބޭފުޅުން ބޭރުކުރުމެވެ. މިއީ އަލްމާނީ ސިޔާސަތު ތަންފީޒުކުރުމަށް ކޮށަމުންދާ އެންމެ ފަހުގެ މަރުޙަލާއެވެ. ކުރީގައި މިކަން ނުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ ނެތުމުންނެވެ.

2. ޕާޓީގެ އިސް ފަރާތްތަކުން، ޕާޓީގެ އަސާސީ ޤަވާޢިދާއި ކަނޑައެޅިގެން ޚިލާފަށް މަސައްކަތްކުރަމުންދާ އިރުވެސް، މި ފަރާތްތައް ޖަވާބުދާރީ ކުރުވަން ޕާޓީގެ ތެރެއިންވެސް، އަދި އިލެކްޝަންސް ކޮމިޝަނުންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މި މީހުން ޖަވާބުދާރީ ކުރުވުމަށް ޕާޓީގެ ތެރޭގައި އޮތީ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕާޓީގެ މެމްބަރުންނާއި (ޕީޖީ ގްރޫޕުންނާއި) ޤައުމީ މަޖިލީހެވެ. ނަމަވެސް، ޕީޖީ ގްރޫޕަކީވެސް، އަދި ޤައުމީ މަޖިލީހަކީވެސް ދެ ފީކުދާނެވެ. ނަޝީދަށް ޘަނާކިޔާ، ނަޝީދުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ނަޝީދުގެ ދެ "ކިޗަން ކެބިނެޓް" އެވެ. އެއީ ނަޝީދު  އަތްނެގި ގޮތަކަށް އަތްނަގަން ތިބޭ ބައެކެވެ. ނަޝީދުގެ ފިކުރާ ޚިލާފުވެއްޖެ ކޮންމެ މީހެއް ޕާޓީން ބޭރުކޮށް އެއްލާލާނެއެވެ. ޑރ. އިބްރާހީމް ދީދީ އާއި، އަލްހާނު ފަހުމީ އާއި ރީކޯ މޫސާ މަނިކާއި ފުރަހަނި ޝުޢައިބަކީ މިގޮތުން އެކަހެރިކޮށްލެވުނު، ޕާޓީއަށް ނުހަނު ބޮޑެތި ޚިދުމަތްކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. މި ޕާޓީގައި، ނަޝީދު ފިޔަވައި އެހެން ކޮންމެ މެމްބަރަކީ، އަދި ޚާއްޞަކޮށް، ނަޝީދުގެ ލީޑަރޝީޕަށް ޗެލެންޖުކުރާ، ނުވަތަ ޗެލެންޖްކޮށްފާނެ ކޮންމެ މީހަކީ "ޑިސްޕެންސަބަލް" މީހެކެވެ. ކޮންމެވެސް ބަހަނާއެއްގައި ބޭރުކޮށްލާނެއެވެ.

3. އަސާސީ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވަނީ "ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުން" ކަމަށް ވިއަސް، މި ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސިޔާދަތު ދިފާޢުކޮށް، އިސްތިޤްލާލު ދެމެހެއްޓުމަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ކުރާ ކަންކަމުން ފެންނަނީ ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާކޮށް، ޤައުމަށް ޤައްދާރުވަމުންދާތަނެވެ. އެމްޑީޕީ އަކީ ހިންގުމުގެ ނިޡާމުގައި ޗެކް އެންޑް ބެލެންސް ސިސްޓަމްތަކެއް ޤާއިމުކުރެވިފައި އޮތް ޕާޓީއެއް ނަމަވެސް، ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި ކުޅެމުންދާއިރުވެސް، ޕާޓީގެ ތެރޭގައި އެއްވެސް ވަރެއްގެ މަޝްވަރާއެއް ކުރާނެ ނުވަތަ ކުރެވޭނެ ފުރުޞަތެއް ނޯވެއެވެ. ކަން ކުރަނީ ޕާޓީގެ ރައީސް ނަޝީދު ހިތަށްއެރި ގޮތަކަށެވެ. ސަރުކާރުގައި ތިބެގެންވެސް، އަދި އިދިކޮޅުގައި ތިބެގެންވެސް، މި ޕާޓީން ޢަމަލުކޮށްފައިވަނީ، އަދި މިހާރުވެސް ޢަމަލުކުރަމުންދަނީ އެމެރިކާއާއި އިންޑިއާގެ މަޞްލަޙަތު އިސްކޮށްގެން، މި ދެޤައުމުގެ މަޞްލަޙަތަށްޓަކައި، އަމިއްލަ ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ޤުރުބާންކުރަމުންދާ ތަނެވެ. މިފަދަ ކަމެއްގައިވެސް، 50،000 މެމްބަރުން ތިބިކަމަށް ދަޢުވާކުރާ "ސިޔާސީ" ޕާޓީއެއްގެ ތެރެއިން، ޤައުމުގެ ދިފާޢުގައި، އަދި ޤައުމުގެ މަޞްލަޙަތުގައި، ބަހެއްބުނެލަން ކެރުނު އެންމެ މެމްބަރެއްވެސް ނެތެވެ. ސިޔާސީ ޕާޓީއަކަށްވުރެ، އެމްޑީޕީ އަކީ ނަމުން ޑިމޮކްރެޓިކް، ކަމުން ޚުދުމުޚުތާރު ކަލްޓެކެވެ. މެމްބަރުންނަށް އޮންނަހާވެސް މަސައްކަތަކީ މަގުތަކަށް ނުކުމެ ހޯބޯލެވުމެވެ. މި ނޫން ކަމެއްގައި، ޕާޓީގެ ލީޑަރޝިޕުން ޕާޓީގެ މެމްބަރުންގެ ބޭނުމެއްނުހިފައެވެ.

4. އަސާސީ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައި "ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދަމަހައްޓާނެ" ކަމަށް ބުނެފައި އޮތަސް، ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުންދާ ގޮތުންނާއި ޕާޓީގެ ބޮޑުން ދައްކާ ވާހަކަތައް ނުހުއްޓުވައިފިނަމަ، ދިވެހިރާއްޖޭގައި މިހާރު މިއޮތް އަމާންކަމާއި ޞުލްޙައެއް ނޯންނާނެއެވެ. މާޡީގައި ކަންހިނގާފައިވާ ގޮތައް ބަލާއިރު، ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނު މީހުން މި ސަރަޙައްދަށް ވަނީ އިނގެރޭސީންގެ ހަނގުރާމަ މަތީ މަރުކަޒެއް މި ރާއްޖޭގައި އޮތީމައެވެ. އަދި ހަމަ އެހެންމެ، ޖަޕާނަށް އުފުލަމުން ދިޔަ ތެލާއި މަޢުދަނާއި އެހެނިހެން މުދާ ހުރަސްކުރަމުންދިޔައީ މި ސަރަޙައްދުން ކަމަށް ވެފައި، މި ވިޔަފާރިއަށް އެމެރިކާ އާއި އިނގެރޭސީން ހުރަސް އަޅަންފެށުމުންނެވެ. އެންމެ ފަހުން ޖަޕާނަށް މަޖުބޫރުވީ އެމީހުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި މި ސަރަޙައްދަށް ވަނުމަށެވެ. ދެން ކަންވެގެންދިޔަގޮތް އެއޮތީ ތާރީޚުން ފެންނާށެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މިއަދު ދުނިޔޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދީ ބާރަކީ ޗައިނާއެވެ. އެމެރިކާ ރުހުނަސް ނުރުހުނަސް، ޗައިނާ ހުއްޓުވުމުގެ މާލީ އަދި މިލިޓަރީ ބާރެއް ނުވަތަ ޤާބިލުކަމެއް މިއަދު އެމެރިކާއަށް ލިބިގެނެއް ނުވެއެވެ. އިންޑިއާ ކަނޑަކީ 1،300،000 އަކަ ކިލޯމީޓަރުގެ ބިޔަ ސަރަޙައްދެކެވެ. މި ބިޔަ ސަރަޙައްދު ހުރަސްކޮށް އަހަރަކު ތިން ޓްރިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ހިނގައެވެ. އަދި ޗައިނާއަށް އެތެރެކުރެވޭ ތެލުގެ 80 އިންސައްތަ އުފުލަނީ މި ސަރަޙައްދު ހުރަސްކޮށެވެ. ދުނިޔޭގައި ކުރެވޭ ކަނޑުބޯޓުފަހަރުގެ ދަތުރުތަކަށް ބަލާއިރު، 33 އިންސައްތަ ދަތުރުކުރަނީވެސް މި ސަރަޙައްދުގެ ތެރެއިންނެވެ. އެހެން ކަމުން، ޗައިނާގެ މިނިވަން ވިޔަފާރިއަށް ހުރަސްއެޅުމަށް އެމެރިކާ އިސްވެ އޮވެ، އިންޑިއާ ލައްވާ މިކުޅޭ ކުޅިއަށް ޗައިނާއިން ފާރަވެރިނުވެ ނޯންނާނެއެވެ.

ބިޔަ ބޮޑު ދެބާރުގެ މެދުގައި ހިނގަމުން މިދާ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވެއްދުމަށް، އެމްޑީޕީއިން ޙިޞާރުކޮށްފައިމިވާ ޚުދުމުޚުތާރު ވެރިމަކުގެ ފަރާތުން ކުރަމުން މިގެންދަނީ ވަރަށްވެސް ނުރައްކާތެރި، ނޭއްގާނީ ކަންތައްތަކެކެވެ. އެކަންކަމުގެ ސަބަބުން، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސް ކަމަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ހުރަސްއެޅޭނެ ކަންކަމެވެ.

ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަކީ ޕާޓީން ކުރާނެ ކަމެއް ކަމަށް ފޮތުގަ ލިޔެފަ އޮތަސް، ކަންކުރަނީ ދިމާ އިދިކޮޅަށެވެ. މިކަން މިމީހުން ހީކުރިވަރަށްވުރެ އަވަހަށް ރައްޔިތުންގެ ސަމާލުކަމަށް އައިސްފައިވާތީ، ރައްޔިތުން ހަންމަތަކުރަން އެބަޖެހެއެވެ. މިކަން ކުރެވެން އަންނަނީ ޚުދުމުޚުތާރު ވެރިކަމެއްގެ ތެރެއިންނެވެ. ޚުދުމުޚުތާރު ވެރިކަމަކީ، އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ދަމަހައްޓައިގެން ކުރެވޭނެ ވެރިކަމެއް ނޫނެވެ. ޚުދުމުޚުތާރު ވެރިކަމެއް ދަމަހައްޓަން ދުޝްމަނެއް ނުވަތަ ބިރެއް އުފަންކުރަން ޖެހެއެވެ. މިކަން ކުރުމުގެ ދެ ބޭނުމެއް އޮވެއެވެ. އެއް ބޭނުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މުޅި ރައްޔިތުން ހަންމަތަކޮށްފައި ބޭއްވުމެވެ. ދެވަނަ ބޭނުމަކީ ހަރުކަށި ޤަނޫނުތައް ތަޢާރަފުކޮށް، ރައްޔިތުންގެ ޙައްޤުތައް ފޭރިގަތުމެވެ. މިކަމަށް ނަޝީދު އުފަންކޮށްގެން އުޅޭ ދެ ދުޝްމަނުންނަކީ "ހަރުކަށި ފިކުރާއި" "އަނދިރި ދައުލަތެވެ." މި "ވާރޗުއަލް" ދުޝްމަނުންގެ ރިމޯޓް ގެންގުޅެނީވެސް ޚުދު ނަޝީދެވެ. އަދި މި ދެ ދުޝްމަނުންގެ "މޯޑަސް އޮޕަރަންޑީ" ކަނޑައަޅަނީވެސް ނަޝީދެވެ. އެހެން ކަމުން، ވަގުތު ފާއިތުނުވަނީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞޯލިޙު ކުޅެމުން މިދާ ނުރައްކާތެރި ސިޔާސީ ޗަރުކޭސް ހުއްޓުވަންޖެހެއެވެ. މިއީ ޤައުމީ ވާޖިބެކެވެ.

5. އަސާސީ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ރ) ގައި "ދިވެހިރާއްޖޭގައި ހުޅުވާލެވިގެންވާ، މިނިވަން ވިޔަފާރީގެ ގިއުގަނޑެއްގެ ތެރޭގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރާނެ" ކަމަށް އޮތަސް، އިދިކޮޅުގައި ތިބެގެންވެސް ވަކާލާތުކުރަމުންދިޔައީ މި އަސާސްއާއި ކަނޑައެޅިގެން ޚިލާފަށެވެ.

ރާއްޖެއަކީ ފަސް ލައްކަ ވެސް ހަމަނުވާ އާބާދީއެއް ދިރިއުޅެމުން އަންނަ ޖަޒީރާ ޤައުމެކެވެ. ރާއްޖޭގެ ޖިއޮގްރަފިކް ސަރަޙައްދުގެ ބޮޑުމިނަކީ 90،000 އަކަ ކިލޯމީޓަރެވެ. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޮޑުމިނަކީ 1،000،000 (އެއް މިލިއަން) އަކަ ކިލޯމީޓަރެވެ. މައިގަނޑު އިޤްތިޞާދީ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. އެކްސްޕޯޓް ބިނާވެފަ އޮތީ މައިގަނޑު ގޮތެއްގައި ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކުގެ މައްޗަށެވެ. އެންމެ ގިނަ ބަޔަކު ވަޡީފާ އަދާކުރާ ދެ ޞިނާޢަތަކީވެސް މަސްވެރިކަމުގެ ޞިނާޢަތާއި ފަތުރުވެރިކަމުގެ ޞިނާޢަތެވެ. މިއާއި ޚިލާފަށް، ދިވެހިންނަކީ ދަތްކޮށްޓާ އިލޮށިކޮޅުން ފެށިގެން އެންމެ ފަހުގެ ފޯނަށް ދާންދެން އިމްޕޯރޓްކުރާ ބައެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރުފައިސާ އެތެރެކޮށްދޭ ދެ ޞިނާޢަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ.

ކަސްޓަމްސްގެ 2018 ވަނައަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެކްސްޕޯރޓް ކުރެވިފައިވާ މައިގަނޑު ބާވަތްތަކަކީ، ކުރިންވެސް ދެންނެވިހެން، ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކެވެ. ރާއްޖޭގެ އެކްސްޕޯރޓް މުދާ (މަހުގެ ބާވަތްތައް) އެކްސްޕޯރޓްކުރެވިފައިވާ ޤައުމުތަކަށް ބަލާއިރު، ލިސްޓްގެ އެންމެ މަތީގައި އުޅޭ ފަސް ޤައުމަކީ ތައިލެންޑް (USD 65.3m)، އޮމާން (USD 32.4m)، ޖަރުމަނުވިލާތް (USD 23.7)، އެމެރިކާ (USD 19.3m)، ފްރާންސް (USD 17.5) އެވެ.

ރާއްޖެއަށް މުދާއެތެރެކުރެވޭ (އިމްޕޯޓްކުރެވޭ) ޤައުމުތަކަށް ބަލާއިރު، ލިސްޓްގެ އެންމެ ކުރީގައި އޮތް 5 ޤައުމަކީ ޔުނައިޓަޑް އެރެބް އެމިރޭޓްސް/ޔޫ.އޭ.އީ. (USD 544m)، ޗައިނާ (USD 507m)، ސިންގަޕޫރު (USD 379m)، އިންޑިއާ (USD262m)، މެލޭޝިއާ (USD222m) އެވެ.މި މަޢުޞޫޢަކީ ތަންކޮޅެއް ތަފްޞީލުކޮށް ގެންނަަން ބޭނުންވާ މަޢުޞޫއެއްކަމުން، އެހެން ލިޔުމެއްގައި، މި އަސާސްގެ މައްޗަށް ބަލާލާނަމެވެ.

މިކަން މިހެން އޮތްނަމަވެސް، އިދިކޮޅުގައި ތިބެގެންވެސް ޗައިނާއާއި ޖެހިގެންފިއެވެ. ވެރިކަން ހަމަ އަތުޖެހުމުން ފުރަތަމަ ވެސް އުޢުލާނުކުރީ ޗައިނާގެ މަޝްރޫޢުތައް ހުއްޓާލާނެ ވާހަކައާއި، ޗައިނާއާއި އެކު އޮތް މިނިވަން ފިޔަފާރީގެ އެއްބަސްވުން އުވާލާނެ ވާހަކައެވެ. އެވަރުންވެސް ފުއްދާލީއަކީ ނޫނެވެ. ޗައިނާއިން ރާއްޖެއަށް އެހީވެފައިވާ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ޗައިނާއިން ވަނީ ދަރަނީގެ ދަންތުރައެއްގައި މި ޤައުމު ޖައްސާފައި ކަމަށް ބުނެ ޗައިނާ ބަދުނާމުކޮށް، ޗައިނާއަށް ޙައްޤުނޫން އެތައް ދޮގު އިލްޒާމުތަކެއް ޗައިނާގެ ބޮލުގައި އަޅުވައި، ޗައިނާގެ ޟަމީރަށް އަނިޔާކުރީއެވެ.

އެހެންކަމުން، އެބައެއްގެ އެހީގައި ވެރިކަން އަތުޖެހުނު އިންޑިއާ ރުއްސުމަށްޓަކައި، "ހުޅުވާލެވިގެންވާ، މިނިވަން ވިޔަފާރީގެ ގިއުގަނޑެއްގެ ތެރޭގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރެވެން އޮތް" ހުރިހާ ދޮރުތަކެއް މިސަރުކާރަށް ވަނީ ބަންދުވެފައެވެ.

ދެ އަހަރުވާއިރު، މި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ޗައިނާއަށް ޒިޔާރަތްވެސް ކޮށްނުލެވުނެވެ. ކުރުކޮށް ދަންނަވާނަމަ، "ހުޅުވާލެވިގެންވާ، މިނިވަން ވިޔަފާރީގެ ގިއުގަނޑެއްގެ ތެރޭގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރެވޭނެ" އެއްވެސް ފުރުޞަތެއް މިސަރުކާރަކަށްނެތެވެ. އެއަށްވުރެ މިސަރުކާރު އޮތީ އިންޑިއާގެ އުނގުގައި ތާށިވެފައެވެ.

އަސާސީ ޤަވާޢިދުގައި ހިމެނޭ މިހާ މުހިއްމު ކަންކަމާއި ޕާޓީގެ ވެރިން ޚިލާފުވަމުންދާއިރުވެސް، މިއިން މީހަކު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ބާރެއް، ޕާޓީގެ އެއްވެސް ގުނަވަނަކަށް ލިބިގެނެއްނުވެއެވެ. މިވަރުގެ ޕާޓީއެއްގައި، ޢާއްމު މެމްބަރަކަށް ޢަމުދުން އޮންނާނީ ކޮން ބާރެއްހެއްޔެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.