...

Support Us

ކޮލަމް: ކެޔޮނިރު

ރާއްޖޭގެ ބިރުވެރި، އަޅުވެތި ކުރިމަގު!

ވަށައިގެން ވަނީ ހަނުހިމޭންކަމެވެ. ރޭގަނޑުގެ އަނދިރިކަންވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ. އަނދިރި، ކަޅުފޮއެ ރެއެެކެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ތަނަކީ ރާއްޖޭގެ ދެކުނުން، ލާމު އަތޮޅު ކައްދޫ އެއާޕޯޓްގެ ރަންވޭއެވެ. ރަންވޭގައި ޕާކް ކޮށްފައި އޮތް އިންޑިއާ އެއާފޯސްގެ ހެލިކޮޕްޓަރަށް އިންޑިއާ ސިފައިންގެ ޕައިލެޓަކާއި ކޯޕައިލެޓެއް އެރުމާއިއެކީ ހެލިކޮޕްޓަރުގެ ބަރު ބުރަފަތި މަޑުމަޑުން އެނބުރެން ފެށިއެވެ. ކަޅުފޮއެ ރޭގެ، ވައިމަޑު، ހަމަހިމޭންކަމުގެ ތެރެއަށް ބިރުވެރި ބޮޑުގޮހޮޑާއެއްގެ ހަޅޭކުގެ އަޑު ފެތުރިގެން ދިޔަފަދަ އެވެ. އެހަޅޭކުގެ އަޑާއިއެކު އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރު މަޑުމަޑުން އުދުއްސާލިއެވެ. ނަމުން ބުނާ ގޮތުން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެކެވެ. ނަމަވެސް އެ އަނދިރިރޭ އެހެލިކޮޕްޓަރު ދަނީ ކޮންތަނަކަށް ކަމެއް، ކުރަނީ ކޮންކަމެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ދިވެހިރާއްޖޭގެ ވައިގެ ބަނދަރަކުން ފުރައިގެން އެ ނައްޓާލީ އިންޑިއާގެ ވައިގެ ސިފައިންގެ އުޅަނދެކެވެ. ދުއްވަނީ އިންޑިއާގެ ވައިގެ ސިފައިންނެވެ. ދާ ތަނެއް، ކުރާ ކަމެއް ނޭނގެއެވެ.

ހެލިކޮޕްޓަރު ނައްޓާލައިގެން ގޮސް ޖައްވުގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނެވެ. ރަތްކުލައިގެ ކުޑަކުޑަ ތިއްކަކަށް ވެއްޖެއެވެ. ހެލިކޮޕްޓަރުގެ އަޑު ފަނޑުވިއެވެ. އިންޑިއާގެ ހެލިކޮޕްޓަރ ރޭގަނޑު ދަނވަރު މިފަދައިން އުދުހޭ އަޑު ލާމު އަތޮޅު މީހުންނަށް ވަރަށް ގިނައިން އިވެއެވެ. އަދި އައްޑޫ ސިޓީ ގަމުގެ އެއާޕޯޓްގައި އޮންނަ އިންޑިއާގެ މިފަދަ ދެ ހެލިކޮޕްޓަރު ރޭގަނޑު އުދުހޭ އަޑު އައްޑޫ މީހުންނަށް ވެސް ވަރަށް ގިނައިން އިވެއެވެ.

ކައްދޫ އެއާޕޯޓުން ނައްޓާލި ހެލިކޮޕްޓަރުގެ މިސްރާބު ހުރީ ލާމު އަތޮޅާއި ހުވަދޫ އަތޮޅާއި ދެމެދު އޮންނަ "ވަން އެންޑް ހާފް ޑިގްރީ ޗެނެލް" ނުވަތަ ހުވަދޫ ކަނޑާ ދިމާއަށެވެ. މިއީ ގާތްގަނޑަކަށް 160 މޭލު ފުޅާ ކަނޑެކެވެ. އެރޭގެ އަނދިރިކަމުގެ ތެރެއިން ހުވަދޫ ކަނޑާ ދިމާލުން ބޭރުން، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ މަނަވަރެއް ވަދެއެވެ. ހެލިކޮޕްޓަރ ގޮސް ޖައްސަނީ އެ މަނަވަރަށެވެ. އެއާއެކު އިންޑިއާގެ ދެޕައިލެޓުން ހެލިކޮޕްޓަރުން ފައިބައިގެން ގޮސް މަނަވަރުގައި ތިބި އިންޑިއާ ސިފައިންގެ ބަޔަކާ މަޝަވަރާތަކެއް ކުރުމަށް ފަހު އެނބުރި ހެލިކޮޕްޓަރަށް އަރައެވެ. އަދި ބޮޑެތި ލަކުޑި ފޮށިގަނޑުތަކެއް ހެލިކޮޕްޓަރަށް އަރުވައެވެ. އެއީ ކޮންއެއްޗެއް ކަމެއް ސާފެއް ނުވެއެވެ. އެތަކެތި ގޮސް ބާލަނީ ކައްދޫގައި އިންޑިއާ ސިފައިން ތިބޭ ތަނަށެވެ.

އަނެއް ދުވަހުގެ އިރު އަރައެވެ. އިންޑިއާ ސިފައިން ކަސްރަތަށް ދުވަން ފަށައެވެ. ފެންވަރައިގެން ހެނދުނުގެ ނާސްތާ އަށް އޮފިސާސް މެސް އަށް ދެއެވެ. ކުރީރޭ ހިނގި އެއްވެސް ކަމެއް އެހެން މީހުންނަށް ރޭކާލީ ކަމެއް ނޭނގެއެވެ. ނުވަތަ ރޭކާލީ ބަޔަކަށްވެސް އެވާހަކަ ދައްކާކަށް ނުކެރެއެވެ. އެއީ ޤައުމީ ސަލާމަތުގެ ނިވާފަށްގަނޑުގައި ފިލާ ތިބެ ބަޔަކު ހިންގަމުންދާ ބިރުވެރި ކަންތައްތަކެކެވެ. ދިވެހި ސަރުކާރުން އިންޑިއާ އަށް މި ޤައުމު އަޅުވެތި ކުރަމުން ވިއްކަމުންދާ ދިއުމާ ދެކޮޅަށް ދިވެހި ރައްޔިތުން އިހްތިޖާޖެއް ކޮށްފިނަމަ ދިވެހި ރައްޔިތުން މައިތިރި ކުރަން ކާފިއު ހިންގާނީ އިންޑިއާ ސިފައިންބާވައޭ ހިތަށް އަރަންޖެހޭ ސަބަބަކީ މިއީ އެވެ. އައްޑޫ ސިޓީ، ލާމު އަތޮޅު، އަދި ރާއްޖޭގެ އުތުރުން ހަނިމާދޫ އާއި ދައްޕަރު ފަދަ ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ދަނީ މަޑުމަޑުން ރުކުރުވާލެވެމުންނެވެ. ރާއްޖޭގެ ހުރިހާ ކަމަކާ އިންޑިއާ އެމްބަސީން އަދި އިންޑިއާ ސަރުކާރުން ދަނީ ބެހެމުންނެވެ. އެކި ނަންނަމުގައި ނަގާ ލޯނުތަކުން ދިވެހި ދައުލަތް ދަނީ އިންޑިއާ އަށް ދަރަނިވެރިވެ، ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ޖެހެމުންނެވެ. މިސާލަކަށް، ދިވެހީންނަށް ޖެހިފައި މިއޮތީ އެތައް މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އިންޑިއާ މީހުން ކްރިކެެޓް ކުޅޭނެ ކްރިކެޓް ސްޓޭޑިއަމެއް ހުޅުމާލޭއިގައި އަޅާށެވެ. ލޯނު ދައްކާނީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ.

އިންޑިއާ އާއި އެމެރިކާ ގުޅިގެން ދިވެހި ސަރުކާރާ ކުރަމުންދާ ސިއްރު މަޝްވަރާ ތަކުގައި، ދިވެހި ޤައުމަށް ބޯދަމައިނުގަނެވޭ ވަރުގެ އެގްރީމެންޓް ތަކެއްގައި ސޮއި ކުރުމަށް ދަނީ ރޭވެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސްކަން ގެއްލުމުގެ ކުރީން މިފަދަ އެގްރީމެންޓް ތަކުގައި އަވަސް އަރުވާލައިގެން، ސިއްރުން ސޮއިކުރުމަށްޓަކައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ފޮރިން މިނިސްޓަރ) 28 އޮކްޓޯބަރވާ ބުދަ ދުވަހު ރާއްޖެ އެބަ ވަޑައިގަނެއެވެ. ރައްޔިތުންގެ ގިނަ ބަޔަކަށް ވާނުވާ ރޭކާވެސް ނުލައެވެ. ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ރައީސް ނަޝީދު މިކުޅޭ ނުރައްކާތެރި ސިޔާސީ ގޭމް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ފަހުމުވެސް ނުވެއެވެ. "އިންޑިއާ-އައުޓް" އޭގޮވާ ގިނަ މީހުންނަށް ވެސް ފަހުމް ވަނީ އަސްލު ބޮޑު މަންޒަރުގެ ކުޑަ މިންވަރެކެވެ. ބޮޑު މަންޒަރު އޮތީ ރައީސް ސޯލިހާއި މޯދީ އާއި ޓްރަމްޕާއި ނަތަންޔާހޫ އާއި ބޮރިސް ޖޯންސަންގެ ސިކުނޑީގައި ބިންވަޅު ނަގާފައެވެ. ދިވެހީން ވެގެން މިދަނީ ބާރެއް ނެތް މަނާ ތަކަކަށެވެ. ތަރައްޤީގެ ނަމުގައި މިހަދަނީ ރީތި ކޮށި ތަކެކެވެ. ދިވެހީން ވާނީ ރީތި ކޮށިތަކެއްގައި ބަންދު ކުރެވިފައިވާ އަޅު ދޫނިތަކަކަށެވެ. ބޭނުމީ ވަލުތެރޭގައި މިނިވަންކަމާއި އެކު އުދުހެވޭ އާދައިގެ ދޫނިތަކަކަށް ވާންހެއްޔެވެ؟ ނުވަތަ ގިރިޓީކޮށްފައިވާ ރީތި، މޮޅު ކޮއްޓެއްގައި ބައިންދާފައި އިންނަ، މިނިވަންކަމެއް ނެތް ދޫނިތަކަކަށް ވާންހެއްޔެވެ؟

ދިވެހީންގެ ކުރިމަގު ކަނޑައެޅުމުގެ ފުރުސަތު ދިވެހީންނަށް ނުދީ، ޤައުމީ ސަލާމަތުގެ ނިވާފައްގަނޑުގައި ފިލައިތިބެ މިކުޅެވޭ ސިޔާސީ، އިގްތިސޯދީ އަދި އަސްކަރީ ޗަރުކޭހާ މެދު ދިވެހީން ވިސްނައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މަދު ދުވަސްކޮޅެއްގެތެރޭ ދެން ހޯދައި ނުފެންނަ ވަރަށް ދިވެހި ޤައުމު ދިވެހީންގެ ބާރުގެ ދަށުން ބީވެގެން ހިނގައިދާނެއެވެ.

އަނެއްކާވެސް އެއްކަލަ ކަހަލަ ކަޅުފޮއެ، ވައިމަޑުު، އަނދިރި ރެއެކެވެ. އިންޑިއާގެ ހެލިކޮޕްޓަރެއް މިފަހަރު އުދުއްސާލީ އައްޑޫ ސިޓީގެ ގަމުގެ ވައިގެ ބަނދަރުންނެވެ. މިސްރާބް ހުރީ އައްޑޫގެ ދެކުނުން އޮތް އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމުގައިވާ ޑިއަގޯ ގާޝިއާއާ ދިމާއަށެވެ. ހެލިކޮޕްޓަރ ގޮސް ޖެއްސީ ޑިއަގޯ ގާޝީއާގެ އަސްކަރީ ވައިގެ ބަނދަރަކަށެވެ. ކަން ހިނގީ ހަމަ ހުވަދޫ ކަނޑުގައިވެސް ހިނގި ގޮތަށެވެ. ހެލިކޮޕްޓަރ އައިސް ގަމަށް ބޭލި ފޮށިތަކުގައި ހުރި އެއްޗެއް އެހެން ބަޔަކަށް ނޭނގެއެވެ. ދިވެހީންގެ ބާރެއް ނެތި ދިވެހި ޤައުމުގެ ކުރިމަގު މިއޮއްގެން ބަޔަކު ވަގަށް ނަގަނީއެވެ. ދިވެހީންގެ ގިނަބަޔަކު ގަދަ ނިދީގައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕަމްޕިއޯ 28 އޮކްޓޯބަރވާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާތާ ބަރާބަރު 13 ދުވަސް ފަހުން، 10 ނޮވެމްބަރުވާ އަންގާރަ ދުވަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާޝް ވަރުދަން ޝްރިންގްލާ ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއީ އިއްތިފާގެއް ނޫނެވެ. ވަރަށް ފުރިހަމައަށް ރޭވިފައިވާ ތާވަލެއްގެ ދަށުން، އަވަސް އަރުވާލާފައި ކުރިއަށް ގެންދެވޭ ޕްލޭނެކެވެ. ދިވެހީންނަކަށް 2023 އެއް ނުލިބޭނެއެވެ. ޤައުމު ސަލާމަތް ކުރަން އޮތް ވަގުތަކީ މިހާރެވެ. މިވަގުތެވެ. މިއަދެވެ. މާދަމާ ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
72152

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *