...

Support Us

ވާހަކަ: ޔުކްތާ – 15

ނަމަވެސް އޭނާ ދިފާއުގައި ބަހެއް ނުބުނީ ހިތްހަމަ ނުޖެހޭތީ އެއްނޫނެވެ.  އޭނާ އަނޫއާއި ދިމާއަށް އެއްޗެކޭ ނުބުނީ މިޒާޖުގައި އެގޮތް ނެތީތީއެވެ. އޭނާ ހިތްހަމަ ޖައްސާލީ އާރިޒް އޭނާދެކެ ލޯބިވާކަން ގަބޫލު ކުރެވޭތީއެވެ. އޭނާ ބަލިވެއުޅޭ ވަގުތު ތަކުގައި އާރިޒުގެ އޯގާވެރިކަމާއި އަޅާލުން ލިބޭތީއެވެ. އާރިޒުގެ ފަރާތުން ރައްކާތެރިކަން އިހުސާސް ކުރެވޭތީއެވެ.

ވިއްސާރަ ރެއެކެވެ. އާރިޒަށް ގެއަށް އާދެވުނީ ވަރަށް ދަންވީފަހުންނެވެ. ބޯކޮށް ވާރޭވެހޭތީ އާރިޒަށް ކާރުން ނުފޭބިފައި އިނެވެ. އޭނާ ގެއަށް ފޯނުކޮށް ޔުކްތާ ގާތު ކުޑަ ނެރުމަށް ބުންޏެވެ. ޔުކްތާ ބޯ ވާރޭތެރޭ ކުޑަހިފައިގެން ނިކުތެވެ. އާރިޒު ކާރުން ފައިބައިގެން ކުޑަދޮށަށްވަނެވެ. ދެމީހުން އެއްކުޑައެއްގެ ދަށުގައި ތިބީ ޖެހި ފިތިގެންނެވެ. ކުއްލިއަކަށް ގަދަވައިރޯޅިއެއްގެ ސަބަބުން ކުޑަ އަނެއްފަރާތަށް ލެނބި ހަލާކުވެއްޖެއެވެ. އާރިޒު ޔުކްތާގެ އަތުގައި ހިފާ ގެއަށް ވަނުމަށްޓަކައި ދުއްވައިގަތެވެ. ގެއަށް ވަދެވުނުތަނާހެން ގަދައަށް ވިދާލުމަށްފަހު ބާރު ގުގުރިއެއްގެ އަޑު ޔުކްތާ ސިއްސުވާލިއެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ. ދެކަންފަތުގައި އަތް އަޅައި އިށީނދެވުނެވެ. އާރިޒުގެ ހިތަށް އޯގާތެރިކަންވަނީ ޔުކްތާއަށް ކޮށްފައިވާ އަސަރުންނެވެ. ގަދަ އަޑެއް އިވުނަސް އެފަކީރު ބިރުގަނެއެވެ. އާރިޒު ހިތުގައި އެނިކަމެތި ކުއްޖާއަށް އޭގެ އެންމެ ފުންމިނަށް ހަމުދަރުދީ ވެވުނެވެ. އޭނާ ޔުކްތާ ކޮނޑުގައި ހިފާނެގިއެވެ.

ހަމަ އެހިނދުކޮޅު ގެއިން ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ. އާރިޒަށް ޔުކްތާ ދޫކޮށްލެވުނީ ޔުކްތާ ދުރަށް ޖެހިލުމުންނެވެ.

"ސޮރީ… އުއްބައްތިއެއް ނުހުންނާނެތަ؟" އާރިޒު އަވަހަށް ބުނެލިއެވެ.

"އުއްބައްތި ހުންނާނީ ބަދިގޭގައި. މި އަނދިރީގައި ދާނީ ކިހިނެއް." ޔުކްތާ މިހާރަކު ޖެހިލުމެއް ނުވެއެވެ. އާރިޒު ހުރުމުން އޭނާއަށް ރައްކާތެރިކަން އިހުސާސް ވެއެވެ.

"އަހަރެންނާއެކު ހިނގާ." އާރިޒް ޔުކްތާގެ އަތުގައި ހިފާ ހިނގައިގަތެވެ. ދެމީހުން ތަންތަނުގައި އަތްކާތަމުން ދިޔައެވެ. ބަދިގެއަށް ވަދެވުނު ތަނާ  ޔުކްތާ ގޮޑީގައި އަޅައިގަތެވެ.

"ތަދުވިތަ؟" އާރިޒު ޔުކްތާގެ އަތުގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓާލިއެވެ.

"އެންމެ ދެ އުއްބައްތި އޮތީ؟" ހަމައެވަގުތު ޔުކްތާ އަށް އުއްބައްތި ލިބުނެވެ. ކުރީ ދުވަހު ކައިރީ ހުރި ކަބަޑަށް އުއްބައްތި ލީ ޝިޔާއެވެ.

"އެކަތި ޝިޔާކޮޓަރިއަށް ލާންވާނެ. އޭނާއަށް ހޭލެވިއްޖެއްޔާ ރޯނެ."  ޝިޔާ ކޮޓަރިއަށް އުއްބައްތި ގެންދަން ހިނގައިގަތެވެ.

ދެމީހުން މަޑު ހިނގުމެއްގައި ޝިޔާ ކޮޓަރިއަށް ދިޔައެވެ. އެދެމީހުންގެ މެދުގައިވަނީ ހިމޭންކަމެވެ. އޭނާ ޝިޔާގެ ކޮންޕިއުޓަރު ކައިރީ އުއްބައްތި ބަހައްޓަމުން ބުންޏެވެ.

"ދެން ކޭންބައްލަވަން ހިންގަވާ." އާރިޒާއި ދިމާއަށް އޭނާ އެނބުރިލިއެވެ. އާރިޒުގެ ނަޒަރު ވަނީ ޔުކްތާ އަށް ހުއްޓިފައެވެ. ކުރު  ހެދުމެއްލާފައިވާ ޔުކްތާ އޭރުވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ތުނި ހުދުކުލައިގެ ހެދުން އޭނާ ގައިގާ ވަނީ ތަތްލާފައެވެ. ބާރަށް ދުއްވައިގެން އިރު އޭނާގެ ބޮލުގައި ޖަހާފައިވާ ހުޅި ވަނީ ނެއްޓިފައެވެ. އެ ފަން ދިގު އިސްތަށިގަނޑު ވަނީ ތެމިފައެވެ. ހާމައަށް ދޫކޮށްލެވިފައިވާ ފަން އިސްތަށިގަނޑުވަނީ  ޔުކްތާގެ ފުރިހަމަކަން އޭގެ އިންތިހާއަށް ގެނުވައިދީފައެވެ. އުއްބައްތި އަލީގައި ޔުކްތާ ފެންނަނީ ނުހަނު ހިތްގައިމު ރީތިކަމެކެވެ. އޭނާގެ ދޮންމޫނާއި ރީތި ތުންފަތުގައި މި ހިމޭންކަމުގައި އާރިޒަށް ވަނީ އާދަޔާޚިލާފު އަސަރެއް ކުރުވައިފައެވެ. ކިތަންމެ ކެތްތެރި ފިރިހެނަކަށްވެސް ޔުކްތާގެ ފުރިހަމަ އަންހެންވަންތަކަމުގައި އެ ހިމޭން ކަމުގައި ނުހުރެވޭނެއެވެ.

"މިރެއަކު ކާހިތެއްނެތް." އާރިޒު އަދިވެސް ހިތްވަރު ކުރެވޭތޯ ބެލިއެވެ.

"އެކަމަކު…." އާރިޒު ބަލަން ހުރިގޮތުން އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އާރިޒުގެ އެ ބެލުމަކީ އޭނާގެ ހަށިގަނޑުގެ އެންމެ ފުނަށް އަސަރު ކުރުވާ ބެލުމެކެވެ. އެ ރީތިލޮލުން އޭނާއަށް ހިތްގައިމު އެތައް ވާހަކަތަކެއް ބުނެދެއެވެ. ފުރަތަމަ ފަހަރަށް އޭނާ އާރިޒާއި ހަތަރުކަޅި ހަމަކޮށްލުމުގެ ކުޅަދާނަކަން ލިބުނެވެ. އެއީ އޭނާގެ އިޚުތިޔާރަކު ނޫނެވެ. ނަމަވެސް އަޖައިބެއްކަހަލަ ބާރެއް އޭނާ އާރިޒުގެ ލޮލާއި ކައިރި ކުރުވީއެވެ.

"ޔުކް…." އާރިޒު ގޮވާލި ގޮތުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވަހަކުވެސް އާރިޒު އޭނާއަކަށް މިގޮތަކަށް މުޚާތަބެއް ނުކުރެއެވެ. އާރިޒުގެ ނަޒަރުން އޭނާ ދުރަކަށް ނުދެވުނެވެ. އޭނާ ހަތަރެސްފައިން ވާގިދާހެންވެސް ހީވިއެވެ. ކުރިއަށް ވުރެ ބޮޑަށް އޭނާ ހިމޭންވިއެވެ.

"ޔުކް… ކަމެއް ގޯސްވީތަ….. އެއްޗެކޭ ނުބުނަނީ ކީއްވެ؟" ޔުކްތާގެ ހިމޭންކަން ފެނިފައި އާރިޒަށް ބޭ އިޚުތިޔާރުގައި ޔުކްތާގެ ގާތަށް ޖެހެވުނެވެ. ގަނޑުވެފައިވާ ޔުކްތާގެ ނަޒަރު އާރިޒަށް އިންތިހާއަށް އަސަރުކުރިއެވެ. ޔުކްތާގެ މީރުވަހުން އޭނާގެ ހިއްސުތަކުގެ ބާރު ހިނގައްޖެއެވެ. އޭނާ ކަނާއަތުން ޔުކްތާގެ ކޯތާފަތް މަތީގައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ޔުކްތާއަށް މި ބީހުމުން ހަށިގަނޑުގެ އެންމެ އެތެރެއަށް ކަރަންޓު އައިކަހަލައެވެ. މިއީ ދުވަހަކުވެސް އޭނާއަށް ކުރުވި އިހުސާސެއް ނޫނެވެ. ބޭ އިޚުތިޔާރުގައި އޭނާގެ މޫނު އާރިޒުގެ މޫނާ ނުހަނު ކައިރި ކޮށްލެވުނެވެ. އެންމެ ކުރީ ދުވަހުވެސް އާރިޒު އައުމުން އޭނާއަށް ދުވި ސެންޓުވަސް މިއަދު އާދަޔާ ޚިލާފު އިހުސާސެއް ކުރުވައިފިއެވެ.

"ޔުކް…." އާރިޒަށް ޔުކްތާގެ މިގާތްވުން ހަނުހިމޭންކަމަކަށް މަޑެއް ނުދިނެވެ. އޭނާ ކަނާތުން ޔުކްތާގެ ކަނދުރާގައި ފިރުމާލިއެވެ. ޔުކްތާއަށް އާރިޒާއި އޭގެ އެންމެ ގާތަށް ޖެހެވުނެވެ. ދެމީހުންގެ ހޫނު ނޭވާތައް ދެމީހުންގެ މޫނަށް އެޅުނެވެ. އާރިޒުގެ ވާތުން  ޔުކްތާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. އަދި ކަނާއަތުން އޭނާގެ ބުރަކަށި މަތީގައި ފިރުމާލާ ގަޔާ އެންމެކައިރި ކޮށްލިއެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭ މިންވަރަށެވެ. މޫސުމުގެ ހިތްގައިމުކަމާއި މާހައުލުގެ ހިމޭންކަން އެދެމީހުން އެއްކުރުވައިފިއެވެ. އުއްބައްތީގެ މަސްތުވީ އައްޔާއެކު ދެމީހުންގެ ލޯބި އޭގެ އެންމެ ފުރިހަމައަށް ކުރިފަޅައިފިއެވެ.  ޔުކްތާގެ އެ ތުނި ހަށިގަނޑާއި ޒުވާންކަން އާރިޒަށް މުޅިން އާ ދިރުމެއް އުފަން ކުރުވިއެވެ. ޔުކްތާގެ ތުރުތުރު އެޅުމާއި ހޫނުކަން  ދުވަހަކުވެސް އާރިޒަށް ނުލިބޭ ހަމަޖެހުމެއް ގެނުވައިފިއެވެ. ޔުކްތާއަށް ދުވަހަކުވެސް މިފަދަ ފުރިހަމަ އިހުސާސެއް ނުކުރެއެވެ. މިފަދަ ކަމެއް ދުވަހަކުވެސް އަޑުއިވި ނުވަތަ އެނގިފައެއްވެސް ނުވެއެވެ. އޭނާއަށް ކުރިން ތަޖުރިބާ ކުރެވުނީ އަނިޔާއެވެ. އިންތިހާއަށް ވޭންދިން ނުފިލާތަދެކެވެ. ނަމަވެސް އާރިޒުގެ ފުށުން ޔުކްތާއަށް ފުރިހަމަ މާނައިގާ ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. ޔުކްތާއަކަށް ވާނުވާއެއް ނޭނގެއެވެ. އޭނާއަށް އާރިޒު ބަލާލާއިރު ލަދުން ލޯ މަރާލައެވެ. އެއީ އޭނާއަށް އެބެލުމަކަށް ކެތްނުވާ ވަރުގެ ވިހަ ބެލުމެކެވެ. އެބެލުމުން އޭނާ ލަދުން ވިރެމުން ދަނީ ހެންވެސް ހީވެއެވެ. މިއީ އޭނާ ކުރިން ހީކުރެވިފައި ނުވާ  ހިތްހަމަ ޖެހުމެކެވެ. އެންމެފަހުން އެ ދެމީހުން ފުރިހަމަ މާނައިގާ ކައިވެނީގެ ގުޅުމުން ގުޅެވިއްޖެއެވެ. ނުގަބޫލުގައި ކުރެވުނު ކައިވެނީގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނީ އާރިޒްގެ ދަރިފުޅު ޝިޔާއެވެ.

ދުވަސްތައް އުފާވެރި ކަމާއެކު ހޭދަ ވަމުންދެއެވެ. އާރިޒާއި ޔުކްތާގެ ގުޅުން އިތުރަށް ކުރިއަރާ ގާތް ވަމުންދެއެވެ. ނަމަވެސް އުފާވެރި ކުޑަކުޑަ އާއިލާގެ ނިމުން އައީ ޝިޔާ ހުން އައުމުންނެވެ. ގަދައަށް އައިހުން އެއް ގޮތަކަށްވެސް މަތަނުވެ ޝިޔާގެ ފުރާނަ ދިޔައީއެވެ. ޔުކްތާއަށް މީ ނުހަނު ހިތްދަތި ކަމަކަށް ވިޔަސް އާރިޒަށް މިކަން މިގޮތަށް ވާނެކަން އެނގޭތީ ހިތްހަމަ ޖައްސާލިއެވެ. ފުރަތަމަ ދުވަހުވެސް ޝިޔާއަކީ ގިނަދުވަސް ތަކެއް ވާނޭކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. ލުކީމިޔާގެ ޝިކާރައަކަށް ވެފައިވާ ޝިޔާއަށް ދެވޭނެ އެންމެ ފުރިހަމަ ލޯބިދީގެން އެކަން އާރިޒާއި އަޒީޒާ ސިއްރުކުރީއެވެ.

ނަމަވެސް އާރިޒަށް ފާޅުނުވެ އޮތްކަމަކީ ޝިޔާއަކީ ޔުކްތާގެ ކުއްޖެއްކަމެވެ. މިކަން އޭނާއަށް އެނގުނީ ޝިޔާ މަރުވިފަހުންނެވެ. އާއިލާއާބެހޭ މިނިސްޓްރީއާއި ޔުކްތާގެ ބައްޕައާއި އަޒީޒާގެ ސޮއިކުރެވިފައިވާ އެއްބަސް ވުމުންނެވެ. ޝިޔާއަކީ އާރިޒްގެ ނަމުގައި "އެޑޮޕްޓް" ކޮށްފައިވާ ޔުކްތާގެ ދަރިއެކެވެ. އެއީ ޔުކްތާ ތޭރަ އަހަރުގައި ވިހޭ މައުސޫމު ކުއްޖާއެވެ. ޔުކްތާގެ ބައްޕަގެ އެދުމުގެ މަތީން އަޒީޒާ މެދުވެރިކޮށް އާރިޒުގެ ނަމުގައި ރަޖިސްޓްރީ ކުރި ދަރިއެކެވެ. އޭރު މަންމަގެ އެދުމުގެ މަތީން އޭނާ ޝިޔާ ދަރިއަކަށް ހަދަން އެއްބަސް ވެވުނީ އޭނާގެ އަމިއްލަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެފައިވާތީއެވެ. ބައްޕާއޭ ކިޔާ ގޮވާލާނެ ކުއްޖަކަށް ނުހަނު ބޭނުންވެފައިވާތީއެވެ. މަންމައަށް އިތުބާރުކޮށްފައި ހުރިހާ އެއްޗެއްގައި ސޮއިކުރީއެވެ. މިގޮތަށް ކަންތައް ދިމާވުމުން އާރިޒަށް އެތައް ހިތާމަ ތަކެއް ގެނުވިއެވެ. ޔުކްތާއަށް ޝިޔާއަކީ އޭނާގެ އަމިއްލަ ދަރިފުޅުކަން އެނގިއްޖެނަމަ ވާނޭ ގޮތެއްވެސް ނޭނގެއެވެ. އޭނާ މިވާހަކަ ޔުކްތާ ގާތު ދައްކާނެ ގޮތެއް ނޭނގުނެވެ.

އާރިޒްގެ ހިތްވަރުން ޔުކްތާ މަޑުމަޑުން ހަމައަކަށް އެޅެއެވެ. ތިން ހަފްތާ ވީއިރު ޔުކްތާ ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެއެވެ. ގިނަވަގުތު އާރިޒު ގޭގައި އުޅޭތީ އޭނާ އޮފީހަށް ފޮނުވޭތޯ ޔުކްތާ ބާރުއަޅައެވެ. ޔުކްތާ ބަލިވެ އުޅޭތީ އާރިޒަށް ނާންގާ އެކަނި ހޮސްޕިޓަލަށް ދިޔައީވެސް އެހެންވެއެވެ. މިހުރިހާ ދުވަހު އާރިޒު ގިނަ ވަގުތު ތަކެއް ޔުކްތާއާއި އެކު ހޭދަކުރީތީ އޭނާ ހާސް ނުކުރުވަން ވެގެންނެވެ. ބަލިވާހަކަ ބުނެފިނަމަ އިތުރަށް އާރިޒު ކަންބޮޑުވާނެތީއެވެ. ޝިޔާ ގޮވައިގެން ހޮސްޕިޓަލުގައި އުޅުމުން އޭނާއަށް މިހާރު އުޅޭކަށް އުނދަގުލެއް ނޫނެވެ. ޔުކްތާ ގެއަށް އައީ ޑޮކްޓަރު ހަދަންބުނި ޓެސްޓުތަކުގެ ނަތީޖާ ހިފައިގެންނެވެ. އޭނާއަށް ގެއަށް ވަދެވުނުއިރު ފެނުނު މަންޒަރުން އޭނާގެ ހިތް ކުދިކުދި ވީކަހަލައެވެ. އަނޫހުރީ އާރިޒުގެ ނުހަނު ގާތުގައެވެ. އޭނާގެ ދެއަތް ވަނީ އާރިޒުގެ ކޮނޑުގައެވެ.

"އަހަރެންވެސް އާރިޒްދެކެ ލޯބިވޭ. މި ހުރިހާދުވަހު އަހަރެން މިއިންތިޒާރު ކުރަނީ އާރިޒުގެ ލޯތްބަށް." އަނޫއަށްހުރީ ރޮވިފައެވެ. ޔުކްތާއަށް އާރިޒަކަށް ބަލާވެސް ނުލެވުނެވެ. އޭނާ ދުވެފައިގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ދެމީހުންނަށްވެސް ޔުކްތާ ފެނުނީ އެއްފަހަރާއެވެ.

"އަނޫ. ތިއީ އަހަރެން އަނޫއަށް ކުރި އިތުބާރާއި ބެހެއްޓި ގާތްކަމާއި ހަނދާން ނައްތާލާވަރުގެ ކަމެއް. އަނޫގެ ފަރާތުން އަހަރެން ތިއިން ކަމެއް ބޭނުމެއްނޫން. ކުރިންވެސް އަހަރެން ބުނީމެއްނު ދެން އެގޮތަށް ނުވިސްނާށޭ. އަނޫއަށް ގަބޫލު ނުކުރެވެންޏާ ދެން އަހަރެން ކުރިމައްޗަށް ނާންނާތި." އާރިޒު ނިކުމެގެން ދިޔައީ ރުޅިއައިސް ގެންނެވެ. ޔުކްތާއަކަށް ހަގީގަތެއް ނޭނގޭނެއެވެ.

އަނޫ އެވަރުން ދޫކޮށްލީކީ ނޫނެވެ. އާރިޒުގެ އޮފީހުގައި ހުރި ޔުކްތާގެ ފައިލާއި ޝިޔާގެ ފައިލުގައި ހުރި ލިޔެކިޔުންތަކުގެ ކޮޕީވަނީ އޭނާ ނަގާފައެވެ. މިކަން އާރިޒަކަށްވެސް ނޭނގެއެވެ. އޭނާގެ ކުޑަ ދަބަހުން އެ ހިފައިގެން ދިޔައީ ޔުކްތާ ގާތަށެވެ.

އޭނާ ޔުކްތާއަށް ދެއްކީ ޔުކްތާއަށް ކޯޓުން އިއްވިހުކުމް ތަކާއި ޝިޔާއަކީ އޭނާގެ ދަރިއެއްކަމުގެ ލިޔުންތަކެވެ. އަނޫ ބުނަމުން ދިޔައީ އެއީ އާރިޒު އޭނާއަށް ދިންތަކެތި ކަމުގައެވެ. އާރިޒް އޭނާދެކެ ލޯބިވާކަމުގައެވެ. ޔުކްތާ ގެންގުޅެނީ މަންމަގެ ވަސިއްޔަތުގެ މަތީން ކަމުގައެވެ. މިހުރިހާ ދުވަހަކުވެސް ޝިޔާގެ ވާހަކަ ޔުކްތާއަށް އޭނާ ސިއްރު ކުރިކަން އެއީ ޔުކްތާދެކެ އޭނާ ލޯބި ނުވާކަމުގެ ހެއްކެއް ކަމުގައެވެ. ޝިޔާއަކީ ލުކީމިޔާ ޖެހިފައިވާ ކުއްޖެއްކަން ނޭންގީވެސް ޔުކްތާއަކީ މުހިންމު މީހަކަށް ނުވާތީކަމުގައެވެ. ޔުކްތާއަށް މިވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް އަނޫ ދެއްކި ލިޔެކިޔުންތަކުން އެކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ. އެއީ މީހަކު ހަދާފައިވާ އެއްޗެއް ނޫނެވެ. އެތައްބައެއްގެ ސޮއިތަކާއި ތައްގަނޑުތައް ހިމެނިގެންވާ ސައްހަ އެއްޗެކެވެ. އޭނާއަށް ހީވީ ދުނިޔެ އެނބުރޭހެންނެވެ. ހަތަރުފަރާތުން އޭނާ ފިއްތާލާ ހެންނެވެ. އޭނާއަކަށް މިކަންތައްތަކަށް ކެތް ކުރާނޭ ބާރެއް ނުލިބުނެވެ. ދެފައިމައްޗަށް ތިރިވެވިއްޖެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *